އެޕްރިލް 16 ވަނަ ދުވަހުގެ ބަޔާގުޅޭ
”މިއީ އީރާގެ ކޮލެޖުން. އެއް ހަފުތާ ވެގެން ދިޔައިރު އީރާ ކޮލެޖަށް ނާންނާތީ އެކަން އޮޅުން ފިލުވާލަން މި ގުޅާލީ. ބަލިވެ އުޅޭކަމެއް ވެސް އަންގާފައެއް ނެތް. ކިހިނެއްތޯ ވީ؟” އެކޮޅުން ކުރި ސުވާލާއެކު ޝާޔާއަށް ހުރެވުނީ އެއްޗެއް ބުނަން ނޭނގިފައެވެ.
މިއަދުވެސް އީރާ ކޮލެޖަށް އެ ދިޔައީ އޭނާގެ ލޯމަތީގައެވެ. ކޮންމެ ދުވަހަކު ކޮލެޖަށް ދާކަށް އެނގެއެވެ.
”ހަލޯ.” ޝާޔާގެ ފަރާތުން ޖަވާބެއް ނައުމުން އެކޮޅުން ހަލޯއޭ ބުނެލި އަޑު އިވުނެވެ.
”އާދެ. މާދަމާ އިން ފެށިގެން އީރާ ކޮލެޖަށް ދާނެ. މިދުވަސްކޮޅު ބަލިވެ އުޅޭތީ.” ޝާޔާއަށް ޖެހުނީ ދޮގެއް ހަދާށެވެ. އެކޮޅުން ފޯނު ބޭއްވުމުން ޝާޔާ ވިސްނާލިއެވެ.
”އީރާ ކޮންމެ ދުވަހަކު ކޮލެޖަށް ނުގޮސް ދަނީ ކޮންތަނަކަށްބާ؟” ޝާޔާ ހިތަށް އެރިއެވެ. މަންމަ ބަލިވިފަހުން އީރާގެ ޒިންމާތައް ނަގަން ހުރީ ޝާޔާ ކަމުގައި ވިއަސް އަމިއްލަ ފަރުވާކުޑަކަން އިޙްޞާސްވިއެވެ. އީރާ އުޅޭ ނޫޅޭގޮތް ބަލަން ހުރި މީހަކީ އޭނާކަމުގައި ވާއިރު އީރާއަށް ސަމާލުކަން ނުދެވޭކަން އެނގުނީ ދެނެވެ. ޝާޔާ ނިންމީ އީރާ އުޅޭ ނޫޅޭގޮތް ބެލުމަށެވެ.
ސުދާ އޮފީހުގައި ބިޒީވި ވަގުތު ޒަވީން ގެއަށް އައިސް އަލަމާރި ތެރެ ހާވަމުން ދިޔައެވެ. ހެދުންތަކުގެ އަޑީގައި ފޮރުވާފައި ހުރި ބޭސްތައް ނަގައި ބެލުމަށްފަހު އެއިން ބޭސް ކަރުދާސްގަނޑެއް ހިފައިގެން މިސްރާބުޖެހީ ކުލިނިކެއްގައި އުޅޭ އޭނާގެ އެކުވެރި ޑޮކްޓަރެއްގެ ކައިރިއަށެވެ.
”މިއީ ދޭތެރެ ދުރުކުރަން ކާ ބޭހެއް. މިގޮތަށް ބޭސް ބޭނުން ކުރުން އަހަރެން ދެކޭގޮތުގައި ރަނގަޅެއް ނޫން. ކޮންމެ ބޭހަކީ ސައިޑް އެފެކްޓް ގިނަ ބޭހެއް.” ޒަވީން ޔަޤީންކުރަން ބޭނުންވީ އެއީ ކޮންކަމަކަށް ބޭނުން ކުރާ ބޭހެއްތޯއެވެ. އެކުވެރިޔާގެ ފަރާތުން އެނގުމުން އޭނާ ދެރަވިއެވެ. ސުދާއަށް އޭނާގެ އިޙްޞާސްތައް ދެނެގަނެވޭނީ ކޮން އިރަކުން ބާއެވެ؟ ކުއްޖަކު ބޭނުންވެގެން ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސުދާ އިންކާރު ކުރިއަސް ޒަވީން އުއްމީދު ދޫކޮށެއް ނުލައެވެ. އެކަމަކު މިފަހަރު ސުދާގެ އަމަލުތައް މި ހިސާބަށް ހިނގައްޖެކަން އެނގުމުން ދެރަވިއެވެ. ހުރިހާ ކަމެއް އެނގިހުރެ ޒަވީން ނޭނގޭކަމަށް ހަދައިގެން ހުންނަން ބޭނުންވިއެވެ. ސުދާއަށް ކުޑަ ވަގުތުކޮޅެއް ދޭން ނިންމިއެވެ.
ޔޫއާން ރީތިވުމަށް ޑްރެސިން ޓޭބަލް ކައިރީ ހުއްޓައި މާނާ ވަނީ ގަމީހެއް ނަގައިދިނުމަށެވެ.
”ދުވަސްކޮޅަކުން މަންމައަކަށް ނުޖެހޭނެ ގަމީސް ނަގައިދޭކަށް.” މާނާ ގަމީސް ނަގައި ޔޫއާންއަށް ދެމުން ބުނެލިއެވެ.
”ބޭރަށް ދިޔާމައި އަހަންނަށް ކޮންމެ ކަމެއްވެސް ކުރަންޖެހެނީ އެކަނި.” ޔޫއާން ހިނިތުންވެލިއެވެ.
”މަންމަ މިހެން މިބުނީ ދަރިފުޅު ބޭރަށް ދާތީއެއް ނޫން. ދުވަސްކޮޅަކުން މިގެއަށް ކުއްޖަކު ގެނައީމަ މަންމަ ހުންނާނީ ދުރުގައި ބަލަން.” މާނާވެސް ހިނިތުންވެލިއެވެ.
”އަދި އެއީ ވަރަށް ދުރުގައި އޮތްކަމެއް. ކައިވެނީގެ ކަންތަކާއި އަހަރެން ވިސްނާނީ ތަންކޮޅެއްފަހުން.” ޔޫއާން ގަމީސްލަމުން ޖަވާބު ދެމުން ދިޔައެވެ.
”ޔޫއާން ފުރުމުގެ ކުރިން ތިޔަ ކުއްޖާ މަންމައަށް ދައްކަން ގެންނާތި. މަންމަ ދުށިން ޔޫއާންގެ ވޮލެޓުގައި އިން ފޮޓޯ. ވަރަށް ރީތި އަންހެން ކުއްޖެއް.” އަނީސާ ބުނެލިއެވެ.
”އެއީ އަނީސައްތަގެ ދޮށި ދަރިފުޅު ޝާޔާ. މަންމަ ތިޔަ ބުނީ ރަނގަޅަށް. ޝާޔާ ވަރަށް ރީތިވާނެ. މިރޭ އަހަރެން ޝާޔާ ގެންނާނަން. މިރޭ ގެނައިމަ މަންމައަށް އުދަނގުލެއް ނުވާނެތަ؟ މާދަމާ ހަވީރު ފުރުމުގެ ކުރިން ވަގުތެއް ނުވާނެ ގެންނާކަށް.”
”އުދަނގޫވާންވީ ކީއްވެ؟ އަވަހަށް ގެނޭ. ފުރުމުގެ ކުރިން އެހެން ނޫނީ ކިހިނެއް ގެނެވޭނީ. މަންމަ ކެއުން ތައްޔާރުކުރާނަން.” މާނާ އަވަސްވެގަތީ ކެއުމަށް ރަނގަޅު އެއްޗެއް ތައްޔާރު ކުރުމަށެވެ. ނޫރީނަށް ގޮވާ ބަދިގެއަށް ގެނައުމަށްފަހު ތައްޔާރުކުރަންވީ އެއްޗެހި ބުނެދިނެވެ.
ޔޫއާން ގުޅާފައި ބޭރަށް ނިކުންނަން ބުނުމުން ޝާޔާ ހުރީ ބޭރުގައެވެ. ޔޫއާން ކާރުގައި އައިސް މަޑުކޮށްލުމުން ޝާޔާ ކާރަށް އަރައިފިއެވެ.
”މިރޭ ވަރަށް ޚާއްސަތަނަކަށް މި ގެންދަނީ؟ ބޭނުންތަ ދާން.” ޔޫއާން ކާރު ދުއްވާލިއެވެ.
”ކޮންތާކަށް. ޔޫއާން. އަހަރެން ބޭނުން އަވަހަށް އަންނަން. މަންމަ ކައިރީ ތަނަކަށް ދާ ވާހަކައެއް ނުބެނެވޭ.” ޝާޔާ ބުނެލިއެވެ.
”ނޫނޭ. މާދަމާ ފުރާތީ މިރޭ ހަތަރުދަމު ހޭދަކުރަންޖެހޭނީ މަށާ އެކު. މިރޭ ޝާޔާއަކަށް ގެއަކަށް ނާދެވޭނެ.” ޔޫއާން ބޭނުންވީ ސަމާސާކުރާށެވެ. ޝާޔާ ކަންބޮޑުވެ ތުންހަދާލިތަން ފެނި ނުހޭން ހުރެފައި ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ.
”ބިރު ނުގަނެބަލަ. އަހަރެން ދިހައެއް ޖެހުމުގެ ކުރިން ޝާޔާ ގެންނާނަން. އަހަރެން ފުރުމުގެ ކުރިން މަންމަ އާއި ބައްދަލުކޮށްދެން ބޭނުންވާތީ ގެއަށް މިގެންދަނީ.” ޝާޔާ އަށް ބަލާލަމުން ޔޫއާން ވާހަކަ ދެއްކިއެވެ.
”އަހަންނަކަށް ނުކެރޭނެ ޔޫއާން ގެއަށް ދާކަށް.”
”ގެއަކު އިތުރު މީހަކު ނެތް. ހަމައެކަނި މަންމަ ހުންނާނީ. އަހަރެން ހުންނާނަން ކައިރީގައި. މަންމަ ވަރަށް ދެކިލާހިތުން ބުނީމައި އެއްބަސްވެފައި އާދެވުނީ.” ޔޫއާން ޝާޔާ އެއްބަސްކުރުވިއެވެ. ކާރުގައި ގޮސް ގޭ ދޮރުމަތީ މަޑުކުރުމަށްފަހު އެތެރެއަށް ވަންނަން ފެށުމުން ޝާޔާއަށް ގޯތިތެރެއަށް ބަލާލެވުނެވެ. ގޭ ފެނުމުން މިއީ ސަލަފް އާއި ބައްދަލުކުރަން އައި ގޭކަމާއި ޔޫއާން ނިސްބަތްވާ އާއިލާ ވަގުތުން އެނގިގެން ދިޔައެވެ. ސުދާގެ ކުރިމައްޗަށް ދެވިދާނެތީ ޝާޔާ ހުރީ ޖެހިލުންވެފައެވެ.
ޔޫއާން ގޭގެ ބެލް ޖަހާލުމާއި އެކު ދޮރު ހުޅުވީ މާނާއެވެ. ޔޫއާންގެ ފަހަތުގައި ހުރި ޝާޔާ ފެނުމާއި އެކު މާނާ ހިނިތުންވިއެވެ.
”ޔޫއާންގެ ހޮވުން ވަރަށް ރަނގަޅު. މަންމަ މިހުރީ އުފަލުން. ލަސްވެގެން ގުޅަން އުޅެނިކޮން ތިއައީ” މާނާ ޝާޔާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ. ޝާޔާ އެގެއަށް އައީ ދެވަނަ ފަހަރަށެވެ.
”މަންމާ. އަހަރެން އެބަ އަންނަން.” ޔޫއާން ކޮޓަރި އާއި ދިމާލަށް ދަމުން ބުނެލިއެވެ. މާނާ ޝާޔާ ގޮވައިގެން ކާކޮޓަރިއަށް ވަދެ ތައްޓަށް ކާ އެއްޗެހި އަޅައިދިނެވެ. ޝާޔާ އިނީ ލަދުން މަޑުނެގިފައެވެ. ޔޫއާންވެސް އޭނާ އެގެއަށް ގެނެސް މަންމަ ކައިރީ އެކަނި ބައިންދާފައި ފިލީއެވެ.
”ހާދަ ލަދުންނޭ ތި އިންނަނީ. މިތަނަކު ދުރު މީހަކު ނެތް. ރަނގަޅަށް ކާންވާނެ. މިހުރީ ހަމައެކަނި ޝާޔާއަށް ތައްޔާރުކޮށްފައި ހުރި އެއްޗެހި.” މޭޒުމައްޗަށް މާނާ އިޝާރަތް ކުރުމުން ޝާޔާ އިސްއުފުލާ ބަލާލިއެވެ. ދެ ވައްތަރެއްގެ ރިހަ އާއި ތަރުކާރީ ސެލެޑް ހުއްޓެވެ. މޭޒުމަތީގައި ފުރުޓް ބާސްކެޓެއް ހުއްޓެވެ. ދެވައްތަރުގެ ޖޫސް ހުއްޓެވެ. ހުސްނުވާވަރަށް ރޮއްޓާއި ބަތް ހުއްޓެވެ.
”ނޫރީން މިތަނުގައި މަޑުކޮށްލާތީ. އެބަ އަންނަން ޔޫއާން ކޮބައިތޯ ބަލާފައި.” މާނާ ތެދުވަމުން ނޫރީން އެތަނުގައި ބައިންދައިފިއެވެ. ނޫރީން ވަރަށް ގިނަ ވާހަކަ ދައްކަމުން ދިޔައެވެ. މިގޭގެ ބައެއް ކަންތައްތަކުގެ ވާހަކަ އާއި ޔޫއާންގެ މިޒާޖުގެ ވާހަކައެވެ. ޝާޔާ ހަމައެކަނި ހީލަމުން ކައި ނިންމާލިއެވެ. ނޫރީން ޝާޔާ ގޮވައިގެން ސިޓިންރޫމަށް ނިކުތްއިރު މާނާ ކޮތަޅެއް ހިފައިގެން އައިސް ޝާޔާއަށް ދިނެވެ.
”މިއީ މަންމަގެ ފަރާތުން ޝާޔާއަށް ދޭ ހަދިޔާ. ޔޫއާން ފުރައިގެން ދިޔަޔަސް މިގެއަށް އަންނަން ވާނެ. މިގެއަކު ނުހުންނާނެ ޝާޔާ އައިސްގެން އެއްޗެއް ބުނާނެ މީހެއް.” މާނާއަކީ ހިތްހެޔޮ މީހެއްކަން ޝާޔާއަށް އެނގިގެން ދިޔައެވެ. މުއްސަނދިވިއަސް ބޮޑާކަމެއްނެތެވެ. އަބަދު އިންނަނީ ހިނިތުންވެގެންނެވެ.
ޔޫއާން ކޮޓަރިން ނިކުމެ އައިސް މާނާގެ އަނެއްފަރާތުގައި އިށީދެއްޖެއެވެ. ޔޫއާން އާއި ޝާޔާއަށް ވަގުތު ދިނުމުގެ ގޮތުން މާނާ އެތަނުން ދަމުން ދިޔައީ ނޫރީން ގޮވައިގެންނެވެ.
”ވަރަށް ލަދުންތަ ތިއިންނަނީ؟” ޔޫއާން ޝާޔާ ލަދުން އިންހެން ހީވުމުން އަހާލިއެވެ.
”އުހުން. މިތަނަކު ނެތެއްނު އަހަރެން ލަދު ގަންނަ ވަރުގެ މީހެއް.” ޝާޔާ ލަދު ނުގަންނަ ކަމަށްވަމުން ބުނެލިއެވެ.
”ހިނގާބަލަ މަށާއި އެކު. މިގޭ ބަލާލާފައި ގެއަށް ދާނީ.” ޔޫއާން ޝާޔާ ގޮވައިގެން ފުރަތަމަ ވަނީ އޭނާގެ ކޮޓަރިއަށެވެ.
”މިއީ އަހަރެންގެ ރޫމް. ނޫން އަދި މިބުނެވުނީ ރަނގަޅަކަށް ނޫން. އަހަރެމެން ދެމީހުންގެ ރޫމް.” ޔޫއާން އެތެރެއަށް ވަނެވެ. ޝާޔާ ވަށައިގެން ބަލަމުން ގޮސް އެނދުގައި އިށީނެވެ.
”އަހަރެން ފުރަތަމަ އުޅުނީ ކައިވެނީގެ ފަހުން މި ކޮޓަރި ދައްކަން. އެރޭ ފުރަތަމަ ޝާޔާ ގޮވައިގެން އެތެރެއަށް ވަންނައިރު ވާރޭފެން ވެހޭހެން އޮހިގަންނާނީ ފިނިފެންމަލުގެ ފިޔަ. ކޮޓަރިތެރެ ޒީނަތްތެރި ކޮށްފައި ހުންނާނީ ލެވެންޑާރ ކެންޑަލްސްތަކުން. އަހަރެން ޝާޔާ އެނދާއި ހަމަޔަށް ގެންނާނީ އަތްދަނޑިމަތީގައި. ހެހެ. އެވަރު ކޮށްލީމަ ދޯ ހަނދާން ހުންނާނީ.” ޔޫއާން ޙަރަކާތްތަކުން އެރޭގެ މަންޒަރު ސިފަ ކޮށްދިނުމަށްފަހު ގޮސް ކުޑަދޮރު ހުޅުވާލުމަށްފަހު އެތަނުގައި ހުއްޓުނެވެ.
”ޚިޔާލީ ފޮލާ ކައްކަން ހާދަ މޮޅޭ.” ޝާޔާ ހިނިތުންވަމުން ޔޫއާންގެ ކައިރީ ހުއްޓުނެވެ.
”މިއީ ކަނޑާ ފޮންޏެއް ނޫން. ޝާޔާ ބަލަންހުންނައްޗޭ. ކަންތައްވާނީ އަހަރެން ބުނާފަދައިން.” ޔޫއާން ބަލާލީ ބޭރަށެވެ. ދުރު ދުރުގައި އެތުރިފައި ހުރި ތަރިތަކުގެ ވިދުން ފަނޑުކުރަމުން ފުސްވިލާތަކުން ތަރިތައް ފޮރުވާލަމުން ދިޔައެވެ. ޖެހިލާ ފިނިވައިރޯޅިތައް ހުރަހެއްނެތި ޝާޔާގެ ހަށިގަނޑުގައި ބީހެންފެށުމުން ހީގަންނަގޮތްވެއްޖެއެވެ. ޔޫއާން ޝާޔާ އާއި ކައިރިވެލާ ދެއަތުން މޫނުގައި ހިފަހައްޓާ ކައިރިކޮށްލެވުނެވެ. ޝާޔާ ދެކޮޅު ހެދުމެއްނެތި ޔޫއާންއަށް ލެބެމުން ދިޔައެވެ. ދެމީހުންގެ ތުންފަތް ގުޅިލާ މެހުނު އިރު ދެމީހުންގެ ހަށިގަނޑުވަނީ އެކަކު އަނެއްކަކާއިޖެހި ފިތިފައެވެ. އަދިވެސް ދުރުގައި ތިބެވޭހެން ހީވެ ދެއަތުން އެކަކު އަނެއްކަކު ކައިރި ކުރެވޭތޯ ބަލަމުން ދިޔައެވެ. ރައްޓެހިވީފަހުން މި ނޫނީ ދުވަހަކުވެސް ގާތްވެވިފައެއް ނުވާނެއެވެ.
”އައި އެމް ސޮރީ.” ޔޫއާންއަށް ކުއްލިއަކަށް ދުރަށްޖެހިލަމުން ބުނެވުނެވެ. ޝާޔާ ހިތްހަމަ ނުޖެހިދާނެތީ ޔޫއާން ކަންބޮޑުވިއެވެ. ޝާޔާ ހުރީ ކުރިއަށްވުރެ ލަދުގަނެފައެވެ. ދުލުން އެއްޗެއް ބުނާނެ ހިތްވަރެއް ނެތެވެ. ޔޫއާން ދެތިން ފަހަރު މަޢާފަށް އެދުނު ފަހުން ޝާޔާ ބުނެލިއެވެ.
”އޯކޭ. ހިނގާ ގެއަށް ދާން.” ޝާޔާ އެދުމުން ޔޫއާން ދެކޮޅު ނުހަދާ ހިނގައިގަތެވެ. އަވަހަށް ދާން ހަދައިގެން ޝާޔާއަށް ދެވުނީ މާނާ ދިން ކޮތަޅު ޔޫއާންގެ ކޮޓަރީގައި ބަހައްޓާފައވެ.
ވައިގަދަކޮށްލާފައި ވާރޭގެ ތިކިތަކުން މަރުހަބާ ކިޔަންފެށިއިރު ދެމީހުންނަށް ތިބެވުނީ ގެއާއި ކައިރިއަށް އާދެވިފައެވެ. ތެމެންފެށުމުން ޝާޔާ ދުވެފައި އައިސް ގޭދޮރާށީގެ ހިޔަލަށް ވަނެވެ. ޔޫއާން އައީ ވަރަށް ހަމަޖެހިލައިގެން ވާރޭ ތެރޭ ތެމިލައިގެންނެވެ. ދޮރާށި ކުރިމަތީގައި ހުއްޓުމަށްފަހު އެއްއަތުން ވާރޭގެ ތިކިތައް ޝާޔާ އާއި ދިމާލަށް ފޮޅުވާލިއެވެ. ޝާޔާ ދެއަތް އުފުލާލި ނަމަވެސް ކޮންމެވެސް ވަރަކަށް ތެމިއްޖެއެވެ.
ޔޫއާން ކުރިއަށް ޖެހިލާ ޝާޔާ އަތުގައި ހިފާލުމަށްފަހު ކުއްލިއަކަށް ވާރޭ ތެރެއަށް ދަމައިގަތެވެ. ތެތްފިނިވަޔާއި އެކު ތެންމަމުންދިޔަ ވާރޭ ތިކިތައް ހަށިގަނޑުގައި ބީހެމުން ދިއުމުން ޝާޔާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. ޔޫއާން ދެއަތުން ޝާޔާގެ އުނަގަނޑުގައި ވަށާލުމަށްފަހު ކައިރިއަށް ދަމާލިއިރު ދެމީހުންނަށް ތިބެވުނީ މަގުމަތީގައިކަން ހަނދާނެއް ނެތްފަދައެވެ. ޝާޔާ ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ޔޫއާން ކުރިއަށް ޖެހިލައެވެ.
ދޮރާށިން އެތެރެއަށް ވަދެ ދޮރުގައި ޝާޔާ ލެނގިލުމާއި އެކު ޔޫއާން ޝާޔާ ނޭވާ އިޙްޞާސްވާހާ ކައިރީގައި ހުއްޓުނެވެ. ތެމި ފޯވެފައި ހުރުމުން ޝާޔާގެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. ޔޫއާން ކުރިއަށް ވުރެ ކައިރިވެލިއެވެ. ޝާޔާއަށް ދެލޯމަރާލެވުނެވެ.
”އައި ލަވް ޔޫ…..” ޔޫއާން ވައިއަޑަކުން ބުނެލަމުން ޝާޔާގެ ކޯތާފަތުގައި ބޮސްދިނެވެ.
”ލަވް ޔޫ ޓޫ……” ޝާޔާއަށް ދެލޯ ހުޅުވާލުމަށްފަހު ޔޫއާންގެ މޫނަށް ބަލާކަށް ނުކެރުނެވެ. ޝާޔާގެ މޫނުމަތިން ލަދުވެތިކަން ފެނި ޔޫއާންގެ ހިތަށް އުފާވެރިކަން ލިބުނެވެ. ޔޫއާން ކުރިއަށްވުރެ ބޮޑަށް ޝާޔާ ކައިރިކޮށްލި އިރު އޭނަގެ ހަށިގަނޑުގައި ހުރި ތުރުތުރު އެޅުން އިހްސާސްކުރެވުނެވެ. ޝާޔާގެ އަތުގައި ޔޫއާން ހިފާލިއިރު ދެއަތް ހީވީ ގަނޑުފެނުން އުފައްދާފައިވާހެންނެވެ.
”ޝާޔާ ދޭ އެތެރެއަށް… މިހާރު ވަރަށް ލަސްވެއްޖެ…” ޔޫއާން ޝާޔާ އާއި ދުރަށްޖެހިލިއެވެ. ޝާޔާ ތުރުތުރު އަޅާ ހާލުގައި ދެއަތް ހޫނުކުރަމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. ގޭދޮރުމަތީ ހުއްޓެމުން ފަސްއެނބުރި ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
ޔޫއާން ގޮސް ލޯމަތިން އޮބާލުމުން ޝާޔާ އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. ޝާޔާ އެތެރެއަށް ވަންއިރު ސޯފާގައި އަނީސާ އާއި ޖެހިގެން އިން ސަލަފް ފެނި ހުއްޓުން އެރިއެވެ. ޝާޔާ ފެނުމުން އަނީސާ ތެދުވެގެން އައިސް ޝާޔާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ސަލަފް މިގަޑީގައި ގޭތެރެއިން ފެނުމުން ޝާޔާ ހިތުގައި ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ.
(ނުނިމޭ)