އޯގަސްޓް 13 ވަނަ ދުވަހުގެ ބަޔާގުޅޭ
ޝަހުދުގެ ފޯނުގައި ރައްކާކުރެވިފައި ވަނީ ހަމައެކަނި އޭނާގެ ބަރަހަނާ މަންޒަރުތަކެއް ނޫނެވެ. އޭނާ ފަދަ އެތައް އަންހެން ކުދިންގެ ފޮޓޯތަކާއި ވީޑިޔޯ ތަކެވެ. އެތައް އަންހެން ކުދިންނާއެކު ކޮށްފައިވާ ފާހިޝް އަމަލު ތަކުގެ އަޑު ތަކެވެ. އީރާ ފުރަތަމަ އެ ހެކިތައް ޑިލީޓް ކުރަން ހަދާފައި ފޯނު ރައްކާކުރީ އޭގެ ފައިދާ ފަހުން ކުރާނެ ކަމުގައި ނިންމާފައެވެ.
ޝާޔާއަށް ނިދިފައި އޮވެފައި ހޭލެވުނީ ސަލަފްގެ ފޯނު ރިންގުވާ އަޑަށެވެ. ދެލޯ މަޑުމަޑުން ހުޅުވާލި ވަގުތު ފެނުނީ ސަލަފް ފޯނު ނަގައި ކަންފަތުގައި ޖަހާލި ތަނެވެ.
”ކިތައް ފަހަރުތަ އަހަރެން ބުނަންވީ އަހަންނާއި ކޮންޓެކްޓް ކުރަން އީފާ މަސައްކަތް ނުކުރާށޭ. މިހާރު އަހަރެން މިހުރީ އީފާގެ މަތިން ހަނދާން ނެތިފައި. ތިއީ އަހަރެން އިޔާދަ ކުރަން ބޭނުން ނުވާ މާޒީ. އަހަރެން މިވަނީ ދިރިއުޅުމެއް ފަށާފައި. ޕްލީޒް އަހަންނަށް އުދަނގޫ ނުކުރޭ. އީފާ ލޯބިވާ ކަމުގެ ހެކި ދައްކައިގެން އަހަރެން މަޅީގައި ޖައްސަން ނުހަދާ. ތި އޮހޮރާ ކަރުނަ ތަކުން އަހަރެންގެ ހިތާއި އަޒުމް ބަދަލު ވާނެ ކަމަށް އުއްމީދު ނުކުރާތި. އަހަރެން މި ދުނިޔެއިން އެންމެ ލޯބިވާ ފަރާތަކީ ޝާޔާ.” ސަލަފް ފޯނު ކަނޑާލުމަށްފަހު ނިއްވާލި މަންޒަރު ޝާޔާ އަށް ފެނުނެވެ. ކޮޓަރީގެ ފަނޑު އަލީގައި ސަލަފަށް ޝާޔާ ހޭލައިގެން އޮތްކަން ނޭނގެނީ ކަންނޭނގެއެވެ. ސަލަފް ސޯފާގައި އިށީދެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ހާސްވެފައި މޫނު ދެއަތުން ފޮހެލިއެވެ.
”ސަލަފް އަހަރެން ދެކެ އެހާ ލޯބިވޭތަ؟” ޝާޔާގެ ހިތުގައި އެނބުރެމުން ދިޔަ އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. ހަމައެކަނި ކުރެވުނު ކަމަކީ ލޯމަތިން ފެނުނު ކަންތައްތަކާ މެދު ވިސްނުނެވެ. އޭނާއާ މެދު ބަހައްޓާ ގާތްކަމަކީ އެކަމުގެ ހެއްކެކެވެ. ސަލަފް އަކީ އެދުން ބޮޑު އަނިޔާވެރިއެއް ނަމަ ކައިވެނީގެ ފުރަތަމަ ރޭ އެކަން އެނގުނީހެވެ. އޭގެ ބަދަލުގައި އޭނާ ޚިޔާރު ކުރީ ކެއްތެރި ކަމެވެ. ޝާޔާއަށް ވަގުތު ދިނުމުން ދޭހަވީ ސަލަފް ގަދަކަމުން އެއްވެސް ކަމެއް ހޯދައިގަންނަން ބޭނުންނުވާ ކަމެވެ. އަންހެނަށް އިޙްތިރާމް ކުރާ މިންވަރެވެ.
ހެނދުނު ޝާޔާ ބަދިގެއަށް ވަންއިރު މާނާ ހުރީ ރޮށި ދަމާށެވެ. ސިންކު ކައިރީ ތަށިތައް ދޮންނަން ނޫރީން ހުއްޓެވެ.
”މަންމާ. ގެނޭ އަހަރެން އަތަށް ރޮށި ދަމަން.” ޝާޔާ ވަރަށް ގާތްގޮތަކަށް ވާހަކަ ދެއްކިއެވެ. މާނާ ޝާޔާގެ މޫނަށް ބަލާލުމަށްފަހު މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
”މަންމާ.” ޝާޔާ މާނާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ދޭށޭ ބުނާ ފަދަ ގޮތަކަށް އިޝާރަތް ކޮށްލިއެވެ.
”ތިއައީ މަސައްކަތް ކުރަންތަ؟” މާނާ ބުނެލީ މަލާމާތުގެ ރާގަކަށެވެ.
”އަހަރެން ބުނާ ކޮންމެ މަސައްކަތެއް ކުރާނަންތަ؟” މާނާ ބަލާލުމުން ޝާޔާ ބޯޖަހާލިއެވެ.
”އެތާ ބޭރުގައި ހުންނާނެ އެންމެންގެ ފައިވާން ހަރުގަނޑު. އޭގައި ހުރި ބޭނުން ނުކުރާ ފައިވާންތައް ފޮހެބަލަ. އަދި ބުނަން މިގެއަކު އެ ފައިވާންތައް ފޮހޭނެ ބާ ފޮއްޗެއް ނުހުންނާނެ. އަހަންނަށް ވަރިހަމަ ކަލޭ ހެދުމުގެ ފަސްބައިން ފޮހުނަސް.” މާނާގެ ވާހަކަތައް ހުރީ ޝާޔާ ހިތުގައި ޖެހޭ ފަދަ ގޮތަކަށެވެ. އެކަމަކުވެސް މާނާގެ ރުހުން ހޯދުމަށް ޝާޔާ ހުރީ ކޮންމެ ފަދަ ޤުރުބާނީއެއް ވުމަށް ތައްޔާރުގައެވެ. ޝާޔާ ފައިވާން ހަރުގަނޑު ކައިރިއަށް ގޮސް ބަލާލިއިރު އެތަނުގައި މިއިން ޒަމާނަކު އަރާފައި ހުރި އެންމެ ފައިވާނެއް ނެތެވެ. މަކުނުވަލާއި ހިރަފުހުން ފުރި ހަޑިވެފައިވާ ފައިވާންތައް ނަގައި ތަޅުންމަތީ ޝާޔާ އިށީނެވެ. ލައިގެން ހުރި މެކްސީގެ ފަސްބައިން ފައިވާންތައް ފޮހެމުން ދިޔައިރު ހިތާއި ހިތުން ޝަކުވާ ކުރެވެމުން ދިޔައެވެ. މިގޭގައި އޭނާއަށް މި ނޫން މަޤާމެއް ނުލިބޭނެ ބާއެވެ؟
ކޮޓަރިން ނިކުން ސަލަފްއަށް އެ މަންޒަރު ފެނުމުން ހައިރާންވިއެވެ.
”ޝާޔާ. ތި ފައިވާންތަކަކީ އެއްވެސް މީހަކު ބޭނުން ކުރާ އެއްޗެއް ނޫން. ކާކު ބުނީ ތި ސާފްކުރަން.” ސަލަފް ހިތްހަމަނުޖެހުނީ ކަންނޭނގެއެވެ. ނިތްކުރިއަށް ރޫތައް އަރައިގެން ދިޔަ މަންޒަރު ފެނުނެވެ. ސަލަފްގެ ގާތުގައި މިއީ މަންމަ ޖެއްސި ކަމެކޭ ބުނަންވީ ހެއްޔެވެ؟ ޝާޔާގެ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ.
”މަންމާ.” ސަލަފް މާނާއަށް ގޮވާލުމުން މާނާ އެތަނަށް އައެވެ. ކޮޓަރިން ނިކުން ގޮތަށް އަނީސާވެސް ހުއްޓުނީ އެތަނުގައެވެ.
”މަންމަ ނުބުނަނީތަ ޝާޔާގެ ގާތުގައި މި ފައިވާންތައް ސާފް ކުރަން ނުޖެހޭނެކަން. ޝާޔާ ގޭގައި ހުންނަން ފޫހިވެގެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. ތި އިހަށް ބަހައްޓާފައި މަންމައަށް ސައިހަދަން އެހީ ވެދީބަލަ. ދޭ އަތްދޮވެލައިގެން އަންނަން.” ސަލަފް ހުރީ ހިނިތުންވެލައިގެންނެވެ. މާނާގެ މޫނަށް ބަލާލާފައި ޝާޔާ ތެދުވިއެވެ.
”ސައިހަދާ ނިމިފައިހުރީ. ސަލަފް އާދޭ ސައިބޯން.”މާނާ ހިނގައިގަތީ ބަދިގެ ތެރެއަށެވެ. ސަލަފް އެތެރެއަށް ވަންއިރު ފެނުނީ ކާމޭޒުދޮށަށް އައިސްފައިވާ ބަދަލު ތަކެވެ. އެތަނުގައި ހުރީ އެންމެ ހަތަރުގޮނޑިއެވެ.
”ބައެއް ގޮނޑިތައް ހަޑިވެފައި ހުރީމައި ހުންނާނެ ބޭރަށް ނެރެފައި. ސާފްކޮށްލާފައި އެތެރެއަށް ވައްދާނަން. ސަލަފް އިހަށް ސައިބޯން އިށީނދޭ. އެއްބަޔަކު ސައިބޮއި ނިމުނީމަ އަނެއްބަޔަކަށް ސައި ބޮވިދާނެ.” ސަލަފް އިށީނުމުން މާނާ އިށީނެވެ. ޝާޔާ އަތްދޮވެލައިގެން އާއިރު ޒަވީން އައިސް ސައި މޭޒުދޮށުގައި އިށީންނަނީއެވެ.
”ނޫރީން. ތަށިތައް ބަހައްޓާފައި އާދޭ އަހަރެމެންނާ އެކު ސައިބޯން.” މާނާ ބުނެލުމާއި އެކު ނޫރީން އަވަސް އަރުވާލާފައި އައިސް ހަތަރުވަނަ ގޮނޑީގައި އިށީނެވެ. ޝާޔާ ހުއްޓުން އަރާފައި ހުރެ ސަލަފްގެ މޫނަށް ބަލާލިއެވެ. ސަލަފްވެސް އިނީ ހިސާބަކަށް ހައިރާންވެފައެވެ. މިއީ ދުވަހަކުވެސް އެގެއަކު ހިނގިކަމެއް ނޫނެވެ. ގޭގައި ގެންގުޅޭ ކުއްޖާ އާއިލާއާއެކު ސައިބޮއި ހެދިތަނެއް ސަލަފްގެ އުމުރުގައި މިނޫނީ ނުދެކެއެވެ. މާނާ އެހެން ކަންތައް ކުރި ސަބަބާ މެދު ސަލަފް ވިސްނަމުން ދިޔައެވެ. އެކަމަކު މަންމައާ އެއްވެސް ސުވާލެއް ކުރާކަށް ބޭނުމެއް ނޫނެވެ.
ސަލަފް ވިސްނި ވިސްނުމަށް އެނގުނު ގޮތުގައި މާނާ ހުންނަނީ އުފާވެފައެއް ނޫނެވެ. އަދި ދަރިއެއް ފަދައިން ޝާޔާއާ މުޚާތަބުކުރާ ތަނެއް ނޫނީ ގޭތެރޭގެ މަސައްކަތުގައި އެކުގައި އުޅޭތަނެއް ނޫނީ ވާހަކަ ދައްކާލާ ހަދާ ތަނެއް ނުފެނެއެވެ. ޝާޔާއާ މެދު މަންމަ ހިތްހަމަ ނުޖެހެނީބާއޭ ހިތަށް އެރީ ދެނެވެ.
މާނާ ނިކުންފަހުން ޝާޔާ މަންމަ އަނީސާއާ އީރާ ސައިކޮޓަރިއަށް ވަންއިރު މޭޒުމަތީގައި އެއްވެސް ތަށި ފަދަ އެއްޗެއް ނެތެވެ. ރޮށި އަޅާ މަތިޖެހި ތަށި ބަލާލިއިރު އޭގައި ފިހެފައި އެންމެ ރޮއްޓެއް ނެތެވެ. ރިހަ ހެދި ތެލި ދޮވެފައި ބަންޑުން އޮތެވެ. ޝާޔާ ކަބަޑުތައް ބަލާލާފައި އެންމެ އަވަހަށް ހެދޭ ކަހަލަ ކާ އެއްޗެއް ތައްޔާރު ކޮށްލިއެވެ. ހެނދުނުގެ ސަޔަށް މަސްހުންޏާ ރޮއްޓަކީ ވަރަށް ކަމުދާ އެއްޗެކެވެ.
ޒަވީން އޮފީހަށް ވަދެ މަސައްކަތާ ގަޔާނުވެވި އިނެވެ. ގޮނޑީގައި ލެނގިލި ގޮތަށް ދެލޯ މަރާލައިގެންނެވެ. ލޯބިވާ މީހަކާ ދުރުގައި ހުންނަން ޖެހުމުން ފަޅި ސިކުންތެއްވެސް ހާދަ ދިގުވެފައި ހިތްދަތިކަން ޒަވީންއަށް އިޙްސާސް ކުރެވެއެވެ. ޒަވީން ދެލޯ ހުޅުވާލެވުނީ މޭޒުމަތީގައި ހުރި ފޯނު ރިންގުވާން ފެށުމުންނެވެ.
”ހެލޯ.” ޒަވީން ހަލޯ އޭ ބުނުމުން އެކޮޅުން ދެއްކި ވާހަކައިގެ ސަބަބުން ޒަވީން ހައިރާންވިއެވެ.
”ކީކޭ؟” ޒަވީން ޤަބޫލު ކުރަން ދަތިވެފައި އަހާލިއެވެ. އެކޮޅުގައި ހުންނަ ކޯޑިނޭޓަރ އިލްދާސް ދެވަނަ ފަހަރަށް ތަކުރާރު ކުރީ ވަރަށް ޔަޤީން ކަމާއި އެކުގައެވެ.
”އަހަރެން އެމީހުން ދެގަޑިއިރު މަޑު ކުރުވައިފިން. ދެން އިތުރަށް ހިފެހެއްޓޭނެ ހެން ހިއެއް ނުވޭ. ސުދާގެ ފޯނަށް ކޮންޓެކްޓް ކުރަން މަސައްކަތް ކުރަމުން މިދަނީ. އެއްވެސް ޚަބަރެއް ނުވޭ. ޒަވީން. އަޅެ ބަލާލަބަލަ. ސުދާ ނައިސްފިނަމަ އަހަރެން ޖަވާބު ދާރީ ވާނީ ކިހިނެއް ކަމެއް ނޭނގެ. މިއީ ވަރަށް ބޮޑު ކޮންޓްރެކްޓެއް. އަހަރެން ބޭނުމެއް ނޫން މި ގެއްލިގެން ދާކަށް.” އިލްދާސް ބުނަމުން ދިޔައެވެ.
”އެބަ ބަލާލަން.” ޒަވީން ފޯނު ބޭއްވިއެވެ. ހާސްވެފައި ވާ މީހެއް ފަދައިން ދެއަތުގެ އިނގިލިތައް އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނެވެ. ޒަވީން ކަންބޮޑުވި ވަރުން ފެންކަޅިވީ އިޚްތިޔާރަކާ ނުލައެވެ. ސުދާއަށް ކަމެއް ވީ ހެއްޔެވެ؟ އަނެއްކާ ސުދާ ހެޔޮ ހާލުގައި ދުނިޔޭގައި އެބަ ހުރި ހެއްޔެވެ؟ މީޓިންއަށް ނުދާނަމަ ސުދާ ހުރީ ކޮންތަނަކު ހެއްޔެވެ؟ ޒަވީން ވިސްނަމުން ދަނިކޮން ކުއްލިއަކަށް ހަނދާންވީ ސުދާ ހުންނަން ބުކިން ހަދާފައި ހުރި ހޮޓަލަށް ގުޅާށެވެ. ވަރަށް ފަރިތަ ކަމާއެކު ފޯނުގެ ކީބޯޑުގައި އަކުރުތައް ޖަހާލުމަށްފަހު އެތަނަށް ގުޅާލިއެވެ.
ޒަވީންއަށް ލިބުނީ މާބޮޑަށް މާޔޫސްވާނެ ޚަބަރެކެވެ. ޤަބޫލުކުރަން ހާދަ އުދަނގުލެވެ. ތެދަށް ބުނާނަމަ ޤަބޫލުކުރަން ހިތް އިންކާރު ކުރަމުން ދިޔައެވެ. އެކޮޅުން ވާހަކަ ދެއްކި ކުއްޖާ އިގިރޭސި ބަހުން ޒަވީންއަށް ކިޔައިދެމުން ދިޔައެވެ. ސުދާ ރޭގެ ވަގުތެއްގައި ހޮޓަލަށް އާދެވުނު ކަމަށާ މިއަދު ހެނދުނު ނިކުމެގެން ދިޔަ ގޮތަށް އަދި އެނބުރި ނާންނަ ކަމަށް ބުނެލިއެވެ. ރޭގައި ސުދާ އެކަނި އައި ކަމުގައި ވިއަސް މިއަދު ނިކުމެގެން ދިޔައީ ފިރިހެނަކާއި އެކު ކަމުގައި ބުނެލިއެވެ.
ޒަވީން ފޯނު ކަނޑާލިއެވެ. ހިތްވަރު ކުރަން ބޭނުންވިއަސް ދެލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް އިތުރަށް ހިފަހައްޓާނެ ހިތްވަރެއް ނެތެވެ. ސުދާގެ ފޯނަށް ގުޅާލުމަށްފަހު ފޯނު ނުނެގުމުން ފޯނު ކެބިން ތެރެއަށް ހޫރާލެވުނެވެ. ކުދި ކުދިވެގެން ދިޔަ ފޯނު ގެ ބައިތައް ސިފަވީ އޭނާގެ ފާރުވެފައިވާ ހިތްފަދައިންނެވެ. އިވުނު ޚަބަރުތަކަށްފަހު ހިތް ކުދިކުދި ވެގެން ހިނގައްޖެއެވެ. އެއީ އަންހެނުންނަށްވާތީ އިތުބާރު ކުރަން ބޭނުންވިއެވެ. ސުދާ މީގެ ކުރިން ޒަވީންއަށް އެތައް ކަމެއް ސިއްރު ކުރިއިރު ދެން އިތުބާރު ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ މުޅިން ހަޤީޤަތް ސާފު ނުވިއަސް ޒަވީންގެ ހިތުގައި އުފެދުނު ޝައްކުތައް ވަރަށް ތަފާތެވެ. ސުދާ އޭނާއަށް ބޭވަފާތެރި ވީ ނޫންބާއެވެ؟ ސިއްރުން ކުދިން ނުލިބޭ ބޭސް ކެއި މީހަކަށް ސިއްރުން ފިރިހެނަކު ގެންގުޅެން އުދަނގުލެއް ނުވާނެއެވެ.
ޔޫއާން ރިސޯރޓްގެ ވަޒީފާއަށް ނިކުން ފުރަތަމަ ދުވަހު އޮތީ އިންޓަރވިއު ކުރުމެވެ. ހުސްވެފައިވާ މަޤާމުތަކަށް ޝައުޤުވެރިކަން ހުރި އެތައް ކުދިންނެއް ކުރިމަތި ލައިފައި ވެއެވެ. އިންޓަރވިއު ކުރާ ކުދިންވަނީ މީގެ އެއް ދުވަސް ކުރިން ގެނެސްފައެވެ. އެކުދިންގެ އެކޮމަޑޭޝަން ކަންތައް ހަމަޖެއްސީ ރިސޯރޓްގެ ފަރާތުންނެވެ.
އިންޓަރވިއު ކުރިއަށް ދިޔައެވެ. ފަހަރަކު ކުއްޖަކާ ކުރަމުން ސެޓްފިކެޓްތައް ބަލަމުން ދިޔައިރު މަޤާމުތަކާ އެކަށޭނެ ތައުލީމް ހާސލްކޮށްފައިވާ ކުދިން ވަރަށް މަދެވެ.
”ދެން އެންމެ ފަހު ބައިވެރިޔާ.” ލަހްފާން ދޮރު ހުޅުވައި ދިނުމުން އެތެރެއަށް ވަދެގެން އައީ އަންހެން ކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި އޮމާން ކަމުން އެއީ ރާއްޖެ ކުއްޖަކާ މެދު ޝައްކުވާ ވަރުވެއެވެ. ފަތި ހަށިގަނޑާއި ލިބިފައި ހުރި ބައްޓަމުގެ ސަބަބުން ނުބަލަން ހުއްޓަސް ބަލާލެވޭނެއެވެ. ފަށުވި އިސްތަށިކޮޅާއި ކުޑަ ނޭފަތެކެވެ. ލޭކުލަ އަރާ ތުންފަތެވެ. ލައިގެން ހުރީ ޖިންސަކާއި އަތް ދިގު ޓޮޕެކެވެ.
”އިންޓަރވިއުއަށް ތައްޔާރުތަ؟” ޔޫއާން ހިނިތުންވެލިއެވެ. އެ އަންހެން ކުއްޖާ ހުރީ ކުރިންވެސް ހިނިތުންވެލައިގެންނެވެ.
”އާދެ.” ކަންފަތަށް އަހާލަން ފަސޭހަ ލުއި ހިމަ އަޑެކެވެ.
”ވަޒީފާ އަދާކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްތަ؟” ޔޫއާން ދިޔައީ އެ ކުއްޖާގެ ފައިލު ބަލަމުންނެވެ. އައިޑީކާޑް ކޮޕީއިން އެ ކުއްޖާގެ ނަން ފެނުމުން އިތުރަށް ތަޢާރަފެއް އަހާކަށް ނުޖެހުނެވެ.
”ޔަޤީންކަން ނެތް ކަންތަކެއް އެއްއިރަކުވެސް ނުކުރަން.” ހާދަ ތަފާތު ކުރު ޖަވާބެކެވެ.
”އީފާ ދޯ. މައިންބަފައިން ކުރަނީ ކޮންކަހަލަ މަސައްކަތެއް؟” ޔޫއާން ބަލާލިއިރު އީފާ ކަންފަތް ކައިރިން އެލިފައި އޮތް އިސްތަށިކޮޅު އެއްއަތުން އަނބުރާލައެވެ.
”އަޅުގަނޑުގެ ވަޒީފާ އާއި މައިންބަފައިން ކުރާ މަސައްކަތާއި ހުރީ ކޮން ގުޅުމެއް. އަހަރެންގެ ބައްޕަ ނުވަތަ މަންމަ ކުރާ މަސައްކަތުގެ ސަބަބުން އަހަރެންގެ ވަޒީފާއަށް އުނިކަމެއް ނޫނީ އިތުރެއް އަންނަނީތަ؟” ވިސްނުން ތޫނު އަންހެން ކުއްޖެކެވެ. ޔޫއާން ޝައުޤުވެރިވިއެވެ. އިތުރު ސުވާލުތައް ކުރުމަށްފަހު ތައުލީމީ ސެޓްފިކެޓްތަކަށް ބަލާ ނުލައި ވަޒީފާ ހަމަޖެހޭނެ ކަމުގެ އުފާވެރި ޚަބަރު އިއްވައި ދިނެވެ.
”ޝުކުރިއްޔާ. ވަރަށް ބޮޑަށް ޝުކުރިއްޔާ.” އީފާ ތެދުވަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. ޔޫއާން އެއަތުގަ ހިފާލެވުމުން ހީވީ މަލްމަލް ފޮތިކޮޅެއްގައި އަތްޖެހުނު ހެންނެވެ.
(ނުނިމޭ)