ޝަހީދާ އިބްރާހިމް
އަހަރެން ޤަބޫލުކުރާގޮތުގައި އަހަރެންނަކީ ކުށްވެރިއަކީމެވެ. މީހަކަށް އިތުބާރުކުރުމަކީ ކުށަކަށްވާނަމަ އަހަރެން ކުށްވެރިއަކަށް ނުވާނެ އެއްގޮތެއްވެސް ނެތެވެ. އަހަރެންނަށް އެކުށުގެ އަދަބުވެސް ލިބިއްޖެ އެވެ. ޖަލެއްގައި ބަންދެއްނުކުރެ އެވެ. ތަޅާއަނިއާއެއްވެސް ނުކުރެއެވެ. އެހެންނަމަވެސް ނުފިލާނޭފަދަ ޒަހަމްތަކެއް ހިތުގައި ލައިފި އެވެ. ވައްކަންކޮށް މީހުންމަރާހަދާ މީހުންވެސް މިނިވަންކަމާއެކު ދުވެނަގަނީ އެވެ. އެހެންނަމަވެސް އަހަރެން މިއިންނަނީ އަހަރެންގެ އަމިއްލަ ނަފްސަށް މަލާމާތްކޮށްލަކޮށްލަ އެވެ. އަހަރެންނަށް މިކުރެވުނު ކުށަކީ ހަމަ މިހާ ވޭން ތަހައްމަލު ކުރަންޖެހޭނެ ވަރުގެ ކުށެއް ހެއްޔެވެ؟
އަހަރެންނަކީވެސް ފުރާވަރުގެ ދުވަސްވަރު ވަރަށް މަޖަލާއި ސަކަރާތުގައި ހޭދަކުރި ކުއްޖަކީމެވެ. އެހެންނަމަވެސް ކިޔެވުމުގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމެވެ. އަހަރެންގެވެސް ވަރަށް ގާތް އެކުވެރިން ތިބެއެވެ. އޭގެތެރެއިންވެސް ލީންއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. ޕްރައިމަރީ ގުރޭޑްތަކުން ފެށިގެން ސްކޫލް ނިމެންދެންވެސް އަހަރެމެން އުޅުނީ އެއްކުލާހެއްގައި އެކުއެކީގައެވެ. އަހަރެން ޤަބުލުކުރާގޮތުގައި އަހަރެމެން ދެމީހުންނަށް އެކަކުއަނެކަކު ވަރަށް ރަނގަޅަށް އެނގެ އެވެ.
އަހަރެމެން ގުރޭޑް 11 ގައި އުޅުނު އަހަރެވެ. އެހާ ދުވަސްވީއިރުވެސް އަހަރެމެން ލޯބީގެ ވާހަކަތައް ސީރިއަސްކޮށް ދައްކާ ނުހަދަމެވެ. އެހެންނަމަވެސް ސަމާސާކުރުމުގެ ގޮތުން އެކިއެކި ފިރިހެންކުދިންގެ ނަންތަކުން އެކަކު އަނެކަކާ ދިމާކޮށްހަދަމެވެ. އެގޮތަށް ދިމާކުރުމުގެ ތެރެއިން އަހަރެންނަށް ކުއްޖަކު ދެކެ ލޯބިވެވުނެވެ. އެހެންނަމަވެސް އެންމެފުރަތަމަ ލީންއަށް އެކަން އަންގަން ބޭނުންނުވީ އޭނާގެ ދިމާކުރުންތައް މާމައްޗަށް ދާނެތީ އެވެ. އަހަރެން ނިންމީ ރައްޓެހިވުމަށްފަހު ލީންއަށް ސަޕްރައިޒެއް ދިނުމަށެވެ. އަހަރެންނާއި އެއްކުލާހެއްގައި ކިޔަވަމުންއައި ފައިޒާންއަކީ އަހަރެން ވަރަށް ހިތްކިޔާކަހަލަ ގޮތެއްހުންނަ ކުއްޖެކެވެ. ލަދަކާހުރެ ތަދެއް ނުފިލާނޭ ހިތާފައި އަހަރެން ނިންމީ ފައިޒާންއަށް އަހަރެންގެ ހިތުގެ އިހްސާސްތައް ބަޔާންކޮށްދިނުމަށެވެ. ކަންދިމާކުރިގޮތުން އަހަރެންގެ ނަސީބު ވަރަށް ރަނގަޅެވެ. އަހަރެމެން ދެމީހުންގެ ލޯބީގެ ބަގީޗާގައި މާ ފޮޅުވަން ފެށީމެވެ.
” އޭ ޝައްފަ! މިއުޅެނީ މާމަޖާކަމެއް ވެގެން. އަހަރެންގެ ބޭބެ އަޒާން ހުންނަނީ ޝައްފަގެ ބެސްޓް ފްރެންޑާ ހެދި މޮޔަވެފަ. އަޅެ ލީންއާ ވާހަކަދައްކައިގެން މިކަންވޭތޯ ބަލަމާ އުޅޭ. އޭރަށް ކިހާ މަޖާވާނެދޯ! ދެން މިހާރު ޝައްފަ ލީންއަށް ދެ ސަޕްރައިޒް އެކީދޭންވީނުން.” ފައިޒާން ފާޅުކުރީ ވަރަށް ރަނގަޅު ޚިޔާލެކެވެ.
އޭރު އަޒާން ކިޔަވަމުންދިޔައީ ގުރޭޑް 12 ގައެވެ. އަހަރެމެން ދެމީހުންވެގެން އެ ޚަބަރު ލީންއަށް ދިނީމެވެ. އެހެންނަމަވެސް އަހަރެމެން ލީންގެ މޫނުމަތިން ދެކެން ބޭނުންވި ކުލަވަރެއް ނުފެނުނެވެ.
“އަހަރެންނަށް ވިސްނާލަން ވަގުތުކޮޅެއްދީ!” ލީން ދިނީ ވަރަށްކުރު ޖަވާބެކެވެ. ލީން ވިސްނީ ކޮން ކަމަކާކަމެއް ރޭވީކޮން ރޭވުމެއްކަމެއް އަހަރެމެނަކަށް ނޭނގެއެވެ.
“އަހަރެން އަޒާންއާ ގުޅެން ތައްޔާރު! އޭރަށް އަޅެ ހާދަ މަޖާވާނޭދޯ! އޭ ޝައްފަ! އަހަރެމެން ދެމީހުން ދާނީ އެއްގެއަކަށް ދޯ! ” ލީންގެ ޖަވާބު އައިއިރު އޭނާ ހުރީ މުޅީން ބަދަލުވެފައެވެ. ސަބަބެއް ނޭނގެއެވެ. އެހެންނަމަވެސް އަހަރެމެން އެކަމާ އުފާކުރީމެވެ.
ސްކޫލް ދައުރު ނިމިއްޖެ އެވެ. ކުރިއެކޭވެސް އެއްގޮތަށް ރަނގަޅު ނަތީޖާއަކާ އެކުއެވެ. އަބަދުވެސް އަހަރެންގެ ކާމިޔާބީތަކުގައި ލީން ބައިވެރިވާގޮތަށް ބައިވެރިވި އެވެ. ދެން އަހަރެމެން ކުރިމަތިލާން ޖެހެނީ ސްކޫލްގެ މައިދާނާ މުޅިން ތަފާތު މާހައުލަކަށެވެ.
ސްކޫލް ނިމުނުތާ މާ ގިނަދުވަހެއްނުވެ. އަހަރެމެން 4 މީހުންގެ ކައިވެނިވެސް ކުރެވުނެވެ. އަހަރެމެންގެ ރައްޓެހިންނަށްވެސް އެކަންވީ ވަރަށް މަޖާކަމަކަށެވެ.
“ޝައްފަ އާ ލީން ތި އުޅެނީ މުޅި އުމުރު އެކީ އުޅެން ނިންމައިގެން ދޯ!” ކައިވެނީގެ ތެރެއިން އެކުވެރިއަކު އަހަރެމެންނާ ދިމާކޮށްލި އެވެ.
ކައިވެންޏަށްފަހު އަޒާން ދިޔައީ ރިސޯޓަކަށެވެ. ކަންދިމާކުރިގޮތުން ލީންއަށާއި ފައިޒާންއަށް ވަޒީފާ ލިބުނީ އެއް އޮފީހަކުންނެވެ. ކަސްޓަމްސް އިންނެވެ. އަހަރެންނަށް ވަޒީފާ ލިބުނީ ދިރާގުގެ ޑައިރެކްޓަރީ އެންކުއަރީސްގެ ސެކްޝަނުންނެވެ.
ކައިވެންޏަށްފަހު އަހަރެން އުންމީދުކުރިފަދަ ދިރިއުޅުމެއް ނުފެނުނެވެ. އޭގެ ބަދަލުގައި އަހަރެންނަށް ފެންނަމުންދިޔައީ ޤަބޫލްކުރަންދަތި މަންޒަރުތަކެކެވެ. އަހަރެންގެ އެންމެގާތް އެކުވެރިޔާ ލީން މުޅިން ބަދަލުވާންފެށިއެވެ. ގޭގައި މީހަކު ނޫޅޭވަގުތު އަހަރެންނާ ދިމާއަށް އެއްޗެހިކިޔަން ފެށިއެވެ. ގިނަދުވަހަށް ރޮވޭވަރަށް އޭނާގެ ހިތަށް އައިހާއެއްޗެއް ގޮވައެވެ. މަންޒަރު ސާފުވާންފެށީ ދެނެވެ.
“ކަލޭ ހީކުރީތަ އަބަދު އަހަރެން ކަލޭގެ ދަށުގަ އުޅޭނެޔޭ. މިއޮއްހުރިހާ ދުވަހު އަހަރެން މި ކެތްކުރީ. މިހާދުވަހު އެކީއުޅުނުއިރު ނޭނގުންތަ އަހަރެން ފައިޒާންދެކެ ލޯބިވާކަމެއް. އެނގޭތަ އަހަރެން އަޒާންއާ ކައިވެނި މިކުރީވެސް ފައިޒާން ހޯދުމުގެ ބޭނުމުގަ. ބަލަން ހުންނާތި! އަތުލާފަ ދޫކުރާނީ. ސްކޫލްގަ އުޅުނުއިރުވެސް އަބަދުވެސް އަހަރެން ކަލެއަށްވުރެ ދަށުގަ ބަހައްޓަން ކަލޭ މަސައްކަތްކުރީ. ހީކުރީދޯ ކަލެއަށްލިބޭ ކާމިޔާބީތަކުގައި އަހަރެން ވަރަށް އުފާވާކަމަށް. ތީ ކުށްހީއެއް އަހަރެން އަބަދުވެސް ކަލެއަށް ހަސަދަވެރިވަން. ތިހެން ކޮންމެ ކަމެއްގައި އަހަރެންނަށްވުރެ ކުރިއަރަން ނޫޅޭ.” އެއީ ހަމަ ކުރީގެ ލީންބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
ކުރިން ލީން ފައިޒާންދެކެ ލޯބިވާކަމެއް އަހަރެން ނުދެނަހުރީމެވެ. އެނގޭނަމަ ހަމަގައިމުވެސް ލީންއަކަށް އަހަރެން ދެރައެއް ނުދިނީމުހެވެ. ކުރިން އަހަރެންނަށް ފެނުނު ލީން އަހަރެންނަށް ލިބޭ ކޮންމެ އުފަލެއްގައި ބައިވެރިވެ އެވެ. އެކަމަކު އެ ހިނިތުންވުމުގެ ފަހަތުގައި އަނދަމުންދިއައީ އަލިފާންކަން އަހަރެންނަށް ނޭނގުނީ އެވެ.
ލީންގެ ކަންތައް ދިއައީ ހައްތަހާ މައްޗަށެވެ. އަހަރެން އަދިވެސް ކެތްކުރީ އެއީ އަހަރެން އެންމެ އިތުބާރުކުރި ލީންކަމަށް ވާތީ އެވެ. އެހެންނަމަވެސް އަހަރެންނަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް ނޫންހެއްޔެވެ؟ ކުރިން ލީން އޮފީހަށް ދަނީ ހިނގާފަ އެވެ. އެހެންނަމަވެސް މިހާރު ކޮންމެވެސް ބަހަނާއެއް ދައްކައިގެން ފައިޒާންއާއެކީ ސައިކަލުގައި ދެވޭތޯ ބަލަ އެވެ. އަހަރެންނަށް ފައިޒާންގާތު އެވާހަކަ ދައްކާކަށްވެސް ނުކެރުނެވެ. އޭރުން އޭނަ ހީކުރާނީ އަހަރެން ހަސަދަވެރިވަނީ ކަމަށެވެ. ކުރިން ދެފަހަރީގެ ނަފްރަތު އަހަރެންނަށް ފެންނަނީ ޑްރާމާ ސީރީސް ތަކުންނެވެ. އެ ސީރީސްތަކުގައި ފެންނަ ހުރިހާކަމެއް އަހަރެންގެ ދިރިއުޅުމުންވެސް ފެންނަމުންދިއަ އެވެ. ކައްކާ އެއްޗެއްސަށް ލޮނުއެޅުމާ މީހުންގާތު ފާޑުފާޑުގެ ވާހަކަ ދެއްކުމާއި އެއްޗެއްސަށް ގެއްލުންދޭތަން އަހަރެންނަށް ފެންނަނީ މިބުނާ ޑްރާމާތަކުންނެވެ. އެހެންނަމަވެސް ފިލްމުތަކުގައި ފެންނަ ކަންތައްތަކާ އަހަރެންގެ ދިރިއުޅުމުގައި މި ފެންނަ ކަންތައްތަކާއި އެއްވެސް ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ މިއީ ފިލްމަކަށް ނުވާކަމެވެ. މިއީ ހަޤީޤީ ދިރިއުޅުމެކެވެ. ހިޔާލެއް ނޫނެވެ. އެއްގެއެއްގައި ދެ ފަހަރިއަކަށް މޫނު ސީދާކޮށްގެން ނޫޅެވޭނޭ އެންމެންވެސް ކިޔާއަޑުއަހަމެވެ. އެއީ ހަމަ ހަޤީގަތެއްކަން އަހަރެންނަށް އަދި މި އެނގުނީއެވެ. އެކަމަކު އަހަރެން މި ގޮތެއް ބޭނުމެއް ނޫނެވެ. އަހަރެން އަހަރެންގެ ފިރިމީހާ ބޭނުމެވެ. އެންމެގާތް އެކުވެރިއާވެސް ބޭނުމެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ބޭނުމެވެ.
އަހަރެންނަށް ހަވީރު ޑިއުޓީ ނިމުނު ދުވަހެކެވެ. ގިނަދުވަހަށް އަހަރެންގެ ޑިއުޓީތައް ހުންނަގޮތުން ފައިޒާންއަކާ ދިމަލެއް ނުވެއެވެ. އެހެންނަމަވެސް މިއަދު އައީ ފައިޒާންއާ ދިމާވާނެތީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. ގެއަށް އައިރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކޮޓަރިއަށް ވަތްތަނާ ފެނުނު މަންޒަރުން އަހަރެން ހުރިތަނަށް މަރުވެގެން ވެއްޓޭނެ ނަމައޭ ހިތަށްއެރިއެވެ. ލީން އޮތީ އަހަރެންގެ އެނދުގައި ނިދާފައެވެ. ކައިރީގައި ފައިޒާންވެސް އޮތެވެ. އައި ރުޅިންނާ ވި ދެރައިން އަހަރެންނަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ދެމީހުންވެސް ސިހިފައި ތެދުވިއެވެ.
“އަސްލު ޝައްފާ ވީގޮތަކީ އަހަރެން ފާހާނައިން ނިކުތްއިރު ލީންއޮތީ މި އެނދުގައި ނިދާފަ. އެހެންވެ އެއޮތީ ނުގޮވާ ބާއްވާފަ” ލަދުގަންނަން ޖެހުނީ އަހަންނެވެ. ލީންގެ މޫނުމަތިން ފެނުނީ ވިހަ ހިނިތުންވުމެކެވެ.
“މިހާރު ފައިޒާން އެހެރީ އަހަރެންގެ ބާރުގެދަށުގަ އަހަރެން މިހިތަނީ އަސްލު އަހަރެންވެސް ފަންޑިތަ ނުހެދިއަސް ހާދަމޮޅޭ ދޯއޭ. ދެން ހިއެއްނުވޭ އިނގޭ މާގިނަ ދުވަހު ޝައްފައަށް އުޅެވިދާނެހެނެއް އަހަރެން ކުރިންވެސް ވަރަށް މަސައްކަތްކުރީމޭ ކަލޭމެން ދެމީހުން ދުރުކުރެވޭތޯ ހަނދާންވޭތަ ސްކޫލުގައި އުޅުނުއިރު ފައިޒާންއަށް އަހަރެން އެކި މީހުން ނަމުގަ ސިޓީ ފޮނުވިން ޝައްފަ ވަރަށް ކަޑަވާނޭ ކިޔައިގެން، އޭރު އަހަރެންނަށް ކާމިޔާބު ނުވިއަސް މިހާރުދެން ހަމަ ޔަޤީން.” އަހަރެން ލީންއަށް ދެރައެއް ދޭކަށް ދުވަހަކުވެސް ހިތަކަށް ނާރުވަމެވެ.
އެކަމަކު އޭނަ އެއުޅެނީ އަހަރެންގެ ދިރިއުޅުމުގައި އަލިފާންނުޖަހާ ނޭވާވެސް ނުލެވިގެންނެވެ. އަހަރެން އެންމެފަހުން ފައިޒާންއަށް ހުރިހާ ވާހަކައެއް ކިޔާދޭން ނިންމީމެވެ. އެހެންނަމަވެސް އަހަރެން ހަމަ ރަނގަޅަށްވެސް ބަލިވެއްޖެ އެވެ. ފައިޒާންއާ ވާހަކަ ދެއްކިވަރަކަށް އޭނަގާތަށް އައީ ރުޅިއެވެ. ލީން ހުރީ ހަމަ ރަނގަޅަށްވެސް ފައިޒާން ވާވައްދާލާފައެވެ. އެންމެފަހުން އަހަރެމެން ދެމީހުން ލޯބިންޖެހި ކައިވެނީގެ ގޮށްވެސް މޮހުނީއެވެ.
ފައިޒާން އަހަރެން ވަރިކުރުމާއެކު ލީން އަޒާންގެ ގާތުން ވަރިވާން އެދުނެވެ. އެއީ ކިހާ ހުތުރު ކަމެއްކަން އޭނާއަށް ނޭނގެނީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަޒާން ހުރީ ވާނުވާ ނޭނގިފައެވެ. އަހަރެން ހުރިހާ ވާހަކައެއް އަޒާންއަށް ކިޔައިދިނީމެވެ. އޭނާހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. އޭނާގެ ކޮއްކޮ އޭނާއަށް އެހާބޮޑު އަނިއާއެއް ދޭނެކެމަކަށް ހުވަފެނުންވެސް އޭނާ ނުދެކެމެވެ. ހަދާނެގޮތެއް ނޭނގިގެން އަޒާންއަށް ޖެހުނީ ލީން ވަރިކުރާށެވެ. އެކަކު ލޯބިވެގެން ދިރިއުޅުން ދިރިއުޅުމަކަށް ނުވާނެކަން އެނގޭތީއެވެ. ފައިޒާންއާއި ލީންގެ ކައިވެނި ކުރެވިގެންދިއައެވެ. އަހަރެންގެ ހަޔާތުގައި އަލިފާން ޖަހާފައެވެ. ފިރިހެނުންނަކީވެސް ހާދަގޮތްކުޑަ ބައެކެވެ. އޭރަކު ހިތްއެދޭ ދިމާއަކަށް ދިއުމަކީ އެމީހުންގެ އާދައެވެ. ބައެއްމީހުން ދެކޭގޮތުގައި ދިރިއުޅުމަކީ ކުޅިވަރެކެވެ. ހަޤީޤީ ލޯބިވާމީހެއް ހާހަކުންވެސް ނުފެންނާނެއެވެ. ބައެއްމީހުން ބުނާތީ އަހަރެންވެސް އަހަމެވެ. މީހެއްގެ ދިރިއުޅުން ހަލާކުކޮއްލި މީހަކަށް އުފަލުގައެއް ނޫޅެވޭނެއެވެ. އަހަރެން އެދެމީހުން ދިރިއުޅުމަށް ފުރުޞަތު ދީފައި އެއްކައިރިވެލީމެވެ. ދެން ހެޔޮވިސްނިގެން އަޔަސް އެކަކަށް ދޭނެ މާޢާފެއް ނެތެވެ. ކުރާނެ އިތުބާރެއްވެސް ނެތެވެ. އަހަރެން ވީލޯތްބާއި ކުރި އިތުބާރު ކަފުންކޮށް ވަޅުލައިފީމެވެ. އަހަރެންނަށްވެސް ދުނިޔެ ދަސްވެއްޖެއެވެ. ތިމާ އެންމެ ލޯބިވާ މީހަކީ ނުވަތަ ތިމާއާ އެންމެ ގާތުގައި އުޅޭ މީހަކީ ކޮންމެހެން ތިމާއަށް ހެޔޮއެދިގެން އުޅޭ މީހުންނެއް ނޫނެވެ. އެމީހަކަށް ތިމާއަށް އިތުބާރު ކުރެވިއްޖެ ނަމަ އޭގެ ނާޖާއިޒް ފައިދާ ނަގާނެއެވެ. އަހަރެން މިހާރު އިތުބާރޭ އެކިޔާ ބަސް ޤަބޫލެއް ނުކުރަމެވެ. އަހަރެންނަށް ކުރެވުނު ކުށަކީ އެއީއެވެ. އެކުށް އިތުރަށް ތަކުރާރު ކުރާކަށް ނެތީމެވެ.
ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޝަހީދާ އިބްރާހިމް، ގްރޭޑް 11 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މިއީ މިމުބާރާތުގައި ގެނެސްދެވޭ އެންމެ ފަހު ވާހަކަ އެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ވަރަށް އަވަހަށް އޮންނާނެ އެވެ.