twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (21)

Jun 25, 2013

ޖޫން 18 ވަނަ ދުވަހުގެ ބަޔާގުޅޭ

ޝާޔާ އީރާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ވިއްސަކަށް މިނެޓް ރޯލި އެވެ. އީރާއަށް އެ ހުރިހާ އިރު އިނދެވުނީ ހިތްވަރުދޭންވެސް ނުކެރިފައެވެ. ޝާޔާ ރޯތަން ފެނި އޭނާގެ ހިތަށް ކުރި އަސަރު އެހާ ބޮޑެވެ. އެކަމުގެ ހެކި އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދައްކުވައިދެ އެވެ. އީރާ ހިތްވަރުކޮށްފައި ޝާޔާއަށް ނަސޭހަތް ދިނެވެ.

”ދޮންތަ ޖެހޭނެ ހިތްވަރު ކުރަން. މަންމައަށް އަދި ވިސްނޭނެ. އަހަންނަށް ޔަޤީން މަންމަ އަކީ އެހާ ހިތްހަރު މީހެއް ނޫންކަން. މަންމަ އެގޮތަށް މަޖުބޫރު ކުރީމައި ދޮންތަ ވާނެ ދެރަ އެބަ އިހްސާސްކުރެވޭ. ދޮންތަ ފުރާނަ ފަދައިން ލޯބިވާ ކުއްޖާ ދޫކޮށްލާށޭ ބުނާއިރު މަންމައަށް އެނގޭނެ ކަންނޭނގެ އެއީ ވަރަށް އުދަނގޫކަމެއްކަން.” އީރާ ޝާޔާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލައިދިނެވެ.

”ދޮންތަ ޔޫއާންއަށް ގުޅާފައި ބުނަން ވީނުން މިގެއަށް އައިސް މަންމަ އާއި ވާހަކަ ދައްކާށޭ. ޔޫއާން ކައިވެނިކުރާ ވާހަކަ ދެއްކުމުން މަންމަ ހަމަޖެހިދާނެ. އަހަންނަށް ހީވާގޮތުން މަންމަ ވިސްނަނީ އެ ފޮޓޯތަކަށްފަހު ދޮންތަ އާއި އިންނާނެ މީހަކު ނުވެދާނެތީހެން.” އީރާ ދިން ޚިޔާލުން ޝާޔާގެ އުއްމީދުތައް އާވެގެން ދިޔައެވެ. ޝާޔާ ފޯނު ކޮބައިތޯ ބަލާލުމުގެ ގޮތުން ކޮޓަރި ތެރެއަށް ނަޒަރެއް ހިންގާލިއެވެ. ޑްރެންސިން ޓޭބަލް މަތީ އޮތް ފޯނު ނަގައި ބަލާލި އިރު ބޭރު ނަންބަރަކުން އައިސްފައިވާ ބައިވަރު ކޯލްތަކެއް މިސްވެފައި ހުއްޓެވެ. ބޭރުން ގުޅަން ހުރި ފަރާތަކީ ހަމައެކަނި ޔުއާން ކަމުން، ޔޫއާން ގުޅިއިރު ފޯނު ނުނެގުނީތީ ޝާޔާ ދެރަވިއެވެ.

”ގުޅާލަބަލަ. ޔޫއާން ހުންނާނީ ތިޔަ ކޯލްގެ އިންތިޒާރުގައި.” އީރާ އައިސް ކައިރީގައި ހުއްޓެމުން ބޮލުގެ އިޝާރާތުން އަންގާލީ ގުޅާށެވެ. ޝާޔާ ގުޅަން ހިތަށް އަރާފައިވެސް ޑައިލް ނުކޮށް އެންމެ ފަހުން ފޯނު ބޭއްވި އެވެ.

”އަހަރެން ވަރުބަލިވެއްޖެ. އަހަންނަށް ގޮތެއް ނުނިންމުނު. އަހަރެން ހިތަށް އަރާ އަހަރެން ބުރަ ވާންވީ އަމިއްލަ އުފަލަށް ބާއޭ ނޫނީ މަންމަގެ ރުހުމުގެ މައްޗަށް ބާއޭ. އީރާ، މަންމަ އަހަންނާއި ނުރުހިފައިވަނިކޮން މަރުވެއްޖެ ނަމަ އަހަންނަށް ޖަންނަތު ލިބުމެއް ނެތް. އެވަރުގެ ކަމެއް އަހަރެން ކުރާނީ ކިހިނެއް؟ ދުނިޔޭގައި ހުރި ހަމައެކަނި ފަރާތަކީ އެއީ. މަންމަ އެދުމަށް ދެކޮޅު ހަދާފައި ގޮސް އަހަންނަށް ކިހިނެއް އުފަލުގައި އުޅެވޭނީ.” ޝާޔާގެ އަޑު މަޑުވަމުން ގޮސް މަޑުވިއެވެ. މަޑުހިނގުމެއްގައި އައިސް އެނދުގައި އިށީން ވަގުތު އެއްޗެއް ބުނަން އުޅުނުހެން އީރާއަށް ހީވިއެވެ. ޝާޔާ ތުންފަތުގައި ތުރު ތުރު އެޅުމެއް ހުއްޓެވެ. ހިތު ތެރޭ ޝަކުވާ އެތައް ހާސް ލަފްޒެއް އެނބުރެމުން ދިޔަ ނަމަވެސް ދުލާއި ހަމަޔަށް ޖުމްލަތަކެއްގެ ސިފައިގައި ގެންނަންވީ އުދަނގުލަކަށެވެ.

”އަހަންނަކުން އެނގޭނީ އަހަރެން ޔުއާން ދެކެ ލޯބިވާ މިންވަރު. އަހަރެން ޔޫއާން ދެކެ އިންތިހާއަށް ލޯބިވަން. އިންސާނަކު އަނެއް އިންސާނަކު ދެކެ ލޯބިވާ އެންމެ މަތީ ދަރަޖައަށް. ޔޫއާން އާއި ނުލާ ދިރުމެއް ނެތްފަދަ. އުފަލެއް ހަމަޖެހުމެއް ނެތް ފަދަ. މަންމައަށްޓަކައި ދިރިހުރެ މަރުވެފައިވާ އިންސާނެއް ފަދައިން އަހަރެން އުޅޭނީ ކިހިނެއް؟” ޝާޔާގެ ދެލޯ ފެންކަޅިވެ ކަރުނަތައް ބަންޑުންވަމުން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ޝާޔާ އިރުކޮޅަކަށް ވާހަކަދެއްކުން ހުއްޓާލިއިރު އެތަނުގައިވަނީ މަރު ހިމޭންކަމެވެ. އީރާ ޝާޔާއަށް ބަލާލިއިރު ޝާޔާ އިނީ އިސްޖަހާލައިގެންނެވެ. އީރާ ކުރިމަތީ ނުރޯން ހިތްވަރު ކުރާކަށް އެނގެއެވެ. ރުއިމުގެ އަޑު ބޭރު ވެދާނެތީ އޭނާ އިނީ ތިރީތުންފަތުގައި ބާރަށް ދަތްއަޅާލައިގެންނެވެ. ގިނައިރު ރުއިމުގެ ސަބަބުން މޫނުމަތިން ވަނީ ތާޒާކަން ގެއްލި މިލާފައެވެ.

ސަލަފް ގޮނޑީގައި ލެނގިލައިގެން އިނީ ފުންވިސްނުމެއްގައެވެ. ކަނާތުން ހިފަހައްޓައިގެން ހުރި ގަލަން ވަނީ ދަތްދޮޅީގައި ޖައްސާލެވިފައެވެ. މަސައްކަތް ކުރާ ހިތްނެތިފައި ވިސްނުމަކަށް ގެއްލިފައި އިނދެވެނީ އަނީސާ ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. ސަލަފް ލޯބިވާ ވާހަކަ އާއި ޝާޔާ އާއި ގުޅެން ބޭނުންވާކަން ޝާޔާއަށްވަނީ ކުރިންވެސް އެންގިފައެވެ. އަނީސާގެ ރުހުން އެ ކައިވެންޏަށް ވަނީ ލިބިފައެވެ. ހަމައެކަނި އޮތް ހުރަހަކީ ޝާޔާ އިންކާރުކުރުމެވެ.

ސަލަފްގެ މާޒީގައި ހިނގި ހިތްދަތި ދުވަސްތަކަށްފަހު ދިރިއުޅުންމަތިން ފޫހިވެފައި ވަނިކޮން ދިރުމެއް ގެނެސްދިން ފަރާތަކީ ޝާޔާއެވެ. ޝާޔާ ފުރަތަމަ ފެނިލުންވެސް އޭނާއަށް ޚާއްސަވީ ކީއްވެކަމެއް ނޭނގެއެވެ. އެވަގުތުން ފެށިގެން އޭނާގެ ހިތް ބާރުއަޅަމުން ދަނީ ކޮންމެ އަގެއް ދީފައި ނަމަވެސް ޝާޔާ ހާސިލްކުރުމަށެވެ.

ސަލަފް ވިސްނުމެއްގައި އިނދެފައި ފޯނު ނަގައި މީހަކަށް ގުޅުމަށްފަހު ކަންތައްގަނޑެއް ރާވާލިއެވެ.

”މިފަހަރު މިއީ އެންމެ ފަހު ރޭވުންގަނޑު. މި ފަހަރު ނުވެއްޖެނަމަ އަހަރެން ޤަބޫލުކުރާނަން އަހަންނަކީ ދިރިއުޅުމުގައި ވަރަށް ނާކާމިޔާބު މީހެއްކަމުގައި. ” ސަލަފް ހިތާއި ހިތުން ބުނެލިއެވެ. އަދި ހިތާއި ހިތުން ހުރިހާ ކަމެއްވެސް ރަނގަޅަށް ދިއުމަށް އެދި ދުޢާ ކުރެވުނެވެ.

ޒަވީން އަށް އޮފީސް ނިމިގެން ގެއަށް ދެވުނީ ތަންކޮޅެއް ލަސްވި ފަހުންނެވެ. ޒަވީން ގެއަށް ވަންއިރު ސޯފާގައި އިން މާނާ ދިޔައީ ފޯނުން ޔޫއާން އާއި ވާހަކަ ދައްކަމުންނެވެ. ޒަވީން ފެނުމުން ފޯނު ތިރިކޮށްލުމަށްފަހު މާނާ އަތުން ޒަވީންއަށް ކައިރިއަށް އަންނާށޭ ބުނާ ފަދަ ގޮތަކަށް އިޝާރަތްކޮށްލިއެވެ.

”ޒަވީން ޔޫއާން އާއި ވާހަކަ ދައްކަބަލަ. ޔޫއާން ނަތީޖާ ނުލިބެނީސް މިކޮޅަށް އަންނަ ވާހަކަ އެބަ ދައްކާ. ނަތީޖާ ފާޅުކުރީމައި އަންނަން މަޑުކުރާށޭ ބުނެބަލަ. ޒަވީން ބުނީމައި ޤަބޫލުކުރާނެ.” މާނާ އަތުގައި އޮތް ފޯނު ޒަވީންއަށް ދިއްކޮށްލިއެވެ. ޒަވީން ފޯނު ކަންފަތުގައި ޖަހައިގެން ބެލްކަންޏާއި ދިމާއަށް ހިނގައިގަތުމުން މާނާ ގޮސް ވަނީ ބަދިގެއަށް ސައި ތައްޔާރުކުރާށެވެ.

”އަހަންނަށް މިވަގުތު ނަތީޖާއަށްވުރެ މުހިއްމު ޝާޔާއަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުން. ޒަވީން. ޝާޔާ ފޯނު ނުނަގަނީ ކީއްވެގެންތޯ ބެލިއްޖެތަ؟ އޮފީސް ނިންމާފައި ތިއައީ އެގެއަށް ނުވަދެތަ؟” ޔޫއާންގެ ސުވާލުތަކުން ޒަވީން ނުތަނަވަސްކުރިއެވެ. އޮފީސް ތެރޭގައި ހިނގި އެއްވެސް ކަމެއް ޔޫއާން އަށް ނޭނގޭކަން ޒަވީންއަށް ޔަޤީނެވެ. އެވަގުތު ޒަވީންގެ ސިކުނޑީގައި އުފެދުނު ދެބަސްވުން ތަކަކީ ޔޫއާންއަށް ކިޔައިދޭންވީ ބާއޭ ނޫނީ ނޫންބާއެވެ.

”އަހަރެން މިދަނީ ކަންތައް ބަލަމުން. ޝާޔާ އޮފީހުން ވަކިވި ކަމުގެ ސިޓީ އެއް އެބައޮތް ލިބިފައި. އޭގައި ނެތް ސަބަބެއް ލިޔެފައެއް. ހަވީރު އޮފީހަށް އައި މަގުމަތީގައި މި އާދެވުނީ ހަނދާންނެތިގެން އެގެއަށް ނުވަދެވި. ޔޫއާން. ކަންބޮޑުނުވައްޗޭ. އަހަރެން މިހުރީނު. ޝާޔާގެ ހުރިހާ ކަމެއް އަހަރެން ބަލާނަން. މިރޭގެ ވަގުތެއްގައި އެގެއަށް ދާނަން.” ޒަވީން އެކަން ސިއްރު ކުރީ ޔޫއާން ދުރުގައި ހުރީތީއެވެ.

”ވަޒީފާއިން ކެނޑެންޖެހުނު ސަބަބެއް އޮންނާނެއެއްނު. ޝާޔާ ނޫނީ އާމްދަނީ ލިބޭ މީހަކު އެގެއަކު ނުހުންނާނެ. ޒަވީން. އަހަރެން އެބަ ހިތައް އަރާ ވަޒީފާއިން ވަކިވުމާއި އަހަންނާއި ދުރުވުމާއި ގުޅުމެއް ނެތްބާއޭ. ޒަވީންއަކަށް ހިއެއް ނުވޭތަ؟ ” ޔޫއާން ވިސްނާގޮތަށް ޒަވީންވެސް އެބަ ވިސްނައެވެ. އެ ސުވާލު ޒަވީންގެ ސިކުނޑީގައި އެނބުރެމުންދާތާ ވަގުތުކޮޅެއް ވެއްޖެއެވެ.

”އެއްވެސް އެއްޗެއް ބުނާކަށް ނޭނގޭ. މިކަންތަކާއި ހެދި ޔޫއާންގެ ކިޔެވުމް މެދު ކަނޑާލާ ނުލާތި. އަނެއްކޮޅުން ނަތީޖާ ނުލިބެނީސް މިކޮޅަށް އަންނަ ވާހަކަ ބުނެފިނަމަ ސަލަފް ހިތްހަމައެއް ނުޖެހޭނެ. ޔޫއާންއަށް އެނގޭނެ. ޔޫއާންއަށް ކިޔަވައިދޭން ސަލަފް ކުރާ ހިތްވަރު. ޔޫއާން ޖެހޭނެ ކިޔެވުމަށް އިސްކަންދޭން.” ޒަވީން ފޯނުގައި ހުރެ އެނބުރުނު ވަގުތު ސުދާ ބޭރުން އައިސް ކޮޓަރިއަށް ވަންނަތަން ފެނުނެވެ.

”އަހަރެން އެއްވެސް ކަމެއް ކުރާހިތެއް ނުވޭ. މުޅިން މޫޑީވެފައި ހުރެވެނީ. މިކޮޅަށް އައީ އަންނަން ބޭނުންވެގެންނެއް ނޫން. އަހަންނަށް ވަރަށް އުދަނގޫ ޝާޔާ އާއި ދުރުގައި ހުންނަން. އަދި ވަކިން މިހެން ދިމާވުމުން ކުޑަކޮންވެސް ހުންނަ ހިތެއް ނުވޭ. ކިޔެވުމަށް ސަމާލުކަމެއް ނުދެވޭ.” ޔޫއާންގެ އަޑުގައި ހިތްދަތިކަމެއް ވެއެވެ. ޒަވީން ޔޫއާންއަށް ހިތްވަރު ދީފައި ހުރިހާ ކަމެއްވެސް މާތް ﷲގެ އިރާދަފުޅުން ރަނގަޅުވާނެއޭ ބުނެލިއެވެ. ޒަވީން އެ ކޯލު ނިންމާލާފައި މާނާއަށް ފޯނު ހަވާލު ކުރުމަށްފަހު ކޮޓަރިއަށް ވަންއިރު ސުދާ ފެންވަރައިގެން ނިކުމެ ރީތިވަނީއެވެ.

”ޒަވީން މިހާއިރު ވީއިރު ތައްޔާރުނުވެ. އަހަރެން ހީކުރީ އަހަންނަށްވުރެ ކުރިން އައިމައި ހުންނާނީ ތައްޔާރުވެ ނިމިފައި ކަމަށް. ލޯންޗު ފުރާގަޑިއަށް ނުދެވިއްޖެނަމަ ވަރަށް އުދަނގޫވާނެ.” ސުދާ ލޯގަނޑުން ކޮޓަރި ތެރެއަށް ވަން ޒަވީންއަށް ބަލާލަމުން ވާހަކަ ދެއްކީ ވަރަށް އާދައިގެ ގޮތަކަށެވެ. މީގެ ދެދުވަސްކުރިން ދެމަފިރިން ކަމަކާއި ދެބަސްވި ފަހުން މި ނޫނީ އަދި ވާހަކައެއް ނުދައްކައެވެ.

”ކޮންތާކަށް ދާން.” ޒަވީން ކަންނެތްގޮތަކަށް އެނދުގައި އެއް އަތް ބޯދޮށުލައިގެން އޮށޯވެލިއެވެ.

”އަހަރެންގެ ރައްޓެއްސެއްގެ ވެޑިންއެއް އެބައޮތް ރިސޯރޓްގައި. އެތަނަށް ދާން. އެމީހުން އިންވައިޓްކޮށްފައި މިއަދު ވަރަށް ގުޅާލި. ސުދާ ކޮންމެހެންވެސް އަންނަން ވާނެއޭ ޒީދާ ބުނި. ޒަވީންއަށް އެނގެއެއްނު. ޒީދާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާކަން. އޭނާގެ ވެޑިން އަހަރެން މިސް ކޮށްލާނެތަ؟ އަހަރެންވެސް އޮފީސް ނިންމި ގޮތަށް ދިޔައީ ފިހާރައަށް. ރަނގަޅު ހަދިޔާއެއް ގަންނަން.” ސުދާ ރީތިވަމުން ވާހަކަ ދެއްކިއެވެ.

ރަތްކުލައިގެ މެކްސީ ސުދާގެ ރަންކުލަ އަރާ ހަށިގަނޑާއި ވަރަށް ގުޅެއެވެ. ކަނދުރާ ކިރިޔާ ނިވާވާރަށް ކޮށާލެވިފައިވާ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި ވުމުން ހެދުމާއި ގުޅޭކަމަށް ދައްކައެވެ. ރަތްކުލައިގެ މޭކަޕުން ތުންފަތް ފަވާލި މަންޒަރު ބަލަން ޒަވީންއަށް އޮވެވުނެވެ. ގަހަނާ ފޮށި ނަގައި ހެދުމާއިގުޅޭ ގަހަނާތައް ނަގައި ޑްރެސިން ޓޭބަލް މަތީ އަތުރާލުމަށްފަހު ގަހަނާއިން ޒީނަތްތެރި ވެ ނިމުނު އިރު ސުދާ ހީވަނީ ކައިވެންޏަކަށް ތައްޔާރުވެފައިވާ އަތްބެއް ހެންނެވެ.

”ޒަވީން. ކަންނެތްވެފައި ނޯވެ ތެދުވެބަލަ.” ސުދާ އެނދު ކައިރީ ހުއްޓެމުން ޒަވީންގެ އަތުގައި ހިފާ ދަމައިގެން ވަގުތު ޒަވީން ލަތްކެއް ޖަހާފައި ސުދާ އޭނާގެ ގައިމައްޗަށް ވައްޓާލިއެވެ. އަދި ދެވަނަ ސިކުންތުގައި ދެއަތުން ވަރަށް ބާރަށް ހިފަހައްޓާ ހައްޔަރުކޮށްލިއެވެ.

”ވަރަށް ލޯބި. ރަތްކުލަ އާއި ވަރަށް ގުޅޭ.” ޒަވީންގެ އަތް މަޑުމަޑުން ސުދާގެ ކަނދުރާ މަތީ ހިންގާލެވުނެވެ. އެ ބީހިލުމުން ހީލިކަރުވާ ގޮތްވެ ސުދާއަށް ދެއަތުން ޒަވީންގެ ގަމީހުގައި ހިފަހައްޓާލެވުނެވެ. ސުދާއަށް ޒަވީންގެ ލޮލަށް ބަލާލެވުނު ވަގުތު ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ޒަވީންގެ ލޮލުން އޭނާއަށް ފެނުނީ މިވަގުތު ޒަވީން އޭނާގެ ހަށިގަނޑަށް ފެންބޮވައިގެންފާ މިންވަރެވެ. ޒަވީން މަޑުމަޑުން ސުދާ އެނދުގައި ބާއްވާލުމަށްފަހު ކައިރިވެލުމުން ސުދާއަށް ޒަވީންގެ ހަށިގަނޑުގެ ބަރު ވީ ލިބުނު އަރާމަކަށެވެ. ޒަވީން ކައިރިވަމުން ދިޔަ ވަރަކަށް ސުދާގެ ދެލޯ ދިޔައީ މެރެމުންނެވެ. ޒަވީން ފުރަތަމަ ބޮސްދިނީ ތުންފަތަށެވެ. ކުޑަ ވަގުތުކޮޅަކަށް ބަދަލުކުރެވުނު ލޯބީގެ ހަދިޔާތަކަށްފަހު އެކަން މެދުކަނޑާލަން ޖެހުނީ ސުދާއަށް އައި ކޯލްގެ ސަބަބުންނެވެ.

”އަޅެ. ޒީދާ ލަސްވެގެން އެ ގުޅަނީ. ޒަވީން ދޭބަލަ ފެންވަރަން.” ސުދާ ތެދުވަމުން އިސްތަށިގަނޑުގައި އަތްފިރުމާލިއެވެ. ފޯނު ނަގާފައި އެބަ ދަމޭ ބުނެފައި ޒަވީން އާއި ދިމާލަށް އެނބުރުނު އިރު ޒަވީން ތެދުވަނީއެވެ. މަދު ސިކުންތުކޮޅަކަށް ދެމިގެން ދިޔަ އުފާވެރި ވަގުތުކޮޅުގެ ސަބަބުން ޒަވީން ހުރީ ހިސާބަކަށް ހިތްހަމަޖެހިފައެވެ. ފެންވަރާލައިގެން ނިކުމެ ރީތިވެލައިގެން ރިސޯރޓަށް ދާން ނިކުން އިރު ޔޫއާންއަށް ވެވުނު ވައުދުގެ މަތިން ޒަވީން ހަނދާނެއް ނެތެވެ.

އިރުގެ އަލިކަން ދުނިޔެއާއި އަލްވަދާއު ކިޔަމުން ދިޔައެވެ. އިރު ނިވާވީ އިރު އުދަރެހަށް އެޅިފައިވާ ރަންކުލައިގެ ދޯދިތަކުގެ އަލި ހިސާބަކަށް ހުއްޓެވެ. ކުޑަދޮރު ކައިރީ ޝާޔާ ހުއްޓިލައިގެން ހުރިއިރު އިރު އޮއްސުނު މަންޒަރު ވަރަށް ރީތިކޮން ފެނެއެވެ. އިރު އަރާ އޮއްސި ދާފަދައިން އޭނާގެ ހުރިހާ ހިތާމަ ތަކަކާއި ދިރިއުޅުމަށް ކުރިމަތިވާ ހިތާމަވެރި ހާލަތްތައް އޮއްސިގެންދާނަމަ ކިހާ ރަނގަޅުހެއްޔޭ ހިތާއި ހިތުން ބުނެވުނެވެ.

ކުޑަދޮރު ހުޅުވާލައިގެން ދޮރުގެ ދާރައިގައި އަތް ޖައްސާލައިގެން ހުރިއިރު މުޅި ހަށިގަނޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ. މިއަދު އަލިވިލުނު ފަހުން ފެންކޯވަރެއް ހާ ހިސާބުވެސް އޭނާގެ އަރުން އެތެރެކޮށްފައެއް ނުވާނެއެވެ. އީރާ ހިތްވަރު ދީފައި ދިޔަފަހުންވެސް އެތައް އިރެއް ވަންދެން އޭނާއަށް ރޮވުނެވެ. ގިނައިރު ރުއިމުގެ ސަބަބުން ބޮލާއި މޭގައި ރިހުމެއް އުފެދިފައި އެބަހުއްޓެވެ.

”ދޮންތާ. މީހަކު އެބައިން ބައްދަލުކޮށްލަން އައިސް.” ދޮރުން ބޯދިއްކޮށްލަމުން އީރާ ގޮވާލިއެވެ. ޝާޔާ ފަހަތް އެނބުރި ބަލާލިއެވެ. މިދަނީއޭ ބުނެ ފާހާނާއަށް ވަދެ މޫނު ދޮންނަ ތަށި ދޫކޮށްލިއެވެ. އިސްކުރުން އޮހިގެން އައި ފެންތަކުގެ ތެރެއަށް ދެއަތް ދިއްކޮށްލުމަށްފަހު އަތްގޮށިން ފެން ނަގައި މޫނު ދޮވެލާފައި އިސްއުފުލާ ބަލާލިއިރު ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން އިތުރު ހިތްދަތިކަމެއް ލިބުނެވެ. ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. މޫނަށް ބަލާލުމުން ހީވަނީ އަހަރު ދުވަހު ބޮޑު ބައްޔެއްގައި ހޭދަކޮށްފައިވާ މީހެއް ހެންނެވެ.  ޝާޔާ އިސްއޮބާލަމުން ތިންހަތަރު ފަހަރު މޫނު ދޮވެލައިގެން ބޭރަށް ނިކުތެވެ.

ވަކިން ހުރި ސޯފާގައި އިން މެދު އުމުރުގެ މީހާ އާއި އަނީސާ ވާހަކަ ދައްކަމުން ގޮސް ޝާޔާ އައުމުން އިށީންނާށޭ ބުނެލިއެވެ.

”މިއީ ރަމީޒް. ޝާޔާ ބައްޕަގެ އެކުވެރިއެއް. ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބޭރުގައި އުޅެފައި އެއައީ.” އަނީސާ ރަމީޒްގެ ތަޢާރަފެއް ދީ ނިންމާލުމުން ރަމީޒް ވާހަކަ ދައްކަން ފެށިއެވެ.

”އަނީސާމެންގެ ގެއަށް އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު. އާމިރު ނަގާފައި އޮތް ލޯނު ވީހާވެސް އަވަހަކަށް ދައްކައިދޭށޭ ބުނެލަން. ދެލައްކަ ރުފިޔާއަކީ ދޫކޮށްލެވޭވަރުގެ ކުޑަ އަދަދެއް ނޫން. މިކޮޅަށް ބަދަލުވާންޖެހުނީ ވެސް ފައިސާގެ ދަތިކަން ކުރިމަތި ވާތީ.” ރަމީޒް އެހެން ބުނެ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. ކޮޅިގަނޑަކަށްފަހު ކޮޅިގަނޑެއް ކުރިމަތިވަނީ ވަރުގަދަ ކަޅު ވިލާތަކަކާއި އެކުގައެވެ. ޝާޔާ އިރުކޮޅަކު ޚައިރާންވެފައި ވިސްނާލީ މީގެ ކުރިން ބައްޕަ ނަގާފައިވާ ލޯނެއްގެ ވާހަކަ މަންމަ ނުދައްކާތީއެވެ. ބައްޕަ މަރުވިފަހުން ދެ އަހަރެއް ފާއިތުވެގެން ދިޔަ އިރު އެކަމުގެ ޚަބަރެއް ނުވީތީއެވެ. ދަރަންޏާއި ވަސިއްޔަތަށް ގޮވި ދުވަސްތަކުގައި ރަމީޒް އެވާހަކަ ނުބުނެ މިއަދު ކުއްލިއަކަށް އައީތީއެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355