ޖޫން 25 ވަނަ ދުވަހުގެ ބަޔާގުޅޭ
ޝާޔާ އިރުކޮޅަކު ޚައިރާންވެފައި ވިސްނާލީ މީގެ ކުރިން ބައްޕަ ނަގާފައިވާ ލޯނެއްގެ ވާހަކަ މަންމަ ނުދައްކާތީއެވެ. ބައްޕަ މަރުވިފަހުން ދެ އަހަރެއް ފާއިތުވެގެން ދިޔަ އިރު އެކަމުގެ ޚަބަރެއް ނުވީތީއެވެ. ދަރަންޏާއި ވަސިއްޔަތަށް ގޮވި ދުވަސްތަކުގައި ރަމީޒް އެވާހަކަ ނުބުނެ މިއަދު ކުއްލިއަކަށް އައީތީ އެވެ.
”އާމިރަކީ އަހަރެންގެ ގާތް ފަރާތަކަށްވެފައި އަނީސާމެން އުޅޭ ދަތިހާލު އެނގޭތީ މިހާ ދުވަސްވަންދެން ނައިސް މަޑުކުރީ. ހިތަށް އެރި މި ވާހަކަ ދުވަހަކުވެސް ނުދައްކާނަމޭ. ދަރަނި މަޢާފްދޭނިއްޔޭ. އެކަމަކު ކާކަށް އެނގޭނީ ފަހުން ވާނެ ގޮތެއް. އެއްއިރެއްގައި ފައިސާ ދަތިނުވެ އުޅެވުނު ނަމަވެސް މިހާރު އަހަރެން މިއުޅެނީ އަނީސާއަށްވުރެ ހާލުގައި. އެކޮޅުގައި އުޅެފައި ވިޔަފާރި ދަށްވެގެން މިކޮޅަށް އާއިރު ގޭގެ ހާލު އެހާ ބޮޑު. މަރާމާތާއި ނުލާ ބޯހިޔާވަހިކަމެއް ނެތް. ތަނުގައި އުޅެމުން މަރާމަތެއް ނުކުރެވޭނެ. އެހެންވެ އަހަރެން ބޭނުން މިހާރުން މިހާރަށްވެސް ފައިސާތައް. ފައިސާ ނުވަތަ އެއަގަށްވާ ހަރުމުދަލެއް ނަމަވެސް.”’ ރަމީޒް ގެ ވާހަކަތައް އަހާފައި ހީވީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނުހެންނެވެ.
”އަހަރެމެން އަތުގައި ރަމީޒަށް ދޭނެ އެއްވެސް އެއްޗެއް ނެތް. އަހަރެން ބަލިހާލު ހުރިގޮތުން އާމްދަނީ ހޯދަން މަސައްކަތެއް ނުކުރަން. ޝާޔާވެސް އެހުރީ ވަޒީފާއިން ކެނޑިފައި. އީރާ އަދި ކިޔަވަނީ. މިގެއަކީ ފިރިހެނަކުވެސް ހުރި ގެއެއް ނޫން.” އަނީސާ ބުނެލިއެވެ.
”އިތުރު ގޮތެއް ހަދައިދެވެން އޮތް ނަމަ އަހަރެންވެސް އެހީވެދޭނަން. އަނީސާ. މިހެން ބުނަން ދެރަވޭ. އެކަމަކު ހާލަތު ހުރިގޮތް. ދެލައްކަ ރުފިޔާގެ ބަދަލުގައި މިގޭ އަހަންނާއި ހަވާލުކުރޭ.” ރަމީޒް ބުނެލިއެވެ. ޝާޔާ އަވަސް އަވަހަށް އަނީސާގެ މޫނަށް ބަލާލިއެވެ.
”އޭރުން އަހަރެމެން ތިންމައިން ވަންނާނީ ކޮންތަނަކަށް؟” އަނީސާ ކަންބޮޑުވިއެވެ.
”ލައްކަ ދުވަހު އަހަރެމެން ތި ތިންމައިންނަށް ބަލައިފިން. ދެން ކަލޭމެން އަހަރެމެންނަށް ބަލަންވެއްޖެ އެއްނު. އަހަރެންނާއި އަހަރެންގެ ދަރިން ވެސް ވަންނާނެ ގެދޮރެއް ނެތް. އާމިރަށް އެ ފައިސާތައް ނުދިންނަމަ މިއަދު އަހަރެންގެ އަތުގައި އެ ހުރީހެއްނު.” ރަމީޒްގެ އަޑުގައި ނުރުހުންވުމުގެ އަސަރު ހުއްޓެވެ.
”އެންމެ ރަނގަޅު. އަހަރެމެން މާދަމާ މިގޭ ރަމީޒް އާއި ހަވާލުކުރާނަން.” އަނީސާ އެއްބަސްވުމުން ރަމީޒް ނިކުމެގެން ހިނގައްޖެއެވެ.
”މަންމަ ކީއްވެގެންތަ ތިހެން އެއްބަސްވީ؟” އީރާ ރަމީޒް ދިއުމުން އަހާލީ ޝަކުވާގެ ރާގެއްގައެވެ.
”ދެން މިނޫން ކޮންގޮތެއް އޮތީ. ވަޒީފާ ގަނޑުން ނުކެޑި ހުރިނަމައެއްނު ކޮންމެ މަހަކު ފައިސާ ދައްކާނަމޭ ބުނާނީ. އަހަރެން ހިތަށް އަރާ އަހަންނަށް ދޮއްޓަށް ފިރިހެން ކުއްޖަކު ނުދެއްވީ ކީއްވެބާއޭ. މިހުރިހާ ކަމެއްގެ ޒިންމާ ޝާޔާ ޖެހޭނެ ނަގަން. އެއީ މާދަމާ އަހަރެން ނިކަމެތިވާނީ އޭނާގެ ސަބަބުން. ސަލަފް އެހީވާން ހުއްޓާ ފުރަގަސްދިނީ ކީއްވެގެންކަން އެނގޭނެ. ސަލަފް ބުނިގޮތަށް އޭނަ އާއި ކައިވެނިކޮށްގެން އުޅޭނަމަ މިއަދު އަހަރެމެންނަށް އެހީވާން ސަލަފް ހުންނާނެ. ތިހެން އިނދެގެން ރުޔަސް އެހީވާނެ އިތުރު މީހަކު ނާންނާނެ. ކަލޭ ބޭނުންނަމަ ސަލަފްގެ ކައިރިއަށް އެހީއަށް އެދެން ދެވިދާނެ.” އަނީސާ އެތަނުން ދަމުން އިއްވާލީ ހިތްދަތިވާފަދަ ބަސްތަކެކެވެ.
ޕާޓީ ނިންމާލުމަށްފަހު ޒަވީންގެ ދެމަފިރިން ރިސޯރޓްގައި މަޑުކުރާގޮތަށް ނިންމީ މޫސުމް ރަނގަޅު ނޫންވީމައެވެ. ޕާރޓީގައި އެންމެންތެރޭ ސުދާ އުޅުނީ ޒަވީން އާއި ވަރަށް ގާތްކޮށެވެ. އޭގެ އިތުރުން ކޮޓަރިއަށް ގޮސްވެސް ޒަވީން ހިތްހަމަޖެހޭ ފަދަ އަރާމު ލިބިގަތުމުގެ ފުރުޞަތު ސުދާ މަގު ފަހިކޮށްދިނެވެ. ސުދާ ބަދަލުވެފައިވާ މިންވަރު ފެނުމުން ޒަވީން ބައެއް ފަހަރު ހައިރާންވެއެވެ. ސުދާ ރުހުމުގައި ޒަވީންގެ ގައިގައި ފިރުމަމުން ދިއުމުން ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ. އެ އަރާމުތެރޭ ޒަވީން ހޭދަކުރަމުން ދިޔައިރު އޭނާގެ ފޯނަށް ޔޫއާން ގުޅަމުންދިޔަކަން ރެއަކާއިވެސް ނުލައެވެ.
ބޯވިލާތަކުގެ ތެރެއިން ފޭދިގެން އަންނަ ވާރޭގެ ތިކިތައް އައިސް ކުޑަދޮރު ތެންމަމުން ތިރިއަށް އޮހިގެން ދަނީ އަޖައިބު ކުރުވާ ފަދަ ގޮތަކަށެވެ. އެއީ ބަލާލަން ކިތަންމެ ހިތްގައިމު މަންޒަރަކަށް ވިއަސް އެ މަންޒަރުން ޔޫއާންގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ދެލޮލުން ވިދަމުން ދިޔަ ކަރުނަތައް ހިފަހައްޓާލެވޭތޯ މަސައްކަތް ކުރަމުން ނެގިމަޑުވެފައި ހުރެ ގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ.
ލޯބީގެ ހުޅުކޮޅު އޭނާގެ ހަޔާތުގައި ދިއްލުމަށްފަހު މިހާރު ކަނިވާން އުޅޭ ކަހަލަ އިޙްޞާސެއް ވަނީ ކީއްވެ ކަމެއް ނޭނގެއެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނާގެ ހިތާއި ފުރާނައިން ޤުރުބާން ވާން ތައްޔާރަށް ހުރި ކުއްޖާ އޭނާ އާއި މެދު ފަރުވާ ކުޑަކޮށްލައިފި ކަމުގެ އިޙްޞާސް ކުރެވޭތީ ހިތަށް ލިބެނީ ބަޔާން ނުކުރެވޭ ފަދަ މާޔޫސްކަމާއި ހިތްދަތިކަމެވެ. ޝާޔާގެ ހަނދާންތަކުން އޭނާގެ ހިތް ތޮރުފަމުން ދާއިރު ބައެއް ފަހަރު އޭނާގެ މަތިން ޝާޔާ ހަނދާން ނުކުރެއޭ ހިތަށް އަރައެވެ. އެ ހަނދާންތަކުގައި އުޅެން ޖެހުމުން ހީވަނީ ހަށިގަނޑުގައި ދިރުމެއް ނެތްހެންނެވެ. އިންސާނަކު އަނެއް އިންސާނަކު ދެކެ ލޯބިވާނެ އެންމެ މަތީ ދަރަޖައަށް އޭނާ ޝާޔާ ދެކެ ލޯބިވެއެވެ. ޝާޔާގެ ޚަބަރު ބަލައިދިނުމަށް ޒަވީންގެ ކިބައިން އެދިފައިވާތީ ޒަވީންއަށް ގުޅަމުން ދާއިރު ޒަވީންގެ ފަރާތުން ޖަވާބެއް ނާންނާތީ ޔޫއާންވަނީ އިންތިހާއަށް ހިތްދަތިވެފައެވެ.
ބާލީހުގައި ބޯއަޅާލައިގެން އޮވެ ރޮމުން ދިޔަ ޝާޔާގެ އަޑު ހިމޭންވެފައިވާ ކޮޓަރި ތެރޭގައި ހަރުލާފައި ވެއެވެ. ކަރުނައިގެ އަގު ބާލީހަށް ވަޒަން ނުކުރެވޭނެއޭ މީހުން ބުނި ނަމަވެސް މިވަގުތު އޭނާ ބޭނުންވަނީ ލޮލުގައިވާ ހުރިހާ ކަރުނަތަކެއް ހުސްވަންދެން ރޮއި ލާށެވެ. އިރުކޮޅު ކޮޅާ ރޮއިލުމަށްވުރެ އެގޮތް ފަސޭހަވާނެތީއެވެ. ހުރިހާ ހިތާމަތަކެއް ބޭރުކޮށްލެވޭނެ މަގަކީ ކަރުނައެވެ.
އެތައް އިރަކު އެހެން ރޯން އޮތުމަށްފަހު ތެދުވެ އެނދުގައި އިށީނީ ބޯދޮށުގައި އޮތް ބާލީސް ނަގައި މެއާއި ބޮނޑިކޮށްލައިގެންނެވެ. މިވަގުތު އޭނާގެ ހިތާއި ހިތުން ކުރެވޭ ޝަކުވާ އަކީ އޭނާގެ ހަޔާތުން ހިތާމައިގެ ކުލަ ނުކެނޑެނީ ކީއްވެތޯއެވެ. ތަކުރާރުކޮން އެކި ކަންކަމުގައި ސަލަފްގެ ކައިރިން އެހީ އަށް އެދެން ޖެހުމަކީ އިއްތިފާޤެއް ނޫނެވެ. ތަޤްދީރުން އޭނާ އާއި ސަލަފް ގުޅުވަން އުޅޭ ކަމުގެ ހެއްކަކަށްވުން އެކަށީގެންވެއެވެ. އެހެނަސް އެއީ ހަޤީޤަތެއްކަމުގައި އޭނާގެ ސިކުނޑި ޤަބޫލުކުރަން ފަސްޖެހެނީއެވެ.
މިފަހަރުވެސް އޭނާ ދާންވީ ސަލަފްގެ ކައިރިއަށް ހެއްޔެވެ؟ މިއޮއް ބޮޑު ދުނިޔޭގައި ސަލަފް ނޫން އެހެން މީހަކު އެހީ ވާން ނެތީހެއްޔެވެ؟ މިފަހަރު ޝާޔާ ބޭނުންވަނީ ގޮތުގައި ހުންނާށެވެ. މަގުމައްޗަށް ބިކަވިއަސް ސަލާންޖަހަން ސަލަފްގެ ކުރިމައްޗަށް ދާކަށް ބޭނުމެއް ނޫނެވެ.
”އަދިވެސް ވިސްނަން އިންނަނީތަ؟” ޝާޔާގެ ސިކުނޑި ބުނާ ކަހަލައެވެ.
”ކަލޭގެ އާއިލާ ދެކެ ޒައްރެއްގެ މިންވަރަށް ލޯބިވާ ނަމަ ތިހެން ގޮތްދޫނުކޮށް ނުހުންނާނެ. ހުރިހާ ނިންމުމެއް އޮތީ ކަލޭގެ އަތްމަތީގައި. މަންމަގެ ބޭސްފަރުވާ. ކޮއްކޮގެ ހުރިހާ ޚަރަދެއް. އަދިވެސް ފަސްޖެހެނީ ކޮންކަމަކާ. މިދުނިޔޭގައި މީހުން ދުވަނީ ނަޞީބު ލިބިގަންނަން. ނަޞީބު ކަލޭގެ ފަހަތުން ދުވާއިރުވެސް ބޮޑާވެގެންފައި ފަސްޖެހެނީ ކީއްވެގެން. ސަލަފް އާއި ކައިވެނިކޮށްގެން ކަލެއަށް އޮތީ ކޮން ދެރައެއް. ސަލަފް ކަލެއަށް ހުރިހާ އުފަލެއް ހޯދައިދޭނެ. އެވަރުގެ ޤާބިލިއްޔަތުކަން ސަލަފްގެ ކިބައިގައި އެބަހުރި. އެއީ ކިޔަވައިގެން ހުރި ހަރުދަނާ މުއްސަނދި. ޤަދަރުވެރި ޒުވާނެއް. އިތުރަށް އޭނާގެ ކިބައިގައި އުނިވެފައިވަނީ ކޮން ސިފައެއް.” އޭނާގެ ޟަމީރު މަލާމަތް ކުރަމުންދާ ފަދައެވެ. އެ އަޑު އަންނަމުން ދަނީ އޭނާގެ ހިތުން ކަހަލައެވެ.
”ވިސްނާލަން ވަގުތު އެބައޮތް. އެކަމަކު ހަނދާންކުރާތި. ގެއްލިއްޖެ ވަގުތެއް ދެން ނާންނާނެ. މާދަމާ ގެއިން ނިކުންނަން ވާއިރަށް ކަލެއަށް އޮތީ އެންމެ ފަސްގަޑިއިރު.” ޝާޔާ ސިހިފައި ދެލޯ ހުޅުވާލިއެވެ. އޭނާގެ ހިތުގެ އަޑުން ނަފްސު ހޭލައްވާލައިފިއެވެ. ބާރުބޮޑުވެފައިވާ ސިކުނޑި އޭނާއަށް މަގެއް ކޮށައިދީފިއެވެ.
އެނދުން ތެދުވެ ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުން ގޮތަށް ގެއިން ބޭރަށް ނިކުމެއްޖެއެވެ. އަމާންވެފައިވާ މަގުތަކުގައި އިންސާނެއްގެ ހިލަމެއްނުވެއެވެ. މަރު ނިދިން މުޅިމާލޭ ވަނީ ނިދާފައެވެ. މަގުމަތިން އެކަނި މާއެކަނި ދާންޖެހުމުން ޖެހިލުންވިއެވެ. ހިތު ދަސްވެފައިވާ މަގުތަކުން ހިނގާފައި ގޮސް ސަލަފްމެންގޭ ގޭޓްކުރިމަތީގައި ހުއްޓުނެވެ. ސެކިއުރިޓީ މީހާގެ ގާތުގައި ސަލަފްއަށް ގޮވާލަދޭށޭ ބުނުމުން އެމީހާ ކުރީ ފޯނެވެ. އެކޮޅުން ހުއްދަ ލިބުމުން ޝާޔާ އެތެރެއަށް ވަނެވެ.
ގޭތެރެ ހުރަސްކޮށްފައި ޝާޔާ ދިޔައީ ސީދާ ސަލަފްގެ ކޮޓަރިއަށެވެ. ދޮރުގައި ޓަކި ޖަހާލުމުން ސަލަފް ދޮރު ހުޅުވައިދިނެވެ.
”ވަދޭ އެތެރެއަށް.” މިހާ ދަންވަރު އައުމުންވެސް ސަލަފްގެ މޫނުމަތިން ނިދީގެ އަސަރެއް ނެތެވެ. މިގަޑީގައިވެސް ލައިގެން ހުރީ ރަސްމީ ހެދުމެވެ. އަތްދިގު ގަމީހާއި ފަޓްލޫނެވެ. ގަމީސްހުރީ ދަށަށްޖަހާފައެވެ.
”އުއްމީދުވެސް ނުކުރަން ޝާޔާ މިގެއަށް އަތުވެދާނެކަމަށް.” ސަލަފްގެ މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ. ސަލަފްގެ މޫނަށް ބަލާލުމަށްފަހު ޝާޔާ އިސްޖަހާލިއެވެ.
”އުއްމީދުކުރާ ގޮތަށް އެއްވެސް ކަމެއް ނުހިނގާ. އަހަރެން މިއައީ ކަމަކު އެދެން.” ޝާޔާ އަޑުގައި ތުރުތުރު އެޅުމެއް އުފެދުނެވެ. ރޮވެން އުޅޭހެން ހީވެގެން ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ވަރަށް ބާރަށެވެ.
”އަހަރެންގެ އެބައޮތް ޝަރުތެއް.” ސަލަފް ހީވަނީ މާކުރިން ފެށިގެން އެކަމަށް ތައްޔާރުވެގެން ހުރިހެންނެވެ.
”ޤަބޫލު.” ޝާޔާ އެއްބަސްވިއެވެ. ސަލަފްވެސް އެކަމާއި ހައިރާންވިއެވެ. ހައިރާންވެ އިރުކޮޅަކު ބަލަން ހުރެވުނީ ދެންމެ އިވުނު ލަފްޒަކީ ކުށްހީއަކަށް ވެދާނެތީއެވެ. ޝާޔާ އިސްއުފުލާ ސަލަފްގެ މޫނަށް ބަލާލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ.
”އަހަރެން ސަލަފްގެ ކޮންމެ ޝަރުތަކާއި ރުހި ޤަބޫލު.” ޝާޔާ ތަކުރާރުކޮށްލުމުން ސަލަފްއަށް ހިނިތުންވެވުނެވެ.
”ބުނޭ. ކޮންކަމަކު ތިއައީ.” ސަލަފްއަށް ހިނިތުންވުން ކޮންޓްރޯލެއް ނުކުރެވެއެވެ.
ޝާޔާ އެމީހުންނަށް ދިމާވެފައިވާ ހާލަތު ކިޔައިދިނުމަށްފަހު ސަލަފްގެ އެހީގައި ބޯހިޔާވަހިކަމަށް އެދުނެވެ. ސަލަފް ނުދެނަހުރިކަމަށް ހެދިގެން މޫނުމަތިން ހިނިތުންވުން ފޮރުވާލައިގެން ހުއްޓެވެ.
”އަހަރެން ހިތުން ރުހުމުން ޝާޔާއަށް އެހީވާނަން.” ސަލަފް އަތް ޝާޔާގެ ކޮނޑުގައި ބާއްވާލިއެވެ. ޝާޔާ ސަލަފްގެ އަތަށް އެއްފަހަރު، ސަލަފްގެ މޫނަށް އަނެއްފަހަރު ބަލާލުމަށްފަހު ސަލަފްގެ އަތްމަތީ ޝާޔާގެ އަތް ބާއްވާލިއެވެ.
”ސަލަފްގެ ޝަރުތަކީ ކޮބާ؟” ޝާޔާ ފުރަތަމަ ފަހަރަށް ސަލަފްގެ ލޮލަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ބަސްހުއްޓިފައި ސިކުންތުކޮޅަކަށް ތިބެވުނެވެ. ސަލަފް އެއްޗެއް ބުނަން ތުންފަތް ހަރަކާތްކޮށްލާހެން ހީވެއެވެ. އެކަމަކު އަޑު ނިކުންނަގޮތެއް ނުވެއެވެ. ޝާޔާގެ ދެލޯ ހަންޖަރެއްހާ ތޫނެވެ. ސަލަފްގެ ދުލުގައި ކަސްތޮޅު އެޅުވީ އެންމެ ބަލާލުމަކުންނެވެ.
”އަހަންނާއި ކައިވެނި ކުރާނަންތަ؟ އަހަރެން ދުވަހަކުވެސް ޝާޔާއަށް ދެރަގޮތެއް ނުހަދާނަން. އަހަރެން ހުރެ ޝާޔާ އެއްވެސް ކަމަކާއި ވިސްނާކަށް ނުޖެހޭނެ. ދުނިޔޭގެ ހުރިހާ އުފަލެއް ގެނެސް މުށުތެރެއަށް ލައިދޭނަން. ތިއީ އަހަރެން މިހާ ތަނަށް ދުން އެންމެ ލޯބި އަންހެން ކުއްޖާ. އެ ކުއްޖަކަށްޓަކައި އަހަރެންގެ ހިތް އަހަރެންގެ މައްޗަށް ބާރުފޯރުވި ފަރާތް. އަހަރެން ޝާޔާ ދެކެ ވަރަށް ލޯބިވޭ.” ސަލަފް އަޑު ނިކުތީ ކިރިޔާ ޝާޔާއަށް އިވޭވަރަށެވެ. ސަލަފް ހުށައެޅި ޝަރުތާއި ވީ ވައުދުތައް އިވުމުން ޝާޔާގެ ހިތަށް ލިބުނީ އިތުރު ބުރަކަމެވެ. އެ ބަސްތައް އަހަން ފަސޭހައެއް ނޫނެވެ. އޭނާ ދެކެ ޔޫއާން ނޫން ދެވަނަ ފަރާތެއް ލޯބިވާކަމަށް ޤަބޫލެއް ނުކުރެވެއެވެ.
”އަހަރެން ކުރިންވެސް ބުނިން ސަލަފްގެ ކޮންމެ ޝަރުތެއްވެސް ޤަބޫލުކަމަށް. އެކަމަކު އަހަރެންގެ އެދުމެއް އެބައޮތް. ކައިވެނީގެ ކަންތައް ވީހާވެސް އަވަސް ކުރަން އަހަރެން އެދެން. ސަލަފް އަހަރެންގެ އާއިލާއަށް އެހީވާން ކޮންމެވެސް ހައިސިއްޔަތެއް އޮންނަންޖެހޭނެ. ހިލޭ މީހެއްގެ ގޮތުގައި ހުރެ އެހީވުމަށްވުރެ ރަނގަޅުވާނެ އަހަރެންގެ ފިރިމީހާއަށްވެ ހުރެ އެހީވުން.” ޝާޔާ ބުނެލިއެވެ.
”މާދަމާ އަހަރެން ދާނަން ޝާޔާމެން ބަލާ. ޝާޔާމެން ބަދަލުވާނީ އަހަރެން ހިފާ އެޕާރޓްމެންޓަކަށް. އެއަށްފަހު މާދަމާ ރޭ އަހަރެން ރަންކިޔަން ފޮނުވާނަން. އަހަރެންވެސް ބޭނުމެއް ނޫން އިތުރަށް ކައިވެނި ލަސްކުރާކަށް.” ސަލަފް ބުނެލިއެވެ.
(ނުނިމޭ)