twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކަސްރަތު ކުރުމަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަމާ ހެއްޔެވެ؟

Jun 10, 2013

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ކައިބޮއެ ހަދަންޖެހޭ މީހެކެވެ. ގަވައިދުން ނިދަން ޖެހޭ މީހެކެވެ. ހިތްހަމަޖެހެން ބޭނުންވާ މީހެކެވެ. މިއިން ކޮންމެ ކަމަކީވެސް އިންސާނަކަށް ވީތީ ކޮންމެ މީހަކަށް ވެސް ޒަރޫރީ ބޭނުންތައް ކަމުގައި ބުނެވިދާނެ އެވެ. ހަމަ މިފަދައިން ރަނގަޅު ސިއްހަތެއްގައި ހުރުމަކީ ވެސް ތިމާގެ ދިރިއުޅުން އުޖާލާކުރުމަށް މުހިއްމު ކަމެކެވެ. އެހެންކަމުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމަކީ ދިރިއުޅުމުގެ ބަޔަކަށް ހެދުން އެއީ މުހިއްމު ކަމެކެވެ.

ކަސްރަތު ކުރަނީ ކޮން ބޭނުމަކު؟

ކަސްރަތު ކުރަނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށެވެ. ނަމަވެސް މިސުވާލު ވަކިވަކިން އެކި މީހުންނާ ކޮށްފިނަމަ ޖަވާބުތައް ތަފާތު ވާނެއެވެ. ބައެއް މީހުންނަށް ކަސްރަތު ކުރުމުގެ ހިޔާލު ބޮލަށް ވަންނަނީ ޒަވާޖީ ހަޔާތެއް ފެށުމަށް ބާއްވާ ޕާޓީގައި ލުމަށް ހެދުން ހޯދަން ފަށާ ހިސާބުންނެވެ. އަމާޒަކީ ރީތި ނަލަހެދުމެއްގައި ތިމާ ހުންނަ އިރު ތިމާގެ ބައްޓަންވެސް ރީތި ވުމެވެ. ކައިވެނީގެ ޕާޓީ ނިމުމުން، އެހިސާބުން ކަސްރަތު ކުރުން ހަނދާން ނެތެވެ.

ހަމަ މިފަދައިން ތިބާ ހާދަ ފަލަ ވެއްޖޭ މީހަކު ބުނެފި ނަމަ، ކަސްރަތު ކުރަން ފައްޓާނެ އެވެ. އެއްމަސް ދުވަސް ތެރޭ ތިން ކިލޯ ލުއި ކޮށްލުމަށްފަހު އަނެއްކާ ވެސް ފެންނަނީ ހުއްޓާލާތަނެވެ. ރައްޓެހިން ކަސްރަތު ކުރާތީ އެކަން ކުރަން ބޭނުންވާ މީހުން ވެސް ތިބޭނެ އެވެ. ނަމަވެސް އެމީހުން ކަސްރަތަށް ދިއުން ހުއްޓުމުން ތިމާއަށް ވެސް ހުއްޓާލެވެއެވެ.

ކަސްރަތު ކުރަނީ ކީއްވެތޯ ތިމާގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. މިދެންނެވި ފަދަ މަގުސަދުތަކުގައި ކަސްރަތު ކުރުމަކީ ވެސް ގޯސް ކަމެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް ތިމާ ދާންވީ މިސްރާބު ކަނޑައަޅާ ތިމާގެ އަމާޒަށް ވާސިލް ވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ އެވެ. އަދި އެޓާގެޓްތަކުގެ ތެރެއަށް ދިގުމުއްދަތުގެ ގޯލްއެއް އިތުރުކޮށްލާށެވެ. އެއީ މުޅި އުމުރުދުވަހު ރަނގަޅު ސިއްހަތެއްގައި ދެމި ހުރުމެވެ. އެއަމާޒަށް ވާސިލުވާން މަސައްކަތް ކުރަން ފަށައިފި ނަމަ، ކަސްރަތު ކުރުން ދިރިއުޅުމުގެ ބަޔަކަށް ހަދަން ޖެހޭނެ އެވެ. އެއީ އުނދަގޫ ކަމެއް ނޫނެވެ. ކޮޓަރީގައި ލަވައެއް ޖަހާ ނަށާލުމަކީ ވެސް ހަމަ ކަސްރަތު ކުރުމެވެ.

ރަނގަޅު ސިއްހަތެއްގައި ހުރުމަށް އަހަރެން ކުރަންވީ ކޮންކަހަލަ ކަސްރަތެއް؟

ކަސްރަތު ކުރުމޭ ހަމަ ބުނާއިރަށް ގިނަ މީހުންގެ ސިކުނޑިއަށް ވަންނަނީ ދުވާ ބޮޑެތި މެޝިންތަކާއި ބައިސްކަލުތައް އަދި އުފުލަން ގެންގުޅާ ބަރުތައް ހުންނަ ޖިމްތަކެވެ. ނުވަތަ ކޮންމެވެސް އެރޮބިކްސް ކުލާހެކެވެ. ކަސްރަތު ކުރާށޭ ބުނުމުން ކޮންމެހެން މިދެންނެވި ތަންތަނަށް ދާކަށް ނުޖެހެއެވެ. ވިސްނާލާށެވެ. އަހަރެމެންގެ ކާބަފައިންގެ ޒަމާނުގައި އެފަދަ ކަސްރަތު ކުރުމަށް ހާއްސަ ތަންތަން ހުރި ތޯއެވެ؟ މިފަދަ ތަންތަން ނެތްއިރުވެސް އަހަރެމެންގެ ތެރޭގައި ހަށިގަނޑު ރީތި މީހުން މަދެއް ނޫނެވެ. ގަވައިދުން ޖިމްއަށް ދާމީހަކަށް ވުރެ، ކޮންމެ ދުވަހަކު ބޮއްކުރައެއްގައި ފަލިޖަހާލާފައި ވެއްޔަށް ގޮސްއުޅޭ މީހެއްގެ ހަށިގަނޑު މާ ޗާލެވެ. ނަމަވެސް ހެލިފެލިވެ އުޅޭ މަސައްކަތެއް ކުރާ މީހެއް ނޫންނަމަ، ކަސްރަތު ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހެއެވެ.

ކަސްރަތު ކުރަން ކުރަންވީ ކިޔެއްތޯ މިއީ ވެސް އެކިމީހުންނަށް ތަފާތު ޖަވާބު ދެވޭނެ ސުވާލެކެވެ. އެކިމީހުން ކަސްރަތު ކުރާ ބޭނުންތައް ވެސް ތަފާތެވެ. މިސާލަކަށް ބޮޑީ ބިލްޑް ކުރަން ބޭނުންނަމަ، އެމީހާއަށް އެންމެ ރަނގަޅީ ރަނގަޅު އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުން ވެއިޓްލިފްޓިން ހެދުމަށް ޖިމްއަކަށް ދިއުމެވެ. ހަމަމިފަދައިން ފުޓުބޯޅަ ކުޅޭ މީހެއް ނަމަ، އެމީހާ ފިޓްކޮށް ހުރުމަށް ކޮންމެހެން ބޮޑީބިލްޑް ކުރާމީހެއް އުފުލާ ވަރުގެ ބަރުތަކެއް އުފުލާކަށް ނުޖެހެއެވެ. ހަމައެހެންމެ ފަލަވެގެން ހިކެން ބޭނުންވާ މީހާގެ ކަސްރަތު ވެސް ތަފާތު ވާނެއެވެ. އެރޮބިކްސް ކުލާސްތަކާއި ޒުމްބާ ކުލާސްތަކަކީ ވެސް ތަފާތު ބޭނުންތަކުގެ ކުލާސްތަކެވެ.

ބޭނުންވަނީ ހިތްވަރެކެވެ.

ފަލަ މީހެއް ހިކެން ބޭނުންނަމަ ހިތްވަރު ކުރަން ޖެހޭނެ އެވެ. ވެޑިންޑްރެސް އަށް ފިޓްވާން ބޭނުންނަމަވެސް ހަމަ އެ ހިތްވަރު ކުރަން ޖެހޭނެ އެވެ. ހަމަމިފަދައިން ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންވަނީ ވެސް ހިތްވަރެކެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ގަވައިދުން ކަސްރަތު ކުރަންޖެހެއެވެ. ކޮންމެ ދުވަހަކު ނޫނީ ހަފްތާއަކު ތިންދުވަހު ނަމަވެސް ގަވައިދުން ކަސްރަތައް ވަގުތު ދޭށެވެ. ކުލާހަކަށް ދާނަމަ، އެންމެ ދުވަހެއް ވެސް ވައްޓާނުލާ ކުލާހަށް ދާން އަޒުމް ކަނޑައަޅާށެވެ. ގޭގައި ކަސްރަތު ކުރާނަމަ، ކޮންމެ ދުވަހެއްގެ ވެސް އެވަގުތަކީ އެކަމަށް ހުސްކުރާ ވަގުތަކަށް ހަދާށެވެ. ދުވާ މެޝިން ގަނެ ގޭގައި ބަހައްޓައިފައި ހުއްޓަސް ތިމާގެ މަގުސަދެއް ހާސިލެއް ނުވާނެ އެވެ. އެޔަށް އަރާ ދުވަން ޖެހޭނެ އެވެ. ހިކޭނީ އޭރުންނެވެ. އެއީ ތުވާލި ހިއްކަންއަޅާ އެއްޗަކަށް ނުހައްދަވާށެވެ. އޭރުން ހިކޭނީ ތުވާއްޔެވެ. ތިމާ އެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355