twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (32)

Sep 18, 2013

ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ބަޔާގުޅޭ

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ޔޫއާން ބަލާލިއެވެ. ދެއަތުން އާވިއަރަ އަރާހުރި ދެޖޯޑު ކޮފީ ހިފައިގެން ވަން އީފާގެ މޫނަށް ބަލާލާފައި ޔޫއާން ގޮސް ހުއްޓުނީ ކުޑަދޮރުގެ ކައިރިއަށެވެ.

“ޔޫއާން އެމީހުން ކުރިމަތީ އެކްޓް ކުރީ ކީއްވެ؟“ އީފާ އެއްޖޯޑު ދިއްކުރުމުން ޔޫއާން އޭގައި ހިފިއެވެ. ޔޫއާން އެއްޗެކޭ ނުބުނެއެވެ. ކޯވަރަކަށްފަހު ކޯވަރެއް ބޮމުން ގޮސް ޖޯޑު ތުންފަތާއި ދުރުކޮށްލިއެވެ.

“ޝާޔާ ހާރޓް ކުރަންތަ؟ ޓެލްމީ އެބައުޓް ދެޓް ސްޓޯރީ. ސަލަފް ޝާޔާ އާއި ކައިވެނި ކުރީ ކިހިނެއް؟ އައި މީން ޔޫއާން.” އީފާ ބުނަން އުޅުނު ޖުމްލަ ޔޫއާން މެދު ކަނޑާލިއެވެ.

“ނަން އޮފް ޔޫއާރ ބިޒްނަސް.” ޔޫއާން ކޮފީ ޖޯޑުގައި ތުންޖަހާ ބާކީ ބައި އެއްކޮށް ދަމާލި އެވެ.

“އަހަރެން ގޮސް ބުނަންވީތަ ޔޫއާން ކުޅުނީ ޑްރާމާއެކޭ. އައި ކޭން ޓެލް ހާރ. އަހަރެމެން ދެމީހުންގެ މެދުގައި އެއްވެސް ރިލޭޝަންއެއް ނެތޭ.” އީފާ ޔޫއާން އާއި ހަތަރު ކަޅި ހަމަކުރި އެވެ.

“ނޫން.” ޔޫއާން ފުންނޭވާއެއް ދޫކޮށްލި އެވެ.

“އީފާ. އަހަންނަށް އެހީވެދީ. އަހަރެން ބޭނުން ޝާޔާއަށް އަންގަން އަހަރެން އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދާކަން. އޭރުން ޝާޔާ އަހަރެންގެ ހަނދާންތަކާއި ދުރުވެފައި ސަލަފްބެއަށް އަޅާލަންފަށާނެ. އަހަރެން ބޭނުމެއް ނޫން އެދެމީހުންގެ ދިރިއުޅުގެ ތެރެއަށް ވަންނާކަށް.“ ޔޫއާން އީފާގެ އަތުގައި ހިފާލި އެވެ.

“އަހަންނަށް ތީގެން ކޮން ފައިދާއެއް އޮތީ.” އީފާ ތުންފަތްމައްޗަށް އައި ހިނިތުންވުން އޮއްބާލި އެވެ. ޔޫއާން މަސައްކަތް ކުރަނީ ސަލަފް އާއި ޝާޔާ ގުޅުވާށެވެ. އެއީ އީފާގެ މަޤްސަދުގެ އިދިކޮޅެވެ.

“އީފާ ބޭނުންވަނީ ކޮންކަމެއް؟ އަހަރެން ކޮށްދޭނަން. ފައިސާތަ ބޭނުންވަނީ. ނޫނީ މަތީ މަޤާމެއްތަ؟” ޔޫއާންއަށް ބަލާލާފައި އީފާ ހިނިތުންވެލިއެވެ.

އިރުގެ ދޯދިތަކުން ފަޒާ އަލިވަމުން ދިޔައެވެ. ޝާޔާ އެނދުން ތެދުވިއިރު ބޮލުގައި ވަރަށް ގަދައަށް ރިހެއެވެ. ހިތްވަރުކޮށްފައި ތެދުވެ ފެންވަރާލައިގެން ބަދިގެއަށް ވަންއިރު މާނާ ރޮށިދަމަނީއެވެ. ޝާޔާ އައިސްއަލަމާރި ހުޅުވާފައި ފިނި ޖޫސްތައްޓެއް ބޯލިއެވެ. އަދި ހެނދުނުގެ ނާޝްތާ ތައްޔާރު ކުރަންފެށިއެވެ. މާނާ އަތްމަތި އަވަސްކޮށްލާފައި މަސައްކަތް ނިންމާފައި ނިކުމެގެން ދިއުމުން ނޫރީން އާއި ޝާޔާ އެކަނިވިއެވެ.

“މިއަދު ޚާއްސަ ދުވަހަކީތަ؟” ނޫރީން ތައްޔާރުކުރަމުން ދިޔަ ތަފާތު ވައްތަރުގެ އެއްޗެހި ފެނިފައި ޝާޔާ އަހާލިއެވެ. މޭޒުމަތީގައި ތަރުކާރީ ވަށިގަނޑެއް ހުއްޓެވެ. އައިސް ކުކުޅުތަކެއް ގަނޑު ފިލުވަންވެގެން ސިންކު ތެރޭގައި ހުއްޓެވެ. ފަރާޓާ ފުށްގަނޑާއި ތައްޔާރުކޮށްފައި ހުރި ފުރުޓް ސެލެޑް ތަށި ހުރީ ކުރިމަތީގައެވެ.

“ދައްތަ ބުނެގެން މެންދުރުގެ ކެއުން ޚާއްސަ ކޮށްލަނީ. ޔޫއާން ފުރުމުގެ ކުރިން ރަނގަޅު އެއްޗެއް ތައްޔާރު ކުރާށޭ ބުނީމައި. ދައްތަ ބުނި އީފާ އާއި ޔޫއާން ވަރަށް އަވަހަށް ކައިވެނި ކުރާ ވާހަކަ. މިރޭ ބާޒާރަށްވެސް ދާނެ.“ ނޫރީން ގެ މޫނަށް ޝާޔާ ބަލާލިއެވެ. ޔޫއާން މަޑުމަޑުން ދިރިއުޅުމައިގެން ކުރިއަށް ދާކަން އެނގުމުން އުފާވިއެވެ. އޭނާއަށްޓަކައި ޔޫއާންގެ މުސްތަޤްބަލް ނަގާލާކަށް ނޭދެއެވެ.

އީފާ ސިއްރުން ސަލަފްގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ އެތަން މިތަނަށް އަވަސް ނަޒަރެއް ހިންގާލެވުނުއިރު އީފާއަށް ފެނުނީ އޭނާ އެންމެ ބޭނުންވި ހެއްކެވެ. އެނދުމަތި ހުސްކޮށް ބާއްވާފައި ސަލަފް ގޮސް ސޯފާގައި ނިދުމަކީ ސަލަފް އާއި ޝާޔާގެ މެދުގައި އޮތް ހީނަރުކަން އަންގައިދޭ ހެއްކެކެވެ. އީފާ ހިނިތުންވެލިއެވެ. އަދި އެ މަންޒަރު ފޯނުގައި ރައްކާކުރުމަށްފަހު އެކޮޓަރިން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

ސައިމޭޒުދޮށަށް ހުރިހާ މެންބަރުން ޖަމާވިއެވެ. ވަކި ދެ ނާސްތާއެއް ހުއްޓަސް އެންމެން ސައިބޮމުން ދިޔައީ އެ މޭޒުގެ ދޮށުގައި ތިބެގެންނެވެ. އީފާ އިނީ ސަލަފްގެ ކުރިމަތީގައެވެ. ސަލަފް ލައިގެން ހުރި ފަޓްލޫނުގެ ފައިކުރިއަށް ބާރުވާހެން ހީވެ ސިއްރުން ބަލާލިއިރު އީފާގެ ފައިން ސަލަފްގެ ތަނބިކަށީގައި ފިރުމާލަނީއެވެ. ސަލަފް ތެޅިގަނެފައި ފަހަތަށް ޖެހެން އުޅެނިކޮން ކުރިމަތީގައި ހުރި ހޫނު ކިރުތަށި ބަންޑުންވީ އޭނާގެ ގަޔަށާއި އެކުގައެވެ.

“ޝިޓް.” ސަލަފް ތެދުވެ ދެއަތުން ގައި ފޮޅާލާފައި ޖީބުން ނެގި ޓިކެޓް މޭޒުމަތީގައި ބޭއްވިއެވެ. އެންމެންގެ ލޯތައް އެދިމާލަށް އަމާޒުވެފައިވާތީ ސަލަފް ގަސްތުކުރީ ޓިކެޓްގެ ހަޤީޤަތް ކިޔައިދޭށެވެ.

“މިއީ ޝާޔާގެ މަންމަ ބޭސްފަރުވާއަށް ލަންކާއަށް ފުރަންޖެހޭތީ ނެގި ދެ ޓިކެޓް. “ ސަލަފްގެ މޫނަށް ބަލަން އިން މާނާ އަތުގައި އޮތް ބްރެޑް ނައިފް ތަށިތެރެއަށް ދޫކޮށްލިއެވެ. އަނީސާ ހިނިތުންވެލާފައި ޝާޔާގެ ބުރަކަށީގައި ފރުމާލިއެވެ. އަނީސާ ހީކުރީ ޝާޔާ ވާހަކަ ދައްކައިގެން ސަލަފް ލައްވާ އެކަންތައް ހަމަޖެއްސީ ކަމުގައެވެ.

މާނާ ސައިމޭޒު ދޫކޮށް ކޮޓަރިއަށް ދިއުމުން ފަހަތުން ސަލަފް ހިނގައިގަތެވެ.

“މަންމާ.” ސަލަފް ކޮޓަރިއަށް ވަންއިރު މާނާ ގޮނޑީގައި އިށީދެ އިނެވެ. އޭނާގެ ދެއަތުން ގޮނޑީގެ ދެއަތްގަނޑުގައި ހިފަހައްޓާލައިގެން އިނީ ވަރަށް ބާރަށެވެ.

“މަންމަ އަހަރެން ދެކެ ހިތްހަމަނުޖެހުނީތަ؟ މަންމަ ބުނަމެއްނު ނާސްތާކޮށް ނުނިމެނީސް ސައިމޭޒުދޫކޮށްފައި ދާކަށް ނުވާނެއޭ. އެންމެން ސައިބޯން ނުފަށާ އުޅެނިކޮން ތިއައީ. މަންމާ. އަނގައިން ބުނެބަލަ.” ސަލަފް މާނާގެ ކުރިމަތީގައި އިށީދެ ބަލާލިއިރު ދެލޮލުގައި ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.

“ސަލަފްއަށް ހުރިހާ ކަމަކަށްވުރެ ޝާޔާގެ އާއިލާ މުހިއްމު.” މާނާގެ އަޑު ތުރުތުރު ލައިގަތެވެ. މަންމަ އެހެން ބުނަންޖެހުނު ސަބަބެއް ސަލަފްއަކަށް ނުވިސްނުނެވެ.

“އަހަރެންގެ އާއިލާއެކޭ ޝާޔާގެ އާއިލާއެކޭ އަހަންނަށް ތަފާތެއް ނެތް. މި ފުރާޅުގެ ދަށަށް އެއާއިލާ ގެނައީ އަހަރެން ޒިންމާ ނަގަންވެގެން. މަންމަ ހިތްހަމަނުޖެހުނީ ޝާޔާގެ މަންމައަށް ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިދިނީމައިތަ؟ އެކަންތައް ހަމަޖައްސަން އަހަރެން ނޫން ކާކު ހުރީ؟ ޝާޔާގެ މަންމައަކީ އަހަރެންގެވެސް މަންމަ.“ ސަލަފް މާޔޫސްވިއެވެ.

“ތަފާތެއް ނެތޭ. ސަލަފްގެ ހުރިހާ ވަގުތެއް އެމީހުންނަށް ހުސްކުރަނީ. އެއްފަހަރުވެސް ސުދާގެ ޚަބަރެއްވޭތޯ ބެލިންތަ؟ ޒަވީންއެކޭ އެއްފަދައިން ސަލަފްވެސް އަޅައި ނުލައި ތިހުންނަނީ ކިހިނެއްތަ އެނގެނީ އޭނާއަށް އެހީތެރިކަން ބޭނުންނުވާ ކަމެއް. މިހާރު ކިތައް ދުވަސްމިވަނީ. ސަލަފް. މިއީ ސުދާގެ މަންމައޭ. އަހަރެން ހާދަ ވިސްނުމެއް ވިސްނަމޭ. ސަލަފްއަށް ކީއްވެތަ ކޮއްކޮ މުހިއްމު ނުވީ.” މާނާއަށް ގިސްލެވުނެވެ. ސަލަފް އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލާފައި އެހުރިގޮތަށް ހިފަހައްޓާލެވުނެވެ.

“މަންމާ.” ސަލަފް މާނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

“އަހަރެން ސުދާ ވަރަށް އަވަހަށް ގެންނާނަން. މިއީ ވައުދެއް.” ސަލަފް ތެދުވި އެވެ.

ސަލަފް އޮފީހަށް ވަދެ ޒަވީން ކެބިންއަށް ހާޟިރުކޮށްފައި ސުވާލުކުރީ ކެންސަލްވެފައިވާ އޭނާގެ ލޯނާއި ބެހޭގޮތުންނެވެ.

“އަހަންނަށް ކެންސަލް ސިޓީ ލިބުމާއި އެކު ސުދާއަށް ދެއްކިން. ސުދާ އަޅައެއްނުލި. ސިޓީގެ ތަފްސީލް ލިޔެފައި އޮތް ކަރުދާސްގަނޑުވީ ސުދާގެ އަތުގައި.” ޒަވީން އަށް ބަލާލަމުން ސަލަފް ކުރިމަތީގައި އޮތް ފައިލު ހާވާލިއެވެ.

“އޭގައި ކީކޭ އޮތީ؟” ސަލަފް އޮޅުންފިލުވަން ބޭނުންވިއެވެ. އެންމެ ހަފްތާއެއްގެ ތެރޭ މިތަނުގައި ހައިޖާނުތަކެއް ހަދާފައިވާކަން ޔަޤީނެވެ.

“ރަނގަޅަކަށް ނުކިޔުން. އޭގައި އޮތީ ރަހުނުގައި ބާއްވާފައި ހުރި ގެއާއި އޮފީހަކީ ސަލަފްގެ މިލްކަކަށްނުވާތީ ސަލަފްއަށް ލޯނު ދޫނުކުރެވެނޭއެ.” ޒަވީން ދިން ޖަވާބުން ސަލަފް ހައިރާންވިއެވެ.

ބައްޕަ މަރުވަމުން ބައްޕަގެ ހުރިހާ ވާރުތަ މުދަލެއް އޮތީ ސަލަފްގެ ނަންމައްޗަށް ލިޔެދީފައެވެ. ޔޫއާން އާއި ސުދާއަށް ބައެއް ދޭށޭ ބުނެފައި ވިއަސް އަދި އެކަންތައް ނުވާތީ އެހުރިހާ އެއްޗެއްގެ މިލްކުވެރި ފަރާތަކީ ސަލަފްއެވެ. ސަލަފް ވަގުތުން ބޭންކަށް ގުޅިއެވެ. އެމީހުން ދިނީ ހަމަ އެ ޖަވާބެވެ.

އެކަންތައް ފަހުން ބަލަން ބާއްވާފައި ސަލަފް ދެވަނައަށް އުޅުނީ ސުދާގެ ޚަބަރެއްވޭތޯއެވެ. ސުދާ ހުންނަ ހޮޓަލަށް މީހަކު ފޮނުވައިގެން ބެލިއިރު ސުދާ ހޮޓާ ދޫކޮށްފައި ދިޔަތާ ދެދުވަސްވީއެވެ. ސުދާ އާއި މެދު ސުވާލުތަކެއް އުފެދުނެވެ. ސުދާގެ މަޤްސަދަކީ ކޮބައި ހެއްޔެވެ؟ ސުދާ އެކޮޅުގައި ފިލައިގެން އުޅެނީ ކޮންކަމެއް ނުވެގެންބާއެވެ؟ ސަލަފް ރުޅި ގަދަވެފައި ހުރިވަރުން ބޭނުންވީ ވަގުތުން ގެއަށް ދާށެވެ.

ހަވީރުގެ ފިނި ޖެހިލިވަގުތެވެ. އިރުގެ ހޫނުކަން ފަނޑުވަމުންގޮސް ވައިރޯޅިތަކުގައި ތެތްފިނިކަން ހިފައިފިއެވެ. އީރާ ބެލްކަންޏަށް ނިކުމެ ހުއްޓާ ގޭޓުން ވަދެގެން އައި ޒަވީން ފެނި ނަޒަރު ހުއްޓާލެވުނެވެ. އަތްދިގު އޮފީސް ގަމީހުގައި ދަށަށްޖަހާފައި ހުރުމުން ފިރިހެންވަންތަ ވެފައި ބަލާލަން ރީއްޗެވެ. ބާރު ހިނގުމެއްގައި އައިސް ގެއަށް ވަނުމާއި އެކު އީރާ ދުވެފައި ސިޑީގެ ހަރުފަތްތައް ހުރަސްކޮށްފައި ޒަވީންއަށް މަރުޙަބާ ކިޔަން ފޭބިއެވެ.

“އިވްނިން.” ލޮލުގައި އަޅާފައި އޮތް އައިނު ނަގަމުން ޒަވީން ހަވީރުގެ ސަލާމް ގޮވާލިއެވެ.

“ވެރީ ގުޑް މޯރނިން.” އީރާ ހިނިތުންވެލީ ހިތްގައިމު ގޮތަކަށެވެ. ޒަވީން އީރާއަށް ބަލާލިއެވެ.

އިސްތަށިގަނޑު ވައިގެ ތެރެއަށް ދޫކޮށްލާފައި ވުމުން ޖެހޭ ވައިރޯޅިތަކަށް ކެއްނުކުރެވިގެން އައިސް އޮމާން ކޯތާފަތުގައި ބީހިލާފައި ދަނީއެވެ. މުށިކުލައިގެ ކަޅިއެއް ލިބިފައިވާ ފުން ދެލޮލަށް ބަލާލުމާއި އެކު ހީވީ ލޮލުގެ ތެރެއަށް ގެނބިގެން ދިޔަހެންނެވެ. ހަމުގެ ކުލަ އަލި ވެފައި އިސްކޮޅާއި ރޫފަ އެހާ ފުރިހަމައެވެ. ލައިގެން ހުރި ތުނި ރަތް ލޭހުގެ ހެދުމުން ފާޅުވަމުން ދިޔަ ހަށިގަނޑަށް ޒަވީންއަށް ބަލާލެވުނެވެ.

“ތަންކޮޅެއްވެސް ނުދޭނަންތަ؟” ޒަވީން އަމިއްލަ ނަފްސު ކޮންޓްރޯލްކުރިއެވެ. އެންމެ ސިކުންތަކަށްވެސް އޭނާއަކީ މީހެއްގެ ފިރިއެއްކަން ހަނދާންނެތޭކަށް ބޭނުމެއް ނޫނެވެ.

“އޯހް.” އީރާ ދޮރުން އަތް ނައްޓާލާފައި ފަހަތަށް ޖެހިލުމުން ޒަވީން އެތެރެއަށް ވަންނަމުން އެއްލޯމަރާލިއެވެ. އެ އިޝާރާތާއި އެކު އީރާގެ ހިތް ޒަވީންއަށް ހަދިޔާ ކުރެވުނެވެ.

ޒަވީންގެ ފަހަތުން ގޮސް އީރާ އެކޮޓަރިއަށް ވަނެވެ. ޒަވީން ކަރު ޓައި ނައްޓާލާފައި އަތުކުރީގައި ހުރި ގޮށް ނައްޓާލިއެވެ.

“ކިހިނެއްވެފައި.” އީރާ ބަލަން އިނުމުން އަހާލީ ނިތް އަރުވާލަމުންނެވެ. އީރާ ދެފަރާތަށް ބޯހޫރުވާލާފައި އެ އިންގޮތަށް އިނެވެ.

“އެއްޗެއް އަހައިފިއްޔާ ތެދަށް ޖަވާބު ދޭނަންތަ؟” އީރާ އަށް ބަލަން ހުރެފައި ޒަވީން ބޯޖަހާލިއެވެ.

“އާ ޔޫ ހެޕީ ވިތު ޔުއާރ ލައިފް.” ޒަވީން އަނެއްފަރާތަށް އެނބުރުނުލެއް އަވަސްކަމުން އީރާއަށް ހީވީ ޖަވާބު ލިބުނުހެންނެވެ. އެކަމަކުވެސް ހަޤީޤަތް ޒަވީންގެ ދުލުން އަޑުއަހާލަން ކެއްމަދުވެފައި އިނދެވުނެވެ.

“ދިގު ވާހަކައެއް. ފަހުން ދޯ. އަހަރެން އަރާމުކޮށްލަން ބޭނުންވެފައި މިހުންނަނީ.“ އީރާ ފޮނުވާލަންވެގެން ޒަވީން ބުނެލިއެވެ. އީރާ ބޯޖަހާލާފައި ތެދުވެގެން ދިޔައެވެ.

ސަލަފް ކޮޓަރިން ބޭރަށް ނިކުމެލިއިރު ޔޫއާން އާއި އީފާ ފުރަން ތައްޔާރުވަނީއެވެ. ޔޫއާން ދަބަހަށް އެއްޗެހި އަޅާފައި ލޯންޗު ރެޑީކުރަން ގުޅައިގެން ހުރެ ދުރަށް ޖެހިލިއެވެ. އީފާއަށް ލިބުނު ފުރުޞަތުގައި ސަލަފްގެ ކައިރިއަށް ޖެހިލިއެވެ.

“ލިބެން ނެތް އެއްޗެއްގެ ފަހަތުން ތިއުޅެނީ ކޮންކަމަކު؟” އީފާ ވައިއަޑުން ބުނެލިއެވެ.

ސަލަފް ނުރައްކާތެރި ބެލުމަކުން އީފާއަށް ބަލާލިއިރު އީފާ ހުރީ ހެވިފައެވެ.

“ވަޓް ޔޫ މީން.” ސަލަފް ކުރި ސުވާލުގެ ޖަވާބުގައި އީފާ ދިނީ ލުއި ހިނިތުންވުމެކެވެ.

“އެކަކު އަނެއްކަކުގެ މެދުގައި ހީނަރުކަން ނޫން އެއްޗެއް ނެތެއްނު.” އީފާ ރައްދު ކުރަމުން ދިޔަ ކޮންމެ ޖުމްލައެއް ހަންޖަރެއްހާ ތޫނެވެ. ސަލަފްއަށްހީވީ ސަލަފްގެ ހުރިހާ ކަމެއް އީފާއަށް އެނގޭހެންނެވެ.

“އައި ސޯ ޔޫ ދިން މޯރނިން ސްލީޕިން އޮން ކައުޗް.” އީފާ ޔޫއާން އަންނަތަން ފެނި ދުރަށް ޖެހިލުމުން ސަލަފްއަށް ހުރެވުނީ ހުއްޓުންއަރާފައެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355