ޖުލައި 2 ވަނަ ދުވަހުގެ ބަޔާގުޅޭ
އިރުގެ ދޯދިތައް ލޮލަށް އެޅުމުން ޒަވީންއަށް މަޖުބޫރުވީ ގަދަކަމުން ލޯ ހުޅުވާލާށެވެ. އެސްފިޔަތައް ދުރުކޮށްލަމުން ބަލާލިއިރު ކުޑަދޮރުގެ ފޮތިގަނޑުގައި އެއްއަތުން ހިފަހައްޓާލައިގެން ސުދާ ހުރީ ހިނިތުންވެލައިގެންނެވެ. އާދުވަހަކަށް މަރުހަބާ ކީ އެދެމަފިރިންގެ ހަޔާތަށް އުފާ ފާގަތިކަން ގެނެސްދީފައި ކަހަލަ އެވެ. ސުދާ މުށުތެރޭގައިވި ފަރުދާ މަޑުމަޑުން ދޫކޮށްލުމުން އިރުގެ އަލި ބަންދުވެގެން ދިޔައެވެ. ޒަވީންއަށް ހަމައަށް ލޯހުޅުވާލެވުނީ ދެނެވެ.
ކުރިމަތީގައި ހުރީ އޭނާގެ އަންހެނުންބާއޭ ހިތަށް އެރީ ސަބަބެއް ނެތިއެއް ނޫނެވެ. ހިނިތުންވެލައިގެން ހުރެ ހެނދުނުގެ ތަހުނިޔާ ދުވަހަކުވެސް މިއަދު ނޫނީ ނުކިޔައެވެ. ޒަވީން ހައިރާންވެ ސުދާއަށް ބަލާލިއެވެ. ރަތްކުލައިގެ ލޭސްފޮތިން ފަހާފައިވާ ކުރު މެކްސީ ހުރީ ފައިގެ ފަލަމަސްގަނޑުގެ އެއްބައި ފޮރުވެވޭ ވަރަށެވެ. ހެދުމުގެ އަޑިން ލާފައި ހުރި ހިމަ ވާކޮޅުލީ ރަތް މަތިކޮޅާއި ސޯޓްކޮޅު ހުރީ މެއިން ފެށިގެން ބުޑު ފޮރުވޭވަރަށް އެކަންޏެވެ. އިރުގެ ރަންކުލަ ފަރުދާގެ ތެރެއިން ފުރޭނިގެން އައިސް ކޮޓަރިތެރެއަށް އެޅިފައިވާތީ ކޮޓަރި ތެރޭގައިވީ ހިތްގައިމު ރަންކުލައެކެވެ. ޒަވީން ބޯ ހިއްލާލުމުން ސުދާ އައިސް އަތުގެ ތެރެއަށްވަނީ ލުއި ވައިރޯޅިއެއް ފަދައިންނެވެ.
ޒަވީން ސުދާގެ މޫނަށް ބެލުން ހުސްކޮށްލައިގެން ހުއްޓާ ދެމީހުންގެ ތުންފަތް ގުޅިލާ މެހުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. މިއަދަކީ ކޮންފަދަ އުފާވެރި ދުވަހެއް ބާއެވެ؟ ސުދާ އަމިއްލައަށް އިސްނަގައިގެން ޒަވީންއަށް ހުރިހާ އުފަލެއް ދޭން ނިންމައިގެން ހުރި ކަހަލައެވެ. ޒަވީންގެ ގައިމަތީ އަޅާފައި އޮތް ބްލޭންކެޓް ދުރުކޮށްލަމުން ސުދާގެ ހަށިގަނޑުން ޒަވީންގެ ހަށިގަނޑު ގޮދަނޑި އާއި ލާ ފިއްތާލުމުން ލިބުނީ އިތުރު އަރާމެކެވެ. އޭސީގެ ތެތްފިނިކަމާއި އަރައިގެން އަންނަ އިރުގެ އާވިން ދެހަށިގަނޑަށްވެސް ލިބުނީ އިތުރު މަސްތުކަމެވެ.
ސުދާގެ އިނގިލިތަކުން ޒަވީންގެ ކަނދުރާގައި ފިރުމާލުމަށްފަހު ޒަވީންގެ އިސްތަށިގަނޑުތެރެއަށް މަހާލުމުން ޒަވީން ކޮންޓްރޯލުން ނައްޓާލާ ގޮތްވިއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމާއި މާހައުލުން ލިބުނު އަރާމުން މި ފުރުސަތު ގެއްލުވާލަން ޒަވީން ބޭނުމެއް ނޫނެވެ. ސުދާ މަޑުމަޑުން ބާލީހުގައި ބާއްވާލުމަށްފަހު ހެދުން ތިރިކޮށްލަން މަސައްކަތް ކުރި ވަގުތު މޭޒުމަތީގައި އޮތް ޒަވީންގެ ފޯނު ރިންގުވިއެވެ. ޒަވީން ބޯ ހިއްލާލާ ފޯނަށް ބަލާލުމުން ސުދާ ޒަވީންގެ ދަތްދޮޅީގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލިއެވެ. މިވަގުތު ފޯނު ނުނަގާށޭ ސުދާ ނުބުނި ނަމަވެސް ޒަވީން ތެދުވަން ސުދާ ފުރުޞަތެއް ނުދިނެވެ. ހީވަނީ އެތައް އަހަރެއް ފަހުން ސުދާ ޒަވީންއަށް ބޭނުންވެފައިވާހެންނެވެ. ޖިންސީ އަރާމަށް ކަރުހިއްކައިގަނެފައިވާހެންނެވެ.
އޭގެ ބައިގަޑިއިރު ފަހުން ފެނުނީ ސުދާ އަރާމުކޮށް ޒަވީންގެ ކޮނޑުގައި ބޯއަޅާލައިގެން ނިދިފައި އޮތް ތަނެވެ. ޒަވީން ބޯދަށަށް އެއްއަތް ލައިގެން ވިސްނަން އޮވެވުނީއެވެ. ދޭތެރެއަކުން ސުދާގެ މޫނަށް ބަލާލުމަށްފަހު އަމިއްލައަށް ހިނިތުންވެލާތަން ފެނެއެވެ. ސުދާގެ ފަރާތުން ހެޔޮ ބަދަލުތަކެއް ރެއިން ފެށިގެން ފެންނާތީ ޒަވީންއަށް ވަނީ ބަޔާން ނުކުރެވޭ ހިތްހަމަޖެހުމެއް ލިބިފައެވެ. ރޭގައި އެކުވެރިންގެ ކުރިމަތީގައިވެސް ސުދާ އުޅުނީ ޒަވީން އާއި ވަރަށް ގާތްކޮށެވެ.
ހެނދުނުގެ ނާސްތާ މާނާ ތައްޔާރުކުރުމަށްފަހު ސަލަފްގެ ކޮޓަރިއަށް ވަންއިރު ސަލަފް ވަރަށް ނުރަސްމީ ގޮތެއްގައި ހުރިތަން ފެނި ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ.
“މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟” މާނާ އެތެރެއަށް ވަންނަމުން އަހާލިއެވެ. ސަލަފް ގިރުވާން ނެތް ޓީޝާޓެއް ލަމުން މާނާ އަށް ބަލާލިއެވެ.
“ދިހަ ވަރަކަށް ދުވަހުގެ ޗުއްޓީއެއް ނެގީ. މަންމަ އާދެބަލަ މިތަނުގައި އިށީންނަން. އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފައި.” ސަލަފް މާނާއަށް އެނދުގައި އިށީންނަން އިޝާރަތްކުރުމުން މާނާ އައިސް އިށީނެވެ.
“އަހަރެން ބުނީމެއްނު ވަރަށް އަވަހަށް ކައިވެނި ކުރާ ވާހަކަ. މިރޭގެ ވަގުތެއްގައި ރަންކިޔާނެ. މަންމަ ވާނެ އަހަރެންނާއި އެކު އެގެއަށް ދާން.“ ސަލަފްގެ މޫނުމަތިން ލަދުވެތިކަން ފެނުނެވެ. މަންމަ އާއި ހިއްސާކުރަން އުދަނގޫވިއަސް މި ދުނިޔޭގައި މަންމަ ނޫން އެހެން ފަރާތެއް ނެތެވެ.
“ސަލަފް. މަންމައަށް ހުވަފެނެއް ނޫންތަ މި ފެންނަނީ. ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަ ބުންޏަސް މަންމަ އެހާ އަޅައެއް ނުލަން. ހިތަކަށް ނާރާ ސަލަފް އެގޮތަށް ނިންމަފާނެކަމަކަށް. ސަލަފްގެ ހޮވުމަކީ ކޮބައިތަ؟ މަންމައަށް ދައްކައިވެސް ނުލާ. ކޮން ނަމެއްތަ ކިޔަނީ؟ މަންމަ މިރޭ ސަލަފް އާއެކު ދާނަން. ސަލަފް ކުރިން ބުނިނަމަ ކުޑަ ރަސްމިއްޔާތަކުން މިކަން ފެށުނީސް.“ މާނާ އުފަލުން ގޮސް ފެންކަޅިވެގެން ދިޔައެވެ.
“އަހަރެންގެ ހޮވުން މަންމައަށް ކަމުދާނެ. މަންމަ ބޭނުންވާ ކަހަލަ މާތްކުއްޖެއް އެއީ. މަންމަ ލޯބިން މަރުވާނެ. ކޮބާތަ ސުދާ އާއި ޒަވީން.“ ސަލަފް ތެދުވަމުން ދެއަތް އުނގުޅާލިއެވެ.
“އެދެމީހުން ރޭގައި ރިސޯޓަށް ދިޔަގޮތަކަށް އަދި ނާދޭ. މަންމަ ގުޅާފައި ބުނާނަން މިރެއަށް އަންނާށޭ.“ މާނާ ސަލަފްގެ ފަހަތުން ތެދުވިއެވެ.
“ނޫނޭ މަންމާ. އެމީހުންނަށް މިކަން އަންގަން ހަދާނެ ކަމެއް ނެތް. މަންމަ ބޭނުންނަމަ އެގެއަށް އަހަރެން ދާއިރު ދެވިދާނެ. އެކަމަކު އެތަނުގައި މަންމަ ގޮސް ކީއްކުރާނީ. މަންމަ ކުރަންވީ ކަމަކީ އަހަރެންގެ ކައިވެންޏަށް ތައްޔާރުވާންވީ. އަހަރެން ބޭނުން މިކަން ކުލަގަދަކޮން ފާހަގަ ކުރަން.“ ސަލަފްގެ އެދުމަށް މާނާ އެއްބަސްވިއެވެ. މިރޭ ނުގޮސް ކައިވެންޏަށް ތައްޔާރުވާން މާނާ ނޫރީން ގޮވައިގެން ބާޒާރަށް ނިކުންނަން ނިންމިއެވެ.
ސަލަފް ހުރިހާ ކަމެއް ހަމަޖައްސައިދީފައި ވާތީ ރަމީޒް އައިސް ގޭގެ ތަޅުދަނޑި އާއި ހަވާލުވުމުން ޝާޔާ އާއިލާ ބަދަލުވީ ސަލަފް ހިފައިދީފައި ހުރި އެޕާރޓްމެންޓަށެވެ. ތިންކޮޓަރި އާއި ބޮޑު ސިޓިންރޫމެއް އޮތް އެތަނުގައި ކައްކާބައި ހުރީ ވަކިންނެވެ. ސިޓިންރޫމްގައި ސޯފާތަކަކާއި ޓީވީއެއް ހުއްޓެވެ. ކޮންމެ ކޮޓަރިއެއްވެސް އަމިއްލަ ގޭގެ ކޮޓަރިތަކަށްވުރެ ބޮޑެވެ.
އެގޭގައި ކައްކަން މީހަކު ހަމަޖައްސައިދީފައި ހުރުމުން އަނީސާ އުފަލުންކޮޅެއް ނެތެވެ. އުފަލާއި އަރާމު ލިބެން އޮތީ ގަދަ އަޅާ މަސައްކަތް ކުރުމުންނޭ މީހުން ބުންޏަސް އަނީސާ އެގޮތް ޤަބޫލުކުރަން ބޭނުމެއް ނޫނެވެ. ރީތި އަންހެން ދަރިއަކު ހުރެގެން އެ ނަޞީބު އަތުގައި ހިފީ މާބޮޑު މަސައްކަތަކާ ނުލައެވެ. އޭގެ ފަހަތުގައިވީ މަކަރުވެރިކަމާއެކު ރޭވި ރޭވުންތަކެއް އެކަންޏެވެ. އެކަން އެނގޭ ފަރާތަކީ ސަލަފް އާއި އަނީސާ ކަމުން އޭނާ އުއްމީދުކުރަނީ ހަޤީޤަތް ވަންހަނާ ވުމެވެ.
ޝާޔާ އެކަނި މާއެކަނި ކޮޓަރީގައި އޮތެވެ. ސަލަފް ކައިރީ ކައިވެންޏަށް އެއްބަސް ވެވުނު ވަގުތުން ފެށިގެން އެ ހަށިގަނޑުގައި ޖަހަމުން ދާ ވިންދު ހުއްޓިފައިވާ ކަހަލައެވެ. މުޅި ހަށިގަނޑުގެ ދިރުންވަނީ ގެއްލިފައެވެ. މިވަގުތު އޭނާގެ އަމިއްލަ ނަފްސު މަލާމަތްކުރާ ފަދައެވެ. ހިތް މަތީ އަތްއަޅާފައި ހިތާއި ދެކޮޅަށް ކައިވެންޏަކަށް އެއްބަސްވެވުނީ އޭގެ ސަބަބުން އޭނާއަށް އުފަލެއް ނެތްކަން އެނގޭ ހާލުގައެވެ. އޭނާ ވީ ޤުރުބާނީ އަކީ ހަމައެކަނި މަންމައަށްޓަކައި ވީ ޤުރުބާނީއެކެވެ.
އެކަނި އިނދެ ވިސްނާލުމުން ހަޔާތުގެ ބާކީ ދުވަސްތައް ސަލަފް އާއެކު ހޭދަކުރާނީ ކިހިނެއް ބާއޭ ހިތަށް އަރައެވެ. ޔޫއާން އާއި ކުރިމަތި ލާނީ ކޮން މޫނަކައިގެން ބާއޭ ހިތަށް އަރައެވެ. ލޯބީގައި ވަފާތެރިކަން މަތީ ހުރެދޭނަމޭ ބުނެ ވެވުނު ވައުދު މަތިން ހަނދާންވުމުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ދެން ލޯމަތިން ސިފަވަމުން ދިޔައީ ޔުއާން އާއި އެކު ހޭދަކުރި ވަގުތުތަކެވެ. ދަންވަންދެން ފޯނުގައި ތިބެ ދެއްކިހާ ވާހަކަތަކެވެ.
ޒަވީން ފުރަން ތައްޔާރުވެފައި ފޯނު ބަލާލިއިރު ޔޫއާންގެ ތިރީހަކަށް މިސްކޯލު އެ ފޯނުގައި އިނެވެ. ޔޫއާން ހަވާލުކުރި ޒިންމާގެ މަތިން ހަނދާންވީ ދެނެވެ. މާލެ އާދެވުމާއެކު ސުދާ ގެއަށް ފޮނުވާލުމަށްފަހު ޒަވީން ޝާޔާ އުޅޭ ގެއަށް ދިޔައިރު އެގޭ ދޮރުވަނީ ތަޅުލާފައެވެ. އަވައްޓެރިއަކާއި ސުވާލުކުރުމުން މިއަދު ހެނދުނުގެ ވަގުތެއްގައި ޝާޔާމެން ގޭ ބަދަލުކޮށްފިކަން އެނގުން ފިޔަވާ އިތުރު މައުލޫމާތެއް ނޭނގުނެވެ. ޝާޔާމެން ބަދަލުވީ ކޮންތަނަކަށްކަމެއް އެމީހާއަށްވެސް އެނގޭކަމަކަށް ނުވިއެވެ. ޒަވީން މާޔޫސްވެ ހުރެ ޔޫއާންއަށް ގުޅާ ޝާޔާ އާއި ދިމާނުވި ވާހަކަ ބުނުމުން ޔޫއާން މާޔޫސްވިއެވެ.
ޔޫއާން މާލެ އަންނަން ބުނުމުން މިފަހަރުވެސް ޒަވީން ހުއްޓުވިއެވެ.
“ޔޫއާން އަށް ކިޔެވުން ހުއްޓާލެވިދާނެ. މާލެ އަތުވެވިދާނެ. ޝާޔާ ހޯދާނެ ގޮތެއް ނިކަން ބުނެބަލަ. އޭނާ ފޯނު ނިއްވާލާފައި އުޅޭ އެޑްރެސް ބަދަލުކޮށްފައި ޔޫއާން އަށް އަންގާނުލީ ސަބަބެއް އޮވެގެންހެން މަށަށް ހީވަނީ. އޭގެ އަހަންނަށް ދޭހަވަނީ ޔޫއާން އާ ކޮންޓެކްޓް ކުރަން އޭނާ ބޭނުންނުވާހެން. ޔޫއާން އޭނަ އާ ހެދި މަރުވާއިރު ޝާޔާގެ ފަރާތުން އެކަހަލަ އެއްވެސް ސިފައެއް ނުފެނޭ. ޔޫއާން ތިކޮޅަށް ދިޔަ ދުވަހުން ފެށިގެންމިއަދާއި ހަމަޔަށް ޝާޔާ އާ ނުގުޅިގެން ތިޔަ އުޅުނީ. ޝާޔާ ބޭނުންނަމަ ޔޫއާން އާއި ގުޅޭނެ. ޔޫއާން ނިކަން ވިސްނަބަލަ. ޝާޔާ ޔޫއާން ދެކެ ލޯބިވާ ނަމަ ފުރައިގެން ދިއުމާއިއެކު ހަނދާން ނައްތައެއް ނުލާނެ.” ޒަވީން ދައްކާ ވާހަކަ އާއި ޔޫއާންއަށް އެއްބަހެއް ނުވެވެއެވެ.
“ނޫން. ޒަވީން ތިހެން ނުބުނޭ. ޝާޔާ އަހަރެން ދެކެ ލޯބިވާނެ. އަހަރެން ޝާޔާއަށް އިތުބާރު ކުރަން. އަހަންނަށް ހީވަނީ އޭނާއަށް ކަމެއް ވެގެން އުޅޭހެން. ޝާޔާ އަހަންނަށް ގުޅިއޭ. އިއްޔެ އޭރު އަހަންނަށް ފޯނު ނުނެގުނީ. އަދިވެސް ގުޅާނެ. އަހަރެން ލޯބިވާވަރަށް ޝާޔާވެސް އަހަރެން ދެކެ ލޯބިވާނެ.” ޔޫއާން ދެކޮޅު ހެދިއެވެ. ޝާޔާ ދެކެ ވާ ލޯތްބެއްގެ ސަބަބުން ޝާޔާ އާއި ދެކޮޅަށް އެންމެ ލަފްޒެއްވެސް އަހަން ބޭނުމެއް ނޫނެވެ.
“މައްސަލައެއްނެތް. ޔޫއާން އުއްމީދުކުރާ ކަހަލަ ވަފާތެރިކަމެއް ފެންނާނެކަމަށް ހީކުރަން. ނުފެނިއްޖެނަމަ ޔޫއާން ނިންމަންވާނެ ޝާޔާ އާއި ދުރަށް ދާން. ޝާޔާ ޔޫއާން ދެކެ ލޯބިވާނަމަ ކުރިއަށް އޮތް ސައްވީސް ގަޑިއިރު ތެރޭ ގުޅާނެ. ޔޫއާން މަށަށް ގުޅާތި ޝާޔާގެ ޚަބަރެއް ވެއްޖެނަމަ. އޭރުން އަހަރެންވެސް ޝާޔާއަށް އިތުބާރު ކުރާނަން.“ ޒަވީން ފޯނު ކަނޑާލިއެވެ.
އެންމެ ގާތްއެކުވެރިޔާ މާޔޫސްވެފައި ވީ ވަގުތުގައި ހިތްވަރު ދިނުމުގެ ބަދަލުގައި އިތުރު ހިތްދަތިކަމެއް ދެވުނު ކަމުގެ އިޙްސާސްކުރެވުނެވެ. އެކަމަކު ޒަވީން ޤަބޫލުކުރާ ހަޤީޤަތަކީ ލޯތްބަކީ ވަކި ހައްދެއްގެ ތެރޭގައި އޮންނަންޖެހޭ އެއްޗެއް ކަމެވެ.
ރޭގަނޑުގެ ވަގުތެވެ. ރަންކިޔަން ހެކިވެރިންނާއެކު ސަލަފް އަންނާނެ ވާހަކަ ބުނުމުން އަނީސާ ބަދިގެ ފަރާތުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަންނަ ހެކިވެރިންނަށް ކެއުން ތައްޔާރު ކުރަން ބުނެފައި އަނީސާ އައިސް ކޮޓަރިއަށް ވަންއިރު ޝާޔާ އޮތީ އެނދުގައި ނުތެދުވެއެވެ.
“ދަރިފުޅާ. އަވަހަށް ތެދުވޭ ތައްޔާރުވާން. މިރެއަށްޓަކައި ސަލަފް އޮތީ ހެދުން ގެނެސްދީފައި. ފެންވަރައިގެން އެ ހެދުން ނޫން އެހެން ހެދުމެއް ނުލާތި. ރަންކިޔަން ވަކި އަދަދެއް ކަނޑައަޅައިފިންތަ؟” އަނީސާ ވާހަކަ ދެއްކީ މީގެ ނުދައްކާހާ ގާތްކޮށެވެ. ޝާޔާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ.
“އެހެންވިއްޔާ މަންމަ ބުނާ އަދަދަކަށް ރަންކިޔާ. ސަލަފް އަކީ ފައިސާވެރިއެއް. އަތުގައި ޖެހުނު ނަޞީބެއް. ވިހި ހާހަށްވުރެ ކުޑަ އަދަދަކަށް ކިޔާނެ ކަމެއް ނެތް.” އަނީސާ ރަންކިޔަންވީ އަދަދުވެސް ކަނޑައަޅައިދިނެވެ. އަނީސާ އެ ކޮޓަރިން ނިކުތީ ޝާޔާ ފެންވަރަން ވަނުމުން ހެދުން ނަގައިދީފައެވެ.
ފެންމާގަނޑު ދޫކޮށްލުމުން އޮހިގެން ދިޔަ ފެންތަކުން ހިތަށް ލިބުނު ފިނިކަމެއްނެތެވެ. ޝާޔާ ހުރީ ހިތް ހާސްވެފައެވެ. ބޮލަށް އޮހޭ ކޮންމެ ފެންތިއްކަކީ އޭނާއަށް ލިބޭ ބުރައެއްހެން ހީވެއެވެ. ފެންވަރާ ނިމުނު އިރުހަށިގަނޑަށް ތާޒާކަން އައިހެން ހިއެއް ނުވެއެވެ. ފެންހިއްކައިގެން ކޮޓަރިއަށް އާއިރު އެނދުގައި ނަގާފައި އޮތް ހެދުން ޝާޔާއަށް ފެނުނެވެ. ރަތްކުލައިގެ މެކްސީއެކެވެ. ހެދުމުގެ މޭމަތީގައި ހުދު ޖަވާހިރުތަކެއް ފަދަ ގޮށްތަކެއް ހަރުކޮށްފައި ހުއްޓެވެ.
ހެކިވެރިންނާއެކު ސަލަފް ގެއަށް އައުމުން އަނީސާ މެހެމާންދާރީ އަދާކުރިއެވެ. އީރާ ލައްވާ އެންމެންނަށް ބުއިންތައް ދީ ހެދިއެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ ޝާޔާ އަންނާނެ އިރަކަށެވެ. ޝާޔާ ލަސްވެގެން އަނީސާ ތެދުވި ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނުތަން ފެނުނެވެ. ދޮރުމަތީގައި ހުރި ޝާޔާ ފެނިފައި ސަލަފްއަށް ތެދުވެވުނީ އިޚްތިޔާރަކާ ނުލައެވެ. އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުމުން އަނީސާއަށް ބަލާލެވުނެވެ. އެއާއެކު ފެނިގެން ދިޔައީ އަނީސާގެ ދެބުމަ ކައިރިވިތަނެވެ. ރުޅި އައިސްގެން ދެބުމަ ގޮށްޖެހުނު ތަނެވެ.
މެހެމާނުންގެ ކުރިމައްޗަށް ޝާޔާ އެފަދަ ގޮތަކަށް ނިކުމެދާނެއޭ ހިތަށްވެސް ނާރައެވެ. ލާންވީ ހެދުން ވަކިކޮށްދީފައި އައުމުންވެސް އެތަނަށް އެ ނިކުތީ އަތުގައި އޮތް އެންމެ ބާ ހެދުމުގައެވެ. ގަސްތުގައި ސަލަފްގެ އަގު ވައްޓާލަން ޝާޔާ ކުރިކަމެއްހެން އަނީސާއަށް ހީވިއެވެ. ސަލަފް ހިތްހަމަ ނުޖެހިދާނެއޭ ހިތައި އަނީސާއަށް ހުރެވުނީ މާބޮޑަށް ހިތްހަމަ ނުޖެހިފައެވެ. މަޑު ހިނގުމެއްގައި އައިސް ޝާޔާ އެތަނުގައި ހުއްޓި ސަލަފް އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ހެކިވެރިން ރަނަކީ ކިހާ ވަރެއްހޭ އަހާލުމުން ޝާޔާ ރަނަށްވީ އަދަދު ބުނެލިއެވެ.
(ނުނިމޭ)