އޯގަސްޓް 27 ވަނަ ދުވަހުގެ ބަޔާގުޅޭ
ޔޫއާން އައިސް އޮފީހަށް ވަންއިރު ޔޫއާންގެ ގޮނޑީގައި އީފާ އިނެވެ. ޔޫއާން ވަނުމުން އީފާ ތެދުވެ ފައިލު ހުޅުވައިގެން ބަލަން ފެށިއެވެ. ޔޫއާން ގޮނޑީގައި އިށީންނަމުން އީފާއަށް ބަލާލިއެވެ. ކަކުލާއި ހަމަޔަށް އަންނަ ރަތްކުލައިގެ އެ ހެދުމުގެ ކަރުވަޅު ބޮޑުކަމުން ނިވާކުރަންޖެހޭ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ. ދޮން މޫނާއި ކަރުގައި އައިބެއް ނެތުމުން ޔޫއާންއަށް އިދެވުނީ ބަލަހައްޓައިގެންނެވެ. ދޭތެރެއަކުން މޫނުމައްޗަށް ވެއްޓޭ އިސްތަށިކޮޅު އެއްފަރާތް ކޮށްލާފައި ފައިލު ހޭވުމަށްފަހު ގަނޑެއް ނަގައި ސޮއި ކޮށްދޭށޭ ބުނެލިއެވެ.
”އޮފް ދުވަހަށް ރިކުއެސްޓް ކުރީތަ؟ އީފާއަށް ފަހަރެއްގައި މިތަނުގައި ޤަވައިދު ނޭނގިދާނެ. އެއް މަސް ނިމުމުން ނޫނީ އެމަހުގެ އޮފް ދުވަހެއް ނުނެގޭނެ. އީފާ ޖޮއިން ވީފަހުން އަދި މިވީ ދެތިން ދުވަސް.” ޔޫއާން އެ ގަނޑު އެއްފަރާތްކޮށްލިއެވެ.
”އަޅެ. ނޯންނާނެތަ އިތުރު ގޮތެއް. އަހަރެން ޖޮބަށް އައި އިރު ގަންނަންޖެހޭ ވަރަށް ގިނަ އެއްޗެހި އެބަހުރި. މިކޮޅުގެ ސްޓާފް ޝޮޕުން ލިބެން ހުރީ އެއްބައި. މާލެ ދާން އެބަޖެހޭ. ޑިއުޓީ ނިންމާފައި ވިއަސް ދެވޭނެގޮތެއް ހަމަޖައްސައިދީބަލަ.” އީފާ ބުނެލިއެވެ.
”މިތަނުގެ ލޯންޗު ސަޕްލައިއަށް ދާނެ މެންދުރުފަހު. އީފާ އެ ލޯންޗުން ދެވޭނެ ގޮތް ހަމަޖައްސައިދޭނަން. އެންމެ ރަނގަޅުތަ؟” ޔޫއާން ވިސްނާލުމަށްފަހު ދިން ޖަވާބުން އީފާގެ ތުންފަތްމަތީ ހިނިތުންވުން ވެރިވިއެވެ.
”އަދި އެބައޮތް އެއް މައްސަލަ. އހަރެން އަނގަ ގަދަކަމުން އަމިއްލަ ކަންތައްވެސް ހިއްސާ ކުރެވެނީ. ނޫން އަޅާނުލާ ބަހައްޓާ.” އީފާ އަނެއްފަރާތަށް އެނބުރި ލޯމަރާލިއެވެ. ޔޫއާންގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ.
”އީފާ. އަހަރެން ކައިރީ ބުނެބަލަ. އަހަރެން އެހީވެދޭނަން.” ޔޫއާން ގޮނޑިން ތެދުވެ އަންނަކަން އޭނާއަށް އެނގެއެވެ. ދެލޯ ހުޅުވާލުމަށްފަހު އެނބުރުނުއިރު ޔޫއާން ހުރީ ޖެހޭ ނުޖެހޭ ހިސާބުގައެވެ.
”ސޮރީ. އަހަރެން މާލެ ގޮސް މަޑުކޮށްލާނެ ތަނެއް ނުހުންނާނެ. ގެސްޓް ހައުސްތައް މިޒަމާނުގައި ސޭފްއެއް ނޫންކަން ނޭނގެ. އަހަރެން ކުރިން ހުރި ގޭ މީހުން ވެއްޖެ ރަށަށް ބަދަލުވެފައި.” އީފާ ބޭނުންވަނީ ޔޫއާންގެ އެހީތެރިކަމުގައި އެގެއަށް ދާށެވެ.
”އެކަމާ ހާސްނުވޭ. އީފާ އާއި އެކު އަހަރެން ދާނަން. ލޯންޗު ފުރަން ވަންދެން އަހަރެންގެ ގޭގައި ހުރެވޭނެ.” ޔޫއާންގެ ފަރާތުން ލިބުނީ އެންމެ ބޭނުންވި ޖަވާބެވެ. ބައެއް ހާލަތް ތަކުގައި ތަޤްދީރު އެއްބައިވެއެވެ.
”ޝުކުރިއްޔާ. އަހަރެން ޔޫއާންގެ ހެޔޮކަން އަބަދުވެސް ހަނދާން ބަހައްޓާނަން.” އީފާ ކުއްލިއަކަށް ޔޫއާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ޔޫއާންގެ ކަރުގައި ބޮސްދިނެވެ. ޔޫއާން ހުރީ އަޖައިބެއް ކަހަލަ މި އަންހެން ކުއްޖާގެ ހަރަކާތްތައް ފެނި ހައިރާންވެފައެވެ. އިރުކޮޅަކުން ދުވެފައި އޭނާގެ ކެބިން އިން ނިކުމެގެން ގޮސްފިއެވެ. އަޖައިބެކެވެ.
އީރާ ހެނދުނު ތެދުވި އިރު ޝާޔާ ހުރީ ސައި ތައްޔާރުކޮށް ނިމިފައެވެ. އީރާ ވަންއިރު އަނީސާ އިނދެ ސައިބޮއި ނިންމާލަނީއެވެ. ޕާން ފޮތިތަކެއްގައި ޖޭމާއި ބަޓަރ ޖަހާފައި ހުއްޓެވެ. ތަށީގައި ފިހެފައި ހުރި ސޮސެޖު ހުއްޓެވެ.
”ޝާޔާ. އާދެބަލަ މިކޮޅަށް.” ތަށިތައް ދޮންނަން ހުރި ޝާޔާއަށް އަނީސާ ގޮވާލިއެވެ.
”މަންމަ މިބުނާ ވާހަކަ ދަރިފުޅު ސަލަފް ކައިރީ ދައްކާބަލަ. މަންމަ ކައިރީ ސަލަފް ވައުދުވެދިން މަންމަ ބޭރަށް ފޮނުވައިދޭނެ ކަމަށް. ޝާޔާ އަހާލަބަލަ ފުރުން އޮތީ ކޮން ދުވަހަކުންތޯ. ސަލަފް އެ ހުރީ އެކަންތައް ހަނދާން ނައްތާލާފައި. މިހެން ހުރެފައި އުދަނގޫވެގެން ހޮސްޕިޓަލުގައި ބާއްވަންޖެހިދާނެ. މަންމަގެ ކަންތަކާ ޝާޔާ ނުވިސްނަން ދޯ. އަދި އެއް ކަންތައް. އީރާވެސް ކޮލެޖުން ކެނޑުނު ގޮތަށް އެ ހުންނަނީ. އޭނާއަށް ވަޒީފާއެއް ހޯދައިދޭން ޚިޔާލެއް ނުކުރަންތަ؟ ސަލަފްގެ އޮފީހުން ނަމަވެސް ވަޒީފާއެއްގެ ކަންތައް ހަމަޖެއްސޭތޯ އުޅެބަލަ.” އަނީސާ ފައްޗަކަށް އަމުނާލީ ހާދަ ބޮޑު ދެ ކަންތަކެވެ. ޝާޔާއަށް އިސްނަގައިގެން ދަތް އުނގުޅާ ބުރުހެއްގެ މިންވަރުވެސް ގަނެދޭށޭ ބުނަން ނުޖެހޭއިރު އެކަހަލަ ކަންތަކުގެ ވާހަކަ ދައްކާކަށް ނުކެރޭނެއެވެ.
”އެއްޗެއް ނުބުނެ އިނދެ ކޮންކަމާއިތަ ތި ވިސްނަނީ. މަންމަ މި ބުނީ ސަލަފްއަށް މާ ބޮޑު ކަންތައްތަކެއްގެ ވާހަކައެއް ނޫނޭ. އެކޮޅަށް ގޮސް ބޭސް ފަރުވާއަށް ދާނެ ދެތިން ހާސް ޑޮލަރަކީ ސަލަފްއަށް ބައި ރުފިޔާގެ މިންވަރު. ޝާޔާ. މަންމަ މިދޭ ނަޞޭހަތް އަޑުއަހާ. ދިރިއުޅުމުގައި ބާރު އޮންނާނީ އަންހެނުންގެ އަތުގައި. ފިރިމީހާ ކުރީގައި ހުއްޓެއް ކަމަކު ދުއްވާނީ އަނބިމީހާ ހުއްދަ ދޭ މަގަކުން. ލިބޭތާ ލިބި ގަންނަން ޖެހޭނެ. ލަދުގަންނަ ގޮތް ގަނޑު ދޫކޮށްލާފައި ބޭނުން އެއްޗެއް ދޭށޭ ބުނަން ކެރެންވާނެ. ފިރިމީހާގެ ޒިންމާއެކޭ އެއީ އަންހެނުންގެ ހުރިހާ ބޭނުންތައް ފުއްދައި ދިނުން. ފަހަރަކު ކަމަކަށް ކިޔާބަލަ. ” ޝާޔާ އަށް އަނީސާ ވިސްނައިދެމުން ދިޔައެވެ. މަންމަގެ އެދުން ބޮޑުކަން އެނގި ހާމަވަމުން ދިއުމުން ޝާޔާ ގަތީ ލަދެވެ. ސަލަފްގެ ކައިރީ އެވާހަކަ ދައްކަން ލާހިކެއް ނޫނެވެ.
އީރާގެ ފޯނު ރިންގު ވިއަޑަށް ސިހިފައި ބަލާލިއެވެ. ފޯނުގެ ސްކްރީނަށް ބަލާލާފައި އީރާ ދެލޯ ބޮޑުކޮށްލިއެވެ. ދެން އަވަހަށް ބޭރަށް ނިކުމެފައި ފޯން ނަގައި ޖަވާބު ދިނެވެ.
”މި ބުނަނީ ފަހު ފަހަރު. ޝަހުދު މަށަށް އުދަނގޫ ކުރުން ހުއްޓާ. ނޫނީ އަހަރެން ފިޔަވަޅު އަޅާނަން.” އީރާ ރުންކުރުވެފައި ވާހަކަ ދެއްކިއެވެ.
”އީރާ އަހަންނަށް އަހަރެންގެ ފޯނު ދީފި ނަމަ އުފަލުގައި އުޅެން ބަހައްޓާނަން. އުދަނގުލެއްވެސް ނުކުރާނަން.” ޝަހުދު އެދެމުން ދިޔައެވެ. އޭނާ ޝަހުދުއަށް އިތުބާރު ކުރަން ބޭނުމެއް ނޫނެވެ.
”ފުރަތަމަ ބުނޭ އަހަރެންގެ ނަންބަރު ހޯދި ގޮތެއް.” ޝަހުދު ގެ ފަރާތުން އީރާ ބޭނުންވީ އެސުވާލުގެ ޖަވާބެވެ. އީރާ އަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝަހުދު ހީލި އަޑު އިވުނެވެ.
”މި ދުނިޔޭގައި އީރާ މަށަށް ފިލައިގެން އުޅެން ނުވިސްނައްޗޭ. އަދި ބުނަން ވިސްނާލާފައި ފޯނު ހަވާލު ކުރޭ. ނޫނީ އަހަރެންގެ އަމާނަތް ބަލާ ދާން ޖެހިދާނެ ތިގެއަށް.” ޝަހުދު ފޯނު ކަނޑާލިއެވެ. އީރާ ރުޅި ގަދަވެފައި ސައިބޯން ވަދެފައި ހިތްހަމަޖެހޭވަރަށް ސައިބޮއި ނުލެވުނެވެ. ކާން ނެގި ޕާން ފޮތިވެސް ހުސް ނުވިއެވެ.
ސަލަފް އޮފީހަށް ދާން ނިކުމެވުނީ ޒަވީންއާ އެކުގައެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައި ނުލައެވެ. ރުޅި މޫނު ހަދާފައި ތިބުމުން ޒަވީން ހެނދުނުގެ ނާސްތާ ކުރުމުގައި ބައިވެރިއެއް ނުވިއެވެ. ދެމީހުން ނިކުމެގެން ދިޔަ ފަހުން މާނާ އައިސް ނޫރީން ލައްވާ ސައި ތައްޔާރުކޮށްގެން ސައިބޯލައިގެން ދިޔައީ ޝާޔާ ހުރިކަމަށް ނުހަދައެވެ. އެންމެ ކުޑަމިނުން އެއް ފަހަރު އިސްއުފުލާ ބަލައިވެސް ނުލައެވެ. މާނާ ދިއުމުން ނޫރީން ތަށިތައް ނަގާފައި މެންދުރަށް ކެއްކުމަށް ތައްޔާރުވަމުން ދިޔައެވެ. ތަރުކާރީ ކޮށަން ފެށުމުން ޝާޔާ އައިސް ކޮން އެއްޗެއްތޯ ތައްޔާރު ކުރުމުން ނޫރީން ޖަވާބެއް ނުދިނެވެ.
”ނޫރީން އަހަންނާ ވާހަކައެއް ނުދައްކާނަންތަ؟” ޝާޔާ ނޫރީންގެ އަތުގައި ހިފަހައްޓާލިއެވެ. ” ޝާޔާ. އަހަރެން ވަރަށް ބިޒީކޮން މިއުޅެނީ. މެންދުރު ބަޔަކު އަންނަ ވާހަކަ ދައްތަ ބުނެފި.” ނޫރީން ވާހަކަ ދެއްކީ މަޑުންނެވެ. މިފަހަރު އަޑުގައި ރުޅިވެރިކަމެއް ނެތްކަން އެނގެއެވެ.
”އަހަރެން އެހިވެދޭނަން. ތަރުކާރީ ބަތް ކައްކަންތަ ތިއުޅެނީ. އެއާއެކު ފިޔާ ސަޓަނި ވަރަށް މީރު ވާނެ.” ޝާޔާ ބަލައިލީ ނޫރީންއަށެވެ.
”ދައްތައަށް އެނގިއްޖެއްޔާ ރުޅި އަންނާނެ.” ނޫރީން ބުނެލި އެވެ.
”މަންމަ ދެން ހިއެއް ނުވޭ އަންނާނެހެންނެއް. ނޫރީންއަށް އެކަނި ހުރިހާ ކަމެއް ނުވާނެއެއްނު. އަހަރެން މިހުންނަނީ ކަމެއް ނެތިފައި.” ޝާޔާއަށް ބަލާފައި ނޫރީން ހީލިއެވެ.
”ޝާޔާ ކައްކަން ދަންނަންތަ؟” ނޫރީން ތަރުކާރީ ކޮށަން ފެށިއެވެ.
”އަންހެނެއްވިއްޔާ އެވަރު އެނގޭނެއެއްނު. ނޫރީން މިގޭގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެ؟ ” ޝާޔާ ފިޔާތަކެއް ނަގައިގެން އައިސް ސާފްކޮށް ކޮށަން ފެށިއެވެ.
”ދެތިން އަހަރު ވެއްޖެ. އަސްލު އައީ ކިޔަވަން. ދެން ކިޔަވާ ނިމިގެން މިގޭގައި މަޑުކުރަން ޖެހުނީ ވަޒީފާއަކަށް ވަންނަން ފުރުޞަތެއް ނުލިބުން. ފާސް ވެފައި ހުރީ ވަރަށް މަދު އެއްޗަކުން. މިވެސް ރަނގަޅު ވަޒީފާއެއް. މާނާ ދައްތަ ވަރަށް ހެޔޮ. މިގޭ މީހުންވެސް ހެޔޮ. މިގެއަށް އައި ފަހުން އަދި ރަށަކަށް ނުދަން.” ނޫރީން އެކުވެރިވިއެވެ. ގިނަ ދުވަހު ރުޅި ހަދައިގެން ހުރުން ފަސޭހަ އެއް ނޫނެވެ.
ދެމީހުން އެކި ވާހަކައިގައި ތިބެ މަސައްކަތް ނިންމާފައި ތަންތަން ސާފު ކުރަން ފެށިއެވެ. މެންދުރު ވަގުތު ޖެހުނު އިރު ހުރިހާ ކަމެއް ނިމިއްޖެއެވެ. ޝާޔާ ކޮޓަރިއަށް ގޮސް ފެންވަރާ މެންދުރު ނަމާދު ކޮށްލައިގެން ނިކުންއިރު ދޮރުން ވަދެގެން ޔޫއާން އަންނަނީއެވެ. ޔޫއާންގެ ފަހަތުން ވަން އަންހެން ކުއްޖާ ފަހަރަކު މީހަކަށް ބަލާލަމުން ހިތްހެޔޮ ކަމާއެކު ހިނިތުންވެލަމުން ދިޔައެވެ.
”ޔޫއާން. އީފާ ގޮވައިގެން އާދޭ ކާން.” އީފާގެ ނަން އިވުމުން ޝާޔާގެ ސިކުނޑި ތޮރުފައިލީ ސަލަފް އެދުވަހު ފޯނުން ދެއްކި ވާހަކައިގެ ހަނދާންތަކެވެ. ޝާޔާ ޝައުޤުވެރިވެފައި އީފާގެ މޫނަށް ބަލާލިއެވެ. އެއީ ސަލަފް މުޚާތަބު ކުރި އީފާ ކަމުގައި ނުވެދާނެއެވެ. ޔޫއާން އާއެކު އައި ކުއްޖެއް ކަމުން ޝާޔާ ކަންބޮޑުވިއެވެ. ޔޫއާން އާއި އީފާ އޮންނަނީ ކޮން ގުޅުމެއް ބާއެވެ؟ އޭނާއަށް އެއްވެސް މީހެއްގެ ކައިރީ އަހާކަށް ނުކެރޭނެއެވެ. އެމީހުން ކައި ނިމެންދެން ޝާޔާ މަޑުކޮށްގެން ހުއްޓެވެ.
”ދައްތާ. އަހަންނާއެކު ބާޒާރުކޮށްލަން މިތަނުން އެއް ކުއްޖަކު ފޮނުވައިދީބަލަ.” އީފާ އިޝާރާތުން ދެއްކީ ނޫރީން އާއި ޝާޔާއެވެ.
”ނޫރީން. ތަށިތައް ނަގާފައި އީފާ އާއެކު ބާޒާރަށް ދޭ.” ނޫރީން ބޯޖަހާލާފައި ތަށިތައް ނެގުމަށް އަވަސްވެ ގަތެވެ.
”އަދި މިހުރީނުން ކުއްޖަކު. މިވެސް ގޭގައި ގެންގުޅޭ ކުއްޖެއްތަ؟ ކޮންނަމެއްތަ ކިޔަނީ؟” ފެންނަ ފެނުމުގައި ހިނިތުންވެލައިގެން ހުއްޓަސް އީފާގެ ބޮޑާކަން ޝާޔާއަށް ފާހަގަވިއެވެ. މެހެމާނެއްގެ ގޮތުގައި އައިސް ގޭތެރެއަށް ގަދަކޮށްލަންވެގެން އުޅެނީއެވެ.
”ޝާޔާ.” ޝާޔާ ނަން ބުނެފައި ހުއްޓާލީއެވެ.
”އެ ކުއްޖާ މަސައްކަތުގައި ބަހައްޓާ. އަހަރެން އެބަޖެހޭ އަވަހަށް ފިހާރައަށް ދާން. ޝާޔާ އާދެބަލަ ދާން.” އީފާ އަށް ލަސްވެދާނެހެން ހީވެގެން މާނާ އެންމެ ފަހުން ޝާޔާގެ ގާތުގައި ދާށޭ ބުނެފިއެވެ.
މެންދުރުގެ އަވިގަދަ ވަގުތެކެވެ. ވިލާ ކޮޅެއްގެ މިންވަރުވެސް ފެންނަން ނެތި އުޑު އޮތީ ހާމަވެ ފެންނާށެވެ. އީފާ ގޭޓާއި ހަމަޔަށް ގޮސް އަތް ދަބަސް ހާވާލާފައި ކުޑައެއް ނެގިއެވެ. ކުޑަ ހުޅުވާފައި ޝާޔާގެ އަތަށް ދިނެވެ.
”މި ކުޑަ ނަގައިދީގެން ހުރެފާނަންތަ؟ ހާދަ ހޫނު ގަދައޭ.” އީފާ ގެ ކުޑައިގައި ހިފުމުން ދަބަހުން އަވި އައިނެއް ނަގައި އަޅައިފިއެވެ. މަގުމަތީގައި ދަމުން އީފާ ވަރަށް ވާހަކަ ދެއްކިއެވެ. ޝާޔާ ހިނިތުންވެލުން ނޫން ކަމެއް ނުކުރެއެވެ. ފާޑަކަށް ފޫހިވެފައި ހުރެވުނީ ތުއިކަން ބޮޑުވެފައި އިއްޒަތްތެރި ކަމުންނެވެ. ހަށިފާރަވެރިއެއްހެން ކުޑަ ނަގައިދީގެން ދާން ޖެހޭތީ ލަދު ގަންނަ ގޮތްވިއެވެ. މަގުމަތީގައި ހިނގާފައި ދާ ބައެއް މީހުން ބަލަން ތިބެއެވެ.
އީފާ ބުނި ފިހާރައަކަށް ވަދެ ބާޒާރު ކޮށް ނިމުނު އިރު ދެއަތް ފުރާފައި ހުރި ކޮތަޅުތަކުގެ އަދަދު ގިނައެވެ. ގެއަށް އައުމުގެ މަގުމަތީގައި ޝާޔާއަށް ޖެހުނީ އެ ކޮތަޅުތައް އުފުލައި ދޭށެވެ. ގެއަށް ވަދެފައި އީފާ ބޭނުން ވެގެން ޔޫއާންގެ ކޮޓަރި ބަލަން ދިޔައެވެ. ޔޫއާން ފެންވަރައިގެން ނިކުމެ ކޮފީއެއް ހަދައިގެން ކޮފީ ބޯން ބެލްކަންޏަށް ނިކުމެ ހުއްޓެވެ. އީފާ ކޮޓަރި ބަލަމުން ގޮސް އެނދުގައި އޮތް ޔޫއާންގެ ވޮލެޓް ނަގައި ބަލާލި ވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ.
”ނޯޓީ ކަން. މިހާ ސިއްރުން ގާރލް ފްރެންޑް ފޮޓޯ ހައިޑްކޮށްގެން ތި ގެންގުޅެނީ.” އީފާ ބެލްކަންޏަށް ނިކުމެފައި ދައްކާލީ ޝާޔާގެ ފޮޓޯގަނޑެވެ. ޔޫއާން ސިއްރުން ފޮރުވައިގެން ގެންގުޅެނިކޮން އީފާއަށް އެ ފެނުނީމައި ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ލަދެއް ނެތްކަމުން މީހުންގެ އެއްޗެހީގައި ހުއްދަ ނުހޯދައި އަތް ލެވެނީ އޭ ޔޫއާންގެ ހިތަށް އެރިއެވެ.
”މިއީ މިގޭގައި ގެންގުޅޭ ކުއްޖެއް. ޔޫއާންގެ ފެމެލީއަށް މިކަން އެނގޭތަ އަނެއްކާ. ގިނަފަހަރު އޮންނަނީ މިކަހަލަ ލަވް ސްޓޯރީއެއް. ގޭގައި ގެންގުޅޭ ކުއްޖަކާއި ހިތާވެގެން ރާއްޖެތެރެއިން އައިސް ހުރީތީ އަންހެން ކުއްޖާއާ ޤަބޫލު ނުވެފައި.” އީފާ ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ.
“އީފާ. ޕްލީޒް. އަހަރެންގެ ޕާސަނަލް ލައިފްއާ ނުބެހި ހުރެފާނަންތަ؟ އީފާ އެތެރެއަށް ގޮސް އާދޭ ފުރަން ތައްޔާރުވެގެން. އަހަރެން ބުނާނަން ލޯންޗު ތައްޔާރު ކުރަން. އަހަންނަށް ހީވަނީ މާބޮޑަށް ލަސްވެއްޖެހެން ފުރަން.” ޔޫއާން ނުރުހުންވީ ވަރުން ބޭނުންވީ އީފާ ގޮވައިގެން ނިކުމެގެން ދާށެވެ. ނޫންނަމަ އީފާގެ އަނގަ ގަދަކަމުން ކަންފަތްތަކަށް ސިއްރު ކޮށްގެން އުޅޭ ސިއްރުތައް ފޯރާފާނެއެވެ.
”ޔޫއާން. އަދި ނުވޭ ފުރާކަށް.” އީފާ ވަގުތުން އިންކާރު ކުރިއެވެ. މިގެއަށް އައީންސުރެން ސަލަފްގެ ސޫރަ ނުފެންނަނީސް އެނބުރި ދާން ބޭނުމެއް ނޫނެވެ.
”އޯކޭ ފައިން. އެކަމަކު ބުނަން. އަނގަ ގަދަ ކުރިއަސް މި ވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނާތި.” އީފާގެ އަތުން ފޮޓޯގަނޑު ދަމައިގަންނަމުން ޔޫއަން ބުނެލިއެވެ.
”ސީކްރެޓްސް އައި ނެވާ ސްޕްރެޑް…” އީފާ ބުނެލިއެވެ.
ޒަވީން އޮފީހުން އައިސް ވަން މަންޒަރު ފެނި އީރާ ދުވެފައި ގޮސް ޒަވީންގެ ފަހަތުން އެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ޒަވީން ހުރީ ހައިރާންވެފައެވެ. އީރާ ދޮރު ރަނގަޅަށް ތަޅުލާފައި ޖީބުން ނަގައި ޒަވީންއަށް ދިއްކުރީ ފޯނެކެވެ.
”އަހަރެން މިއައީ ޒަވީންގެ އެހީތެރިކަން ބޭނުންވެގެން. އަހަރެންގެ ރައްކާތެރިކަމަށްޓަކައި އަހަރެން ބޭނުންވަނީ ޝަހުދުއަށް ހައްޤު އަދަބު ދޭން. ޒަވީން މިކަމުގައި އެހީވާނަންތަ؟ އަހަރެން ޕޮލިސް ސްޓޭޝަނަށް ގޮސްދޭންވީނު. އަދި މި ހެކި ބޭއްވުން އެންމެ ރައްކާތެރިވާނީ ޒަވީންގެ އަތުގައި ކަންނޭނގެ.” އީރާ ގެ މޫނަށް ބަލަން ހުރެފައި ޒަވީން އެނބުރުނީ ފޯނުގައި ނުހިފައެވެ.
”އީރާ ކޮންއިރަކު އަހަންނަށް އިތުބާރު ކުރަން ފެށީ؟” ޒަވީންގެ ސުވާލުގެ ސަބަބުން އީރާ ހިމޭން ކުރުވިއެވެ. ހިންދިރުވާލަން އުޅެފައި އެކަންވެސް ހަނދާން ނެތިފައި ހުރެވުނީއެވެ. އޭނާއަށް މިކުރެވުނީ ބޭކާރު ކަމެއް ބާއެވެ؟ އީރާގެ ސިއްރު އެނގޭ ހަމައެކަނި ފަރާތަކީ އަދި ހިއްސާ ކުރެވުނު ފަރާތަކީ ޒަވީން ކަމަށްވާތީ އެހީތެރިކަމަށް އެދެވުނީ ޒަވީންގެ ފަރާތުން ނެވެ.
“އޯހް. ސޮރީ.” އީރާ އުޅުނީ އެނބުރި ދާށެވެ. ޒަވީން އީރާގެ އަތުގައި ހިފިއެވެ.
”އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަންނަންތަ؟ އީރާ މި ހިސާބަށް ގެނައީ އަހަރެންގެ މައްޗަށް އޮތް އިތުބާރެއްގެ ސަބަބުން. އީރާ. އަހަރެން ބުނީމެއްނު އެހިވެދޭނަމޭ. ތިކަހަލަ ކަންތައް ސިއްރު ކުރާކަށް ނުވާނެ. އިރުކޮޅަކުން މި ނިކުންނަނީ. އީރާ މަޑުކުރޭ ބޭރުގައި.”
އީރާ ޒަވީންގެ ކޮޓަރިން ނިކުންއިރު ހުރީ ހެވިފައެވެ. އިރުކޮޅު ކޮޅާ އަތުގައި ފިރުމައިލެވެނީއެވެ. ޒަވީންގެ ބީހިލުން އޭނާއަށް ވަރަށް ޚާއްސަވިއެވެ.
(ނުނިމޭ)