twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުރުވާހަކަ – ކަސްބީ

Aug 24, 2013

އަހުމަދު އިބްރާހިމް

ސްވިޒްލެންޑްގެ ރީތި ވިލާތަކުގައި ބީހެމުންދާ ހުދު ފަރުބަދަތަކެވެ. މީހުން ނޫޅޭ ސަރަހައްދެކެވެ. އަހަރެމެން ދެމީހުންގެ އަޑުނޫން އެއްވެސް އަޑެއް އެއްވެސް ހިސާބެއްގައިވެސް ނެތެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން އަހަރެން ގެންދަނީ ކޮންތާކަށް ހެއްޔެވެ؟ ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން އަހަރެންވެސް ފަހަތުން ދިޔައީމެވެ. ދެމީހުންގެ ހިނގުންވެސް ހުއްޓުނީ ފަރުބަދައިގެ އެންމެ ކުރިއަށް އާދެވުމުންނެވެ. ތިރީގައިވާ އަޑިނޭނގޭ ފުންކަން ފެނުމުން އަހަރެންނަށް އޭނާގެ ގައިގައި ވަރަށްބާރަށް ބައްދާލެވުނެވެ. އެވަގުތު އަހަރެންގެ ފަޔަށް ކުއްލި ފިނިކަމެއް ލިބުނެވެ. މެޔަށްވީ އެހެންކަހަލަ ގޮތެކެވެ. އަހަރެންގެ ގައިން ބާރު ދޫވާކަހަލަ ގޮތެކެވެ. ދެންފެނުނީ އަހަރެންގެ ފައި ބިމުން ނެއްޓުންތަނެވެ. އަހަރެން ހަޅޭއްލަވަލަވަ އޮތީ އޭނާގެ އަތުގައި ހިފައިގެންނެވެ. ނަމަވެސް އޭނާ ހިނިތުންވެލީއެވެ. އެއަށްފަހު އަހަރެންގެ އަތް ދޫކޮށްލާ، ނިމުމެއްނުވާ ފުން އަނދިރިގަނޑެއް ތެރެއަށް އަހަރެން ދޫކޮށްލީއެވެ.

އަހަރެންނަށް ހޭލެވުނީ ގަދަ ސިހުމަކާއެކުވެ. ކައިރީގައި އޭނާ ނިދާފައޮތެވެ. ގައިމަތީގައި އަޅާފައިވާ ރަޖާ ނެގުމަށްފަހު އަހަރެން މިސްރާބު ޖެހީ ފާހާނާއާ ދިމާއަށެވެ. ފާހާނާގެ ދޮރު ހުޅުވާލުމުން ފެންނަންހުރީ 4 ފޫޓުގެ ލޯގަނޑެކެވެ. ލޯގަނޑާ ދިމާއަށް އަހަރެން ވަރަށް ރަނގަޅަށް ބަލާލީމެވެ. ލޯގަނޑުން ފެންނަން ހުރީ ވަރަށް ކުޑަކުޑަ ކުއްޖެކެވެ. މައުޞޫމު ފުން ދެލޮލެވެ. އެކުއްޖާގެ ބޮލުގައި ފުނާއެޅުމަށް އަހަރެންގެ މަންމަ ހުއްޓެވެ. ވަރަށްގިނައިރު އަހަރެން އެތަން ބަލަން ހުރީމެވެ. ކަރުނަތައް ހިފަހައްޓައިގެންނެވެ. ކުޑައިރު މަންމަ ބުނާ ވާހަކައެއް ހަނދާންވިއެވެ. “ކަރުނަ ނުވާ ލޮލަކީ ކަނު ލޮލެކެވެ.” ކިހާ ބޯދާ ވާހަކައެއް ހެއްޔެވެ.

ލޯފަންމީހުންވެސް ރޯނެއެވެ. ކިތަންމެ ވަރަކަށްވެސް ރޯނެއެވެ. ނަމަވެސް މަންމަގެ ބަހުގެ އަސްލު މާނަ ދޭހަވީ މާފަހުންނެވެ. ދުނިޔޭގައި ހިނގާ ޖަރީމާތައް ފެންނަ ކޮންމެ މީހަކަށްވެސް ރޮވޭނެއެވެ. އެ މަންމަގެ އޯގާތެރި ފިރުމުންތަކަށް އަހަރެން މިހިރީ ނިހާޔަތަށް ބޭނުންވެފައެވެ. އަހަރެންގެ ދަރިފުޅުގެ…. އަހަރެންގެ ދަރިފުޅު ކޮބާބާވައެވެ. އޭނާ އުޅެނީ ކޮން ހާލެއްގައި ހެއްޔެވެ؟ އެފަކީރު ހާދަ ރޯނެއެވެ. އަހަރެންނަށްޓަކައި ހާދަ އާދޭހެއް ކުރާނެއެވެ.

ފެންވަރާ ނިމިގެން އަހަރެން ނުކުތްއިރުވެސް އެއްކަލަ މީހާ ނިދާފައި އެބައޮތެވެ. އަހަރެން ރަނގަޅަށް ތައްޔާރުވެލީމެވެ. އަތްދަބަސް ނަގަން ބަލާލިއިރު ދަބަސްހުރީ ފާރުގައި ލައްގާފައި މޭޒެއްގެ މަތީގައެވެ. މޭޒުގައި ފަސްހާސް ރުފިޔާވެސް ބާއްވާފައި އޮތެވެ. އަތްދަބަސް ނެގުމަށްފަހު ރުފިޔާ އަތަށް ނަގައި ފައިވާން ހެޔޮވަރު ކޮށްލުމަށްފަހު ދޮރުން ބޭރަށް ނިކުތީމެވެ. އޭރު އަހަރެންގެ އިންތިޒާރުގައި އާޒިމް ކާރުގައި އިނެވެ. އަހަރެން މަޑުމަޑުންގޮސް އާޒިމްގެ ކާރަށް އެރީމެވެ. އޭނާއާއި މޫނު ހަމަނުކޮށްވޭތޯ ބެލުމަށް އަހަރެން އިނީ އިސްޖަހައިގެނެވެ.

“ހާދަ ލަހެކޭ މިހާރުތިވަނީ!”

އަހަރެން އަނގައަކުން ނުބުނަމެވެ.

“ބަލަ މިހާރު ތިއިންނަނީ ހާދަ މާތް ކަމަނައަކަށް ވެފައި…” މަލާމާތުގެ ރާގަކަށް އާޒިމް ބުންޏެވެ.

ކާރު ނައްޓާލުމާއެކު ދަބަހުގައި އޮތް ފަސްހާސް ރުފިޔާ އަހަރެން އޭނައަށް ދިނީމެވެ.

“ތެންކިޔޫ ބުލް. ޓޫ މޯ ޓުގޯ!” ރުފިޔާގައި ހިފަމުން އާޒިމް ހިނިގަނޑެއް ޖަހާލިއެވެ.

އެދުވަހުގެ ހަވީރު އާޒިމް އަހަރެންގޮވައިގެން މާލެ ކައިރީގައި އޮތް ރިސޯޓަކަށް ފުރިއެވެ. ހެލެނބެލި ރިސޯޓަކީ މީގެކުރިން އަހަރެން ދަތުރުކުރި ރިސޯޓެއް ނޫނެވެ. އެހެންކަމުން ރޭގަނޑު 10 ޖަހަންދެން އަހަރެންނަކީ މިނިވަނެއްކަމުގައި އާޒިމް ބުންޏެވެ. 5 ގަޑިއިރަކީ އަހަރެން ކަހަލަ ޔާރެއް ނެތް މީހަކަށް ކޯޗެއްތޯއެވެ. 10:15 ގައި އާޒިމް ބިދޭސީއަކު ގޮވައިގެން އަހަރެންގެ ގާތަށް އައެވެ.

“.ދިސް އިސް ބަލްޤީސް، ޝީ ވިލް މޭކް ޔޫ ވެރީ ހެޕީ”

“ހައި. އައި އެމް މައިކަލް.” އޭނާ ތައާރަފްވެލިއެވެ. އަހަރެން ބޯޖަހާލީމެވެ.

އާޒިމް އަހަރެމެން ދެމީހުންނާއެކު މައިކަލްގެ ކޮޓަރިއާ ހަމައަށް ދިޔައެވެ. އާޒިމް އެބިދޭސީ މީހާއަށް އަހަރެންގެ އަގު ބުނެދިނެވެ. ތިން ގަޑިއިރަށް ތިންހާހެވެ. ފަތިސްވާންދެން ބޭނުމިއްޔާ ފަސްހާސް ދޭންޖެހޭނެއެވެ. އެއަށްފަހު އާޒިމް އެމީހާޔާ ސަލާމްކޮށް ކޮޓަރީގެ ދޮރު ލައްޕައިދިނެވެ.

މީގެ ދެއަހަރު ކުރިއެވެ. އާޒިމް އަހަރެންނާ ފުރަތަމަ ބައްދަލުވީ އަހަރެންގެ ކައިވެނީގެ ހަފްލާއިންނެވެ. އެއީ އަހަރެންގެ ފިރިމީހާ ސަލީމްގެ އެންމެގާތް އެކުވެރިޔާއެވެ. ސަލީމްއަކީ ބޯޓު ދަތުރުކުރާ މީހެކެވެ. އަހަރެން ސަލީމްއާ ކައިވެނިކުރީ މަންމައާއި ބައްޕަގެ ނުގަބޫލުގައެވެ. އޭގެފަހުން އަހަރެމެން ދެމީހުން މާލެއަށް ބަދަލުވެ އަމިއްލަ ދިރިއުޅުމެއް ފެށޭތޯ މަސައްކަތް ކުރީމެވެ. ކައިވެންޏަށް އަހަރެއްވީއިރު އަހަރެން އިނީ ވިހަން ތައްޔާރުވެފައެވެ. ސަލީމުގެ އާއިލާއެއް ނެތުމުގެ ސަބަބުން އަހަރެން ބެލެހެއްޓީ ސަލީމް އާއި އާޒިމްއެވެ. ދަރިފުޅަށް ހަތްމަސްވީއިރުވެސް އެދެމީހުން އަހަރެމެން ދެމައިންގެ ހާލު ބަލައެވެ.

2012 ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުގެ އިރު ފެނުން ތޮޅެލީ އަހަރެންގެ ޙަޔާތުގައި ކޭތަ ހިފާފައިވަނިކޮށެވެ. އެނދުން ތެދުވެ އެންމެ ފުރަތަމަވެސް ހޯދީ އަހަރެންގެ ލޯބިލޯބި އަފްޒަލެވެ. އަފްޒަލް ފެންނަން ނެތުމުން ސަލީމް ކޮބައިތޯ ބެލީމެވެ. ސަލީމެއްވެސް ނެތެވެ. އަފްޒަލްގެ ތަންމަތީގައި އޮތީ ސިޓީއެކެވެ. ސިޓީގައިވަނީ މިހެންނެވެ.

“ބަލްޤީސް އަހަރެންނަކަށް ދުވަހަކުވެސް މާފެއް ނުކުރާނެވެ. މައްސަލައެއްނެތެވެ. ބަލްޤީސް އާއި އަހަރެން ގުޅުނީ ބުލްގެ ބައްޕަގެ ފައިސާގެ ދަހިވެތިކަމުގައެވެ. ނަމަވެސް ބުލްގެ ބައްޕަ އަހަރެންނަކަށް އެކައްޗެއްވެސް ނުދޭނެއެވެ. މައްސަލައެއްނެތެވެ. އަފްޒަލް އަހަރެންގެ ގާތުގައި އެބަހުއްޓެވެ. ސިޓީގެ އަނެއްފަރާތުގައި އާޒިމްގެ މިހާރުގެ އެޑްރެސް ވާނެއެވެ. އެގެއަށްދާށެވެ. ތިއީ މިހާރު އޭނާގެ އަޅެކެވެ. އަހަރެންގެ ދަރަނި ފުއްދައިދޭށެވެ. ފުލުހުންނާއި ހަމައަށް މި މައްސަލަ ހިނގައްޖެނަމަ އަފްޒަލްއަކީ އަހަރެންގެ ދަރިއެއްކަން ހަނދާން ނައްތާލާނަމެވެ. އަހަރެން ބޭނުންވާވަރަށް ފައިސާ ލިބުމުން އަފްޒަލްއާއި ބުލްވެސް މިނިވަންވީއެވެ. އެއިރުން އަހަރެންގެ މަތިން ހަނދާން ނައްތާލާށެވެ. އަފްޒަލްއާއެކު ދިރިއުޅޭށެވެ. ”

އަހަރެންނަށް ސިއްސައިގެންގޮސް ހޭލެވުނެވެ. ގަޑިން ފަތިހު ހަތަރެއް ޖަހަނީއެވެ. ކަންފަތުގައި ހަރުލާފައިހުރީ ކޮޅުކޮޅަށް މީހުންދުވާ އަޑެވެ. އަހަރެން ކުޑަދޮރުން ބޭރުބަލާލީމެވެ. ކަމަކުދާކަށް ނެތެވެ. ފުލުހުންގެ ޓީމަކަށް މިރިސޯޓުގެ ހަގީގަތް ފަޅާއެރީއެވެ. އާޒިމްގެ އަތުގައި ބިޑިއަޅައިގެން ގެންދަނީއެވެ. އަހަރެންނަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. ބިދޭސީ މީހާވެސް އެއްޗެހިލައިގެން ފިލަން ދުއްވައިގަތެވެ. ނަމަވެސް އެއިރު މާލަސްވެއްޖެއެވެ. އަހަރެންގެ އަތަށް މަހާލީ ބިޑިއެކެވެ. ދެއަންހެން ފުލުހުން އަހަރެންގެ އަތުގައި ހިފައިގެން ގެންދަނީއެވެ. އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހުއްޓުމެއްނެތި އޮހޮރެމުން ދަނީއެވެ. އަހަރެންގެ ގަޔަށް އާދަޔާހިލަފު ބާރެއް އައިކަހަލައެވެ. އާޒިމްއާ އަރާހަމަވި ވަގުތު ވަރަށް ބާރަށް ހަޅޭއްލަވައިގަތީމެވެ.

“އަހަރެންގެ އަފްޒަލް ގެނޭ! އަހަރެންގެ އަފްޒަލް އަނބުރާ އަހަންނަށްދީ! ދަރިފުޅާ އަފްޒަލް!” އަހަރެން ހަޅޭއްލަވަލަވާފައި އޭނާގެ ކައިރީގައި އާދޭސްކުރީމެވެ. ދެން އަހަންނަށް އޭނާ ފެންނާނެބާ އެވެ. އަހަރެންގެ ދަރިފުޅަށް ސަލީމް ދެރަގޮތެއް ހަދާފާނެބާއެވެ. އެއީ ހަމަ ސަލީމުގެވެސް ދަރިފުޅެވެ. ފުލުހުންގެ ވެހިކަލަށް އަހަރެން އެރުވީ އަހަރެންގެ ނަސީބުގައި ދިއްލިފައި ހުރި ހަމައެކަނި ހުޅުކޮޅު ނިއްވާލަމުންނެވެ.

ނޯޓު: މިއީ ކުޅުދުއްފުށި އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަހުމަދު އިބްރާހިމް، ގްރޭޑް 12 ސީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ޝާއިއު ކުރުމަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355