twitterviber whatsapp telegramfacebookyoutube instagram
24th November 2024

ކުރުވާހަކަ – ހިތުގައި ފޮރުވުނު ސިއްރު

Jul 27, 2013

ޒިޔާދާ އާދަމް

ފަސް އަހަރު ދުވަހު އާއިލާއާ ވަކިން މެލޭޝިއާގައި އުޅުމަށްފަހު ޒާނިޝް އެނބުރި ރާއްޖެއައީ ޑޮކްޓަރުކަމުގެ ފާސް ހޯދައިގެންނެވެ. މިއީ އެންމެ ކުޑައިރުއްސުރެ ޒާނިޝް ދެކެމުން އައި ދުވަހެވެ. ޒާނިޝްގެ މައިންބަފައިންގެ ހުވަފެންތައް ފުރިހަމަވީ ދުވަހެވެ. ޒާނިޝްގެ ފުރާނައަށްވުރެ ލޯބިވާ އަޒްފާގެ އިންތިޒާރަށް ނިމުމެއް އައި ދުވަހެވެ.

ގެއަށް އައިސް އެއްޗެހި ބަދަލުކޮށްގެން ޒާނިޝް އެންމެ ފުރަތަމަވެސް ދިޔައީ އަޒްފާއާ ބައްދަލުކުރާށެވެ. ނަމަވެސް ނަސީބުކަންދިމާކުރިގޮތުން އެވަގުތު އަޒްފާ ގެއަކު ނޫޅެއެވެ. އަޒްފާ އަދި އޮފީހުން ނާންނަނީ އެވެ. އަޒްފާއާ ބައްދަލުކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ގަޑިން ވީވަރުވެސް ބަލާނުލެވުނީތީ ޒާނިޝްއަށް ބޭއިހުތިޔާރުގައި ހެވުނެވެ. އަޒްފާ އަންނަން މާގިނަ ވަގުތެއް ނެތުމުން ޒާނިޝް ނިންމީ އަޒްފާ އަންނަންދެން މަޑުކުރުމަށެވެ. އަޒްފާއަށް ސަޕްރައިޒެއް ދިނުމަށްޓަކައެވެ.

“ޒާން..” އޮފީހުން އައިސް ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ސިޓިންރޫމްގެ ސޯފާގައި އިށީނދެގެން އިން ޒާނިޝް ފެނުމާއެކު އަޒްފާއަށް ބުނެވުނެވެ.

އަޒްފާހުރީ ދެލޯ ބޮޑުވެފައެވެ. އަޒްފާ ހިތަށް އަރަމުން ދިޔައެވެ. މިއީ އަނެއްކާ ހުވަފެނެއް ބާވައެވެ.

“ސަޕްރައިޒް..” ޒާނިޝްގެ އަޑަށް އަޒްފާ ސިއްސައިގެން ދިޔައެވެ. އަޒްފާ ދުވެފައި އައިސް ޒާނިޝްގެ ގައިގައި ބައްދާލިއެވެ.

“ތީ ހަމަ ޒާންތަ؟ އަޅެ އަހަންނަށް ގަބޫލުވެސް ނުކުރެވޭ.” އަޒްފާ އަދިވެސް ހުރީ ގަބޫލު ނުކުރެވިފައެވެ.

“އުހުނ އަޒޫ. މިއީ ޖިންނިއެއް.” ލާނެއް ރާގެއްގައި ޒާނިޝް ބުންޏެވެ.

“ޒާންގަނޑު ހާދަ ގޯހޭ. ކީއްވެތަ އަންނަ ވާހަކަ ނުބުނީ؟” އަޒްފާ ޝަކުވާ ކޮށްލިއެވެ.

“ބުނީމަ އަޒޫއަށް ސަޕްރައިޒެއް ނުދެވޭނެއްނު.” ޒާނިޝް ވަރަށް އުފަލުންހުރެ ބުންޏެވެ. އެވަގުތު ޒާނިޝްއަށް ފޯނެއް އައެވެ.

“މަންމަ އެގުޅީ. މިވަގުތު ދަނީ އިނގޭ. އަހަރެން ފަހުން އަންނާނަން.” ޒާނިޝް މިހެން ބުނެފައި ނުކުމެގެން ދިޔައީ އެވެ.

އެރޭ ނުވައެއް ޖެހިއިރު ޒާނިޝް ހުރީ އަޒްފާގެ ގޭގައެވެ.

“ރިޝް. ކޮބާ އަޒޫ؟” ޒާނިޝް އެހިއެވެ.

“ނޭނގެ. ދޮންތަ ހަތެއްޖެހިތަނާ ބޭރަށްގޮސް އަދިނާދޭ. ވަރަށް އަވަހަށް އަންނާނަމޭ ކިޔާފަ ދިޔައީވެސް.” ރިޝްފާ މިހެން ބުނުމަށްފަހު އެތެރެއަށް ވަނެވެ. ޒާނިޝް އަޒްފާ އަންނަންދެން މަޑުކުރީއެވެ. އެގާރަޖެހިއިރުވެސް އަޒްފާ ގެއަކަށް ނާދެއެވެ. ޒާނިޝް ދެތިން ފަހަރު ގުޅިއިރު ފޯނެއްވެސް ނުނަގައެވެ. ރިޝްފާ ބޭރަށް ނުކުތީ ޒާނިޝް ދާން އުޅެނިކޮށެވެ.

“އަޒޫ އައީމަ ބުނޭ އިނގޭ ގުޅާލާށޭ. ދެން ބުނާތި މާދަމާ އޮފީހަށް ގެންގޮސްދޭން އަންނާނަމޭ.” މިހެން ބުނުމަށްފަހު ޒާނިޝް ނުކުމެގެން ދިޔައީ އެވެ.

ޒާނިޝް ދިޔަތާ ދިހަވަރަކަށް މިނެޓް ފަހުން އަޒްފާ އައިސް ގެއަށްވަނެވެ.

“ދޮންތަ ކޮންތާކުން؟ ޒާނިޝް އެދިޔައީ ދޮންތަ އާދޭތޯ ވަރަށް ގިނައިރު މަޑުކޮށްފަ. ބުނި ގުޅާލާށޭވެސް. ދެން އަދި ބުނި މާދަމާ އޮފީހަށް ލާންދާން އަންނާނަމޭވެސް.” ރިޝްފާ ބުންޏެވެ.

“މިއައީ ރައްޓެހި ކުއްޖެއް ގެއަށްގޮސް ދެން މިރެއަކު ނުގުޅޭނެ.” ވަރަށް ފަރުވާކުޑަ ގޮތަކަށް މިހެން ބުނުމަށްފަހު އަޒްފާ ގޮސް ކޮޓަރިއަށް ވަނެވެ.

އަނެއްދުވަހު ހެނދުނުގެ ވަގުތެވެ. ޒާނިޝް ތައްޔާރުވަމުން ދިޔައީ އަޒްފާ އޮފީހަށް ގެންގޮސްދޭން ދިއުމަށެވެ. ޒާނިޝް ގޮސް އަޒްފާގެ ގޭ ކައިރިއަށް މަޑުކޮށްލިތަނާ ފެނުނީ ހިތް ކުދިކުދިވާ ފަދަ މަންޒަރެކެވެ. އަޒްފާ އެދިޔައީ އެހެން ފިރިހެނެއްގެ ސައިކަލު ފަހަތުގައެވެ. ޒާނިޝް ދެތިންފަހަރު އަޒްފާއަށް ގޮވާވެސްލިއެވެ. ނަމަވެސް އަޒްފާ ފަސްއެނބުރި ބަލާވެސް ނުލިއެވެ. ޒާނިޝް އަޒްފާއަށް ގުޅިއެވެ. ނަމަވެސް އަޒްފާ ފޯން ބިޒީ ކޮށްލީއެވެ.

“އަޒޫ ކީއްވެ އެގޮތަށް އެކަންތައް ކުރަނީ؟ އަހަރެން އަންނާނަމޭ ބުނީމަވެސް އެހެން ފިރިހެނަކާއެކު އެދިޔައީ ކީއްވެބާ؟ އެދެމީހުން އޮންނަނީ ކޮން ގުޅުމެއްބާ؟” ޒާނިޝް ހިތަށް އަރަމުންދިއައެވެ.

ގެއަށް ދިއުމަށްފަހުވެސް ޒާނިޝް ވިސްނަމުންދިޔައީ އެކަމާއެވެ. ޒާނިޝް އަނެއްކާވެސް އަޒްފާއަށް ގުޅިއެވެ. ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ފޯނެއް ނުނަގައެވެ. ޒާނިޝް ދެން ގުޅީ އަޒްފާގެ އޮފީހަށެވެ.

“އައްސަލާމް އަލައިކުމް.” އެކޮޅުން ވާހަކަދެއްކީ އަޒްފާ އެވެ.

” އަޒޫ. އަހަރެން ބޭނުން އަޒޫއާ ވަރަށް ބޮޑު ވާހަކައެއް ދައްކަން. މިރޭ އަހަރެން ދާނަން ގެއަށް.” ދާނެ ވާހަކަ ބުނުމަށްފަހު ޒާނިޝް ފޯނު ބޭއްވި އެވެ.

ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. ޒާނިޝް ހުރީ އަޒްފާގެ ގޭގައެވެ.

“އަޒޫ ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟ ކާކާ އެއްކޮށް މިއަދު އޮފީހަށް ދިޔައީ؟ ވައި އާ ޔޫ އިގްނޯރިން މީ؟ ” ޒާނިޝްގެ ހިތުގައި އުފެދިފައިވާ އުދާސްތަކާއި ޝަކުވާތައް ސުވާލުތަކެއްގެ ސިފައިގައި ބަންޑުންކޮށްލިއެވެ.

“އަހަރެން އޮފީހަށް ދިޔައީ ޝާމިންއާ އެކު. ޒާން ގުޅީމަ ފޯން ނުނަގަނީ އަހަރެން ޒާންއާ ވާހަކަ ދައްކަން ބޭނުން ނުވާތީ. އަހަރެން ޒާންދެކެ ލޯބި ނުވާތީ. އަހަރެން ޝާމިންއާ އެކު އުޅެން ބޭނުންވާތީ.” ވަރަށް ފަރުވާ ކުޑަ ގޮތަކަށް އަޒްފާ ޖަވާބުދިނެވެ. ޒާނިޝް ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.

“ކީކޭ؟ ލޯބިވާތީއޭ؟ ދެން އިއްޔެ އަހަރެން އައުމުން އެހާ އުފަލުން ހުރީ ކީއްވެ؟ ” ޒާނިޝް ސުވާލުކުރިއެވެ.

“އަހަރެން އުފަލަކުން ނޫން. އަހަރެން ހުރީ ހަދާނެގޮތެއް ނޭނގިފަ. އަހަރެން ހަމަ އެއްވެސް ވަރަކަށް ޒާންދެކެ ލޯތްބެއް ނުވޭ. އެންމެ ރަނގަޅުވާނީ އަހަރެމެން ދެމީހުން ވަކިވިއްޔާ. ޒާންއަށް އެންމެ ރަނގަޅުވާނީ ޒާންދެކެ ލޯބިވާ ކުއްޖަކާ ގުޅުނިއްޔާ. ރިޝް ވެސް އެހުރީނު. ރިޝް ޒާންދެކެ ކިހާ ލޯބިވޭ. ” އަޒްފާ ބުންޏެވެ.

“އަޒޫއަށް ވަރަށް ފަސޭހަދޯ ތިހެންބުނަން. އަޒޫއަށް އެބަ އެނގޭތަ ތިކިއޭ އެއްޗެއް؟ ރިޝް އެއީ އަޒޫގެ ކޮއްކޮއޭ.” ޒާނިޝް ހުރީ ރުޅިއަންނަގޮތްވެފައެވެ.

“ކޮއްކޮ އެއްކަމަކު ހަޤީގަތް ވާނީ ހަޤީގަތަށް. ރިޝް ލޯބިވާކަން ޒާންއަށްވެސް އެނގެއެއްނު. ދެން އެހެން ނޫނަސް ޒާންވެސް ފުރަތަމަ ލޯބިވީ ރިޝްދެކެ. އަހަރެންދެކެއެއް ނޫން. އެހެންވީމަ އެންމެ ރަނގަޅުވާނީ ޒާން ރިޝްއާ ގުޅުނިއްޔާ.” އަޒޫ އޭނާގެ ފަހުބަސް އިއްވި އެވެ.

 ޒާނިޝް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ އަށާއި ރިޝްފާއަށް އެކަނި އެނގޭ ސިއްރު އެނގުނުގޮތެއް ނޭނގިފައެވެ.

“މީގަ މުހިއްމީ އަހަރެންނަށް އެނގުނުގޮތެއް ނޫން. މުހިއްމީ ހަޤީގަތް.” އަޒްފާ ބުންޏެވެ.

“އެކަމަކު އަހަރެން މިހާރު ލޯބިވަނީ އަޒޫދެކެ.” ޒާނިޝް އާދޭހާއެކު ބުންޏެވެ.

“އަހަރެންދެކެ ލޯބިވަންޏާ އަހަރެންގެ މި އެދުން ފުރިހަމަކޮށްދީ ޕްލީޒް ޒާން.” އަޒްފާ ބުންޏެވެ.

“އަޒޫއަށްޓަކާ ކޮންމެ ކަމެއްވެސް ކޮށްފާނަން.” ޒާނިޝް މިހެންބުނުމަށްފަހު ނުކުމެގެން ދިޔައެވެ. އަޒްފާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އަދި ބޭއިޚްތިޔާރުގައި އަޑުން އަޑުނަގައި ރޮއިގަނެވުނެވެ.

އޭގެ ދެމަސްފަހެވެ. މިއަދަކީ އަޒްފާ އާއި ޒާނިޝްގެ ކައިވެނި ކުރެވެން އޮތްދުވަހެވެ. ނަމަވެސް ކަންދިމާކުރިގޮތުން މިއަދު ކުރެވުނީ ރިޝްފާއާއި ޒާނިޝްގެ ކައިވެންޏެވެ. ރިޝްފާ އާއި ޒާނިޝް ހުރީ ވަރަށް އުފަލުންނެވެ. ރިޝްފާއަށް އޭނާގެ ލޯބި ކާމިޔާބު ވި ކަމުގެ އުފަލުގައެވެ. ޒާނިޝްއަށް ޒާނިޝްގެ ފުރަތަމަ ލޯބި ކާމިޔާބުވި ކަމުގެ އުފަލާއި އަޒޫގެ އެދުން ފުރިހަމަކޮށްދެވުނު ކަމުގެ އުފަލުގައެވެ. އަޒްފާގެ ތުންފަތުންވެސް ފެންނަނީ ހިނިތުންވުމެވެ. ނަމަވެސް އެތެރެއިން ހިތްކުދިކުދިވަމުން ދަނީއެވެ. އަޒްފާ އޭނާގެ ލޯބި ޤުރުބާން ކުރީއެވެ. ހުރި ހަމައެކަނި ކޮއްކޮގެ ލޯބީގެ ހައްޤުގައެވެ. ކޮއްކޮ އުފަލުގައި އުޅޭތަން ދުށުމައްޓަކައެވެ. އަޒްފާގެ އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި  ފުހެލުމަށްފަހު ހިނިތުންވެލިއެވެ. އަދި ރިޝްފާއަށާއި ޒާނިޝްއަށް ހިނިތުންވުމާއެކު މަރުހަބާކި އެވެ.

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޒިޔާދާ އާދަމް، ގްރޭޑް 12 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355