twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުރުވާހަކަ – ކަލާ ބޭނުންވީ ލޯތްބެއް ނޫނެވެ. ފައިސާ އެވެ.

Jul 18, 2013

އަނާން ފަރީދު

އިރު ދިޔައީ އޮއްސެމުންނެވެ. ރަތް ވިލާތައް ފާޅުވެ، އުޑުމަތި ދިޔައީ ރަތްވަމުންނެވެ. ދުވާލު އަހަރެމެންނާ އަލްވަދާއު ކިޔާ، ރޭގަނޑުގެ އަނދިރިކަން ދިޔައީ ފާޅުވަމުންނެވެ. އަހަރެން އިނީ އެކަނިމާއެކަނި އެމަންޒަރުތައް ބަލާށެވެ. ނަމަވެސް އަހަރެންގެ ހިޔާލު ހުއްޓިފައިވަނީ އޭނާއަށެވެ. އަހަރެންނަށް އޭނާގެ ސޫރަ ފެންނަ ކަހަލަ އެވެ. އަހަރެންގެ ކަންފަތަށް އޭނާގެ އަޑުއިވޭ ކަހަލަ އެވެ. އަހަރެންގެ ހިތަށް ވެރިވެގެންފައިވަނީ އެހަނދާންތަކެވެ. ދުވަހަކުވެސް ފިލައިގެންނުދާނޭ އެ ހަނދާންތަކެވެ.

އަހަރެން އުފަންވީ ފަޤީރު އާއިލާއަކަށެވެ. އަހަރެން އުޅެމުން ދިޔައީ ދަތި ހާލުގައެވެ. ކާއެތިކޮޅެއްވެސް ހިތްހަމަޖެހޭވަރަށް ލިބެނީ ގިނައެއްކޮށެއް ނޫނެވެ. އަހަރެންގެ އުމުރުން ހަތް އަހަރުގައި ބައްޕަވަނީ ނިޔާވެފައެވެ. ހުރިހާ ޒިންމާތަކެއް ޖެހުނީ ނިކަމެތި މަންމަގެ ބޮލަށެވެ. ރެއާއި ދުވާލު މަންމަ މަސައްކަތް ކޮށްގެން އަހަރެން ސްކޫލަށް ވެއްދި އެވެ. ނަމަވެސް ސްކޫލުގައި އަހަރެންނަށް ކުރިމަތިވީ ނުހަނު ދެރަގޮތެކެވެ. އަހަރެންނަކަށް ރީތި ދަބަހެއް ނުލިބެއެވެ. އަހަރެންނަކަށް ބޫޓެއް ނުލިބެ އެވެ. އެހެންކަމުން އަހަރެންނަށް ވަނީ ގިނަބައެއްގެ މަލާމާތް ރައްދުވެފަ އެވެ.

އެކަންކަމާ އަޅައިނުލާ، އަހަރެން ވިސްނީ ކިޔެވޭތޯ އެވެ. އަހަރެން ގުރޭޑް ދިހައެއްގައި އުޅުނު އަހަރު ވަރަށް ރީތި އަންހެން ކުއްޖަކު ފެނުނެވެ. އޭނާގެ ނަމަކީ ޝިފްޒާ އެވެ. އަހަރެންނަށް އޭނާދެކެ ލޯބި ވެވުނެވެ. ނަމަވެސް އެވާހަކަ ބުނަން އަހަރެން ޖެހިލުންވި އެވެ. ސަބަބަކީ އަހަރެމެން ދެމީހުންގެ ފެންވަރު ތަފާތުވީމަ އެވެ. އަހަރެންނަކީ ފަޤީރެކެވެ. ނަމަވެސް އޭނާ ނިސްބަތްވަނީ މުއްސަނދި އާއިލާއަކަށެވެ. ނަމަވެސް ލަދަކާހުރެ ތަދެއް ނުފިލާނެތީ، އަހަރެން ޝިފްޒާ ކައިރިއަށް ގޮސް ބުނީމެވެ.

“ޝިފްޒާ. އަހަރެން ޝިފްޒާދެކެ ވަރަށް ލޯބިވޭ.” މިހެން ބުނުމާއެކު އޭނާ ދިނީ އަހަރެންގެ ހިތްކުދިކުދި ކުރުވި ޖަވާބެކެވެ.

“ކަލޭ ލަދެއް ނުގަނޭތަ؟ އަހަރެންގެ މަންމައަށް މަހަކުލިބޭ ވަރުގެ ހަތަރުބައިކުޅަ އެއްބައިވެސް ކަލޭގެ މަންމައަކަށް ނުލިބޭ. ތިވަރު މީހުން ދެކެ އެކަކުވެސް ލައިކުވާނެތަ؟ މަކައިރިން ދުރައްދޭ!” އޭނާ މިހެން ބުނިނަމަވެސް އަހަރެންގެ ހިތުގައި އޭނާއަށްވާ ލޯބި އެއްގޮތަކަށްވެސް ބަދަލެއް ނުވެއެވެ.

ލިބުނު ހިތާމައާ ހުރެ އަހަރެންނަށް ގިނަރޭރޭގެ ނިދިވަނީ މަހުރޫމުވެފައެވެ. އަހަރެން ދެރަވީ އޭނާ އަހަރެންނާއި ރައްޓެހިނުވީމައެއް ނޫނެވެ. އަހަރެން ދެރަވީ އޭނާ އަހަރެންނަށް ވާހަކަދެއްކި ގޮތުންނެވެ.

އެއްދުވަހަކު އަހަރެން ސްކޫލު ނިންމާފައި ގެއަށް ދިޔައިރު، ކާން ހަދާފައި ނެތުމުން މަންމައަށް ގޮވީމެވެ. މަންމައަށް ގޮވާގޮވާ ޖަވާބެއް ނުލިބުމުން އަހަރެންގެ ގާތަށް ރުޅިއަ އެވެ. ރުޅިއައިސް ގޭގެ ދޮރުގައި ޖަހާފައި، ގޯތީގެ ބިއްދޮށް ފަރާތަށް ދިޔައިރު އަހަރެންނަށް ފެނުނީ މަންމަގެ ފުރާނަނެތް ހަށިގަނޑެވެ. މަންމާއޭ ކިޔާ ރޯންފަށާފައި ދުއްވައިގަނެފައި ގޮސް މަންމަ ގާތުގައި އިށީނީމެވެ. މަންމަގެ ވިންދު ހުރިތޯ ބެލިއިރު ވިންދެއް ނެތެވެ.

މިދުނިޔޭގައި އަހަރެންނަށް ހެޔޮއެދޭ ހަމައެކަނި ފަރާތްވެސް އަހަރެންނާ ވަކިވީ އެވެ. މަންމަގެ މިންނަތް މަސައްކަތަކީ ދުވަހަކުވެސް މިހިތުން ފިލައިގެން ނުދާނޭ ކަންކަމެވެ. މަންމަގެ މަސައްކަތުގެ ނަތީޖާއަކީ މިއަދު އަހަރެން ހުރި ހާލަތެވެ. މަންމަ ނިޔާވުމާ ގުޅިގެން ލިބުނު ހިތާމައަށް ކެތްކޮށް އަހަރެން ސްކޫލު ދައުރު ނިންމާލީމެވެ. އެއިރު އަހަރެން ކައިބޮއެ އުޅުނީ އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ. ސްކޫލުގައި ރަނގަޅު ނަތީޖާއެއް އަހަރެން ހޯދީމެވެ. ނަމަވެސް އެކަމުން ފައިދާއެއް ކުރާނެ ކަމެއް އޭރަކު އަހަރެންނަކަށް ނޭނގެ އެވެ.

އެކަމުގެ އަގުހުރިކަން އަހަރެންނަށް އެނގުނީ އެއްދުވަހަކު އަހަރެންނަށް ލިބުނު ސިޓީއަކުންނެވެ. އޭގައިވަނީ، އަހަރެންނަށް ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ލިބިފައިވާކަމެވެ. އަހަރެން ނުހަނު އުފާވި އެވެ. ދަތުރުގެ ހުރިހާކަމެއް ސަރުކާރުން ހަމަޖެއްސިއެވެ. އަހަރެން ބައިވެރިވީ ބިޒްނަސް މެނޭޖްމަންޓް ކޯހުގައެވެ.

އަހަރެން ބޭރުގައި ހުރިއިރުވެސް އަހަރެންގެ ހިތަކުން ޝިފްޒާގެ ހަނދާންތަކެއް ނުފިލައެވެ. އޭނާ މަތިން އަބަދު ހަނދާންވެއެވެ. އަހަރެން އޭނާއާ ބައްދަލުކުރަން ބޭނުންވި އެވެ. ނަމަވެސް އަހަރެން ކިޔަވާ ނިމެންދެން ކެތްކުރީމެވެ.

ފަސްއަހަރު ދުވަހު ކިޔެވުމަށްފަހު އަހަރެން އެނބުރި މާލެއައީމެވެ. އަހަރެންގެ ފުރަތަމަ އަމާޒަކަށްވީ ވިޔަފާރިއެއް ފެށުމެވެ. އެކަމާމެދު ނުހަނު ބޮޑަށް ވިސްނުމަށްފަހު 100 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް އަހަރެން ފެށީމެވެ. އެއީ މާލޭގައި ޝޮޕިން މޯލެއް އެޅުމުގެ މަސައްކަތެވެ.

ދެއަހަރު ދުވަސް ތެރޭގައި މަސައްކަތް ނިމުނެވެ. އަހަރެންނަށް ދިޔައީ ބޮޑު ފައިދާއެއް ލިބެމުންނެވެ. އެއްދުވަހަކު އަހަރެން ޝޮޕިންމޯލްގެ ތެރޭގައި ހުއްޓާ ޝިފްޒާ ފެނުނެވެ. އެއިރު އޭނާއަކީ މީހެއްގެ އަނތްބެއްކަން އަހަރެންނަށް އެނގެއެވެ. އަހަރެން ފެނުމުން އޭނާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ކޮބާ ފަޤީރުކޮޔަށް ކިހާވަރެއް ލިބޭތަ؟ އަހަރެންގެ ފިރިމީހާއަށް މަހަކު ވިހިހާސްލިބޭ. އޭގެ ދެބައިކުޅަ އެއްބައިވެސް ކަލެއަށް ނުލިބޭދޯ؟” އޭނާ މިހެން ބުނުމުން އަހަރެން ނުލާހިކު ދެރަވި އެވެ.

އިރުކޮޅަކުން ޝިފްޒާގެ ފިރިމީހާ އައިސް ހުއްޓުނެވެ. އޭނާ އަކީ އަހަރެންގެ ކުންފުނީގައި މަސައްކަތްކުރާ އަހަރެންގެ މުވައްޒަފެކެވެ.

“ޝިފްޒާ މިހިރީ އަހަރެންގެ ބޮސް. އޭނާއަކީ މިތަނުގެ ވެރިފަރާތް.” އޭނާ ޝިފްޒާއަށް އަހަރެން ތައާރަފްކޮށްދިނެވެ. ހަމައެވަގުތު ޝިފްޒާ ހައިރާންވި އެވެ. އަހަރެން އޭނާއާ ދިމާއަށް ބަލައިލާފައި ހިނިތުންވެލީމެވެ.

“އަހަރެންގެ ބޮސް އަބަދުވެސް އަހަރެން ގާތު ދައްކާ، އޭނާއަށް ނުލިބުނު އަންހެން ކުއްޖެއްގެ ވާހަކަ. މިއަދު އެއަންހެން ކުއްޖާގެ ހިތަށް އަރާނެކަންނޭގެ އޭނާގެ ލޯތްބަށް އާއެކޭ ބުނެވުނު ނަމައޭ” މިހެން ބުނުމުން އެދައްކަނީ ޝިފްޒާގެ ވާހަކަކަން އޭނާއަށް އެނގުނެވެ. އޭނާ ރޮމުން ރޮމުން ދުއްވައިގަތެވެ.

އާއެކެވެ. މިއަދު ޝިފްޒާއަށް އޭނާ އަހަރެންނާމެދު ޢަމަލުކުރިގޮތާމެދު ދެރަވާނެ އެވެ. އަނދިރިކަން ވެރިވެގަތުމުން ގެއާ ދިމާއަށް ދަމުން އަހަރެން ހިތާހިތާ ބުނެލީމެވެ.

“ތިބާ ބޭނުންވީ ލޯތްބެއް ނޫނެވެ. ތިބާ ބޭނުންވީ ފައިސާއެވެ. މިއަދު އަހަރެންގެ ކިބައިގައި ދޭތިވެސް އެބަހުއްޓެވެ. ނަމަވެސް ކުރާނެކަމެއް ދެން ނެތެވެ. ތިބާއަކީ މީހެއްގެ އަނތްބެކެވެ. އަހަރެން ތިޔަ ދިރިއުޅުން ހަލާކުކުރާކަށް ނެތީމެވެ. ނަމަވެސް މިހިތުގައި ޝިފްޒާއަށްވާ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ އެވެ.”

ނިމުނީ

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަނާން ފަރީދު، ގްރޭޑް 10 ސީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355