ސާޖިދާ މުޙައްމަދު
“ނޫރާ! ނޫރާ!” ނޫރާގެ ޖަވާބެއް ނުލިބުމުން ރީމާ އަނެއްކާވެސް ގޮވާލިއެވެ.
“ނޫރާ!” އެވަގުތު ލައިބްރަރީގައި ހުރި މޭޒެއްގައި ބޯޖަހައިގެން ނޫރާ އޮތްތަން ރީމާއަށް ފެނުނެވެ. އޭރު ލައިބްރަރީގައި އިތުރު މީހަކު ނެތެވެ. ރީމާ ގޮސް ނޫރާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި ނޫރާގެ ކޮނޑުގައި އަތްބާއްވާލި އެވެ. އެވަގުތު ނޫރާ ބޯހިއްލާލި އެވެ. އޭނާގެ ކަރުނުން ފޯވެފައިވާ ދެލޯ ފެނުމުން ރީމާއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.
“ކިހިނެއްވީ؟ ކީއްވެތިރޮނީ؟” ރީމާ އަހާލިއެވެ.
ނޫރާ އެއްވެސް ޖަވާބެއްނުދީ އިތުރަށް ރޯންފެށި އެވެ. އެމީހުންތިބީ އެވަގުތު ލައިބްރޭރިއަންގެ މޭޒާ ފުރަގަސްދީގެންކަމުން އެމީހުންގެ އެއްވެސް ކަމެއް އެތާހުރި ކުއްޖާއަށް ނޭނގޭނެކަން އެނގޭތީ ރީމާއަށް ހަމަޖެހުމެއް ލިބުނެވެ.
“ނޫރާ ނުރޮއި އަހަރެންގާތު ބުނެބަލަ ވީގޮތެއް.” ރީމާއަށް އެވާހަކަތައް ކިޔައިދިނުމަށް އެވަގުތު ނޫރާ ނިންމިއެވެ. އަދި އެވަގުތު އެތަނަކީ އެކަމަށް އެކަށީގެންނުވާ ތަނެއްކަމަށް ނޫރާ ދެކޭތީ ރީމާ ގޮވައިގެން ކުލާސްރޫމުތަކުގެ ފުރަގަހުގައި މާ ހައްދާފައިހުންނަ ތަނަށްދިޔައެވެ.
“އަލަށް އައިސްގެން އުޅޭ ބަޔޮލޮޖީ ޓީޗަރު އެނގެއެއްނު.” ދެލޮލުން ކަރުނަ ފުހެލުމަށްފަހު ނޫރާ ކިޔައިދޭން ފެށިއެވެ.
“އަޒީން ދޯ. އޭނަ ކިހިނެއްވީ؟” ޖަވާބުގައި ރީމާ ބުންޏެވެ.
“އާނ. އެއީ ކާކުކަން އެނގޭތަ؟ އެއީ. އެއީ..” ނޫރާއަށް އަނެއްކާވެސް ރޮވުނެވެ. އެކަމަކުވެސް ހިތްވަރުކޮށްފައި ކިޔައިދޭން ފެށިއެވެ.
“އެއީ އެމީހަކަށްޓަކައި އަހަރެންގެ ހަޔާތް ހުސްކޮށް މިދުއްވާލާ މީހާ. އަހަރެންގެ ކުރީގެ ލޯބިވެރިޔާ.” ރީމާ އަށް ކޮންމެ ލަފުޒެއް ވެސް ބޭރުކޮށްލެވުނީ ވަރަށް މަސައްކަތުންނެވެ.
“ކީކޭ!” ރީމާއަށް ލިބުނީ ހައިރާންކަމެވެ.
“އާނ ރީމާ. މިއީ ހަޤީޤަތް. އެއީ އަހަރެންގެ މާޒީ. އަހަރެން ހީކުރީ އޭނަ އަހަރެންނަށް އޮޅުވާލާ ބޭވަފާތެރިވީކަމަށް. އެކަމަކު މިއަދު އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ. އޭނަ އަހަންނަށް ކަންތައްވީގޮތް ކިޔައިދީފި. އޭނަގެ އެއްވެސް ކުށެއްނެތް. ބަޔަކު އަހަރެމެން ދުރުކުރީ.” ނޫރާ ގިސްލަމުން ކިޔައިދިނެވެ.
“އަހަންނަކަށް ނުވިސްނުނު. ކިހިނެއް ނޫރާއާ އަޒީން…” ރީމާ އަހާލި އެވެ.
“އަހަރެން އެވާހަކަތަކެއް ރީމާއަށް ކިޔައެއް ނުދެން. އެކަމަކު މިއަދު ކިޔައިދޭނަން. އަހަރެން ބޭނުމީ ދެން އެޚިޔާލުތައް ހިތުން ފުހެލަން. އަޒީން އާއެކު އަލުން ދިރިއުޅުމެއް ފަށަން.” ނޫރާ އޭނާގެ ހަޔާތުގެ އެހިތި ބާބުތައް ރީމާއަށް ކިޔައިދޭން ފެށިއެވެ.
“އެއީ މީގެ އަހަރުތަކެއް ކުރި. އަހަރެން ގުރޭޑު 4 ގައި އުޅެނިކޮށް މަންމަ ވަރަށް ކުއްލިގޮތަކަށް މަރުވީ. އަހަރެންނަށް މަންމައެއްގެ ލޯބި ހޯދައިދިނުމަށްޓަކައި ބައްޕަ އެހެން ކައިވެންޏެއް ކުރި. ދޮންމަންމަ އާއެކު ކުރީކޮޅު އަހަރެމެން އުޅުނީ ވަރަށް އުފަލުން. ނަމަވެސް ކޮއްކޮ ލިބުމުން ދޮންމަންމަގެ އެގޮތް ބަދަލުވި. އަހަންނަށް ހީވީ ބިރުވެރި ހުވަފެނެއް ފެންނަން ފެށިހެން. ދޮންމަންމަގެ އެއްޗެހި ކިޔުމާއި އަނިޔާކުރުން އިތުރުވި. ގޭތެރޭގެ ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ އަހަންނަށް. އެކަމާހެދި ސްކޫލަށް ބައެއް ދުވަސްދުވަހު ގަޑިޖެހެންފެށި. ޓީޗަރުގެ ސުވާލުތައް ކުރިމަތިވާންފެށި. ނަމަވެސް ދޭނެ ޖަވާބެއް ނޭނގޭތީ ހަނުހުންނަށް އަހަންނަށް މަޖުބޫރުވި.” ނޫރާ މާޒީގެ ސޮފްހާތައް އަލުން އުކަން ފެށިއެވެ.
“ކަންތައް މިހިސާބަށް ދިޔައިރު ބައްޕައަށްވެސް މިކަން އެނގިއްޖެ. ބައްޕަ ވަރަށް ދެރަވެގެން އަހަރެންނާ ވާހަކަ ދެއްކި. ކިޔެވުމަށް ހިތްވަރުދިން. ކެއްކުރުމަށް ބުނި. އެކަމަކު ބައްޕަ ދޮންމަންމައާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނޭ. އޭރު އެސުވާލު ހިތުގައި އުފެދުނު ނަމަވެސް ބައްޕައާ ކުރާކަށް ނުކެރުނު. އެކަމަކު ފަހުން އެނގުނު ބައްޕަ މަޑުން ހުރީ ކީއްވެގެންކަން. ރީމާއަށް އެނގޭތަ؟ ބައްޕަގެ މުޅި ގޯތި ވަނީ ދޮންމަންމަގެ ނަމުގައި ރަޖިސްޓްރީ ކޮށްފަ. ބައްޕަ ވަރަށް ރޮއެރޮއެފަ އަހަރެންގެ ގާތުން މާފަށް އެދުނު. އެކަމަކު އަހަރެން ކުރާނީ ކީއް؟ މުސްތަޤްބަލަށް ކުރި ފޮނި އުންމީދުތައް ހާސިލްކުރުމަށް ދާނެ މަގު ބަންދުވީ. ސައިކޮލޮޖިސްޓަކަށް ވުމަށް ކުރެވުނު އުންމީދު ފުރިހަމަ ނުވާނެތީ ވަރަށް ދެރަވި. މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހުނުކަހަލަ. އެއީ ނޭނގުމުގެ ތެރޭގައި ހުރިހާ ބާރެއް ބައްޕަ ދޮންމަންމަ އަށް ދޫކޮށްލިކަމުން.” ނޫރާގެ މާޒީއަކީ ހިތި މާޒީ އެކެވެ.
“އެހާލުގައި އުޅެ އޯލެވެލް ހެދިން. ހުރިހާ މާއްދާއަކުން ފާސްވި ނަމަވެސް ހީކުރިވަރުގެ ނަތީޖާއެއް ނުލިބުނު. އޭލެވެލް އަށް ވަނުމަށް މާލެގެންދިއުމަށް ބުނެ ބައްޕަ އާއި ދޮންމަންމަ ގާތު ވަރަށް އެދުނިން. ބައްޕަ އެކަން ކުރަން ބޭނުންވި. ނަމަވެސް ދޮންމަންމަ އެކަމަށް ހުރަސްއެޅި. އަދި އަހަރެންނަށް ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔަވާ އެނިމުނީ ކަމުގައި ބުނި. އެދުވަސްވަރު ބައްޕަގެ ވަރަށް ގާތް މާލޭ ބަޔަކު ރަށަށް އައި. އަދި ކުއްލި ގޮތަކަށް ބައްޕަ ވަރަށް ބަލިވި. ބައްޕަ އަށް ބޭސްކުރުމަށް ބޭރަށް ދިޔުމަށް ދޮންމަންމަ ގާތު އަހަރެން އެދުނިން. ދޮންމަންމަ އެއީ ވަރަށް އާދައިގެ ކަމެއް ކަމަށްބުނެ އޮޅުވާލި. އެކަމަކު ފަހުން އަހަރެންނަށް އެނގުނު ބައްޕައަށް ކެންސަރު ޖެހިފައިވާކަން. ކުރީކޮޅު ބޭސް ނުކުރުމުގެ ސަބަބުން ބައްޕަގެ ބަލި ފަސޭހަ ނުވާ ހިސާބަށް ގޮސްފައިވާކަން އެނގުނު. ދޮންމަންމައަށް އެކަން އެނގި ފަރުވާ ކުޑަކުރީތީވެ ދޮންމަންމަ ދެކެ ވަރަށް ރުޅިއައި. ނަމަވެސް ކުރެވޭނެ ކަމެއް ނެތީތީ މަޑުން ހުރީ. ބައްޕަ މަރުވުމުގެ ކުރިން ބައްޕަ، ބައްޕަގެ އެކުވެރި އަލީގެ ދެމަފިރިން މާލެދާއިރު އަހަރެން ގެންދިޔުމަށް އެދުނު. އަދި އެމީހުން އެގޮތަށް ކަންތައް ކުރިވެސްމެ. ދޮންމަންމަ އެކަމާ ވަރަށް ހިތް ހަމަނުޖެހުނު. އަދި އަހަރެންނަށް މާލެ ނުދެވޭނެ ކަމަށް ބުނި. އެކަމަކުވެސް އެފަހަރު ކަންތައްވީ ދޮންމަންމަ އެދުނު ގޮތާ ހިލާފަށް.” ނޫރާ ބުންޏެވެ.
“ބައްޕަ މަރުވުމުން އަހަރެން މަރީންތަމެންނާއެކު މާލެ ބަދަލުވިން. އެއީ ރަށުގައި އަހަރެންނަށް އަޅާލާނެ މީހަކު ނުވާނެތީ. އެމީހުން އަހަރެންނަށް ވަރަށް ރަނގަޅު. ވަރަށް ހެޔޮ. އެ ގޯތި އެންމެންވެސް އަހަންނާ ވަރަށް ގުޅޭ. އަހަރެން ސީ އެޗް އެސް ސީގައި ކިޔަވަންފެށިން. އިތުރު އަޒުމަކާއި ހިތްވަރަކާއެކު އުންމީދަށް ވާސިލްވުމަށް ކޮށުނު ހިމަމަގުން ކުރިއަށް ދާންފެށިން. ކުރިއަށް ދިޔަވަރަކަށް މަގު ތަނަވަސްވާ ކަމުގެ އިހްސާސް ކުރެވުނު. އެގާރައިން ވަރަށް ރަނގަޅު ނަތީޖާއެއް ލިބުނު. އެއުފަލާއެކު ބާރައިގެ ކިޔެވުން ފެށިން.”
“ބާރައިގެ ފުރަތަމަ ޓާމް ބަންދުއައި. މުޅި ގެއަށް އެނޫން އުފާވެރިކަމެއް ވެރިވި. މަރީންތަގެ ދަރިފުޅު ޑޮކްޓަރަކަށް ވެގެން ރާއްޖެ އަންނަ ހަބަރު. އެއީ އަހަންނަށް އާ ހަބަރަކަށްވި. ކުރިން މަރީންތަގެ ފަޒީން ނޫން އިތުރު ކުއްޖަކު ހުރިކަން އެނގިފައިނުވާތީ. ކޮންމެ އަކަސް އެދުވަސް ވެސް ޖެހިއްޖެ. އަހަރެމެންގެ ގެއަށް އައި އާ ޑޮކްޓަރަކީ އަޒީން.”
“އަޒީން… ޑޮކްޓަރެކޭ. ދެން ކީއްވެ ބަޔޮލޮޖީ ޓީޗަރެއްގެ ވަޒީފާގަ…” ރީމާ އަށް ނުހުރެވިގެން އަހާލިއެވެ.
“އެވާހަކަ ކިޔައިދޭން މި އުޅެނީ.” އަނެއްކާވެސް ނޫރާ ކިޔައިދޭންފެށި އެވެ.
“އެހިސާބުން އަހަރެމެންގެ ގުޅުން ފެށުނީ. ފުރަތަމަ މަރީންތަމެނާ ސިއްރުން. އެމީހުންނަށް އެނގިދާނެތީ އަހަރެން ޖެހިލުންވި. ނަމަވެސް މަންމަމެން ރުޅި ނާންނާނެ ކަމަށް ބުނެ އަޒީން އަބަދުވެސް އަހަރެންގެ ހިތްހަމަ ޖައްސައިދޭ. އަހަރެމެންގެ ގުޅުމަށް 5 މަސް ވީތަނާ މަރީންތަމެނަށް އެކަން އެނގުނު. އެއީ އަހަރެންގެ ފައިނަލް ޓެސްޓް ފެށުނުތަނާހެން. ހީކުރިގޮތާ ހިލާފަށް މަރީންތަމެން އެކަމާ ވަރަށް ރުޅިއައި. އެކަން ހުއްޓާލުމަށް ބުނެ ވަރަށް އެއްޗެހި ކީ. އެދުވަސްވަރުގެ ތެރެއިން އެއްދުވަހަކު ހެނދުނު ހޭލައިގެން ކޮޓަރިން ނުކުތްއިރު އެއްވެސް މީހަކު ނެއް. ވާނުވާ ނޭނގި ހުއްޓާ އެތަނަށް އައީ މަރީންތަގެ ކޮއްކޮ ހަވީޒާ. އޭނާއައިސްބުނީ މަރީންތަމެން ލަންކާއަށް ދިރިއުޅުން ބަދަލުކުރިވާހަކަ. އަދި އެކޮޅަށްގޮސް އަޒީންގެ ކައިވެނި އެހެން ކުއްޖަކާ ކުރެވޭނެ ވާހަކަވެސް ބުނި. އެކުއްޖަކީ އަޒީން ކުރިންވެސް ރައްޓެހިވެގެން އުޅޭ ކުއްޖެއް ކަމަށް ބުނުމުން އަހަރެންގެ ދުނިޔެ އަނދިރިވި ކަހަލަ. އެހިތާމައިގައި ހުއްޓާ އެގޭގާ ގެންގުޅޭ ބަންގުލަދޭޝް މީހާ އައިސް ބުނީ އަހަރެން އެގޭން ދިއުމަށް މަރިންތަ އެދުނު ވާހަކަ.”
“އަހަރެންނަށް ގޮތް ހުސްވި. ކުރާނެ ކަމެއް ދާނެތަނެއް ނުވިސްނުނު. ނަމަވެސް އެވަގުތު ކުލާސް ކުއްޖެއްގެ އޯގާތެރި އެހީ އަހަރެންނަށް ލިބުނު. އޭނަގެ ގެއަށް އަހަރެން ބަދަލުވިން. އަދި ޕާޓްޓައިމް ޖޮބެއް އަދާކުރަމުން އިމްތިހާނާއި ކުރިމަތިލީން. އެކަމަކުވެސް އަޒީންގެ ހަނދާންތައް ހިތަށް އުނދަގޫކުރަމުންދިޔަ. އެންމެ ފަހުން އޭލެވެލްވެސް ނިމިއްޖެ. ނަތީޖާ ލިބުނު. ސައިކޮލޮޖިސްޓަކަށްވާން ކިޔަވަން ބޭރަށްދާން ސްކޮލާޝިޕެއް ލިބޭ ވަރަކަށް ފާހެއްނުވި. އަހަރެން ވަރަށް ރުއިން. އެކަމަކު އެކުވެރިޔާގެ އެދުމުގެ މަތީން އަހަރެން އާއަޒުމެއް ކަނޑައެޅިން. ސައިކޮލޮޖިސްޓަކަށް ނުވެވުނަސް އިތުރު ކަމެއް ކުރުމަށް އަޒްމު ކަނޑައަޅައި ކެމިސްޓްރީ ޓީޗިން ހެދިން. އަދި މިރަށުގައި ވަޒީފާ ހަމަޖެހުމުން މިރަށަށް ބަދަލުވީ.” ނޫރާއަށް އެރަށަށް އާދެވުން ގޮސް ކިޔައިދިނެވެ.
“ރީމާއަށް އެނގޭތަ އަޒީން އަސްލު އެހެންމީހަކާ ކައިވެނި ކުރީކީނޫން. މަންމަމެން އަހަރެމެންގެ ގުޅުމަށް ހިތްހަމަ ނުޖެހޭތީ އެކަމުގެ ހިތާމާއިގައި ކާރު ދުއްވަނިކޮށް އެކްސިޑެންޓްވީ. އަދި ދެއަހަރު ދުވަހު ކޯމާގައިވެސް އޮތް. އޭނަ ރަނގަޅުވުމުން މަރީންތަމެން މާލެ ބަދަލުވި. އެކަމަކު އޭރު އަހަރެން އުޅުނީކީ އެގެއަކުނޫން. އަދި އެއިން އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގެ. އެމީހުން އަޒީންގާތު ބުނީ އަހަރެންނަކީ ވަރަށް ގޯސް ކުއްޖެއްކަމަށް. އަދި އަޒީން އެކްސިޑެންޓް ވުމުން އަޒީން ކައިރިއަށް ނައިސް ކޮންމެވެސް ފިރެހެނަކާއެކު އަހަރެން ދިޔައީ ކަމަށް. އަޒީން އެވާހަކަ ގަބޫލުކުރާކަށް ބޭނުމެއްނުވި. އަދި އަހަރެން ހޯދުމަށް އެކި ގޮތްގޮތަށް މަސައްކަތްކުރި ކަމަށް ބުނި. އޭނަ ބުނިގޮތުގައި އޭނަ އަސްލު މިރަށަށް އައީ އޭ.ޑީ.ކޭ ގެ ކޭމްޕްގައި މިރަށުން ލިބުނު އެކުވެރިއެއްގެ ފަރާތުން އަހަރެން މިސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅޭކަން އެނގިގެން ޕާޓްޓައިމްކޮށް މަސައްކަތް ކުރުމަށް ސްކޫލަށް އައީ ކަމަށް. އަދި ކޭމްޕްގައި އައި މީހުން މާލެ ދިއުމުންވެސް އޭނަ މަޑުކުރީކަމަށް”
ނޫރާ ވާހަކަ ހުއްޓާލުމަށްފަހު ދެލޯ ފުހެލި އެވެ. އެވަގުތު އަޒީން އެތަނަށް އަންނަތަން ފެނުމުން އެދެމީހުންވެސް ކުރިއަށް ހިނގައިގަތެވެ. އަޒީންއާ އަރާ ހަމަވުމުން އެދެމީހުންނަށް އުފާވެރިކަމުގެ ހިނިތުންވުމެއް ދީފައި ރީމާ ހިނގައިގަތެވެ.
ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސާޖިދާ މުޙައްމަދު ގްރޭޑް 12 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.