twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުރުވާހަކަ – ރީޝަމް

Jul 30, 2013

މުޒްނާ މުހައްމަދު

އިރުއޮއްސެމުން ދިޔަވަގުތު ރީޝަމް ހުރީ އޭނާގެ ގޭގެ ޖޯލިފަތީގައި ފުން ހިޔާލުތަކަށްގޮސް ގެއްލިފަ އެވެ. އޭރު އޭނާގެ ކުރިމަތީގައި މީގެ ދެއަހަރުކުރިން ޖަލުގައި  އޭނާ ހޭދަކޮށްފައިވާ ހިތި ދުވަސްތަކުގެ މަންޒަރުތައް އެނބުރެމުންދެއެވެ. އެދުވަސްވަރަކީ ކިޔެވުމަށް އޭނާ ގަދަ ހިތްވަރެއްލައި މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެކެވެ. އޯލެވެލް އިން މުޅި ސުކޫލުން އެއްވަނަ އަދި މުޅި ރާއްޖެއިން 3 ވަނަ ހާސިލްކުރުމަށްފަހު ގުރޭޑް 11 ގައި ކިޔެވުންފެށި ދުވަސްކޮޅެވެ. ނަމަވެސް އޭނާގެ މުޅި ހަޔާތް ބަނަވެގެން ދިޔައީ އެކުލާހަށް އައި އެހެން ރަށަކު އަންހެން ކުއްޖެއްގެ ސަބަބުންނެވެ.

އެއަންހެން ކުއްޖާއަކީ ބަލާބެލުމަށް ކުދިން ގަޔާވާ ސިފަތަކެއް ހުންނަ ކުއްޖެކެވެ. ކުލާހުގެ ގިނަފިރިހެން ކުދިން އަފްރީންގެ ލޯތްބަށް ދިޔައީ އެދެމުންނެވެ. ނަމަވެސް އަފްރީން ބޭނުންވީ ރީޝަމް އެވެ. އަފްރީން އަށް ރީޝަމް އާ ބެހޭ އެއްވެސް ކަމެއް ނޭނގުނަސް އަފްރީންއަށް ރީޝަމްގެ ސިފަތަށް ވަރަށް ކަމުދިޔައެވެ. އެންމެފަހުން ރީޝަމްއަށްވެސް އަފްރީންދެކެ ލޯބި ވެވިއްޖެއެވެ. އަފްރީންގެ އެދުމަށް އާއެކޭ ބުނެވުނީ  އަފްރީންއަކީ ކޮންކަހަލަ ކުއްޖެއްތޯވެސް ބަލައިނުލައެވެ. އަމިއްލައަށް އަނދަވަޅަކަށް ފޭބުނީކަން ރީޝަމްއަށް ރޭކައިލީ މާފަހުންނެވެ.

އަފްރީންއަކީ އޭނާގެ ރަށަށް ނަން މަޝްހޫރު ހަވަރު ތުންފުއްސެކެވެ. އޭނާގެ ރަށުގައި ނުގެންގުޅެވިގެން ކުޅުދުއްފުއްޓަށް ގެނެސްފައި ހުރި ކުއްޖެކެވެ. ބަލާބެލުމަށް ރީއްޗަސް އެތެރެފުށުގައި ހުރި ހަޑިކަމެއް ނުފެންނާނެ އެވެ. އެއްދުވަހަކު ރީޝަމް އަފްރީންގެ ގެއައަށް ދިއުމުން އަފްރީން އެކަމާ ހިތްހަމަ ނުޖެހި ރީޝަމް ދެކެ އިންތިހާއަށް ރުޅިއައެވެ. ރީޝަމް އަށް އޭރުވެސްވަނީ އެހެން މީހުންގެ ފަރާތުން އަފްރީންއޭ ކިޔައިގެން ތަފާތު އަޑުތައް އިވިފައެވެ. އެހެންކަމުން ރީޝަމް ނިންމީ އަފްރީން އުޅޭ ނޫޅޭގޮތް ބަލާށެވެ. އެރޭ ދިހައެއްޖަހާއިރު  ރީޝަމް ހުރީ އަފްރީންމެންގޭ ކައިރީގައެވެ. އޭނާ ނިކުމޭތޯ ފާރަލާށެވެ. އެހެން ހުއްޓާ ރީޝަމް ނިދިއައިސްގެން ގެއަށްދާން ހިނގައިގަންތަނާ އިވުނީ އަފްރީންމެންގޭ ދޮރު ހުޅުވާލިއަޑެވެ.

އަފްރީންގެ ގެ ހުންނަނީ ވަލުތެރެ ހިސާބުގައި ކަމަށްވުމުން ރީޝަމް އަވަސް އަވަހަށް އެތާހުރި ގަހެއްގެ ނިވަލަށްވަދެ ބަލަހައްޓައިގެން ހުއްޓެވެ. ދޮރުހުޅުވާލާފައި އަންހެންކުއްޖަކު ނިކުތެވެ. އެއީ އެހެން މީހެއްނޫނެވެ. ހަމަ އަފްރީންއެވެ. ވަރަށް ސިއްރުން މަގުގެ ދެކޮޅު ބަލައިލުމަށްފަހު ހިނގައިގަތެވެ. އެއާއެކު އަފްރީންގެ ފޯނަށް މެސެޖެއްވެސް އައެވެ. މެސެޖް ކިޔާލުމަށްފަހު އަފްރީން ވަރަށް ބާރަށް ހިނގައިގަތެވެ. ހީވީ ކޮންމެވެސް މީހަކަށް ފެނިދާނެތީ އުޅޭހެނެވެ. ރީޝަމް ވެސް އަފްރީންއަށް ނުފެންނާނެހެން ފަހަތުން ދިޔައެވެ. ކުއްލިއަކަށް އަފްރީން ގެއަކަށްވަނެވެ. އެއީ އެހިސާބުގަނޑުގައިވެސް އެންމެ ކަމުނުދާ ގެއެވެ. ގޭގެދޮރު ހުރީ ހިސާބަކަށް ހުޅުވިފައި ކަމުން ރީޝަމްވެސް އެތެރެއަށްވަނެވެ.

އޭރު ރީޝަމްގެ ހިތް ބާރަށް ތެޅެމުންދިއައެވެ. ވާން މިއުޅެނީ ކީއްކަން ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އަފްރީން ކޮންމެވެސް ފިރިހެނަކާ ވާހަކަދައްކާ އަޑު އިވުނެވެ. ރީޝަމްގޮސް ސިޓިންރޫމް ތެރެއަށް ބަލައިލިއެވެ. އޭރު އަފްރީން އެމީހަކާއެކު ގޮސް ކޮޓަރިއަކަށް ވަންނަނީއެވެ. ކޮޓަރިއަށް ވަދެ ތަޅުލިކަން ރީޝަމް އަށް އެނގުނެވެ. އެކަމަކުވެސް ރީޝަމް ބޭނުންވީ އެރޭ ހުރިހާ ހަގީގަތެއް ހޯދުމަށެވެ. ރީޝަމް މަޑުމަޑުން ހިނގާލާފައިގޮސް އެކޮޓަރީގައި ކަންފަތް ޖެހިއެވެ. އެކޮޓަރީގައި ހުރީ ލަވަ ޖަހާފައިކަމުން އެމީހުން ދައްކާ ވާހަކައިގެ އަޑެއް ނީވުނެވެ. ދެން ރީޝަމް އެކޮޓަރީގެ ކުޑަދޮރުން އެތެރެފެނެތޯ ބެލިއެވެ. ކުޑަދޮރުގައި ހުރި ކުޑަކުޑަ ތަންކޮޅަކުން އެކޮޓަރީގެ އެތެރެ ފެނުނެވެ.

އެތާ ލޯޖަހާފައި ބަލާލުމުން ރީޝަމްގެ މޭގަނޑު އަނގައަށް އައެވެ. އޭނާގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާން ރޯވިއެވެ. އަފްރީންއަކީ ރީޝަމް ހީކުރިކަހަލަ ކުއްޖަކަށް ނުވިއެވެ. ރީޝަމްއަކަށް ބަލާކަށް ނުހުރެވުނެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ރީޝަމް ކޮޓަރީގެ ތެރެއަށް ވަނެވެ. އޭރު ރީޝަމް ރުޅިއައިސްފައި ހުރީ ކޮންޓްރޯލް ކުރެވޭ ވަރަކަށް ނޫނެވެ. އޭނާ ވަށައިގެން ތަންތަން ހޯދަންފެށިއެވެ. އެއާއިއެކު އޭނަގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ވަޅިއެކެވެ.

ވަޅި އަތަށް ހެޔޮވަރު ކޮށްގެން އޭނާ މިސްރާބުޖެހި އެދެމީހުންނާއި ދިމާލަށެވެ. އަފްރީން ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ރީޝަމް އައިގޮތަށް އައިސް އަފްރީންގެ މެއަށް ވަޅި ހެރިއެވެ. އަފްރީންގެ ގައިން ހޯސްލައިފައި ލޭ ފައިބަން ފެށިއެވެ. އެއާއެކު އެގޭގައި ނިދާފަތިބި މީހުންނަށް ހޭލެވިގެން އެކޮޓަރީގައި ޓަކި ޖަހަން ފެށިއެވެ. ކޮޓަރީގައި ހުރި މީހާ ގޮސް ދޮރު ހުޅުވާލިއެވެ. އަދި ކަންވީގޮތް އެންމެންނަށް ކިޔައިދިނެވެ. އެގޭގެމީހުން ވަގުތުން އަފްރީން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަސީބަކުން އަފްރީންގެ ފުރާނަ ސަލާމަތްވިއެވެ.

އެހެންނަމަވެސް ރީޝަމްއަށް ޖެހުނީ 5 އަހަރުވަންދެން ޖަލުގައި ދިރިއުޅުން ހޭދަކުރާށެވެ. ޖަލުން މިނިވަންވެގެން އައިއިރު އޭނާ ދިރިއުޅުމާމެދު ދެކެމުންދިޔަ ހުވަފެންތަށް ވަނީ ބިލާހަކަށް ބަދަލުވެފައެވެ. އޭނާއަށް ކިޔެވުމުގެ ދޮރު ވަނީ ބަންދުވެފައެވެ. މީހުން އޭނާއާ މެދު ދެކެމުން ދިޔަގޮތް ވަނީ ބަދަލުވެފައެވެ. އޭނާ ވަނީ މުޅި ދުނިޔެއަށް ގިނަވެފައެވެ. މިވީ ދެއަހަރު ދުވަހު ރީޝަމް ދިރިއުޅުނީ އެކަނިމާ އެކަނިއެވެ. އެންމެ އަންހެން ކުއްޖެއްގެ ސަބަބުން ރީޝަމްގެ ދިރިއުޅުން އެފުއް މިފުށަށް ޖެހިގެން ދާނެކަމެއް ރީޝަމް ހިޔެއް ނުކުރެއެވެ. ނަތީޖާއަކަށްވެފައިވަނީ ރީޝަމް ހުރިހާ އަންހެން ކުދިން ދެކެ ފޫހިވުމެވެ. ރީޝަމް ދިރިއުޅުމެއް ފަށަން ހިޔާލު ނުކުރަނީވެސް މި ސަބަބަށް ޓަކައެވެ.

ކުއްލިއަކަށް އަޑެއް އިވުމުން ރީޝަމް ސިއްސައިގެންގޮސް އެކި ފަރާތް ފަރާތަށް ބަލައިފި އެވެ. އެއީ ޖޯލިފަތި ކައިރީގައި ހުރި ބަނބުކެޔޮ ގަހުން ބަނބުކޭލެއް ވެއްޓި ޖެހުން އަޑެވެ. އެއާއިއެކު ރީޝަމް އޭނާގެ ހިޔާލީ ދުނިޔެއިން ނިކުމެ ޖޯލިން ތެދުވުމަށްފަހު ހިނގައިގަތީ އެބަނބުކޭލާ ދިމާލަށެވެ. އަދި ބަނބުކެޔޮ ނެގުމަށްފަހު އޭތި ހިފައިގެން ގޭތެރެއަށް ވަނެވެ.

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި މުޒްނާ މުހައްމަދު، ގްރޭޑް 11 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355