twitterviber whatsapp telegramfacebookyoutube instagram
24th November 2024

ކުރުވާހަކަ – ނުފުރުނު ހިތް

Aug 14, 2013

ސީމާ ހަސަން

ކައިވެންޏަށް އަހަރެއް ވަނީ އެވެ. އަހަރެން ރައޫފުއާ އިނދެގެން މި އުޅެނީ ކީއްވެކަމެއް އަހަންނަކަށް މާރަނގަޅަކަށް ނޭނގެ އެވެ. މަސްލަހަތަށްޓަކާ ބާވަ އެވެ؟ ނޫނީ އުފާވެރި ދިރިއުޅުމެއް އުޅޭ މީހެއްކަމަށް ދެއްކުން ބާވައެވެ. ކައިވެނިކުރީ އަހަރެންގެވެސް ރުހުމުގަ އެވެ. އެހެންނަމަވެސް އެއްއަހަރު ދުވަހަކީ މީހެއްގެ އިހްސާސްތަކާ ކުޅެ ފިކުރު ބަދަލުކޮށްލަން ހާދަ ކުޑަދުވަސްކޮޅެކެވެ.

އަހަރެން ރައޫފްދެކެ ފޫހިވާން ފަށައިފި އެވެ. ރައުފަކީ ތެދުވެރި ވަފާތެރި ފިރިއެކެވެ. ހިތްހެޔޮކަމުގެ ނަމޫނާއެކެވެ. އަހަރެން ބޭނުންވާ ކަންތައް ކޮށްދޭ، ބޭނުން އެއްޗެއް ހޯދައިދެ އެވެ. އެވަރުންވެސް އަހަރެންގެ ހިތެއް ނުފުރުނެވެ. އަހަންނަށް ކަމުނުދިއައީ ރައޫފްގެ ސިފައެވެ. އޭނާ ވަރަށް ފަލަ އެވެ. އެހާމެ ހުތުރެވެ. އަޅައިގަންނަ އެއްވެސް ސިފައެއް ބޭރުފުށަކު ނެތެވެ. އަހަރެންގެ އެކުވެރިން ގެންގުޅޭ ބިޓުންފެނިފައި އަހަރެން ވަރަށް ހަސަދަވެރިވެ އެވެ. ޝާނީގެ ފިރިމީހާވެސް ވައްތަރީ “ޕައުލް ވެސްލީ” އާއެވެ. އަހަރެންވެސް ބޭނުމީ އެކަހަލަ ސަޅި ބައިވެރިއެކެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެން ރައޫފްދެކެ ވާފޫހި ނަފްރަތަށް ބަދަލުވެގެން ދިޔައީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. ނުރުހުމުގެ ލޮލަށް ފެންނާނީ ހުސް އައިބޭ ބުނާ ބީދައިން، ރައޫފްކުރާ އެއްވެސް ކަމެއް އަހަންނަކަށް ކަމުދާ ގޮތެއް ނުވިއެވެ. އޭނާ ވާހަކަދައްކަން ފެށިއަސް ރުޅިއަންނަން ފެށިއެވެ. ކައިރީގައި އިށީނދެލިއަސް އުނދަގުވެއެވެ. އެންމެފަހުން އަހަރެންގެ މޮޔަ ހިތަށް ނުކުޅަދާނަވެގެން ރައޫފު ގާތުން ވަރިވީމެވެ.

މިކަންވީ ރައޫފަށް ވަރަށް އުނދަގޫކަމަކަށެވެ. އާދޭސްކުރިއެވެ. އެހެންނަމަވެސް ކިބުރުވެރިކަމާއެކު އަހަރެން، އަހަރެންގެ ގޮތުގައި ހިފެހެއްޓީމެވެ.

“އަހަރެން ބޭނުމެއް ނޫން ތިހާ ހުތުރު މީހަކާ އިނދެގެން އުޅޭކަށް. ފަލަކަމުން އެކީ ބޭރަށް ނުކުމެލަން މަ މިހުންނަނީ ލަދުން. އިނދެވުނީތީވެސް މޮޔަހީވޭ. ވަރަށް ފޫހިވޭ!” އަހަރެން އެންމެ ފަހުން ބުނި ޖުމްލަތައް އަދިވެސް ހަނދާނުން ނުފިލަ އެވެ.

ޝާނީ އަހަންނަށް ވަރަށް ނަސޭހަތްތެރިވި އެވެ. އެވަރުގެ ފިރިއެއް ލިބުމަކީ ވަރަށް އުނދަގޫކަމެކޭ ބުންޏެވެ.

“މަށެއް ބޭނުމެއް ނޫނޭ ކޮންމެހެން އޭނަކަހަލަ ދެކޮޅަށް ހެލި ނުލެވޭ ފިރިއެއް.”

ކޮންމެއަކަސް އަހަރެން ހުސްހަށިބައިވުމުގެ ހަބަރު ވެގެންދިއައީ ވަރަށް ގިނަ ބައެއްގެ އުންމީދުގެ ނިމުމަށެވެ. ހަފްތާއެއް ތެރޭ އެތައް ބައެއްގެ ހުށައެޅުންތައް ލިބުނެވެ. އަހަރެން އެރީ ” ކުލައުޑް ނައިން ” އަށެވެ. އަހަރެން ޚިޔާރުކުރީ އެންމެ ރީތި ޒުވާނާއެވެ. އެމީހަކީ ކޮން އުމުރެއްގެ ކޮން ގެއެއްގެ ކޮން މިޒާޖެއްގެ މީހެއްތޯވެސް ބަލައިނުލަމެވެ. އަހަރެން ނިމާލްއާ އިނީ އެއްވެސް ފިކުރެއް ނެތިއެވެ.

އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގައިގާ ވަރަށް ބާރަށް ޖެހި ކަމުގެ އިހްސާސްވެގެނެވެ. ސިއްސައިގެންގޮސް ބަލާލިއިރު ނިމާލް ވަރަށް ބޮޑަށް ރުޅިއައިސްފައި ހުއްޓެވެ. އަތުގައި ގަމީހެއް އޮތެވެ.

“އޭތް! އެއޮއް އަށެއް ޖަހަނީ. ނޭނގޭތަ އަހަރެން އޮފީހަށް ދާކަމެއްވެސް. މިއޮތީ ގަމީސް އިސްތިރި ނުކޮށް، އަވަސްކުރޭ!” އަހަރެންނަށް، ބަލަހައްޓައިގެން އިނދެވުނީއެވެ. މިއީ ހުވަފެނެއްބާ އެވެ. މިއީހަމަ އިހަށްދުވަހު ކައިވެނިކުރި ނިމާލް ހެއްޔެވެ؟ ލޯބީގެ ބަސްތަކުން އަހަރެންގެ ހިތާއި ކުޅެލި، ފޮނި ހުވަފެންތައް ދެއްކި ބައިވެރިޔާ ހެއްޔެވެ؟

“އަދިވެސް އިނީތަ! ބަލަ ގަޑިޖެހެނީއޭ!” އަހަރެންނާ ދިމާއަށް ގަމީސް ހޫރާލާފާ ނިމާލް ފާހާނާއަށް ވަނެވެ. އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. އެންމެ ލަދުގަންނަ ސިއްރު ފާޅުކުރަން ޖެހޭނެތީ އެވެ. އަހަންނަކަށް އެއްވެސް ކަމެއް ކުރާކަށް ނޭނގެއެވެ. ރައޫފުމެން ގޭގައި މަސައްކަތު މީހެއް އުޅޭތީ އަހަރެން އެއްވެސް ކަމެއް ކޮށްނުލަމެވެ. ބަދިގެއަށް ވަދެނުލާތާ، އަމިއްލައަށް ހެދުންތައް ދޮވެ އިސްތިރިވެސް ކޮށްނުލަމެވެ. ރައޫފް އެކަމާކާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ.

ކުއްލިއަކަށް ފާހާނާގެ ދޮރު ހުޅުވުނެވެ.

“އަދިވެސް ހުރީތަ! ކިހާ ދެރަކަމެއް.” ނިމާލް ހުރީ ރުޅިއައިސް ރަތްވެފައެވެ.

“ނޭނގެ އިސްތިރިކުރާކަށް.” އަހަރެން އިސްދަށަށް ޖަހައިގެންހުރެ ވަރަށް މަޑުމަޑުން ބުނީމެވެ. ނިމާލް މަލާމާތުގެ ރާގަކަށް ހޭންފެށިއެވެ.

“ކީކޭ؟ ތީހަމަ އަންހެނެއްތަ؟ ސާބަސް! އެހެންވިއްޔާ ދޭބަލަ ކޮފީއެއް ހަދަން، ހުސްބަނޑާތަ އޮފީހަށް މަދާންވީ؟” އަހަރެން ހިނގައިގަތުމުން މަލާމާތުގެ ރާގަކަށް ނިމާލް ބުންޏެވެ.

“އަނެއްކާ ކޮފީ ގިރާގޮތް އެނގޭތަ؟” ނިމާލް ޗޮކެއް ކަނޑާލިއެވެ.

އަހަރެންގެ ލޮލުން ހޯސްލާފަ ކަރުނަތައް ފޭބި އެވެ. ރައޫފް ކިހާ ރަނގަޅު ހެއްޔެވެ؟ އަހަރެންނަށް އަތުންފައިން ކަމެއް ކުރަން ނޭނގޭ ހާލުވެސް ރައޫފު އަހަރެން ބަލައިގަތެވެ. ދުވަހަކުވެސް މަލާމާތެއް ކޮށްފައެއް ނުވެއެވެ. ހިތުގައި ޖައްސާ ރޮއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އަހަންނަށް މުހިއްމުވީ އޭނާގެ ސިފައެވެ. އަހަރެން ހީކުރީ ރީތި ފިރިއަކާ އިނދެ އަރާމު ގެއެއްގައި އުޅެވެންފެށީމަ ދިރިއުޅުން ފުރިހަމަ ވާނެކަމަށެވެ. ކައިވެންޏަކީ ކިހާވަރެއްގެ އެއްޗެއްކަން ވިސްނެންމިފެށީ މާފަހުންނެވެ.

“ދެނެއް ކިޔާނެކަމެއްނެތް. މަ އޭރުވެސް ބުނީމެއްނު ރައޫފްކަހަލަ ހިތްހެޔޮ ފިރިން މަދުވާނެއޭ. އެފަކީރު ދެކަކޫ މައްޗަށް ވެއްޓި އާދޭސްކުރުމުންވެސް މަރީއަށް ކެހެރު ވަކެކޭހެންވެސް ހީއެއް ނުވިވިއްޔާ.” ކަންތައްތައް ވަމުންދާގޮތް ޝާނީއާ ހިއްސާކުރަމުން ބުންޏެވެ.

“އާން. އަޅެ އޭނަ ރަށުގަ އެބައުޅޭތަ؟ އަހަރެން ބޭނުން މައާފަށް އެދެން. ހާދަ ދެރަވެޔޭ އެހެން ހެދުނީމަ.” އަހަރެން ބުނީމެވެ.

“ރައޫފު މިހާރު މީހަކާ އިންނަން އުޅޭ ވާހަކަ އަޑުއެހިން. އޭނަވެސް ނުހުންނާނެ އަބަދަކު މަރީގެ އިންތިޒާރުގައެއް.” ޝާނީ މިހެން ބުނުމުން އަހަރެން އިތުރަށް ދެރަވިއެވެ.

އެދުވަހު އަހަރެން ރައޫފްގެ ގެއަށްދިޔައީމެވެ. އެގެއަށް ވަންނަން އުޅެނިކޮށް ރައޫފް ނުކުތެވެ. އަހަރެން ފެނުމުން ރައޫފް ވަރަށް ހައިރާންވި އެވެ. އަހަރެންވެސް ހުރީ ވަރަށް ހައިރާންވެފައެވެ. އެއީ ކުރީގެ ރައޫފެއް ނޫނެވެ. މިހާރު އިސްކޮޅުން ދިގުހެން ހީވެއެވެ. ކުރިއާ ބަލާފަ އެތައް ގުނައެއް ހިއްކެވެ. ލައިފައި ހުރި ތުނި ޓީޝާޓުގެ ތެރެއިން “ސިކްސް ޕެކް” ހާމަވެއެވެ. އަތުގެ މަސްތަކަށްވެސް ހީވަނީ ވައިޖަހާފައި ހުރިހެނެވެ. އަހަރެންނަށް ހުރެވުނީ އާޝޯހުވެފައެވެ.

“ހެއްހެއް. ހައިރާންވީދޯ؟ މިއީ ހަމަ އެންމެ ޓޫ ވީކްގެ ކަމެއް. ބޭނުންވީ ހަމަ ކުޑަ ހިތްވަރެއް.” ރައޫފް ސަމާސާ ރާގަކަށް ބުންޏެވެ.

އަހަރެންގެ ލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަންފެށިއެވެ.

“އަހަންނަށް މާފްކުރޭ . އަހަންނަށް ނުވިސްނުނީ. ޕްލީސް. މާފްކުރޭ. އެހެން ފުރުސަތެއްދީ.” އަހަރެން އާދޭސްކުރަން ފެށިމެވެ.

“އަހަރެން މަރީއަށް މާފްކުރެވިދާނެ އެކަމަކު…” ރައޫފަށް އެހިސާބަށް ބުނެވެވުނުތަނާ އެގޭ ދޮރުން ނުކުމެގެން އައީ ޒުވާން އަންހެން ކުއްޖެކެވެ.

“ސޮރީ. މާލަސްވެއްޖެ.” އެ އަންހެންކުއްޖާގެ ކޮނޑަށް އަތްވައްޓާލަމުން ރައޫފު ބުންޏެވެ. “ކިހިނެއް އެނގެނީ އަހަރެން އަލުން ފަލަވާއިރަށް މަރީ އަހަރެން މަތިން ފޫހިވާން ނުފަށާނެކަމެއް.”

ރައޫފް ބުނި ބަސްތަކުން އަހަރެންގެ ހިތް ކުދިކުދިވިއެވެ. އެންމެފަހުން އެކަނި މިވީ އަހަންނެވެ. އިންސާނާގެ ހިތަކީ ފުރޭ އެއްޗެއް ނޫނެވެ. ކިތަންމެ ފުރިހަމަ ނިޢުމަތެއް ލިބުމުންވެސް އެދެވޭނީ އިތުރަށް ފުރިހަމަވުމަށެވެ. އަހަރެންނަށް މިހެންމިވީ ލިބުނު ނިޢުމަތަށް ޝުކުރު ނުކުރީމައެވެ. އެއްޗެއްގެ އަގުވަޒަން ކުރެވޭނީ އެއެއްޗެއް އަތުން ގެއްލުމުންނެވެ. އަހަރެން އަތުން ބީވެގެން މިދިޔައީ ކިހާ އަގުހުރި ޖަވާހިރެއް ހެއްޔެވެ؟

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީމާ ހަސަން، ގްރޭޑް 11 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ޝާއިއު ކުރުމަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355