twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (13)

Apr 30, 2013

އެޕްރިލް 23 ވަނަ ދުވަހުގެ ބަޔާގުޅޭ

ޔޫއާން ގޮސް ލޯމަތިން އޮބާލުމުން ޝާޔާ އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. ޝާޔާ އެތެރެއަށް ވަންއިރު ސޯފާގައި އަނީސާ އާއި ޖެހިގެން އިން ސަލަފް ފެނި ހުއްޓުން އެރިއެވެ. ޝާޔާ ފެނުމުން އަނީސާ ތެދުވެގެން އައިސް ޝާޔާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ސަލަފް މިގަޑީގައި ގޭތެރެއިން ފެނުމުން ޝާޔާ ހިތުގައި ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ.

“އަށެއްޖެހިއިރު އައިގޮތަށް ސަލަފް އެއިނީ ދަރިފުޅު އައީމަ ނޫންވެ ނުދާން. ޝާޔާ ސަލާމުގައި ހުރި ދުވަހެއްވީމާ ހާލުބަލާލަން އެއައީ. އޭނާ ކިހާ ރަނގަޅު؟ ތި ތެތް ހެދުން ބަދަލުކޮށްލައިގެން އާދޭ އަވަހަށް.” އަނީސާ ހިނިތުންވަމުން ކޮޓަރިން ނިކުތްއިރު ޝާޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ހެދުން ނަގައި ބަދަލުކޮށްލައިގެން އެނދުގައި އިށީނެވެ. ސަލަފްގެ ކުރިމައްޗަށް ދާންވީބާއޭ ހިތަށް އެރުމުން އެ ސުވާލަށް ޖަވާބު ދޭން އޭނާއަށް ވީ އުދަނގުލަކަށެވެ.

“އަދިވެސް އިނީތަ؟ އާދެބަލަ.” ކޮޓަރީގެ ދޮރު ހުޅުވާލަމުން އަނީސާ ގޮވާލިއެވެ. ޝާޔާ ސިޓިންރޫމަށް ނިކުތުމުން އަނީސާ ދިޔައީ ބަދިގެއަށެވެ.

“ޝާޔާ ރަނގަޅުތަ؟” ސަލަފް ޝާޔާގެ މޫނަށް ބަލާލަމުން އަހާލިއެވެ.

ޝާޔާ ހަމައެކަނި ބޯޖަހާލަމުން ސޯފާގައި އިށީނެވެ. ސަލަފް ފުން ބެލުމަކުން ޝާޔާގެ މޫނަށް ބަލަން އިނެވެ. ޝާޔާ އިސްޖަހައިގެން އިނުންވީ ސަލަފްއަށް ލިބުނު ރަނގަޅު ފުރުޞަތަކަށެވެ. ސަލަފް މި ނޫނީ ރީތި އަންހެންކުއްޖަކު ނުދެކޭ ފަދައެވެ. ހިތާއި ހިތުން ތައުރީފް ކުރަމުން ސަލަފް އިނީ ދޫ ހިމޭންކޮށްލައިގެންނެވެ. ޝާޔާވެސް އިނީ އެއްޗެއް ބުނަން ބޭނުން ނުވެފައެވެ. ދެމީހުންނަށް ވަގުތު ދީފައި އެތެރެއަށް ދިޔަ އަނީސާ އެނބުރި އައުމުން ސަލަފް ވާހަކަ ދެއްކިއެވެ.

“ދައްތާ. މިގެ ރަނގަޅު ފެންވަރަކަށް ހަދާކަށް ނުވިސްނަންތަ؟“ ސަލަފް ވަށްކަޅިން ޝާޔާއަށް ބަލާލި އެވެ.

“ޝާޔާއަށް އެކަނި ލިބޭ އާމްދަނީ އިން ފޮރުވޭ ވަރެއް ނުވާނެއެއްނު. އީރާ ކޮލެޖުގެ ފީ އެހާ ބޮޑު. ގޭގެ ޚަރަދުތައް ބޮޑު. އަހަރެންގެ ބޭސްފަރުވާގެ ކަންތަކުން މިންޖެއްނުވޭ. އެވަރުން ކިހިނެއް ގެ ހަދާނީ؟“ އަނީސާ ގޭތެރެއަށް ބަލާލިއެވެ.

ފާރުތަކުގައި ކުލަކެހިފައި ހުރުން ފިޔަވާ އިތުރު އުނިކަމެއް އެގެއަކު ނެތެވެ. ތިންކޮޓަރީ އާއި ސިޓިންރޫމްގެ އިތުރުން ކުޑަ ބަދިގެ ގަނޑެއް އެބަހުރެއެވެ.

“ކުއްޔަށް ދޭ ގޮތަށް އެއް ކޮޓަރި ހުސްކުރެވިއްޖެނަމަ ޖީބަށް އިތުރު ފައިސާތަކެއް ވަންނާނެ. އަޅުގަނޑު ދައްތަމެންނަށް އެހީވެދެން މި ހުރީ ތައްޔާރަށް. ދައްތަ ބޭސްފަރުވާގެ ކަންތައް އަޅުގަނޑު ހިއްސާވާ ހޮސްޕިޓަލުން ހަމަޖައްސައިދީފާނަން. އީރާގެ ކޮލެޖުގެ ފީގެ ކަންތައްވެސް ހަމަޖައްސައިދެވިދާނެ.” ސަލަފް ފަހަރަކު ކަމެއް ބޮލުގައި އަޅަމުން ދިޔައީ ކީއްވެބާއޭ ޝާޔާ ހިތަށް އެރިއެވެ. އެގޮތް ޝާޔާއަށް ކަމަކު ނުދިޔައެވެ. ދުރު ހިލޭމީހަކު އަތުން އެހީއެއް ބޭނުމެއް ނޫނެވެ.

“ނޫން. ސަލަފް. އަހަންނަށް ލިބޭ އާމްދަނީއިން ހުރިހާ ކަމެއް ހަމަޖެހޭ. ސަލަފް އެ ކަންތަކާ ނުވިސްނާ. އައި ކޭން މެނޭޖު އެވްރިތިން.” ޝާޔާ އަނީސާއަށް ނޭނގޭނެހެން އިނގިރޭސިން ބުނި ޖުމްލައިގެ ފުން މާނަ ސަލަފް ދެނެގަތެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެނިގެން ދިޔަ ވިހަ ހިނިތުންވުން ސިއްރު ކުރަމުން އަވަހަށް ބުނެލިއެވެ.

“އަހަރެން އެހީވެދެނީ ހެޔޮހިތުން. އަނީސައްތަ އަކީ އަހަރެމެންގެ ގޭގައި ގިނަ ދުވަހު މަސައްކަތް ކުރި މީހެއް. އަހަރެން އުމުރަށްވެސް އަނީސައްތައަށް އެހީވާނަން.“ ސަލަފް ޖީބުން ޗެކު ފޮތް ނެގުމުން ޝާޔާ ބޭނުންވީ އެވަގުތު ހުއްޓުވާށެވެ. އޭގެ ކުރިން އަނީސާ ޝާޔާގެ އަތުގައި ހިފާލުމުން، ޝާޔާ އަނީސާގެ މޫނަށް ބަލާލުމުން، އެއްޗެއް ނުބުނެ އިނުމަށް އަނީސާ އިޝާރަތްކުރިއެވެ. ސަލަފް ސޮއި ކޮށްފައި ދިން ޗެކުގައި އަނީސާ ހިފާލަމުން އޭގައިވާ އަދަދަށް ބަލާލިއެވެ.

“ދައްތާ. އަޅުގަނޑު ގޮސްލީ. އަޅުގަނޑު ބުނި ކަންތައް…” ސަލަފް ހުއްޓާލުމުން އަނީސާ ބޯޖަހާލިއެވެ.

ޝާޔާ އެތަނަށް އައުމުގެ ކުރިން އަނީސާ އާއި ސަލަފްގެ ދެމެދުގައި ވާހަކަތަކެއް ދެކެވިފައިވާކަން ޝާޔާއަށް ޔަޤީންވިއެވެ. ސަލަފް ނިކުމެގެން ދިއުމުން ޝާޔާ އަނީސާގެ އަތުގައި އޮތް ޗެކަށް ބަލާލިއެވެ.

“ތިރީސް ހާސް. ހާދަ ބައިވަރު ފައިސާއެކޭ މިއީ. ސަލަފް ނިކުމެގެން ދަމުން ކޮންކަމެއްގެ ވާހަކަ ބުނެފައި އެ ދިޔައީ.” ޝާޔާ އަހާލި އެވެ.

“އެންމެ ތިރީސްހާސް. މީގެން މިޒަމާނުގައި ކޮން ކަމެއް ކުރެވޭނީ. ރަނގަޅު ފެންވަރުގައި ކޮޓަރިގަނޑެއްވެސް ހަދާ ނުލެވޭނެ.“ އަނީސާ ޗެކު ފެނި ހުރީ ހޭބަލިވާ ވަރުވެފައެވެ.

ޝާޔާ ކޮޓަރިއަށް ވަނުމުގެ ކުރިން އީރާ ކޮބައިތޯ ބެލުމަށް އެ ކޮޓަރިއަށް ދިޔައެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަންއިރު ކޮޓަރީގައި ނިދާފައި އޮތް އީރާ ފެނުމުން އެ ކޮޓަރިން ނިކުމެ އައިސް އަމިއްލަ ކޮޓަރިއަށް ވަނެވެ.

އެކަނިވުމުން އޭނާގެ ސިކުނޑީގައި ވަށާލީ ސަލަފްގެ އާދަޔާ ޚިލާފް މިޒާޖެވެ. ފަހަކަށް އައިސް އޭނާއަށް ހެޔޮވެފައި ހުންނަކަން ފާހަގަވެފައިވާތީ އެކަމާއި ގުޅިގެން އުފެދޭ ސުވާލު ތަކެވެ. އެ ހުރިހާ ހާސްކަމުގެ ތެރޭ އޮއްވާ ނިދިޖެހުނީ ކޮންއިރަކުކަމެއް ނޭނގެއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ޝާޔާ އޮފީހަށް ދާން ތައްޔާރުވެގެން ނިކުތްއިރު އީރާ ކޮޓަރިން ނިކުންނަނީ އެވެ. އީރާގެ ކޮލެޖުން ފޯނު އައިފަހުން އަދި އީރާ އާއި ވާހަކަ ދައްކާލެވޭ ވަރެއް ނުވެއެވެ. ޝާޔާ ވަގުތުގެ ބޭނުން ހިފަން ބޭނުންވިއެވެ.

”އީރާ. މި ދުވަސްކޮޅު ކޮލެޖުގެ ކިޔެވުން ކިހިނެއް؟” ޝާޔާ ފަރުވާތެރިވެ އީރާގެ މޫނަށް ބަލާލިއެވެ. ވަރަށް ހަމަޖެހިލާފައި ހުރިހާ ކަމެއް ރަނގަޅޭ އީރާ ބުނެލިއެވެ.

“އިއްޔެ ހެނދުނު ކޮލެޖުން ފޯނެއް އައި. އީރާ ކޮލެޖަށް ނުދާތާ ހަފްތާއެއް ވެއްޖެއޭ އެމީހުން ބުނި. ކޮންމެ ދުވަހަކު ކޮލެޖަށް ދާން ނިކުންނަނީ އަހަރެންގެ ލޯ ކުރިމަތީ. އީރާ ކިޔެވުމަށް މަކަރު ނުހަދާ، މަންމަގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ އީރާގެ ކިޔެވުމާ. އަހަރެންގެ މުސާރައިން ބޮޑު ބައެއް ޚަރަދުކުރަނީ ކޮލެޖުގެ ފީތަކަށް. އަހަރެމެން މިވާ ޤުރުބާނީ އަގު ތިހެން ނުދީ. އަހަރެން އަހަން ބޭނުން ކޮންމެ ދުވަހަކު އީރާ ތި ދާތަނެއް؟” ޝާޔާ އީރާގެ މޫނަށް ބަލާލިއިރު އީރާ ހުރީ އިސްޖެހި ގޮތަށެވެ.

“އަހަރެން މި ވާހަކަ ދައްކަނީ އީރާ އާ.” ޝާޔާ އީރާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ.

“ޝާޔާ.” ބަދިގެ ތެރެއިން އަނީސާ ގޮވާލުމުން ޝާޔާއަށް ޖެހުނީ ދާށެވެ. އީރާ އަވަހަށް ގެއިން ނިކުތީ ދެވަނަ ސުވާލެއްގެ އަމާޒަކަށް ނުވާންވެގެންނެވެ.

“މަންމަ އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފައި. އިށީދެބަލަ މިތަނުގައި.” ޝާޔާ އަތުގައި ހިފާ ކައިރީގައި ބައިންދަމުން އަނީސާ ހިނިތުންވެލި އެވެ.

“ސަލަފް އާއި މެދު ދަރިފުޅު ދެކެނީ ކިހިނެއް؟“ އަނީސާ ކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ؟ ޝާޔާ ތެޅިގެންފައި އަނީސާގެ މޫނަށް ބަލާލިއެވެ.

“މަންމާ. މިއަދު ކިހިނެއްވެފައި ހުރި ދުވަހެއް؟ މަންމައަށް ސަލަފްގެ ގޮތް އެނގެއެއްނު.” ޝާޔާ އަހާލިއެވެ.

އަނީސާގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެންނަމުން ދާތީ އޭގެ ފަހަތުގައި އިތުރުކަމެއް އޮވެދާނެއޭ ޝާޔާ ހިތްބުނަނީ ކީއްވެކަމެއް ނޭނގެއެވެ. އަނީސާ ކުރިއަށްވުރެ ބޮޑަށް ހިނިތުންވަމުން ޝާޔާގެ ދެއަތުގައި ހިފާލިއެވެ.

“މަންމައަށް ސަލަފް ވަރަށް ކަމުދޭ. ދަރިފުޅާ އެންމެ އެކަށޭނެ ފަރާތަކީ ސަލަފް ކަމުގައި މަންމަ ދެކެން.” ޝާޔާގެ ކަންފަތްދޮށުގައި ހީވީ ބޮމެއް ގޮއްވާލިހެންނެވެ. ޝާޔާ އާއި ޔޫއާންގެ ގުޅުން މަންމައަށް ސިއްރުވެފައެއް ނޯންނާނެއެވެ. އަނީސާގެ މުށުތެރެއިން ޝާޔާގެ އަތް ދަމައިގަނެވުނެވެ. އަނީސާ ޝާޔާގެ މޫނަށް ބަލާލިއެވެ.

“ނޫން މަންމާ. އަހަރެން ޔޫއާން ދެކެ ވަރަށް ލޯބިވޭ. ސަލަފް އަކީ އަހަރެންގެ އޮފީހުގެ ވެރިމީހާ. އަހަރެން ނުދެކެން އެ ނޫން ގޮތަކަށް. މަންމަ ތިހެން ބުނީމައި އަހަރެން ހައިރާންވެއްޖެ. އަހަރެން ޔޫއާން ނޫން މީހަކާއި އެކު،، ނޫން، ސަލަފް މަންމަ ކައިރީ ކީކޭ ބުނީ؟” ޝާޔާ އަނގަމަތީ އަތް އަޅާލިއެވެ. އަނީސާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ގެއްލި ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ. ގޮނޑިން ތެދުވެ ޝާޔާއަށް ފުރަގަސް ދެމުން ގޮސް އަތް ދޮންނަ ތަށި ކައިރީގައި ހުއްޓުނެވެ.

“ސަލަފް މަންމަ ކައިރީ އެއްޗެއް ނުބުނޭ. އެކަމަކު މަންމައަށް އޭނާ ދެއްކި ވާހަކަތަކުން ޝާޔާ އާއި ގަޔާވާކަން އެނގުނު. ޔޫއާން އަކީ ސަލަފްގެކޮއްކޮ ކަމުގައި ވިއަސް ޔޫއާންގެ ކިބައިގައި ޝާޔާ އުފަލުގައި ގެންގުޅެވޭނެ ވަރު ފެންވަރެއްނެތް. ސަލަފް އަކީ ފައިސާވެރިއެއް. ހަރުދަނާ މީހެއް. ދިރިއުޅުމަށް ލޯ ހުޅުވިފައި ހުރި މީހެއް. މަންމަ ދަރިފުޅާއި މެދު ވިސްނަން. މަންމަ އެދެނީ އުފަލުގައި އުޅެން. އުފަލުގައި މަންމަގެ ދަރިއެއް އުދުހިލާތަން ދެކިލަން. ޔޫއާން އަކީ މަންމަ ޤަބޫލު ކުއްޖެއް ނޫން. ޝާޔާއަށް ނޭނގޭ ބައިވަރު ހަޤީޤަތް މަންމައަށް އެނގޭ.“ އަނީސާ ފަހަތް ނުބަލާ ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

“މަންމަ ޝާޔާއަށް މަޖުބޫރެއް ނުކުރާނަން. ރަނގަޅު ގޮތް ބުނެދިނީ. ޝާޔާއަށް އަމިއްލަ ދިރިއުޅުމުގައި ފުރިހަމަ އިޚްތިޔާރު ލިބިފައި އޮންނާނެ. މި ހުރީ ސައިތަށި.” އަނީސާ އަތްދޮވެލަމުން އާވި އަރަމުން ދިޔަ ސައިޖޯޑު އެތަނުގައި ބަހައްޓަމުން ބުނެލިއެވެ. އަދި އިތުރު އެއްޗެއް ބުނަން ފުރުޞަތު ނުދީ ބަދިގެއިން ނިކުމެ ކޮޓަރިއަށް ވަނެވެ. ޝާޔާ އިނީ ޖެހި ބުދެއްހެން ގަނޑުވެފައެވެ. ސިކުނޑީގައި ހައިޖާނެއް އުފައްދާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

“ޝާޔާއަށް ނޭނގޭ ބައިވަރު ހަޤީޤަތް މަންމައަށް އެނގޭ.” ޝާޔާ ސިކުނޑީގައި ދެވަނަ ފަހަރަށް އެ ޖުމްލަ ގުގުމާލިއެވެ.

“މަންމަ ބުނަން އުޅެނީ ކޮން ހަޤީޤަތެއްގެ ވާހަކައެއްބާއެވެ؟ ޝާޔާ ވިސްނަން އިނދެފައި ގަޑި ބަލާލިއިރު އޮފީސް ގަޑިޖެހެން ކައިރިވެފައި ވާތީ އަވަހަށް ގެއިން ނިކުތެވެ.

ޝާޔާއަށް އޮފީހަށް ވަދެވުނީ ސުދާ އާއި އެކުއެކީގައެވެ. ޝާޔާ ގޮސް މޭޒުދޮށުގައި އިށީން ތަނާއި ހަނާ އައިސް ދިއްކުރީ ކަރުދާސް ފައިލެކެވެ.

“މި މަސައްކަތް ސުދާ ބުނުއްވީ ވަރަށް އަވަހަށް ނިންމައިދިނުމަށް. އަދި ބުނުއްވި ދިހައެއް ކުރިން ނިންމައިދޭށޭ.” ހަނާ ދިން ފައިލުގައި ޝާޔާ ހިފިއެވެ. އެ މަސައްކަތް ފެނި ކަންބޮޑުވި ވަރު ހާމަކޮށްދިނީ ފައިލަށް ބަލާލި ވަގުތު ޝާޔާގެ ނިތްކުރިއަށް އަރައިގެން ދިޔަ ރޫތަކުންނެވެ. އިއްޔެ ސަލަފް ދިން މަސައްކަތް މަޑުޖައްސާލުމަށްފަހު ސުދާ ގެނައި މަސައްކަތް ކުރަން ފެށިއެވެ. ހަނާ ޝާޔާގެ މޫނަށް ބަލާލަމުން ތުން އަނބުރާލުމަށްފަހު ގޮސް ސުދާގެ ކެބިންއަށް ވަނެވެ.

ސުދާ ބުނި ގަޑިއަށް މަސައްކަތް ނުނިންމި ދާނެތީ ޝާޔާ އިނީ އޮފީހަށް އައީ ސައިނުބޮއިކަންވެސް ހަނދާންނެތިފައެވެ. މަސައްކަތް ކުރަން ޖެހިފައިވާ ގޮތުން ކުރީގެ މައުލޫމާތު ނެގުމަށް ދޭތެރެއަކުން ސްޓޯރ ރޫމަށް ދާންޖެހެއެވެ. އެ މަސައްކަތުގައި އުޅޭއިރު ދޭތެރެއަކުން ޖެހޭ އެހެން މަސައްކަތް ކުރަމުން ފޯނަށް ޖަވާބު ދިނުން ޝާޔާއަށް ވީ އުދަނގޫކަމަކަށެވެ. ދިހައެއްޖަހާއިރަށް ނިންމަންބުނި މަސައްކަތް މެންދުރު ދޭއްޖެހިއިރުވެސް ނުނިމެއެވެ.

“މިރޭ އަލިވިލޭއިރުވެސް ނޭނގެ ނިމޭނެކަމެއް. ނިކަން ދެކިބަލަ މަސައްކަތަށް ހުރި ފަރުވާތެރިކަން. ބްރޭކެއްވެސް ނެގުމެއް ނެތި. ސުދާގެ ޕްލޭންއެއްތަ އެއީވެސް.” ހަނާ ކެބިންގެ ތެރޭހުރެ ޝާޔާ ކުރަމުން ދިޔަ މަސައްކަތް ބަލަމުން އަހަލިއެވެ.

“އާން. ޕާރޓީ އޮތްރޭ އެވަރަށް ބަވާ ހެދީމައި އަހަރެން ހީކުރީ ދެން މިތަނަށް އަންނަން ނުކެރޭނެކަމަށް. އެވަރުން މިތަނަށް އާއިމަ ދެން ނޭވާއެއް ލިޔަކަ ނުދޭނަން. އަހަރެންގެ ގޮތް އަދި އެ އަންހެން ކުއްޖާއަކަށް ނޭނގޭނެ. އެރޭ ހަނާއަށް ކަމެއް ނުވީތީ ދެރައީ.” ސުދާ ބުނެލިއެވެ.

“އަހަރެން ކަންތައް ކުރީ ސުދާ ބުނިގޮތަށް. ހައެއްކަ ނިދާ ބޭސްގުޅަ އަޅާފައި ޖޫސްތައްޓެއް ދިނިން. އޭނާއަށްވީ ގޮތް ބަލަން ފަހުން ދިޔައިރު ނެތް ޖެހުނުތާ ލަކުނުވެސް. އެރޭގެ ޕްލޭން ނާކާމިޔާބުވެގެން ދިޔައީ. އެކަމަކު އޭނާ އޮފީހުން ނިކުމެގެން ދިޔަތަން ނުފެނުނީތީ މައްސަލައަކީ.“ ހަނާ ބުނެލިއެވެ.

“އެރޭ ޖެހި މަޅިއަށްވުރެ ބޮޑު މަޅިއެއް އެބައޮތް. އެކުވެރިއަކު އެކަމުގެ މަގު ފަހިކޮށްދޭނަމޭވެސް ބުނެފި. މި ޒަމާނުގައި ޓެކްނޮލޮޖީގެ އެހީ ލިބެން އޮއްވާ ހާސްވާނެ ކަމެއް ނެތް. އަހަރެން މިފަހަރު ކުރަން މިއުޅޭ ކަންތަކަށްފަހު ދެލޯ ހުޅުވާ އަމިއްލަ ހަށިގަނޑަށް ބަލަން ނުކެރޭވަރު ކޮށްފާނަން.“ ހަނާ ބުނެލި އެވެ.

“އެކަމަކު ކުޑަ ފައިސާކޮޅެއް ބޭނުންވޭ.“ ހަނާ ދެއަތް އުނގުޅާލަމުން ސުދާގެ ޕާހަށް ދަހިވެތިވެ ބަލާލިއެވެ. ސުދާ ޕާސް ހުޅުވާފައި ދިއްކުރީ ފައްސަތޭކަ ރުފިޔާއެވެ.

“މިވަރަކުން ނުވާނެ.” ހަނާ އަށް އެވަރު ކުޑަވިއެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355