އެޕްރިލް 9 ވަނަ ދުވަހުގެ ބަޔާގުޅޭ
ސަލަފްއަށް އިރުކޮޅަކަށް ހުރެވުނީ ޙަރަކާތެއް ގެންނަން ހަނދާންނެތިފައެވެ. ސަލަފްގެ ގަމީހުގައި ހިފަހައްޓާލި ގޮތަށް ޝާޔާ އިރުކޮޅަކު ހުރެފައި ކުއްލިއަކަށް ސޮހިގެން ތިރިއަށް ދާން ފެށުމުން ސަލަފް ޝާޔާ ނަގައި އަތްދަނޑި މައްޗަށް އުފުލާލީ ވަރަށް ލުއިކޮށެވެ. އެއްވެސް ބާރެއް ނެތް ހިކި ފަންގަނޑެއް އުފުލާލާހާ ފަސޭހައިން ޝާޔާ ނަގައިގެން ސަލަފް ހިނގައިގަތީ އޭނާގެ ކެބިންއަށެވެ. އެތަނުގައި ހުންނަ ސޯފާތަކުގައި ޝާޔާ ބޭއްވުމަށްފަހު ސަލަފް ކާރު ޑްރައިވަރަށް ގުޅާ އެތަނަށް އައުމަށް އެދުނެވެ. އިރުކޮޅަކުން ފެނުނީ ޝާޔާ ކާރަށް ދިޔަތަނެވެ.
ޕާރޓީގެ ފޯރި ގަދަވަމުން ދިޔައެވެ. މުވައްޒަފުންގެ ހުނުމާއި ސަކަރާތްޖެހުމުގެ ތެރެއިން އެތަން ވަނީ ހަލަބޮލިވެފައެވެ. ޒަވީން މޫޑުގޯސްވެފައި ވާ ރެއެއްކަމުން މާބޮޑަށް ބައިވެރިވެއެއް ނުހަދައެވެ. ސުދާ އެކުވެރިންނާއެކު ހީ ހީނފައި އުޅެންފެށުމުން ސުދާގެ މަތިން ޒަވީން ހުރީ ފޫހިވެފައެވެ. ޒަވީންގެ މަތިން ސުދާ ހަނދާނެއްވެސް ނެތްފަދައެވެ. ޒަވީން ވީ ފޫހިން އެތަނުން ނިކުމެ ބެލްކަނީގައި ހުއްޓާ ސަލަފް ކާރު ދުއްވާފައި ޖެހިގެން އޮތް ގޯޅިން އެޅިތަން ފެނުނެވެ.
ޕާރޓީ ނިމި އެންމެން ގެއަށް ދާހާއިރު ކޮށްފައި ޒަވީން ގެއަށް ދާން ނިކުތްއިރު ޔޫއާންގެ ކޯލެއް އައެވެ.
“ޝާޔާ ފޯނު ނުނަގައިގެން މި ގުޅީ. ޕާރޓީ ނުނިމެނީތަ؟” ޔޫއާން އަހާލުމުން ޒަވީން ހަނދާންކުރެވޭތޯ ބެލިއެވެ.
ޕާރޓީ ފެށުނު ތަނާ ޝާޔާ ދެކުނު ގޮތަށް އޭނާ ޝާޔާއެއް ނުދެކެއެވެ. ޕާރޓީ ނިމިގެން އެންމެން ދިޔައީ އޭނާގެ ކުރިމަތިންނެވެ. ޔަޤީނުންވެސް އެމީހުންގެ ތެރޭގައި ޝާޔާއެއް ނެތެވެ.
“ޕާރޓީ ނިމިއްޖެ. ޝާޔާއެއް ނެތް. އަހަންނަށް ހީވަނީ ތަންކޮޅެއް ކުރިން ހިނގައްޖެހެން.” ޒަވީން ލަފާކޮށްފައި ބުނެލިއެވެ. ޔޫއާން ކަންބޮޑުވެ ޝާޔާގެ ނަންބަރަށް ގުޅަމުން ގެންދިޔައެވެ. ފޯނު ރިންގުވަމުން ދިޔަނަމަވެސް ފޯނެއް ނުނަގައެވެ. ޔޫއާން ކަންބޮޑުވެއްޖެއެވެ.
ސަލަފް ޝާޔާ ގެންދިޔައީ އެމީހުންގެ ގެސްޓްހައުސްއަށެވެ. އެތަނުގައި ހުންނަ ސަލަފްއަށް ޚާއްސަ ކޮޓަރިއަށް ޝާޔާ ވެއްދުމަށްފަހު ޑްރައިވަރު ކައިރީ ދިއުމަށް އެންގިއެވެ. ސަލަފް އެކުވެރި ޑޮކްޓަރަށް ގުޅައިގެން އެތަނަށް ގެނެސް ޝާޔާގެ ޗެކަޕެއް ހަދާލިއެވެ.
“ބީޕީ ދަށްވެގެން ވީގޮތެއް އެއީ. މާގިނައިރެއް ނުވެ ހޭއަރާފާނެ. މިއީ ކޮންކުއްޖެއް؟” ޑޮކްޓަރު ވާއިދު ބުނެލިއެވެ.
“މިއީ ތިމާގެ ކުއްޖެއް. މި ކުއްޖާ ހުރީ ކުރިންވެސް ވަރުބަލިވެފައި. މިރޭ ހަތަރު ދަމު ނިދާލުމުން ހަމައަކަށް އެޅިދާނެ. ނިދާ އިންޖެކްޝަނެއް ޖަހައި ދެވޭނެ ގޮތެއް ނެތްތަ؟” ސަލަފްގެ ހިތުގައިވާ މަޤްސަދަކީ ކޮބައިކަމެއް ވާއިދުއަކަށް ނޭނގެއެވެ.
“އޭނާގެ ހުންނާނެ ބައްޔެއް. ނުއެއް ނިދޭނެ. ކުޑަކޮން ސައިކޯ ކުއްޖެއް.“ ވާއިދު ނުކޮށްދީފާނެހެން ހީވުމުން ސަލަފް އިތުރުކޮށްލިއެވެ. ސަލަފްގެ އެދުމަށް ވާއިދު އިންޖެކްޝަނެއް ޖަހާފައި ދިޔައީ ކަމެއް ގޯސްވަންޏާއި ގުޅާށޭ ބުނެފައެވެ.
ސަލަފް އެ ކޮޓަރީގެ ބޮކިތައް ނިއްވާލުމާއެކު ކޮޓަރިތެރެއަށް ވެރިވެގެން ދިޔައީ ކަނު އަނދިރިކަމެވެ. ސަލަފް ގެ ލޯ އަނދިރިކަމަށް ހޭނެން އިރުކޮޅެއް ނެގިއެވެ. ސަލަފް އެނދުގައި އިށީދެ ގަދަ ނިދީގައި އޮތް ޝާޔާގެ މޫނަށް ބަލާލިއެވެ. ފުންނިންޖަކުން ނިދާފައި އޮތް ޝާޔާ ފެންނަނީ ވަރަށް މައުސޫމް ކޮށެވެ. ދުނިޔޭގައި ލެއްވި އެންމެ ފުރިހަމަ ރީތި އަންހެން ކުއްޖަކީ މިއީ ބާއޭ ސަލަފްގެ ހިތަށް އެރިއެވެ. ވަށް މޫނާއި ގުޅޭ ބޮޑު ދެލޮލާއި، އެ ދެލޮލުގެ ހިމާޔަތުގައި ލެއްވި ރޭގަނޑެއްފަދަ ކަޅު ގަދަ އެސްފިޔަތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޖަންބު ކުލައިގެ ދެކޯފަތާއި ލޭކުލައިގެ ތުންފަތެވެ. އިންސާނަކު ފުރިހަމަވާނީ މިހާ ވަރަށެވެ. ފަންކާގެ ވަޔާއެކު ކަންހުޅި ކައިރިން މޫނުމައްޗަށް އިސްތަށިކޮޅެއް އައިސް ސަމާސާ ކުރަންފެށުމުން ސަލަފްއަށް މަޑަކުން ނީދެވުނެވެ. އިސްތަށިކޮޅު އެއްފަރާތްކޮށްލުމަށްފަހު މޫނުގައި ބީހިލާ ހެދެވުނެވެ.
ސަލަފްގެ ސިކުނޑީގައި ނުބައި ޚިޔާލުތައް ސަވާރުވާންފެށިއެވެ. އެކަނި ކޮޓަރިއެއްގައި އެދެމީހުން ނޫން އެއްވެސް މީހަކު ނެތެވެ. ގަދަ ނިދީގައި އޮތް ޝާޔާއަށް ހިލަމެއް ނުވާހެން އެ މޫނުގައި ފިރުމަމުން ގެންދިޔައެވެ. ސަލަފް ޝާޔާ އާއި ކައިރިވުމަށްފަހު ކޯތާފަތުގައި ބޮސްދިނެވެ. ސަލަފްގެ އަމަލުތައް ހައްދު ފަހަނަ އަޅާ ހިސާބަށް ދަނިކޮން އެދެމެދަށް އެޅުނު ހުރަހަކަށް ވެގެން ދިޔައީ ޝާޔާ ފޯނެވެ. ފޯނު ރިންގުވާންފެށުމުން ސަލަފް ތެދުވެ ކާކުގެ ކޯލެއްތޯ ބަލާލިއެވެ. ޝާޔާ މަންމަގެ ކޯލެއްކަމުން ސަލަފް ނުނަގަންހުރެފައި ޚިޔާލު ބަދަލުވެގެން ނަގައިފި އެވެ.
“ހަލޯ. ދައްތާ. މިއީ ސަލަފް. އެނގިއްޖެ ދޯ.” ސަލަފް ހިނިގަނޑެއް ޖަހާލުމަށްފަހު އަނީސާ އާ ވާހަކަ ދެއްކީ ނުހަނު ގާތްކޮށެވެ.
“ޝާޔާ ކޮބާ؟“ އަނީސާ ހުރީ ކުޑަކޮށް ހާސްވާ ގޮތް ވެފައެވެ.
“ޝާޔާއަށް އެ ހުރީ ފޯނު ނަގަން ނުކެރިފައި. ލަހުން ގެއަށް ދެވޭތީ ލަދުން. މިރޭ ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ކަމުން ފަހަރެއްގައި ލަސްވެދާނެ. އެކަމަކު ދައްތަ ހިތްހަމަނުޖެހެންޏާ ޝާޔާ ގެއަށް ފޮނުވާލާފާނަން.” ސަލަފްގެ ފަރާތުން އެކަމުގައި އުޅޭ ކިލަނބުކަން ފާހަގައެއް ނުކުރެވޭނެކަން ގައިމެވެ.
“ނޫނޭ. ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ވިއްޔާ ވާނެ ނިންމަން. ޝާޔާ ކައިރީ ބުނެދޭތި އަހަރެމެން ނިދާނީ ގޭގެ ދޮރު ތަޅުނުލައޭ. ގާތްގަނޑަކަށް ކިހާއިރެއް އަދި ވާނެބާ؟” އަނީސާ ހަމަޖެހިފައި ވާހަކަ ދެއްކުމުން ސަލަފް ދެކުނީ އެއީ ލިބުނު ކާމިޔާބެއްގެ ގޮތުގައެވެ.
“ނޭނގޭ ތިހެން ބުނެދޭކަށް. ލަހުން ނިމޭނަމަ އަހަރެން ޝާޔާ ގެއާއި ހަމަޔަށް ގެންގޮސްދޭނަން.” ސަލަފް ބުނެލިއެވެ.
އަނީސާ ސަލަފްއަށް އިތުބާރުކޮށްފައި ފޯނު ބޭއްވިއެވެ. ދެވަނަ ކޯލެއް އެ ފޯނަށް އައީ އެވަގުތު އެވެ.
“ލަވް” ޖަހާފައި އިން ނަމަކުން ގުޅާތީ އެއީ ކާކުކަމެއް ސަލަފްއަކަށް ނޭނގެއެވެ. އެކަމަކު ޝާޔާގެ ހަޔާތަށް އޭނާއަށްވުރެ ކުރިން އިތުރު މީހަކު އައިސްފައިވާކަން އެނގިގެން ދިޔައެވެ. ސަލަފް އެ ކޯލު ކަނޑާލުމަށްފަހު ޝާޔާގެ ފޯނު ނިއްވާލިއެވެ. ޝާޔާގެ މަގަތުގައި ދެވަނަ ފަހަރަށް އިށީދެ ޝާޔާގެ އަތުގައި ސަލަފް ހިފާލިއެވެ. ވަންހަނާ ލޯތްބެއް އުފެދެމުން ދަނިކޮން އެ ލޯބި އޭނާގެ އަތުން ބީވެގެން ދާހެން ހީވުމުން ދެރަވެއްޖެ އެވެ.
“ޝާޔާ އެހެން މީހެއްގެ ހައްޤަކަށް ވިއަކަ ނުދޭނަން. އަހަރެންވީ ލޯބި ހައްޤުވާނީ ހަމައެކަނި އަހަންނަށް. މިކަން ހާސިލް ކުރަން ކޮންމެ ފާލަމެއް ހުރަސް ކުރަން ޖެހުނަސް ވަރިހަމަ. ފުރަތަމަ ލިބުނު ނާކާމިޔާބީގެ ރަހަ އަރުން ނުފިލާ އުޅެނިކޮން ދެވަނައަށް ލިބުނު ކުއްޖާ އަހަންނާ ވަކިވާކަށް ނޭދެން.” ސަލަފް އަމިއްލަ ނަފްސާއި މުޚާތަބު ކުރަމުން ދިޔައެވެ.
ކަންބޮޑުވެގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޔޫއާން އިތުރަށް ހާސްވެގެން ދިޔައީ ޝާޔާގެ ފޯނު ނިއްވާލުމުންނެވެ. މިއީ ދުވަހަކުވެސް ޝާޔާ ކަންތައްކުރި ގޮތެއް ނޫނެވެ. ޝާޔާ ނިދަން ބޭނުންނަމަ މީގެ ކުރިން ޔޫއާންއަށް އެކަންއަންގާލައެވެ. ފޫހިވެފައި ހުރެ ޔޫއާން އެނބުރި ގޮސް ގެއަށްވަދެ ވިސްނަން އޮއްވާ ލޯމެރި ނިދޭގޮތްވެއްޖެއެވެ.
ޕާރޓީ ނިމިގެން ގެއަށް ވަދެ ޒަވީން ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލައިފި އެވެ. ދެލޯ މެރެމުން ދަނިކޮން ސުދާ ކޮޓަރިން ނިކުމެގެން ދިޔަހެން ހީވުމުން ރަނގަޅަށް ބަލާލެވުނެވެ. ޒަވީންއަށް ފެނުނީ ސިއްރުން ސުދާ ބޭރަށް ނިކުންތަނެވެ. ޒަވީން ތެދުވެ ސުދާގެ ފަހަތުން ހިނގައިގަތެވެ. ސުދާގެ މިސްރާބު ހުރީ ގޭގެ ތިރީބަޔާ ދިމާލަށެވެ. އެހެންވެ ޒަވީން މަޑުކުރީ ބެލްކަނީގައެވެ. ސުދާ ތިރިއަށް ފޭބުމަށްފަހު ގޭޓްގެ ދޮރު ކައިރީ ހުއްޓިލައިގެން ހުއްޓާ ގޭޓްކުރިމަތީގައި މަޑުކޮށްލި ކާރުގެ ތެރެއިން ފޭބި އަންހެން ކުއްޖަކު ފެނުނެވެ. ޖޫލީ އައިސް ސުދާގެ ކައިރީ ހުއްޓި އަތްދަބަހުގެ ތެރެއިން އެއްޗެއް ނަގައި ދިނުމުން ސުދާވެސް އަތްދަބަހުން އެއްޗެއް ނަގައި ދިންތަން ފެނުނެވެ. ރޭގަނޑުގެ އަނދިރީގައި ދެމީހުންގެ މެދުގައި ބަދަލުކުރެވުނީ ކޮން އެއްޗެއްކަމެއް ޒަވީންއަށް ވަކިކުރާކަށް ނޭނގުނެވެ.
“ތީގައި ހުންނާނެ ދޭތެރެ ދުރުކުރާ ބޭސް. އެމެޖެންސީ ކިޓެއްވެސް އިންނާނެ. އެންމެ ފަހު ފަހަރަށް އަހަރެން މިބުނަނީ. ތި ބޭސްތަކަކީ ދިގު މުއްދަތަކަށް ބޭނުންކުރަން ރަނގަޅު ބޭސްތަކެއް ނޫން. ފަހުން ކުއްޖަކު ހޯދަން އުޅޭއިރު އިތުރު އުދަނގޫތަކަކާ ކުރިމަތިލާން ޖެހިދާނެ.” ޖޫލީ ބަލާލީ ސުދާގެ މޫނަށެވެ.
“ފަހުންވެސް މަށެއް ބޭނުމެއް ނުވާނެ ކުއްޖެއް. ޖޫލީ މަށަށް ކޮންމެ މަހަކު ބޭސް ހޯދައިދިނީމައި ނިމުނީ. އަގު އެބަދެމެއްނު.” ސުދާ އެތެރެއަށް ހިނގައިގަތުމުން ޒަވީން އަވަސް އަވަހަށް ކޮޓަރިއަށް ވަދެ އެނދުގައި ބަންޑުން އޮށޯވެލިއެވެ. ސުދާ ކޮޓަރިއަށް ވަދެ އަލަމާރިތެރޭ ބޭސްތައް ފޮރުވާލުމަށްފަހު ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ.
ޝާޔާއަށް ލޯ ހުޅުވައިލެވުނީ ލަސްލަހުންނެވެ. އެނދުގައި ދެއަތުން ހިފަހައްޓާލަމުން ތެދުވެވުނީ ދަތިހާލުންނެވެ. ބޮލުގެ ރިހުމެއް ކުޑަވެސް ލުޔެއް ލިބުނުހެން ހިއެއް ނުވެއެވެ. ރަނގަޅަށް ކޮޓަރި ތެރެއަށް ބަލާލިވަގުތު ކުޑަދޮރު ކައިރީ ފުރަގަސްދީގެން ހުރި ސަލަފް ފެނުމުން ހައިރާންވިވަރު ކުޑައެއް ނޫނެވެ. ކަންހިނގައިދިޔަ ގޮތް ލޯމައްޗަށް ސިފަވެގެން ދިއުމުން އެކޮޓަރީގައި އޮންނަން ޖެހުނު ސަބަބު އެނގި ސާފުވެއްޖެއެވެ.
“ޝާޔާ ރަނގަޅުތަ؟” ސަލަފް އެނބުރިބަލާލަމުން އަހާލީ އޯގާތެރިކަމާއި އެކުގައެވެ.
“އާން.” ކުރު ޖަވާބަކުން ޝާޔާ އެއްބަސްވިއަސް މޫނުމަތިން ރަނގަޅު ނޫންކަން ސަލަފްއަށް އެނގެއެވެ. އޭގެ ސަބަބަކީ ޖަހައިދިން އިންޖެކްޝަންކަން އެނގެއެވެ. ޝާޔާގެ ހުދު ދެލޯވަނީ ނިދި ބަރުވެފައި ވުމުން މަޑު ރަތްކުލައަކަށް ބަދަލުވެފައެވެ.
“އަހަންނަކަށް ހިއެއް ނުވޭ ރަނގަޅުހެންނެއް. ޝާޔާގެ މަންމަ ގުޅި. އަހަރެން ބުނިން ކަންތައް ވެގެން ދިޔަ ގޮތް. ޝާޔާ ގެއަށް ގެންގޮސްދޭނަމޭ ބުނުމުން ފޯނު ބާއްވައިފި. އަދި އިރުކޮޅަކު މަޑުކޮށްލަންވީނު. އަރާމްކޮށްލައިގެން ގެއަށް ދާން.“ ސަލަފް އައިސް ކުރިމަތީގައި އިށީދެ ބަލަން ފެށި ގޮތުން ޝާޔާއަށް އިސްއޮބާލަން މަޖުބޫރުވިއެވެ. ހަތަރުކަޅި ހަމަކޮށްލާ ކޮންމެ ވަގުތަކު ސަލަފްގެ ދެލޮލުން ފޮނުވާ ބާރުގަދަ މެސެޖުތަކުން ޝާޔާގެ ހިތް އޮޔާ ގެންގޮސްދާނެކަމުގެ ބިރު އެބައޮވެއެވެ. މިއަދު ހެނދުނު ސަލަފްގެ ކެބިންގައި ކަންހިނގައިދިޔަ ގޮތަށްފަހު ޝާޔާއަށް ސަލަފް އާއި މޫނު ހަމަކުރާކަށް ނުކެރެއެވެ.
“އަހަރެން ބޭނުންވަނި ގެއަށް ދާން.“ ޝާޔާ ތެދުވަން މަސައްކަތްކުރިއެވެ.
ބޮލަށް އެނބުރުން އަރާހެން ހީވުމުން އެނދުން ތެދުވެވުނީ ސަލަފްގެ އެހީތެރިކަމާއި އެކުގައެވެ. ޝާޔާ ފޯނަށް ބަލާލި އިރު ފޯނު ނިވިފައި އޮތުމުން ބެޓެރި ހުސްވެގެން ނިވުނީކަމަށް ހީކޮށްފައި ފޯނު ހުޅުވާކަށް މަސައްކަތެއް ނުކުރެއެވެ. ސަލަފްގެ ކާރުގައި ޝާޔާ ގެއަށް ގޮސްދިނެވެ. ޝާޔާ ކޮޓަރިއަށް ވަދެ ފޯނު ޗާރޖަރަށް ޖެހުމަށްފަހު ހުޅުވާލިއިރު ޔޫއާންގެ ނަންބަރުން ދީފައި ހުރި މިސްކޯލުތައް ފެނުނެވެ. ޝާޔާ އަވަހަށް ޔޫއާންއަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނުނަގާތީ ޝާޔާ އެހެން އޮވެ ނިދައިފި އެވެ.
އިރުގެ ދޯދިތަކުން ފަޒާ ރަންކުރަމުން އާ ދުވަހަކަށް އިރު އަރައިފި އެވެ. ހިމޭންކަމާއެކު ވޭތުވެ ދިޔަ ރޭގަނޑަށްފަހު އަލިކަން ލިބުމާއެކު ހަލަބޮލިވެގެން ދިޔައެވެ. ނިދިފައި އޮވެފައި ޝާޔާއަށް ހޭލެވުނީ ގަޑި އެލާރމް އަޅަން ފެށުމުންނެވެ. ހިތްވަރު ކޮށްފައި އެނދުމަތީގައި އިށީނުމަށްފަހު ވިސްނާލިއެވެ. ބޮލުގެ ރިހުން ލުއި ނުވާތީ ބޭނުންވީ މިއަދު ގޭގައި މަޑުކޮށްލާށެވެ. ހެނދުނުގެ ފެށުން ގުޅުވާލަން ބޭނުންވީ ޔޫއަން އާއި އެވެ. މިފަހަރު ފޯނުގެ ފުރަތަމަ ރިންގާއި އެކު ޔޫއާން ފޯނު ނަގައިފި އެވެ.
ރޭގައި ކަންތައް ވެގެން ދިޔަ ގޮތް ސިއްރު ކުރުމަށްފަހު ހަޤީޤަތް ބަދަލުކޮށްލައިގެން ޝާޔާ ކިޔައިދިނީ ކުރިމަތިވަމުން އަންނަ އުދަނގޫތައް ޙިއްސާކުރަން ބޭނުން ނުވާތީއެވެ. ބަލިވެ އުޅުމުން ގެއަށް އައިސް އަންގާނުލީ ނިދުނުކަމަށް ބުނެ މަޢާފަށް އެދުމުން ޔޫއާން ކަމަކަށް ނުހަދާ އެކަން އޮއްބާލައިފި އެވެ. ހިތްހަމަޖައްސާލުމުގެ ގޮތުން ބައިގަޑިއިރެއްހާއިރު ފޯނުގައި ތިބެފައި ޝާޔާ ފޯނު ބާއްވައިފި އެވެ. ފެންވަރާލައިގެން ހެނދުނުގެ ސައިބޯން މޭޒުގެ ދޮށަށް ދިޔައިރު އީރާ ފޮތްތައް ހިފައިގެން ކޮލެޖަށް ދިއުމަށް ނިކުންނަނީ އެވެ.
ގޭތެރޭގެ މަސައްކަތުގައި މަންމައަށް އެހީވެދެން އުޅުމަށްފަހު ކޮޓަރިއަށް ވަންވަގުތު ފޯނެއް އައެވެ. ނަންބަރަކީ ނުދަންނަ ނަންބަރަކަށް ވިއަސް ހީވަނީ އޮފީހަކުން ނަގާފައި އިންނަ ލައިން ނަންބަރެއް ހެންނެވެ.
“އައްސަލާމް އަލައިކުމް. އީރާގެ ބެލެނިވެރިއަކާ ވާހަކަ ދައްކާލެވިދާނެތޯ؟” އެކޮޅުން ސަލާމް ބަލައިގަތުމަށްފަހު އަހާލިއެވެ.
“ވާހަކަ ދައްކަނީ.”
“މިއީ އީރާގެ ކޮލެޖުން. އެއްހަފްތާ ވެގެން ދިޔައިރު އީރާ ކޮލެޖަށް ނާންނާތީ އެކަން އޮޅުން ފިލުވާލަން މި ގުޅާލީ. ބަލިވެ އުޅޭކަމެއް އަންގާފައެއް ނެތް. ކިހިނެއްތޯ ވީ؟“ އެކޮޅުން ކުރި ސުވާލާއެކު ޝާޔާއަށް ހުރެވުނީ އެއްޗެއް ބުނަން ނޭނގިފައެވެ.
(ނުނިމޭ)