އައިފޯނާއި އައިޕެޑް ފަދަ އިލެކްޓްރޯނިކް ސާމާނު އުފައްދާ ކުންފުންޏަކުން ކާރެއް ވުޖޫދަށް ގެނައުމުގެ ހިޔާލެއް ގެންގުޅެފާނެކަމީ ގިނަ ބަޔަކު ވިސްނާފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެޕަލް ކުރިއަރައިގެން އައި ދުވަސްވަރު އެޕަލްގެ ކުރީގެ ސީއީއޯ ސްޓީވް ޖޮބްސް އެދުވަސްވަރު ކާރެއް އުފެއްދުމަށް ވިސްނިކަމަށްވެއެވެ. އެހެން ނަމަވެސް އޭނާގެ “ހުވަފެނީ އައި-ކާރު” ގެ ހިޔާލު އޭނާގެ މަރާއެކު ވަނީ ވަޅުލެވިފަ އެވެ.
ޓެކްނޮލޮޖީ ހަބަރުތައް ދިރާސާ ކުރާ ބައެއް ވެބްސައިޓް ތަކުގައި ތަފާތު މީހުން ހިޔާލާއި ފިކުރު ބޭނުންކޮށްގެން ސްޓީވް ޖޮބްސްގެ ވިސްނުން ސިފަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެޕަލްގެ ބޯޑު ޑައިރެކްޓަރެއް ވަނީ ސްޓީވްގެ މި ހުވަފެން ހިއްސާކުރަމުން އޭނާ އޮޓޯމޯބައިލް އިންޑަސްޓްރީ އަށް އިންގިލާބެއް ގެނައުމަށް ބޭނުންވިކަމަށް ބުނެފަ އެވެ.
އެހެންކަމުން ސްޓީވްގެ ހިޔާލު ކުރިއަރުވާ ހަގީގަތަކަށް ހެދުމަށް ކާރު ޑިޒައިނަރެއް ކަމަށްވާ ލިވިއު ޓުޑޯރަން ކިޔާ މީހަކު ވަނީ “އައި މޫވް” ނަމަކަށް ކިޔާ އެއްޗެއް އުފައްދާ 2020 ގައި މިފަދަ ކާރު ހުންނާނެ ކަމަށް ލަފާކޮށްފަ އެވެ. އެހެން ނަމަވެސް މިހިނގާ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެޕަލް އައި-ކާރު އަވަސް މުސްތަގްބަލެއްގައި ވުޖޫދަށް އަތުވެދާނެ ކަމުގެ ފެހި ސިގްނަލް އަނެއްކާވެސް ވަނީ ލިބިގެން ގޮސްފައެވެ.
މިގޮތުން ދާދިފަހުން ޝަންހާއީގައި ބޭއްވުނު އޮޓޯ ޝޯއެއްގައި މަޝްހޫރު ކާރު ކުންފުނި ވޮކްސްވޮގަން އިން ވަނީ އެފަދަ ކާރެއް ކަމުގައިވާ ބީޓްލް އާންމުންނަށް ދައްކާލާފައެވެ. މި އައި-ބީޓަލްގެ އާ ޑިޒައިނަކީ އެޕަލް އައިފޯނާއި އައިކާރާ ގުޅުވައިދޭ ޑިޒައިނެކެވެ. ކާރުގެ ޑޭޝްބޯޑުގައި އައިފޯނު ބެހެއްޓުމަށް ޑޮކިން ސްޓޭޝަނެއް ވަނީ ހަދާފައެވެ. ފޯނު މެދުވެރިކޮށް ކާރުގެ ނެވިގޭޝަންއާއި އޯޑިއޯސިސްޓަމް އާ ކުޅެވެއެވެ.
އެޕަލްގެ ބާނީގެ ހައިރާން ކުރުވަނިވި ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުންދާކަން މިކަމުން ދޭހަވެއެވެ.
ސްޓީވް ޖޮބްސް މަރުވެފައިވަނީ 2011 ވަނަ އަހަރު އުމުރުން 56 އަހަރުގައި ޕެންކްރިއޭސްއަށް ޖެހުނު ކެންސަރު ބައްޔެއްގައެވެ. ސްޓީވް މަޝްހޫރުވެފައިވަނީ ޑިޖިޓަލް ރިވޮލިއުޝަންގެ ބައްޕަގެ ގޮތުގައެވެ.