twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (27)

Aug 6, 2013

އޯގަސްޓް  01 ވަނަ ދުވަހުގެ ބަޔާގުޅޭ

އިރުގެ ހޫނު އެންމެ ގަދަވި ވަގުތެވެ. ޔޫއާން ބެލްކަންޏަށް ނިކުމެ އުދަރެހާއި ދިމާލަށް ބަލާލިއެވެ. ނޫކުލައިގެ ސާލު އޮޅައިގެން އޮތް އުޑުގެ އެކި ދިމާލުގައި ތަފާތު ބައްޓަމަށް އުފެދިފައި ހުރި ވިލާތައް ފެންނަލެއް ހިތްގައިމު ކަމުން ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.

”ޔޫއާން ހޯދަން އަހަރެން ކޮޓަރިއަށް ގޮސްފައި މިއައީ.” ސަލަފް އައިސް ޔޫއާންގެ ކައިރީ ހުއްޓުނެވެ. ސަލަފް އޭނާ ހޯދަން ޖެހުނު ސަބަބަކީ ކޮބައިބާއޭ ހިތަށް އެރި ނަމަވެސް އެ ސުވާލެއް ނުކުރެއެވެ.

”ކޯހުގެ ނަތީޖާ މިރޭ ލިބޭނެ. އަހަރެން ގަސްތެއް ނުކުރަން ޔޫއާން އިތުރަށް ބޭރަށް ފޮނުވާކަށް. ޔޫއާން މިކޮޅުން ވަޒީފާއެއް ހޯދުން އެންމެ ބުއްދިވެރި ގޮތަކީ. އަހަރެން ހަދާ އާ ރިސޯރޓް ކިހިނެއްވާނެ. އެތަނުގެ މެނޭޖަރަކަށް ޔޫއާން ހަމަޖައްސައިދޭނަން” ސަލަފްގެ މޫނަށް ޔޫއާން ބަލަންވެސް ބޭނުން ނުވާ ފަދައެވެ. ޔޫއާން ފުރަން ބޭނުން ނުވި ދުވަހު ގަދަކަމުން ބޭރަށް ފޮނުވާލާފައި މިހާރު މިކޮޅުގައި މަޑުކުރަން ބޭނުން ނުވެފައި ހުއްޓާ ބަހައްޓަން ނިންމި ނިންމުން ޔޫއާންއަށް ކަމަކު ނުދިޔައެވެ. އެކަމަކު ސަލަފް އާއި ދެކޮޅަށް އެއްޗެއް ބުނަން ޔޫއާން ބޭނުމެއް ނޫނެވެ. ބައްޕަ ފަދައިން ފެށުނީއްސުރެ ސަލަފް ދެކެ ރުޅި އަންނަ ސަބަބަކީ ޔޫއާން ދިރިއުޅުމުގެ ކަންތައް ސަލަފް ނިންމާތީ އެވެ. ގޭގެ އިތުރު މީހަކަށް ކަންކަން ނިންމުމުގެ އިޚްތިޔާރު ލިބިގެން ނުވާތީއެވެ.

”އެންމެ ރަނގަޅު.” ޔޫއާން އެއްބަސްވީ ދެގޮތަކަށް ވިސްނުމަށްފަހުގައެވެ. ކުރިން ވެސް ބައްޕަގެ ހިއްސާ އޮންނަ އެއްވެސް ތަނެއްގައި މަސައްކަތް ނުކުރަން އަޒުމް ކަނޑައަޅައިގެން ހުރެފައި ރިސޯރޓް ވާހަކަ ބުނުމުން އެއްބަސްވެވުނީ ޝާޔާގެ ކުރިމަތިން ދުރަށް ދެވޭނެތީއެވެ.

”އަހަރެން ސުވާލެއް ކޮށްފިއްޔާ ޔޫއާން ތެދު ޖަވާބު ދޭނަންތަ؟” ސަލަފް ދާން އުޅެފައި ކުއްލިއަކަށް އެހެން އަހާލުމުން ޔޫއާން ހިތް ތެޅިލީ ނުބައި ގޮތަކަށެވެ. ސަލަފް ކުރަން އުޅެނީ ކޮން ސުވާލެއް ބާއެވެ. ޔޫއާން އެއްޗެއް ނުބުނެ ހަނު ހުރުމުން އެއީ ސުވާލު ކުރުމުގެ ހުއްދަ ލިބުނީ ކަމުގައި ނިންމުމަށްފަހު ސަލަފް އަހާލީ ޔޫއާންގެ ކޮނޑުގައި އަތް ބާއްވާލަމުންނެވެ.

”އަހަރެން ހައިރާންވަނީ ޔޫއާން ބައްޕަ ދެކެ ނަފްރަތު ކުރާ ސަބަބު ނޭނގޭތީ. ކީއްވެގެންތަ ޔޫއާން ބައްޕަ ދެކެ ރުޅި އަންނަނީ.” ސަލަފް ލުއި ގޮތަކަށް ހީލިއެވެ.

”ބައެއް ސިއްރު ތަކަކީ ފާޅުވުމަށްވުރެ ވަންހަނާވުން ރަނގަޅު ކަންތައް. ސިއްރު ސިއްރެއްގެ ގޮތުގައި އޮވެ ވަޅުލެވުމަށްވުރެ މޮޅު ގޮތެއް ނޯންނާނެ.” ޔޫއާން ސަލަފް އާއި ހަތަރު ކަޅި ހަމަކޮށްލިއިރު ދެލޮލުން ރުޅިވެރިކަން ފާހަގަ ކުރެވެއެވެ.

”އަދި އެބައޮތް އެއް ވާހަކަ ދައްކަން. އެކަމަކު މިރޭގެ ކެއުމުގެ ގަޑީގައި. ޔޫއާން ހާޟިރުވާންޖެހޭނެ.” ސަލަފް ދަމުން ކާން އައުމަށް ދައުވަތު ދިނުމުގެ ބަދަލުގައި އެކުރީ އަމުރެކެވެ. ޔޫއާން އިތުރަށް ރުޅި ގަދަވެފައި ބެލްކަނީގެ ރެއިލިން ތަކުގައި ގޮށްމުށުން ޖަހާލެވުނު މެއެވެ.

ޒަވީން ފައިލެއް ހިފައިގެން ސުދާގެ ކެބިންއަށް ވަންއިރު އެކެބިން ހުސްކޮން އޮތްތަން ފެނުމުން ހައިރާންވި އެވެ. ޒަވީން ނިކުމެގެން އައިސް ރިސެޕްޝަންގައި އަހާލުމުން ސުދާ ބޭރަށް ދިޔަކަމަށް ބުނެލިއެވެ. އެ ކުއްޖާއަށްވެސް ސުދާ ދިޔަތަނެއް އެނގޭ ކަމަކަށް ނުވިއެވެ. ޒަވީން ސުދާގެ ފޯނަށް ގުޅާލުމުން ފޯނު ނިވާލާފައި ވާކަން އެނގުމުން ކަންބޮޑުވެގެން ކެބިންއަށް ވަދެ ސުދާއަށް އިންތިޒާރު ކުރަން ފެށިއެވެ.

”ޕްރެގްނެންސީ ޓެސްޓް ޕޮސިޓިވް.” އަތުގައި އޮތް ރިޕޯރޓަށް ބަލަމުން ޑޮކްޓަރު ހުސްނާ ސުދާގެ މޫނަށް ބަލާލިއެވެ. ސުދާ ބަލައިލީ ކައިރީގައި އިން ހަނާގެ މޫނަށެވެ.

”ވަރަށް ހައިރާންވެއްޖެ ދޭތެރެ ދުރު ކުރާ ބޭސް ބޭނުން ކުރަމުން ދަނިކޮން ޕްރެގްނެންޓް ވީމައި.” ސުދާ ގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަމުން ދިޔައެވެ.

”އަހަރެންގެ ތަޖުރިބާއަށް ބަލާފައި ބުނެވޭނީ ޤަވައިދުން ބޭސް ބޭނުން ނުކުރެވޭތީއޭ. ކޮންމެ ދޭތެރެ ދުރުކުރާ ވަސީލަތަކީ ސަތޭކަ ޕަސެންޓް ޔަޤީންކަން އޮންނަ އެއްޗެއް ނޫން. ސުދާއަށް ޔަޤީންތަ ޤަވައިދުން ބޭސް ބޭނުން ކުރިކަން.” ޑޮކްޓަރު ހުސްނާ އަހާލިއެވެ. ސުދާގެ ސިކުނޑި ވަރަށް ބާރަށް މަސައްކަތް ކުރަންފެށި އެވެ. ޒީދާ ކައިވެނި ޕާރޓީ އޮތް ރޭ ރިސޯރޓަށް ދިޔަ ރޭގެ މަތިން ހަނދާންވީ ދެނެވެ. ޔަޤީނުންވެސް އެރޭ އޭނާ ބޭހެއް ނުގެންދެއެވެ. ޒަވީންގެ އެދުމަށް ރިސޯރޓްގައި މަޑުކުރިއެވެ. ޒަވީންގެ އެދުމަށް އިޖާބަ ދެވުނީވެސް އެރެއެވެ. އެރޭ އޭނާއަށް ވެފައިހުރީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ޒަވީންގެ އެދުމަށް ބޯލަނބަމުން ހަށިގަނޑު ހަދިޔާ ކުރެވުނެވެ.

”ޑޮކްޓަރ ބޭބީ ރަނގަޅުތޯ ބަލާލަދެވިދާނެތަ؟” ސުދާ ފެންކަޅިވިއެވެ. މަޔަކަށްވުމުގެ ނަޞީބު ލިބުމުން އެއްބަޔަކު އުފަލުން ރޯތަން ޑޮކްޓަރު ހުސްނާ ވަނީ ދެކިފައެވެ. ސުދާ ފެންކަޅިވުމުން ހުސްނާއަށް ހީކުރެވުނީ ސުދާ އުފަލުން ހުރިކަމަށެވެ.

”ސްކޭން ކޮށްލަންޖެހޭނި. ބޭނުންނަމަ ބަލައިދެވިދާނެ.” ހުސްނާގެ އެދުމަށް ސުދާ އެނދުގައި އޮށޯވެލިއެވެ. ސުދާ ލައިގެން ހުރި ގަމީސް ހިއްލާލުމުން ބަނޑުގައި ޖެލްކޮޅެއް އުނގުޅައިދީފައި ޕްރޮބު ޖައްސާލަދިނެވެ. ސްކޭން މެޝިނުގެ ސްކްރީނުން ޑޮކްޓަރ ބަލަމުން ކިޔައިދެމުން ދިޔައެވެ.

”އަދި ކިރިޔާ އަށަގަންނަ ސްޓޭޖު ވީމައި ވަރަށް ކުޑަކޮން ފެންނަނީ. ބަލާބެލުމަށް އެއްވެސް ނުރައްކަލެއް ނެތް.” ހުސްނާ ޕްރޮބު ބާއްވަމުން ޓީޝޫއެއް ދިއްކޮށްލިއެވެ. ސުދާ ޖެލްތައް ފޮހެލަމުން އެނދުން ތެދުވީ ހަނާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.

”އަހަރެން ބޭނުމެއް ނޫން ކުއްޖެއް.” ސުދާ އާއި ހަނާ ތިބީ ހޮސްޕިޓަލުން ބޭރުގައެވެ.

”ދެން އެހެންވީއިރު ޒަވީން ކައިރިވިއަ ދިނީ ކީއްކުރަން؟”

”އަބަދު އިންކާރު ކުރާކަށް ނުކެރޭނެ. ޒަވީން އަބަދު ދައްކަނީ އެވާހަކަ. އެރޭ އަހަރެންވެސް ހަނދާން ބަލިކަމުން ވީގޮތް. މި ފަހަރު ވިއަސް ދެން މިހެން ވާކަށް ނުކެރޭނެ. އަހަންނަށް މިއަދު ހެނދުނު ހީވެގެން ކުރީބައިގައި ޒަވީންގެ ގާތުގައި ބުނިން ލަންކާއަށް އަހަރެން އެކަނި ދާނެ ވާހަކަ. މިފަހަރު އަހަރެން އަންނާނީ މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސާފައި.” ސުދާ ބުނެލި އެވެ.

”ސުދާ އެކަނި ގޮސްގެން ތިކަން ވާނެތަ؟ އެބޯރޓްކޮށްލަންވިއަސް އިރުކޮޅަކަށް ބާއްވާނެއެއްނު.” ހަނާ އަހާލިއެވެ.

”އެކޮޅުގައި ބައެއް އެކުވެރިންވެސް ތިބޭނެ. އެމީހުންގެ އެހީތެރިކަން ލިބޭނެ. އަހަރެން ކޮންމެހެން ދައްކަން މިއައީ ހޮޑުލެވޭތީ އެކަން ހުއްޓުވަން. މީހަކަށް ޝައްކު ނުވެ ހުންނާނީވެސް އޭރުން. ދެން ހިނގާ ދާން.” ސުދާ ބޭނުންވަނީ އަވަހަށް އޮފީހަށް އެނބުރި ދާށެވެ.

ސުދާ ކެބިންއަށް ވަންއިރު ޒަވީން އިނެވެ.

”ސުދާ ކޮންތާކުން ތިއައީ؟” ސުދާ އައިގޮތަށް އައިސް ގޮނޑީގައި އިށީނެވެ.

”ރައްޓެއްސަކު ބާއްވާފައި އޮތީމައި އެތަނަށް ގޮސް މިއައީ. ޒަވީން އާއި އާދިލް ކޯލް ކޮންފަރެންސްގައި އިނީމަ ނުބުނެވުނީ. ކޯލް ކޮންފަރެންސް ކިހިނެއްތަ؟”’ ސުދާ ގޮނޑީގައި އިށީންނަން އުޅުނު ވަގުތު މޭނުބައި ކޮށްލިއެވެ. އަވަހަށް ދަބަހުން ކަރަންފުލެއް ނަގައި ހަފާލާފައި ހަމައަކަށް އަޅުވާލުމަށްފަހު ޒަވީން އާއި ކުރިމަތި ލީ ކުރިއެކޭވެސް އެއްފަދައިން ހަމަޖެހިލައިގެންނެވެ.

”ހުރިހާ ކަމެއްވެސް ރަނގަޅު. ލަންކާގައި އޮންނަ މީޓިންއަށް ދާން އެންމެ ލަސްވެގެން މާދަމާ ފުރަންޖެހޭނެ. އަހަރެން އިންނާނެ ޓިކެޓް ބުކުކޮށްފައި. ހަވީރު އޮފީސް ނިމިގެން ގެއަށް ދަމުން ގަންނަން އެއްޗެއް އޮތިއްޔާ ވާނެ ގަންނަން.” ޒަވީން ފަސްއެނބުރި ބަލާލިއިރު ސުދާ އަތްދަބަސް ހާވަނީއެވެ. އަނެއްކާވެސް މޭނުބައި ކުރާވަރުން ސުދާ ބެލީ ދަބަހުން ކަރަންފުލެއް އަތުޖެހޭތޯއެވެ.

”ދައްކަބަލަ މި ދަބަސް . މީގައި އެއްޗެއް އޮތީތަ؟” ޒަވީން ދަބަސް ދަމައިގަތީ އެއްޗެއް އެނގިގެންނެއް ނޫނެވެ. ސުދާ ނުވިސްނާ އިން ވަގުތެއްކަމުން ދަބަސް ވަރަށް ފަސޭހައިން ދަމައިގަނެވުނެވެ. ޒަވީން އާއި ސުދާއަށް އެކުއެކީގައި ބަލާލެވުނީ ޓައިލްގެ މައްޗަށް ވެރުނު ބޭސްތައް ފެނިފައެވެ.

”މިއޯ.” ޒަވީން ބޭސް ކަރުދާސްގަނޑެއް ނެގިއެވެ.

”ތިއީ ޑޮކްސިނޭޓް. ފުރަންވާއިރަށް ތީގެން ބޭސްކޮޅެއް ގަނެލީ. ދަތުރުމަތީގައި ހޮޑުލެވިދާނެތީ ނިންމައިގެން މިހުންނަނީ ބޭސްގުޅައެއް ކައިގެން ދާން. ދިގު ދަތުރަކަށްވާނެތީ ތީގެ ބޭނުން ހިފަން ޖެހިދާނެއެއްނު.”ސުދާގެ ހީލަތްތެރިކަމުގައި ޒަވީން ބެދުނެވެ.

”ސުދާއަށް ހޮޑުލެވޭތަ؟” ޒަވީން ބަލާލިއެވެ.

”ބައެއް ފަހަރު. ކުރިން ޒަވީން ހުންނަމެއްނު އަހަންނަށް އެހީވަން. މިފަހަރު އަހަރެން އެކަނި މި ޖެހެނީ ދާން. އަހަރެން ވަރަށް މިސްވާނެ ޒަވީން މަތިން.” ސުދާ ޒަވީންގެ ކައރިއަށް އައިސް ބައްދާލިއެވެ.

”މީ ޓޫ.” ޒަވީން ސުދާގެ ބުރަކަށީގައި ފިރުމާލައިދިނެވެ. ޒަވީން ދެން ހުރި ބޭސް ކަރުދާސްތަކަށް ސަމާލުކަން ނުދީ ނިކުމެގެން ދިޔައިރު އޭގެ ތެރޭގައި ބަނޑުބޮޑު މީހުން ހާއްސަކޮން ކާ ބައެއް ބޭސް ހުއްޓެވެ.

ރޭގަނޑުގެ ވަގުތެކެވެ. ރޭގަނޑުގެ ކެއުމަށް އިންސާފް ކުރަން މުޅި އާއިލާ އެއް މޭޒެއްގެ ދޮށަށް ޖަމާވެފައި ތިއްބެވެ. ސަލަފް މާ މުހިއްމު ވާހަކައެއް ދައްކަން ބުނެގެން ހިތާއި ދެކޮޅަށް މާނާ އިނީ އެތަނުގައި ބައިވެރިވާން އައިހެވެ.

”މަންމާ. މިގޭގައި ހުހަށް ހުރި ދެކޮޓަރި މާދަމާ ނޫރީންގެ ގާތުގައި ބުނެގެން ސާފްކޮށްލަދީބަލަ. ޝާޔާވެސް ނޫރީންއަށް އެހީވާނެ. އެދެކޮޓަރި ހުސްކޮށް ބެހެއްޓުމުގެ ބަދަލުގައި އަހަރެން ނިންމީ ޝާޔާގެ މަންމަ އާއި އީރާ ބަދަލުކުރަން. ދެ އާއިލާ ވަކި ފުރާޅެއްގެ ދަށުގައި އުޅުމަށްވުރެ ރަނގަޅުވާނެ އެއް ފުރާޅެއްގެ ދަށުގައި އުޅުން. އެންމެ ރަނގަޅުތަ އެގޮތް؟” ސަލަފް މާނާ ކައިރީ އަހާލުމުން މާނާއަށް ބޯޖަހާލުން ފިޔަވާ އެހެން ޖަވާބެއް ދޭކަށް ނުކެރުނެވެ. ސަލަފް ހަމަ ކުއްލިއަކަށް ހުރެފައި ޝާޔާގެ އާއިލާ އާއި މެދު ނިންމާ ނިންމުންތަކާއި މެދު ޝާޔާ ހައިރާންވެއެވެ. ޝާޔާގެ އާއިލާއަށް ސަލަފް އެހާ ފަރުވާ ބަހައްޓަނީ އޭނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންބާއޭ ޝާޔާގެ ހިތަށް އެރިއެވެ. ސުދާ އާއި މާނާ ގެ ހިތުގައި އަނދަމުން ދާ އަލިފާންގަނޑަށް ހީވީ އިތުރު ދިރުމެއް އައިހެންނެވެ. ސަލަފްގެ ނިންމުން އިވިފައި ޝާޔާ ދެކެ އިތުރަށްވީ ފޫއްސެކެވެ. ސަލަފްގެ ބޮލަށް އެރިގެން ހުރިހާ ނިންމުމެއް ނިންމަން މަޖުބޫރު ކުރަނީ ޝާޔާކަމުގައި އެދެމައިން ނިންމިއެވެ.

”މިވާހަކަ ދައްކަންތަ މިރޭގެ ކެއުމުގައި ބައިވެރިވާން ބުނީ.” ޔޫއާން އިނީ ފޫހިވެފައެވެ. ސަލަފް އާއެނކޭ ބުނުމުން މި ވާހަކަ އޭނާއަކަށް މުހިއްމެއް ނޫނޭ ބުނެފާނަމޭ ހިތަށް އެރިއެވެ. ސަލަފް ކޮންމެ ކަމެއް ނިންމިއަސް އާއިލާ ތެރޭގައި ހިއްސާ ކުރަނީ އޭނާގެ ރަނގަޅުކަން ދެއްކެން ކަމުގައި ޔޫއާން ޤަބޫލު ކުރެއެވެ.

ކޮންމެ މީހަކުވެސް ހިތާހިތުން އެތައް ޚިޔާލުތަކެއް ކުރަމުން ކެއުން ކުރިއަށް ގެންދިޔައީ ހިމޭންވެފައި ތިބެއެވެ.

ކެއުމަށްފަހު ސަލަފް ބޭރަށް ދިއުމުން ޝާޔާ ކޮޓަރިއަށްއިރު އެނދުމަތީގައި ކުޑަ ޕާރިސަލެއް ހުއްޓެވެ. ޝާޔާ ކައިރިވެ ބަލާލިއިރު އޭނާގެ ނަން ޖަހާފައިވުމުން ކޮންއެއްޗެއްތޯ ބަލާލުމަށް ޕާރިސަލް ކަނޑާލިއެވެ. ފޮށިގަނޑުގެ ތެރޭގައި އޮތް ސެމްސަނގ ގެލެކްސީ ފޯނު ފެނިފައި ޝާޔާ އުފާވިއެވެ. އޭނާގެ އަތުގައި ފޯނެއް ނެތުމުން މަންމައަށް ގުޅާލާނެ ގޮތެއްވެސް ނެތެވެ. ފޯނާއި އެކު އޮތް ސިމް ލައްވާފައި އަނީސާގެ ނަންބަރަށް ގުޅާލިއެވެ. ރިންގު ކެނޑުނުއިރުވެސް ޖަވާބެއް ނާންނާތީ އީރާގެ ނަންބަރަށް ގުޅާލިއެވެ. މަންމަ ފަދައިން އީރާގެ ފަރާތުންވެސް ޖަވާބެއް ނައެވެ. ނުދަންނަ ނަންބަރަކަށްވާތީ ފޯނު ނުނަގަނީކަމަށްވެސް ވެދާނެއޭ ހިތަށް އެރުމުން އީރާގެ ނަންބަރަށް މެސެޖެއްވެސް ފޮނުވިއެވެ.

ރޭގެ ބާކީބައި ފޯނާ ކުޅެން އޮވެފައި ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ ހެނދުނު ހަތެއްޖަހަން އުޅެނިކޮންނެވެ. ފެންވަރާލައިގެން ނިކުންއިރު ސުދާ ފުރަން ދާން ތައްޔާރުވެގެން ހުއްޓެވެ. ސަލަފް ރީތިވެލައިގެން ނިކުތުމުން ސަލަފްގެ އަތަށް ފައިލެއްގައި ސޮއިކުރަން ދިނެވެ. ސަލަފް ފަރުވާކުޑަކޮށްލާފައި ސޮއިކުރީ ލިޔުންތަކަށް ބަލައިވެސް ނުލައެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355