ޖުލައި 23 ވަނަ ދުވަހުގެ ބަޔާގުޅޭ
“އާދޭ އެތެރެއަށް.” ސަލަފް އަޑުގައިވާ އޯގާތެރިކަމުން ޝާޔާގެ ޒަޚަމްވެފައިވާ ހިތަށް ފިނިކަމެއް ނުލިބުނެވެ.
ޝާޔާ ކޮޓަރި ތެރެއަށް ވަދެ ވަށައިގެން ބަލާލިއެވެ. އެ ކޮޓަރި ތެރޭގައިވާ ކޮންމެ އެއްޗަކުންވެސް ސަލަފްގެ ފެންވަރު އަންގައިދެއެވެ. ކިންގު ސައިޒު އެނދާއި ހަތަރު ދޮރުފަތްލީ އަލަމާރިއެވެ. ޑްރެސިން ޓޭބަލް އާއި ފޮތް ހަރުގަނޑާއި ކޮޓަރި ތެރޭގައި ހުރި ސޯފާތަކާއި އެހެނިހެން ސާމާނުތަކުންނެވެ. ޝާޔާ އެތެރެއަށް ވަނުމުން ސަލަފް ކޮޓަރި ރަނގަޅަށް ތަޅުލިއެވެ. ޝާޔާ ގެ ހިތް ތެޅިލިއެވެ. މިރޭ ކުރިމަތި ލާން ޖެހޭނީ އެންމެ ބޮޑު އިމްތިހާނާއެވެ. އޭނާގެ ހަށިގަނޑު ހިތާއި ދެކޮޅަށް ނަމަވެސް ހަލާލު ފިރިމީހާ އާއި ހަވާލު ކުރަން ޖެހޭނެއެވެ.
“އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ.” ސަލަފް އެނދުގައި އިށީނެވެ. ޝާޔާއަށް އިޝާރަތްކޮށް ކައިރީގައި އިށީނުމަށް ދައުވަތު ދިނެވެ. ޝާޔާ މަންމަން ކުއްޖެއް ފަދައިން ބަހެއް ނުބުނެ ސަލަފްގެ އިޝާރާތްތަކަށް ތަބާވަމުން ދިޔައެވެ.
“އަހަރެމެން ދެމީހުންގެ ކައިވެނި ކުރެވުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި. ދެމީހުން އެކަކު އަނެއްކަކަށް ދަސްނުވަނީސް. ޝާޔާ. އަހަރެން ބޭނުމެއް ނޫން މި ކައިވެނި ދުވަހަކުވެސް ރޫޅޭކަށް. ދެމީހުން ދަސްނުވެއޭ ކިޔާފައި ދުރުވާކަށް. އަހަރެން ބޭނުންވަނީ ދެމީހުން ދަސްވާން. މި ދެމެދުގައިވާ ދުރުކަން ކައިރިވާން. އަހަންނަށް ޝާޔާގެ ހަށިގަނޑަށް ބާރު ފޯރުވެވިދާނެ. ތިއީ އަންހެނުންނޭ ކިޔާފައި އުފާ ހޯދިދާނެ.” ސަލަފް އިރުކޮޅަކަށް ހުއްޓާލުމުން ޝާޔާ އިސްއުފުލާ ބަލާލިއެވެ.
ސަލަފް ބުނަން އެ އުޅެނީ ކީކޭ ހެއްޔެވެ؟ ސަލަފްގެ ބާރުވެރިކަމާއި ކެރޭކަން އަންގައިދޭން ބޭނުން ވަނީ ހެއްޔެވެ؟ ނޫނީ ނުސީދާ ގޮތުން އެކަނި ހުއްޓާ އިންޒާރުތަކެއް ދެނީ ހެއްޔެވެ؟ ފިރިހެނުންނަކީ ހާދަހާ އެދުން ބޮޑު ބައެކެވެ.
“އަހަރެން އެހާ ގޯހެއް ނުވާނެ.” ސަލަފް އެހެން ބުނިއިރު ހީވަނީ ދެންމެ ޝާޔާގެ ހިތުގައި އެނބުރެމުން ދިޔަ ޝުޢޫރުތައް ސަލަފްގެ ކަންފަތާއި ހަމަޔަށް ފޯރީހެންނެވެ. ޝާޔާއަށް ސިހުން ލިބުނެވެ. ހައިރާންވެ ސަލަފްއަށް ބަލާލެވުނު މެއެވެ.
“ޝާޔާ. މިއީ އަހަރެން ދެކުނު ހުވަފެނެއް. ޝާޔާ އަކީ އަހަރެން ލޯބިވާ އަންހެން ކުއްޖެއް. އެކަމަކު މި ކައިވެންޏަށް ޝާޔާ ތައްޔާރު ނުވާކަން އަހަންނަށް އެނގޭ. އެހެންވެ އަހަރެން ބޭނުންވަނީ ޝާޔާއަށް ވަގުތު ދޭން. ޝާޔާ ހިތުން ރުހުމުން މި ކައިވެނި ޤަބޫލު ކުރާ ދުވަހަކުން ނޫނީ އަހަރެން ޝާޔާގެ ހަށިގަނޑުގައި އިނގިލި ކުރިވެސް ޖައްސާކަށް ބޭނުމެއް ނޫން. އަހަރެން ދެކެ ލޯބިވާ ދުވަހަކުން އަހަރެން ކައިރީ ބުނަން ފަސް ނުޖެހޭތި. ވަރަށް ދަންވެއްޖެ. ޝާޔާ ހެދުން ބަދަލުކޮށްލައިގެން އައިސް ނިދާލާ. އަހަރެން ނިދާނީ ސޯފާތަކުގައި.“ ސަލަފް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ޝާޔާ ހިލައިގެ ބުދެއްހެން ހުއްޓުން އަރާފައި އިނެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވަނީއެވެ. އެއީ ހަމަ ސަލަފް ހެއްޔެވެ؟
“އަދިވެސް އިނީތަ؟ އަލަމާރީގައި ހުންނާނޭ ޝާޔާއަށް ހުރި ހެދުން. ނިދާ ހެދުންވެސް ހުންނާނެ.” ސަލަފް ފެންވަރާލައިގެން ނިކުމެފައި އަހާލިއެވެ.
ހުސްގަޔާ ހަމައެކަނި ތުވާއްޔެއް އަނދެގެން ހުރުމުން ސަލަފް އާއި ދިމާލަށް ބަލަން ޝާޔާ ފަސްޖެހެވުނެވެ. ޝާޔާ އަވަހަށް އަލަމާރި ކައިރިއަށް ގޮސް ދޮރުފަތް ހުޅުވާލިއެވެ. ހައިރާންވެ އަންތަރީސްވީ އަލަމާރީގައި ހެދުން ގިނަ ކަމުންނެވެ. ނިދާ ހެދުމާއި ހަވީރީ ހެދުމެވެ. ހުސްވެސް އަތްދިގު މެކްސީ އެވެ. ހެދުންތައް ތަރުތީބުން އަތުރާފައި ވާއިރު ތިރީގައި އެކި ކުލައިގެ ފައިވާންތައް ހުއްޓެވެ. ގަހަނާ ފޮށިތައް ހުރީ އެންމެ މަތީގައެވެ. ކުޑަވަރެއްގެ ފިހާރައެއްގައިވެސް މިހާ މުދާ ގިނަ ނުވާނެކަން ޔަޤީނެވެ. ޝާޔާ އެތަނުން ނިދާ ހެދުމެއް ނަގައިގެން ފާހާނާއަށް ވަނެވެ.
ފެންވަރާލައިގެން ނިކުންއިރު ސަލަފް އޮތީ ސޯފާމަތީގައި ރަޖައެއް އަޅައިގެން ނިދާފައެވެ. ކޮޓަރީގެ ހޮޅިބުރިތައް ނިއްވާލުމަށް ޝާޔާ ސްވިޗުތައް ހޯދާލިއެވެ. ސްވިޗުތައް ހުރީ ފޮތް ހަރުގަނޑުގެ ކައިރީގައެވެ. ސަލަފް ނިދާފައި އޮތް ސޯފާ ވަށާލާފައި ނޫން ގޮތަކަށް އެދިމާލަށް ދެވޭކަށް ނޯންނާނެއެވެ. ޝާޔާ ގޮސް ސްވިޗު ނިއްވާލާފައި އެނބުރިލި ތަނާއި ފަހަތުން ހެދުމުގެ ފަސްބައިގައި ސަލަފް ހިފަހައްޓާލިއެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު ފަހަތް ބަލާލިއިރު ސަލަފް އޮތީ ނިދާފައި އޮތް ގޮތަށެވެ. ހެދުމުގެ ކަން ސޯފާގައި އެޅިފައި ވުމުން އެހެން ހީވީއެވެ. ޝާޔާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. މަޑުމަޑުން ތިރިވެފައި ހެދުން ނައްޓާލުމަށްފަހު އައިސް އެނދުގައި އޮށޯވެލިއެވެ.
އަރާމު ދާނެކެވެ. ކޮޓަރި ތެރޭގައިވަނީ ހިތް ފަސޭހަ ފިނިކަމެކެވެ. ނަމަވެސް ދެލޮލުގެ ނިދިވަނީ މާދުރުގައެވެ. ޔޫއާންގެ ހަނދާންތަކުން ހިތް ރޮއްވަމުން ގޮސް ކަރުނަތައް އޮހެން ފެށިއެވެ. ޝާޔާ އެކޭ އެއްފަދައިން ޖެހިގެން އޮތް ކޮޓަރީގައި އޮތް ޔޫއާންގެ ހާލަކީވެސް އެއެވެ. ޝާޔާގެ ބޭވަފާތެރިކަން ހިތަށް އަރާފައި ރުޔުން ނޫން ކަމެއް ނެތެވެ. ހިތާއި ހިތުން ޝާޔާ ކުށްވެރިކޮށްފައި އަމިއްލަ ނަފްސްވެސް ކުށްވެރި ކުރަނީއެވެ.
ލޯތްބަކީ ހާދަ ތަފާތު އެއްޗެކެވެ. ލޯބި ވެވިދާނެތީ ބިރުން ދުރުދުރުގައި އުޅެފައި ލޯބި ވެވުމުން ހަނދާން ނައްތާލަން ހާދަ އުދަނގޫ އެއްޗެކެވެ. ޔޫއާންއަށްވެސް ކޮލެޖުގެ ދައުރުގައި އެތައް އަންހެން ކުދިންނެއް ފިދާވަމުން ދަނިކޮން ފުރަގަސްދީފައި ޝާޔާ ދެކެ ލޯބިވެވުމުން އެ ލޯތްބަށް ޤުރުބާންވީ ހިނދު ޝާޔާ ވީ ބޭވަފާތެރިކަމުގެ ސަބަބުން އަމިއްލަ ނަފްސް ކުށްވެރި ކުރެވެނީއެވެ. އޭނާއަށް ލޯބިވެވުނީ ލޯބި ދެވެން ނެތް މީހަކު ދެކެ ހެއްޔެވެ؟
އާދުވަހަކަށް އިރު އަރައިފި އެވެ. ޝާޔާ ނުނިދި ފުރޮޅި ފުރޮޅި އޮވެފައި އަލިވިލުމާއެކު ތެދުވެ ހެދުން ބަދަލުކޮށްލައިގެން ބަދިގެއަށް ދިޔައެވެ. ނޫރީން އާއި މާނާ ނާސްތާ ތައްޔާރު ކުރުމުގައި އުޅެއެވެ. ޝާޔާ ފެނުމުން މާނާ ނިކުންނަން ހިނގައިގަތެވެ.
“މަންމާ. ހެނދުނުގެ ސަޔަށް ތައްޔާރު ކުރަނީ ކޮންއެއްޗެއް؟” ޝާޔާ އެތެރެއަށް ވަންނަމުން އަހާލި އެވެ.
“ނޫރީން. ޖޯޑުތައް ދޮވެފައި މޭޒުމަތީގައި ބަހައްޓާ. ދެން އެންމެން ސައިބޯން އަންނަންދެން މިތަނުގައި މަޑުކުރާތި. ސަލަފް އަހައިފިއްޔާ ބުނެދޭތި މަންމަ ސައިބޮއިފިޔޭ.” މާނާ ނިކުންނަމުން ނޫރީން އާ ވާހަކަ ދެއްކިއެވެ. ގަސްތުގައި ޝާޔާ ކުރި ސުވާލަށް ނުދޭންވެގެންކަން ޝާޔާއަށް ނަގައިގަނެވުނެވެ.
“ނޫރީން. މިގޭގައި އެންމެން ސައިބޮނީ އެކުގައިތަ؟” ޝާޔާ ދެން ބެލީ ނޫރީން އާއި ވާހަކަ ދެއްކޭތޯއެވެ. ނޫރީން އާއި ކުރިންވެސް ވާހަކަ ދައްކާފައިވާތީ ބީރައްޓެއްސެއް ނޫނެވެ. ނޫރީން އަޅައިވެސް ނުލާ ޖޯޑުތައް ދޮންނަމުން ދިޔައެވެ. ޝާޔާ ނޫރީންގެ ކައިރިއަށްޖެހި ސިންކު ތެރޭގައި ހުރި ޖޯޑުތަކުން ޖޯޑެއް ނެގިއެވެ.
“ނޫން ޝާޔާ. ތިޔަ ރީތި ދެއަތުން މި ޖޯޑުތައް ދޮންނަން ނުހަދާ. މިއީ އަހަރެންގެ މަސައްކަތް. ޝާޔާ ތިއީ މިގޭގެ އެންމެ މާތް ކަމަނާ.” ނޫރީން އޭނާއަށް މަލާމަތްކޮށްލިއެވެ.
“ނޫރީން. އަހަރެން މިއައީ ނޫރީންއަށް އެހީވާން. އަހަރެން މަސައްކަތުގައި ބައިވެރިވާން ބޭނުން. ސަލަފްގެ މަންމަވެސް ބަދިގޭގައި އުޅެއެއްނު. އަހަރެންވެސް އުޅުނަ ދީ. އަހަރެން ސައިގިރައިދެންތަ؟“ ޝާޔާ އެތަނުން ދުރަށް ޖެހިފައި ޖަގު ނަގައި ސައި ގިރަން ފެށިއެވެ. ނޫރީން އެއްޗެއް ނުބުނެ ޖޯޑުތައް ދޮވެފައި މޭޒުމަތި ތައްޔާރު ކުރިއެވެ.
ފަހަރަކު މީހަކު ސައިކޮޓަރިއަށް ޖަމާވަމުން ދިޔައެވެ. ޔޫއާން އާއި ޒަވީން އެތެރެއަށް ވަނީ އެކު އެކީގައެވެ. ސަލަފް އާއި ސުދާ އައުމުން ނޫރީން، މާނާ ނާސްތާ ކުރުމުގައި ބައިވެރިނުވާނެ ވާހަކަ ބުނެލިއެވެ. ޝާޔާ ސައިޖަގު ހިފައިގެން އައިސް ފަހަރަކު މީހެއްގެ ޖޯޑަށް ސައި އަޅއިދެމުން ދިޔައެވެ. އެންމެ ފަހުން ޔޫއާންގެ ކައިރިއަށް ޖެހިލާފައި އެ ޖޯޑަށް ސައި އަޅައިދެމުން ޔޫއާންގެ މޫނަށް ބަލާލެވުނެވެ.
“ނޫރީން. ގެނެސްދީބަލަ އަހަންނަށް ކަޅުސައިތައްޓެއް.” ޝާޔާ އަޅައިދިން ކިރުސައި ޖޯޑު ދުރަށް ޖައްސާލަމުން ޔޫއާން ގޮވާލިއެވެ.
“ޔޫއާން. ތަބީއަތް ރަނގަޅު ނޫން ދުވަހަކީތަ؟ ދުވަހަކުވެސް ކަޅު ސައި ނުބޯ މީހަކު މިއަދު ކުއްލިއަކަށް.” ސަލަފް ހައިރާންވިއެވެ.
“ކުއްލިއަކަށް ކިތަންމެ ކަމެއްވެސް ބަދަލުވޭ. މޫސުމާ އެއްގޮތަށް މީހުންވެސް ބަދަލުވޭ.” ޔޫއާން ބުނި ޖުމްލައިގެ އަސްލު މާނަ ނަގައިގަނެވުނީ ޒަވީން އާއި ޝާޔާއަށް އެކަންޏެވެ. ނޫރީން ކަޅުސައިޖޯޑެއް ގެނެސްދިނުމުން ޔޫއާން ނާސްތާ ކޮށްލައިގެން ތެދުވެއްޖެއެވެ.
“ސުދާ. އަހަރެން އަދި ބޭނުން އިތުރު ހަފްތާއަކަށް ގޭގައި މަޑުކުރަން. އޮފީހުގައި އަހަރެން ސޮއިކުރަންޖެހޭ އެއްޗެއް ނަމަ ގެއަށް ފޮނުވާލާ. އަހަރެންގެ ހުރިހާ މީޓިން ތަކަކަށް ސުދާ ވާނެ ދާން. ދެތިން ދުވަސް ތެރޭ ލަންކާގައި އޮންނަ ބައްދަލުވުމަކަށް ސުދާ ނޫނީ ޒަވީން ދޭ. މައްސަލައެއް ނެތް ދެމީހުން ދިޔަޔަސް. އެ ބައްދަލުވުން ވަރަށް މުހިއްމު. އެއްކަލަ ކޮންޓްރެކްޓުގައި ސޮއިކުރުންވެސް އޮންނާނެ.” ސަލަފް ނިންމި ނިންމުމަށް އެ ދެމަފިރިން ތެރެއިން ނުރުހުންވި އެކަކުވެސް ނެތެވެ. ސައިގެ ކަންތަކަށްފަހު އޮފީހަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮން ސުދާ މޭނުބައި ކޮށްލިއެވެ. ކަރަންފުލެއް ހަފާލައި އަނގަ ހެޔޮ ކޮށްލައިގެން ހުއްޓާ ޒަވީން ސްޕްރޭ ޖަހަން ފެށުމުން އޭގެން ދުވި ވަހުން މޭނުބައި ކޮށްލި ގޮތަށް ހިފަހައްޓާވެސް ނުލެވުނެވެ.
ފުރަގަސްދީގެން ހުރި ޒަވީންއަށް ސުދާ ދުވެފައި ފާހާނާއަށް ވަންކަން ރޭކާވެސް ނުލިއެވެ. ހޮޑުލައި ނިމި ސުދާ ހަމައަކަށް އެޅުމުން ވިސްނާލެވޭ ވަރުވިއެވެ. މިމަހުގެ އަށާވިސްވަނަ ދުވަސްކަން ހަނދާންވީ ދެނެވެ. މިމަހުގެ ކަންތައް ނުޖެހި ފާއިތުވެގެން ދުވަސް ދިޔަކަން ފާހަގަ ނުކުރެވުނީ މަސައްކަތުގައި މަސްއޫލުވެގެން އުޅެން ޖެހުމުންނެވެ.
“ތައްޔާރުވީތަ؟” ޒަވީން ސުދާއަށް ބަލާލަމުން އަހާލީ ސުދާ ފާހާނާއިން ނިކުތުމުންނެވެ.
“އަހަރެން އެބައޮތް ޒަވީން ކައިރީ ވާހަކައެއް ބުނަން ވެފައި.” ސުދާ މަޑުމަޑުން އެނދުގައި އިށީނެވެ. ޒަވީން ޝައުޤުވެރިވެފައި އައިސް ސުދާ ކައިރީ އިށީނެވެ.
“ބުނެބަލަ. ކޮން ވާހަކައެއް؟” ޒަވީން ސުދާގެ މޫނަށް ބަލާލިއެވެ. ސުދާގެ މޫނުވަނީ ހުދުވެފައެވެ. އެއްޗެއް ބުނަން ތުންފަތް ހަރަކާތްކޮށްލިއެވެ.
“ލަންކާގައި އޮތް މީޓިންއަށް އަހަރެން ދާން ބޭނުންވަނީ އެކަނި.” ޒަވީން ހައިރާންވެފައި ސުދާއަށް ބަލާލިއެވެ.
“ސަލަފް ބުންޏެއްނު ދެމީހުން ދިޔަޔަސް އެންމެ ރަނގަޅޭ. އަހަރެން ހުރީ އެ ނިންމުމާމެދު ވަރަށް ހިތްހަމަ ޖެހިފައި. ދެމީހުން އެކުގައި ތަނަކަށް ގޮސް ވަގުތު ހޭދަކުރަން މި ލިބުނީ ވަރަށް ރަނގަޅު ފުރުޞަތެއް.” ޒަވީން ސުދާގެ އަތުގައި ހިފާލިއެވެ.
“އުމުރަށް އެކީގައި އުޅެން ތިބި ދެމީހުންނަށް އެކުގައި ހޭދަކުރަން ކިތަންމެ ވަގުތެއްވެސް ލިބޭނެ. ޒަވީން އަހަރެން އެގޮތަށް ނިންމީ ވަރަށް ވިސްނާފައި. އަހަރެމެން ދެމީހުން އެކުގައި ގޮސްގެން މިކޮޅު ބަލަހައްޓާނީ ކާކު؟ ސަލަފް ބޭ ބުނި އެއްހަފްތާ މަޑުކުރަން ބޭނުންވާ ވާހަކަ. އޮފީހުގައި މަސައްކަތް ކުރަން ފެށީންސުރެ އޭނާ ޗުއްޓީ ނެގި ފުރަތަމަ ފަހަރަށްވެފައި އަހަރެން ބޭނުމެއް ނޫން ޗުއްޓީ ކުރުކޮށްލާފައި ނިކުތުމަށް މަޖުބޫރު ކުރާކަށް. ޒަވީން މަޑުކުރޭ މިކޮޅުގައި. އަހަރެން އެކޮޅަށް ދިއުން އެންމެ ރަނގަޅުވާނި. ސަލަފްބޭ ފިޔަވާ އޮފީހުގެ ކަންތައް އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް. އަހަރެން މިހެން ނިންމީ އެންމެންނަށް ރަނގަޅަކަށް. ސަލަފްބޭ ނިކުތީމައި ދެމީހުން ކުރު ޗުއްޓީއެއް ނަގައިގެން ބޭރަށް ދެވިދާނެއެއްނު.” ޅެން ބައިތުގެ މާނަ އޮންނާނީ ޝާއިރުގެ ބަނޑުގައޭ ބުނާ ބީދައިން ސުދާ ދެއްކި ވާހަކަތަކުގެ މުރާދު އެނގެނީ ސުދާއަށް އެކަންޏެވެ. ސުދާ ހިތުގައި އޮތް މަޤްސަދާއި މިވަގުތު އޭނާގެ ޚިޔާލު ދަތުރު ކުރާ ހިސާބު އެހެން މީހަކަށް ފަހުމެއް ނުވާނެއެވެ.
“އެންމެ ރަނގަޅު. ސުދާއަށް ފެންނަ ގޮތަކަށް ނިންމީމައި ރަނގަޅުވާނެ.“ ޒަވީން ސުދާ ގެނެސް މެއާ ކައިރިކޮށްލިއެވެ.
ތަށިތައް ނަގާފައި ޝާޔާ ކޮޓަރި އަށް ވަންއިރު ސަލަފް އަލަމާރި ތެރެ ހާވާ ނަގަނީއެވެ. ހީވަނީ އެއްޗެއް ނުފެނިގެން އުޅޭހެންނެވެ. ޝާޔާ ނޫންކަމަށް ހަދާފައި ގޮސް އެނދުގައި އިށީދެ ސަލަފް އުޅޭ ނޫޅޭގޮތް ބަލަމުން ދިޔައެވެ. ސަލަފް އެތަން މިތަން ހާވާފައި ޑްރެސިން ޓޭބަލްގެ ކައިރިއަށް ޖެހިލަމުން ޝާޔާގެ ގާތުގައި ހުކުރަށް ދާން ގަމީހެއް އިސްތިރިކޮށްދޭށޭ ބުނެލިއެވެ. ޝާޔާ ތެދުވެ ހާވާފައި އޮތް އަލަމާރި ތަރުތީބު ކުރަން އުޅުމުގެ ތެރޭގައި ނޫކުލައިގެ ޕޮކެޓް ފައިލެއް ވެއްޓުނެވެ. އޭގެ ތެރޭގައި ހުރި ކަރުދާސްތައް ބުރައިގެން ދިޔައެވެ. މިއަޑަށް ޑްރެސިން ޓޭބަލް ކައިރީގައި ހުރި ސަލަފް އައިސް ޝާޔާ އެ ނެގުމުގެ ކުރިން ނަގައިފިއެވެ. ޝާޔާ ގުދުވެފައި އެންމެ ގަނޑެއް ނަގާ ބަލާނުލެވި އުޅެނިކޮން އެވެސް އަތުލައިގެން ސަލަފް ގޮސް ސޯފާގައި އިށީނެވެ.
ސަލަފް އުޅުނު ގޮތުން ހީވަނީ ޝާޔާއަށް ކޮންމެހެންވެސް ސިއްރު ކުރަންޖެހޭ ލިޔުންތަކެއް ހެންނެވެ. ޝާޔާ އެދިމާލަށް ބަލާތޯ ބަލާލާގޮތުން ޝާޔާގެ ހިތުގައި ޝައްކުތަކެއް އުފެދި އެއީ ކޮން ލިޔުންތަކެއްތޯ ބެލުމުގެ ޝައުޤުވެރިކަން އުފެދުނެވެ.
(ނުނިމޭ)