ނަޒީހާ އަބްދުއްސައްތާރު / ހދ. ކުރިނބި
މައިން އެބައިމީހުންގެ ޅަ ދަރިން ގޮވައިގެން އަމާންކަމާއެކު މަގުމަތީގައި ހިތް އުފާ ކޮށް އުޅުނު ދުވަސްތައް މާޒީ ވެ ގޮސް ހަނދާނުން ފުހެވެން ފަށައިފި އެވެ. މަގުތަކާއި ހަތަރު އަނގޮޅިތައް ވަނީ ނާމާންވެ، މަސްތުވެފައި ތިބޭ ވަކަރުގޭ ކުދިންގެ ކިއްލާ އަކަށް ހަދާފަ އެވެ. އެބައެއްގެ އަވައްޓެރިންނަށާއި ރަޙްމަތްތެރިންނަށް އިތުބާރު ކުރި ޒަމާން ވިއްސި ވިހާލިވެ ފުރާނަ ފަދައިން ލޯބިވާ ދަރިންނަށް ވެސް އިތުބާރު ނުކުރެވޭ ފެންވަރަށް އިންސާނުންގެ އަޚްލާޤް ދަށަށް ގޮސްފައިވާ މި ޒަމާނުގައި މި ދުނިޔެ ތަރައްގީވެ ތަހުޒީބު ވަމުން ދާ ވާހަކަ ދައްކާތީ ހައިރާން ވަމެވެ. ހަމައެކަނި މި ދިވެހިރާއްޖޭގެ މަސްރަހަށް ބަލައިލި ނަމަވެސް ފެންނަމުން ދަނީ ނާތަހުޒީބީ އަމަލުތައް ގިނަވެ ހައްދު ފަހަނަ އަޅައިފައި ވާ ތަނެވެ.
ނަމާދުވަގުތު ޖެހުމާއެކު މިސްކިތްތައް ތޮއްޖެހި ބާރުވަމުން ދިޔަ ޒަމާނެއް މުސްކުޅިންގެ ހަނދާނުގައި ވާއިރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ ނަމާދު ވަގުތަކީ ކޮބައިކަން ވެސް ނޭނގޭ މުސްލިމު ދަރިންތައް މަގުމަތީގައި ގިނަވަމުން ދާ ތަނެވެ. އިސްލާމްދީނާއި މެދު މުސްލިމުންގެ ހިތުގައިވާ ލޯބި ފަނޑުވެ މުސްލިމް މުޖްތަމައުގެ ތެރެއިން މި ދީނުގެ އަދުއްވުން އުފަންވެ އެ މީހުންގެ ލާދީނީ ޚިޔާލުތައް ސޯޝަލް މީޑިއާތަކުގައި ދިވެހިން ޤަދަރުކުރާ ދިވެހި ބަހުން ފަތުރަން ފަށައިފި އެވެ. ލޮބުވެތި އުޚްތުންނާއި މުޚާތަބު ކުރަނީ ބެރެކި ރައިވަރަށްވުރެ ވެސް ހުތުރު ބަސްމަގުންނެވެ.
ދަރިޔަކު ދީނާމެދު ފަރުވާ ކުޑަކޮށް މަގު ގެއްލި ދިޔަޔަސް އިސްލާމްދީނުގައިވާ އުސޫލުން އެ ދަރިފުޅަށް އަދަބު ދެވޭކަށް ނެތެވެ. އޭރުން އެ ދަރިފުޅުގެ ހައްޤު ތަކެއް ގެއްލޭ ކަމަށް ބުނާ ބަޔަކުވެސް އެބަ އުޅެއެވެ. ހައްދުންނައްޓާފައިވާ ޖަރީމާތައް ހިންގާ ކުށެއްނެތް ނިކަމެތީން ގެ ހަށިގަނޑާ ފުރާނަ ވަކިކުރަމުންދާ މީހާއަށް ހައްޤު އަދަބެއް ނުދެވެއެވެ. އިސްލާމްދީން ގެނެސްދެއްވި ޤާނޫނު ކަމުނުގޮސް އަމިއްލައަށް ހަދައިފައިވާ ޤާނޫނުތަކުގެ އިމަށް ނުފެތޭތީއެވެ. ޙައްޤު ޙިމާޔަތްކުރުމުގެ ނަމުގައި ތައްޔާރު ކޮށް ތަޝްދީދު ކުރަމުންދާ ބިލް ތަކުގެ އަތްތަކުން އެތައް ބައެއްގެ އެތައް ޙައްޤަކުން އެއްފަހަރާ މަޙްރޫމް ކުރުވައިފި އެވެ. ފިކުރީ ހަނގުރާމައިގެ އޮއިގައި މުސްލިމުން ޖެހި ޣަރަޣު ވެއްޖެއެވެ. އިންސާނުންގެ ތެރެއިން ފެންނަމުންދަނީ ޖަންގަލީގެ ޖަނަވާރުންގެ އުސޫލެވެ. އަޅުގަނޑުމެން ތަހުޒީބު މާނަ ކުރަނީ މި ގޮތައްތޯއެވެ؟
ފުޅާވެ ތަރައްޤީވަމުން އަންނަ ޓެކްނޮލޮޖީގެ ބޭނުންހިފަނީ ރޭވުންތެރިކަމާއެކުއެވެ. އެޑިޓްކުރެވިފައިވާ ފޮތޯތައް މަޝްހޫރު ކޮށް އަބުރާއި އިއްޒަތް ވެއްޔާ މޮޑެލަނީ ރަޙުމެއް ކުލުނެއް ނެތި އެވެ. ކުށް ކުރާ މީހާގެ އައްޑަނަ އަކީ “ތީ އެޑިޓް ފޮޓޯ އެކޭ ” ބުނެލާ ބަހެވެ. ފޭސްބުކާއި ޓުވިޓާ ފަދަ ތަންތާގައި މީސް މީހުންގެ ނަމުގައި އެކައުންޓްތައް ހުޅުވައި ތިމާއަށް ނުވެސް އެނގި ހުއްޓައި ބޮލުގައި ތުހުމަތު ތައް އެޅެނީ މަދު ފަހަރަކު ނޫނެވެ. ކޮމެންޓްގެ ޒުވާބުގެ ވަރުގަދަ އޮއިގައި ޖެހި އަޚްވަންތަކަމުގެ ގުޅުމަށްވެސް ބުރޫއަރަން ފަށައިފި އެވެ. ވަކި މީހަކު ރުޅިއަރުވާލުމަށްޓަކާ ލިޔެ ޝާއިޢު ކުރެވޭ ރިޕޯޓްތަކުގެ ނަތީޖާގެ ހިތި ރަހަ ދިވެހިންވެސް ދަނީ އިންސާފު ކުރަމުން ނެވެ.
ހުޅަނގުގެ ފެޝަން ސްޓައިލް ތަކަށް އަދުގެ މުސްލިމް ޅަދަރިން ބޯލަނބައި ކާބަފައިންގެ ރިވެތި އަޚްލާޤީ އުސޫލުތައް ކަޓު އެއްޗަކަށް ހަދައިފި އެވެ. މަގުމަތީ ސިނގިރޭޓު ބުރި ހިފައިގެން ބިއްޖެހިފައި ތިބުން މޮޅު ކަމަކަށް ހަދައިފި އެވެ. މައިން ބަފައިންގެ އުޅުމަށް ފާޑު ކިޔައި އެ މީހުން ކަޓު ޚިޔާލުތައް ގެންގުޅޭ ކަމަށް ބުނެ އެ މީހުންނާއެކު ވަގުތު ހޭދަ ކުރަން ލަދުގަންނަ ދަރިންތަކެއް އިތުރު ވެއްޖެ އެވެ. އަމިއްލައެދުންތައް ޙާސިލް ކުރުމަށްޓަކައި އެނގި ތިބެ އާއި ނޭނގި ތިބެ ޙަރާމް ޙަލާލު އޮޅުވަން ވާހަކަ ދެކެވޭ މުޖްތަމައު އަކަށް މި މުޖްތަމައު ވެއްޖެ އެވެ.
ފެންނަމުންދަނީ ރިޝްވަތު ދޭތަނާއި ރިޝްވަތުގައި ހިއްޕަވާތަނެވެ. ރައްޔިތުންގެ ހިމާޔަތުގައި ރުކުރުވާލެވިފައިވާ މިނިވަން މުއައްސަސާތަކުގެ ސަފުތަކާއި މެދު ސުވާލު އުފެއްދުމުގެ މަގު ތަނަވަސްވެ ފަހިވެފައި ވަނިކޮށެވެ. ސަރުކާރާއި ދެކޮޅަށް ރައްޔިތުން ތެދުވާތަނެވެ.
ރައްޔިތުންގެ މެދުގައި ކުލައިގެ ހަނގުރާމަ ފެށި ލޭ އޮހޮރޭތަނެވެ. ޒިންމާދާރު ބޭބޭފުޅުން ބޮޑެތި އެއްވުން ތަކުގައި އަޑު ހަރުކޮށް ހުތުރު ބަސް ވިދާޅުވެ ޅަ ދަރިންނަށް ނަމޫނާ ދައްކަވާ މަންޒަރެވެ. ގަދަރު ހުރި މާލަންތަކުގެ ޤަދަރު ވެއްޔާ މޮޑެވި އެ ތަންތާގެ ޙުރުމަތްކަނޑައި ބަނޑުމުސާރައަށް ބައްދަވާތަނެވެ. މަޤާމާއި ހަމައަށް ވާސިލް ވެވުމުން ވެ ވަޑައިގަންނަވާ ވައުދުތަކުގެ ހަނދުމަ ނެތި ކުޑަމިނުން މަޤާމުގެ ވާޖިބު ވެސް އަދާ ނުކުރެވި ވާތަނެވެ.
މިއީ އެ ވިދާޅުވާ ތަހުޒީބުގެ ނިޝާން ތައް ތޯ އެބަ ސުވާލު އުފެދެއެވެ.