twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (20)

Jun 19, 2013

ޖޫން 11 ވަނަ ދުވަހުގެ ބަޔާގުޅޭ

އަނީސާ މައްޗަށް ބަލަން އޮވެފައި ފިނި ނޭވާއެއް ދޫކޮށްލިއިރު ޝާޔާގެ ސިކުނޑިވަނީ ގަނޑުވެފައެވެ. އަނީސާ ދުލަށް ފަސޭހަ ކޮށްލާފައި ބޭރުކުރި ކޮންމެ ލަފްޒެއް ހީވަނީ ރުވާފައިވާ ތީރުތަކެއް ހެންނެވެ. ހިތް ޒަޚަމްކޮށްލިއިރު އޭގެ އަސަރު ފެނުނީ ދެލޮލުންނެވެ. އިތުރަށް ހިތްވަރު ކުރާނެ ވަރު ނެތުމުން މޫނުގައި އަތްއަޅާފައި ރޮވުނީ ތަންކޮޅެއް ބާރަށެވެ.

މި ދުނިޔޭގައި ނަޞީބުވެރިން މަދެވެ. އަލަތު ލޯބިވެރިޔާ އާއި ކައިވެނީގެ ގޮތުން ގުޅުމުގެ ނަޞީބުވެސް ލިބެނީ މަދު މީހަކަށެވެ. އެކި މަޖުބޫރުތަކުން އިތުރު ފަރާތަކާ ގުޅެން ޖެހޭ އަންހެންކުދިން މަދެއް ނޫނެވެ. އެހެން ނަމަވެސް ޝާޔާއަށް ކުރިމަތިވި ހާލަތު ތަފާތެވެ. އަނީސާއަށް ޔޫއާން އާއި ޝާޔާގެ ގުޅުން ގޮސްފައި އޮތް ހިސާބު އެނގިހުރެ ސަލަފް އާ ކައިވެނި ކުރަން ބުނަން ކެރުނުކަމީ ޝާޔާ އާ މެދު ނުވިސްނާކަމުގެ ހެއްކެކެވެ. ސަލަފްގެ އަންހެނުންގެ ގޮތުގައި އެއްގެއެއްގައި ޔޫއާންގެ ކުރިމަތީ އޭނާ އުޅޭނީ ކޮން މޫނަކާއިގެން ބާއެވެ؟

“ނޫން. އަހަންނަށް ތިގޮތާމެދު އެއްބަހެއް ނުވެވޭނެ. މަންމަ މަޢާފްކުރިއަސް ނުކުރިއަސް އަހަރެންގެ ފަރުވާލެއް ނެތް.” ޝާޔާ މޫނުން އަތްނަގާފައި ވާހަކަ ދެއްކިއިރު އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.

“ޝާޔާ. ތިއީ ޝާޔާގެ ނިންމުން ކަމުގައި ވާނަމަ އަހަރެންގެ ނިންމުންވެސް އަޑުއަހާ. އަހަންނާ ދެކޮޅަށް ޝާޔާ ގޮތުގައި ހުންނަން ބޭނުން ނަމަ އަހަރެން ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ. އަހަރެން މަރުވިއަސް މޫނުދެކެން އައިސްގެންވެސް ނުވާނެ. ހަމަމިހާރު މިތަނުން ދޭ.“ އަނީސާ ހަރުކަށިކަމާއެކު ބުނެލާފައި މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ޝާޔާގެ ހިތާއި ސިކުނޑިއަށް މިފަހަރު ކުރި އަސަރު ބޮޑެވެ.

ދުލުން ބަހެއް ނުބުނެވުނުތަނުގައި ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށްވެސް ހުއްޓުމެއް އައެވެ. އެތަނުގައި ހިމޭންވެފައި އީރާއަށް ހުރެވުނީ އެއްޗެއް ބުނަން ނޭނގިފައެވެ. ޝާޔާއަށް ހިތްވަރު ދޭންވީކަމެއް ނޫނީ މަންމައަށް ނަޞޭހަތްދޭންވީ ކަމެއް އޭނާއަކަށް ނުނިންމުނެވެ. ލޯކުރިމަތީގައި ފެންނަ މަންޒަރުތަކަކީ ހުވަފެނުންވެސް ފެނިދާނެކަމަށް އުއްމީދު ކުރި ކަންތައްތަކެއް ނޫނެވެ. އޭނާގެ ލޯބިވާ މަންމަ އެހާ އަމިއްލަ އެދުން ބޮޑުވީ ކޮންއިރަކު ބާއެވެ؟

“އަދިވެސް ނުގޮސް އެބަހުރިންތަ؟ އަހަރެން މިބުނީނު މިތަނުން ދާށޭ.” އަނީސާ ބަލައިވެސް ނުލާ އަމުރުކޮށްލުމުން ޝާޔާ ބޭރަށް ދާން ހިނގައިގަތީ ދެލޯ ފޮހެލަމުންނެވެ.

ކާރު މަޑުކުރުމުން ސުދާ އާއި ހަނާ އެތެރެއަށް ވަނީ އެކުއެކީގައެވެ. ކައުންޓަރުގައި އިން ރިޝްފާއަށް ސުދާ ފެނުމުން އަދަބު އަދާކުރުމުގެ ގޮތުން ތެދުވެލާފައި ހެނދުނުގެ ބާއްޖެވެރިކަމަށް އެދެމޭ ބުނެލީ ހިނިތުންވެލަމުންނެވެ.

“ހަނާ. ސަލަފް ބުނުއްވި ކެބިންއަށް ވަދެލާށޭ.” ރިޝްފާ ހަނާއަށް ބަލާފައި ބުނެލިއެވެ.

“ޝާޔާ ނެތުމުން އެ މަޤާމުގެ ފަޅުކަން އިޙްޞާސްވީ ކަންނޭނގެ.” ހަނާ އެއްލޯމަރާލަމުން ސުދާއަށް ބަލައިލީ ހިނިތުންވުމަކާ އެކުގައެވެ. ހަނާ އެތެރެއަށް ދާން ހިނގައިގަތުމުން ސުދާ ވިސްނަން ހުރެފައި ހަނާ ގެ ފަހަތުން ގޮސް ސަލަފްގެ ކެބިންއަށް ވަނެވެ. އިސްޖަހާލައިގެން އިން ސަލަފްއަށް ދޮރު ހުޅުވުނު ވަގުތު ބަލާލެވުނެވެ. އެކުއެކީގައިހެން ވަން ސުދާ އާއި ހަނާ ފެނުމުން ސަލަފް ގޮނޑި ފަހަތަށް ޖައްސާލުމަށްފަހު ވަތްގަނޑު ސިޓީ އުރައެއްނެގިއެވެ.

“މިއީ ވަޒީފާއިން ވަކިކުރި ޗިޓް. މިއަދު މުސާރަ ޖަމާކޮށްދޭނަން.” ސަލަފްގެ ފަރާތުން ލިބުނީ ހިތި ޚަބަރަށް ވުރެ ހިތިކަން ގަދަ ޚަބަރެކެވެ. ހަނާ ޗިޓްގައި ހިފަމުން ސުދާގެ މޫނަށް ބަލާލިއިރު ބިރުންގޮސް ރޮވޭގޮތްވެއްޖެއެވެ.

“ސަލަފް މިއީ ކީއްވެގެން ނިންމި ނިންމުމެއްކަން ބުނެދީފާނަންތަ؟” ސުދާ ހިތްހަމަނުޖެހުނެވެ.

“އަހަރެން ނުބުނެދިނަސް ސުދާއަށް ހުރިހާ ކަމެއް އެނގޭނެ. އަހަރެން ވިސްނި ވިސްނުމުގައި ހަނާ ކޮންމެ ކަމެއް ކުރިއަސް އެކަމުގެ ފަހަތުގައި ހިތްވަރުދޭން ހުންނަ މީހަކީ ތިއީ. އަހަރެންގެ ރަނގަޅުކަމުން ހަމައެކަނި ވަޒީފާއިން ވަކިކުރީ. ބޭނުންނަމަ އަހަންނަށް ހަނާ އާއި ދެކޮޅަށް ދައުވާ ކުރެވިދާނެ. އަހަރެންގެ އޮފީހަށް ހުއްދަ ނެތި ބަޔަކު ވެއްދިކަމުގެ ދައުވާ. ޝާޔާގެ އަނބުރު ނަގާލިކަމުގެ ދައުވާ. އަހަރެން އެންމެ ޚައިރާންވަނީ ސުދާ އެކަމުގެ ފަހަތުގައި ހުރީތީ.“ ސަލަފް. ސުދާގެ މޫނަށް ބަލާލިއިރު އެ ދެލޮލުގައިވަނީ ރުޅިވެރިކަމެވެ.

“ތިއީ ހުސް ދޮގު ތުހުމަތުތަކެއް. ސަލަފްއަށް ހަނާ ވަކިކުރުމުގެ ހައްޤެއް ނޯންނާނެ. ހަނާއަށް ވަޒީފާ ދިނީ އަހަރެން. އަހަރެން ވަކިކުރި ދުވަހަކުން ނޫނީ ހަނާ ވަތްކެއް ނުވާނެ.” ސުދާ އައި ރުޅީގައި މޭޒާ ކައިރިވެ ދެއަތުން ޖަހާލިއިރު ހީވަނީ މޭޒު ފުނޑުކޮށްލަފާނެހެންނެވެ.

“އަދިވެސް ހަޤީޤަތް ފޮރުވަންތަ ތިއުޅެނީ. އަހަންނަށް ހުރިހާ އެއްޗެއް އެނގޭ. އަދި ބުނަން މިއީ އަހަރެންގެ އޮފީސް. އަހަރެންގެ ނަމުގައި އޮންނަ އަމިއްލަ ތަނެއް. މިތަނުގައި ހިނގާނީ ހަމައެކަނި އަހަރެންގެ އަމުރު. ސުދާއަށް ހުރިހާ ކަމެއް ނިންމަން ހުއްދަ ދިނުމުގެ މާނައަކީ މިތަނުން ހިއްސާއެއް ދިނުމެއް ނޫން. ހަނާ ވަޒީފާއިން ވަކިކުރީ ސަބަބެއް ނެތިއެއް ނޫން. އަދި އޭނާ ކުށެއް ނުކުރަނީހެއް ނޫން. ސުދާ ހިތްހަމަޖެހުނަސް ނުޖެހުނަސް އަހަރެންގެ ނިންމުން ދެން ބަދަލެއް ނުވާނެ.“

“މިތަން ހަމައެކަނި ސަލަފްގެ ތަނަކަށް ބަދަލުވީ ކޮންއިރަކު؟“ ސުދާ ކުރި ސުވާލުން ސަލަފްގެ އަނގަ ބަންދުވިއެވެ. ބުނެވުނީ ކިހާވަރެއްގެ އެއްޗެއްކަން އެނގުމުން ނިތްކުރީގައި އަތްޖައްސާލެވުނެވެ.

“މިތަން ސަލަފްގެ އަމިއްލަ ތަނަކަށްވާންވީ ކީއްވެ؟” ސުދާ އަނެއްކާވެސް އަހާލިއެވެ. ސުދާ އާއި ސަލަފްގެ މެދުގައި އަމިއްލަ ވާހަކަތައް ދެކެވެން ފެށުމުން ޗިޓް ހިފައިގެން ހަނާ ނިކުތީ ބޭރަށެވެ. ސަލަފް ގޮނޑީގައި ލެނގިލައިގެން ހަމަޖެހިލިއެވެ.

“ބައްޕަ ލިޔެފައި އޮތީ މިތަނާއި މުދާތައް ހަމައެކަނި އަހަރެންގެ ނަމުގައި. އެކަމަކު އަހަރެން ވަކީލަކާއި ވާހަކަ ދައްކައިގެން ތިންބެއިންނަށް ހަމަހަމަވާގޮތަށް ބަހާލަދެން މިދެނީ އެދެމުން. ކޯޓުގައި މައްސަލަ ނުބެލިފައި އެއޮތީ ޔޫއާންގެ ސަބަބުން. ޔޫއާން ބޭނުމެއް ނޫން ބައްޕަގެ މުދަލުން އެންމެ މިންވަރެއްވެސް.” ސަލަފްގެ ރުޅި މަޑުވިއެވެ. ސުދާވެސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ސަލަފްގެ މޫނަށް ބަލާލެވުނު ހިނދު ސަލަފް ކަންބޮޑުވެފައި އިން ގޮތް ފެނިފައި ސުދާ ކަންބޮޑުވިއެވެ.

“އޭނަ ބޭނުން ނުވާ އެއްޗެއް އޭނާގެ ބޮލުގައި އަޅުވަނީ ކީއްކުރަން. އަހަރެމެން ދެމީހުންގެ މައްޗަށް ހަމަހަމައަށް ބަހާލަންވީނު.” ސުދާ މިވަގުތުވެސް ވިސްނީ ހަމައެކަނި އަމިއްލަ ފައިދާއަށެވެ. ސަލަފް ސުދާގެ މޫނަށް ބަލާލުމަށްފަހު އިސްޖަހާލިއެވެ.

“ނޫން. އަހަރެން ބޭނުން އާއިލާ ތެރޭ އަހަރެމެން އެންމެން ހަމަހަމަވާން. އެންމެންގެ ގުޅުން ބަދަހިވާން. ޔޫއާންގެ މިޒާޖު ތަފާތު ވިއަސް އެއީ އަހަރެމެންގެ ކޮއްކޮ.“ ސަލަފް ބުނި ވާހަކަ އާ ސުދާއަށް އެއްބަހެއް ނުވެވުނެވެ.

“ބައްޕަ އިންކާރު ކުރައްވާފައިވާ ކަމެއް އަހަރެން ކިހިނެއް އެކްސެޕްޓް ކުރާނި. ސަބަބެއް އޮވެގެންނު ބައްޕަ ޔޫއާން އަކީ ދަރިއެއްކަން އިންކާރު ކުރީ. ސަބަބެއް އޮވެގެންނު ބައްޕަގެ މުދަލުން އޭނާ އެކަހެރިކުރީ.“ ސުދާ ބުނެލިއެވެ. އޭގެ ރައްދުގައި ސަލަފް ބުނި ޖުމްލައިން ސުދާގެ ކަންފަތް ހީވީ ފަޅައިގެން ދިޔަހެންނެވެ. އަނގަމަތީ އަތްއަޅާލެވުނުވެސް މެއެވެ.

“ވެދާނެ އެހެން ސަބަބެއް އޮވެގެންކަމަށް ސުދާވެސް އެކަހެރި ކުރީ؟”

“ސަލަފް އެހެން ބުނުމުން އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސުދާ ހިމޭންވެފައި އިރުކޮޅަކު އިނުމަށްފަހު އެތަނުން ނިކުމެ ކެބިންއަށް ވަންއިރު އެތަނުގައި ހަނާ އިންތަން ފެނުމުން އިސްޖަހާލީ ހަނާއަށް އެހީވެވެން ނެތިގެންނެވެ.

“އައި އެމް ސޮރީ. އައި ކާންޓް ހެލްޕު ޔޫ.” ސުދާ އެކެބިން އިން ނިކުމެފައި އެހެން ބުނެލީ ވަރަށް މަޑުންނެވެ.

“ނޫން ސުދާ. މިކަމުގައި ސުދާ އެހީނުވާނަމަ ދެން އެހީވާނީ ކާކު. އަހަރެން ހުރިހާ ކަމެއް ކުރީ ސުދާއަށް އެހީތެރިވުމުގެ ގޮތުން.” ހަނާ ކަންބޮޑުވިއެވެ.

ކުރެވެނީ ގޯސްކަމެއްކަން އެނގިހުރެ ހުރިހާ ކަމެއް ކުރީ އެކަމުގެ ނަތީޖާއަކަށް މޮޅުތަކެއް ލިބޭނެކަމަށް އުއްމީދު ކުރެވުނީތީއެވެ. ކޮއްކޮގެ ވަޒީފާ އާއި ސުދާއަށް އެހީތެރިވެގެން ލާރިގަނޑެއް އަތުޖެހޭނެކަމަށް ހީކޮށެވެ. ކޮންމެ ނުބައި ކަމެއްގެ ނިމުން އަންނާނީ ހިތިކޮންކަން ވިސްނައިވެސް ނުލެވުނެވެ.

“އައި ނޯ. އެކަމަކު މިފަހަރު އަހަންނަކަށް ނެތް އެހީވެވޭކަށް. ހަނާއަށް އިތުރު ތަނަކުން ވަޒީފާއެއް ހަމަޖައްސައިދެވޭތޯ އަހަރެން ބަލާނަން. ވަޒީފާއަކަށް ދެވެންދެން މި ފައިސާކޮޅުން ހަމަޖައްސާލާ.” ސުދާ ޗެކެއްނަގައި އޭގައި ޖަހާލީ އެންމެ ތިންހާސް ރުފިޔާއެވެ. ހަނާ އޭގައި ހިފުމަށްފަހު އެތަނުން ނިކުމެގެން ދިޔައިރު ޒަވީން އެތެރެއަށް ވަންނަނީއެވެ.

ޒަވީން ފުރަތަމަވެސް ބަލައިލީ ހާޟިރީއަށެވެ. ޝާޔާ އޮފީހަށް ނާންނާތީ ރިޝްފާ ކައިރީ އަހާލުމުން ޝާޔާ ވަޒީފާއިން ވަކިވެއްޖެކަމަށް ބުނުމުން ލިބުނީ ސިހުމެކެވެ. ޔޫއާން ބުނާފަދައިން ކަންތައްގަނޑެއް އެބައުޅެއެވެ. ވަޒީފާއިން ވަކިވީ އޮފީހުގައި އެދުވަހު ހިނގި ކަންތައް ތަކުގެ ސަބަބުންކަން ވިސްނާލުމުން ހާމަވެގެން ދިޔައެވެ. ޒަވީންއަށް ނުވިސްނުނީ އެކަމާއި ގުޅިގެން ޝާޔާ. ޔޫއާން އާއި ގުޅުން ކަނޑާލަންޖެހޭނެ ސަބަބެވެ. ޒަވީން ނިންމީ އޮފީސް ނިމިގެން ގެއަށް ދަމުން ޝާޔާގެ ގެއަށް ވަދެލުމެވެ.

ސަލަފް ފައިލުތަކެއް ބަލަމުން ދަނިކޮން ފޯނަށް މިސްކޯލެއް އައެވެ. ފޯނު ބަލާލާފައި އެއީ އަނީސާގެ ކޯލެއްކަން އެނގުމުން އަވަހަށް ތެދުވެ ކެބިންގެ ދޮރު ތަޅުލުމަށްފަހު އައިސް ގޮނޑީގައި ހަމަޖެހިލަމުން އަވަހަށް ގުޅާލިއެވެ.

“ރަނގަޅުތަ ހުރިހާ ކަމެއްވެސް.” ސަލަފް ހީލިއިރު އެ މޫނުމަތިން އިތުރު އެހެން ކުލައެއް ފެނުނެވެ.

“އެއްވެސް ކަމެއް ރަނގަޅެއް ނޫން. މިތަނުގައި ހުރި ޑޮކްޓަރު ދެންމެ ބަލާފައި އެދިޔައީ ދޫކޮށްލާ ވާހަކަ ބުނެފައި. ޝާޔާ އެއްބަސްވަންދެން އަހަރެން މިތަނުގައި ބާއްވަން ކިއެއްތަ؟” އަނީސާ ދަތްކުނޑި ވިކައިގަތެވެ.

“ސަލަފް. އަހަންނަކަށް ހިއެއް ނުވޭ މިވަރަކުން އަދި ޝާޔާ އެއްބަސްވާނެހެންނެއް. އަހަރެން މަޖުބޫރު ކުރީމާވެސް އޭނަ އެދިޔައީ އިންކާރު ކޮށްފައި.“ އަނީސާ ވާހަކަ ދެއްކީ މަޑުންނެވެ. އީރާ ބޭސްނަގަން ފޮނުވާލުމަށްފަހު އަވަހަށް ސަލަފްގެ ފޯނަށް ގުޅާލީ މިވާހަކަ ދައްކަންވެގެންނެވެ.

“އަނީސައްތަ ގެއަށް ދިއުން ކަންނޭނގެ ރަނގަޅުވާނީވެސް. ފުރާނައަށް ނުރައްކާވާ ކަހަލަ ކަމެއް ހުރިނަމައެއްނު ތިތަނުގައި ބޭއްވޭނީވެސް. އަޅާނުލާ. އޭނާއަށް އެއްބަސްވުން ނޫން ގޮތެއް ނޯންނާނެ. އަހަރެން އިތުރު ކަމެއް ކުރާނަން. ޝާޔާ ރައްޓެހިވެގެން އުޅެނީ ކޮންކުއްޖަކާތަ؟ އަހަންނަށް ހީވަނީ ފުރަތަމަ އެކުއްޖާ ކަންނޭނގެ ދުރަށް ލާންވީ.” ސަލަފް އެހެން އަހާލުމުން ސަލަފްއަށް ޔޫއާން އާއި ޝާޔާ އާ ބެހޭގޮތުން އެއްޗެއް ނޭނގޭކަން އެނގުނެވެ.

އަނީސާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. ސަލަފްއަށް އެނގިއްޖެނަމަ ޔޫއާން އާއި ޝާޔާގެ ދެމެދަށް ނުވަދެ ހިނގައިދާނެއެވެ. އޭރުން އަތުގައި ހިފަން އުޅޭ ނަޞީބު ގެއްލިގެން ދިއުން ނޫން ކަމެއް ނުވާނެއެވެ.

“ނޭނގެ އެއްގޮތަކަށްވެސް. އެ ކުއްޖާ އާ ގުޅުމެއް ނެތް މިހާރަކު. ޝާޔާ އެހުރީ ހުސްކޮށް. ޝާޔާ ޖެހިލުންވަނީ އަހަރެމެންނާ ވަކިން އުޅެންޖެހޭނެތީ.” އަނީސާ ހަޤީޤަތް ފޮރުވާލީ ގަސްތުގައެވެ.

ދުރުން ފިޔަވަޅުގެ އަޑު އިވުމުން އަނީސާ ސަލަފްއަށް އިޝާރާތެއް ދިނުމަށްފަހު ފޯނު ބޭއްވިއެވެ. އީރާ ބޭސްކޮތަޅު ހިފައިގެން އައިސްވަނީ އަނީސާއަށް ލޯމަރާލެވުނު ތަނާއެވެ. ގެއަށް ދާން ހުއްދަ ދީފައި ވުމުން އީރާ ގެއަށް ދިއުމަށް ތައްޔާރުވަމުން ދިޔައެވެ. ނަރުސް ކުއްޖަކު އައިސް ކެނިއުލާ ނައްޓާލައިދިނުމުން އީރާ ޓެކްސީއަކަށް ގުޅާލިއެވެ.

ޓެކްސީ ގޭދޮރުމަތީގައި ހުއްޓުމުން އަނީސާ އާއި އީރާ ފޭބިއެވެ. އަނީސާ ބަލިގޮތަކަށް ހިނގާފައި ގެއަށް ވަދެ އަރާމުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން އީރާ އަނީސާ ވެއްދީ އަނީސާގެ ކޮޓަރިއަށެވެ. އެނދުގައި ބާއްވައިދީ ރަޖާއަޅާލަދިނުމަށްފަހު ކޮޓަރިން ނިކުމެ ޝާޔާގެ ކޮޓަރިއަށް ވަންއިރު ގިސްލުމުގެ އަޑުން އެތަން ގުގުމަމުން ދިޔައެވެ. އެނދުގައި ބަންޑުން އޮވެ ބައެއް ފަހަރު ބާރަށްވެސް ރޮއެވެ. އީރާ އައިސް އެނދުގައި އިށީންނަމުން ޝާޔާގެ ބޮލާއި ބުރަކަށީގައި ފިރުމާލަ ދިނެވެ. ޝާޔާ ރުއިން މެދުކަނޑާލާފައި ބަލާލިއިރު އީރާކަން އެނގުމުން ތެދުވެފައި އީރާގެ ގައިގައި އޮޅުލައިގަނެވުނެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355