ސަމާހަތު އިބްރާހިމް
ދުވަހަކީ ވިއްސާރަ ދުވަހެކެވެ. އުޑުމަތި އޮތީ ކަޅުވިލާތަކުން ފުރިފަ އެވެ. ބަސް ސްޓޮޕް ކައިރިއަށް އާދެވުނުއިރު ބުރަކަށި އެއްކޮށް ފޯވެއްޖެވެ. ބަސް މަޑުކޮށްލިތަނާހެން އަވަސް އަވަހަށް ބަހުގެ ތެރެއަށް ދެމިގަތުމަށްފަހު އިށީނދެލީމެވެ. އަދި ބޮލުގައިހުރި ފެންތައް ފޮޅާލީމެވެ.ހުރިހާ ފެނެއް ދިޔައީ އަހަރެން ފަހަތުގައި އިން ކުއްޖާގެ މޫނަށެވެ. ސޮރީއޭ ބުނުމުގެ ގޮތުން އަހަރެން އެކުއްޖާއާ ދިމާއަށް ބަލާލީމެވެ.
ގަސްދަކާ ނުލައި އަހަރެންގެ ޚިޔާލުގެ އޮއެވަރު ހަޔާތުގެ ކުރީ ދުވަސްތަކުގެ ޞަފްހާތައް އުކަންފެށި އެވެ. އެއީ މީގެ ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ކުރި އެވެ. އަހަންނާ ޝާލިޔާ ފުރަތަމަ ބައްދަލުވީ “ޓްވީންޕީކްސް” ރެސްޓޯރެންޓުންނެވެ. ވެއިޓަރު އައުމުން އަހަރެން ބްލެކް ކޮފީއަކަށް އެދުނީމެވެ. ފަސްވަރަކަށް މިނެޓް ތެރޭގައި ކޮފީތަށި ގެނެސްދީފި އެވެ. އަހަރެން ކޮފީތަށި ތުނބުގައި ޖައްސަޖައްސާ ހުއްޓާ ކުރިމަތީ ކަހަލަ ގޮތަކަށް ހުރި މޭޒުގައި އިން ކުއްޖާ ހަޅޭލަވައިގަތް އަޑު އިވުނެވެ.
“ވަޓް ދަ ހެލް އިޒް ދިސް. އައިހޭވް އާސްކްޑް ފޯ އަ މިލްކް ކޮފީ. ނޮޓް އަ ބްލެކް ވަން.” ވެއިޓަރު ސޮރީއޭ ބުނުމަށްފަހު ކޮފީތަށި ހިފައިގެން ގޮސްފި އެވެ.
ބޯހުރާލުމަށްފަހު އަހަރެން ކޮފީތަށިން ސިޕެއް ބޯލީމެވެ. އެވަގުތު މިއުޅެނީ ކޮފީތަށި އެކްސްޗޭންޖް ވެގެންކަން އެނގުނެވެ. އެކުއްޖާ އެބުނާ މިލްކް ކޮފީ އޮޅިގެން ގެނެސްދެވިފައި މިހިރީ އަހަންނަށެވެ. އެކުއްޖާއާއެކު އިތުރު މީހެއް ނެތުމުން އަހަރެން ކޮފީތަށި ހިފައިން އެމޭޒަށް ދިޔައީމެވެ. އެއީ ރީތި ކުއްޖެކެވެ. އެކުއްޖާގެ ތުންފަތުގައިވާ ކަޅުތިލައަކީ އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ.
“ކޮފީތަށި އޮޅުނީހެން ހީވަނީ. އަހަރެން އޯޑަރ ދިނީ ބްލެކްއަކަށް. އެކަމަކު މިއީ މިލްކެއް. ބައިދަވޭ ވަޓްސް ޔުއަ ނޭމް؟ މިއީ އަޔާން.” އަހަރެން ތަޢާރަފް ވެލީމެވެ.
“ޝާލިޔާ” ހިނިތުންވެލާފައި އެކުއްޖާ ޖަވާބުދިނެވެ.
“ސޯ ފްރެންޑްސް.”
އެދުވަހަށްފަހު ދެމީހުން އެކީ ރެސްޓޯރެންޓްތަކަށް ކާންދިއުމާއި ޕާޓީތަކަށް ދިއުން އާންމު ވެއްޖެ އެވެ. އަދި ދެމީހުންގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދި ދާދި އަވަހަށް ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވުނެވެ.
ދުވަހަކަށް ފަހު ދުވަހެއްގައި ތާޒާވެ ފައްކާވަމުން ދިޔަ ދެ މީހުންގެ ގުޅުމަށް ކުއްލި ސިހުމެއް ލިބުނީ އެއްދުވަހަކު ޝާލިޔާ މާބޮޑަށް ބަލިވެ ހޮޑު ލެވޭތީ ޑޮކްޓަރަށް ދެއްކުމުން ލިބުނު މެޑިކަލް ރިޕޯޓުގެ ސަބަބުންނެވެ.އޭގައިވާގޮތުން ޝާލިޔާގެ ހަށިގަނޑުގެތެރޭގައި އާ ދިރުމެއް އުފެދެން ވަނީ ފަށާފަ އެވެ. އާއެކެވެ. ޝާލިޔާ ބަނޑުބޮޑުކަމަށް އެރިޕޯޓުތައް ހެކިދެއެވެ. އެހެން ނަމަވެސް ކާކުގެ ދަރިއަކަށްބާވައެވެ؟ ހަމަގައިމުވެސް އަހަންނާ ޝާލިޔާއާ ދެމެދު އެކަހަލަ ގުޅުމެއް ހިނގާފައެއް ނުވާނެއެވެ.
އަހަރެންގެ ހަޔާތުގައި މިވީ ބާވީސް އަހަރު ހަޤީޤީ ލޯބި ވެވުނީ ހަމައެކަނި ޝާލިޔާ ދެކެއެވެ. ފަހަރެއްގައި ވެސް ޝާލިޔާ މިފަދަ ބޮޑު ކެހިވެރިކަމެއް ދީފާނެކަމަކަށް ހިޔެއްނުކުރަމެވެ. އަހަރެންގެ އެތަކެއް ސުވާލުތަކަކަށްފަހު ވެސް ޝާލިޔާގެ އެއްވެސް ޖަވާބެއްނެތެވެ. އޭނާގެ އަނގައިގާ ތަޅުއެޅުވިފައިވާ ކަހަލައެވެ. އޭނާގެ އެހަމަހިމޭންކަމަކީ އަހަންނަށް ބޭވަފާތެރިވުންކަމުގައި އަހަރެން ނިންމީމެވެ. އަދި ޝާލިޔާގެ ނަން އަހަރެންގެ ހިތުން ފޮހެލެވޭތޯ ބެލީމެވެ.
އޭގެ ފަހުން މާ ގިނަދުވަސްތަކެއް ނުވަނީސް އަހަންނަށް ސްކޮލަރޝިޕެއްގައި ލަންކާއަށް ދާން ފުރުސަތު ލިބުނެވެ. ޓީޗަރުކަމުގެ ރޮނގުން އިތުރު ތަމްރީން ހޯދުމަށްޓަކައެވެ. އަހަރެން ގަސްދުކުރީ މިމާހައުލުން ދުރުވެ ޝާލިޔާގެ ނަން އަހަރެންގެ ހިތުން ފޮހެލާށެވެ.
އަހަރެންގެ ދިގު ޚިޔާލުގެ ނިމުންއައީ ބަސް ސްޓޮޕް ކައިރިއަށް ބަސް ހުއްޓާލުމުންނެވެ. ބަސް މަޑު ކޮށްލިތަނާހެން ޝާލިޔާ އަވަސް ހިނގުމެއްގައި ބަހުގެ ތެރެއިން ފައިބައިގެން ހިނގައްޖެއެވެ. އޭނާގެ ލޮލުގައި ވިދުމެއް ވާކަހަލަ އެވެ. ކަރުނައިގެ ވިދުމެކެވެ. ފަހަރެއްގައި އޭނާއަށް ކުރެވުނު ހުތުރު އަމަލުގެ ސަބަބުން މިހާރު ލަދުވެތިވަނީ ކަންނޭނގެ އެވެ.
އާދުވަހަކަށް އިރުއެރިއިރު އަހަރެންހުރީ ޕްރީ ސްކޫލުގެ ކުލާހެއްގެ ތެރޭގައެވެ. “ހުޅުމާލޭ ބިލަބޮންގ ޕްރީ ސްކޫލް”ގައެވެ. މީގެ ކުރިން މަސައްކަތް ކޮށްފައިނުވާ ސްކޫލެއް ނަމަވެސް މި ތަޖުރިބާ ވެސް ވަރަށް ސަޅިއެވެ. އަހަރެން ވަށައިގެންވީ ތަފާތު ވައްތަރުގެ ތަފާތު މިޒާޖުގެ ކުދިންނެވެ. ލޯބިލޯބި “ފުށްގަނޑު” ތަކެކެވެ. ބޭބީ ނާސަރީ ކުދިންނަށް ގަޑިތައް ހަމަޖެހިފައިވާގޮތުން ދާދި އަވަހަށް ގަޑި ޖެހިއްޖެއެވެ.ރަނގަބީލުގެ އަޑާއެކު ބެލެނިވެރިންތައް ކުލާހަށް ވަންނަން ފަށައިފި އެވެ. އަދި އޭގެ ފަނަރަ ވަރަކަށް މިނެޓުފަހުން އެލް.ކޭ.ޖީ ކުދިންވެސް އެކުދިންގެ މައިންބަފައިންނާއެކު ވަންނަތަން ފެނުނެވެ. އެބެލެނިވެރިންގެ ތެރެއިން ޝާލިޔާވެސް އަހަންނަށް ފެނުނެވެ. އޭނާ އުރާލައިގެން ހުރި ކުއްޖާގެ މޫނު އޭނާއާ ވައްތަރުކަމުން އެއީ ޝާލިޔާގެ ދަރިއެއްކަން އަހަންނަށް އެނގުނެވެ.
ޝާލިޔާ ފެންނަކޮންމެ ފަހަރަކު އަހަންނަށް އަހަރެންގެ މާޒީ ހަނދާން އާވެއެވެ. މިއަދާ ޖެހެންދެންވެސް އަހަންނަށް އެހެން ކުއްޖެއް ދެކެ ލޯތްބެއް ނުވެވުނެވެ. ޝާލިޔާދެކެ ވާލޯތްބެއްގެ ސަބަބުންނެވެ. ޝާލިޔާ ދިޔުމުން އަހަރެން އޭނާގެ ދަރިފުޅު ކައިރީގައި ހުއްޓިލީމެވެ.
“ކޮންނަމެއް ކިޔަނީ ބޭބީއަށް؟”
“އަޔާން”މައުސޫމު އަޑަކުން އެކުއްޖާ ޖަވާބުދިނެވެ.
ޝާލިޔާ އަދިވެސް އަހަރެންދެކެ ލޯބިވޭބާއޭ އަހަރެންގެ ހިތަށްއެރި އެވެ. ކުލާހުގައި ހުރި އާންޓީއާ ކުދިން ހަވާލުކުރުމަށްފަހު އޮފީހާ ދިމާއަށް ހިނގައިގަތީމެވެ. އަދި އެލް.ކޭ.ޖީ ކުދިންގެ ރިކޯޑްސްތައް ބަލަންފެށީމެވެ. ކުއްޖާގެ ނަމުގައި އިނީ އަޔާން އެކަންޏެވެ. ބައްޕަގެ ނަން ކޮބައިބާއޭ އަހަރެންގެ ހިތަށްއެރިއެވެ. ބައްޕަގެ ބައި އިނީ ހުސްކޮށް ނުފުރައެވެ. ދެން ފެނުނީ އެކުއްޖާގެ މަންމަގެ މެރިއޭޖް ސްޓޭޓަސް ސިންގަލްކަމަށް ޖަހާފައި އިންދައެވެ.
“އަހަރެންގެ ލޯތްބަށް ޤަދަރުނުކޮށް ޝާލިޔާ ގެންގުޅުނު ނަހަލާލު ފިރިހެނާ ކޮބައި ބާއެވެ؟ އެކުއްޖާގެ ނަމުގެ ފަހަތުގައި އެމީހާގެ ނަންނެތީ ކީއްވެބާއެވެ؟ މިވީ ހަތަރު އަހަރު ޝާލިޔާ މީހަކާ ނީންނަނީ ބާއެވެ؟” އަހަރެންގެ ހިތަށް އެއްފަހަރާ އެތަކެއް ސުވާލުތަކެއް އަރަންފެށި އެވެ.
އަހަރެން ގަސްދުކުރީ އަހަރެންގެ ހިތުގައިވާ ހުރިހާ ޝަކުވާތަކެއް ބޭރުކޮށްލާށެވެ. ނަސީބު ކަންދިމާކުރިގޮތުން ޝާލިޔާ އޭނާގެ ދަރިފުޅު ބަލައިވަނީ ބެލެނިވެރިންތައް ތަންކޮޅެއް މަދުވި ފަހުންނެވެ. އޭނާ އައީ ބާރު ހިނގުމެއްގައެވެ. އެމޫނުގައި އުފާވެރިކަމެއް ނެތެވެ. އެމޫނު ކިތަންމެ ރީތިނަމަވެސް އެއްވެސް ތާޒާ ކަމެއް ނެތެވެ.
“ކޮބައިތަ ޝާލިޔާގެ ފިރިމީހާ؟ މިދަރިފުޅުގެ ބައްޕަ؟” ޝާލިޔާ އަރާހަމަވުމުން ރުންކުރުފާޑަކަށް އަހަރެން ބުނީމެވެ. މިއަދުވެސް ޝާލިޔާ އުޅުނީ އަހަރެންގެ ސުވާލުތަކަށް ބީރުކަންފަތެއް ދީފައި އަހަރެން ކައިރިން ސަލާމަތްވާށެވެ. އެހެން ނަމަވެސް އަހަރެން ޝާލިޔާގެ އަތުގައި ހިފެހެއްޓީމެވެ.
“އަހަރެންގެ އަތުން ދޫކޮށްލާ އަޔާން.” ގޮތްހުސްވެފައިވާ އަޑަކުން އޭނާ ބުންޏެވެ.
“މިއަދުދެވޭނީ އަހަރެންގެ ސުވާލުތަކަށް ޖަވާބުދީފަ. ކިތަންމެ އިރަކު މިހެން ހުންނަންޖެހުނަސް ހެޔޮ.” އަހަރެންވެސް އަހަރެންގެ ގޮތުގައި ހިފެހެއްޓީމެވެ. އެތައް އިރެއްވުމަށްފަހު ޝާލިޔާ ކިޔައިދޭން ފެށިއެވެ. ކިޔައިދިނުން ނޫން އެެހެންގޮތެއް ނެތްކަން އެނގޭތީ ކަންނޭނގެއެވެ.
“އަޑުއަހަން ކެރެންޏާ އަޑުއަހާ! މިދަރިފުޅުގެ ބައްޕައަކީ އަހަރެންގެ ބައްޕަ.” އެހެންބުނުމާއެކު އަހަރެންގެ އަނގަ ތަންމިނަށް ހުޅުވިގެންދިޔައެވެ.
“އާނ އަޔާން. އަޔާން އާ ރައްޓެހިވުމުގެ ކުރިންވެސް އަހަންނަށް ބައްޕަ ގޯނާ ކުރޭ! އެހެންނަމަވެސް އަހަރެންގެ މަންމައެއް ދުނިޔެއަކުނެތް. ތިމާގެ މީހަކަށް ހުރީ ބައްޕަ ފަރާތު ބޮޑުބޭބެ. އެހެންހުއްޓަ އަޔާންއާ ދިމާވީ. އެހެންވެގެން އަޔާންއާ އެހާއަވަހަށް ފްރެންޑްވީ ވެސް. އަހަރެންގެ ވާހަކަތައް ޝެޔާކުރާނެ މީހަކު ވާނެތީ. އެހެން ނަމަވެސް އެވާހަކަތައް ކިޔައިދޭނެގޮތެއް ނޭނގިހުއްޓާ ބައްޕައަށް އަހަރެމެންގެ ގުޅުން އެނގުނީ. އެދުވަހު އަހަންނަށް ވަރަށް އަނިޔާކުރި އަދި އަހަރެންގެ ހެޔަށް ގޮތްވެގެން ހޮސްޕިޓަލަށް ގެންދެވުނީ. އެތަނުންބުނީ ޓެސްޓްތަކެއް ހަދަން ޖެހޭކަމަށް. ޓެސްޓްގެ ނަތީޖާ ނަގައިގެން އަންނަނިކޮށް އެދުވަހު އަޔާން ފެނުނީ. އެދުވަހު މެޑިކަލް ރިޕޯޓު ލިބުނީމަ އަހަރެން ހުރީ ހުރިހާ ވާހަކައެއް ކިޔައިދޭން. އެކަމަކު ބައްޕަ އޮތީ އަޔާން ކައިރީ އެއްވެސް ވާހަކައެއް ނުބުނުމަށް އަމުރުކޮށްފަ. އެވާހަކަ ބުނެފިއްޔާ އަހަރެން އަނގައިގަ އަލިފާން ޖައްސާނަމޭ ބުނި. އަދި އަޔާންގެ ދުވަސްވެސް ދުއްވާލާނަމޭ ބުނި. އަހަރެންދެން ކިހިނތް އެވާހަކަތައް އަޔާންއަށް ކިޔައިދޭނީ. އަހަންނަށް ކިތަންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނަސް އަޔާންއަށް ދެރަގޮތެއް ވާކަށް އަހަރެން ބޭނުމެއްނޫން. ކާކު ޤަބޫލުކުރާނީދޯ ތިމާގެ އަމިއްލަ ދަރިފުޅު. އެކަމަކު މިއީ ހަޤީޤަތަކީ.. އަހަރެންގެ ކިބައިން ދަރިއެއްގެ ހައްގު ނިއުޅައިގަތް ދުވަހުން ފެށިގެން އެމީހާގެ ކިބައިން ބަފައެއްގެ ހައްގުވެސް ނިއުޅިގެން ހިނަގައްޖެ.” ޝާލިޔާގެ ދެލޮލުގައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ބަންޑުން ވިއެވެ. ހުރިހާ ވާހަކަތަކެއް ކިޔައިދެވުނުއިރު ޝާލިޔާވަނީ ކަރުނައިން ފޯވެފައެވެ.
“ކޮބައި މިހާރުދެން ޝާލިޔާގެ ބައްޕަ؟ އަޅެ އެއްފަހަރު ނަމަވެސް އަހަރެން ކައިރީ ބުނެލިނަމަ.” އިސްޖަހައިގެންހުރެ އަހަރެން ބުނީމެވެ. އަހަރެންހުރީ ޝާލިޔާއާ ދޭތެރޭ ޝައްކުކުރެވުނީމާ ވަރަށް ލަދުގެންފައެވެ.
“މިދިޔަ އަހަރު ކުރީކޮޅު މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަަލައެއްގައި ހައްޔަރުކޮށްފަވީ.” ކަރުނަތައް ފޮހެލަމުން ޝާލިޔާ ޖަވާބުދިނެވެ.
“ޝާލިޔާ އަހަންނަށް މައާފުކުރޭ. އަހަންނަށް ޝާލިޔާއާ ދޭތެރޭ ޝައްކުކުރެވުނީ.”
“ނޫން އަޔާން. މިކަމުގައި އަޔާންގެ އެއްވެސް ކުށެއްނެތް” އަހަރެންގެ ކޮނޑުގައި އަތްއަޅާލާފައި ޝާލިޔާ ބުނެޏެވެ.
“ޝާލިޔާ! އަހަރެން ބޭނުން ޝާލިޔާއާ އަލުން ގުޅެން. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން.” އަހަރެން ބުނީމެވެ. ޝާލިޔާ ވަރަށް އުފަލުންހުރެ އަހަރެންގެ އެ ހުށައެޅުން ގަބޫލުކުރިއެވެ.
“މާދަމާ އަދި އެއްފަހަރު އަހަރެމެން އެންމެން އެއްތަނަކަށް އެއްކުރެވޭނެ. އެދުވަހުން ވަރަށް ހަމަހަމަ ގޮތެއްގައި އަދުލު އިންސާފު ޤާއިމް ކުރެވެނެ. އަދި އަހަރެންގެ ބައްޕަ ކުރި ކުށުގެ ޖަޒާ ދެއްވާނެ.”
އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް އަހަރެމެން ދެމީހުންގެ ކައިވެނި ކުރެވިއްޖެ އެވެ. އަދި އަހަރެންގެ އުފަންރަށް ކަމުގައިވާ ހއ. ކެލައަށް އަހަރެމެންގެ ދިރިއުޅުން ބަދަލުކުރީމެވެ.
ނިމުނީ
ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސަމާހަތު އިބްރާހިމ، ގްރޭޑް 11 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.