އަރީޝާ މޫސާ
ކިހާދެރަހެއްޔެވެ. ހަޔާތުގެ އެންމެ އުފާވެރި އަދި އެންމެ މުހިއްމު ދުވަސްވަރު އަހަރެން މި އިންނަންޖެހުނީ ދަގަނޑު ތޭރިތަކެއްގެ ތެރޭގައެވެ. ކަނު އަނދިރިކަމުގަ އެވެ. ހިތާމަ އާއި އުދާސްތަކުން ފޯވެފަ އެވެ. މިއީ އަހަރެންގެ ތަޤުދީރުގައި ހުރިގޮތްކަމަށް އަހަންނަށް ބުނެވޭކަށްނެތެވެ. ސަބަބުތައް ބައިވަރެވެ. އަހަރެންގެ އަމިއްލަ ދެއަތުން ކޮށްފައިވާ އެތަށް ފާފަތަކެއް ހުރިއިރު އަހަރެންގެ މަގާމަކީ މިއީ ކަމާމެދަކު އަހަރެން ދެކޮޅެއް ނުހަދަމެވެ. އެންމެ ދެރަވަނީ އަހަރެންގެ ލޯބި ލޯބި ކުޑަ ކުޑަ އާއިލާ އަހަރެންގެ ސަބަބުން ހަލާކުވެގެން ދިޔަގޮތުންނެވެ. އާއެކެވެ. އެއީ އަހަރެންގެ ހަޔާތުގެ ވާހަކަ އެވެ. އަޑުއައްސަވާށެވެ.
އަހަރެންނަކީ ރާއްޖެތެރޭގެ ކުޑަކުޑަ ރަށަކަށް އުފަންވި މީހެކެވެ. އަހަރެން އުފަންވިތާ 4 އަހަރު ނުވަނީސް އަހަރެންގެ ބައްޕަ ނިޔާވެއްޖެ އެވެ. މަންމަ އާއި އަހަރެންގެ ނުކުޅެދޭ ކޮއްކޮ ޔަތީމްވީއެވެ. އެދުވަހުއްސުރެ އާއިލާ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާއި މަސްއޫލިއްޔަތު ތަކެއް އުފުލަމުން ދިޔައީ އަހަރެންގެ މަންމަ އެވެ. ފަންގިވިނުމާއި ރޯނުވެށުން ފަދަ ކަންތައްތައް ކޮށްގެން ލިބޭ މަދު ލާރިކޮޅުން ދިރިއުޅުން ހަމަ ޖައްސަމުންނެވެ. ބައްޕަ މަރުވެފައިވީކަން އަހަރެމެންނަށް އިހްސާސްވިޔަނުދީ އެހާލޯބި ދީގެން ބަލާ ބޮޑުކުރި އެވެ. ނިކަމެތި ނަމަވެސް އަހަރެމެން އުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެކެވެ.
އަހަރެންގެ ކިޔެވުންވެސް ދިޔައީ ކުރިއަށެވެ. މާތް ﷲގެ ހެޔޮރަހުމަތްފުޅުން އަހަރެންވީ ވަރަށް ހިތްއަލި ކުއްޖަކަށެވެ. ރަށުގައި ކިޔެވެންއޮތް އެންމެ މައްޗަކަށް އަހަރެން ކިޔަވާ ނިންމާލީ މުޅި ރަށުންވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބާ އެކީގަ އެވެ. އެދުވަހު އަހަރެން ވަރަށް އުފާވި އެވެ. އަހަރެންނަށް އާއިލާ އުޖާލާކޮށް އުފާކޮށްދެވޭނެ ކަމުގެ އުއްމީދު ލިބުނެވެ. އަހަރެން އެންމެ ބޭނުންވިގޮތަށް މަންމަ އަހަރެން ކިޔެވުމަށް މާލެ ފޮނުވި އެވެ. ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީ އާއެކުއެވެ. މަންމަ އަހަރެންނަށް ވަރަށް ނަސޭހަތްދިނެވެ. މާލެގޮސް ދުނިޔޭގެ ދަޅަތަކަށް ހެއްލި ގޯސްމަގުން ނުދިއުމަށް އެތަކެއް ފަހަރު ބުންޏެވެ. އަދި މޮޅަށް ކިޔަވައިގެން މަންމަގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކުރުމަށްވެސް މެއެވެ. މިހުރިހާ ވައުދުތަކެއް މަންމައަށް އަހަރެން ވުމަށްފަހު މާލެ އައީމެވެ.
އަހަރެންނަކީ އަބަދުވެސް އާކަންތައްތައް ތަޖުރިބާ ކުރާހިތްވާ މީހެކެވެ. އެހެންކަމުން މާލެ އައިތާ ދުވަސްކޮޅެއް ވީއިރު އެއީ އަހަރެންނަށް މާ ކަމުދާ ތަނަކަށް ވެއްޖެއެވެ. ކާޅެއްހެން މުޅި މާލެ ތެރޭގައި ބުރުޖެހެން ފަށައިފި އެވެ. އެންމެފަހުން އަހަރެން ހުންނަގޭ ކައިރީގައި އުޅޭ ބަޔަކާ ގުޅެވިއްޖެއެވެ. އެމީހުންގެ ފަހަތުން އެތައް މިތަނަށް ދުވެވެން ފަށައިފި އެވެ. އަހިވަކާޖެހި އަހިވަށް ފާވާނޭ ފަދައިން އަހަރެންވެސް އެމީހުން އުޅޭ ގޯސްމަގުން ގޮސް އެމީހުންގެ އަވައިގައި ޖެހިއްޖެ އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ އުޅުން ދިޔައީ ގޯސްވަމުންނެވެ. އަހަރެން މާލެއައި ހަޤީޤީ މަގުސަދު އަހަންނަށް އޮޅިއްޖެ އެވެ. ކޮލެޖަށް ކިޔަވަން ނުދާތީއާއި އަޚުލާގު ގޯސްވުމުގެ ސަބަބުން ކޮލެޖުން އަހަރެން ސަސްޕެންޑުކުރެވުނެވެ. މިހާހިސާބުން ފެށިގެން އަހަރެން ކޮލެޖަށް ދިއުން ހުއްޓާލައިފީމެވެ. އެނުބައި ރައްޓެހިންނާއެކު އަހަރެންގެ ހުރިހާ ވަގުތެއް ހޭދަކުރަން ފެށުނެވެ. ނަތީޖާއަކަށްވީ އެންމެ ނުބައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހުމެވެ. އަދި ތަފާތު އެހެނިހެން ކުށްތަކާއި ފާފަތަކަށް އަރައިގަންނަން ފެށުމެވެ. މިހެން އުޅުނުއިރު އަހަރެން ބަނޑުއަޅައި ވިހޭ މައިމީހާ މަތިން އަހަރެން އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. ގިނަވަގުތު އަހަރެން އުޅުނީ މަސްތުގެ ހާލުގައެވެ.
އަހަރެން މާލެ އައިތާ ހަމަސް ވީއިރު އަހަރެންގެ އެއްވެސް ހަބަރެއް ނުވުމުން އަހަރެންގެ ހާލުބެލުމަށްޓަކައި އަހަރެންގެ މަންމަ ކޮއްކޮ ގޮވައިގެން މާލެ އައެވެ. އަދި އަހަރެން ކިޔަވަން ހުރި ގެއަށް ދިޔަ އެވެ. އެގެއިން މަންމައަށް ލިބުނީ ހިތް ފުނޑުފުނޑު ކޮއްލާފަދަ ޖަވާބެކެވެ. އަހަރެންގެ އުޅުން ގޯސްވުމުގެ ސަބަބުން ގެއިން ނެރެލިވާހަކަ އެވެ. އަހަރެން އުޅެމުން އައި ގޯސްގޮތުގެ ވާހަކައެވެ. އަހަރެން ނުކިޔަވާ ވާހަކަ އެވެ. އަހަރެންގެ މަންމަގެ ހިތް ކުދިކުދިވި އެވެ. މަންމަގެ ހުރިހާ އުއްމީދުތައް އަހަރެން ފެނަށް ދުއްވާލުމުންނެވެ.
އަހަރެންގެ މަންމަ ރޮމުން އައީ އަހަރެން ހޯދުމަށެވެ. އަހަރެންނަށް މަންމަ ފެނުނީ ރައްޓެހިން ގާތުގައި އިންދަ އެވެ. އަހަރެން ފެނުމާއެކު ދެލޯ ބޮޑުވި އެވެ. އަހަރެން ހުރި ގޮތުންނެވެ. އިސްތަށިގަނޑު ދިގުކޮށް އަތްފައިގާ އެކިއެއްޗެހި އަޅާފައި ހުރުމުން މަންމައަށް އަހަރެން ދެނެގަނެވުނީ އިރުކޮޅެއް ފަހުންނެވެ. ދަރިފުޅާއޭ ކިޔާ ރޮއިގަންނަމުން މަންމަ އަހަންނާ ދިމާއަށް އައެވެ. އަހަރެންނަށް ބަލާލެވުނީ ވަށައިގެންތިބި އެކުވެރިންނަށެވެ. އޭރު އެމީހުން މަންމައާ ދިމާއަށް އިނގިލި ދިއްކޮށްފައި ހީ މަލާމަތް ކުރަނީއެވެ. މަންމަ ހުރި ގޮތުންނެވެ. އަހަރެން ވަރަށް ލަދުގަތެވެ.
މަންމަ އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ވަގުތުން އަހަރެން މަންމަ ފޮޅާލީމެވެ. ރައްޓެހިންނަށް އެއީ އަހަރެންގެ މަންމަކަން އެނގިއްޖެނަމަ ރައްދުވާނެ މަލާމާތަށެވެ. މަންމަގޮސް ވެއްޓުނީ އެތާހުރި ހަރުގަނޑެއްގެ ބުޑަށެވެ. އަހަރެން މަންމައާއި ދިމާއަށް އެއްޗެހި ކިޔަން ފެށީމެވެ. ތިއީ އަހަރެންގެ މަންމައެއް ނޫނޭ ބުނެ އެކަމަށް އިންކާރު ކުރީމެވެ. މަންމަގެ އަޑު މެދުކެނޑުނެވެ. ލިބުނު ޝޮކުގެ ސަބަބުން ހުއްޓުން އަރާފައި މަންމަ ހުރީއެވެ. އަހަރެން ބަލާކަށްނުހުރެ ރައްޓެހިންގެ ފަހަތުން ދިޔައީމެވެ. އަހަރެން ދާންފެށުމުން މަންމަ އައިސް އަހަރެންގެ ދެފައިގާ ހިފައި އާދޭސްކުރިއެވެ. އެނުބައި އުޅުން ދޫކޮށްލުމަށެވެ. މަންމަ އުންމީދު ތަކުގައި ކޮޅުފައިން ޖަހާފައި ނުދިއުމަށެވެ. ނަމަވެސް އަހަރެންގެ ހިތްވަނީ ހިލަވެފައެވެ. މިފަހަރުވެސް މަންމަ ފޮޅާލާފައި އަހަރެން ދިޔައީއެވެ.
އެދުވަހުގެ އެހެން ވަގުތެއްގައި އަހަރެން މަންމަގެ ގާތަށް ދިޔައީމެވެ. އެއީ މަންމަގެ އުންމީދުގެ ހުޅު ރޯކޮށްދީ ކުރީގެ ރިވެތި އަހްލާގަށް ރުޖޫއަ ވާކަށްނޫނެވެ. މަންމަ އަތުން ފައިސާ ކޮޅެއް ހޯދުމުގެ ބޭނުމުގައެވެ. އެދުވަހު އަހަރެންގެ މަންމަ ރުއި އަޑު އަދިވެސް އަހަރެންެގެ ކަންފަތުގައި އެބަހުއްޓެވެ. އެއާދޭސްތަކުގެ އަޑެވެ. ނަމަވެސް އެދުވަހު އަހަރެން ހުރީ ޣާފިލުކަން މަތީގައެވެ. މަންމަ އަހަރެންނަށް ލާރި ނުދިނުމުން މަންމައަށް ވަރަށް އަނިޔާ ކުރީމެވެ. އަދި ގަދަކަމުން މަންމަ އަތުން ލާރިއަތުލައި މަންމައަށް ބިރުދައްކައިގެން އަހަރެންނަށް ފައިސާ ހޯދައިދިނުމަށް އެއްބަސްކުރުވީމެވެ. މަންމައާއި އެނުކުޅެދޭ ކޮއްކޮއަށް އެތައްބިރެއް ދައްކައި އެތައް އަނިޔާއެއް ކުރުމަށްފަހު އަހަރެން އައީ އަހަރެންގެ އަމިއްލަ އެދުން ފުއްދާފައެވެ.
މިހާރު އަހަންނަކީ ކުށުގެ އެތަށް ރިކޯޑެއް އޮތް ބޮޑު ކުއްވެރިއެކެވެ. ވައްކަންކުރުމާއި ފޭރުން އަދި މާރާމާރީގައި ބައިވެރިވުމަކީ އަހަރެން ހުސްވަގުތުގައި ކުޅޭ ކުޅިވަރުތަކެއް ކަމުގައި ވެއްޖެއެވެ. އަހަރެން އުޅެމުންދިޔައީ އެތައްމިތާނގައެވެ. އުފަލާއި މަޖަލުގައެވެ. ނަމަވެސް އަހަރެންގެ މަންމައާއި ކޮއްކޮ އުޅެމުންދިޔައީ ބަރުދާސްތު ނުކުރެވޭފަދަ ހިތާމައިގައެވެ. ގެއަަކަށް ނޯކިރީ ކޮށްދޭން ގޮސްގެން އަހަރެން މަންމަހޯދައި ލާރިކޮޅު އަތުލަނީ އަހަންނެވެ. އެވަރުވެސް އަހަންނަށް މަދުވެގެން ކޮންމެފަހަރަކު މަންމައަށް އަނިޔާކޮށް ބިރުދައްކަމެވެ. މަންމައާއި ކޮއްކޮ ތިބެނީ އަހަރެންދެކެ ބިރުން އަހަރެން ހެދިހާގޮތެއް ހަދައިގެންނެވެ. މަޖުބޫރުވެގެންނެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުންގޮސް ދެން އަހަރެންގެ ހަޔާތަށް އައީ ބަނަކަމުން ފުރިގެންވާ ރެއެކެވެ. އަހަރެން ގައިގައި ހުރި ބާރެއްލާފައި ދުވަމުންދިޔައީ ފުލުހުންނަށް ފިލާށެވެ. މީހަކު ގަޔަށް ވަޅިހަރާ ޒަހަމްކޮށްލިތަން ފެނިގެން އަހަރެން އަތުލައިގަންނަން ފުލުހުން އަންނާތީއެވެ. އޭރުވެސް އަހަރެން ހުރީ މަސްތުގެ ހާލުގައެވެ. ދުވަމުން ދުވަމުންގޮސް ފިލަންވެގެން ވަދެވުނީ އަހަރެންގެ މަންމައާއި ކޮއްކޮ ތިބޭ ގެއަށެވެ. އަވަހަށްގޮސް ފިލަންވެގެން ވަދެވުނީ ގުދަނެއްފަދަ މަންމަމެން ނިދާ ތަނަށެވެ. އެތާނގައި ހުރި ކަބަޑެއްގެ ފުރަގަހުގައި އަހަރެން ފިލާހުރީމެވެ.
އަހަރެންގެ ހިތްދިޔައީ ބާރަށް ތެޅެމުންނެވެ. އަހަރެންގެ މަސްތު ހާލުން އޭރުވެސް މިންޖެއް ނުވެއެވެ. ކުއްލިއަކަށް އަހަރެންގެ ފުރަގަހުން މީހަކު އަހަރެންގެ ކޮނޑުގައި އަތްލިއެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ފަހަތަށް ނުބަލާހުރެ މަޑުމަޑުން އަހަރެންގެ ޖީބުގައި އޮތް ވަޅި ނެގީމެވެ. އަދި އަތަށް ރީއްޗަށް ހެޔޮވަރު ކޮށްލީމެވެ. އަދި އެއައްފަހު ކުއްލިއަކަށް ފަހަތަށް އެނބުރި އެމީހަކު ގަޔަށް ވަޅިހެރީމެވެ. އަނދިރީގައި ވުމުން އެއީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް ހަޅޭލަވައި ގަތުމުން އެއީ އަންހެނެއްކަން އެނގުނެވެ. ދެން އަހަންނަށް ފިލަން ދުއްވައެއް ނުގަނެވުނެވެ. ވީނުވީއެއް ނޭނގި އަހަރެންވެސް ވެއްޓުނީއެވެ.
ދެން އަހަރެންނަށް ހަމަހޭވެރިކަންވީއިރު އަހަރެން އިނީ މި ތޭރިތަކުގެ ތެރޭގައެވެ. ޖަލުގައެވެ. އަހަރެން ހައްޔަރުކުރެވުނީ ހަމައެކަނި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލުމުން ނޫންކަމާއި ވަޅިން ހަމަލާދީ މީހަކު މަރާލުމުންކަން އަހަންނަށް އެންގިއެވެ. އަހަރެން ވަގުތުން ގަނޑުވިއެވެ. މާތްކަލާކޯއެވެ. އަހަރެންގެ މިނުބައި ނުލަފާކަމުގެ ސަބަބުން އަމިއްލަ އަތުން ހުދު އަހަރެންގެ އަމިއްލަ މަންމަ ޤަތުލުކުރެވުނީއެވެ. އަހަރެންގެ މަންމަގެ ގާތުލަކީ އަހަރެން ކަމުގައި ވެއްޖެއެވެ. އަހަރެންގެ ނުކުޅެދޭ ކޮއްކޮ މުޅި ދުނިޔެއަށް ގިނަކޮށް ބާކީކޮއްލެވުނީއެވެ.
މިހާރު އަހަރެންގެ މުޅި އުމުރު ހޭދަކުރަން ޖެހިފައިވަނީ ޖަލުގައެވެ. މި އެކަނިވެރިކަމުގައެވެ. މިހިތާމައިގައެވެ. ކޮއްކޮގެ ހާލެއް ނޭނގޭތީ އަހަރެން ވަރަށް ހިތާމަކުރަމެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ. މިހާރު އަހަރެން މިދަނީ މިހުރިހާ ކުއްތަކާއި ފާފަތަކަށް ހައްގު އަދަބު ލިބިގަންނަމުންނެވެ. އޭގެ އެންމެ ހިތި ގޮތުގައެވެ.
ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަރީޝާ މޫސާ، ގްރޭޑް 11 އޭ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ޝާއިއު ކުރުމަށްފަހު އެވެ.