twitterviber whatsapp telegramfacebookyoutube instagram
17th May 2024

މޫސުމް ބަދަލުވުމާއި އަހަރެމެންގެ މޫޑަށް އަންނަ ބަދަލުތަކާ ހުރީ ކޮންގުޅުމެއް

May 18, 2013

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އަވަސް އަވަހަށް އެމީހުންގެ މޫޑަށް ބަދަލު އަންނަ ބަޔެކެވެ. ހެނދުނު ހޭލައިގެން އޮފީހަށް ދާއިރު ރަނގަޅު މޫޑެއްގައި ނުހުންނަ ނަމަ، “މިއަދު ހޭލެވުނީ އެނދުގެ ނުބައި ފަޅިއެއްގައި އޮއްވާތޯ” ރަހުމަތްތެރިން އަހާ ސުވާލުވެސް ކުރާނެ އެވެ. ނަމަވެސް ދުވަހުގެ މޫޑު ގުޅިފައިވަނީ އެދުވަހަކު ނިދަން އޮވެވޭ ތަނަކަށް ނުވަތަ ފަޅިއަކަށް ވުރެ އެހެނިހެން ގިނަ ކަންތައްތަކަކާ އެވެ. މިސާލަކަށް ދަންނަވަނީ ނަމަ ކާބޯތަކެތި، ވަރުބަލިކަން، މޫސުން އަދި އެހެނިހެން އެތައްކަމެއް އެކަމުގައި ހިމެނެ އެވެ.

އިންސާނާގެ މޫޑު ބަދަލުވުން އެއީ ކަނޑުގެ އޮއިވަރު ބަދަލުވާހެން ބަދަލުވާ އެއްޗެކެވެ. ކަނޑުގެ އޮއިވަރެކޭ އެއްފަދައިން ގިނަ މީހުންގެ މޫޑު ބަދަލުވުން ގުޅިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މޫސުމެވެ. ބުނެވޭގޮތުން މޫސުމަކީ ދުވަހުގެ މޫޑު ކަނޑައެޅުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މޫސުން ގޯސް ދުވަހެއް ނަމަ އެއީ މޫޑު ގޯސް ވެދާނެ ދުވަހަކަށް ވުން އެކަށީގެން ވެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދިމާ އިދިކޮޅަށްވެސް ކަންތައްތައް ވުން އެކަށީގެން ވެއެވެ.

އިރުގެ އަލި

މޫސުމުގެ ސަބަބުން މޫޑަށް ބަދަލު އަންނަ ހާލަތަށް ނުވަތަ މޫޑު ގޯސްވެގެންދާ ހާލަތަށް އެންމެ އާއްމުކޮށް ދެވިފައިވާ ނަމަކީ “ސީޒަނަލް އެފެކްޓިވް ޑިސްއޯޑަރ” ނުވަތަ އެސް.އޭ.ޑީ އެވެ. އާއްމުކޮށް ކިޔާގޮތުން ނަމަ މިހާލަތަށް “ވިންޓަރ ޑިޕްރެޝަން” ނުވަތަ “ވިންޓަރ ބްލޫސް” ނުވަތަ “ސީޒަނަލް ޑިޕްރެޝަން” އޭވެސް ކިޔާއުޅެއެވެ. އެންމެ އާދައިގެ ބަހުރުވައިން ބުނަނީނަމަ، މި ހާލަތަކީ އިންސާނާގެ މޫޑު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިލާމެހިފައި ވުމެވެ. މިހާލަތް މެދުވެރިވާ ފަރާތްތަކުން ކޮންމެ އަހަރެއްގެ ފިނިމޫސުމުގައި ޑިޕްރެޝަންއަށް ހުށަހެޅިގެން ދިއުންވެސް އެކަށީގެން ވެއެވެ.

އިންސާނުން އެސް.އޭ.ޑީގެ ހާލަތު ތަހައްމަލު ކުރަންޖެހޭ އެތައް ސަބަބުތަކެއް ހުރެއެވެ. ނަމަވެސް އާއްމުގޮތެއްގައި ގަބޫލު ކުރެވިފައިވަނީ އެކަން ގުޅިފައިވަނީ އިރުގެ އައްޔާއެވެ. އެހެންކަމުން ހަގީގަތުގައި މިހާލަތުގައި ޑިޕްރެޝަންއަށް ހުށަހެޅިގެންދަނީ ފިނިމޫސުމުގެ ސަބަބުންނެއް ނޫނެވެ. މައިގަނޑު އެއްޗަކީ އިރުގެ އައްޔެވެ. އަވިދޭދުވަހެއްގައި އަވީގައި މަޑުކޮށްލައިފި ނަމަ، ބޮލުގެ ނާށިގަނޑުގެ ތުނި ހިސާބުތަކުން އިރުގެ އަލި ބޮލަށް ވައްދައިދެއެވެ. އިންސާނާގެ “ބޮޑީ ކްލޮކް” ގެ ބެޓެރިއަކީ އެއީއެވެ. ފަތިހުގެ އަލިކަމާއެކު ދޫނިސޫފާސޫފިތައް އެންމެ ފުރަތަމަ ހޭލާ ތަފާތު އަޑުތަކުން ގޮވަންފަށަނީ ކީއްވެ ކަމާމެދު ވިސްނާލާށެވެ. އެތަކެތީގެ ބޮލުގެ ނާށިގަނޑަކީ ތުނިއެއްޗެއް ކަމުން އިރުގެ އަލި އެތަކެތީގެ ބޮލުގެ ތެރެއަށް ފޯރު ކުރާލެއް ފަސޭހަ އެވެ.

އަލީގެ ސަބަބުން އިންސާނުންގެ ސިކުނޑީގެ ތެރޭގައި ކެމިކަލް ރިއެކްޝަންތަކެއް ހިންގާލައެވެ. މިކަމުގެ ސަބަބުން މީހާގެ ސަމާލުކަން އިތުރު ކޮށްދެ އެވެ. އަލީގެ ސަބަބުން ސިކުނޑީގައި މިލެޓޮނިން އުފެއްދުން ހުއްޓުވާލައެވެ. މިލެޓޮނިންއަކީ ނިދީގެ ހޯމޯން އެވެ. ނިދީގެ ހޯމޯންގެ ސަބަބުން މީހާގެ އެލާޓްކަން ފިލުވާލާ ވަރުބަލުކަން ގެނުވައެވެ. އަލީގެ ސަބަބުން މިލެޓޮނިން އުފެއްދުން ހުއްޓުވާތީ، އިންސާނާ ހޭލައްވާލައެވެ. އަދި އިތުރު ހަކަތައާއެކު އެލާޓް ކުރުވައެވެ.

އިރުގެ އަލީގެ ސަބަބުން އަހަރެމެންގެ ސިކުނޑީގެ ތެރޭގައި ނިއުރޯޓްރާންސްމިޝަން އިތުރު ކޮށްދެއެވެ. އަދި އެހެނިހެން ހޯމޯންސްތައް ހިންގުވާލަދެ އެވެ. އޭގެ ތެރެއިން އެކައްޗަކީ ސެރޮޓޮނިން އެވެ. ސެރޮޓޮނިން އަކީ އުފާވެރިކަން ގެނުވައިދޭ ހޯމޯން އެކެވެ.

އެހެންކަމުން އެސް.އޭ.ޑީގެ ހާލަތަށް އިންސާނުން ދަނީ ހަމައެކަނި ވިންޓަރގެ ސަބަބުން ނޫންކަން އެނގެއެވެ. ވިލާގިނަ ބަނަ ދުވަހެއްނަމަވެސް އިރުގެ އަލި ސިކުނޑިއަށް ފޯރާ މިންވަރު ބަދަލުވުމާއެކު މޫޑު ބަދަލުވުން ގާތެވެ. ހަމަ މިފަދައިން ރޭގަނޑުގެ ޑިއުޓީއަދާކުރާ ފަރާތްތަކަށް ވެސް އެފަދަ ހާލަތެއް އައުން އެކަށީގެންވެއެވެ. ބައެއް ކުންފުނިތަކުގައި ރޭގަނޑު މަސައްކަތް ކުރާ މުވައްޒަފުން މިފަދަ ކަންކަމުން ދުރުކުރުމަށް ޑޭލައިޓް ލޭމްޕްސް ބޭނުންކޮށްފައި ހުރެއެވެ.

ފިނިހޫނުމިން

ދިރިއުޅޭ މާހައުލުގެ ފިނިހޫނުމިނަކީ ވެސް އަހަރެމެންގެ މޫޑު ބަދަލުކޮށްލުވާ އެއްޗެކެވެ. އާއްމުކޮށް ފިނިމޫސުމުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ބޭނުންވާވަރު އިތުރެވެ. މިގޮތުން އަހަރެމެންގެ ހަށިގަނޑު ހޫނުކޮށް ބެހެއްޓުމަށް ދިފާއީ ނިޒާމްގެ އިންޖީނު ވަރަށް ބާރަށް ހިނގަމުން ދެއެވެ. އަދި ހިތުގެ ހިނގުން އިތުރުވެގެން ދެއެވެ. މިކަންތައްތަކަށް ހަކަތަ ބޭނުންކުރަމުން ދިއުމުން، އެހެނިހެން ހަރަކާތްތަކަށް ހުންނަ ހަކަތަ މަދުވެއެވެ. އަދި އަވަހަށް ވަރުބަލިކޮށްލައެވެ. އެހެންކަމުން ފިނިމޫސުމުގައި ގިނައިން ކެވޭނެ އެވެ. ނަމަވެސް ބޭނުންވާ ވަރަށްވުރެ ގިނައިން ކެއުމުން، އެތަކެތި ހަޖަމުކުރުމަށް އިތުރު ހަކަތަ ބޭނުންވާނެއެވެ.

ފިނިމޫސުމުގެ ސަބަބުން ބަލިތަކަށް ވެސް ހުށަހެޅުން ކައިރިއެވެ. ރާއްޖޭގައި ނަމަ ހުޅަނގު މޫސުމަށް ވިސްނާލާށެވެ. އިރުވާއިން ހުޅަނގަށް ބަދަލުވުމާއެކު ތަފާތު ރޯގާތައްޖެހިގެން އުޅޭމީހުން ފެނުން މަދެއް ނުވާނެއެވެ. ފިނީގެ ސަބަބުން ހަށިގަނޑުގެ ހޫނުކަން ދެމެހެއްޓުމަށް ހަކަތަ ބޭނުންވާ ފަދައިން ވައިރަސްތަކާއި ޖަރާސީމުން ސަލާމަތް ވުމަށް ވެސް ހަކަތަ ބޭނުންވެއެވެ. ދިފާއީ ނިޒާމަށް ބޭނުންވާ ވަރަށް ހަކަތަ ނުލިބިއްޖެނަމަ، ވައިރަސްތަކާއި ޖަރާސީމުތައް ހަށިގަނޑުގެ މައްޗަށް ގަދަކޮށް ކޮންމެވެސް ރޯގާއެއް ޖައްސުވައެވެ. މިފަދަ ބަލިތަކުގެ ސަބަބުން ތިމާގެ މޫޑު ހަރާބު ވުމަކީ ހަމަ އާއްމުކޮށް ވާކަމެކެވެ.

ފިނީގެ ސަބަބުން ރޯގާ އެކޭއެއްފަދައިން ރިހުންތައް ވެސް ބޮޑުކުރުވައެވެ. މިސާލަކަށް އާއްމުކޮށް ގައިގަ ރިއްސާއުޅޭ މީހެއްނަމަ، ނުވަތަ ބުރަކަށީގައި ރިއްސާ މީހެއްނަމަ، ފިނި މޫސުމުގައި އެ ރިއްސުން އިތުރު ވެގެންދިއުން އެކަށީގެންވެއެވެ. އެފަދަ ރިހުމެއް ހުންނަ މީހުން ލިބޭ އުނދަގޫތަކަކީ ވެސް މޫޑު ގޯސްކުރާނެ ކަންތައްތަކެވެ.

ފިނި މޫސުމުގައި ބަލިތަކުން ދުރަށް ދިއުމަށާއި އެބަލިތަކުގެ ސަބަބުން ދިމާވާ ކުނި މޫޑުގެ ކިބައިން ސަލާމަތް ވުމަށް، ވީހާވެސް ގިނައިން ވިޓަމިނާއި މިނެރަލްސް ލިބޭތަކެތި ކާށެވެ. އަދި ރަނގަޅަށް ނިދާށެވެ. މީގެ އިތުރުން ހަށިގަނޑު ހޫނުކޮށް ބެހެއްޓުމަށް އެޅެންހުރި ފިޔަވަޅުތައް އަޅާށެވެ.

ނިދި

ނިންޖަކީވެސް ދުވަހުގެ މޫޑު ހުންނަ ގޮތެއް ކަނޑައެޅުމުގައި މުހިއްމު އެއްޗެކެވެ. ހަމަމިފަދައިން ނިންޖަކީ މޫސުމުގެ ސަބަބުން ވަރަށް ބޮޑު އަސަރެއް އެކަމަށް ގެނުވަފާނެ ކަމެކެވެ. ފުންކޮށް ގަދަ ނިދީގައި އޮތުމާއި ތިލަ ނިދީގައި އޮތުމާ ތަފާތުތަކެއް ހުރެއެވެ. ފިނި ދުވަސްވަރެއް ނަމަ، ގިނަ ފަހަރު އަހަރެމެންނަށް ނިދޭނީ ވަރަށް ތިލަ ކޮށެވެ. ތިލަކޮށް ނިދުމުގެ ސަބަބުން ދުވަހުގެ ބުރަ މަސައްކަތަށްފަހު ހަށިގަނޑަށް ބޭނުންވާ އަރާމު ނުލިބުން އެކަށީގެން ވެއެވެ. އަދި ހޭލެވޭއިރު ހަށިގަނޑު އަނެއް ދުވަހަށް ރަނގަޅަށް ތައްޔާރު ނުވެ ހުރުމަކީ އެކަށީގެންވާ ކަމެވެ. މިފަދަ ކަންކަމަކީ ބޮލުގައި ރިއްސުންފަދަ ކަންކަން ކުރިމަތި ކުރުވާނެ ކަންކަމެވެ. ބޮލުގައި ރިއްސުމަކީ މޫޑޫ ހަރާބު ކުރާނެ ކަމެކެވެ.

ފިނި މޫސުމުގެ ބަނަ ދުވަހެއްގައި ނިދައިން ހޭލާ ވަގުތު، އިރުގެ އަލިކަން ރަނގަޅަށް ނުފެނި، އަނދިރީގެ ތެރެއަށް ހޭލެވިއްޖެނަމަ، އިތުރަށް ނިދުމަށް ހަށިގަނޑު ބޭނުންވާނެއެވެ. ސަބަބަކީ ހަށިގަނޑުގެ ހޯމޯންތައް ދުވަހުގެ ކަންތައްތަކަށް ތައްޔާރުވެފައި ނުވުމެވެ. އެފަދަ ދުވަހެއްގައި ހޭލައިގެން އޮފީހަށް ނުކުންނަ އިރު މޫޑު ގޯސްވެފައި ހުރުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އެފަދަ ދުވަހެއްގައި އަދި ސައިކަލުގެ ތަޅުދަނޑި ނޫނީ އިސްތާކީނު ލެވުނުތަނެއް ނޭނގިގެން އުޅެން ޖެހުމަކީ ކަންތައްތައް ގޯހުން ގޯހަށް ދުއްވާލާނެ ކަމެކެވެ.

ވާރޭ

ވާރޭ ވެހުމަކީ މޫޑު ގޯސްވާ ކަމެކޭ ބުނުމުން ބައެއް މީހުންނަށް ގަބޫލުކުރަން ދަތިވުން އެކަށީގެންވެއެވެ. ސަބަބަކީ ވާރޭ ވެހުމަކީ އެތައްބަޔެއްގެ ހިތަށް ހިތްހަމަޖެހުން ގެނުވާ ކަމަކަށް ވާތީއެވެ. ނަމަވެސް ވާރޭ ވެހުމުން މޫޑަށް އަސަރު ކުރާ ކަންތައްތަކެއް އެބަހުއްޓެވެ. މެދުނުކެނޑި ހުއްޓާނުލާ މުޅިދުވަސް އެއްކޮށް ވާރޭ ވެހޭ ދުވަހެއް ހިތަށް އަރުވާށެވެ. އެފަދަ ދުވަހެއްގައި ގިނަފަހަރު އޮވެވޭނީ ގޭގައެވެ. ރައްޓެހިންނާއެކު ކޮފީއަކަށް އަރާލަންވެސް ނުކުތުމަކީ ވާރޭގެ ސަބަބުން އުދަނގޫ ކަމަކަށް ވެގެންދާނެއެވެ. ނަތީޖާއަކަށް ވެގެންދަނީ މީހުންނާ ބައްދަލުވެލައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާ ދުރުވުމެވެ. މީހުންނާ ބައްދަލުވެ ގުޅުންތައް ބަދަހިކުރުމަކީ ޑިޕްރެޝަންއާ ދުރުވުމަށް އެންމެ ރަނގަޅު އެއް ކަންތަކެވެ. ނަމަވެސް ވާރޭ ވެހުމުގެ ސަބަބުން މިކަން ނުކުރެވޭ ނަމަ، މީހާ ޑިޕްރެސް ވާންފެށުން ގާތެވެ. އެހިސާބުން މޫޑު ހަރާބުވީ ނޫންތޯއެވެ.

ހަމައެފަދައިން ވާރެ ވެހޭ ދުވަހެއްގައި، ސައިކަލަށް އަރައިގެން ދާންޖެހޭ ތަނަކަށް ދެވޭއިރު ތެމުން ފަދަ ކަންކަމަކީ މީހާ ފޫހި ކުރުވާނެ ކަންކަމެވެ.

މޫސުމުގެ ސަބަބުން އިންސާނާގެ މޫޑަށް އަސަރުކުރާ އެތައް ކަމެއް ވެއެވެ. ސީދާ ހޯމޯންއަށް އަންނަ ބަދަލުތަކާއި ނުސީދާ ގޮތުން ވެސް ތިމާގެ މޫޑަށް މޫސުމުން އަސަރު ކުރުވައެވެ. އެހެންކަމުން ހޫނުކޮށް ހުރުމަށް އިސްކަންދޭށެވެ. އަދި މިފަދަ ވިއްސާރަ ދުވަސްކޮޅެއްގައި ބޭނުންވާ ހަކަތަ ލިބޭވަރަށް ފައިދާހުރި ކާނާވެސް ބޭނުން ކުރާށެވެ.

ނޯޓް: މިއީ ހެލްތު ގައިޑެންސް ގައި ސައިކޮލޮޖިސްޓެއް ލިޔެފައިވާ އާޓިކަލްއެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ އާޓިކަލް އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355