twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުރުވާހަކަ – ހަޔާތުގެ އަނދިރިކަން

Aug 8, 2013

ރަހީމާ މޫސާ

ވިލާތަށްބޯވެ ޖަމާވަމުންދެއެވެ. ރޭގަނޑުގެ ވަގުތުކަމުން އަނދިރިކަން ފެތުރިފައިވެއެވެ. ހަނދު އޭގެ ވާޖިބު އަދާކުރާހެނެއް ހިޔެއްނުވެއެވެ. ވިއްސާރައަލިކުރާ ފަދަގޮތެއް އުޑުމައްޗަކުން ނުފެނެއެވެ. ހީވަނީ ދެންމެ ދެންމެ ވާރޭވެހިދާނެ ހެންނެވެ. ވަރަށް ބާރަށް ވިދާ ގުގުރަމުންދެއެވެ. މުޅިޖައްވުގައި ފިނިކަން ހިފާލާފައި ހުއްޓެވެ.

އަތުގުޅާލައިގެން މަގުގެއެއްފަރާތުން ހިނގާލާފައި އެ އަންނަނީ ޒުވާންފުރައިގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ވަރަށް ވާހަކަ ދައްކަމުންއައިސް  ގެއެއްގެ ދޮރުމައްޗަށް ހުއްޓިލިއެވެ.

“ޝަރޫ! އަވަސްކޮށްގެން ގުޅާތި އިނގޭ އަށަކަށް ދާންޖެހެއެއްނު ދޯ. ” ފިރިހެން ކުއްޖާ ވަރަށް މަޑުމަޑުން ބުނެލި އެވެ.

” އާން އެންމެ ރަނގަޅު. ރިލް ވެސް ދޭ ދެން ތައްޔާރުވާން.” އަންހެން ކުއްޖާވެސް ވަރަށް މަޑުމައިތިރިކަމާއެކު ބުނެލި އެވެ. ޝަރުވާ އާއި ރިލުވާން އެކަކު އަނެކަކުގައިގައި ބައްދާލިއެވެ. އިރުކޮޅެއްފަހުން ޝަރުވާގެއަށް ވަދެއްޖެ އެވެ. ރިލުވާންވެސް އޭނާގެ ގެ އާދިމާއަށް މިސްރާބު ޖަހައިފި އެވެ.

އޭގެ ފަނަރަވަރަކަށް މިނެޓް ފަހުން ޝަރުވާހުރީ އޭނަގެ ކޮޓަރީގައި ހުރި އިސްކޮޅާ އެއްވަރުގެ ލޯގަނޑު ކުރިމަތީގައި ތަނަކަށްދާން ތައްޔާރުވާށެވެ. ކޮޅުކޮޅަށް އެނބުރި އެނބުރިފައި ފަރިބަލަމުން ގެންދިއައެވެ. އަލަމާރިން މޭކަޕް ސެޓެއް ނެރެ ލޮލުގެ މަތީގައި މޭކަޕް ކޮށްލިއެވެ. ހެދުމުގެ ކުލައިންނެވެ. ލައިގެންހުރި ފެހިކުލައިގެ ބާރު ޓޮޕްކޮޅަކާއި ހުދުކުލައިގެ ސްކިނީއެކެވެ. ގައިގެ ހަންގަނޑު ދޮންވެފައި އޮމާނެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. ރީތިގޮތަކަށް އިސްތަށިގަނޑުގައި ފުނާއަޅާލި އެވެ. ލޮލުގައި އަނދުންވެސް އަޅާލިއެވެ. އޭނާ ގެންގުޅޭ ލެންސް ލޮލަށް ފިޓްކޮށްލި އެވެ. މިހާރު އޭނާގެ ކަޅި ހުރީ މަޑު އަޅިކުލައެއްގައެވެ. ފެހިކުލައިގެ މާގަނޑެއް ނަގާ ބޮލުގައި ހަރުކޮށްލި އެވެ. ކައިރީގައި ބަހައްޓާފައިހުރި ފައިވާން ހަރުގަނޑުން އެންމެ މައްޗައް ހުރި އުސްކުރި ފައިވާން ނަގާ އަރާލި އެވެ.

ފޯނުން ރިލްވާނަށް ގުޅަމުން ގޭގެ ދޮރާއްޓާއި ހަމައަށް ނިކުތެވެ. އޭރުވެސް ވާރޭކަނި ޖަހާލަ ޖަހާލަ ހުއްޓެވެ. އިރުކޮޅެއްފަހުން ވޭވް ސައިކަލެއްގައި އައިސް އެ ހުއްޓުނީ ޝަރުވާގެ ލޯބިވެރިއާ ރިލްވާން އެވެ. ހޮޅިބުރީގެ އަލި ރިލުވާންގެ ބޮލަށް އެޅިފާ ހުރުމުން ގަދަ ރަތްކުލައެއް އިސްތަށިގަނޑުން އަރަމުންދެއެވެ. އެއް ކަންފަތުގައި ބޮޅެއް ލައިފައިވާއިރު ކަރުގައި ގިލަފައްޗެއް ކަހަލަ ފަށެއް އޮތެވެ. އަތުގައިވެސް ބޮޑު ޗޭނުގަނޑެއް ކަހަލަ އެއްޗެއް އޮތެވެ. ބޮޑު ޓީޝާޓަކާއި ކަކުލާއި ހަމައަށް ކިރިޔާ އަރާވަރުގެ ސޯޓެއް ލައިގެން ސައިކަލުމަތީގައި އޭނާ އެ އިނީ ސިނގިރޭޓެއް ބޮއެ ހުލިވަންދެނެވެ.

ޝަރުވާ އޭނާގެ ސައިކަލު ފަހަތަށް އަރާ ވަރަށް ގާތުގައި އިށީނދެލިއެވެ. ރިލުވާން ވަރަށް ބާރަށް ސައިކަލު ދުއްވާލިއެވެ. އެމީހުންގޮސް ހުއްޓުނީ ވަރަށް މީހުން އެއްވެފައިވާ ހިސާބަކަށެވެ. ބަލާބެލުމަށް ހީވަނީ ޝޯއެއް ދޭން ތައްޔާރުކޮށްފައިވާ ތަނެއްހެންނެވެ. މި ދެމީހުން ދެން ފެނުނީ ކުލަކުލައިގެ ބޮކިތަކުން ދިއްލާފައިވާ ސްޓޭޖް މަތީގައި މައިކް ހިފައިގެން ތިއްބައެވެ.

އިވެންފެށި މިއުޒިކާއި އެއްވަރަށް މަސްތުކުރުވާފަދަ އަޑަކުން ލަވަކިޔަންފެށި އަޑު އިވުނެވެ. މިދެމީހުންނަކީ މިއުޒިކުގެ ދާއިރާގައި މަސައްކަތްކުރާ ދެމީހުންނެވެ. ލަވަކިއުމާއި ޝޯތަށް ހުށައަޅައިދިނުމަކީ މި ދެމީހުންގެ ވަޒީފާއެވެ. ދެމީހުންނަކީވެސް އަލްބަމަށް ލަވަކިޔާ ދެ ތަރިންނެވެ. ޝަރުވާ މިދާއިރާގައި މަސައްކަތްކުރާތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ. ނަމަވެސް ރިލުވާންއަށް މިކަމުގެ ތެރެއަށް ވަދެވުނީ ދާދި އިހަކަށް ދުވަހުއެވެ.

ސްޓޭޖްމަތިން ފެންނަމުން ދިޔައީ ކިޔަމުންދިޔަ ލަވަޔާއި އެއްވަރަށް ދެ ޖިންސްގެ މީހުން މަސްހުނިވެގެން ނަށަމުންދިޔަ މަންޒަރެވެ. ގައިގޯޅިކަމާއެކު އުޅެމުންދިޔައިރު ﷲ ފޮނުއްވަފާނޭ އަޒަބަކަށް ބިރުވެތިވުމެއްނެތެވެ. ކުއްލިއަކަށް ވާރޭ ވެހެންފަށައިފި އެވެ. ނަމަވެސް ޝޯދޭން ތިބި މީހުން އެކަންތައް ކުރިއަށް ގެންދިއައެވެ. ބަލަންއައިސް ތިބި މީހުންވެސް ހިޔާކޮށްފައިވާ ތަނެއްކަމުން އެތަނުން ދާކަށް މަސައްކަތެއް ނުކުރެއެވެ. ވާރޭ ބޯކުރަމުންގެންދިއައެވެ. ވައިވެސް އެހާ ބާރެވެ. ވިދާލާފައި ޖެހި ބާރު ގުގުރިއަކާއެކު މުޅިތަނަށް ހޮނުއަޅައިގެން ދިއައެވެ. މީހުންތައް ކޮޅުކޮޅަށް ދުވަން ފެށީދެނެވެ. ނަމަވެސް މާތްﷲ ފޮނުއްވަވާ މުސީބާތަކުން ސަލާމަތް ވެވޭނީ އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. ޝަރުވާވެސް ފެނުނީ ދުވެދުވެ ހުއްޓާ ހަބަރު ހުސްވެގެން ވެއްޓުނުތަނެވެ.

ހޮސްޕިޓަލްގެ އެނދުމަތީގައި މަރަށް ތެޅެމުން އެދަނީ އެއްކަލަ ޒުވާން އަންހެން ކުއްޖާއެވެ. ބައެއްމީހުން ބުނާގޮތުގައި އޭނާގެ ލަވަތަކުގެ އަޑުއިވޭހިނދު ލޯބިވާ އަނބިމީހާގެ މަތިންވެސް ހަނދާންނެތެއެވެ. ނަމަވެސް ރޭގައި އޭނާއަށް ދިމާވި ނުރައްކާތެރި ހާދިސާގެ ސަބަބުން ހާލަތު ދައްކުވައިދެމުން އެގެންދަނީ ހިތާމަވެރި ބިރުވެރި މަންޒަރުތަކެކެވެ. މުޅިމޫނުމަތި ފިހިފާވާއިރު ކަނާއަތު ފައި އޮތީ ހަމުގެ ކުލަނޭންގޭވަރަށް އަނދާފައެވެ.

ކުއްލިކުއްލިއަށް ނޭވާ އެޅެމުން ދާއިރު ކަރުތެރެއިން އެ ނިކުންނަ ވޭނީ އާހުގެ އަޑަކީ މަރުގެ ސަކަރާތުގެ ނިޝާންތައް ނޫން ދެވަނަ އެއްޗެއް ނޫނެވެ. ކައިރީގައި ތިބި މީހުން އެދަނީ ޝަހާދަތުގެ ދެކަލިމަ ކިޔުމަށް އެދެމުންނެވެ. ޝަރުވާވެސް މަސައްކަތް ކުރަމުންއެދަނީ ހަޔާތުގެ އެންމެފަހު ވަގުތުކޮޅު ކަލާނގެ މަތިން ހަނދުމަކުރެވޭތޯއެވެ. ހެޔޮކަންތައްކުރެވުނުލެއް ކިތަންމެ މަދުކަމުގައިވިއަސް ނަމާދުކުރެވުނީ އަތުގެ އިނގިލި ތަކުން ހުނާލެވޭހާ މަދު ދުވަހަކު ކަމުގައިވިއަސް ހަޔާތުގެ އެންމެ ފަހަށް ނޭވާލާންވީ ވަގުތު ދުނިޔެމަތީގައި ހޭދަކުރެވުނު ލަވަޔާއި މިއުޒިކުގެ ރަތް ރޭގަނޑު ތަކުގެ މަތިން ހަނދާން ނައްތާލުމަށެވެ.

އެންމެން ކައިރިވެލީ ވޭނީ އަޑަކުން އެއްޗެއް ކިޔާކަމުގެ އިހްސާސް ވީމައެވެ. އެކިޔަނީ ޝަހާދަތުގެ ދެކަލިމައެއް ނޫނެވެ. އޭނާގެ އިހްތިޔާރުން ބޭރުގައި ކަމަށްވިއަސް އޭނާގެ ދޫ ހަރަކާތްކުރަމުން އެގެންދަނީ މީގެ ދެދުވަސް ކުރިން ރިލީޒް ކުރެވުނު އޭނަގެ އަޑުން ކިޔާފައިވާ ލަވައެއްގެ މައިގަނޑާ ދިމާއަށެވެ. އޭނާގެ ފުރާނަ ހަށިގަނޑާ ވަކިކުރެވި ބަރުޒަހުގެ އާލަމަށް ގެންދެވިއްޖެއެވެ. ﷲގެ ހުސްޠާހިރުވަންތަ ކަމާއެވެ. އޭނާގެ އެންމެ ފަހު ބަސްކޮޅަކަށް އެވީ އެހާ ނުބައި ބިރުވެރި ބަސްތަކެކެވެ. ވާނީވެސް އެހެންތާއެވެ. ފަހު ވަގުތުގައިވެސް ގޮވޭނީ ތިމާ ދުނިޔެ މަތީގައި ގޮވިއެއްޗެއްތާއެވެ. އޭގެ ދެދުވަހެއް ފަހުން ޝަރުވާގެ ލޯބިވެރިޔާ ރިލްވާންވެސް ހޮސްޕިޓަލުގެ އައިސީޔޫގައި އޮއްވާ މާބޮޑަށް ހާލު ދެރަވެގެން މި ދުނިއެއާއި އަލްވަދާއު ކިޔައިފި އެވެ.

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ރަހީމާ މޫސާ، ގްރޭޑް 12 ސީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ޝާއިއު ކުރުމަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355