twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (27)

Aug 13, 2013

އޯގަސްޓް  06 ވަނަ ދުވަހުގެ ބަޔާގުޅޭ

ޔޫއާން ރިސޯރޓަށް ދިއުމަށް ދަބަސް ތައްޔާރު ކުރަންފެށި އެވެ. އޭނާއަށް އެންމެ މުހިއްމު ހުރިހާ އެއްޗެއް ދަބަހަށް އަޅަމުން ދިޔައިރު ހީވަނީ ދެން އެނބުރި އަންނަން ގަސްތު ނުކުރާ ހެންނެވެ. ދަބަސް ތައްޔާރުކޮށް ނިމުނުއިރު ޔޫއާން ހުރީ ދާހިއްލާފައެވެ. ކަރު ހިއްކައިގަތުމުގެ އިޙްޞާސް ކުރެވެން ފެށުމުން ނޫރީންއަށް ގޮވާލިއެވެ.

”ގެނެސްދީބަލަ ފެންތައްޓެއް.” ބަދިގެ ތެރޭގައި ހުރީ ޝާޔާއެވެ. ހެނދުނުގެ ނާސްތާއަށް ބޭނުންވާ ޕާނާއި އެހެނިހެން ސަމާނު ގަތުމަށް ނޫރީން ބާޒާރަށް ދިޔަތާ އިރުކޮޅެއް ވެއްޖެއެވެ. މާނާވެސް ވީ ކޮޓަރީގައެވެ. ޝާޔާ އުޅޭ ވަގުތު ތަކުގައި މާނާ ބަދިގެއަކަށް ނުވަންނާނެއެވެ. ޔޫއާން ނޫރީންއަށް ގޮވާލާފައި ފެންތައްޓެއް ގެނެސްދޭށޭ ބުނުމުން ޝާޔާ ކުރަން ހުރި މަސައްކަތް މަޑުޖައްސާލެވުނެވެ. ނޫރީން ނެތޭ ބުނަން އުޅެފައި ފެންތައްޓެއް ގެންގޮސްދިނުމަކީ ގޯސްކަމެއް ނޫން ކަމުގައި ދެކޭތީ އައިސްއަލަމާރިން ފެންފުޅިއެއް ނަގައި ތައްޓަކަށް އަޅައިފިއެވެ. ފެންތަށި ހިފައިގެން ޔޫއާންގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނު އިރު ފުރަގަސްދީގެން އޮވެ ޔޫއާން ދަބަސް ތެރެ ހާވަނީއެވެ. ޝާޔާ މަޑުމަޑުން ދޮރުގައި ޓަކިޖަހާލިއެވެ.

”އާދޭ އެތެރެއަށް.” ޔޫއާން ގެ އަޑު އިވިފައި ޝާޔާގެ ހިތަށް ވީ ގޮތް ބުނެދެންވެސް ނޭނގެއެވެ. މުޅި މީހާ ފާޑަކަށް ފިނިވިއެވެ. ދެފައި ތުރުތުރު އަޅަންފެށިއެވެ. ފެންތަށިވެސް ހީވަނީ އަތުން ދޫވާން އުޅޭ ހެންނެވެ. ޝާޔާ ހިތްވަރު ކޮށްފައި އެތެރެއަށް ހިނގައިގަތެވެ. ޔޫއާން އާއި އަރާ ހަމަވުމުން ކުއްލިއަކަށް ޔޫއާން އެނބުރުމުން ޝާޔާ ސިހިގެން ދިޔައެވެ. ޔޫއާން އާއި ހަތަރު ކަޅި ހަމަވި ވަގުތު ހީވީ މާޒީގެ ހަނދާންތައް އާވެގެން ދިޔަހެންނެވެ. ދެލޯ ފެންކަޅިވީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.

”ނޫރީން ކައިރީގައޭ އަހަރެން ބުނީ.” ޔޫއާންގެ ދެލޮލުން ރުޅިވެރިކަން ފެނި ޝާޔާގެ ހިތުގައި ޖެހުނެވެ. ޝާޔާއަށް ތިރީ ތުންފަތުގައި ދަތް އަޅާލުން ފިޔަވާ އިތުރު ހަރަކާތެއް ނުގަނެވުނެވެ.

”އަހަރެން ތިއެއް ބޭނުމެއް ނޫން. ތި ގެންދޭ. އަހަރެންނަށް ބޭވަފާތެރިވި މީހަކަށް އަހަރެން ބޭނުމެއް ނޫން އިތުބާރު ކުރާކަށް. ތިއަށް ޒަހަރު ލާފައި ނެތްކަމެއްވެސް އަހަންނަކަށް ނޭނގެ.” ޔޫއާންގެ ބަސްތަކުން ޝާޔާގެ ހިތް ކުދި ކުދި ވަމުން ދިޔައެވެ. ކުރިންވެސް ޒަހަމްވެފައިވާ ހިތުގައި އުފެދުނު ފާރުތައް ބޮޑުވެގެން ދިޔައެވެ.

”އަދިވެސް ހުރީތަ؟” ޔޫއާން ދަތްވިކާލާފައި އިސްއުފުލާލި އިރު ޝާޔާގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނި ރުޅި ފިނިވެގެން ދިޔައެވެ. ޔޫއާންގެ ހިތުގައި ޖެހުނީ ޝާޔާގެ ލޮލުން ކަރުނަތައް ބަންޑުންވާ މަންޒަރު ފެނިފައެވެ. ހަރު ހިލައަށް ހަދައިގެން ހުންނަން ބޭނުންވިއަސް އައިސްފެންގަނޑެއް ވިރިގެންދާ އުސޫލުން މަޑުވެގެން ދަނީ ކީއްވެކަމެއް ނޭނގެއެވެ. ލޯބިވާ މީހަކު ދެކެ ނަފްރަތު ކުރުމަކީ އެންމެ އުދަނގޫ ކަންތައް ކަމުގައި މޮޅެތި ލިޔުންތެރިން ލިޔެފައި ހުންނަ ވާހަކަތަކުގައި ގެނެސްފައި ހުންނަތަން ދެކެއެވެ. އޭރު އެ ޖުމްލަތަކަށް ޖޯކު ޖެހިއަސް އެ ލަފްޒުތަކުގެ މާނަ ފުންކަން ވަޒަން ކުރެވެނީ އެކަން އަމިއްލައަށް އިޙްސާސް ކުރަން ޖެހުމުންނެވެ. ނުދަންނަ މީހަކު ދެކެ ލޯބިވުމަކީ ހާދަ ފަސޭހަ ކަމެކެވެ. އަދި އެފަރާތަށް އިތުބާރު ކުރުމަކީވެސް އެހާ ފަސޭހައިން ކުރެވޭ ކަމެކެވެ. އެކަމަކު ނަފްރަތު ކުރަން ބޭނުންވިއަސް އެކަން ފަސޭހަ ނުވަނީ ކީއްވެ ބާއެވެ؟

ޝާޔާ ކަރުނަތައް ފޮހެލިއެވެ. ފެންތަށި ހިފައިގެން އެނބުރި ހިނގައިގަތުމުން ހުއްޓުވާފައި އެ ފެންތަށި ބޯލަން ޔޫއާން ހުރީ ބޭނުން ވެފައެވެ. ޝާޔާ ދެލޮލުން ފޭބި ކަރުނަތަކުގެ ޒިންމާ ނަގާފައި އެ ކަރުނަތައް ފޮހެދެން ބޭނުންވިއެވެ. އެކަމަކު ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެއީ އޭނާގެ ދޮންބެ ދައްތައެވެ.

ހެނދުނުގެ ސަޔަށްފަހު ކޮޓަރިތައް ސާފުކުރިއެވެ. އަދި މެންދުރުފަހު އަނީސާ އާއި އީރާ އެގެއަށް ބަދަލު ކުރެވުނެވެ. އަނީސާ އެގެއަށް އައިސް ޝާޔާ ދެކެ ލޯބިން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ދެއްކުންތެރިކަމުގެ ފަރުދާއިން ނިވާވެގެން އަނީސާގެ ހުރިހާ ލޯތްބެއް ޝާޔާއަށް ހުސްކުރި އިރު ޝާޔާގެ ހިތްވަނީ މަންމައަށްޓަކައި ފުރިފައެވެ. މަންމަ ނުރުހުންވެފައި އެންމެ ބަހެއް ބުންޏަސް އޭނާއަށް ބަރުދާސްތު ކުރަން އެހާ އުދަނގުލެވެ. މަންމަ އޭނާގެ މައްޗަށް ހެޔޮވުމަކީ ކޮންމެ ނަމާދަކަށްފަހު ކުރާ ދުއާއެވެ.

މެންދުރު ފަހުގެ ވަގުތެވެ. ސަލަފް ފެންވަރާލައިގެން ނިކުމެ ސޯފާގައި ޖައްސާލީ ލެޕްޓޮޕް ހިފައިގެންނެވެ. އޮފީހަށް ވަން ފަހުން ނެގި ފުރަތަމަ ޗުއްޓީވެސް ހީވަނީ ވަރަށް ބޭކާރު ކޮށްލެވޭ ވަގުތު ތަކެއް ހެންނެވެ. ގޭގައި ހުރެގެން ކުރާނެ ކަމެއް ނުހުރެއެވެ. މިޒާޖުގެ ގޮތުން ހުންނަ މަޑުމައިތިރި ކަމުގެ ސަބަބުން އެކުވެރިންވެސް ވަރަށް މަދެވެ. ދަންނަ ގިނަ މީހުންނަކީ ވިޔަފާރީގެ ގޮތުން ދަންނަ ބައެވެ. ވިޔަފާރީގެ މުއާމަލާތް ނިމުމުން އެމީހުންގެ ކަންތައް ނިމުނީއެވެ. ލެޕްޓޮޕް ހުޅުވާލުމަށްފަހު އެފް ބީ އިން ލޮގިން ވީއިރު ފުރަތަމަވެސް ފެނުނީ އައިސްފައި އިން މެސެޖެކެވެ. މެސެޖު ވިއުކޮށްލުމުން ސަލަފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

”އައި އެމް ބެކް.”’ ޖަހާފައިން އިން މެސެޖުން އޭނާއަށް ލިބުނީ ބިރުވެރި ކަމެކެވެ. މެސެޖު ފޮނުވި ފަރާތް ޗެކު ކޮށްލެވުމުން އިތުރަށް ލިބުނީ ހާސް ކަމެކެވެ. އޭނާގެ ސިކުނޑި މާޒީގެ ތެރެއަށް ފީނައިގަންނަން އުޅުމުން ގަދަކަމުން ހަމައަކަށް އަޅުވާލެވުނެވެ. މާޒީ އަކީ އޭނާގެ އަނދިރި ފަރާތެވެ. ގާތް އެކުވެރިންނާއި އާއިލާގެ ގުޅުން މެދު ކެނޑިގެން ދިޔަ ސަބަބެވެ. އެ ހުރިހާ ހަނދާންތައް އާކުރަން މިއަދު ބޭނުމެއް ނޫނެވެ. މާޒީ އާއި ދުރަށް އާދެވުނީ އެތައް ދުވަހެއްގެ މަސައްކަތަށްފަހުގައެވެ. މަސައްކަތުގައި މަސްއޫލުވެގެން އުޅެން ފެށީ އެ ހަނދާންތަކާއި ދުރުވާން ވެގެންނެވެ. ސަލަފް ލެޕްޓޮޕް މޭޒުމަތީގައި ބަހައްޓާލިއެވެ. އަދި އެއަތް ނިތްކުރިމަތީގައި ބާއްވާލައިގެން އޮވެ ދެލޯމަރާލިއެވެ. ފެންވަރާލައިގެން ހުރުމުން ވަރަށް އަވަހަށް ނިދާލެވުނެވެ.

އަނީސާގެ ގާތުގައި ހުރެފައި ޝާޔާ ކޮޓަރިއަށް ވަންއިރު ސަލަފް އަށް ނިދިފައި އޮތް ތަން ފެނުނެވެ. ހުޅުވާލާފައި ހުރި ލެޕްޓޮޕް ފެނުމުން އެ ލައްޕާލުމުގެ ނިޔަތުގައި ކައިރިވެލި ވަގުތަކީ ދެވަނަ މެސެޖު އައި ވަގުތެވެ.

”ޔޫ ދެއަރ.” މެސެޖު ކިޔާލުމަށްފަހު ޝާޔާ ބޭނުންވީ ލޮގްއައުޓް ވެލާށެވެ. އެކަމަކު މެސެޖު ފޮނުވި ފަރާތުގެ ނަމަށް ބަލާލެވުނެވެ. އީފާގެ ނަމުގައި އިން އެ އަންހެން ކުއްޖާގެ ފޮޓޯއެއް ޕްރޮފައިލްގައި އިނުމުން ޕްރޮފައިލް ހާވާލާ ހިތްވެގެން ވިއުއަށް ޖަހާލިއެވެ. އީފާގެ ފޮޓޯތައް ބަލަމުން ގޮސް ޝާޔާ ހައިރާންވީ ސަލަފް އާއި ވަރަށް ގާތްގޯޅިކޮން ނަގާފައި އިން ފޮޓޯއެއް ފެނުމުންނެވެ. އެ ފޮޓޯގެ އަރިމަތީގައި ނަގާފައި އިން ތާރީޚް އިނެވެ. އެއީ މީގެ ތިން ހަތަރު އަހަރު ކުރީގެ ހަނދާނެކެވެ. އޭރު ސަލަފް ޒުވާންވެފައި ފިރިހެން ވަންތައެވެ.

”ޔަޕް.” ޝާޔާ ޓައިޕް ކޮށްލިއެވެ. ބޭނުންވީ އީފާގެ ފަރާތުން ހަޤީޤަތް ހޯދާށެވެ.

”އަހަރެން ދެކެ ރުޅި އައިސްފައިދޯ. އެނގޭ އަހަރެން މަތިން ހަނދާން ނުހުންނާނެކަންވެސް. ކައިވެނި ކުރިކަންވެސް އެނގޭ.” އެކޮޅުން ފޮނުވި މެސެޖު ކިޔަމުން ދިޔައިރު ނޭނގި ނަމަވެސް ޝާޔާގެ ޝަހާދަތް އިނގިލި އޮތީ އަނގަތެރޭގައެވެ. ދަތްތަކުން ނިޔަފަތި ހަފަމުން ގެންދެވުނެވެ.

”ކީއްވެގެންތަ އެއްޗެއް ނުބުނީ. އަހަންނަށް މަޢާފެއްވެސް ނުކުރާނަންތަ؟ މަޢާފަށް އެދެވުނީ މާ ފަހުން. ބައެއް ކުށްތަކަށް އިސްލާޙްވާން ފުރުޞަތު ލިބެނީ ވަގުތު ފާއިތުވާ ފަހުންނޭ ހިތަށް އަރާ.” އެކޮޅުން އަންނަމުން ދިޔަ މެސެޖުތަކަށް ހުއްޓުމެއް ނައެވެ.

”އައި ނޯ. އައި ވޯސް ރޯންގ. އައި ޓުކް ރޯންގު ޑެސިޝަން.” ޝާޔާގެ ހިތަށް އަރާ ފައިބަމުން ދިޔަ ސުވާލުތައް ގިނަވަމުން ދިޔައެވެ. އީފާ އަކީ ސަލަފްގެ ކާކު ބާއެވެ؟ އީފާ މަޢާފަށް އެދެނީ ކީއްވެ ހެއްޔެވެ؟ ޝާޔާއަށް އަހާކަށް ނުކެރުނެވެ. އީފާއަށް ވާހަކަ ދައްކަނީ ސަލަފް ނޫންކަން އެނގިދާނެތީއެވެ.

”ވައިފް އާއި އެކު ހެޕީތަ؟ ވަރަށް ހެޔޮ ދޯ އޭނާ. ސަލަފް ހިތްހަމަޖެހިގެންނު ތިއުޅެނީ. ސަލަފް ހިތްހަމަޖައްސައިދީ ހައްޤުތަކާއި ޒިންމާތައް އަދާކުރޭ. އެހެންނު.” އީފާގެ އެ މެސެޖާއި އެކު ޝާޔާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އަވަހަށް ކޮންވަޒޭޝަންތައް ޑިލީޓް ކޮށްލުމަށްފަހު ލޮގްއައުޓް ވެލިއެވެ.

އެނދުގައި އިށީނުމާއި އެކު ވިސްނަން މަޖުބޫރުވެގެން ދިޔައެވެ. ފިރިއަކަށް ކޮށްދެންޖެހޭ އެއްވެސް ވާޖިބެއް އަދައެއް ނުކުރެވެއެވެ. ސަލަފް ހިތްހަމަޖެހިގެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ ކައިވެނި ކުރެވުނީ ކިތަންމެ މަޖުބޫރު ކަމުގައި ވިއަސް ޝާޔާ އަދާކުރަންޖެހޭ ވާޖިބުތައް ދޫކޮށްލުމަށް އުޒުރު ދެއްކޭނެ ހާލަތެއް ނާންނާނެއެވެ. ސަލަފް ހިތާއި ދެކޮޅަށް ނިދަނީ ކިތައް ރޭ ކަމެއްވެސް ނޭނގެއެވެ. އޭނާ ފާފަވެރިވެފައި ވަނީ ކިހާ މިންވަރަކަށް ކަމެއް ނޭނގެއެވެ. ޝާޔާ ވިސްނަން އޮވެފައި ބޮލަށް ބަރުވާން ފެށުމުން ފެންވަރާލަން ވަނެވެ.

ރޭގަނޑުގެ ވަގުތުތައް ޒަވީންއަށް ވަނީ ދިގުވެފައެވެ. އެކޮޅަށް ދިޔަފަހުން ސުދާގެ ޚަބަރެއް ނުވުމާއެކު މާޔޫސްވެފައި ހުރެ ބެލްކަންޏަށް ނިކުތެވެ. އާދައިގެ ވަރަކަށް ޖެހެމުން ދިޔަ ރޯޅިތަކާ އެއްވަރަށް ބެލްކަނީގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކަށް ދެފަރާތަށް ނަށަމުން ދިޔައީ ހިތްގައިމު ގޮތަކަށެވެ. ޒަވީން އުޑާއި ދިމާލަށް ބަލާލުމުން ފެނުނީ ކަޅު ސާލެއް އޮޅާލައިގެން އޮތް ހާމަ އުޑެވެ. ތަރިތަކާއި ހަނދު ނެތުމުން ފަޅުކަމަށް ދައްކައެވެ.

ޒަވީން ޖީބުން ސިގިރެޓް ފޮށި ނަގައި ސިގިރެޓެއް ރޯކޮށްލިއެވެ. އެކަނިވެރިވާ ވަގުތުތަކުގައި ދެވަނަ މިތުރަކަށް ސިގިރެޓް ހަދާލީ އޭގައިވާ ގެއްލުންތައް ނޭނގޭތީއެއް ނޫނެވެ. އެއީ ހިތާއި ސިކުނޑި ހަމަޖައްސައިދޭން މަސައްކަތް ކުރާ ވަބާއެއް ކަމުގައި ޤަބޫލު ކުރެވޭތީއެވެ. ސިގިރެޓް އެތެރެއަށް ދަމާލުމަށްފަހު ބޭރުކޮށްލި ދުންގަނޑު ވައިގެ ތެރެއަށް ފެތުރިގެން ދިއުމާއި އެކު އެތަނުގައި ސިގރެޓްގެ ވަސް ގަދަކޮށްލިއެވެ.

ސައިކަލެއް ބަރުގަނޑު އަޅުވާ އަޑަށް ބެލްކަނީގައި ހުރެފައި ޒަވީން ބަލާލިއެވެ. ނިދިފައި އިން ސެކިއުރިޓީ މީހާ ތެދުވެ ބޭރު ބަލާލާފައި ސައިކަލުގައި އިން މީހާ އެއްޗެއް ބުނުމުން އައިސް ގޮނޑީގައި އިށީނެވެ. ޒަވީން އެތަން ބަލަން ހުއްޓާ އީރާ ދާތަން ފެނުނެވެ. ޒަވީންއަށް ބަލާލެވުނީ ގަޑިއަށެވެ.

މެންދަމު އެކެއްޖަހަނީއެވެ. ޒަވީން އެމީހުން ދާ ތަނެއް ބަލަން ބޭނުންވިއެވެ. ސިގިރެޓް ބުރި ބޭރަށް އެއްލާލުމަށްފަހު ވަރަށް ބާރަށް ނިކުންއިރު ސައިކަލު ނައްޓާލައިފިއެވެ. ޒަވީން ކާރަށް އަރާ ސައިކަލުގެ ފަހަތުން ދުއްވަމުން ދިޔައެވެ. ސައިކަލު ހުއްޓީ ޝަހުދު އުޅޭ ގޭ ދޮރުމަތީގައެވެ. އީރާގެ އަތުގައި ހިފައިގެން ޝަހުދު އެތެރެއަށް ވަނުމުން ޒަވީން އަނބުރާލާފައި އައިސް ވަނީ ގެއަށެވެ. މި ޒަމާނުގެ އަންހެން ކުދިންގެ އަޚްލާޤީ ފެންވަރު ހުންނަ ވަރަކީ އެއީއެވެ. މައިން ނިދާ ހަމަޖެހުމުން ހުއްދަ އަކާ ނުލައި ގެއިން ހިލޭ ފިރިހެނުންނާއެކު ނިކުމެ އެކަހެރިވެލަނީ ކުޅަދުންވަންތަ ފަރާތަކުން ބައްލަވާ ވޮޑިގެންވާކަން ނުދަންނީ ބާއެވެ؟ ނޫނީ އެފަރާތުން ދައްކަވާނެ ކޯފާއަކަށް ބިރުވެތިވުން ނެތީބާއެވެ؟

”މަށަށް ކޮންކަމެއް މީހަކު ކޮންމެ ގޮތަކަށް އުޅުނަސް.” ޒަވީން ހިތުން ބުނެލިއެވެ.

ޝަހުދު ކޮޓަރިއަށް ވަދެ ހަމަޖެހިލުމުން އީރާ ފެންފޮދެއް ބޯލަން ބޭނުންވާ ވާހަކަ ބުނެލިއެވެ.

”އީރާ އަންނަމުން އަހަންނަށް ފެންތައްޓެއް ގެނެސްދޭތި.” ޝަހުދު އަށް ބަލާލާ ބޯޖަހާލުމަށްފަހު އީރާ ބަދިގެއަށް ވަދެ އައިސް އަލަމާރިން ފެންފުޅިއެއް ނެގިއެވެ. ތަށި ފުރެންދެން އެޅުމަށްފަހު ޖީބުން ކުޑިހެން ހުރި ހުދު އެއްޗެއް ނަގައި ފެންތަށި ތެރެއަށް ގިރުވާލިއެވެ. އަދި ފެންތަށި ހިފައިގެން އީރާ ޝަހުދުގެ ކައިރިއަށް ދިޔައެވެ. ޝަހުދު ތަށީގައި ހިފާލަމުން ތެދުވެ އީރާ އާއި ކައިރިވެލާ އީރާގެ ތުންފަތުގައި ތަށި ޖައްސާލިއެވެ.

”އަހަރެން މި އައީ ފެންބޮއިގެން.” އީރާ ތުރުތުރު ލަމުން ދިޔައެވެ. ޝަހުދު ހީލާފައި ފެންތަށި ބޯލައިފިއެވެ. އީރާ އެ ތަށި ބަހައްޓަމުން ޝަހުދުގެ އަތުގައި ހިފާ އެނދާއި ދިމާލަށް ހިނގައިގަތެވެ. އީރާ ޝަހުދު އާއި ކައިރިވަމުން ގަމީސް ބޭލުމަށް އެހީވިއެވެ. ޝަހުދު މަސްތުވެފައި ހުރެ އީރާގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު ތުންފަތާއި ކައިރިވެލިއެވެ. ތުންފަތަށް ބޮސްދިނުމުގެ ކުރިން ޝަހުދު އެނދުމައްޗަށް ވެއްޓުނެވެ.

އީރާ ޝަހުދު ލައިގެން ހުރި ޖިންސުގެ ޖީބުން ފޯނާއި ވޮލެޓް ދަމައިގަތެވެ. ވޮލެޓުގައި އިން އޭނާގެ ފޮޓޯގަނޑާއި އޭގައި ހުރި ފައިސާކޮޅު ނެގިއެވެ. އަދި އަވަސް އަވަހަށް އެ ކޮޓަރިން ނިކުމެ ޓެކްސީއެއްގައި ގެއަށް އައެވެ. ޝަހުދުގެ ފޯނު އަތު ޖެހުމުން އީރާ އިނީ ހިތްހަމަޖެހިފައެވެ. އޭގައި ހުރި ފޮޓޯތަކާއި ވީޑިޔޯތައް ފޮހެލުމުން ޝަހުދުގެ ކިބައިން މިންޖުވީއެވެ. އެކަމަކު ހިތް ނުތަނަވަސްވާ ކަމެއް އެބައޮތެވެ. ނިދާ ބޭހުގެ އަސަރު ކެނޑުމުން ޝަހުދު ތެދުވެ އީރާ ހޯދާނެއެވެ.

އީރާ ގެއަށް އައިސް ސިމް ބަދަލުކޮށްލިއެވެ. މިކަމަށް އޭނާ ހުރީ ކުރިންވެސް ތައްޔާރުވެގެންނެވެ. ސިމަކާއި ނިދާ ބޭސް އޭނާ ހުރީ ގަނެފައެވެ. ޝަހުދު ގުޅައިގެން ދިއުމުގެ ކުރިން ބޭސްތައް ހިމުންކޮށްފައި ބެހެއްޓީ ފެނުގެ ތެރެއަށް ވިރުވަން ފަސޭހަވާނެތީއެވެ. އީރާ ޝަހުދުގެ ފޯނު ބަލަމުން ދިޔައިރު އިތުރަށް ހައިރާންވާ އެތައް މަންޒަރެއް ފެނުނެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355