އަގުބޮޑު އިނާމު ތަކަކާއެކު ކޮންމެ އަހަރަކު ވެސް ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށް ގެންދާ ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފި އެވެ.
“ރޯދަ ހަދިޔާ”ގެ ގޮތުގައި ދިރާގުން ހަތަރު ޕްރޮމޯޝަނެއް މި ރޯދަމަހު ވެސް ކުރިއަށް ގެންދަން ރާވާފައިވާކަމަށް ހާމަކުރެއެވެ. އޭގެ ތެރޭގައި “ރޯދަ ބޮޑު ހަދިޔާ” އާއި “ޕްރިޕެއިޑް ފްރީ ފްރައިޑޭ” އާއި ހެޔޮ އަގުގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ޕްރޮމޯޝަން އަދި “ޓަޗް ނެޓް” ޕްރޮމޯޝަން ހިމެނެއެވެ.
މިގޮތުން ދިރާގު ބޮޑު ހަދިޔާ ޕްރޮމޯޝަން އަކީ ދިރާގުގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން 150ރ. އިން ފެށިގެން މަތީ އަދަދަކަށް ހޭދަ ކުރާ މީހުންނަށް ބައިވެރިވެވޭ ޕްރޮމޯޝަންއެކެވެ. މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ހަތަރު ކަސްޓަމަރަކަށް ޔަމަހާ ބްރޭންޑްގެ ސައިކަލެއް ދޭން ވަނީ ނިންމައިފަ އެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ޔަމަހާ ސައިކަލްގެ ބްރޭންޑްތައް ކަމަށްވާ، ސޯލް ޖީޓީ އާއި ބައިސަން އާއި ޒިއޯން އަދި ފީނޯ ބްރޭންޑްގެ ސައިކަލެއް ހިޔާރު ކުރުމުގެ ފުރުސަތު ދިރާގުން ވަނީ ދީފަ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ރިކުއެސްޓް ކުރަން ނުޖެހޭ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ރަމަޟާން މަހާ ދިމާކޮށް ކޮންމެ ހަފްތާއަކު 75ރ. އިން ފެށިގެން މަތީ އަދަދަކަށް ޕްރީޕެއިޑުން ގުޅާ ކަސްޓަމަރުންނަށް ކޮންމެ ހުކުރު ދުވަހެއްގެ ހުރިހާ ކޯލެއް ހިލޭ ކުރެވޭނެ ގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކެޕިޓަލް “އެފްއެފް” ލިޔުމަށް ފަހު 343 އަށް އެސްއެމްސްއެސް ކޮށްގެން ކަމަށް ދިރާގުން ހާމަކުރެއެވެ.
ދިރާގުގެ ޓަޗްނެޓް ޕްރީޕެއިޑާއި ޕޯސްޕެއިޑް ކަސްޓަމަރުންނަށް ރޯދަ މަހު އިތުރު ޔޫސާ އެލަވަންސްތަކެއް ދިނުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެގޮތުން 200ރ. އަށް ވުރެ ކުޑަ ނޫން އަދަދެއް ހޭދަ ކުރާ ކަސްޓަމަރުންނަށް 500 އެމްބީގެ އިތުރު އެލަވަންސެއް ދިރާގުން ދޭނެ ކަމަށް އެފަރާތުން ހާމަކުރެއެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރޮމޯ ޖެއްސެވުމަށް ފަހު 443 އަށް އެސްއެމްއެސް ކޮށްގެންނެވެ.
ދިރާގުންވަނީ ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލުމަށް ޗާޖް ކުރާނީ 1.99ރ. ކަން ހާމަކޮށްފައެވެ. އެ ރޭޓްގައި ސައުދީއަށް ގުޅުމަށް 019 ޖެއްސެވުމަށް ފަހު ކަންޓްރީ ކޯޑް އަދި ނަމްބަރު ޖެއްސެވުމުން އެ ރޭޓްގައި ރޯދަ މަހުގެ ކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައި ވެސް ސައުދީއަށް ގުޅޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި ނަމާދު ވަގުތުތައް ހިލޭ ބަލައިލުމުގެ ހިދުމަތާއި ފޯން މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ހިދުމަތް ވެސް ދިރާގުން މިއަހަރު ވެސް ފޯރުކޮށްދޭނެ އެވެ. އެ ހިދުމަތްތައް ދިރާގުގެ ޔޫޒާ މެނޫ މެދުވެރިކޮށް ލިބިގެންދާނެއެވެ.
ދިރާގުން ދާދިފަހުން ވަނީ ޕޯސްޓްޕެއިޑް ނަންބަރު ތަކުން ހިލޭ ގުޅޭ ނަންބަރުތަކަށް ގުޅަންލިބޭ ހިލޭ މިނެޓްގެ އަދަދު ދެގުނައަށް އިތުރުކޮށްފަ އެވެ.