twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުރުވާހަކަ – ހުވަފެނެކެވެ.

Jul 22, 2013

އިބްރާހިމް އައްސަދު

އާދައިގެ މަތިން ފަތިސް ނަމާދު ކޮށްލައިގެން އަހަރެން އައިސް އެނދުގައި އޮށޯވެލައި، ރަނގަޅަށް ހަމަޖެހިލުމަށްފަހު، އަހަރެންގެ މޯބައިލް ފޯން ނަގައި ބަލާލިއިރު ނުދަންނަ ނަންބަރަކުން މެސެޖެއް ފޮނުވައިފައި އޮތެވެ. އަހަރެން އަވަސް އަވަހަށް އެމެސެޖްގައި އޮތީ ކީކޭތޯ ބެލުމަށްޓަކައި މެސެޖް ކިޔާލީމެވެ. އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެމެސެޖަކީ ރޭ 10:30 ހާއިރު ދަނަސް ނޫހުގެ އިދާރާއިން ފޮނުވާފައިވާ މެސެޖެކެވެ. އަހަރެން އެނޫހުގެ ވަޒީފާއެއް ހޯދުމަށްޓަކައި ފޯމު ހުށައަޅައިފައިވާތީ އަށެއް ޖަހާއިރު އިންޓަވިއު އަށް ހާޒިރުވުމަށް އެންގީ އެވެ. އަށެއް ޖަހަން ދެތިން ހަތަރު ގަޑިއިރު ހުރީތީ، އަހަރެން ނިދާލެވޭތޯ ބެލީމެވެ. ނަމަވެސް އަހަރެންގެ ލޮލުން ނިދި ފިލައިފި އެވެ. ގަޑި ހިނގާލެއް ލަސްވެފައި، އެއްފުށުން އަނެއްފުށަށް ފުރޮޅި ފުރޮޅި އޮތީ އެވެ.

ވަގުތުތައް ފާއިތުވަމުންގޮސް ގަޑިން ހަތެއް ޖަހައިފިއެވެ. ފުންމައިގެން ތެދުވެ، ތުވާލި ހިފައިގެން ފާހާނާއަށް ވަދެ ރަނގަޅަށް ފެންވަރާލައިގެން ނުކުމެ ރީތިވެލައިގެން، ކޮޓަރިން ނުކުމެ މިސްރާބު ޖެހީ ކައިރީގައި ހުރި ސައި ހޮޓަލަށެވެ. މާލޭގެ މަގުތަކުގައި ކާރޫބާރޫ ބޮޑުކަމުން، މަގުގެ އަނެއްފަރާތުގައި ހުރި ސައިހޮޓަލަށް ދިއުމަށްޓަކައި ފަސްވަރަކަށް މިނެޓް މަޑުކޮށްގެން ހުންނަން ޖެހުނެވެ. އެހިސާބުގައި ޓްރެފިކް ލައިޓެއް ނެތުމުގެ ސަބަބުން ދުއްވާ އެއްޗެހިތައް ހުއްޓުވޭނެ ގޮތެއް ނެތެވެ. ދަނޑިވަޅެއް ބަލައިފައި އަނެއްފަރާތަށް ދިޔުމަށް ހިނގައިގަތީމެވެ. ދުއްވާ އެއްޗެއްގައި ނުޖެހި މަގުގެ އަނެއްފަރާތަށް ގޮސް ސައި ހޮޓަލަށްވަދެ، ކޮފީތައްޓެއް ގެނައުމަށް ވެއިޓަރަށް އެންގުމަށްފަހު އިންޓަވިއުއާމެދު ވިސްނާލީމެވެ. ސުކޫލު ދައުރުގައި ވާހަކަ ދެއްކުމުގެ އަދަބުތަކުގެ ގޮތުގައި މުދައްރިސުން ދެއްވި ފިލާވަޅުތައް ހިތައް ގެނައީމެވެ.

ކޮފީތައްޓަށް އިންސާފު ކުރުމަށްފަހު އަހަރެން، ހޮޓަލުން ނުކުމެ މިސްރާބުޖެހީ ދަނަސް ނޫހުގެ އިދާރާއަށެވެ. ދާންޖެހޭ މަންޒިލް މާދުރުނޫންކަމުން އަހަރެން ގަސްދުކުރީ ހިނގާފައި މަޑުމަޑުން އެދިމާލަށް ދާށެވެ. މާލޭގެ މަގުތަކުގައި ހިނގާލާފައި ދިއުމަކީ ކަނޑުގަދަ ދުވަހެއްގައި ކަނޑުގައި ދޯންޏެއް ދުއްވުމަށްވުރެވެސް އުނދަގޫކަމެކެވެ. ސަބަބަކީ ދުއްވާ އެއްޗެހި އެހާގިނައިރު މީހުންވެސް އެހާމެ ގިނަވުމެވެ. އެކެއްގެ ގައިގައި ކޭއްތެމުން އަނެކަކު ގައިގައި ޖެހެމުންގޮސް ދަނަސް ނޫހުގެ އިދާރާއަށް އާދެވިއްޖެ އެވެ.

ދޮރު ހުޅުވާލުމަށްފަހު މަޑުމަޑުން އަހަރެން އެތެރެއަށް ވަނީމެވެ. ބޭރެކޭ އެއްގޮތަށް އެތާނގެ އެތެރޭގައިވެސް އެހާމެ މީހުން ގިނައެވެ. އަހަރެން ހުށައެޅި ވަޒީފާއަށް ކުރިމަތިލައި ، އަހަރެންގެ އިތުރުން ފަނަރަ ވަރަކަށް ކުދިން އިންޓަވިއުއަށް ހާޒިރުވެ ތިއްބެވެ. އިންޓަވިއުއަށް ވަންނަންޖެހޭ ކޮޓަރި ކުރިމަތީގައި ހުރި ގޮނޑިބަރިއެއްގައި ހުރިހާކުދިން ކިއުޖެހިފައި ތިއްބެވެ. އަހަރެންވެސް ކިއުގައި މަޑުކުރީމެވެ. ފަހަރަކު ކުއްޖަކު ދަމުން ދަމުންގޮސް އަހަރެންނަށް އެތެރެއަށް ވަންނަން ގޮވައިފި އެވެ.

މަޑުމަޑުން ގޮނޑިން ތެދުވެގެންގޮސް އެތެރެއަށް ވަނީމެވެ. އޭރު ކުޑަކޮށް މީހާ ތުރުތުރުވެސް އަޅައެވެ. ނަމަވެސް ވަރަށް މަސައްކަތުން ހާސްކަން ފިލުވައިލީމެވެ. އިންޓަވިއު ކުރަނީ އެ އިދާރާގެ ބޮޑުމީހާއެވެ. އަހަރެން އެތެރެއަށް ވަނުމަށް ބޮޑުމީހާ އަހަރެންނަށް އިޝާރާތްކޮށް އޭނާގެ މޭޒުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނުމަށް އެންގިއެވެ. އަހަރެންގޮސް މަޑުމަޑުން ގޮނޑީގައި އިށީނދެ ހަމަޖެހިލީމެވެ. އަހަރެންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ފެންވަރު ވަރަށް ރަނގަޅު ކަމަށް ބޮޑުމީހާ ދެންނެވުމުން އަހަރެން ވަރަށް އުފާވިއެވެ. ބޮޑުމީހާ އަހަރެންނާއި ތަފާތު ސުވާލުތައް ކުރަންފެށިއެވެ. އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް އެ ސުވާލުތަކަށް ޖަވާބު ދެވޭތޯ ބެލީމެވެ. އިންޓަވިއު  ނިންމާލުމަށްފަހު އަހަރެންގާތުގައި ވަޒީފާ ލިބޭނެކަން ނުވަތަ ނޫންކަން ފަހުން އަންގާލާނެކަމަށް ބުނެ އަހަރެން ފޮނުވާލި އެވެ.

ދަނަސް  ނޫހުގެ އިދާރާއިން ނުކުމެ މިސްރާބު ޖެހީ މިސްކިތާ ދިމާއަށެވެ. މެންދުރު ނަމާދު ވަގުތު ޖެހޭތީ ނަމާދު ކޮށްލުމަށެވެ. އަހަރެންނަށް މިސްކިތާ ހަމައަށް އާދެވުނުތަނާ ބަންގި ގޮވައިފި އެވެ. މިސްކިތު އިސްކުރުބަރިން ވުޟޫކޮއްލުމަށްފަހު މިސްކިތަށް އަރައި ޖަމާއަތުގައި ބައިވެރިވެ ނަމާދު ކޮށްލައިގެން ނުކުމެ، މެންދުރުގެ ނާސްތާ ކުރުމަށް ހޮޓަލަކަށްވަދެ ކުޑަގޮތެއް ހަދާލުމަށްފަހު ނުކުމެ، އަހަރެން ގެއާ ދިމާއަށް މިސްރާބު ޖެހީމެވެ. އަހަރެން ގޮސް ގެއަށް ނުވަދެވި އުޅެނިކޮށް އަހަރެންގެ ފޯން ރިންގުވާން ފެށިއެވެ. އަހަރެން ފޯނަށް ޖަވާބު ދިނީމެވެ. އަހަރެންނަށް ލިބުނީ ވަރަށް އުފާވެރި ޚަބަރެކެވެ. އަހަރެންނަށް ވަޒީފާ ހަމަޖެހުނު ވާހަކައެވެ. ދަނަސް ނޫހުގެ ނޫސްވެރިއްގެ ގޮތުގައެވެ. އަހަރެން ބޭނުންވީ ހަމަ އެވަގުތުން ފެށިގެން ވަޒީފާއަށް ނުކުންނާށެވެ. އެހެންކަމުން 1:30 ހާއިރު އިދާރާއަށް އައުމަށް އަހަރެންނަށް އެންގި އެވެ.

އަހަރެން ވަރަށް އުފަލުންހުރެ އަހަރެންގެ ކޮޓަރިއަށްވަދެ ފެންވަރާލައިގެން ނުކުމެ ވަރަށް ހަލުވި ހިނގުމެއްގައިގޮސް ދަނަސް ނޫހުގެ އިދާރާއަށް ވަނީމެވެ. އަހަރެން ވަނުމުން ކައުންޓަރުން އަހަރެންނަށް އެންގީ ބޮޑުމީހާއާ ބައްދަލުކުރާށެވެ. އަހަރެން ބޮޑުމީހާގެ ކޮޓަރިއަށްވަދެ ބައްދަލުކުރުމުން އަހަރެންގެ އަތަށް ކެމެރާއެއް ދިނުމަށްފަހު އަހަރެންގެ މަސައްކަތައިގެން ކުރިއަށްދިޔުމަށް އަންގާ އަހަރެންގެ މަސައްކަތް ކުރަންޖެހޭ ކޮޓަރި އަހަރެންނަށް ދެއްކި އެވެ.

އަހަރެންނަށް ފުރަތަމަވެސް ކުރަންޖެހުނު މަސައްކަތަކީ އެދުވަހުގެ ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގި އިމާރާތަކަށް ގޮސް އެތަނުގެ ފޮޓޯނަގައި، އެތަނުގެ ހާލަތުބަލައި، މާދަމާގެ ނޫހަށް ލުމަށްޓަކައި ރިޕޯޓެއް ތައްޔާރުކުމެވެ.

އަހަރެން ކެމެރާ ކޮނޑުގައި އަޅުވާލައިގެން އިދާރާއިން ނުކުމެ އަލިފާނުގެ ހާދިސާ ހިނގި އިމާރާތަށް ދިއުމަށް މިސްރާބު ޖެހީމެވެ. ކުޑަވަގުތުކޮޅަކަށް ފަހު އަހަރެންނަށް އެތަނަށް އާދެވުނެވެ. މަޑުމަދުން އެއިމާރާތަށް ވަނީމެވެ. ފެންނަމުންދިއައީ އަނދާހުލިވެ ވީރާނާވެފައިވާ މަންޒަރެވެ. އެ އިމާރާތުގެ ހަތަރު ފާރުފިޔަވައި އެހެން އެއްވެސް އެއްޗެއް ސަލާމަތަކުން ނެތެވެ.

އަހަރެންގެ ކެމެރާ ނެގުމަށްފަހު މަޑުމަޑުން އެ އިމާރާތުގެ ފޮޓޯ ނަގަންފެށީމެވެ. ފޮޓޯ ނަގަމުން ގޮސް އެ އިމާރާތުގެ މެދުގައި ހުއްޓައި ފާރުތަކުން އަޑުކިޔަން ފަށައިފި އެވެ. އަހަރެން މަތިބަލައިލިއިރު ފާރުތައް އަހަރެންގެ މައްޗަށް ވެއްޓެނީއެވެ. އަހަރެންނަށް މަންމާއޭ ކިޔާ ހަޅޭލަވައިގަނެވުނެވެ.

އަހަރެންނަށް ހޭލެވުނީ އަހަރެންގެ ބޭނެ އަހަރެންނަށް ގޮވާ އަޑަށެވެ.

“ކޮއްކޯ! ކޮއްކޯ! މިއޮއް އާދެވުނީ މާލެއަށް. ދެން ތެދުވޭ. މިހާރު ވާވަރަށް ނިދިއްޖެއެއްނު. ބަލާބަލަ! ކޮއްކޮ ނޫސްވެރިއަކަށް ވުމަށް ތިޔަ ދާހިތުން އުޅޭ މާލެ އެއޮތީ.”

އަހަރެންނަށް ފުންމައިގެން ތެދުވެ ބަލައިލެވުނެވެ. އާއެކެވެ. އަހަރެންގެ އުންމީދީ މާލެ އެއޮތީ އެވެ. މި ވީގޮތާމެދު ވިސްނާލައި އަހަރެންގެ ގާތަށް މަޑުމަޑު ހިންޏެއް އައެވެ.

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އިބްރާހިމް އައްސަދު، ގްރޭޑް 12 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355