އޯގަސްޓް 20 ވަނަ ދުވަހުގެ ބަޔާގުޅޭ
ދެދުވަސް ފާއިތުވެގެން ދިޔައެވެ. ޔޫއާން މަސައްކަތުގައި މަސްއޫލުވުމުން ހިތާމަތަކާ މަޑުމަޑުން ދުރުވަމުން އައެވެ. އަދި އީފާގެ ސަކަ މިޒާޖުގެ ސަބަބުން ދެމީހުން އެކުގައި ހޭދަވާ ވަގުތުތަކަކީ މަޖާ ހިތްހަމަޖެހޭ ވަގުތުތަކަކަށް ވެއްޖެއެވެ. އީފާ މި ރިސޯޓާ ގުޅުނީ ސަލަފްގެ ތަނެއްކަން އެނގިހުރެ ސަލަފް އާ ބައްދަލުވާނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު އެ ފުރުޞަތު ނުލިބުނު ކަމުގައި ވިއަސް އީފާގެ އުއްމީދު ކުޑައެއް ނުވިއެވެ. ޔޫއާން އަކީ ސަލަފް އާ ހަމަޔަށް ދެވޭނެ މަގެއް ކަމުގައި އީފާ ދެކެއެވެ. އީފާ. ޔޫއާން އާ އެކުވެރިކަން ބަދަހި ކުރީ އަމިއްލަ މަޤްސަދު ހާސިލް ކުރުމުގެ ބޭނުމުގަ އެވެ.
އެއް ގެއެއްގެ ތެރޭގައި އުޅެން ޖެހުނު ކަމުގައި ވިއަސް މާނާ އާއި އަނީސާގެ މެދުގައި އެއްވެސް މުއާމަލާތެއް ނުކުރެއެވެ. އަނީސާ އަކީ އެގޭގައި ނޯކަރެއްގެ ގޮތުގައި ގެންގުޅުނު މީހަކަށްވާތީ މާނާ އަނގައިން ބުނަން ބޭނުން ނުވެފައި ހުންނައިރު. އަނީސާއަށްވެސް އަމިއްލަ ފެންވަރު އޮޅި އިއްޒަތާއި އަރާމުގައި އުޅެން ލިބުމުން މާނާ އާ އަނގައިން ބުނާ ހިތެއް ނުވެއެވެ. ޝާޔާ ކެއްކީމާ އިރުން އިރަށް ކާލައިގެން އިންނަނީ އެވެ.
އެރެއަށްފަހު ޝަހުދު ފުރަތަމަ ފަހަރަށް އީރާގެ ފޯނަށް ގުޅީ މިއަދު އެވެ. އީރާ ހަމަޖެހިލައިގެން ވާހަކަ ދެއްކުމުގެ ނިޔަތުގައި ބޭރަށް ނިކުތެވެ. ބެލްކަނީގައި މަޑުކުރުމަށްފަހު ފޯނު ނެގި އެވެ. އެވަގުތަކީ ޒަވީން ފޫހިވެގެން ބެލްކަންޏަށް ނިކުތް ވަގުތެވެ. އީރާ ފެނުމުން ދާން ހިނގައިގަންނަން އުޅުނު ވަގުތު އީރާ ފޯނުން ދައްކަމުން ދިޔަ ވާހަކަތައް އިވިފައި އެ އަޑު އެހުމުގެ ޝައުޤުވެރިކަން އުފެދި ހުއްޓުނެވެ.
“އަހަރެން ކަލޭ ދެކެ ކުޑަކޮށްވެސް ބިރެއް ނުގަނޭ. އިތުރަށް އަހަންނަށް އުދަނގޫ ނުކޮށް މިކަމުގެ އަދަބު ލިބިގަންނަން ތައްޔާރުވޭ. އަދި ބުނަން އަހަރެން ޝަހުދު އާ ދެކޮޅަށް ބްލެކު މެއިލް ކުރުމުގެ ދައުވާ އުފުލާނަން. އަދި އެކަމުގެ ހެއްކަކަށް ޝަހުދުގެ ފޯނު ހަވާލު ކުރާނަން.“އީރާ ފޯނު ބޭއްވިއެވެ. ޒަވީން ދުރުގައި ބަލަން ހުރެފައި އީރާގެ ކައިރިއަށް ދިޔަ އެވެ.
“މީހަކު އުދަނގޫ ކުރަނީތަ؟” ޒަވީން އަހާލީ އެވެ. އީރާ ޒަވީންގެ މޫނަށް ބަލާލާފައި ޖަވާބު ދޭން އުދަނގޫވެފައި ހުއްޓެވެ. އަމިއްލަ ދިރިއުޅުމުގެ އުދަނގޫތައް ފެންނަ ކޮންމެ މީހަކާ ހިއްސާ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.
“އަހަންނަށް ދެންމެ އީރާ ދެއްކި ވާހަކަ އަޑު އިވުނު. އެހެންވެ ހިތަށް އެރީ އަހާލަން. އީރާ ބުނަން ބޭނުން ނޫންނަމަ އޯކޭ. އަހަންނާ ނުވެސް ބެހެވޭ ކަންތައްތަކަކާ މި ބެހެނީ. ކަމެއް އުޅެންޏާ ބުނެލައްޗޭ. އަހަރެންގެ ފަރާތުން އެހީތެރިކަން ދޭނަން.” ޒަވީން ވާހަކަ ދެއްކީ ނުހަނު ގާތްކޮށެވެ. އީރާ ވިސްނާލަން އިރުކޮޅެއް ނެގިއެވެ.
“މި އުދަނގުލުން ސަލާމަތްވީހެން ހީވަނީ. އިރާދަކުރެއްވިއްޔާ ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.“ އީރާ ހިނިތުންވެލި އެވެ.
ޒަވީން ދުރު ބަލަހައްޓައިގެން ހުރެފައި އީރާއަށް އަނެއްކާވެސް ބަލާލި އެވެ. އީރާ އިސްޖަހާލައިގެން ހުރި ވަގުތެއްކަމުން ޒަވީން ހިތްހަމަޖެހެންދެން ބަލާލުމުގެ ފުރުޞަތު ލިބުނެވެ. ރީތި ވަރެއްގެ އިސްކޮޅަކާއި ފަތި ހަށިގަނޑެކެވެ. ބައްޓަން ރީތިވެފައި ހަމުގެ ކުލަ އައްޔެވެ. ދޮން މޫނާ ގުޅޭ ގަދަ މުށިކުލައިގެ ކަޅިއެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑު ބުޅިކަމުން މޫނުގެ ބައްޓަމާއި ގުޅޭކަމަށް ދައްކައެވެ.
“އަހަރެން ސުވާލެއް ކޮށްލަންތަ؟” އީރާއަށް ބަލަން ހުރެފައި ޒަވީން އަހާލި އެވެ. އީރާ އެ ހުރިގޮތަށް ހުރެ ބޯޖަހާލި އެވެ.
“ކުރީ ރެއަކު ދަންވަރު އީރާ ދިޔައީ ކޮންތަނަކަށް؟” އީރާ ސިހިފައި އިސްއުފުލާލިއެވެ. ޒަވީންއަށް އޭނާ ދިޔަކަން އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.
“އަހަރެން މިތަނުގައި ހުއްޓާ ދުށިން އީރާ ފައިބައިގެން ދަނިކޮން. ސައިކަލެއްގައި މީހަކު އައި.“ ޒަވީން އޭނާއަށް ފާރަލަނީ ހެއްޔެވެ؟
“އެއީ ޝަހުދު. އަހަރެން އުޅުނީ އޭނާގެ ކިބައިން ސަލާމަތް ނުވެވިގެން.” އީރާ ފަށައިގެން ޝަހުދުގެ ވާހަކަ ކިޔައިދިނެވެ. މިއީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރި ފުރަތަމަ ފަހަރެވެ. ޝަހުދު އާއި ދިމާވިގޮތާއި އެ ގުޅުން ދިޔަ ހިސާބެވެ. ދިރިއުޅުމުގައި އޭނާ ކުރި ކުށްތަކުގެ ވާހަކަ އާއި އެ ގުޅުން ކެނޑުނު ސަބަބެވެ. އެއަށްފަހު މިއަދާ ހަމަޔަށް އުޅެން ޖެހުނު ބިރުވެރި ހާލެވެ.
“ޝަހުދު އެކުރީ ވަރަށް ބޮޑު ކުށެއް. ޤާނޫނީ ގޮތުން އޭނާއަށް އަދަބު ދޭންޖެހޭނެ. އީރާ ތިޔަކަން ސިއްރު ނުކޮށް ރިޕޯޓްކޮށްފައި ތިޔަކަމުން ސަލާމަތްވޭ. އީރާގެ މުސްތަޤްބަލް އޮތީ ކުރިއަށް. ރަނގަޅު ބައިވެރިއަކު ލިބިޖެއްޔާ އަދި ރަނގަޅުވާނެ.” ޒަވީން ބުނީ ތެދެކެވެ.
އޭނާގެ އުމުރުން ހަގެވެ. ކިރިޔާ އަށާރަ އަހަރުވީއެވެ. އެކަމަކު އޭނާގެ ހަޤީޤަތް އެނގިއްޖެނަމަ ގުޅެން ބޭނުންވާނެ މީހަކު ހުންނާނެ ބާއެވެ؟
“ބައެއް ފަހަރު މީހުންނަށް އިތުބާރު ކުރެވެނީ މާބޮޑަށް. އެއީ އަމިއްލަ ނަފްސަށް ދެވޭ އެންމެ ބޮޑު އަނިޔާ. އަނެއްމީހާއަށް ކުރެވޭ އިތުބާރުގެ މައްޗަށް ބަރޯސާވެފައި މުޅި ދިރިއުޅުން އެމީހެއްގެ އަތްމައްޗަށް ދޫކޮށްލެވުން.” ޒަވީން ހިތްވަރު ލިބޭފަދަ ޖުމްލަތަކެއް ބުނެފައި އެތަނުން ދިޔައެވެ. އީރާ އެގޮތުގައި ހުރެ ވިސްނާ ފިކުރު ކުރިއެވެ.
ސަލަފްއަށް ޖޫސްތައްޓެއް ހިފައިގެން ދިޔައިރު ސަލަފް އިނީ ނޫހެއް ކިޔާށެވެ. ޝާޔާ އެތެރެއަށް ވަދެ ޖޫސްތަށި ދނުމުން ޖޫސްތަށީގައި ހިފާފައި ޝާޔާގެ ގާތުގައި އިށީނުމަށް އެދުނެވެ. ޝާޔާ އިށީނީ ސަލަފް އާ ތަންކޮޅެއް ދުރުގައެވެ.
“އަހަރެން ވަރަށް ކުރިންސުރެ ވިސްނާފައި އޮތްކަމެއް އެއީ ޝާޔާގެ މަންމަ ބޭސްފަރުވާއަށް ބޭރަށް ފޮނުވަން. ލަންކާގައި އަހަރެންގެ ގެ ހުންނާނެ. އެކޮޅުގައި ކިތަންމެ ގިނަ ދުވަހަކު ހުންނަންޖެހުނަސް ދައްޗެއް ނުވާނެ. އެކޮޅުގައި އަހަރެންގެ އެކުވެރިން ތިބޭނެ. ޝާޔާ މަންމަ އާއެކު ދާންވީނުން.“ ސަލަފް އޭނާގެ މަންމަ އާ މެދު އޭނާ ނުވިސްނާ ވަރަށް ވިސްނައެވެ. ޝާޔާ ހިތާއި ހިތުން އުފާވިއެވެ.
“ބޭނުންނަމަ އީރާވެސް ގޮވައިގެން ދޭ. އަހަރެން ޗުއްޓީ ނިންމާފައި ނިކުންނަން މިއުޅެނީ. ޝާޔާ އެކޮޅަށް ދިޔަޔަސް އަހަންނަށް ދައްޗެއް ނުވާނެ. އަހަރެން ހުރިހާ ކަމެއް ހަމަޖައްސައިދެންތަ؟” ސަލަފް އަހާލިއެވެ. ޝާޔާއަށް ޖަވާބުދޭން އުދަނގޫވި އެވެ. ސަލަފްގެ އެހީތެރިކަމަށް އެއްބަސްވާންވީ ހެއްޔެވެ؟
“ޝާޔާ ވިސްނާލާފައި ޖަވާބެއް ދީ.” ސަލަފް ފޯނު ރިންގުވުމުން ތެދުވަމުން ބުނެލި އެވެ. ސަލަފް ފޯނު ކަންފަތުގައި ޖެހިގޮތަށް ހުއްޓުން އަރާފައި ހުރީ އެވެ.
“ކީކޭ ތި ކިޔަނީ. ސުދާ މީޓިންއަށް އެޓެންޑް ނުކުރެއޭ. އެމީހުން ކިހިނެއް ހެދީ؟” ސަލަފް ހައިރާންވިއެވެ.
ހަމަ އެވަގުތު ރުޅި ގަދަވެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ފޯނު ޖީބަށް ލުމަށްފަހު ކޮޓަރިން ނިކުތީ ޒަވީންގެ ނަމުން ވަރަށް ބާރަށް ގޮވަމުންނެވެ. ޒަވީން ކޮޓަރިން ނިކުތީ ސަލަފް މާ ބާރަށް ގޮވާތީ އެވެ. ސަލަފް އާ އަރާހަމަވުމުން ސަލަފް ދެލޯ އަޅާފައި ޒަވީންގެ ގިރުވާނުގައި ދެއަތުން ހިފިއެވެ.
ކޮޓަރި ތަކުން ނިކުމެ ތިބި އެންމެން ތިބީ ވާނުވާ ނޭނގިފައެވެ.
“ސުދާ މީޓިންއަށް ނުދާކަން އެނގިހުރެ ކީއްވެ އަހަރެން ކައިރީ ނުބުނީ. އެމީހުން ދެވަނަ ފަހަރަށްވެސް އެއްބަސްވެފައި މީޓީން އެރޭންޖު ކުރިއިރު ދެން ވެސް ސުދާ ނުދޭ. ކީއްވެ؟“ ސަލަފް ރުޅި ގަދަވީ އެ ބައްދަލުވުމުގެ މުހިއްމު ކަމުންނެވެ. އޭނާއަށް އެކަމުގެ ސަބަބުން ކުރިމަތިވި ފޫނުބެއްދޭ ގެއްލުން ވަޒަން ކޮށްލެވުމުންނެވެ.
“އަހަންނަކަށް ނޭނގެ ތި ސުވާލުތަކަށް ދޭނެ ޖަވާބެއް. ސުދާއަށް ވީނުވީއެއް އަހަންނަކަށް ނޭނގޭ. ސުދާ އެކޮޅަށް ދިޔަފަހުން އަހަންނަކަށް ނުގުޅާ. ޚަބަރެއް ނުވޭ.” ޒަވީން ރުޅި އައިސް ސަލަފްގެ އަތް ފޮޅާލި އެވެ.
“ތިވަރުގެ ކަމެއް ހިނގިއިރު ކަލެއަށް ނުބުނެވުނުކަން ދެރައީ. ސުދާގެ ޚަބަރެއް ނުވުމުން އަހަރެމެންނަށް އަންގަންޖެހޭނެއެއްނު. އޭނާއަށް ކަމެއްވިއަސް ކިހިނެއްތަ އެނގޭނީ. ކަލޭ އޭނަ އާ މެދު ފިކުރު ނުކުރިއަސް އަހަރެމެން ފިކުރު ކުރަމޭ. އޭނާއަށް ކަމެއްވެއްޖެނަމަ ކާކުތަ ޒިންމާ ނަގާނީ.” ސަލަފް ޒަވީންގެ މޭގައި އަޅާ ފަހަތަށް ކޮއްޕާލި އެވެ.
“އަހަރެން ފިކުރު ކުރަމޭ. އަހަންނަށް އޭނާގެ ހުރިހާ ކަމެއްވެސް އެނގޭ. ސުދާ ހުންނަ ހޮޓަލަށް އަހަރެން ކޮންމެ ދުވަހަކުވެސް ގުޅަން. ސުދާ ފިރިހެނަކާއެކު އުޅޭކަން އަހަންނަށް އެނގޭ. އަހަރެން އޭނާ ހޯދަން ގުޅާކަންވެސް އޭނާއަށް އެނގޭނެ. ރައްދުގައި އެންމެ ފަހަރަކުވެސް ސުދާ ނުގުޅާ.” ޒަވީންގެ ވާހަކަ އިވިފައި މާނާ ހުރީ ޝޮކެއްގައެވެ.
ސަލަފް ޤަބޫލު ނުކުރަންވެގެން އެ ހޮޓަލަށް ގުޅުމުން ޖަވާބު ލިބުނީ ހަމަ އެހެންނެވެ. ސުދާ މިވަގުތު ކޮޓަރީގައި އުޅޭ ކަމަށް ބުނުމުން ސަލަފް ފޯނު ޕާސް ކޮށްދިނުމަށް އެދުނެވެ. އެކޮޅުން ފޯނު ނެގީ ފިރިހެނެކެވެ. އެއަޑު ޖެހުމުން ސަލަފް ފޯނު ކަނޑާލީ އެވެ.
ޒަވީން އެތަނުގައި މަޑުނުކޮށް ގެއިން ނިކުމެގެން ދިޔައެވެ. އެކަނިވެލަން ބޭނުން ވެފައި ހުރުމުން އޭނާ ނިކުތީ އާރޓިފިޝަލް ބީޗް ސަރަހައްދަށެވެ. ނަޞީބު ރަނގަޅުކަމުން އެވަގުތު މީހުން ވަރަށް މަދެވެ. ޒަވީން އެކަނިވެލައި ވިސްނި އެވެ. ސުދާ އާ މެދު ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ ސުދާ އޭނާ ދެކެ ލޯބިނުވާކަން އަމިއްލަ ޟަމީރު ހެކިވާން ފަށައިފި އެވެ. ވީއިރު އޭނާއަށް ސުދާ ދެކެ ފޫހި ނުވެވެނީ ކީއްވެ ހެއްޔެވެ؟ މީހުން ބުނަނީ ތެދެކެވެ. ލޯތްބަކީ ފުރަތަމަ ނަޒަރުންވެސް ވެވިދާނެ އެއްޗެކެވެ. އިންސާނެއް ދެކެ ލޯބިވާން ފަޅި ސިކުންތެއް ނުނަގާއިރު ހަނދާން ނައްތާލަން ނޫނީ ފޫހިވާން މިހާ ގިނަ އަހަރު ނަގަނީ ކީއްވެ ބާއެވެ؟ ތަކުރާރު ކޮން ސުދާގެ ފަރާތުން ފަރުވާ ކުޑަކުރުން ފެނިފައިވެސް ހިތް ސާފްވެގެން ދަނީ ކީއްވެ ކަމެއް ނޭނގެއެވެ.
ޒަވީން އަކީ އެކަނި ހުރި މީހެކެވެ. އާއިލާގެ މީހަކު މިވަގުތު ދުނިޔޭގައި ނެތް މީހެކެވެ. ސުދާ ވަރިކޮށްފައި ގޮސް އޭނާ ވަންނާނެ ގެދޮރެއް ނެތެވެ. އެކަނިވުން ނޫން އެހެން ކަމެއް ނުވާނެ އެވެ. ފިރިހެނަކަސް ހިތްވަރު ގަދަވިއަސް އެހެން މީހުންގެ އަޅާލުމާއި ނުލައި އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސުދާ ވަރި ކުރަން ފަސްޖެހޭ ސަބަބަކީ އެއީއެވެ. ސުދާ ވަރިކޮށްފިނަމަ ސަލަފް އޭނާ ވަޒީފާއިން ވަކި ކުރާނެއެވެ. އޭރުން އޭނާ ވާނީ މަގުމައްޗެވެ.
ސަލަފް އެނދުގައި އިށީދެ ފުން ވިސްނުމެއްގައި އިނެވެ. ޝާޔާ އެތެރެއަށް ވަދެ ކޮޓަރި ތެރެ ތަރުތީބު ކުރަމުން ގޮސް އަލަމާރި ކައިރީ ހުއްޓުނުއިރު އަލަމާރީގެ ލޯގަނޑުން ސަލަފްގެ ސޫރަ ފެނިލި އެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލައިގެން ސަލަފް އިން ގޮތުން ޝާޔާގެ ހިތް ހަމްދަރުދީން ފުރުނެވެ.
ޝާޔާ ގޮސް ސަލަފް ކައިރީގައި ހުއްޓި ކޮނޑުގައި އަތް ބާއްވާލިއެވެ. ސިހިފައި ޝާޔާގެ މޫނަށް ބަލާލީ ހައިރާންވެ އިނދެއެވެ.
“އެކަމާ މާބޮޑަށް ނުވިސްނާ. އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނެކަން ޤަބޫލު ކުރާފަދައިން އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން ޤަބޫލުކުރޭ. ސަލަފް އަށް އެކަހަލަ ވަރަށް ގިނަ ކާމިޔާބީތައް ލިބޭނެ. އެކަހަލަ ކިތަންމެ ހުށައެޅުމެއްވެސް ލިބޭނެ. އެއްދޮރު ބަންދު ވުމުން އަނެއް ދޮރު ހުޅުވޭނެއޭ ބުނަނީ އެހެންވެ.“ ސަލަފްގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.
އެއް ފުރާޅުގެ ދަށުގައި ހަފްތާއެއްގެ ދުވަސް ފާއިތުވެގެން ދިޔައިރު ޝާޔާ ފުރަތަމަ އަމިއްލައަށް އިސްނަގައިގެން ދެއްކި ވާހަކަ އޭނާގެ ހިތުގައި ބިންވަޅު ނެގުނެވެ. ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއޭ ބުނަނީ އެހެންވެ އެވެ. އެންމެ ހިތްދަތިވި ވަގުތު އެ ދިން ހިތްވަރުން އާ އުއްމީދުތަކެއް އުފެދުނެވެ. ހިތުގައި އާ ނޫރެއް ދިއްލި ތާޒާވެގެން ހިނގައްޖެއެވެ. ސަލަފްގެ މޫނުމަތިން ހިނިތުންވުން ފެނި ޝާޔާގެ ހިތަށް ހަމަޖެހުން ލިބުނީ ކީއްވެ ކަމެއް ނޭނގެއެވެ. ތާ އަބަދު މާޒީ ހަނދާންކޮށްފައި ރޮއި އުޅުމަކީ ގޮތެއް ނޫނެވެ. ދިރިއުޅުމެއް މިވަނީ ފެށިފައެވެ. ކުރިއަށް ދާންޖެހޭނީ ފިރިމީހާގެ އަތުގައި ހިފައިގެންނެވެ.
“ޝުކުރިއްޔާ.” ސަލަފްގެ ދެލޯ ވިދައިގަތީ ކަރުނައިންނެވެ. ޝާޔާގެ އަތްތިލައިގައި ސަލަފް ހިފާލި އެވެ. އެއަތުގައި ބޮސްދެން ބޭނުންވި އެވެ. ސަލަފް މަޑުމަޑުން ޝާޔާގެ އަތް އޭނާގެ ތުންފަތާއި ކައިރިކޮށްލި އެވެ. ޝާޔާ އިނީ ބަލަހައްޓައިގެންނެވެ. ސަލަފް ދެލޯ މަރާލާފައި އަވަހަށް ހުޅުވާލި އެވެ. ވަގުތުން ޝާޔާގެ އަތުން ދޫކޮށްލާފައި ކޮޓަރިން ނިކުމެގެން ދިޔައީ އެވެ. ސަލަފް އެހެން ކަންތައް ކުރީ ކީއްވެ ކަން ނޭނގިފައި ޝާޔާ އިނެވެ. މިއަދު އޭނާގެ އަތްތިލައިގައި ސަލަފް ބޮސްދިން ނަމަ އޭނާ އުފާވީހެވެ. ސަލަފް އާއި މެދުގައި އެ ހިތުގައި ކުލުނު އުފެދެން ފަށައިފި އެވެ. އޭނާ ބޭނުންވި ވަގުތު ސަލަފް ދުރަށް ދިޔައީ ކީއްވެ ބާއެވެ؟
(ނުނިމޭ)