ޖުލައި 9 ވަނަ ދުވަހުގެ ބަޔާގުޅޭ
“ވިހި ރުފިޔާ..” ޝާޔާގެ ދުލުން ރަން ކިޔާލުމުން ހެކިވެރިން ފޯމުގައި އެ އަދަދު ނޯޓްކޮށްލިއެވެ. އަނީސާ ގަދަކަމުން ހިންދިރުވާލުމަށްފަހު ޝާޔާގެ މޫނަށް ބަލާލި އެވެ. ޝާޔާ ގަސްތުގައި އޭނާއަށް ޖެއްސުންކުރަން ފެށީ އެވެ. ސަލަފް ދިން ހެދުމުގެ ބަދަލުގައި ބާ ހެދުމެއް ލައިގެން ނިކުމެ އެވަރުން ނުފުދިގެން ވިހި ހާސް ރުފިޔާއަށޭ ބުނީމައި ވިހި ރުފިޔާއަށް ރަންކިއުން ވެގެން ދިޔައީ އަނީސާއަށް ޤަބޫލުކުރަން ދަތި ކަންތައްތަކަކަށެވެ. ހެކިވެރިންނާއި ސަލަފްއަށް ޖޫހާއި ކާއެއްޗެހި ނެރެދީފައި އަނީސާ ޝާޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.
“މިހިރަ އަންހެނާގެ ލަދު ކުޑަކަން. ގަސްތުގައި އަހަރެންގެ އަގު ވައްޓާލަން ހިތު ނިޔަތް ގަނެގެން ދޯ ނިކުތީ. އެންމެ ފަހަރަކު އަހަރެން ބުނާ ގޮތެއް ހަދައިގެން ކަލޭގެ ގައިން ތަންގަނޑެއް އުނިވާނެ ކަމުގައި ދެކެނީތަ؟ އަހަރެން ވިސްނަނީ ކަލެއަށް ހެޔޮ ގޮތް. އަހަރެމެން އެންމެންނަށް ހެޔޮގޮތް.“ އަނީސާ އަޑުލަމުން ދިޔައިރު ޝާޔާގެ ދެލޮލަށް އެއްވަމުން ދިޔަ ކަރުނަތައް ހިފަހައްޓާލައިގެން ހުއްޓެވެ.
“އެންމެ ފަހަރަކު މަންމަ އަހަރެންގެ އުފަލާ މެދު ވިސްނާލިނަމަ. ހަމަ އެންމެ ފަހަރަކު. އޭރުން އަހަރެން އުޅޭނީ އުފަލުގައި. ފައިސާ އާއި މުއްސަދިކަމަށްވުރެ ލޯބި އަހަންނަށް މުހއްމު. އަހަންނަށް މަޖުބޫރު ކޮށްގެން މަންމައަށް ލިބުނު ހިތްހަމަ ޖެހުމަކީ ކޮބާ؟ ތިއީ އަހަރެންގެ މަންމަ ބާއޭ ހިތަށް އަރާ. މަންމަގެ ހިތުގައި ފައިސާގެ ދަހިވެތިކަން އަށަގަތީ ކޮންއިރަކު؟ އަހަންނަށް ހެޔޮވާނީ އަހަރެން ބޭނުން މީހަކާއެކު ޒަވާޖީ ހަޔާތެއް ފަށައިގެން.“ ޝާޔާ އަޑުބެދޭ ގޮތްވި އެވެ.
“ލޯބި. އެއީ ކޮންމެ މީހަކު ދެކެވެސް ވެވޭނެ އެއްޗެއް. ސަލަފް އާއެކު އުޅުމުން އޭނައަށް ހިތް ޖެހި ލޯބި ވެވިދާނެ. ސަލަފް އާ ކައިވެނި ވުމަށްފަހު އެގޭގައި ރާނީއެއްހެން އުޅުމުގެ ނަޞީބު ލިބޭނީ ޝާޔާއަށް. އަރާމު ދާނުގައި ނިދަން ލިބޭނީ ޝާޔާއަށް. މި މަންމަ އާއި އީރާއަށް އޮތީ ކޮން އެއްޗެއް؟ އެހެންވެ އަހަރެން ބުނީ ރަނަށް ބޮޑު އަދަދެއް ކިޔާށޭ. އެއިން އަހަރެމެން ދެމައިންނަޑް ފައިދާ ވާނެތީ. އެކަމަކު ޝާޔާ ތިއައީ ވިހިރުފިޔާއަށް ރަންކިޔާފައި. އޭގެން މި ޒަމާނުގައި ކޮންއެއްޗެއް ގަންނަން ލިބެނި؟ މިއަދު ޝާޔާ އަކީ މި އާއިލާގެ ހުރިހާ ވެސް އުއްމީދަކީ. ތިއީ މި އާއިލާގެ ދިރުމަކީ. ދެން އެ ހުރި އީރާއަށް ކޮން އެއްޗެއް ހޯދައިދެވޭނީ. ވަޒީފާގަނޑެއްވެސް އޭނާގެ އަތަކު ނެތް” އަނީސާ ގެ ވާހަކަ ހުރިގޮތުން ޝާޔާ ހިތްހަމަ ނުޖެހުނެވެ.
ޝާޔާ އިސްޖަހާލި ގޮތަށް ހިމޭނުން ހުރުމުން އަނީސާއަށް ރައްދުގައި އެއްވެސް ޖަވާބެއް ނުލިބުނެވެ. ޝާޔާގެ ހަނު ހުރުން ވެގެން ދިޔައީ އަނީސާގެ މޫނުމަތީގައި ކޮޅު ފައިން ޖެހުން ކަހަލަ ކަމަކަށެވެ. މަންމަ ތި ކިޔަނީ ހެޔޮކޮށޭ ބުނުމުގެ ބަދަލުގައި ހިތް ހަރުކޮށްލާފައި ބަސް ނުބުނެ ހުރުމުން އަނީސާގެ ހިތުގައި ޖެހުނެވެ. އަނީސާ ކޮޓަރިން ނިކުމެގެން ގޮސް މެހެމާނުންނަށް ރޭގަނޑުގެ ކެއުން އަރުވާފައި ސަލަފް އާ ވާހަކަ ދައްކާލަން މަޑުކުރިއެވެ. ކައިވެނީ ހަފްލާ ބާއްވާނެ ގޮތާއި ތަނެއް ނިންމަން ދޫކޮށްލީ ސަލަފް އަށެވެ. ކައިވެނީގެ ހުރިހާ ޚަރަދެއްވެސް ނެގީ ސަލަފްއެވެ. ކައިވެނީގެ ގަޑި އައި އެހެން ކަންކަން އަނީސާއަށް ކިޔައިދިނުމަށްފަހު ސަލަފް އެނބުރި ދިޔައީ ވިހި ހާސް ރުފިޔާ ދީފައެވެ. އެއީ ކައިވެނީގެ ހަފްލާގައި ލާނެ ހެދުމާއި ގަހަނާއަށް ވާ އަދަދެވެ.
ޖެހިގެން އައި ދުވަހު އަނީސާ ބާޒާރަށް ނިކުތީ އީރާ އާ އެކުގައެވެ. ޝާޔާ ކައިރީ ކިޔައި އާދޭސް ކުރުމުން ހެދުން ގަންނަން ދާން އެއްބަހެއް ނުވިއެވެ. އަނީސާ އާއި އީރާ ހެދުން ވިއްކާ ފިހާރައަށް ވަދެ ހެދުންތައް ބަލަމުން ގޮސް ގަހަނާތައް ކައިރިއަށް އަނީސާ ޖެހިލިއެވެ. އީރާ އެކަނި ހެދުންތަކަށް ބަލަމުން ދަނިކޮން އޭނާގެ އަތުގައި މީހަކު ހިފާ ދަމާލި އެވެ.
“ޝަހުދު.” އެތައް ދުވަހެއް ފަހުން ޝަހުދުގެ ސޫރަ ފެނުމުން އީރާއަށް ލިބުނީ ނުތަނަވަސްކަމެވެ.
“އަހަންނާ ފިލައިގެން ތަ ތިއުޅެނީ.” ޝަހުދު ލާނެތްވައްތަރަކަށް ހިނިތުންވަމުން އީރާ ކައިރިއަށް ދަމައިގަތެވެ. އީރާ ނުތަނަވަސްވިލެއް ބޮޑުކަމުން ނިތްކުރި ދަލުގެ ތިކިތަކުން ފުރުނެވެ.
“ދޫކުރޭ އަހަރެން އަތުން. އަހަރެން މިއުޅެނީ ފިލައިގެންނެއް ނޫން. ޝަހުދު އާ ބޭއްވި ގުޅުން ކަނޑާލައިގެން. އަހަރެން ބޭނުން ނެތީ އެއް ތަށިން ނުފުދޭ މީހަކާއެކު ވާން. އަހަރެން ބޭނުން ނެތީ އަހަރެންވީ ވަފާތެރިކަމުގެ އަގު ވަޒަން ނުކުރެވުނު މީހަކާއެކު އުޅެން.” އީރާ އަތް ދަމައިގަތެވެ.
“އަހަރެން އަދިވެސް ބޭނުމީ އީރާ. އީރާގެ ޖިސްމުގެ މީރުކަން.” ޝަހުދު ގެ ސިފަތައް ކިޔާލުމުން ދެންވެސް ލަދުގެ ކަންފުޅެއްވެސް ފާޅެއް ނުވި އެވެ.
“ދުރަށް ދޭ މަށާއި.” އީރާ ދަތްވިކައިގަނެފައި ފަހަތަށް ޖެހިލިއެވެ.
ފިހާރަ ތެރޭގައި މީހުން ކިތަންމެ ގިނަ ނަމަވެސް އެއިން އެއްވެސް މީހަކު އެތަނުގައި ހިނގާ ކަމެއް ފަހުމެއް ނުވެއެވެ. ކޮންމެ މީހަކުވެސް އަމިއްލަ ވިޔަފާރީގައި ބިޒީވެގެން އުޅެއެވެ.
“އަހަރެން ހަޅެއްލަވައިގަންނާނަން. އެންމެން މިތަނަށް އެއްކުރާނަން. އެވަރު ނުކުރަނީސް ކަލޭ މިތަނުން ދާން އުޅޭ.” އީރާ އާ ޝަހުދު ކައިރި ވާން އުޅުމުން އިންޒާރެއް ދިނެވެ.
“އެންމެން އެއްކޮށްބަލަ. އަހަރެންވެސް ކިޔާނެ އެއްޗެހި ވަރަށް ގިނަ. އީރާ ތިއީ ހެދުމުން ފޮރުވިގެން ހުރި ކަސްބީ އަންހެނެއް. ފިރިހެނެއްގެ އަވައިގައި ޖެހުމުން އިއްފަތްތެރިކަން ހަދިޔާ ކޮށްފައި ހުރި އަންހެނެއް. ތިއީ ބޮޑު ވަޅުދޮށު ސައިބޯނި ގަނޑަށްވުރެ އާންމު މީހެއް. އަހަރެންގެ އެކުވެރިންވެސް ކަލޭގެ ބޭނުން ހިފި. މަސްތުވެފައިވާ ހާލު އެމީހުން ކަލޭގެ ގަޔަށް އެރި ދުވަހުވެސް ކަލެއަށް ރާކާނުލި. މިއަދު މާ މާތް މީހަކަށްވެގެން ތިއްތި ދެކެން ތިއުޅެނީ ކީއްވެގެން. އީރާ ހީކުރީ އަންހެނަކު ހަޅެއްލަވާފައި މީހުން އެއްކޮށްފައި ދައްކާ ވާހަކަ އެކަނި ކަމަށްތަ ޤަބޫލު ކުރާނީ. އަހަރެން އަތުގައި ކަލޭ ވީޑިޔޯ ތަކާއި ފޮޓޯތައް އެބަހުރި. އެ ފަޟީހަ ކުރަންވީތަ؟ ނޫނީ އަހަރެން ބުނާ ގޮތަށް ރުހޭނީތަ؟ ފަޟީހަ ވާން ބޭނުން ނުވާނަމަ އަހަރެން ބުނާ ގޮތަށް ރުހި ޤަބޫލުވޭ.” ޝަހުދު ގެ އިންޒާރުން އީރާ ހިމޭންކުރިއެވެ. ވިސްނާލުމެއްނެތި އަރައިގަނެވުނު ފާފައިގެ ސަބަބުން މުޅި އުމުރު އެކަމުގެ ވޭން އުފުލަން ޖެހިދާނެކަން ހިތަށްވެސް ނާރައެވެ.
ޝަހުދުގެ ޝަރުތައް އީރާ ރުހި ޤަބޫލުވިއެވެ. ފަޟީހަވެދާނެ ކަމުގެ ބިރަށެވެ.
ސަލަފް ރަންކިޔައިފިކަން ފިޔަވާ އެ އާއިލާގެ މީހުންނަށް އެނގުނު އިތުރު މައުލޫމާތެއް ނެތެވެ. ސަލަފް އެކަން ސިއްރު ކުރީ ހަޤީޤަތް އެނގިގެންނެއް ނޫނެވެ. ހަމައެކަނި ސަޕްރައިޒްއެއް ދިނުމުގެ ބޭނުމުގައެވެ. ސަލަފް ހުހަށް ހުރެފައި ކައިވެނީގެ ކަންތަކާއި ވިސްނައިފިކަން އެނގުމުން މާނާ އުފަލުން ކައިވެނީގެ ކަންކަން އިންތިޒާމް ކުރުމުގައި އަވަދި ނެތި އުޅެމުން ދެއެވެ. ޕާޓީއަށް ގެ ތައްޔާރުކުރަންވެސް އެކަމަށް ޚާއްސަ ބަޔަކާ ހަވާލު ކުރިއެވެ. ކައިވެނީގެ ކާޑު ހެދުމަށް ރަނގަޅު ޑިޒައިންއެއް ނަގަން ސުދާ އާއި ހަވާލު ކުރިއެވެ. ކާޑު ޗާޕުކޮށް ބެހުމުގެ ޒިންމާއަކީ ސަލަފްގެ ކަމެއް ކަމުގައި ބުންޏެވެ. ސަލަފް ކުރު ޗުއްޓީއެއް ނަގައިގެން ގޭގައި ހުރީތީ އޮފީހުގެ ހުރިހާ ކަމެއް ހަވާލު ކުރީ ޒަވީން އާއި ސުދާ އަށެވެ.
ސުދާ ލެޕްޓޮޕް ހިފައިގެން މާނާ އާއި ސަލަފް ވާހަކަ ދައްކަން ތިއްބާ އައިސް ސޯފާގައި އިށީނެވެ.
“މިހުރީ އަހަރެން ނެގި ޑިޒައިންތައް. މީގެ ތެރެއިން ރަނގަޅު ޑިޒައިންއެއް ނަގަންވީ.” ސުދާ ލެޕްޓޮޕް އަނބުރާލަމުން ސަލަފް އާ މާނާއަށް ދެއްކިއެވެ. ސަލަފް ކައިރިވެލާ ސުދާ ނަގާފައި ހުރި ޑިޒައިން ތަކަށް ފާޑުކިޔަމުން ގޮސް ރީތި ކާޑެއް ނަގައިފި އެވެ. ސުދާ އާއި ސަލަފް ކައިރީގައި ތިބެ ހަމަޖެހިލައިގެން ވާހަކަ ދައްކާލުމުން މާނާގެ ހިތަށް ލިބުނު ފިނިކަން ބުނެދޭންވެސް ދައްޗެވެ. އޭނާ އަބަދުހެން ކުރާ ޝަކުވާ އަކީ އޭނާގެ ތިން ދަރިން ވަކިވެ ހަތުރުންނަށް ވެގެން އުޅޭތީ ކުރެވޭ ޝަކުވާއެވެ. ސަލަފް ކައިވެނީގެ ޚަބަރަށްފަހު މިގޭ ތެރެއިން ފެންނަ އެއްބައިވަންތަކަމުން މާނާ ހުރީ އުފާވެފައެވެ. ސަލަފްގެ ކައިވެންޏަކީ އެގޭގެ އެއްބައިވަންތަކަން ކަމުގައި އޭނާ ނިންމިއެވެ.
“މަންމާ. އަހަރެން ކައިވެނީގެ އެއްވެސް ކަމެއް ޔޫއާންއަށް އެނގޭނެތަ؟” ސަލަފް މާނާގެ ކޮނޑުގައި ޖަހާލަމުން އަހާލިއެވެ.
“ނޫން މަންމަ އަދި ނުބުނަން. ރޭގައި މަންމަ ގުޅީމައި ފޯނެއް ނުނަގާ.” މާނާ ޖަވާބު ދިނެވެ.
“އެހެންވިއްޔާ މަންމަ މަޑުކުރޭ. އަހަރެން ގުޅާފައު ބުނާނަން. އޭގެ ކުރިން ޔޫއާން މިކޮޅަށް އައުމުގެ ޓިކެޓް ހަމަޖައްސާނަން. އޭރުން ޔޫއާން ވަރަށް އުފާވާނެ.” ސަލަފް ހިނިތުންވެލައިގެން އިނދެ ވާހަކަ ދެއްކިއެވެ. މާނާގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނަތައް ގިނަވެގަތީ އިޚްތިޔާރަކާއި ނުލައެވެ.
ސަލަފް އެންމެން ކުރިމަތީ ޔޫއާންގެ ޓިކެޓް ހަމަޖައްސަން ގުޅިއެވެ. މިދުވަސްކޮޅުގެ ގޮތުން އެންމެ އަވަހަށްވެސް ޖާގަ ލިބެން އޮތީ ސަލަފް ކައިވެނި ކުރާ ދުވަހުގެ ރެއަށެވެ. ސަލަފް އެއަށްވުރެ އަވަސްވޭތޯ ބޮޑެތި މީހުންނަށް ގުޅައިގެންވެސް ޖާގަ ލިބޭގޮތެއް ނުވިއެވެ. އެ ފޯނު ކޯލު ނިންމާފައި ސަލަފް ޔޫއާންއަށް ގުޅާ ކައިވެނީގެ ޚަބަރު ދިނެވެ. އާއިލާގެ އެހެން މެންބަރުންނަށް ސިއްރު ކުރި ފަދައިން ޔޫއާންއަށް ވެސް ސަލަފް މުސްތަޤްބަލުގައި ވާން އުޅޭ އަންހެނުންގެ ނަން ސިއްރު ކުރިއެވެ. ހަމައެކަނި ބުނެލިހާވެސް މައުލޫމާތަކީ ބައިވެރިޔާއަކީ އެންމެންވެސް ދަންނަ މީހަކަށް ވާނެ ކަމެވެ. މާޔޫސްވެފައިވާ ޔޫއާންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ދެވަނަ ސިކުންތުގައި ޔޫއާން މާލެ އައުމުގެ ކަންތައް ހަމަޖެހުނު ކަމާއި ޓިކެޓްގެ ވާހަކަ ބުނުމުން ކުރިއަށްވުރެ ބޮޑަށް ހިތްހަމަޖެހުން ލިބުނެވެ.
ކައިވެނީގެ ކަންތައް ތަކުގައި ދެއާއިލާއިން ވެސް އުޅުނީ ވަރަށް ބުރަކޮންނެވެ. ހަފްތާއެއް ވޭތުވެގެން ދިޔަ ގޮތްވެސް ނޭނގުނެވެ. ހިތާމައިގެ ސާލު އޮޅައިގެން ދިރިއުޅުންމަތިން މާޔޫސްވެފައި ހުރެ ޝާޔާ އޭނާގެ ހިތަށް ވިސްނައިދެވޭތޯ ބެލިއެވެ. ވެދިޔަ ތަން ދޫކޮށްލާފައި ތަޤްދީރުގައި އޭނާއަށް މިންވަރު ކުރެއްވި ގޮތަށް ޝުކުރު ކުރުން ނޫން ގޮތެއް ނެތްކަމަށް ޤަބޫލުކުރަން ހިތަށް މަޖުބޫރު ކުރަމުން އަނީސާ އާއެކު ގޭތެރޭ ބައެއް ކަންކަމުގައި މަދު މަދުން ބައިވެރިވަމުން ދިޔައެވެ.
ކައިވެނި ކުރަން އޮތް ދުވަހަކީ ވަރަށް ތަފާތު ދުވަހެއްކަން އިޙްޞާސްވިއެވެ. މުޅިން އާ ދުނިޔެއަކަށް ހޭލައިގެން އުޅެވޭހެން ހީވެއެވެ. ކައިވެނީގެ ވަގުތު ކައިރި ވާވަރަކަށް ހިތް ނުތަނަވަސްވާގޮތްވިއެވެ. އީރާގެ އެހީތެރިކަމާއެކު ހެދުމާ ގުޅޭގޮތުން ޒީނަތްތެރިވެލިއެވެ. އެތައް ދުވަހަކަށްފަހު މޫނުމަތިން އުޖާލާކަން ފެނުނު ވަގުތު ކޮޅަކީ އެއީ އެވެ. ހަމުގެ ހުދުކަން ކުރިއަށްވުރެ ގަދަހެން ހީވެއެވެ. ތުންފަތުގެ ވިދުންވެސް އެހާ ގަދައެވެ.
ކައިވެނި ކުރަން ހަމަޖެހިފައި އޮތީ ސަލަފްގެ ގޭގައެވެ. ޝާޔާ ރީތިވެ ނިމުމުން ސަލަފް ފޮނުވި ކާރުގައި އަނީސާގެ އާއިލާ އެގެއަށް ދިޔައެވެ. އެގޭ ހުންނަ މަގަށް އެޅުމުން އެގޭގެ އަލި ފެންނަން ފެށިއެވެ. ބޭރު ފާރުގައި ހުރި ނިވި ދިއްލޭ ބޮކިތަކުން މަގުވަނީ ޖަރީވެފައެވެ. ކާރު އެގޭ ޕޯޓިކޯގައި ހުއްޓުމުން ގޭތެރެއިން މާނާ އާއި ސުދާ އަވަހަށް ނިކުތެވެ. ކާރުގެ ދޮރު ހުޅުވާފައި ފޭބި އީރާ ފެނުމުން މާނާ ކުށްހީއެއްގައި ހުރެ ހިނގައިގަތުމުން ދެވަނަ ދޮރު ހުޅުވާފައި ނިކުން ޝާޔާ ފެނި މާނާ ހުއްޓުން އެރިއެވެ. ކައިވެނީގެ ތީމް އާއި ގުޅުވާފައި ހެދުން އަޅައިގެން ހުރީ ޝާޔާ ކަމަށްވެފައި އެވަރު ވިސްނާ ނުލައި އީރާ ކަމުގައި ނިންމުނީތީ މާނާ ހައިރާންވިއެވެ. ޝާޔާ ފެނިފައި މާނާ އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ސުދާވެސް ފިޔަވަޅުމަތީ ގުޑިލަން ނޭނގިފައި ހުއްޓާ ގޭތެރެއިން ނިކުން ސަލަފްގެ އަޑުން އެންމެން އެދިމާލަށް ބަލާލި އެވެ.
“’ސަޕްރައިޒް އެއް ނޫންތަ؟ އަހަރެން ބުނީމެއްނު މަންމަ ކައިރީ އެއީ ދަންނަ ކުއްޖެކޭ. މިގޭ އެންމެންނަށް އަނީސައްތަ އަކީ ދަންނަ މީހެއް. މަންމާ. އަހަރެންގެ ވާން އުޅޭ އަންހެނުންނަށް މަރުޚަބާވެސް ނުކިޔާނަންތަ؟” ސަލަފް މާނާގެ ކަންފަތް ކައިރިއަށް ގުދުވެލަމުން އަހާލިއެވެ.
މާނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެތެރެއަށް ވަންނަން ދައުވަތު ދިނީވެސް ސަލަފް އަމިއްލައަށެވެ. މާނާ އަށް ލިބުނު ސިހުމެއްގެ ސަބަބުން ދެވަނަ ޙަރަކާތެއް ގެންނަން ނުކުޅެދިފައި ހުރެވުނީއެވެ.
ސަލަފްގެ ފަހަތުން ގޭތެރެއަށް ވަން އަނީސާއަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. ލޭސްފޮތިތަކުންނާއި މާތަކުން ޒީނަތްތެރިކޮށްފައި ތައުރީފް ކުރާ މީހަކު ކުރާނެ ތައުރީފް ހުސްވާނެހާ ވަރަށެވެ. ކައިވެންޏަށް ހާއްސަ ކުރެވުނު މޭޒުގައި ހުދު ފޮތި ދަމައި ގޮނޑިތައްވެސް ވަނީ ޒީނަތްތެރިކުރެވިފައެވެ. ލައިޓް ސިސްޓަމުން އެޅެމުން ދިޔަ އެކި ކުލައިގެ ލައިޓްތަކުން ގޭތެރެ ހީޗަނީ ވިދަ ވިދާ އޮތް ޖަވާހިރެއް ހެންނެވެ.
ގާޒީ ދުރުވެ ކައިވެނީ ކޮށްދެން ފެއްޓެމުން ބޭރުގައި ހުރި މާނާ އެތެރެއަށް ވަނެވެ. މޭޒުކައިރީ ޖަހާފައި ހުރި ގޮނޑިއެއްގައި އިށީދެ ހިތްހަމަނުޖެހިފައި އިނީ މިވަގުތު ޔޫއާން އަތުވެއްޖެނަމަ ދެން ވާނެގޮތަކާމެދު ވިސްނާށެވެ. ސަބަބެއް މެދުވެރިވެގެން ޔޫއާން އައުން ލަސްވާނެނަމައޭ ހިތަށް އަރަމުން ދިޔައެވެ. ޝާޔާ ފުރަތަމަ ދުވަހު ޔޫއާން އާއެކު ފެނުމުން ލިބުނު އުފާވެރިކަމާއި އަޅާ ބަލާފައި މިއަދު ގަދަކަމުންވެސް ހިނިތުންވެލަން ނޭނގުނެވެ. ހިތަށް ލިބުނު ސިހުމާއި އެކު ރޯވި ނަފްރަތުގެ ހުޅުގަނޑު އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑެވެ.
(ނުނިމޭ)