ރައުފާ އާދަމް
އޮފީހަށް ދާން ލަސްވާތީވެ އަހަރެން ދިއައީ ބާރު ސްޕީޑުގައި މާލޭގެ އެންމެ ހަލަބޮލި މަގުކަމުގައިވާ މަޖީދީ މަގުންނެވެ. ސްކޫލުތަކުން އަންނަ ކުދިންނާއި، ދާ ކުދިންނެވެ. އޮފީހަށްދާ މީހުންނެވެ. މެންދުރުގެ ކެއުމަށް އިންސާފު ކުރަން ދާ އެކި އުމުރުގެ މީހުންނެވެ. އެހަލަބޮލި މަގުން ލާފައި އަހަރެން އެންމެ އިރުމައްޗަށް ވީ ގޯޅީން ލަބައިލީމެވެ. ހަމައެވަގުތު އެމަގުން އައި ކާރެއްގައި އަހަރެންގެ ސައިކަލް ޖެހުނެވެ. މާބޮޑު ގެއްލުމެއް ނުވިކަމުގައިވިއަސް ސައިކަލުގެ ކުރީކޮޅަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއްވަނީ ވެފައެވެ.
ކާރުގައި ދުއްވަން އިންމީހާ އާއި ދިމާއަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން އެކާރުން ނުކުތީ އަހަރެން އުމުރުގެ އަންހެން ކުއްޖެކެވެ. އެފަދަ ރީތިކަމެއް މީގެ ކުރިން ނުދެކެމެވެ. އެންމެ ހެޔޮވަރުގެ ދިގުމިނަކާ، ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ހަމުގެ ކުލަދޮން ފަންއިސްތަށިގަނޑެއްގެ ވެރި ރީތި ކުއްޖެކެވެ.
“މިއީ ދުނިޔެމަތީގެ ކަމެއް ބާވައެވެ.” އަހަރެންގެ ހިތަށް އެރިއެވެ. އެ ފަރި ރީތި ޕަރީއެއް ފަދަ ކުއްޖާއަށް ބަލަން ކަޅިވެސް ޖަހާނުލާ ހުރެވުނެވެ. އަހަރެންނަށް އެދުނިޔެއިން އަނބުރާ އާދެވުނީ ކުރިމަތީގައި ހުރި ކުއްޖާގެ ފޮނިފޮނި ރީތި އަޑުންނެވެ.
“ސޮރީ.” އެކުއްޖާގެ އެރީތި އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންގެ މޭފިނިވެގެން ދިޔައެވެ. އަހަރެންނަށް އެފިޔަވަޅު މަތީ ހުއްޓި ހުރެވުނެވެ. އެއަންހެން ކުއްޖާ ކާރަށް އަރައިގެން ދިއައެވެ.
އެރޭ އަހަރެން ނިދަން އުޅެއުޅެ ނުނިދުނެވެ. ޚިޔާލަށް އަންނަނީ އެރީތި ތަސްވީރެވެ. އާނއެކެވެ. އަހަރެންގެ ހިތުގައި އެތަސްވީރު ކުރެހިއްޖެ އެވެ. މީގެ ކުރިން އަޑުއަހަނީ ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކައެވެ. ނަމަވެސް މިއަދު އެކަން އިހްސާސް ވެސް ވެއްޖެއެވެ. އަހަރެން ނިންމީ ކޮންމެ ގޮތަކުންވިއަސް އެއަންހެން ކުއްޖާގެ މައުލޫމާތު ހޯދުމެވެ. ރައްޓެއްސެއްގެ އެހީގައި އެއަންހެން ކުއްޖާގެ މައުލޫމާތު ލިބޭތޯ ބެލީމެވެ.
އަހަރެންގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. އަހަރެންނާ އަހަރެންގެ އެކުވެރި ނިޒާމް އާޓިފިޝަލް ބީޗުގައި ތިބި ހަވީރެކެވެ. އެއްކަލަ އަންހެން ކުއްޖާވެސް އެތަނަށް އައެވެ. ނިޒާމްގެ ފަރާތުނެ އެނގުނީ އެއީ ނިޒާމްގެ އޮފީހުގެ އެހެނ ްޑިޕާޓްމަންޓެއްގައި އުޅޭ ކުއްޖެއް ކަމެވެ.
“އަޅެ. ނިޒާމް ޕްލީޒް އޭނާގެ ނަންބަރަ ހޯދާދީބަލަ! ޕްލީޒް.” އަހަރެން ނިޒާމް ކައިރީ އެދުނީމެވެ.
“އަޝްރަފް. ތިކަން ހަނދާން ނައްތާލާ! އެއީ ވާނޭ ކަމެއް ނޫން.” ނިޒާމް ދިނީ އަހަރެން ހީކުރިފަދަ ޖަވާބެއް ނޫނެވެ. “އަހަރެން އޮފީހުގެ ކިތަންމެ ބައެއް ޓްރައި ކޮށްފި. ނުވި.”
އަހަރެން އުއްމީދު ކަނޑާލާކަށް ބެނުމެއް ނުވިއެވެ. އެއަންހެން ކުއްޖާގެ އެޑްރެސް ނިޒާމްގެ އެހީގައި ހޯދީމެވެ. އޭނާއާ ބައްދަލު ކުރަން އެގެއަށް ވެސް ދިއައީމެވެ. ނިޒާމް ބުނި ގޮތާ ހިލާފަށް އެއަންހެން ކުއްޖާ ވާހަކަވެސް ދެއްކިއެވެ. އޭނާއަށް ކިޔަނީ ޝާޔަން އެވެ. ރަހުމަތްތެރިިންގެ ގޮތުގައި 2 މަސް ދުވަހު ވާހަކަ ދެއްކީމެވެ. އެއަށް ފަހު މިވީހާ ދުވަހު ހިތުގައި އަހަރެން ފޮރުވައިން އުޅުނު އަހަރެން ހިތުގެ ގޮވުން އޭނާއަށް ކިޔާދިނީމެވެ. އަދި އަހަރެންނާ ލޯބީގެ ގޮތުން ގުޅުމަށް އެދުނީމެވެ. ޝާޔަން އަހަރެންގެ އެދުމަށް އާނއެކޭ ބުންޏެވެ.
ދުވަސްތައް ކަލަަންޑަރުން ކެނޑެމުންދެއެވެ. އަހަރެންނާއި ޝާޔަންގެ ގުޅުންވެސް ހަމަ އެއްކޮޅަށް ދެމޭ ކޯރެއް ފަދައިން ދެމެމުންދެއެވެ. އެއްދުވަހަކު ކުއްލިގޮތަކަށް ޝާޔަން އަހަރެންނާ ބައްދަލު ކުރަން އެދެމުން އަހަރެން ވަރަށް ބާރު ސްޕީޑުގައި އޭނާ ބައްދަލު ކުރަން އެދުނު ކެފޭއަށް ދިއައީމެވެ. އަހަރެން ހައިރާންވީ އޭނާއާއެކު ބައިބަސްތާ އެއް ވަރުވާ ފިރިހެނެއް ހުރުމުންނެވެ.
“ކިހިނެއްވީ ދޫނީ.” އަހަރެން ހަމަޖެހިލާފައި އެހީމެވެ.
“ދޫނި ކިޔާނެ ކަމެއް ނެތް! އަހަރެން ބޭނުމެއް ނޫން އަޝްރަފް އެކީ ދެން ގުޅުން ބާއްވާކަށް.” ޝާޔަން ގެ ޖަވާބު ވަރަށް ކުރެއެވެ. އަހަރެންނަށް ލިބުނީ ޝޮކެކެވެ.
“ޝާޔަން. އަހަރެންގެ މައްސަލަ އަކީ ކޮބާ! ޝާޔާން އަހަރެން ދެކެ ވީލޯބި…” ފެންކަޅިވެފައި ހުރެ އަަހަރެން ޝާޔަންގެ އަތުގައި ހިފީމެވެ.
“ގައިގަ އަތްނުލާ. ލޯތްބޭ… ހަގީގަތަކީ.. އަހަރެން ދުވަހަކުވެސް ކަލޭދެކެ ލޯބިންނެއް ނޫން އުޅުނީކީ.. އަހަރެން ހީކުރީ ތިއީ މުއްސަންޖެކޭ. ލޯތްބަކީ އެއްވެސް އެއްޗެއް ނޫން. އަހަރެން ބޭނުންވީ ހަމަ އެކަނި ފައިސާ” ޝާޔަންގެ ކެހިވެރި ލޯބީގެ ހަގީގަތް އޭނާކިޔާދިނެވެ.
“އެކަމަކު ޝާޔަން އާދޭސް ކޮށްފަ މިބުނީ އަހަރެން ޝާޔަން ދެކެ ވަރަށް ލޯބިވޭ ޕްލީޒް..” އަހަރެން އާދޭސް ކުރީމެވެ.
“ކޮން ލޯތްބެކޭ ކިޔާކަށްތަ!.. ތިމާގެ ސޫރަ ދެކުނިންތަ! އަހަރެން ގެ ރީތިކަމާ އަޅާބަލާއިރު ތީ ކޯއްޗެއް. އަހަރެން ހަމަ ހައިރާން ވެއްޖެ އަދިވެސް މިތާގަ އަޝްރަފް އަށް ހުންނަ ކެރުނީތީވެސް.” ޝާޔަންގެ ވިހަ ބަސްތަކުން އަހަރެންގެ ހިތްކުދިކުދި ވިއެވެ. އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ހުރެވުނެވެ.
“އަދި އެއްވާހަކަ.. އަހަރެން މިއީ ކަލޭގެ ތި ކަޓު ދިރިއުޅުމަށް އައި މީހެއްކަންވެސް ހަނދާން ނައްތާލާ..” ޝާޔަން ބުންޏެވެ.
“މިއީ އަހަރެންގެ ވާންއުޅޭ ފިރިމީހާ މޫސާ ލުތުފީ.” ދިއުމުގެ ކުރިން ޝާޔަން ބުންޏެވެ.
ތެދެކެވެ. ޝާޔަން ބެނުންވާ ކަހަލަ މުއްސަނދި ފައިސާ ވެރިއެއް ޝާޔަން ހޯދީއެވެ. މިފަދަ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކަށް އެފަދަ ކަމެއް ލިބޭނެ ހެއްޔެވެ. ހުތުރު ސޫރައަކާ އާދައިގެ ދިރިއުޅުމެއް އުޅޭ މީހަކަށް އިސްއުފުލާ ބަލައިލާނީ ކާކު ހެއްޔެވެ. ލިބެންނެތް ރަނެއްގެ ފަހަތުން އުޅެވުނީ އަހަންނަށެވެ. އެކަމަކު އަހަރެންގެވެސް އޮންނާނީ ހިތެއްނޫން ހެއްޔެވެ. ޝާޔަން އަހަރެންނަށް ވީ ބޭވަފާއެވެ. އޭނާގެ ލޯތްބަކީ ކެހިވެރި ލޯތްބެކެވެ. އަހަރެންނަށް ނިޒާމް ވަރަށް އެހީވިއެވެ. އެހެންނަމަވެސް ހިތަށް މާބޮޑު ހިތްހަމަޖެހުމެއް ނުލިބުނެވެ.
ޝާޔަން ވީ ކެހިވެރި ލޯބި ކަމުގައި ވިއަސް އޭނާގެ ހަނދާންތަކާ ދުރެއް ނުވެވުނެވެ. އޮފީސް މަސައްކަތަކު 6 މަސް ދުވަހު ހުރާއަށް ދިއުމަށް ފަހު އެނބުރި އައިއިރު އެނގުނީ ޝާޔަންގެ ފިރިމީހާ އޭނާ ވަރިކޮށްފާ ދިޔަކަމެވެ. އަހަރެން އައި ދުވަހުގެ ރޭ ޝާޔަން އަހަރެންނާ ބައްދަލު ކުރަން އައިސް މާފަށް އެދުނެވެ. ވަރަށް ރޮއި އާދޭސް ކުރިއެވެ. އަދި ގުޅެން ބޭނުންވާކަމަށް އެދުނެވެ. ކިތަންމެ ބެނުންވިއަސް އަހަރެން ދެން އެ ކެހިވެރި ލޯބީގައި ނުޖެހޭނަމެވެ. އަހަރެން ފަސްއެނބުރުނީ ދުވަހަކުވެސް ޝާޔަންއާ މޫނު ހަމަނުކުރުމަށް ނިންމައިގެންނެވެ.
ނޯޓް: މިއީ އަފީފުއްދީން ސްކޫލު ގްރޭޑް 10 ގައި ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރެއް ކަމުގައިވާ ރައުފާ އާދަމް ލިޔެފައިވާ ކުރުވާހަކައެކެވެ.