twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުރުވާހަކަ – އެކަނިވެރިޔަކީމެވެ.

Jul 25, 2013

ނަހުފާ މުހައްމަދު

  އެދުވަހު އަހަންނަށް މުހިންމު ވީފައިސާއެވެ. އެންމެ ލޮބުވެތި އަނބިމީހާ އެއް ނޫނެވެ. އެދުވަހު އަހަންނަށް މުހިންމުވީ ރީތިނަމެވެ. ލޮލުގެ ކޮއިފަދަ ދަރިފުޅެއް ނޫނެވެ. އެދުވަހު އަހަންނަށް މުހިންމުވީ ވިޔަފާރިއަށް ލިބެން އޮތް ކުރިއެރުމެވެ. އެންމެގާތް ރަހުމަތްތެރިޔާއެއް ނޫނެވެ.

  އެންމެ އޯގާތެރި އަނބިމީހާގެ ދެލޯ ކަރުނުން ފޯވެފައިވީ މަންޒަރު ހަނދާންވުމުން މިހާރު އަސަރުކުރެއެވެ. ހުރި ހަމައެކަނި ދަރިފުޅު ބަލިއެނދުގައި ރޯލަރޯލާ އޮތްގޮތް ހިތަށް ސިފަވުމުން ދެލޯ ފެންކަޅި ވެއެވެ. އަނބިމީހާއަށް އެހީތެރިވާންވީ ދުވަހު އެކަން ވިސްނުނުނަމަ މިހާރު އަހަރެން ހުންނާނީ އުފަލުންނެވެ. ދަރިފުޅު ބޮލުގައި ފިރުމަންވީ ދުވަހު އެކަން އެނގުނު ނަމަ މިހިތާމަ ކުރާކަށް މުޖެހޭނެއެވެ.

  ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ކުންފުންޏަކާ އެއްކޮށް ކޮންޓްރެކްޓެއް ލިބުމަކީ އަހަރެންގެ އުއްމީދެކެވެ. އެހެންމެ ވިޔަފާރީގެ ދާއިރާއަށް ވަނީއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ. މިދާއިރާއިން ކުރި ހުރިހާ މަސައްކަތެއްމެ ކުރީ އެ އަޒުމުގައެވެ. ކޮންމެވެސް ދުވަހަކުން އެކަން ފުރިހަމަވުމަށް އަދައިގެންނެވެ.

  އެހެނަސް ލަނޑުދަނޑިއާ ހަމައަށް ވާސިލުވެވުނުއިރު މަގުވަނީ ދެކަފި ވެފައެވެ. އެއްފަރާތުގައި ރާއްޖެއިން ބޭރަށް ކުރަން އޮތް ދަތުރެވެ. ކާމިޔާބީގެ ދޮރުތަށް ހުޅުވާލާފަ އެވެ. އަނެއް ފަރާތުގައި ތުއްތުތުއްތު ދަރިފުޅެވެ. ބަލި އެނދުގައި އަހަރެންގެ އެހީއަށް އެދިއެދި އެވެ.

  އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހިޔާރު ކުރާނީ ދަރިފުޅުބާއެވެ. ނުވަތަ ވިޔަފާރިބާއެވެ. އެޅޭ ކޮންމެ ފިޔަވަޅަކުންވެސް ދިރިއުޅުން ބަދަލުވެދާނެއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތް މުޅީން ބަރުބާދު ވެދާނެއެވެ.

  އަހަރެން ހިޔާރުކުރީ ވިޔަފާރި ދަތުރެވެ. ދަރިފުޅު މިހާރު ބަލިވެ އުޅުނަސް އަހަރެން އެނބުރި އަންނަންވާއިރަށް ރަނގަޅު ވެދާނެ އެވެ. ކުރިއެކޭ އެއްގޮތަށް ހީ ސަމާސާ ކުރާނެ އެވެ.

  އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކިތައްމެ ބޮޑު ބައްޔަކަށް ފަރުވާ ކުރެވޭނެހާ ފައިސާވެސް އަހަރެންގެ އެކައުންޓުގައި ހުންނާނެއެވެ. އަގުބޮޑެތި ފަރުވާ ކޮށްގެން ބައްޔަށް ޝިފާ ހޯދުމަކީ، ފެންފޮދެއްބުއިންހާ ފަސޭހަ ކަމެކެވެ. މިއީ އަދި އާދައިގެ ހުންގަނޑެއްތާ އެވެ.

  އަހަރެންގެ އަންހެނުން ރުޔެވެ. އާދޭސްކުރިއެވެ. އެފަދަ ހާލުގައި އޭނާ އެކަނިކޮށްނުލުމަށް އެދިއެވެ. ލޯބިވާ ދަރިފުޅަށްވުރެ އެފަދަ ވަގުތީ ދަތުރެއް އިސްނުކުރުމަށް އެދިއެވެ. އެންމެ ހެޔޮއެދޭ ރަހްމަތްތެރިޔާ ވިސްނައިދިނެވެ. ދަރިއެއްގެ މުހިންމުކަމެވެ. އަނބިމީހާއަށް އޯގާތެރިވާންޖެހޭނެކަމެވެ.

  އެހެނެއްކަމަކު އެންމެ ފަހުވަގުތާ ޖެހެންދެންވެސް، އަހަރެން ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެމީހުންނަށް މިހާރު ނުވިސްނެނީކަން އަހަންނަށް އެނގެއެވެ. އަނބިމީހާވެސް ހުރީ އޭނާގެ ގޮތުގައެވެ. ގޮތްދޫކުރާ ހިޔާލެއް ނުކުރެއެވެ. ހަތިޔާރު ބަހައްޓަން އޭނާވެސް ބޭނުމެއް ނުވެއެވެ.

  އެހެންގޮތެއް ނެތުމުން އަނބިމީހާގެ އެންމެ ފަހުގެ ނިންމުން އިއުލާން ކުރިއެވެ. ދަތުރުފެށޭނީ އޭނާ ވަރިކޮށްފައިކަމަށް ބުންޏެވެ. ކުޑަކޮށް ޖެހިލުންވި ނަމަވެސް، އެކަން ކުރުމަށްވެސް އެއްބަސްވީމެވެ. އަހަރެންގެ ސިކުނޑީގައި ކުރެހެމުން އައި ތަސްވީރު އެއަށްވުރެ ފުރިހަމަވީ އެވެ. ލިބިފައިވީ ކޮންޓްރެކްޓަށް ދެވޭ ސަމާލުކަން މާބޮޑުވީ އެވެ. އެކަމަށްޓަކާ ކޮންމެފަދަ ޤުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރީމައެވެ.

  ވަރިކުރިއެއް ކަމަކު ކައިވެނި ރުޖޫއަ ކުރެވިދާނެތާ އެވެ. މިހާރު ބޮޑާ ދެއްވިއަސް، މަޝްހޫރު ވިޔަފާރިވެރިއެއްގެ ގޮތުގައި އެނބުރި އައުމުން ފުސްމޫނު ދައްކަން ނުކެރޭނެކަން އަހަންނަށް ޔަޤީންވެއެވެ. ލިބޭ ކާމިޔާބީއާމެދު ފަހުރުވެރިވާނީވެސް ހަމަ އޭނާއެވެ.

  ސިންގަޕޫރަށް އަހަރެން ފުރީ އަނބިމީހާ ދޫކޮށްލާފަ އެވެ. ތުއްތު ދަރިފުޅު އެކަނިކޮށްފަ އެވެ. ގާތްރަހުމަތްތެރިޔާގެ ބަހުގައި ކޮޅުފައިން ޖަހާފައެވެ.

  ހުރިހާ ކަމެއްވެސް ވީ އަހަރެން އެންމެ ބޭނުންވި ގޮތަށެވެ. ކަމަށް ލިބިހުރި ޤާބިލްކަމާއެކު ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރީމެވެ. ދެން ފުރަންވީއެވެ. ލޯބިވާ ފަރާތްތަކުގެ ގާތަށެވެ. އެއާޕޯޓަށް އަންނައިރު އަންހެނުން ގެންނާނީ ކިތައް މާބޮނޑި ކަމެއްވެސް ނޭނގެއެވެ. ބައްދާލުމަށްފަހު، ހާލު ނުބެލީތީ ޝަކުވާކުރާނެކަން ގައިމެވެ. ދަރިފުޅު ބައްޕަގެ ކޮލަށް ބޮސްދޭނެ އަދަދެއްވެސް ނޭނގެއެވެ. ފުލައިޓަށް އެރިއިރުވެސް އަހަރެންގެ ސިކުނޑީގައިވަނީ އެ ހިޔާލެވެ.

  ނަމަވެސް އެއާޕޯޓަކު އެމީހުނެއް ނެތެވެ. އޮފީސް އެންމެން ކަހަލަ ގޮތަކަށް އަހަރެންގެ އިސްތިޤްބާލުގައި ތިބިނަމަވެސް އެންމެ ގާތް ރަހުމަތްތެރިޔާއެއް ނެތެވެ.

  މާލެއައިސް، ގެއަށް ދިޔުމަށް ކާރަށް އެރީމެވެ. އެހާ ބޮޑު ކާމިޔާބީއަކާ އެއްކޮށް އައުމުންވެސް، އެންމެ ގާތް މީހުންގެ ފަރާތުން މަރުހަބާ ނުކިޔުމުން ވަރަށް ފޫހިވިއެވެ. ފޯނު ރިންގުވާން ފެށިއެވެ. ގުޅީ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ. ފޯނުނެގީ ފޫހިކަމާއެކުއެވެ. މަރުހަބާކިޔަން މީ ދެން ކޮންގޮތެއް ހެއްޔެވެ؟ ފޯނު ނެގުމާއެކު ރަހުމަތްތެރިޔާ ދިން ހަބަރަކުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާ އެވެ. މީހާ ގަނޑުވި އެވެ. މޫނުމައްޗަށް އަނދިރިވެގެން ދިޔަ އެވެ. އަހަރެންގެ ލޯބި ކުޑަދަރިފުޅު ނިޔާވީ އެވެ. ބައްޕައަށް މަރުހަބާ ކިޔަންވީ ވަގުތު އަލްވަދާޢުކީ އެވެ.

  އާސަހަރާއަށް މިސްރާބުޖެހީމެވެ. ތޮއްޖެހިފައިވާ މީސްތަކުގެ ތެރެއިން އެތެރެއަށް ވަނީމެވެ. އޭރު ކުޑަކުޑަ ދަރިފުޅުގެ މޫނު ނިވާކޮށްފި އެވެ. ކައިރީގައި ހުރި އަންހެނުންގެ ގައިގައި ދިރުމެއް ނުވާކަހަލައެވެ. އަހަންނަށް ބޭއިހްތިޔާރުގައި އޭނާގެ ފައިދަށަށް ތިރިވެވުނެވެ. ރޯންފެށުނެވެ.

  މަޢާފަށް އެދި އާދޭސްކުރަން ބޭނުންވި އެވެ. އިތުރު ފުރުސަތަކަށް އެދި ސަލާންޖަހަން ބޭނުންވިއެވެ. އެހެނަސް… އޭނަ އަހަންނަށް މަޢާފް ކުރާނެ ހެއްޔެވެ؟ ޔަޤީނެވެ. ނުކުރާނެއެވެ. މި ކުށްވެރި ކުށްވެރިޔާގެ ހަޔާތަށް އެނބުރި އަންނަން އޭނާ ބޭނުމެއް ނުވާނެ އެވެ.

  ފައިސާ ހުއްޓެއްކަމަކު މިހާރު މިއީ ނިކަމެއްޗެކެވެ. އަގުބޮޑެތިހާ ސާމާނު ހުއްޓެއްކަމަކު ދިރިއުޅުމުގެ އަގެއް ނެތެވެ. ފަސޭހަކޮށްދޭން ނޯކަރުން ތިއްބެއްކަމަކު، އޯގާތެރިވާނެ އާއިލާއެއް ނެތެވެ. ގެދޮރާއި ބިން ހުއްޓެއްކަމަކު އަހަންނަކީ އެކަނިވެރިޔަކީމެވެ.

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ނަހުފާ މުހައްމަދު، ގްރޭޑް 11 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355