twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުރުވާހަކަ – ކަލާޔަށްޓަކައި…

Aug 9, 2013

ނަހުޒާ ހަސަން

އިރުގެ އަލި ފެނުން ތޮޅިލާ މުޅި ދުނިޔެ މައްޗަށް އުޖާލާކަން ގެނުވަމުން ދިޔަ ހިތްގައިމު ވަގުތެވެ. ހެނދުނުގެ ހިތްގައިމު ކަމާއި މަޑުމައިތިރިކަމުގެ ރަހަ މުޅި ބައްރަށް ވެރިވަމުންދިޔަ ވަގުތެވެ. އާދައިގެ މަތިން ކޮންމެ މީހަކުވެސް އެމީހެއްގެ ހެނދުނުގެ ތާވަލްގައިވާ ގޮތުގެ މަތިން ހުރިހާ ކަމެއް ހިންގަމުން، ރާވަމުން، ނިންމަމުން ދިޔަ ވަގުތެވެ. އޭގެ ތެރެއިން އެކަކީ ގަލޮޅު ސަހަރާގެ ތެރޭގައި ހުރި މަހާނައެއްގެ ކައިރީގައި އިށީނދެލައިގެން މާޒީގެ ޞަފްހާތައް އުކަމުންދިޔަ އިމްރާނެވެ.

އިމްރާނަކީ ބުރުސޫރަ ރީތި، ހަމުގެ ކުލަ އަލި، އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ތޫނު ނަޒަރެއް ލިބިފައިވާ ފިރިހެންވަންތަ ޒުވާނެކެވެ. ކަންމިހެން ހުރި އިރުވެސް މަޑުމޮޅިކަމާއި، ނުތަނަވަސްކަމާއި ހިތާމައިގައި އޭނާގެ ދުވަސްތައް ހޭދަކުރަނީ ހަމައެންމެ ސަބަބަކަށްޓަކައެވެ. އަމިއްލަ ދިރިއުޅުމުގައި ހަމަ އެންމެ އެއްޗެއް މަދުވެގެންނެވެ. އެހިތުގެ ހަމަ އެންމެ އެދުމަކަށްޓަކައެވެ. އާނއެވެ! އޭނާ މިދުނިޔެ މަތީގައި އެންމެ ލޯބިވި އޭނާގެ ހަޤީޤީ ލޯބިވެރިޔާއަށް ޓަކައެވެ.

އިމްރާންގެ ހިތުގައި އުފެދޭ ސުވާލުގެ އަދަދު ގިނައެވެ. އެލޮލުން ބާނިލާ އޮހެމުންދިޔަ ކަރުނަތަކުގެ އަދަދު ގިނައެވެ. އޭނާގެ ލޯބިވެރިޔާ އޭނާ ދޫކޮށްލާފައި ދިޔައީ ކީއްވެތޯ އަހަން ބޭނުންވެއެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވި ނަމަވެސް ވަކިނުވާން ބުނެ ކުރި ހުވާތަކާއި އަހުދުތައް އުވާާލީ ކީއްވެކަން އެނގެން ކިތައްމެހާވެސް ބޭނުމެވެ.

މިގޮތުގައި އެމަހާނަ ކައިރީގައި އިނދެ ރޮމުންދިޔަ އިމްރާން އޭނާގެ ލޯބިވެރިޔާ އަފްޝީން، ނުވަތަ އިމޫގެ އަފޫ އާއެކު އުޅުނު ދުވަސްތަކުގެ ހަނދާން ސިކުނޑީގައި ތާޒާ ކުރަމުންދިޔަ އެވެ.

އަފޫއަކީ އިމްރާން އެންމެ ކުޑައިރުއްސުރެވެސް ވަރަށް ރަނގަޅަށް ދަންނަ ކުއްޖެކެވެ. މިހާރުގެ ގޮތަށް ބުނާނަމަ އެއީ ބެސްޓުފުރެންޑުންނެވެ. އެންމެ ޅަދުވަހުންސުރެ އެކުގައި އުޅެ، ހުރިހާ އުފަލަކާއި ހިތާމައެއް އެކުގައި ހިއްސާކުރަމުންއައި ދެ އެކުވެރިންނެވެ. އެދެމީހުންނަކީވެސް މިޒާޖު އެއްގޮތް، އެކަކު އަނެކަކުގެ ހިތުގެ އަޑު އެއްވެސް ބަހެއް ބުނުމެއްނެތި ދެނެގަނެވޭފަދަ ގާތް ރަހުމަތްތެރި އެވެ.

ޅައުމުރުގެ ގިނަކުދިންނެކޭ އެއްގޮތަށް އެދެކުދިންނަކީވެސް މަޖަލާއި ސަކަރާތުގައި ގިނަވަގުތުތަކެއް ހޭދަކުރަން ލޯބިކުރި، އުފާވެރި، ސަކަ، ޝަހުސިއްޔަތެއް ލިބިފައިވާ ދެކުދިންނެވެ.

މިގޮތުގައި ދުވަސްތައް ހޭދަކުރަމުންގޮސް ކުއްލިއަކަށް ހުރިހާކަމެއް ބަދަލުވާންފެށީ އަފޫގެ އުމުރުން އުމުރުން 8 އަހަރުގައި އޭނާގެ މޫނުމަތިން ފެންނަންފެށި އާދަޔާ ޚިލާފު އުދާސްކަމެއްގެ ސަބަބުންނެވެ. އެއުދާސްކަމުގައި އަފޫ ހޭދަކުރި ވަގުތުތަކުގެ އަދަދު ޚުދު އިމްރާނަށްވެސް ނޭނގެއެވެ. އެގޭހާވެސް އެއްޗަކީ އަފޫގެ މިޒާޖަށް ބަދަލުއައިކަމެވެ. އުފާވެރިކަމުގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި އެކަހެރިވެ، އެކަނިވެރިކަމާއި އަނދިރީގައި ދުވަސްތައް ގުނަންފެށިކަމެވެ. މިނިވަންކަމާއެކު ހިނިތުންވަމުން އައި އެމޫނުމައްޗަށް މާޔޫސް ކަންވެރިވަމުން ދިޔަކަމެވެ. އެހިތުގައި ބިރުވެރިކަން ޓަކިޖަހަމުން ދިޔަކަމެވެ.

އިމްރާން އެތައް ދުވަހެއްގެ މަތިން މަސައްކަތް ކޮށްގެން އެނގުނުހާވެސް އެއްޗަކީ އަފޫއަށް އެތައް އަނިޔާއެއް ލިބެމުންދިޔަކަމެވެ. އަދި އެއީ އަފޫ އިތުބާރުކުރާ އަފޫގެ ދެބެންގެ ދެދަރި ބޭބެއެއްގެ ފަރާތުން ކަމެވެ. އަފޫ އެއަނިޔާތަކުގެ ޝިކާރައެއްގެ ގޮތުގައި އެތައްދުވަހެއް ހޭދަކުރި އެވެ. ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ. އަދި އެކަން އެނގޭ ހަމައެކަނި މީހަކީ އިމްރާނެވެ. އެއަނިޔާގައި އަފޫ ހޭދަކުރި ކޮންމެ ހިނދުކޮޅެއްވީ އިމްރާންގެ ހިތުގައިވެސް މަޖުބޫރުކަމުގެ އިހްސާސް އާވަމުންދިޔަ ވަގުތަކަށެވެ. އިމްރާނުގެ ޖިސްމަށް ނުލިބުނު ނަމަވެސް އެއަނިޔާގެ ހިތި އެދެމީހުންވެސް ދިޔައީ ދެކެމުންނެވެ.

އޭގެ 2 އަހަރު ފަހެވެ. އަފޫގެ ނަސީބު އަތުގައި ހިފިކަހަލައެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރާއި އަނެކާއަށް ކުރާ އިތުބާރާއި އުފާވެރިކަމުގެ އިހުސާސާއި އަނެކާއަށް އަޅާލުމާއި ހިތްހަމަޖެހުންފަދަ ހުރިހާ ކަމަކުން އެފަކީރު މުޅިން ދުރުގައި ހޭދަކުރުމަށްފަހު އަފޫގެ އާއިލާއިން މާލެއަށް ދިރިއުޅުން ބަދަލުކުރިއެވެ. އޭރުވެސް އަފޫގެ ހާލަތާމެދު އެއްޗެއް އެނގޭ ހުރި ހަމައެކަނި މީހަކީ އިމްރާނެވެ. ސަބަބަކީ އަފޫގެ މައިންބަފައިންނަކީ އެމީހުންގެ ވިޔަފާރި ކުރިއެރުވުމުގައި މާއަވަދިނެތި އުޅޭ ބައެކެވެ. އަފޫގެ އެކަނިވެރިކަމާއި، އޭނާއަށް ބޭނުންވެފައިވީ ލޯތްބާއި އަޅާލުމާ އެދު ފަރުވާލެއް ނެތެވެ. އަދި އެމީހުން ބަދަލުވި ހަމައެކަނި ސަބަބަކީވެސް މާލޭގައި އެމީހުންގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ.

އެއީ އަފޫގެ ހިތަށްލިބުނު ލުޔެއް ނަމަވެސް، އިމްރާންގެ ހިތުގައި އަޅަމުން ދިޔައީ ވޭނެވެ. ދެން އިމްރާން ތަޖުރިބާ ކުރަންޖެހުނީ ބުނެދޭން ނޭނގޭފަދަ އެކަނިވެރިކަމެވެ. އެންމެ ގާތް އެކުވެރިޔާއާ ވަކިން އޭނާ ހޭދަކުރި އަހަރުތަކެކެވެ. އަފޫގެ ހަބަރެއްވެސް ނެތިއެވެ.

މިގޮތުގައި 6 އަހަރުދުވަސް ހޭދަކުރުމަށްފަހު އިމްރާންގެ ދިރިއުޅުމަށް އާރޯކަން ގެނުވީ އޭނާގެ އުމުރުން 19 އަހަރުގައެވެ.  އޭރުވެސް އިމްރާންގެ ހިތުގައި އަފޫގެ ހަނދާންތައް ނުފިލާހުއްޓެވެ. އަލުން އަފޫއާއި ބައްދަލުވުމުގެ އުއްމީދުވެސް އޮތެވެ. އެއްދުވަހެއްގެ ހަވީރު، އިޖުތިމާއީ ވިއުގައެއް ކަމުގައިވާ ފޭސްބުކުން އަފޫއާއި އިމްރާންގެ މުލާގާތު ކުރެވުނެވެ.

ހަމަކުޑަދުވަސްކޮޅެއްގެ ތެރޭގައި އިމްރާން މާލެގޮސް އަފޫއާ ބައްދަލުވެ، ފޯނުކޯލުތަކާއި ފޭސްބުކުގެ ޒަރިއްޔާއިން ގިނަވަގުތުތަކެއް ހޭދަކުރަންފެށިއެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވެވެން މާގިނަދުވަހެއް ނުނެގިއެވެ. އެދެމީހުންގެ އެކުވެރިކަމުގައި ލޯބީގެ ނިރުފަޅައި، އެދެމީހުން ލޯބީގެ ގުޅުމުން ގުޅުނެވެ. އަދި އުފާވެރިކަމުގެ މުޅިން އާދައުރެއް ކުރިއަށްދިޔައެވެ.

އިމްރާނަށް ކުރެވުނީ ކުށްހީއެކެވެ. އެހެންމީހުންގެ މައްޗަށް  ގެއްލުނު އިތުބާރު އަފޫއަށް އަލުން ލިބުނުކަމަށް ހީކުރެވުމެވެ. ހަމަކުޑަދުވަސްކޮޅެއްގެ ތެރޭގައި އެދެމީހުނެގް ގުޅުމުގައި ގޮށްޖެހި ކުރަކި ވާންފެށިއެވެ. ސަބަބަކީ އަފޫއަށް އަފޫދެކެ މީހަކު އެހާ ލޯބިވެދާނެކަމަށް ޤަބޫލުނުކުރެވުމެވެ. އިމްރާންގެ ލޯތްބާއި މެދު ޝައްކުކުރެވެން ފެށުމެވެ. އަދި އެ ޝައްކަކީ އިމްރާންގެ ހިތަށް ދެވޭ އަނިޔާއެއްކަންވެސް އަފޫއަށް އެނގެއެވެ.

މިފަދަ ހަމަނުޖެހުންތަކެއްގައި އެދެމީހުން އުޅެމުންދިޔައެވެ. އަފޫއަށް ވިސްނައިދޭން އިމްރާން ކިތަންމެ މަސައްކަތެއްކުރިއެވެ. ކިތަންމެ ވަގުތެއް ހުސްކުރިއެވެ. ނަމަވެސް އަފޫގެ މާޒީ އަފޫގެ އުފާތަކަށް ހުރަސްއެޅީއެވެ. އިމްރާނަށް ދެވެމުންދިޔަ އަނިޔާތަކުން އިމްރާން މިންޖުކޮށްދޭން އަފޫއަށް ފެނުނީ ހަމަ އެންމެ މަގެކެވެ. އިމްރާންގެ ދިރިއުޅުމާއި ދުރަށް ދިޔުމެވެ. އިމްރާންގެ އުފާތަކަށް އަފޫގެ މާޒީގެ ހިޔަނި ނޭޅުވުމެވެ. އަފޫ ދުނިޔެއާ އަލްވަދާއުކީއެވެ.

އެހިސާބުން އިމްރާންގެ ހިތް ކުދިކުދިވި ކަހަލައެވެ. ދިރިއުޅުމުގެ އެހަށިން ނެތިގެން ދިޔަކަހަލައެވެ. އުފާވެރިކަމުގެ އުއްމީދު އެދިރިއުޅުމާއި މުޅިން ވަކިވިކަހަލައެވެ. އިމްރާންގެ ހިނިތުންވުން ގެއްލިގެން ދިޔަކަހަލައެވެ. ދުނިޔޭގެ އަރާމުން އެހިތް މިންޖުވި ކަހަލައެވެ. އަފޫ ދުނިޔެއާ ވަކިވިފަހުން ކޮންމެ ދުވަހެއްގެ ހެނދުނުގެ އިރުއަރަނީ އިމްރާން އެމަހާނަ ކައިރީގައި ހިތި ކަރުނަތަކެއް އޮހޮރަން އިންދައެވެ. އެހިތަކުން އަފޫގެ ހަނދާންތައް ދުވަހަކުވެސް ނެތިގެން ނުދާނޭ ބުނާކަހަލައެވެ.

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ނަހުޒާ ހަސަން، ގްރޭޑް 12 ސީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ޝާއިއު ކުރުމަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355