twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (31)

Sep 10, 2013

ސެޕްޓެމްބަރ  03 ވަނަ ދުވަހުގެ ބަޔާގުޅޭ

އިރު އޮއްސުމާއެކު އުދަރެސް ފުރާލީ ކަޅު ވިލާތަކުންނެވެ. ހިމަފޮދު ވާރޭއަށް ވެހެން ފަށާފައި ކުއްލިއަކަށް ވާރޭ ގަދަކޮށްލީ ތޫފާނެއް ފަދައިންނެވެ. ޖެހެމުންދާ ވައިރޯޅިތައް ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. ސަލަފް ވަރަށް ބިޒީކޮށް ފައިލުތައް ޗެކު ކުރަމުން ދިޔައެވެ. ސަލަފް ޗުއްޓީ ހަފްތާގައި ސުދާ ބޭއްވި ކޮންފަރެންސްތަކުގެ ބްރީފިންތައް ބަލަމުން ގޮސް ކުއްލިއަކަށް އެއްލި ސޮފްހާއަކުން ފެނުނީ ބެންކު އޮފް މޯލްޑިވްސްއިން އައިސްފައިވާ ލޯނު ރިޖެކްޓް ލެޓާރ އެކެވެ. ސަލަފް އޭގެ މައުލޫމާތު ހޯދުމަށް ޒަވީންގެ ފޯނަށް ގުޅާލުމުން ޒަވީން ފޯނެއް ނުނެގިއެވެ.

އެންމެ ހަފްތާއަކަށް އޮފީހަށް ނައިސް މަޑުކޮށްލީތީ ކަންކަން މިވަނީ ބޮންސުން ލާފައެވެ. ސުދާވެސް ގިނަ ނިންމުންތައް ނިންމާފައިވަނީ އޭނައާ މަޝްވަރާ ކުރުމެއް ނެތިއެވެ. ރިސޯރޓް ތަރައްޤީ ކުރުމަށް ސޮއިކުރަން ހުރި ގިނަ ބައްދަލުވުންތައް ވަނީ ކެންސަލް ކޮށްފައެވެ. އެ ހުރިހާ ކަމެއް އެނގުމުން ސަލަފް ރުޅި ގަދަވިއެވެ. އެންމެ ސިކުންތަކަށްވިއަސް ލޭގެ ގުޅުން އޮންނަ މީހަކަށްވެސް އިތުބާރު ކުރާނެ ކަމެއް ނެތެވެ.

ސަލަފް ފައިލު ލައްޕާފައި ގެއަށް ދާން ނިކުންއިރު ވާރޭ ކުރިއަށްވުރެ ބޯކޮށްލައިފިއެވެ. ކަރުގައި އިން ޓައި ދޫކޮށްލުމަށްފަހު ކާރަށް އެރިއިރު މީހާ ހުރީ ހިސާބަކަށް ތެމިފައެވެ. ކާރަށް އެރުމަށްފަހު ލައިގެން ހުރި ކޯޓް ބާލައި ޝީޓްގައި އަޅުވާލިއެވެ. ޓައިވެސް ބޭލިއެވެ. މަޑުދުވެލީގައި ކާރު ދުއްވާފައި ގޮސް ގޭގެ ޕޯޓިކޯގައި މަޑުކުރުމުން ޝާޔާ ދުވެފައި ނިކުތެވެ. ހީވީ އޭނާ އައުން ލަސްވެފައި ހުރިހެންނެވެ. ސަލަފް ކޯޓާއި ޓައި ޝާޔާގެ އަތަށް ދިއްކުރި މަންޒަރު ސޯފާގައި އިން އީފާއަށް ފެނުނެވެ. ގޭގެ ސާހިބު މީހާ ވަނުމުން ޚާދިމުން އިސްތިޤްބާލުގައި އިހްތިރާމް އަދާ ކުރާ މަންޒަރު އީފާއަށް ވަނީ ފެނިފައެވެ. މިފަހަރުވެސް އީފާއަށް މާނަ ކުރެވުނީ ޝާޔާ އަކީ ނޯކަރު ކުއްޖެއްގެ ގޮތުގައެވެ.

ޕޮލިސް ސްޓޭޝަން އިން ނިކުމެފައި ޒަވީން ފޯނު ބަލާލިއެވެ. ސަލަފްގެ މިސްކޯލު ވިއުކޮށްލުމަށްފަހު ފޯނު ޖީބަށް ލަމުން އީރާއަށް އިޝާރަތްކުރީ ކާރަށް އެރުމަށެވެ. ޒަވީން މިސްރާބުޖެހީ އާރޓިފިޝިއަލް ބީޗާ ދިމާލަށެވެ. އީރާ ކާރުން ފައިބާފައި ބޭރު ބަލާލިއެވެ. ދުރުދުރުގައި މީހުން ތިއްބެއް ކަމަކު އެމީހުން ތިބި ހިސާބު ހަމަހިމޭންވެފައި އަމާނެވެ. ކަޅުފޮއި ރެއެއްކަމުން މުޅިތަންވަނީ އަނދިރިވެފައެވެ. ޝަހުދުއާ ދެކޮޅަށް ދައުވާ އުފުލާ އޭނާގެ ކުރިމަތީގައި ޝަހުދު ހައްޔަރު ކުރެވުނު މަންޒަރު ފެނި ހުރީ ހިތްހަމަޖެހިފައެވެ.

ޒަވީން އައިސް އީރާގެ ގާތުގައި އިށީނެވެ. ދެމީހުންގެ މެދުގައިވަނީ ހިމޭންކަމެވެ. ހިތުގައި އެތައް ޝުއޫރެއް އެނބުރެމުން ދިޔަ އިރު ދުލުން އެންމެ ލަފްޒެއް ބޭރުކުރާނެ ހިތްވަރެއް ނެތެވެ.

”ތެންކސް އިނގޭ. ޒަވީން ނެތްނަމަ މިއަދު..” އީރާ ހުއްޓާލިއެވެ. ޒަވީން އީރާގެ އަތުގައި ހިފާލިއެވެ.

”އަހަރެންގެ ސަބަބުން އީރާއަށް އެހީތެރިކަން ލިބުމަށްވުރެ އުފަލެއް ކޮބާ؟ އީރާ ވެސް ރަނގަޅު ބައިވެރިއެއް ހޯދާ ދިރިއުޅުމެއް ފަށާ. އޭރުން ހުރިހާ ކަމެއް ނިމުނީ.” ޒަވީން އީރާގެ އަތަށް ބާރުކޮށްލި އެވެ.

”އަހަރެން ކަހަލަ އަންހެން ކުއްޖަކު ދެކެ ލޯބިވާނެ މީހަކު ނުހުންނާނެ. އަހަރެން އަތުގައި ފިރިމީހާއަށް ދޭނެ އެއްވެސް އެއްޗެއް ނެތް” އީރާގެ އަޑު ކުރަކިވެ ފެންކަޅިވިއެވެ. ޒަވީންގެ ހިތް ހަމްދަރުދީން ފުރުނެވެ. ޒަވާޖީ ހަޔާތެއް ފެށުމަކީ ކޮންމެ އަންހެން ކުއްޖަކުވެސް ދެކޭނެ ހުވަފެނެކެވެ.

”ތިހާ ނެގެޓިވްކޮށް ވިސްނާކަށް ނުވާނެ. އިރާދަކުރެވިއްޔާ އީރާއަށް އެ ނަޞީބު ލިބޭނެ.” ޒަވީން އީރާގެ އަތުން ދޫކޮށްލިއެވެ. ޒަވީން ދިން ހިތްވަރުން އީރާ ކަރުނަތައް ފޮހެލާފައި ހިނިތުންވެލިއެވެ. އެކަމަކު ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.

ސަލަފް އިސްޖަހައިގެން ސޯފާގެ ކުރިމަތިން ދިޔައިރު އީފާއެއް ނުފެނުނެވެ. ސަލަފްގެ ފަހަތުން ޝާޔާ ކޮޓަރިއަށް ވަދެ ކޯޓް ބާއްވާފައި ނިކުމެ ބަދިގެއަށް ވަނުމުން އެ ފުރުޞަތުގެ ބޭނުން ހިފަން އީފާ ބޭނުންވިއެވެ.

ތެތް ގަމީސް ބާލާފައި ސަލަފް އަލަމާރި ކައިރީ ހުއްޓި ކޮނޑެއް ނެގިއެވެ. އަދި ގަމީސް އަޅުވާފައި ޓީޝާރޓެއް ހޯދަމުން ދަނިކޮން ބުރަކަށީގައި ހިމަ އިނގިލިތަކަކުން ފިރުމާލި އިޙްޞާސް އާއި އެކު ސަލަފްގެ ގައިން ހީބިހި ނަގައިގަތެވެ. ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން ޝާޔާ އިސްނަގައި އޭނާއަށް އެ އުފާ ހޯދައިދޭނެ ރެއެއްގެ އިންތިޒާރުގައި ހުއްޓާ ބީހިލުމުން އުފާވެއްޖެއެވެ. މަސްތީ ފިރުމުންތަކަށް އިޖާބަދީގެން ސަލަފް އެހުރިގޮތަށް ހުއްޓެވެ. އަތް ބުރަކަށީގައި ހިންގާލާފައި އޭނާގެ ބަނޑާއި ހަމަޔަށް ގެނައުމުން ދެލޯ މަރާލެވުނެވެ. ފިނި ފިނި ތުންފަތަކުން އޭނާގެ ކަނދުރާގައި ބޮސްދިނުމާ އެކު ކެއްތެރިކަން ކޮޅުންލައިގަތެވެ. ޝާޔާ އާއި ވީފަރާތަށް އެނބުރިލީތަނާއި ސަލަފްގެ މޭމަތީގައި ބޯޖަހައި މޫނު ފޮރުވާލައިފިއެވެ.

ލަދުވެތިކަމަކީ އަންހެނުންގެ ޚާއްސަ ސިފައެކެވެ. ސަލަފްއަށް އެ ސިފަ ނުހަނު ކަމު ދިޔައެވެ. ސަލަފް ދެއަތުން އެ ހަށިގަނޑުގައި ވަށާލާ ބާރުކޮށްލި ވަގުތު ބިއްލޫރި އެއްޗެއް ވެއްޓި ކުދިކުދިވެގެން ދިޔަ އަޑު އިވުނެވެ. ސަލަފް ސިހިފައި ބަލާލިއިރު ފެނުނީ ދޮރުމަތީގައި ހުރި ޝާޔާއެވެ. ޓައިލްސް މައްޗަށް ފުނޑުފުނޑުވެގެން ދިޔަ ކޮފީ ޖޯޑުގެ ވަހުން މުޅިތަން އެއްވަސްވެގެން ދިޔައީ އެ ސިކުންތުގައެވެ.

”ޝާޔާ..” ސަލަފްއަށް ގޮވާލެވުނީ ޝާޔާ ދުއްވައިގަތުމުންނެވެ. އޭނާގެ ހަށިގަނޑުގައި ތަތްލަވާފައި ހުރި އަންހެން ކުއްޖާ ގަދަކަމުން ދުރުކޮށްލި ވަގުތު އޭނާގެ މޫނު ރަތްވެގެން ދިޔަ މަންޒަރު ފެނުނެވެ. ހީވީ މުޅި ހަށިގަނޑުގައިވާ ހުރިހާ ލެއެއް އެއްފަހަރާ އެ މޫނަށް ޖަމާވެގެން ދިޔަހެންނެވެ. އީފާގެ މޫނު ފެނުމުން ޤަބޫލުކުރަން ދަތިވިއެވެ.

”އައި އެމް ބެކް..” އީފާ ހިނިތުންވެލިއެވެ. ސަލަފް ދެބުމަ ގޮށްޖަހާލާފައި އީފާ ދުރަށް ކޮއްޕާލިއެވެ.

”ކަލޭ މިތަނަށް ވެއްދީ ކާކު؟”

” ހާދަ ރުޅިއެއް. އަހަރެން ހީކުރީ އެހާ ދުވަސްކޮށްފައި ފެނުނީމައި އުފާކަމަށްވާނި.” އީފާ ގޮސް އެނދުގައި އިށީނެވެ.

”ނިކުމޭ މިތަނުން.” ސަލަފް އީފާގެ އަތުގައި ހިފާ ނެގިއެވެ.

”އަހަރެން މިއައީ އެނބުރި ދާކަށް ނޫން. ސަލަފްއަށްޓަކައި އުމުރަށް މިއައީ.” ލަދުގެ ކަންފުޅެއްވެސް ނެތެވެ. ސަލަފް ކިތަންމެ ރުޅި އައިސްގެން ދެބުމަ ގޮށްޖަހާލިއަސް ރައްދުގައި އީފާ ދެނީ ފިނި ހިނިތުންވުމެކެވެ. ނަފްރަތު ބަދަލުވަނީ ލޯބިންކަން އީފާ ދަނެއެވެ. ރުޅި މަޑުވާނީ ހިނިތުންވުމަކުންނޭ މޮޅު ލިޔުންތެރިން ބުނެފައިވާތަން ދެކެފައިވެއެވެ.

”އަހަރެން އާދޭސްކުރި ދުވަހު އައިނަމަ. އެދުވަހެކޭ މިއަދެކޭ ނެތް ތަފާތެއް. މިއީ ހަމަ އެ ސަލަފް. އަހަރެންގެ ހަށިގަނޑުގައި އެ އުނިކަން އަދިވެސް އެބަހުރި. އީފާ ދެވަނަ ފަހަރަށް އަހަރެން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް. އަހަރެންގެ ހިތުން އީފާއަށް އޮތް ޖާގަ ހުސްކޮށްލައިފިން.” ސަލަފް އުޅުނީ އީފާ ގޮވައިގެން ހިނގައި ގަންނާށެވެ. އީފާ ގަދަ ހަދާލިއެވެ.

”އޭރު އަހަންނަށް ނުވިސްނުނީ. ފަހުން އަހަންނަށް ވިސްނުން ސަލަފްއާ ނުލާ ދިރުމެއް ނެތްކަން. ތިއީ އަހަރެންގެ ފުރާނަކަން. އަހަރެން އެނބުރި އައީ އެހެންވެ.” އީފާ އިސްޖަހާލިއެވެ. މިވަގުތު ސަލަފްގެ ކުރިމަތީ ރޮއިގަންނަން ބޭނުންވިއެވެ. ފިލްމު ތަކުގައި އަންހެން ކުދިން ރޮއިގަންނަނީ ހާދަ ފަސޭހައިންނެވެ.

”ބައެއް ކަންތައްތަކަކީ ދެވަނަ ފުރުޞަތު ލިބޭ ކަންތައްތަކެއް ނޫން. އަދި ބުނަން އަހަރެން ބޭނުމެއް ނޫން ކަލޭ ދައްކާހާ ހާސަރު އަޑުއަހާކަށް. މިގޭ ހޯދައިގެން އަންނަން ކެރުނުކަމަށްޓަކައި އަހަރެން ހައިރާންވެއްޖެ. އަހަރެންގެ ކުރިމައްޗަށް އަންނަން ކެރުނީތީ އެކަމާއިވެސް ހައިރާންވެއްޖެ. އީފާ ކަލޭ ތިވަނީ އަމިއްލަ ދިރިއުޅުން ނަގާލާފައި. ލިބުނު ފުރުޞަތުގެ ބޭނުން ނުހިފާފައި. އިތުރަށް ޑްރާމާ ކުޅެން ނުހަދާ އަހަރެން ކުރިމަތިން ދޭ. ހަމަމިހާރު މިތަނުން ނިކުމޭ..”  ސަލަފް އީފާގެ އަތުގައި ހިފައިގެން ކޮޓަރިން ނެރުނެވެ.

ޝާޔާ ދުވެފައި ޓެރަސްއަށް އެރީ އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ހަދާފައެވެ. ޓެރަސްގެ ލައިޓް ނުދިއްލާ ގަސްތުގައި ކުރިއަށް ދިޔައީ މިވަގުތު އަނދިރީގައި ހުންނަން ބޭނުންވެގެންނެވެ. އަނދިރިދެކެ އިންތިހާއަށް ބިރުގަތް ކަމުގައި ވިއަސް އޭނާގެ ލޮލުން ފައިބާ ކަރުނަތައް ވަންހަނާ ކުރަން ބޭނުމެވެ. އެކަނިވީކަން އެނގުމުން ގިސްލެވުނެވެ. ހިތްހަމަޖެހެންދެން ރުއިމަށްފަހު ހަމައަކަށް އެޅުނު ފަހުން މުޅިތަން އަލިވެގެން ދިޔަކަން އެނގުމުން ބަލާލިއިރު ޓެރަސްއަށް ނިކުން ޔޫއާން އަންނަނީ ފޯނެއްގައި ހުރެގެންނެވެ. ޝާޔާ ފެނުމުން ޔޫއާން ނެގި ފިޔަވަޅު ހުއްޓާލިއެވެ. އަދި އަނބުރާލާފައި ގޭތެރެއަށް ވަނެވެ. ޝާޔާ މޫނު ދެއަތުން ފޮހެލައިގެން އެތެރެއަށް ވަންއިރު އީފާ ޔޫއާންގެ ކައިރީ ހުއްޓެވެ. ސަލަފް ކޮޓަރިން ނިކުމެ ޝާޔާގެ ކައިރީ އައިސް ހުއްޓުނެވެ.

”އީފާ އާދެބަލަ މިކޮޅަށް. މިއީ ސަލަފް. އަހަރެމެން ގޭގެ އޯނަރ. ދެން މިހުރީ ދޮންބެގެ އަންހެނުން ޝާޔާ. ދެން މިއީ އަހަރެންގެ ވާން އުޅޭ އަންހެނުން އީފާ” ޔޫއާން އީފާއަށް ސަލަފްގެ ދެމަފިރިން ތަޢާރަފްކޮށްދިނެވެ.

ޔޫއާން ކުއްލިއަކަށް ހުރެފައި އެހެން ބުނުމުން އީފާ ހައިރާންވިއެވެ. ޝާޔާ އަކީ އެގޭގެ ނޯކަރެއް ނޫންކަމާއި ސަލަފްގެ އަންހެނުންކަން އެނގުމުން އީފާ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އީފާގެ ހަނދާނަށް ކުއްލިއަކަށް އައީ ޔޫއާންގެ ވޮލެޓުން ފެނުނު ޝާޔާގެ ފޮޓޯގަނޑެވެ. ޔޫއާން އާއި ޝާޔާގެ ގުޅުމެއް ވެއެވެ. އީފާގެ ސިކުނޑީގެ އެއްކަނެއްގައި އެ ޕޮއިންޓް ނޯޓްކޮށްލިއެވެ. ޔޫއާން ބޭނުންވަނީ ޝާޔާއަށް ދައްކަންކަން އެނގުމުން އީފާ ހިތާ ހިތުން އުފާވިއެވެ. މިގޭތެރޭގައި އޭނާއަށް އެހީވެދޭނެ ފަރާތެއް އެބަހުއްޓެވެ. ޔޫއާންގެ ބޭނުން ހިފައިގެން ގިނަ ގިނައިން މިގެއަށް އައިސް އުޅެވޭނެއެވެ. ސަލަފްއަށް ގޮތް ދައްކާލެވޭނެއެވެ.

”ނައިސް ޓު މީޓް ޔޫ.” އީފާ ޝާޔާއަށް ސަލާމް ކުރަނ އަތް ދިމާކުރިއެވެ. އެވަގުތު ސަލަފް ޝާޔާގެ ކޮނޑުގައި ހިފާ ކައިރިކޮށްލިއެވެ. ދާދި ދެންމެ އަކު ސަލަފް އާއި އީފާގެ ގައިގޯޅި މަންޒަރެއް ފެނިފައި މިހާރު މި ކުޅޭ ޑްރާމާގެ ސަބަބުން ސުވާލުތަކެއް އުފެދިއްޖެއެވެ. ސަލަފް އަކީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ އެހީތެރިކަން ފޯރުކޮށްދީފައި ފައިދާ ނަގައެވެ. އަމިއްލަ އެދުން އިސްކުރެއެވެ. ގަދަކަމުން ބޭނުންވާ ކަމެއް ހާސިލް ކުރެއެވެ. އަނެއްބައި ފަހަރު މީހަކު ހިތް ބަދަލުކޮށްލާ ވަރަށް އޯގާތެރިއެވެ. އަޅާލައި ލޯބިދޭންވެސް އެނގެއެވެ. އެހުރިހާ ސިފަތަކެއްގެ ނިވަލުގައި އޮތް މަކަރުވެރިކަމެއް ނޭނގެއެވެ.

”ޔޫއާން. ފުރަނީ ކޮންއިރަކުން.” ސަލަފް ގެ މޫނަށް ބަލާލުމަށްފަހު ޔޫއާން ޖަވާބު ދިނެވެ.

”މާދަމާ ހެނދުނުން. މޫސުމް ގޯސްނަމަ މާދަމާވެސް މިކޮޅުގައި މަޑުކުރަންޖެހިދާނެ.” ޔޫއާންގެ ޖަވާބު އިވިފައި އީފާ ވަރަށް އުފާވިއެވެ. އެގޭގައި ހުންނަން ލިބޭ ކޮންމެ މިނެޓަކީ އޭނާ ސަލަފް ހާސިލް ކުރަން ލިބޭ ވަގުތުކޮޅެކެވެ.

”އެންމެ ރަނގަޅު…”

”ހިނގާބަލަ އަހަންނާއެކު.” ޝާޔާގެ ކޮނޑުން ދޫނުކޮށްލާ ހުރެ ސަލަފް ބުނެލިއެވެ. ޝާޔާއަށް މިހާރުން މިހާރަށް އީފާގެ ހުރިހާ ކަމެއް ކިޔައިދޭން ބޭނުންވިއެވެ. ނޫންނަމަ ގާތްވަމުންދާ އެމީހުންގެ ގުޅުން ހީނަރުވެދާނެއެވެ. މި ދުވަސްކޮޅު ޝާޔާގެ ރުހުން ލިބޭކަން އެނގި ހުރެވެސް ސަލަފް ދުރުދުރުން އުޅެނީ އިތުރަށް ޝާޔާގެ ލޯބި ހޯދުމަށެވެ.

ސަލަފް އާއެކު ކޮޓަރިއަށް ވަންއިރު ޝާޔާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. ސަލަފް ދައްކާ ބަހަނާތައް އޭނާ އަޑުއަހާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ލޮލަށް ފެނުނު މަންޒަރަކީ ދޮގެއްނޫނެވެ. ސަލަފްގެ ދެއަތް އީފާގެ ހަށިގަނޑުގައި ވަށާލައިގެން ހުރި ގޮތް އަދިވެސް އެބަ ސިފަވެއެވެ.

”އަހަރެން ވަރަށް ބައިވަރު އެއްޗެހި ކިޔައިދެން ބޭނުން. މިހާތަނަށް އަހަރެން ސިއްރު ކުރި ހުރިހާ ކަމެއް. ” ސަލަފް ހުއްޓާލިއެވެ. ހަޤީޤަތް ކިޔައިދޭންޖެހުނު ވަގުތު އައީ ހާދަ ނާޒުކު ދަނޑިވަޅެއްގައެވެ. ސަލަފް ބޭނުންވީ ޝާޔާ އޭނާއަށް އެންމެ ފުރިހަމައަށް އިތުބާރު ކުރެވުމުން ކިޔައިދޭށެވެ.

”ސަލަފް. މިވަގުތު އަހަރެންގެ ސިކުނޑި ވަރަށް ވަރުބަލި. އަހަރެން ބޭނުންވަނީ އެކަނި ވަގުތުކޮޅެއް. ހަމަޖެހިލައިގެން ނިދާލަން. ކުރިންވެސް ސިއްރު ކުރި ފަދައިން އަދިވެސް ތި ހުރިހާ ސިއްރުތަކެއް ސިއްރުގެ ގޮތުގައި ބާއްވާ. ސަލަފްގެ މާޒީ އާއި އަހަންނާއި އެއްވެސް ގުޅުމެއް ނެތް. މާޒީއަށްވުރެ މިހާރު މި ފެންނަ ކަންތައް އަހަންނަށް ފުދޭ. ސަލަފް ބުނަން ތިއުޅެނީ މި ފެނުނު މަންޒަރަކީ ދޮގެކޭތަ؟ އަހަރެންގެ ދެލޯ އަހަންނަށް އޮޅުވައިލީއޭތަ؟ ސަލަފް އާއި އެ ކުއްޖާއާ މެދު އޮތް ގުޅުމާއި ގުޅުން އޮތް ހިސާބެއް އަހަންނަކަށް ނޭނގެ. އަހަރެން އެތަން ބަލާކަށް ބޭނުމެއް ނޫން..” ޝާޔާ ހިތްވަރުކޮށްފައި ހުރިހާ އެއްޗެއް ކިޔައިލިއިރު ސަލަފް އިނީ ބަސްމަދުވެ ހިމޭންވެފައެވެ. ޝާޔާގެ ގާތުގައި އޭނާއަށް އިތުބާރު ކުރާށޭ ބުނަން ބޭނުންވިއެވެ.

”ދެން އެހެންވީމަ އަހަރެން އިތުރަށް ކިޔައިދޭނެ އެއްޗެއް ނެތް. ޝާޔާއަށް ފެންނަ ގޮތެއް.” ސަލަފް ތެދުވެގެން ގޮސް ސޯފާގައި ދިގުދެމިލައިގެން އޮށޯތެވެ. ޝާޔާ މޫނުގައި އަތް އަޅައިގެން ބާލީހުން ނިވާކޮށްލައިގެން އޮތެވެ. ދެލޮލުން އޮހެރެމުން ދިޔަ ކަރުނަތަކަކީ އޭނާގެ ހިތް ޒަޚަމްވެފައިވާލެއް ބޮޑުކަން އަންގައިދޭ ހެއްކެވެ. ސަލަފް ދެކެ ލޯބިވެވުނު ދުވަހު ސަލަފްގެ ފަރާތުން ފެނުނު މަންޒަރުގެ ސަބަބުން ދެވަނަ ފަހަރަށް މާޔޫސް ވެއްޖެއެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355