ޖުލައި 16 ވަނަ ދުވަހުގެ ބަޔާގުޅޭ
ކައިވެނި ކުރެވޭ މޭޒުދޮށުގައި އެންމެން އިށީނުމުން ގާޒީ ކައިވެނި ކޮށްދެން ފެއްޓިއެވެ. މިކަހަލަ އުފާވެރި ހަފްލާއެއްގައި ލިބެންޖެހޭ އުފާވެރިކަމާއި މޫނުމަތިން ފެންނަން ޖެހޭ ހަމަޖެހުން ސަލަފް އާއި އަނީސާގެ މޫނުމަތިން ނޫނީ ނުފެނެއެވެ. މަރު ހިމޭންވެފައި އޮތް ސިޓިންރޫމްގައި އިވެމުން ދިޔައީ ގާޒީ ކިޔައިދެމުން ދިޔަ ޚުތުބާގެ އަޑެވެ. ޚުތުބާ ނިމުމަށްފަހު އަނބި ޤަބޫލުކޮށްފިންހޭ އަހާލުމުން ސަލަފް އަނބި ޤަބޫލުކޮށްފީމޭ ބުނެލިއެވެ. އެ އަޑު އަހާފައި ޝާޔާ ދެލޯ މަރާލިއެވެ. ހިތަށް ތޫނު ހަންޖަރެއް ހަރާލާ ޒަޚަމް ކޮށްލުމުންވެސް އެހާ ތަދު އިޙްސާސްނުވާނެކަން ގައިމެވެ. ޝާޔާ އާއި ޖެހިގެން އިން ސަލަފް ސިއްރުން ޝާޔާގެ އަތުގައި ހިފާލިއެވެ.
ކައިވެނި ކޮށްދީ ނިމުމުން ގާޒީ ތެދުވެ ފަހަރަކު މީހަކާ ސަލާމްކޮށް ކައިވެނީގެ މުބާރަކު ބާދީ އަދާކުރަން ފެށުމުން އެންމެންވެސް އެކަމައިގެން އުޅެން ފެށިއެވެ. އަނީސާ ގޮނޑިން ތެދުވެފައި މާނާ ކައިރީ ހުއްޓި ސަލާމްކުރަން އަތް ދިއްކޮށްލިއެވެ.
”ވަރަށް އުފާވެއްޖެ. މާނާ ކަހަލަ ހިތްހެޔޮ މީހެއްގެ ގެއަށް އަހަރެންގެ އަންހެން ދަރިއަކު އައީތީ. އަހަންނަށް ޔަޤީން ޝާޔާއަށް އަހަރެން ނެތް ކަމުގެ އިޙްޞާސް ނުކުރެވޭނެކަން. މާނާ ތިއީ ނަމޫނާ މަންމައެއް.” އަނީސާ އުފަލުން ހުރެ އިއްވަމުން ދިޔަ ކޮންމެ ލަފްޒަކުން މާނާގެ ހިތުގައި ދިޔައީ ޖެހެމުންނެވެ.
ޝާޔާ އާމެދު އޭނާ ހިތްހެޔޮ ކުރާނެ ގޮތެއް ނެތެވެ. މާބުރު އުސޫލުން ދުވަނީ ފިރިހެނުން ކަމުގައި ހީކުރެވުނު ނަމަވެސް އެ އުސޫލުން ދުވާ އަންހެނުން އުޅޭކަން ޤަބޫލުކުރަން ޖެހެއެވެ.
”އަހަރެން އެބަ އަންނަން.” މާނާ ބޭނުންވީ އަވަހަށް ދާށެވެ. އެތަނުން އެއްކިބާވެގަނެފައި ބަދިގެ ފަރާތަށް ޖެހުނު ތަނާއި އެތަނަށް ސުދާ އަތުވެއްޖެ އެވެ.
”އަހަރެން ކުޑަކޮންވެސް ހިތްހަމައެއް ނުޖެހޭ ސަލަފްގެ އަންހެނުންނާ މެދުއެއް. އެ ނޫން އަންހެނަކު ގެންނަން ނޭނގުނުބާއޭ ހިތަށް އަރާ. އޮފީހުގައި ގަދަވެގަނެގެން އުޅެނިކޮން އެތަނުން ބޭރުކޮށްލީމައި އައިސް މިގޭތެރެއަށް ގަދަކޮށްލީ.” ސުދާ ބޭލީ އެންމެ ކުރިން ފެށިގެން އޮންނަ ރުޅިވެރިކަމެވެ. ޝާޔާ އާއި ޔޫއާންގެ އެއްވެސް ކަމެއް ސުދާއަކަށް ނޭނގެއެވެ.
”އޭނާ ތިޔަ އޮފީހުގައި އުޅުނުތަ؟” މާނާ އަހާލިއެވެ.
”އާން. އެތަނުގައި ވިޔާނުދާކޮން އުޅެންފެށީމަ ބޭރުކޮށްލީ. އޭނާ ވަރު ފިރިހެނުން ހިތި އަންހެނެއް ނުދެކެން. ވިސްނާލީމަވެސް އެނގޭނެ. ސަލަފްބެއަށް ވުރެ އެތައް އަހަރެއް ހަގުވެފައި ރީތިކޮށް ހުންނައިރު ސަބަބެއް ނެތްނަމަ ނީންނާނެކަން. ޔަޤީން. ދެމީހުން މެދުގައި ލޯތްބެއް ނެތްކަން.” ސުދާ ބެލީ މާނާ ހިތުގައި ޝާޔާ އާއި މެދު ނަފްރަތު އުފައްދާލެވޭތޯއެވެ.
ޕާޓީއަށް މެހެމާނުން އަންނަން ފެށުމުން ޝާޔާ އާއި ސަލަފް ހުއްޓުނީ ދޮރުމަތީގައި ދެމީހުންނަށް ޚާއްސަ ކުރެވުނު މަޤާމުގައެވެ. ބައިބަޔަށް އަންނަމުން ދިޔަ މެހެމާނުންތައް ދެމަފިރިންނާ ސަލާން ކޮށްފައި ތަހުނިޔާ ރައްދު ކުރަމުން ދިޔައެވެ. ބައެއް މީހުންގެ ހެޔޮ ދުޢާވެސް ލިބެމުން ދިޔައެވެ.
މީހުންތައް އައިސް ހަލަބޮލިވި ވަގުތު ސުދާއަށް ގުޅާފައި ޒަވީން، ޔޫއާން ގޮވައިގެން ދާ ވާހަކަ ބުނުމުން ސުދާ އަވަހަށް މާނާގެ ކައިރީ ބުނެފިއެވެ. އެ ޚަބަރާއި އެކު މާނާގެ ހިތް ތެޅިލިއެވެ. ސަބަބެއް މެދުވެރިވެގެން ޔޫއާންއަށް ނާދެވުނު ނަމަ ރަނގަޅޭ ހިތަށް އެރިއެވެ. މާނާ އަވަހަށް ބޭރަށް ނިކުންއިރު ކާރުގައި އައިސް ޔޫއާން ފައިބަނީއެވެ.
”ޔޫއާން. މަންމައަށް ފެންނަނީ މެހެމާނުންގެ ކުރިމައްޗަށް ނުގޮސް އަނެއްފަރާތުން ކޮޓަރިއަށް ދާން. ދަރިފުޅު ފެންވަރާލަންވެސް ޖެހޭނެ. ޒަވީން. ދަބަސްތައް ގެންދެބަލަ އަނެއް ފަރާތުން.” މާނާ ޔޫއާންއަށް ސިއްރުކުރަން ބޭނުންވިއެވެ.
”ނޫން. ފުރަތަމަ އަހަރެން ބޭނުން ކައިވެނި ކުރި ދެމަފިރިންނަށް ތަހުނިޔާ ކިޔަން.” ޔޫއާން ހީލަމުން އެތެރެއަށް ވަދެގެން ދިޔައީ ޒަވީން އާއި މާނާއަށް ނުހުއްޓެވޭނެހާ ބާރަށެވެ. ޒަވީން ކަރު އެލުވާލާފައި މާނާގެ ކޮނޑުގައި އަތްބާއްވާލިއެވެ.
”ހިނގާ އެތެރެއަށް.” ޒަވީން މާނާ ގޮވައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
ދޮރުމަތީގައި ތިބި މެހެމާނުންކޮޅު އެއްފަރާތްވެލުމުން ޔޫއާން ކުރިއަށް ޖެހިލިއެވެ. ސަލަފް އާއި ޖެހިގެން ހުރި ޝާޔާ ފެނުމުން ޔޫއާން ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނެވެ. ހިތަށް ލިބުނު ސިހުން ބުނެދެންވެސް ދައްޗެވެ. ނޭވާ ކުރުވެފައި މުޅިތަން އެނބުރިގެންހެން ހީވިއެވެ. ހަމަ އެފަދައިން ޝާޔާއަށްވެސް ވީ އެވަރެވެ. ޔޫއާން އައިސް ކުރިމައްޗަށް އެރުމުން ލަމުން ދިޔަ ނޭވާ އަރުތެރޭގައި ތާށިވި ކަހަލައެވެ. ހިތް ތެޅިގަތީ ވަކި ވަރެއް ބަލައިގެންނެއް ނޫނެވެ.
”ޔޫއާން. އާދެބަލަ މިކޮޅަށް. މިއީ އަހަރެންގެ އަންހެނުން. ޝާޔާ. މިއީ އަހަރެންގެ ކޮއްކޮ. ހަމަ ދެންމެ ބޭރުން އެއައީ އހަރެންގެ ކައިވެންޏަށް.” ސަލަފް ދެމީހުން ތަޢާރަފު ކޮށްދިނެވެ. ސަލަފް ބުނި އެންމެ ލަފްޒެއްވެސް އެއިން މީހެއްގެ ކަންފަތާއި ހަމަޔަށް ފޯރިހެން ހިއެއް ނުވެއެވެ. ހަތަރު ކަޅި ހަމަކޮށްލި ގޮތަށް ދެމީހުން ހިލައިގެ ބުދުތަކެއް ފަދައިން ހުއްޓުން އަރާފއި ތިބީއެވެ. ޒަވީން އައިސް ޔޫއާންގެ އަތުގައި ހިފާ ފެންވަރާލަން ދާން އަންނާށޭ ބުނެފައި ގެންދިޔައެވެ.
އީރާ ޕާޓީ ތެރޭގައި އުޅެނިކޮން ފޯނަށް މެސެޖެއް އައެވެ. މެސެޖު ހުޅުވާފައި ކިޔާލުމުން ހިތަށް ލިބުނީ ބިރުވެރިކަމެވެ.
‘ހާދަ ލޯތްބޭ މިރޭ.” ހަމަ އެ ސިކުންތުގައި ދާތިކިތަކުން ނިތްކުރި ފުރާލައިފިއެވެ. އީރާ ވަށައިގެން ބަލާލަމުން ދެވަނަ މެސެޖެއް އައިސްގެން ފޯނަށް ބަލާލިއެވެ.
”އަހަރެން ފެނޭތޯ ދޯ ތިބަލާލީ. އަހަރެން އެބަހުރިން މިތަނުގައި.” ދެވަނަ މެސެޖު ކިޔާލުމުން އީރާ ނުތަނަވަސްވި އެވެ. ދެން އައީ ޝަހުދުގެ ކޯލެކެވެ. ފޯނު ނުނަގާ ސައިލެންޓަށް ލާފައި ހިނގައިގެންތަނާއި ސިޑި ކައިރީ ހުރި ޝަހުދު ފެނުމުން މެޔަށް ގޮތްވިއެވެ. ޝަހުދު އިޝާރާތުން ފޯނު ނަގަން އެންގުމުން އީރާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. ޝަހުދު އެދުނީ ބޭރަށް ނިކުމެ ދިނުމަށެވެ. އީރާ ޖެހިލުންވެ ހުރެ އަނީސާ ފެންނަން ހުރި ތޯ ބަލާލިއެވެ. އަނީސާ ދުރުގައި އަންހެނުން ތަކަކާ ވާހަކަ ދައްކަން ހުރިތަން ފެނުމުން އަވަހަށް ބޭރަށް ނިކުތެވެ. އޭރު ޝަހުދު އިނީ ސައިކަލަށް އަރައިގެންނެވެ.
”އަރާބަލަ.” ޝަހުދު ކުރީ އަމުރެކެވެ. އީރާއަށް ދެކޮޅެއް ނުހެދުނެވެ. ޝަހުދު ސައިކަލް ދުއްވާފައި އައިސް އޭނާގެ އެޕާރޓްމެންޓަށް ވަނެވެ. ކޮޓަރިއަށް ވަދެ ރަނގަޅަށް ތަޅުލުމަށްފަހު ޝަހުދު ގަމީހުގެ ގޮށްތައް ނައްޓަން ފަށައިފި އެވެ.
”ނޫން. ޝަހުދު. އަހަރެން އެގެއަށް ދާންޖެހޭނެ. އަހަރެން ނެތިގެން މަންމަ ހޯދަން ފަށާފާނެ. ޝަހުދު ކައިރިއަށް އަހަރެން ފަހުން އަންނާނަން. ޕާޓީ ނިމެންދެން އަހަރެން އެކޮޅަށް ގެންގޮސްދީބަލަ.” އީރާ ކަންބޮޑުވެފައި ފަހަތަށް ޖެހެމުން ދިޔައެވެ.
”އަހަރެން ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ އެކަމަކަށް އަހަރެންގެ ހިތް އެދި ގޮވާ ގަޑިއެއްގައި.” ޝަހުދުގެ ބެލުން ތަފާތެވެ. ދެލޮލުން މަސްތުވެފައިވާ ކުލަވަރު ފެންނަން ފެށުމުން އީރާ ބިރުގަތެވެ. އީރާ ފަހަތަށް ޖެހެމުން ޖެހެމުން އައިސް އެނދުގައި އިށީނެވެ. ޝަހުދު އައިސް ކައިރީގައި އިށީދެ އީރާގެ ދެކޮނޑުގައި ހިފާ ބާއްވާލިއެވެ. ޝަހުދު މަޑުމަޑުން ކައިރިވަމުން ދިޔަ ވަރަކަށް އީރާ ހިތް ތެޅެމުން ދިޔައެވެ. މީގެ ކުރިން ކުރެވުނު ފާފަތަކުގައި ހިތްހަމަޖެހުން ފުރިގެންވިއަސް މިރޭ ޝަހުދުގެ ކޮންމެ ބީހިލުމެއް އަޒާބަކަށް ވެގެން ދިޔައެވެ. ހުރިހާ އަނިޔާއަކަށް ކެތްކޮށްލައިގެން އީރާއަށް އޮންނަން ޖެހުނެވެ.
ޝަހުދު ދެއަތުން އީރާ ހެދުމުގެ ކޮނޑު ތިރިކޮށްލާ ހެދުން ގަޔާ ވަކިކޮށްލުމުން ފުރަތަމަ ފަހަރަށް ލަދުވެތިކަން އިޙްސާސްކުރެވުނެވެ. އެކަމަކު އޭނާގެ ހަށިގަނޑަކީ ޝަހުދުއަށް އާ ތަނެއް ނޫނެވެ. އޭނާ ޖިސްމުގެ ހޫނުކަމަކީ ޝަހުދު ކޮށްފައިވާ ތަޖުރިބާއެކެވެ. ކުރެވެމުން ދިޔަ ފާފައިގެ ލަދުވެތިކަން ހިތަށް އަރަމުން ދިޔަ ވަރަކަށް އީރާގެ ދެލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ބަންޑުންވަމުން ދިޔައެވެ. ޝަހުދުގެ ކިބައިން ސަލާމަތްވުމަށް އީރާ ގަދަ ހަދާލިއެވެ. ޝަހުދުގެ ބިޔަ ހަށިގަނޑުގެ ޝިކާރައަކަށްވުމުން އީރާއަށް ގެނެވުނު ކޮންމެ ޙަރަކާތުން ސަޒާ ލިބުނީ ހުދު އޭނާ އަށެވެ.
ޝަހުދު ހިތްހަމަޖެހެންދެން އީރާއަށް ޖެހުނީ އެންމެ ފަހުން ކެއްތެރިވާށެވެ. ޝަހުދު ތެދުވެފައި ފާހާނާއަށް ވަނުމުން އީރާ ތެދުވެ އިށީނެވެ. އެނދުމަތީގައި ގުޅައަކަށްޖަހާފައި އޮތް ހެދުން ދެވަނަ ފަހަރަށް ގަޔަށް މަހާލަން ވީވެސް ފަކުރު ގަންނަ ކަމަކަށެވެ. އޭނާގެ ހަށިގަނޑުގައި އިތުރަށް ފޮރުވަން ހުރީ ކޮންތަނެއް ހެއްޔެވެ؟ އީރާ ހެދުން ނަގައި ބޮލަށް މަހާލަމުން ކަރުނަތައް ފޮހެލިއެވެ.
އެކަނި އިނދެ އިރުކޮޅަކަށް އޭނާ ވިސްނީ ޝަހުދުގެ ކިބައިން ސަލާމަތްވާނެ ގޮތެކެވެ. ޝަހުދު އަތުގައި ހުރި އޭނާގެ ވީޑިޔޯތަކާއި ފޮޓޯތައް ފޮހެލަން އެބަޖެހެއެވެ.
”ދާންވީތަ؟” ފާހާނާއިން ފެންވަރާލައިގެން ނިކުންއިރު ޝަހުދުގެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާކަމެވެ. އީރާ އެއްޗެއް ނުބުނެ ބަލަން އިނުމުން ޝަހުދު އައިސް ހުއްޓި ޑްރެސިން ޓޭބަލް މަތީގައި ހުރި އޭނާގެ އައިފޯނު ނެގިއެވެ.
”އަނެއްކާވެސް އިތުރު ފިލްމެއް.” ޝަހުދު ފޯނުން ދައްކާލީ ދެންމެ އެކޮޓަރީގައި ހިނގާ ދިޔަ ކަންތައްތަކުގެ ވީޑިޔޯއެވެ. އޭގައި ޝަހުދު ފުރަގަސްދީގެން އޮތުމުން އޭނާގެ މޫނު ނޭރިއަސް އީރާ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ހާމަވެފައި ހުއްޓެވެ.
”މިބަލާ މީހަކު ފޫހިނުވާނެ.” ޝަހުދު އެ ފޯނު ޖީބަށް ލައިފިއެވެ. އީރާ ތެދުވެ ފާހާނާއަށް ވަދެ އިސްކުރު ދޫކޮށްލުމަށްފަހު އަތްގޮށިން ފެންނަގައި މޫނު ދޮވެލިއެވެ.
ކޮޓަރިއަށް ވަދެވުމުން ޔޫއާން ހަމައިން ނެއްޓިއެވެ. އެހުރިހާ އިރު ބުދެއްހެން ހުއްޓުން އަރާފައި ހުރެފައި ހަމަބިމަށް އާދެވުމުން ނަފްސް ކޮންޓްރޯލް ކުރަން ދަތިވިއެވެ. ސަލަފް ކައިވެނީގެ ޚަބަރާއި އެކު މާލެ އަންނަން އެއްބަސްވީ މިކޮޅަށް އައިސް ޝާޔާ އާއި ބައްދަލުކުރުމުގެ އުއްމީދުގައެވެ. އެކަމަކު ޝާޔާ، އެހެން މީހެއްގެ އަތްބެއްގެ މަޤާމުގައި ހުރިތަން ފެނުމުން ހިތަށް ކުރި އަސަރު ބޮޑެވެ.
ޔޫއާން ބޭރުން އަންނަމުން ގެނައި ޝާޔާގެ ފޮޓޯ ފްރޭމް ދަބަހުން ނަގައި ފާރަށް ޖަހައި ފުނޑ ފުނޑުކޮށްލިއެވެ. ޖީބުން ފޯނު ނަގައި އެ ވެސް ހޫރާލައިފިއެވެ. ތިންވަނަ ހަމަލާ އަމާޒުވެގެން ދިޔައީ ޑްރެސިންޓޭބަލްމަތީގައި ހުރި ރީތިވާ ސާމާނަށެވެ. ހަތަރު ވަނަ ހަމަލާ ދިނީ އަލަމާރީގައި ހުރި ބޮޑު ލޯގަނޑަށެވެ. މުށްކަވާފައި ޖެހުމުން ލޯގަނޑު ފުނޑުވެގެން ފޭބިއިރު އޭނާގެ އަތްވެސް ޒަޚަމްވެގެން ލޭތައް އޮހޮރެން ފެށިއެވެ.
”ޔޫއާން. ހުއްޓާލާ. ހަމަޖެހިބަލަ. ކާކަށް ތި ރުޅި ބާލަނީ. އަމިއްލަ ނަފްސް ދެކެ ރުޅި އަންނާކަށް ނުޖެހޭނެ. ޔޫއާން ހީކުރީ ތިހެން އެއްޗެހި ހަލާކު ކުރުމުން ޝާޔާއަށް ޔޫއާންގެ ހިތް ހަލާކުވެފައިވާ މިންވަރު ވަޒަން ކުރެވޭނެކަމަށްތަ؟ ބޭވަފާތެރިވީ މީހަކަށްޓަކައި ތި ލޮލުން ކަރުނަ އޮހޮރޮވުމުގެ ބޭނުމެއް ނެތް.” ޒަވީން ޔޫއާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
”ހައު ކުޑް ޝީ ޑޫ ދިސް ޓު މީ. ޒަވީން. އަހަރެން އޭނާ ދެކެ ލޯބިވިން. އިންތިޒާރުކުރިން. އިތުބާރު ކުރިން. ކެއްތެރިވީން. ބަދަލުގައި ލިބުނީ ބޭވަފާތެރިކަން. އޭނާ ލޯބިވަނީ ބޭބެ ދެކެ ކަމަށްވާނަމަ އަހަންނާއި ސަމާސާ ކުރީ ކީއްވެ؟ އަހަރެން ނޫން މީހަކު ނުފެނުނުތަ ވަގުތީ ހިތްހަމަޖެހުން ހޯދާކަށް.” ޔޫއާން ދެރަވިވަރުން ދެން އިތުރަށް ވާހަކަ ދައްކަން އުދަނގޫވިއެވެ.
ޕާޓީގެ ކަންކަން ނިމި މެހެމާނުން ގޮސް ނިމުމުން ދެން ތިބީ ގޭ މީހުން އެކަންޏެވެ. އަނީސާ އާއި އީރާ ކާރުގައި ފޮނުވާލުމަށްފަހު ސަލަފް ޝާޔާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ސަލަފް ކޮޓަރީގެ ދޮރު ހުޅުވާލާފައި ޝާޔާ ކައިރީ އެތެރެއަށް ވަންނާށޭ ބުނުމުން ޝާޔާއަށް ފިޔަވަޅު ނަގަން ނޭނގިފައި ހުރެވުނީއެވެ.
”ފުރަތަމަ ޝާޔާ ގޮވައިގެން އެތެރެއަށް ވަންނައިރު ވާރޭފެން ވެހޭހެން އޮހިގަންނާނީ ފިނިފެންމަލުގެ ފިޔަ. ކޮޓަރިތެރެ ޒީނަތްތެރި ކޮށްފައި ހުންނާނީ ލެވެންޑާރ ކެންޑަލްސްތަކުން. އަހަރެން ޝާޔާ އެނދާ ހަމަޔަށް ގެންނާނީ އަތްދަނޑިމަތީގައި. ހެހެ. އެވަރު ކޮށްލީމަ ދޯ ހަނދާން ހުންނާނީ.” ކުއްލިއަކަށް އޭނާގެ ކަންފަތުގައި ގުގުމައިގަތީ ޔޫއާން އާއެކު އެގެއަށް އައިސް ޔޫއާންގެ ކޮޓަރިއަށް ވަދެފައި ޔޫއާން ދެއްކި ވާހަކަ ތަކެވެ.
”ޝާޔާ.” ސަލަފް އޭނާގެ ނަމުން ގޮވާލުމުން ސިހިފައި ބަލާލިއިރު ދެލޮލުގައި ވިދަމުން ދިޔައީ ޖަމާވަމުން ދިޔަ ކަރުނަތަކެވެ.
(ނުނިމޭ)