ނިދަން އޮންނަ ގޮތަކީ ތިމާގެ ޝަހުސިއްޔަތު ދެނެގަނެވިދާނެ ގޮތެކެވެ. އިނގިރޭސިވިލާތުގެސްލީޕް އެސެސްމެންޓް އެންޑް އެޑްވައިޒަރީ ސާވިސް އިން ކުރި ދިރާސާ އަކުން ދައްކާގޮތުން އާއްމުގޮތެއްގައި މީހުން ނިދަން އޮންނަ ހަ ގޮތެއްވެއެވެ. 1000 ބައިވެރިން ބޭނުންކޮށްގެން ކުރި މި ދިރާސާ އިން ތަފާތު ހޯދުންތައް ވަނީ ހޯދިފަ އެވެ.
ބަންޑުން އޮތުން
ބާލީހުގެ ކުރިއަށް އަތް ގެނެސް ބަންޑުން އޮންނަ މީހުންނަކީ ބޭރުފުށުން ގޮތްދައްކާ ރުޅި އިސްކޮށް ކަންކަމުގައި ތިމާގެ ހަރުކަށިގޮތް އެހެން މީހުންނަށް ދައްކާ މީހުންނެވެ. އެހެން ނަމަވެސް ކަމެއް ދިމާވެއްޖެނަމަ މިގޮތަށް އޮވެ ނިދާ މީހުން ހާސްވާލެއް އަވަސް ކަމަށް މި ދިރާސާ އިން ދައްކައެވެ. “ފްރީ ފޯލް” ނުވަތަ ބަންޑުން އޮވެ ނިދުމުގައި ތިމާގެ މޫނު ވަތަށް އޮތުމުގެ ސަބަބުން މި ގޮތަކީ ހަޖަމު ކުރުމަށް ކުރިއެރުން ލިބިދޭ ގޮތެއްވެސް މެއެވެ.
އެއްފަރާތަކަށް ފައި ކުރުކޮށްގެން އޮވެ ނިދުން
“ދަ ފީޓަސް” ނުވަތަ އެއް އަތް މައްޗަށް އޮވެ ނިދުމަކީ މި ދިރާސާގައި ޓެސްޓްކުރެވުނު 1000 މީހުންގެ ތެރެއިން 41 އިންސައްތަ މީހުން ނިދާ ގޮތެވެ. މި ބާވަތުގެ މީހުންނަކީ ތިމާގެ ބޮޑުކަން ބޭރުފުށަށް ދެއްކި ކަމުގައި ވީނަމަވެސް ލަދުރަކި ހިތް މަޑު ބައެކެވެ. ވައަތް މައްޗަށްއޮވެ ނިދުމަކީ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ކަމަށްވާ ފުއްޕާމެއާއި، މެއަށްކުރާ ބާރު ކުޑަވާ ކަމެކެވެ.
އެއްފަރާތަކަށް އަތް ގަޔާ ކައިރިކޮށްގެން އޮވެ ނިދުން
“ލޮގް” ނުވަތަ އެއްފަރާތަކަށް އަތް ގަޔާކައިރިކޮށްގެން ނިދާ މީހުންނަކީ މުޖްތަމައުގައި ކުރާ ކަންތައްތަކުގައި ބައިވެރިވާ މީހުންކަމަށް މިދިރާސާއިން ދައްކައެވެ. ފެންނަ ކޮންމެ މީހަކަށް އިތުބާރު ކުރުމަކީ މިމީހުންގެ ކިބައިގާ ހުންނަ ސިފައަކަށްވީއިރު ފަސޭހައިން ހައްދާލާ “ޅޮސް އުނދޯއްޔަށް” ވެސް މިބާވަތުގެ މީހުން އެރުވޭނެއެވެ. މިގޮތަކީ ހަށިގަނޑު ތެދަށް އޮންނާނެ ގޮތެއްކަމުން ބުރަކަށިގައި ރިހުމުން ދުރުކޮށްދެއެވެ.
އެއްފަރާތަކަށް ގަޔާ އަތް ދުރުކޮށްގެން އޮވެ ނިދުން
ތިމާގެ ހަށިގަނޑު ތެދުކޮށް އެއްފަރާތަކަށް އެނބުރިގެން އަތް ގަޔާއި ދުރުކޮށް ނިދާމީހުންނަކީ ގިނަ އާ ކަންތައްތައް ހޯދުމުގައި ކުޅަދާނަ ބައެކެވެ. ޖާސޫސް ކުރުންފަދަ ކަންކަމުގައި ސިކުނޑި އަވަހަށް މަސައްކަތް ކުރި ނަމަވެސް މިފަދަ މީހުންނަށް ކަންކަމުގައި “ގޮތެއް” ނިންމަން ވަރަށް ގިނަވަގުތު ބޭނުންވެއެވެ. އެހެންނަމަވެސް ގިނަ ވަގުތު ބޭނުން ކޮށްގެން ނިންމާ ނިންމުމުގެ ސަބަބުން މިފަދަ މީހުން ފަހުން ހިތާމައެއް ނުކުރެއެވެ. “ޔާނާސް” ނުވަތަ އަތް ގަޔާއި ދުރުކޮށްގެން އޮވެ ނިދުމަކީ އެކި ބާވަތުގެ އެސިޑްތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމެކެވެ.
އުއްޑުން އަތް ފުޅާކޮށްގެން އޮވެ ނިދުން
ތިމާގެ އަތް ފުޅާކޮށްގެން އުއްޑުން އޮވެ ނިދާ މީހުންނަކީ އާއްމުގޮތެއްގައި މަޑުމައިތިރި ބައެކެވެ. “ސޯލްޖާ” އެއް ފަދައިން މިގޮތަށް ނިދާ މީހުންނަކީ އެހެން މީހުންނަށްޓަކައި ވަރަށް މުހިއްމު ކަންތައްތައް ރާވާ، އެމީހުންގެ ފަރާތުން ކަންކަމަށް އުއްމީދުކުރާ ބައެކެވެ. މިގޮތަށް އޮވެ ނިދުމަކީ ގުގުރި ދެމޭ ގޮތެއް ނަމަވެސް އެކަމަކީ ތިމާ އަށް ނޭނގި ނަމަވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
އުއްޑުން ތިމާގެ އަތް ބޮލުން މައްޗަށް ނަގައިގެން އޮވެ ނިދުން
މިފަދައިން އޮވެ ނިދާއިރު ވައްތަރު ވާނީ “ސްޓާ ފިޝް” އަކާއެވެ. މިގޮތަށް ނިދާ މީހުންނަކީ އެހެން މީހުންގެ ވާހަކަތައް އަޑުއަހާ ގުޅުންތައް ހަރުދަނާ ކުރުމަށް އިސްކަންދޭ ބައެކެވެ. މީހުންނަށް އެހީތެރިވެދީ އުޅޭ މިބާވަތުގެ މީހުންނަކީ ވެސް ގުގުރި ދަމާނެ މީހުންނެވެ. އެހެން ނަމަވެސް މިމީހުންނަށް ނިދުމުގައި ނޭވާގެ މައްސަލަތައް ކުރިމަތިވުމަކީ ގާތް ކަމެކެވެ.
މަތީގައި ބުނެވިދިޔައީ އެކި މީހުން ނިދާ ގޮތްތަކެކެވެ. މިހާހިސާބުން ތިމާ ނިދަން އޮންނަ ގޮތާ ތިމާގެ ޝަހުސިއްޔަތާ އަޅާކިޔާލާށެވެ.