twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (19)

Jun 11, 2013

ޖޫން 4 ވަނަ ދުވަހުގެ ބަޔާގުޅޭ

ސަލަފް ނިކުމެގެން ދިއުމުން އީރާ އެތެރެއަށް ވަންއިރު ޝާޔާ އިންގޮތް ފެނި އޭނާއަށް ކުޑަ ނުތަނަވަސްކަމެއް ލިބުނެވެ. ގޮނޑީގައި އިށީދެ ދުރުބަލަހައްޓައިގެން އިން ގޮތުން މިވަގުތު ޝާޔާގެ ސިކުނޑީގައި އެތައް ހާސް ޚިޔާލުތަކެއް ހަނގުރާމަ ކުރަމުންދާކަން ހާމަވެއެވެ. އީރާ ޝާޔާއަށް ދެފަހަރަކު ގޮވާލުމުންވެސް ޚަބަރެއް ނުވީތީ އެނދުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީދެ އަނީސާ އޮތް އެނދުގައި ބޯއަޅާލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ލޮލަށް ލިބިފައިހުރި ވަރުބަލިކަމަށް ލުއިކަމެއް ލިބޭނީ ނިދާލައިގެން ކަމަށްވާތީ އީރާ ބެލީ އެއޮތްގޮތަށް އޮވެ ނިދޭތޯއެވެ.

ޒަވީން ބެލްކަނީގައި އެކަނި ހުރެފައި ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ޒަވީންގެ ފޯނު ރިންގުވިއެވެ. ޖީބުން ފޯނު ނަގައި ބަލާލުމާއެކު ޒަވީންގެ މޫނުމަތިން ފެނުނު ހިތްހަމަނުޖެހުމުގެ ކުލަވަރު ހިނިތުންވުމަށް ބަދަލުވެގެން ދިޔައެވެ. ޑިސްޕްލޭއަށް އަރަމުން ދިޔަ ޔޫއާންގެ ނަން ފެނި އޭނާއަށް ހީވީ ހިތުގެ ހުރިހާ އުދާސްތަކެއް ބޭރުކޮށްލެވުނު ހެންނެވެ. ޔޫއާން އާއި ޒަވީން އަކީ ގާތް ދެއެކުވެރިން ކަމުގައިވިއަސް ޒަވީން އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކެއް ހާމައެއް ނުކުރެއެވެ.

“ހަލޯ.” ޒަވީން ފޯނު ނެގިއެވެ.

“ޒަވީން. އަހަރެން މިގުޅީ ޒަވީންގެ އެހީ ބޭނުންވާތީ. އަހަންނަށް އެނގޭ މިކަން ކުރެވޭނީ ޒަވީންއަށް ކަން.“ ޔޫއާން ބުނި އެއްޗެއްގެ ސަބަބުން ޒަވީންގެ ހިތުގައި ސުވާލު މާކު ތަކެއްޖެހުނެވެ. ޔޫއާން ބޭނުންވަނީ ކޮންކަހަލަ އެހީބާއެވެ؟

“އަހަރެން ކޮށްދޭންވީ ކޮންކަމެއް؟” ޒަވީން އަހާލިއެވެ.

“ޝާޔާގެ ފޯނު ނިވިފައި އޮތީމައި ނުގުޅިގެން މިއުޅެނީ. ދެރޭވެއްޖެ ޚަބަރެއް ނުވާތާ. މިކޮޅަށް އައިފަހުން އަދި ވާހަކަ ދެއްކިފައެއް ނެތް. ޒަވީން ޕްލީޒް. ބަލައިދީބަލަ ޝާޔާގެ ޚަބަރެއް ވޭތޯ. މާދަމާ އޮފީހަށް އަންނާނެއެއްނު. ޝާޔާ ކައިރީ ބުނެދޭތި އަހަންނާ ގުޅާށޭ.” ޔޫއާންގެ އަޑު ބަދަލުވެގެން ދިޔަކަން ޒަވީންއަށް ފާހަގަވިއެވެ.

ދުރުގައި ހުންނަން ޖެހުމުން ޔޫއާންއަށް ހީވަނީ ހަށިގަނޑުގައި ދިރުމެއްނެތްހެންނެވެ. އުފަލެއް އަރާމެއްނެތްހެންނެވެ. ރޭގަނޑުގެ ނިދިވަނީ ޝާޔާ އާ އެކުގައެވެ. ޝާޔާގެ ޚަބަރެއް ނުވާތީ ޔޫއާން އަކަށް ނުނިދެއެވެ. ކަންބޮޑުވެ ހާސްވަނީއެވެ. ޝާޔާއަށް ކަމެއްވެއްޖެ ކަމުގައި އެ ހިތް ގޮވަނީއެވެ.

“އަހަރެން ބަލާލާނަން. ކަންބޮޑުނުވާތި އަހަރެން މިހުރީ ޔޫއާންގެ ޚިދުމަތުގައި. ވެދާނެ އެއްނު އޭނާގެ ފޯނުގައި މައްސަލަޖެހުނީ ކަމަށް. މާދަމާ ބައްދަލުވީމައި އޮޅުންފިލާނެ.” ޒަވީންގެ ސަބަބުން ޔޫއާންއަށް ކުޑަ ހިންހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނީ ޝާޔާގެ އަޑު ޖެހިގެންނެވެ.

ޒަވީން ފޯނު ނިންމާލާފައި އެކޮޓަރިއަށް ވަންނަން ދިޔައިރު މާނާގެ އަޑު އިވެމުންދާތީ ބޭރުގައި މަޑުކޮށްލިއެވެ. ސުދާ ގޮތުގައި ހިފަހައްޓަމުން މާނާއަށް ރައްދު ދެމުން ދިޔައިރު މާނާ، ސުދާއަށް ނަޞޭޙަތް ދެމުން ދިޔައެވެ.

“ސުދާއަށް މަންމަ އަބަދުވެސް ނަޞޭޙަތް އެބަދެން. ޒަވީން އެވަރަށް ނަޞޭޙަތްދޭ. ސުދާ އަމިއްލައަށް ވިސްނައިގެންވިއަސް ރަނގަޅު ވާންވެއްޖެ. ސުދާ އަށް އެނގެންޖެހޭނެ ކައިވެނި ކުރިއިރު ސުދާ އަދާކުރަންޖެހޭ ޒިންމާތަކެއް ހުންނާނެކަން. އޭގެތެރެއިން ބައެއް ކަންތައްތަކީ ފިރިމީހާއަށްޓަކައި މަނާ ނުކުރެވޭ ކަންތައް. ސުދާ ޖެހޭނެ ޒަވީންގެ ކޮންމެ އަމުރަކަށް ބޯލަނބަން. ޒަވީން ހިތްހަމަޖައްސައިދެން. އަހަރެން ކިތައްމެ ރެއަކު ދެކެން ޒަވީން އެކަނި ނުނިދިގެން ބޭރުގައި ހުންނަތަން. ޒަވީން ކަހަލަ ރަނގަޅު ފިރިއަކާމެދު ތިހެން ކަންތައްކުރަން ހެޔޮވެސް ނުވާނެ. ޒަވީންގެ ކެއްތެރިކަން ކޮޅުންލައިގެން ގޮސް ސުދާ ދޫކޮށްފައި އެހެން ދިމާލަކަށް އެނބުރުމުން ނޫނީ އަހަންނަކަށް ހިއެއް ނުވޭ ސުދާއަށް ވިސްނޭނެހެންނެއް. އެދުވަހަކުން މަންމަ ޒަވީން ކުށްވެރިއެއް ނުކުރާނަން. އެދުވަހަކުން ސުދާ ދެރަވެގެން ރޯންވެސް ރޯނެ.” މާނާ ނަޞޭޙަތްދެމުން ދިޔައިރު ސުދާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

“ތި ނިމުނީ؟” މާނާ ހުއްޓާލުމާއެކު ސުދާ އަހާލީ ޖެއްސުމުގެ ރާގަކަށެވެ.

“އަހަރެން ހީކުރީ އަލިވިލެންދެން ތިހެން ކިޔާލަ ކިޔާލާ ކަމަށް ހުންނާނީ. އަޑުއަހަން ވަރަށް ފޫހި ވާހަކަތަކެއް ތިއީ. އަބަދު އެކައްޗެކޭ ތިކިޔަނީ. ޒަވީން ކެއްތެރިކަމުގެ ވާހަކަ ނޫނީ އަހަރެން އަޅާނުލާ ވާހަކަ. އިވި އިވި ބާވެފައި ހުރި ބަސްތަކެއް.“ ސުދާގެ ހަރުކަށިކަން ފެނި މާނާގެ ހިތަށް ކުރި އަސަރު ބޮޑެވެ. މާނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

“މަންމަ އެހެން އެއްޗެކޭ ކިޔާނީ ސުދާ މިކަން ރަނގަޅު ކުރި ދުވަހަކުން. ސުދާ ވިޔަފާރީގެ ރޮނގުން ކާމިޔާބު މީހަކަށް ވިއަސް ދިރިއުޅުމުގައި ތިއުޅެނީ ވަރަށް ފަހަތުގައި.” މާނާ ހިތްހަމަނުޖެހިފައި އެކޮޓަރިން ނިކުތެވެ. ޒަވީން ބޭރުގައި ހުރެފައި ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ.

ރޭގަނޑުގެ އަނދިރިކަން ފަހަނަ އަޅާ ގޮސް އާދުވަހަކަށް އިރުއެރީ ހިތްގައިމު ދުވަހެއްގެ ގޮތުގައެވެ. އާދައިގެ ވަރަކަށް ވައި ރޯޅި ޖެހިލާއިރު އުޑުމަތި ވަރަށް ސާފެވެ. ކަނޑުވެސް ހީވަނީ ނިދާފައި އޮތްހެންނެވެ. އަނީސާގެ ގާތުގައި ޑިއުޓީގައި ހުރި ޝާޔާއަށް އޮތީ އެނދުގައި ބޯއަޅާލިގޮތަށް ނިދިފައެވެ. މުޅި ހޮސްޕިޓަލުގެ ވޯޑުވެސް އޮތީ ހިމޭންވެފައެވެ. ނަރުސް ކުއްޖަކު އެތަނަށް އައިސް ވަދެލިއަސް ފިޔަވަޅު އަޅަނީ ބަލިމީހަކަށް އުދަނގޫނުވާހާ ސިއްރުންނެވެ.

އިންޖެކްޝަންގެ އަސަރު ކެޑެމުން ގޮސް އަނީސާއަށް ލޯ ހުޅުވައި ލެވުނީ ހަތެއްޖަހައި ބޮޑުވި ފަހުންނެވެ. ހެނދުނު ޑޮކްޓަރުން ބައްލަވަން އަންނަ ގަޑިއަކީ އަށެއްޖަހާއިރު ކަމަށްވާތީ އެވަގުތު އެ ވޯޑުގައި ތިބި ނަރުސްކުދިން ބަލިމީހުންގެ ފައިލުތައް ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެއެވެ. އަނީސާ އަށް އޮވެވުނު މާޙައުލާމެދު ނަޒަރު ހިންގާލެވުނެވެ. އެނދުގެ އެއްފަރާތުގައި ނިދިފައި އޮތް ޝާޔާގެ މޫނަށް ބަލާލެވުނު ހިނދު އަނީސާގެ ހިތް މަޑު ކަފަކޮޅެއްހެން މަޑުވެގެން ދިޔައެވެ. އަތްމަތީ ބޯއަޅާލައިގެން ނިދިފައި އޮތީ ވަރަށް މައުސޫމް ގޮތަކަށެވެ. އަނީސާ އެއްއަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. ޝާޔާ އާ ދިމާލަށް ގެންގޮސްފައި ވަކި ހިސާބަކުން ތިރިކޮށްލެވުނީ އެވަގުތު ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ. އޭނާއަށް ފެނުނު ތަސްވީރުތަކުގެ މަތިން ހަނދާންވުމުން ޝާޔާ ދެކެ ރުޅި އާދެވުނެވެ.

ވޯޑުތެރެއަށް ވަދެގެން އައި އީރާ ފެނުމުން އަނީސާ ހިނިތުންވެލިއެވެ. ހެނދުނުގެ ވަގުތުގައި އީރާ ފެނުނީ މިލާމޯޅިވެފައިވާ މަލެއްގެ ގޮތުގައެވެ. އަބަދުހެން ކުލަޖައްސާ އޮފްއަރުވާފައި ހުންނަ ތުންފަތްވަނީ ހިކިވެ ކުރަލާފައެވެ. ދެލޯވެސް ރަތެވެ.

“މަންމާ. ރަނގަޅުތަ؟” އީރާ ގަދަކަމުން ނަމަވެސް ހިނިތުންވެވޭތޯ ބެލިއެވެ.

“މަންމަ ރަނގަޅު. ދަރިފުޅު ގެއަށް ގޮސް ނުނިދާތަ ތިއައީ. ކޮލެޖަށް ދާން ނެތް ދުވަހަކީތަ؟” އަނީސާ އީރާގެ އަތުގައިހިފާލިއެވެ.

ކޮލެޖުގެ ނަން އިވުމުން އީރާ ގަދަކަމުން ގެންނަން އުޅުނު ހިނިތުންވުން މަތިންވެސް ހަނދާންނެތުނެވެ. ކޮލެޖަށް ނުދާތާ ކިތައްމެ ދުވަހެކެވެ. މިހާރު ވަކި ނުކުރާކަމެއްވެސް ނޭނގެއެވެ. އީރާ ބަސްހުއްޓިފައި އިރުކޮޅަކު ހުއްޓެވެ. ދޮގެއްހަދާލަން ޖެހިގެން ކަންބޮޑުވާ މިއީ ފުރަތަމަ ދުވަހެވެ.

“މިއަދު ނުދާންވެގެން އައީ. މަންމަ ގެއަށް ދޫކޮށްލީމައި ދާނަން. މަންމައަށް އެނގޭތަ ރޭގައި ސަލަފް މިތަނަށް އައި. ދޮންތަ އާއި ދެމީހުން ވަރަށް ގިނަ ވާހަކަ ދެއްކި.” އީރާއަށް ރޭގައި އިވުނު އެއްވެސް ވާހަކައެއް ހާމައެއްނުކުރެއެވެ.

“ސަލަފް އަކީ އަހަރެމެންނަށް ލިބުނު ނަސީބު. އެ ނަސީބުގައި ނުހިފި އުޅެނިކޮން ހީވަނީ ބީވެގެން ދަނީހެން.” އަނީސާ ބުނަން އުޅެނީ ކީކޭކަމެއް އީރާއަކަށް ނުވިސްނެއެވެ. އަނީސާއަށް ހީވަނީ ސަލަފް އާއި ޝާޔާގެ ކައިވެނީގެ ކަންތައް ހަމަނުޖެހި އުޅެނިކޮން ޝާޔާގެ ތަސްވީރު ތަކުގެ ސަބަބުން އެހުވަފެން ކުލަނުޖެހި ފަނޑުވަނީ ކަމުގައެވެ.

‘މަންމަ ފަޚުރުވެރިވާ ފަދަ ދަރިއަކަށް ޝާޔާ ނުވި.” އަނީސާ ދެލޯ ފެންކަޅިވިއެވެ. އީރާ އަނީސާގެ އަތުގައި ހިފަހައްޓާލި އެވެ.

“މަންމާ. އަހަރެން ވާހަކައެއް ބުނެފިނަމަ ޤަބޫލުކުރާނަންތަ؟” އީރާ އަހާލީ އަނީސާގެ މޫނަށް ބަލަން ހުރެއެވެ. އަނީސާ ބޯޖަހާލީ ޤަބޫލު ކުރަމޭ ބުނުމުގެ ގޮތުންނެވެ.

“މަންމަ އަބަދުވެސް ދޮންތަ އާ މެދު ފަޚުރުވެރިވޭ. ދޮންތަ އަށް ތައުރީފް ހައްޤުވާ ވަރަށް ގިނަ ސިފަތަކެއް ލިބިފައި ހުރޭ. މަންމައަށް ލިބުނު ތަސްވީރުތަކަކީ ގަސްތުގައި މީހަކު ދޮންތަގެ އަގުވައްޓާލަން ކުރިކަމެއް. އެމީހަކީ ކާކުކަން އެނގިއްޖެއޭ ސަލަފް ބުނި. ދޮންތަގެ އެއްވެސް ކުށެއްނުވާ މިކަމުގައި މަންމަގެ ނުރުހުމުގެ ސަބަބުން ދޮންތަ އަމިއްލަ ނަފްސު ކުށްވެރި ކުރޭ. މަންމަގެ ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ދޮންތަ ކަމުގައި ޤަބޫލުކުރޭ. މަންމައަށް އެނގޭނެ ދޮންތަ ދުވަހަކުވެސް ގޯސްކަމެއް ނުކުރާނެ. ދޮންތައަކީ މަންމަ އަބަދުވެސް ފަޚުރުވެރިވާ ދަރިއެއް. މަންމަ ދޮންތައާމެދު ހިތްހެޔޮކުރާތި.” އީރާއަށް އެނގިފައިވާ ގޮތަށް ކިޔައިދެމުން ދިޔައެވެ.

ހަޤީޤަތް އެނގުމުން އަނީސާގެ ހިތަށް ކުރި އަސަރު މާބޮޑެވެ. ފުރަތަމަ ފަހަރަށް ދަރިއަކާ ދިމާލަށް އަތް އިސްކުރެވުނީ އެއްވެސް ކުށެއް ނުކުރަނީހެވެ. އެންމެ ފަހަރަކު މަންމައެއްގެ ހައިސިއްޔަތުން ކަން ހިނގި ގޮތް އޮޅުން ފިލުވަން މަސައްކަތް ނުކުރެވުނީތީ ހިތާމަހުއްޓެވެ. އަނީސާ މަޑުމަޑުން ގިސްލަމުން ގޮސް އަޑުބާރުވަމުން ދިޔައެވެ. ނިދިފައި އޮތް ޝާޔާއަށް ހޭލެވުނީ ގިސްލުމުގެ އަޑަށެވެ.

އައިސްހުރި ނިދިތައް ފިލާ ދިޔައީ ކިހިނެއްކަމެއް ނޭނގެއެވެ. ޝާޔާގެ މޫނު ފެނުމުން އަނީސާ އަނެއްފަރާތަށް އެނބުރި އޮވެ ރޮމުން ދިޔައަޑު އިވެއެވެ.

“އީރާ މަންމަގެ ގާތުގައި އެއްޗެކޭ ކިއީތަ؟” ޝާޔާ ގޮސް އީރާގެ ކައިރީ ހުއްޓުނެވެ. އަނީސާއަށް ބަލަން އިން އީރާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

“މަންމައަށް ހުރިހާ އެއްޗެއް ކިޔައިދީފިން.” އީރާ ޝާޔާގެ މޫނަށް ބަލާލިއެވެ.

“މަންމަގެ ހާލު ރަނގަޅުވަންދެން މަޑުކޮށްނުލެވުނުތަ؟ ޑޮކްޓަރު ބުނުއްވި އެއްޗެހި އެންމެ ރަނގަޅަށް އީރާއަށް އެނގޭނެ. މަންމަ އިތުރަށް ހިތާމަކުރުން ނޫންކަމެއް ތި ހަޤީޤަތް އެނގިގެންނެއް ނުވާނެ.” ޝާޔާ ވާހަކަ ދެއްކީ ނުހަނު މަޑުން ކަމުގައިވިއަސް އަޑާއި ރާގުގައި ހަރުކަށިކަމެއް ހުއްޓެވެ.

“ބައެއް ސިއްރު ތަކަކީ ވަންހަނާވުމަށްވުރެ ހަޤީޤަތް އެނގުން ރަނގަޅު ކަންތައް. އަހަރެން ނޭދެން މަންމަ އާއި ދޮންތަގެ ދެމެދުގައި އަލިފާން ގަނޑެއް ރޯވެ އަނދާތަން ދެކޭކަށް. އަހަންނަށް ވީވަރަކުން މިކަން ހައްލު ކޮށްދެވުނީ ކަމުގައި އަހަރެން ދެކެން. ދޮންތަ މަންމަ އާ ވާހަކަ ދައްކަބަލަ.” އީރާ އެދުމުން ޝާޔާ އަނީސާ އާއި ކައިރިވެލިއެވެ.

“މަންމާ.” ޝާޔާ އަނީސާގެ އަތުގައި ހިފާލުމުން އަނީސާގެ އަޑު މެދުކެނޑުނެވެ. މެރިފައިވާ ދެލޯ ހުޅުވާލުމާއި އެކު ލޯތެރޭ ޖަމާވެފައި ހުރި ކަރުނަތައް ބަންޑުންވެ ގަތެވެ.

“މިކަމުގައި މަންމަ އަމިއްލަ ނަފްސު ކުށްވެރިކުރަން ނުހަދާ. އެއީ މަންމަގެ މަޤާމުގައި އެހެން މީހަކު ހުރިނަމަވެސް ކަންކުރާނެ ގޮތް. ކުށްވެރިވެ މަޢާފަށް އެދެންޖެހޭނީ އަހަރެން. އަހަރެން މަންމައާއި ހުރިހާ ކަމެއް ހިއްސާކުރިނަމަ މިހެންނެއް ނުވާނެ.” ޝާޔާ އިރުކޮޅަކަށް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަމުން ދެލޯ ފޮހެލިއެވެ.

“މަންމާ. އަހަންނަށް މަޢާފްކޮށްދީ.” ޝާޔާ ދެއަތުން އަނީސާގެ އަތުގައި ހިފާލިއެވެ. އަނީސާގެ މޫނުމަތި ހިނދުކޮޅަކަށް ނަމަވެސް އުޖާލާވެގެން ދިޔައެވެ. ސިއްރުން ނަމަވެސް ހިނިތުންވެލީ ހިތަށް ހަމަޖެހުން ލިބުނީތީއެވެ.

“ޝާޔާއަށް މަޢާފްކުރުން ހައްޤުކަން އަހަރެން ޤަބޫލުކުރަން. އެކަމަކު އަހަރެން ޖެހިލުންވާ އިތުރު ކަންތައްތަކެއް ހުރުމުން މަޢާފްކުރެވޭނީ ޝަރުތަކާ ލައިގެން. ދެވަނަ ފަހަރަށް މިކަން ތަކުރާރުވެއްޖެނަމަ ގެއްލޭނީ ޝާޔާގެ މުޅި މުސްތަޤުބަލް. ޝާޔާއަށް އެނގޭނެ އަންހެންކުއްޖެއްގެ އަނބުރާ އިއްޒަތާއި އިއްފަތްތެރިކަމަށްވުރެ އަގުބޮޑު އެހެން މުދަލެއް ނުވާނެކަން. މަންމަގެ އެދުމަކީ އަދި ވަސިއްޔަތަކީ ޝާޔާ ވީހާވެސް އަވަހަކަށް މީހަކާ އިނުން.“ އަނީސާ ދެލޯ ފޮހެލާފައި ވާހަކަ ދެއްކިއިރު އަޑުގައި ހިތާމައިގެ އެއްވެސް އަސަރެއް ނެތެވެ.

“ޝާޔާ ސަލަފް އާ އިންނަންވީ. އެކަމުން މޮޅު ލިބޭނީ އަހަރެމެން ތިންމައިންނަށް. ޝާޔާވެސް ބޭނުންވާނެ ކަންނޭނގެ ޝާޔާގެ މުޅި އާއިލާ ހިތްހަމަޖެހުމާއި އުފަލުގައި އުޅެން. އަދި އެއީ ޝާޔާގެ ސަބަބުން މެދުވެރިވާ ކަންތައްތަކެއްނަމަ ދެގުނަ ހިތްހަމަޖެހުން ލިބިގެންދާނެ. އަހަރެން ޝާޔާއަށް މަޖުބޫރެއް ނުކުރާނަން. އެކަމަކު ފިނި ސިކުނޑިއަކުން މިކަންތައްތަކާމެދު ވިސްނާލުން ބުއްދިވެރިކަމުގައި ދެކެން.“ އަނީސާ މައްޗަށް ބަލަން އޮވެފައި ފިނި ނޭވާއެއް ދޫކޮށްލިއިރު ޝާޔާގެ ސިކުނޑިވަނީ ގަނޑުވެފައެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355