twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުރުވާހަކަ – ޒަހަމް

Jul 17, 2013

އިނާޔަތު ޢަލީ

އޮއްސެމުންދިޔަ އިރާއެކު އުޑުމައްޗައް ރީތި ކުލަތައް އަރަމުން ދިޔަ އެވެ. ވިލާތަކުގެ ކުލަތައް ބަދަލުވަމުން ދިޔަ އެވެ. މަޑުމަޑުން ކުލަތައްފިލައި، ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުންދިޔަ އެވެ. ނާމާންކަމާއި ބިރުވެރިކަން ފެތުރެމުންދިޔަ އެވެ. ލީންގެ ހިތް ބާރަށް ތެޅެމުންދިޔަ އެވެ. އެރީތި ދެލޮލުން ކަރުނަ ނުހިކެ އެވެ. ކޮންމެ ކަރުނައެއް އެހީއަށް އެދި ގޮވަމުންދިޔަ އެވެ. އެދެލޮލުގައިވަނީ ވޭނާއި ހިތާމައެވެ. އޭނާގެ މައުސޫމު ހިތްވަނީ ހަދާނެގޮތް ހުސްވެފަ އެވެ. އިންސާފަށް އެދި ގޮވަގޮވަ އެވެ. އެހީއަށްއެދި ރޮއެރޮ އެވެ.

ކުޑަދޮރުން ބޭރުބަލަންއިން ލީންގެ ކަރުގަޔާއި މޭގައި ވަކިއަޅާފައި ހުރިތަންތަނުން ނަގާދިލަ އޭނައަށް އިހްސާސް ނުވާ ކަހަލަ އެވެ. އޭނާގެ ނަޒަރު ހުއްޓުނީ ބާރުދުވެލީގައި އައިސް ގެއަށް އައި ސައިކަލަށެވެ. އެއީ އޭނާގެ ދޮންބެ ނައުފަލު އެވެ. ލީން ހިތުގެ ވިންދު އަވަސްވި އެވެ. ދެލޮލުން ކަރުނަ ފޭދުނެވެ.

ލީންގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހުމުން، އޭނާ އަވަސް އަވަހަށް އެނދުގެ ބޯލާކޮޅުގައި ބާއްވާފައި އޮތް ބުރުގާ އަޅާލައި، ހަށިގަނޑުގައިވާ ޒަހަމްތައް ފޮރުވާލި އެވެ. އަދި ދޮރު ހުޅުވާލި އެވެ. ދޮރުމަތީގައި ހުރީ ލީންގެ މަންމަ ނާޒިމާ އެވެ. އޭނާ އެ ގޮވީ ކާންހަދަން ދާށޭ ބުނަންކަން ލީންއަށް އެނގޭތީ، ލީން ކާގެއަށް ގޮސް ކާންހެދި އެވެ. ދޮންބެ އާއި ދޮންތަ ނައުޝާ އައިސް މޭޒުދޮށުގައި އިށީނުމުން ލީންވެސް ކާން އިށީނެވެ. ނައުޝާ އިނީ މޫނުހަދައިގެންނެވެ. އެހެން ދުވަސް ދުވަހެކޭ އެއްފަދައިންނެވެ. ދޮންބެގެ ވިހަބެލުމުން ލީން އާއި ދިމާއަށް ބަލަމުންދިޔަ އެވެ. ބިރުން އިނދެ ކައި ނިމިގެން ތަށިތައް ނަގާފައި ލީންގެ ކޮޓަރިއަށްގޮސް އޭނާގެ ދޮރު ތަޅުލި އެވެ.

ނިދާބޮކީގެ ފަނޑުއަލީގައި، ލީން އެނދުމަތީގައި ބާލިހެއްގައި ބައްދާލައިގެންއިނެވެ. ބިރުން ތުރުތުރު އަޅަ އެވެ. އޭނާގެ ދޮންބެ އައިސްދާނެތީ އެވެ. ގިނައިރުތަކެއްނުވެ ދޮންބެ އައިސް ތަޅުދަނޑިއަކުން ދޮރުހުޅުވާލި އެވެ. ލީންގެ ގައިން ހީބިހި ނަގައިގަނެގެން ދިޔަ އެވެ. ބިރުން އަޑު ތުރުތުރު އަޅަން ފެށި އެވެ. ކޮޓަރިއަށް ވަނުމަށްފަހު ނައުފަލު ދޮރު ތަޅުލި އެވެ. އަދި އޭނާގެ ލެޕްޓޮޕް ނެގި އެވެ. ލީންގެ އެނދުގައި ނައުފަލު އިށިނދެލާފައި ލީންގެ އަތުގައި ބާރަށް ހިފުމަށްފަހު އުނގުތެރޭގައި ބޭންދި އެވެ. ދުރަށް ދިއުމަށް ގަދަހަދަމުން ދިޔަ ލީންގެ މޫނުމަތީގައި ބާރަށް ޖެހުމަށްފަހު މަޑުން އިނުމަށް ބުނަމުން އޭނާގެ ލެޕްޓޮޕުން ވީޑިއޯ ކޮޅެއް ހުޅުވާލި އެވެ. ލީން ބަލަން ބޭނުންނުވާ އެ ވީޑިއޯ ލީން ބަލަން މަޖުބޫރު ކުރުވި އެވެ. ގަޑިއެއްގެ އިރުވާންދެން ނައުފަލު ލީންގެ ކޮޓަރީގައި އިނެވެ. ލީންގެ ގައިގައި ބީހުމަށްފަހު އަނިޔާވެސް ކޮށްހެދި އެވެ. ނައުފަލު ކޮޓަރިން ނުކުމެގެންދިޔައީ، ތުންފަތުގައި އިނގިލި ގައްސާލުމަށްފަހު” ޝްޝް ޝްޝްހް” އޭ ހަދާލަމުންނެވެ.

ލީންއަށް ހޭލެވުނީ ބަންގިގޮވާ އަޑަށެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ފެންވަރާލައިގެން ނަމާދުކޮށްލައިގެން، ރޮށިފިހެ ސައިކެއްކި އެވެ. އަދި ތައްޔާރު ވެލައިގެން ނަމާދުކޮށްލައިގެން ސްކޫލަށް ދިޔަ އެވެ. ގުރޭޑް 11 ގައި ކިޔަވަމުންދާ ލީންގެ ކިޔެވުން ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔައެވެ. ވާނީ ވެސް އެހެންތާ އެވެ. އޭނާއަށް ކިޔެވުމަށް ސަމާލުކަން ނުދެވެނީ އެވެ. ލީންގެ ރަހްމަތްތެރި ޝައިހާ މިކަމާ ވަރަށް ކަންބޮޑުވި އެވެ. ކިހިނެތް ވަނީތޯ ވަރަށް ސުވާލުކޮށް ހެދި އެވެ. ލީންއަށް ދިމާވެގެން އުޅޭ ކަންތައްތައް ކިޔާދޭކަށް އޭނާއަކަށް ނުކެރުނެވެ. ހޭލުންތެރިކަން ލިބިފައިނުވާ ޝައިހާއަކަށް ވެގެންއުޅޭގޮތުގެ އަންދާޒާވެސް ނުކުރެވެ އެވެ. ޝައިހާގެ ބޭބެ އާނިމްއަކީ ލީންއަށްވުރެ 5 އަހަރު ދޮށި ކުއްޖެކެވެ. 22 އަހަރުގެ އާނިމްކައިރި، ޝައިހާ އޭނާގެ އެކުވެރި ލީންއަށް ފިލާވަޅުތައް ދަސްކޮށްދިނުމަށް އެދުނެވެ.

ލީން ކޮންމެ ދުވަހަކު ހަވީރު ޝައިހާމެންގެއަށް ދާންފެށި އެވެ. އާނިމްއަކީ ކިޔަވައިގެންހުރި ހިތްހެޔޮ ކުއްޖެކެވެ. ހޭލުންތެރިކަން ލިބިފައިވާ ހަރުދަނާ ކުއްޖެކެވެ. ލީން ކިޔެވުމަށް ސަމާލުކަން ނުހުންނަނީކީ ނޫންކަން އާނިމްއަށް ވިސްނޭކަށް ގިނަދުވަހެއް ނުނެގި އެވެ. ލީން އަށް ދިމާވެގެން އުޅެނީ ކޮންމެވެސް އެހެން ކަމެއްކަން އެނގުނު ދުވަހުން ފެށިގެން އާނިމް ލީންއަށް އެހީތެރިވެދިނުމަށް ނިންމި އެވެ. އެއްވެސް ކަމެއް ދިމާވެގެންތޯ ސުވާލުކުރުމުން އެދެވޭ ޖަވާބެއް ލީންނުދެއެވެ. ނަމަވެސް އާނިމް މަސައްކަތްކުރުން ހުއްޓައެއްނުލަ އެވެ. މަޑުމަޑުން ލީންގެ އިތުބާރު އާނިމް ހޯދިއެވެ. ޓީޗަރަކާއި ކިޔަވާ ކުއްޖެއްގެ ގުޅުމަށްވުރެ އިތުރަށް ރަހްމަތްތެރިކަމުގެ ގުޅުމުން އެމީހުން ގުޅުނެވެ.

އާދައިގެމަތިން ރެއެކެވެ. ލީން ކޮޓަރިއަށް ނައުފަލު ވަނެވެ. ނަމަވެސް އެރޭ އޭނާގެ ލެޕްޓޮޕް ނުގެނެ އެވެ. ނައުފަލުގެ ހިތުގައި އޮތީ އެހެން އެދުމަކެވެ. އެކަން ލީންއަށް އެނގުނެވެ. ލީންގެ ހިތް ބާރަށް ތެޅެމުންދިޔަ އެވެ. ކައިރި ނުވުމަށް އެދި އާދޭސް ކުރަމުންދި އެވެ. އެއަޑު އިވިއްޖެ ކޮންމެ އިންސާނެއްގެ ހިތްވެސް ހަމްދަރުދީ އިން ފުރިގެންދާނެ، އަޑުން ނައުފަލުގެ ހިތަށް ކުޑަނަމަވެސް އަސަރެއް ނުކުރިއެވެ. އޭނާ ލީންގެ އަބުރަށް އަރައިގަތެވެ. ހުރިހާ ހައްޤެއް ފޭރިގަތެވެ. ލީން ރޮއެރޮއެ އޮއްވައެވެ. އާދޭހުގައި ކޮޅުފައިން ޖަހާފައެވެ.

އަނެއްދުވަހު ލީން އާނިމްމެންގެ ގެއަށް ނުދެއެވެ. ކިހިނތްތޯވީ ބަލާލަން އާނިމް ލީންގެ ގެއަށް ދިޔަ އެވެ. އަދި ލީންފެނުމުން ކިހިނެތްތޯވީ ސުވަލުކުރި އެވެ. ލީންގެ ދެލޯ ކަރުނުން ފުރުނެވެ. ހިތުގައި ޖެހުނެވެ. ހިތްވަރުކޮށްލާފައި ކަންވީގޮތް ކިޔާދޭންފެށި އެވެ. ރަހުމުންފުރިގެންވާ އާނިމް، ލީންގެ ވާހަކަ ކަނުލައި އަޑުއަހަން އިނެވެ.

މާޒީގައި ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ލީންގެ ބައްޕަ ދުނިޔެއާ ވަކިވިދުވަހު އެވެ. ލީންގެ ހަޔާތުގައިވި ހުރިހާ ކުލައެއް ފުހެވިގެންދިޔަ ތޫފާނީ ދުވަހެވެ. ލީންއާއި ސިއްރުކޮށްފައިވާ ހުރިހާ ސިއްރެއް އޭނާގެ ހިތަށް ކެތްނުވާ ވަރަށް ހާމަވީ ދުވަހެވެ. ލީންގެ ބައްޕަ ނަސީރަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އޭނާ ލީން ގެންގުޅުނީ ވަރަށް ލޯބިންނެވެ. ހަޤީޤަތް ފޮރުވައިގެނެވެ. ނަމަވެސް އޭނާ ނިޔާވި ދުވަހު ނާޒިމާ ހުރިހާ އެއްޗެއް ކިޔާދިނެވެ. ނާޒިމާއަކީ ލީންގެ މަންމަ ނޫންކަމާއި ނަސީރާއަކީ ލީންގެ ބައްޕަ ނޫންކަމެވެ. ލީން އަކީ ޔަތީމު ކުއްޖެކެވެ. އޭނާ ނައުފަލް އާއި ނައުޝާއާ ދޭތެރޭ ލޯބިން ކަންތައް ކުރާގޮތަށް ލީންއަށް ކަންތައް ނުކުރަނީ އެހެންވެގެނެނެވެ. ލީންއާ ދޭތެރޭ އޭގެ ފަހުން ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށެވެ. ނާޒިމާ ލީންއަށް އިތުބާރުނުކުރާކަމުގެ ފައިދާ ނައުފަލު ނަގަންފެށި އެވެ. ލީންގެ ދިރިއުޅުން އެއްކޮށް ހަފުސް ކޮށްލިއެވެ.

ލީންގެ ވާހަކަ ނިމުންއިރު އާނިމްވެސް އިނީ ކަރުނައިން ދެލޯފޯވެފަ އެވެ. ހަމްދަރުދީން ފުރިފައިވާ އެދެލޮލުން އޭނަ ލީން އާ ދިމާއަށް ބަލާލިއެވެ. އަދި ގަޔާލައި ބޮނޑި ކޮށްލި އެވެ. ލީންގެ ހިތުގެ ވިންދު އާނިމްއަށް އިވެއެވެ. އޭނާގެ ވޭން އިހްސާސްވިއެވެ. ގޮތްނޭންގޭ އިޙްސާސެއް އޭނާއަށް ކުރެވުނެވެ.

އާނިމް ލީންގޮވައިގެން ޕޮލިސް ސްޓޭޝަންއަށްގޮސް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ވަގުތުން އެމައްސަލަ ބަލަންފެށުނެވެ. ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށުގައި ނައުފަލު 15 އަހަރަށް ޖަލަށްލެވުނެވެ. ލީން އަކީ ޔަތީމު ކުއްޖެއް ކަމަށްވިއަސް އޭނާއާ ދޭތެރޭ އެގޮތަށްކަންތައް ކުރުމަށް ނުވާނެކަން ނާޒިމާއަށް ވިސްނުނެވެ. އަދި މަންމައެއްގެ ކިބައިން ދަރިއަކަށް ލިބެންޖެހޭ ލޯތްބާއި ރައްކާތެރިކަން ހޯދައި ނުދެވުނީތީ ރޮއެ ހިތާމަކުރި އެވެ. ލީންގެ ކިބައިން މާފަށްއެދި ހިތްދަތި ދުވަސްތަށް ނިމުނީކަމަށް ބުންޏެވެ. ފުރަތަމަ ފަހަރަށް ލީންއަށް މަންމައެއްގެ ލޯބިލިބުނެވެ. އެދުވަހަށްފަހު ލީންގެ ދިރިއުޅުންވެސް ބަދަލުވި އެވެ. ބަހާރު މޫސުމެއް އައި ކަހަލަ އެވެ. އާނިމް އާއި ލީންއަށް ލޯބީގެ ގޮތުން ގުޅެވުނީ އެ ރަހްމަތްތެރި ކަމުގެ ތެރެއިންނެވެ. ރަޙްމާއި ހަމްދަރުދީ ހަޤީޤީ ލޯތްބަށް ބަދަލުވީ އެވެ. ޒަހަމްވެފައިވާ ހިތަށް ޝިފާ ލިބުނީ އެވެ.

ނިމުނީ

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އިނާޔަތު ޢަލީ، ގްރޭޑް 11 ސީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355