ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ބަޔާގުޅޭ
ޔޫއާން ވަނުމުން އީފާ ގޮސް ޔޫއާންގެ މުލައްދަނޑީގައި ހިފަމުން ސަލަފްއަށް އެއް ލޯ މަރާލިއެވެ. ސަލަފް އަށް ހުރެވުނީ ދެފައި ކަސްތޮޅު އެޅިފައިވާ މީހެއްފަދައިން ޙަރަކާތެއް ނުގަނެވިފައެވެ. ޝާޔާ ބަދިގެއިން ނިކުމެ އަނީސާގެ ކޮޓަރިއަށް ވަދެ ފުރުމަށް ފޮށިތައް ތައްޔާރު ކުރުމުގައި އެހީތެރިވަމުން ދިޔައެވެ. އީރާ އަމިއްލަ ފޮށި ގެނެސް އަނީސާގެ ފޮށި ކައިރީ ބަހައްޓަމުން މާނޭވާއެއް ދޫކޮށްލީ ބުރަ މަސައްކަތެއްގައި އުޅެފައި އައި މީހެއް ފަދައިންނެވެ.
”ޝާޔާ.” އަނީސާ އެނދުގައި އިށީންނަމުން ގޮވާލިއެވެ.
”މި ފޮށި ތައްޔާރުކޮށް ނިމިއްޖެ. ނަމާދު މުސައްލަ އާއި ޚަތިމްވެސް އޮންނާނެ. މަންމަގެ ފައިލާއި ޕާރސްޕޯރޓް އަވަހަށް ނެގޭނެހެން ބާއްވާތި. ނޫނީ އީރާގެ އަތް ދަބަހަށް ޕާރސްޕޯރޓްތައް ލާންވީ.” ޝާޔާ ފޮށި ލައްޕާލަމުން ޕާސްޕޯރޓް އީރާގެ އަތަށް ދިނެވެ. އަދި އަނީސާއާ ދިމާލަށް އެނބުރި ލާފައި ކީކޭތޯ އަހާލިއެވެ.
”ސަލަފްގެ ހެޔޮކަން އަހަރެމެން ތިންމައިން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ. ނޫންނަމަ މިއަދު އަހަރެމެން އުޅެންޖެހޭނެ ހާލެއްވެސް ނޭނގެ. ސަލަފްގެ އެންމެ ކައިރީގައި އަބަދުވެސް ހުންނަ މީހަކީ ޝާޔާ. ޝާޔާ ސަލަފްއަށް ހެޔޮކޮން ހިތާތި. އޭނާ ބޭނުންވާ އެއްވެސް ކަމަކަށް އިންކާރު ނުކުރާތި. އަނބިންނަކީ ފިރިންނަށް އަބަދުވެސް ހެޔޮކޮން ހިތަން ޖެހޭނެ ބައެއް. ސަލަފް ހުރިހާ ޒިންމާތަކެއް ނަގާފަދައިން ޝާޔާވެސް ބަލަންޖެހޭނެ ހުރިހާ ޒިންމާތަކެއް އަދާކުރެވޭތޯ. ޝާޔާ. ކައިވެނި ދިގުދެމިގެން ދާނީ ކުދިން ހޯދާ ހިސާބުން. އެއީ ފިރިމީހާ ހިފެހެއްޓުމަށް ޖަހާލެވޭ ގޮށަކީ. އެމީހުން ވަރިކުރަން ފަސްޖެހޭނެ ހަތިޔާރަކީ އެއީ. ލަސްނުކޮށް ކުއްޖަކު ހޯދަން އުޅޭ.” އަނީސާ ޝާޔާގެ އަތުގައި ފިރުމާލަދިނެވެ.
ކުއްޖަކު ހޯދާ ވާހަކަ ބުނުމުން ޝާޔާގެ މުޅި ހަށިގަނޑުގައި ހީ ނަގައިގެން ދިޔައެވެ. މުޅި މީހާ ފިނިވެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ކުއްޖަކު ހޯދަން ހިތުލާއިރު ދެމީހުންނަށް އަދި ކައިރިނުވެވެއެވެ. ބީރައްޓެހި ކަމުގެ ފަރުދާ އިސްވެ ނަގާނެ ފަރާތެއް ނެތެވެ. ސަލަފް ވަނީ އޭނާ ބޭނުންވި ދުވަހަކުންނޭ ބުނެ ފަހަތަށް ޖެހިފައެވެ. ކުރިއަށް ފިޔަވަޅު ނަގަން ހުރީ ޝާޔާއެވެ. އެހެނަސް އޭނާގެ ހިތުގައި އަދިވެސް ކިލަނބުކަމެއް ވެއެވެ. ޝައްކުތަކެއް ވެއެވެ.
”މަންމަ އެހެން ބުނީމައިތަ ތި ވިސްނަނީ. ދަރިފުޅު އިސްވެ ސަލަފްއާ އެކަހަލަ ވާހަކަ ދައްކަބަލަ. ދެމަފިރިންގެ މެދުގައި އެއްވެސް ލަދުވެތިކަމެއް ނޯންނާނެ. ފިރިހެނުން ދައްކާ ކަހަލަ ވާހަކައެއް ނޫނޭ އެއީކީ. ކުދިން ބަލަން ތިބޭ ބަޔަކީ އަންހެނުން. އަންހެނުންނަށް އެނގޭނެ ކުދިން ހޯދަންވީމަ. އެކަމަށް ހަށިގަނޑާއި ސިކުނޑި ތައްޔާރުވީމަ. މިހެން ބުންޏަސް މިގޭތެރޭގައި ހުރަސްތަކެއް އެބަހުރިކަން އެނގޭ. އަބަދުހެން ޔޫއާން އައިސް މިގޭގައި އުޅޭތީ އެކަމުގައި އެންމެ އުދަނގޫވާނީ ޝާޔާއަށް. އެކަމަކު ޔޫއާންވެސް މަޑުމަޑުން ޝާޔާ މަތިން ހަނދާން ނައްތާލާފައި އަމިއްލަ ދިރިއުޅުމެއް ފަށަން ގަސްތުކޮށްފިކަން އިއުލާން ކޮށްފައި އެދިޔައީ. ޝާޔާ ކޮންކަމަކު އޭނާގެ މަތިން ހަނދާން ކުރަންވީކީ. ޝާޔާ ތިއީ ފުރަތަމަ އަންހެންކުއްޖާއެއް ނޫން ލޯބިވާ ފަރާތްނޫން އެހެން މީހަކާ އިންނަންޖެހުނު. އެ ނަޞީބު ލިބޭނީ މަދު މީހަކަށް. މާޒީ ހިތުގައި އަޅައިގެން ހުރުމުން ތި ފެށި ދިރިއުޅުމަށް ހިޔަނި އެޅިގެން ހިނގައިދާނެ.” އަނީސާ ދެމުން ދިޔައީ ގޯސް ނަޞޭހަތެއް ނޫންކަން ޝާޔާ ޤަބޫލުކުރިއެވެ. ދުލުން ބުނެލާހާ ފަސޭހައިން ކަންކަން ނުކުރެވޭނެކަން އެނގެނީ ޝާޔާއަށެވެ. ޔޫއާން އަކީ މާޒީގެ ސޮފްހާއަކަށް ހަދާފައި ނިންމާލަން ބޭނުމެވެ. އެކަމަކު ޔޫއާން ކޮންމެ ފަހަރަކު ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއްވާކަން އެނގޭނީ އޭނާއަށް އެކަންޏެވެ. އަދި ޔޫއާންއާ ނުލައި ދިރުމެއްނެތޭ ހިތަށް އަރައެވެ.
ޝާޔާ ކޮޓަރިއަށް ވަންފަހުން ބައެއް އެއްޗެހި ގެއަށް ގެންނަން އޯޑަރ ނުދެވޭކަން ހަނދާންވުމުން ކޮޓަރީގއި ހުރި ފޯނުގެ އަތްގަނޑު ނަގައި ޑައިލް ކޮށް ނުލެވި އުޅެނިކޮން އެކޮޅުން ވާހަކަ ދައްކާ އަޑު އިވުނެވެ.
”ކަލޭތީ ތިހައި ނުބައި މީހެއްކަމެއް މަށަކަށް ނޭނގެ. ދިން ޗެކު އޮތީ ބައުންސް ވެފައި. އަހަރެން އެގެއަށް ގޮސް ގޭ ވާހަކަ ދެއްކީ ކަލޭ ބުނެގެންނު. އެ މަންޖެގެ ދަހިވެތިކަމުގައި ކަލޭ ކުޅުވި ޑްރާމާގައި އަހަރެން ބައިވެރިވީ. ކަލެއަށް ހުރިހާ މޮޅެއް. ކއިވެނިވެސް ކުރެވިއްޖެ.” ރުޅި އައިސް ހުރި ފިރިހެނަކު ވާހަކަ ދެއްކުން މެދު ކަނޑާލުމުން ދެން އިވުނީ ސަލަފްގެ މަޑުމައިތިރި އަޑެވެ.
”އަދި ރުޅި އަންނާކަށް ނުވޭ. އަހަންނަށް އިތުބާރު ކުރޭ. އަހަރެން ގަނޑުކޮން ފައިސާ ދޭނަން. މިއުޅެނީ ބޮޑު ކަންތައްގަނޑެއް ދިމާވެގެން. ބެންކުން ތާއްޓެއް އަރުވައިގެން. ވަރަށް އަވަހަށް އަގުދޭނަން. މިގެއަށް އަންނަން ނުހަދައްޗޭ. އަހަރެން ބައްދަލުކުރާނަން. އެގޭގެ ރަޖިސްޓްރީ އަނީސައްތައާ ހަވާލު ކުރިންތަ؟” ފޯނު ކަންފަތުގައި ޖެހިގޮތަށް ޝާޔާއަށް ހުރެވުނީ ދުރުކޮށްލަންވެސް ނުކެރިފައެވެ. އޭނާއަށް މަޑުމަޑުން ކަންތައް ވިސްނެމުން ދިޔައެވެ. ބައްޕަ ލޯނެއް ނަގާފައިވާތީ އެމީހާ އައިސް ގޭ އަތުލައި ތިންމައިން ނެރުމާއި ސަލަފް ހިޔާވަހިކަން ދިނުމާއި ވިދިގެން ކުރެވުނު ކައިވެނީގެ ކަންތައް އަދި ކިރިޔާ ވިސްނެން ފެށިއެވެ. އޭނާގެ ހިތަށް ފުން އަސަރު ކުރީ އެކަމުގައި މަންމަ ޝާމިލްވެފައިވާތީއެވެ. ފައިސާގެ ދަހިވެތިކަން ހިތުގައި އަށަގަތުމުން ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެއެވެ.
”އާން ހަވާލު ކުރިން. ގޭގެ ތަޅުދަނޑިތައްވެސް ވީ އަނީސާގެ އަތުގައި.” އެމީހާ ރުޅި މަޑުވެފައި ދެން ވާހަކަ ދެއްކީ މަޑުންނެވެ. ޝާޔާ ފޯނު އަތްގަނޑު ބާއްވާފައި ގޮސް އެނދުގައި އިށީންއިރު ލޮލުން ފާއްދާލީ ކަރުނަތައް ބަންޑުންވަނީއެވެ. ހިތް ނުތަނަވަސްވެފައި ސަލަފް ދެކެ ރުޅި އާދެވުނެވެ.
އީރާ ޓެރަސްއަށް އެރިއިރު އެތަނުގައި ޒަވީން ހުރިތަން ފެނުމުން ހައިރާންވިއެވެ. ހީވަނީ އޭނާގެ އިންތިޒާރުގައި ޒަވީން ހުރި ހެންނެވެ. އީރާ ގޮސް ޒަވީންގެ ކައިރީގައި ހުއްޓުނެވެ.
”ކޮންއިރަކުން ފުރަނީ..” ޒަވީންގެ އަޑު ނިކުތީ ކިރިޔަ ކިރިޔާއެވެ.
”މެންދުރު.” އީރާ ރެއިލިންތަކުގައި ހިފަހައްޓާލަމުން ތިރިން ފެންނަންހުރި ގޭތަކަށް ބަލާލިއެވެ. ކަނޑުގައި ދުއްވަމުން ދިޔަ އުޅަނދުތައް ވަރަށް ސާފުކޮށް ފެނެއެވެ. އިރުގެ ދޯދިތަކުން ވިދަމުންދާ ކަނޑުގެ ސަތަހަ ފެންނަނީ ހިތްގައިމު ކޮންނެވެ. މަދު މަދުން ފެންނަމުން ދިޔަ ކަފަ ވިލާތަކުން އިރުގެ ހޫނުކަން މަޑުކުރެވޭ ގޮތެއް ނުވެއެވެ.
”އެކޮޅަށް ގޮސް ގުޅައްޗޭ.” ޒަވީން އެދުނެވެ. އީރާގެ ފަރާތުން ފެންނަ ގާތްކަމާ އީރާގެ ހިތްދަތި މާޒީ އެނގިފައިވާތީ ޒަވީންގެ ހިތުގައި އީރާއަށް ދުވަހެއް ދުވަހަކަށް ދެވެމުން އަންނަ ދަރަޖަވަނީ މަތިވެފައެވެ. އެކުވެރިކަމަށްވުރެ ގާތްގުޅުމެއް އުފެދިފައި ވެއެވެ.
”ޒަވީން ބުނީމެއްނު ފަހުން ކިޔައިދޭނަމޭ.” އީރާ ދައްކަން ފެށީ ޒަވީންއަށް ދުލުން ބަޔާންކުރަން އެންމެ އުދަނގޫ ވާހަކަތަކުގެ ވާހަކައެވެ.
”އީރާއަށް ކިހިނެއް ހީވަނީ؟” ޒަވީން ސީދާ ޖަވާބު ދޭން ގަސްތެއް ނުކުރިއެވެ. އީރާއާ ދިމާލަށް އެނބުރިފައި ހަތަރުކަޅި ހަމަކުރިއިރު އީރާގެ ހިތް ހީވީ ރޯކޮށްފައިވާ އުއްބައްތިއެއް ފަދައިން ވިރިގެން ފޭބިހެންނެވެ.
”ނޭނގެ.” އީރާގެ އަރުން ނިކުތީ ވައި އަޑެކެވެ. ޒަވީން ދުރަށް ޖެހިފައި ސުދާއާ ދިމާވިގޮތާއި ދެފަރާތުގެ އާއިލާގެ ބާރު އެޅުމުގެ ސަބަބުން ކައިވެނި ކުރެވުނު ގޮތާއި މިހާތަނށް އޭނާއަށް ދިމާވެފައިވާ ހާދިސާތައް ކިޔައިދެމުން ދިޔައިރު އަޑު ތުރުތުރު އެޅުމެއް ނުކެނޑެއެވެ. ދެލޮލުގައި ފާއްދާލި ކަރުނަތައް އެގޮތުގައި ހިފަހައްޓާލައިގެން ހުރެ ހުރިހާ އެއްޗެއް ކިޔައިދީ ނިމުނު އިރު އީރާގެ ހިތުގައި ޒަވީންއަށް ދެވުނު މަޤާމު ލޯތްބަށް ބަދަލުވެ ނިމިއްޖެއެވެ. ޒަވީންގެ ދެލޮލުން ފެނުނު ހިތްދަތިކަމާއި ކެއްތެރިކަމުގެ ބަދަލު ދެވޭނީ އޭނާއަށް ކަމުގައި ހިތާހިތުން ނިންމުނެވެ.
”ސުދާ އެނބުރި ނާންނަނަމަ ކިހިނެއް ހަދާނީ؟” އީރާ ގަސްތުގައި ދުރުބަލަން ފެށީ އިތުރަށް ޒަވީންއަށް ބަލަން ނުކެރިގެންނެވެ.
”އޭނާ އަންނާނެ. އަހަރެން އަޅާނުލައި މިހުންނަނީ އެހެންވެ. ސުދާ އަށް ވިސްނިގެން އަތުވެއްޖެނަމަ އަހަރެން މިހުރީ އިތުރު ފުރުޞަތެއްވެސް ދޭން.” ޒަވީން ގެ ނިންމުން އިވިފައި އީރާ މާޔޫސްވިއެވެ. ނުލިބެން އޮތް ނަޞީބަކަށް އުއްމީދު ކުރެވުން އެއީ އޭނާގެ މޮޔަކަމެވެ. ހިތާހިތުން އަމިއްލަ ނަފްސަށް މަލާމަތްކޮށްލެވުނެވެ.
މާނާގެ ކޮޓަރީގައި އީފާ އާއި ޔޫއާން ތިބީ ލޯންޗު އައިސް ގުޅާނެ ވާހަކަ ބުނެގެންނެވެ. ޔޫއާން ގެ ކައިވެނީގެ ވާހަކަ އިވިފައި މާނާ އަތުގައި ހުރި ގަހަނާތައް އީފާއަށް ހަދިޔާ ކުރީ އުފަންދަރިއަކަށް މަޔަކު އެއްޗެއް ދޭ ފަދައިންނެވެ. އީފާ ދެލޯ ބޮޑުވެގެން ދިޔައީ މަހުމާ ފޮށިން ނެގި ރޫބީ އަނގޮޓި ފެނިފައެވެ.
”މިއީ ޔޫއާންގެ އަންހެނުންނަށޭ ކިޔާފައި ބައްޕަ ފޮރުވި އެއްޗެއް.” އަނގޮޓި ދެމުން މާނާ އެހެން ބުނި އަޑު އިވިފައި ޔޫއާން ވަގުތުން އަނގޮޓި އަތުލައި އެއްލާލިއެވެ. އީފާ ހިތްދަތިވެފައި ކުޑަދޮރުން ވެއްޓުނު އަނގޮޓިއަށް ބަލާލެވުނެވެ.
”އެމީހާވެސް އަހަންނަށޭ ކިޔާފައި އެއްޗެހި ފޮރުވީތަ؟” ޔޫއާން ބައްޕަގެ ނަން އިވިފައި ރުޅި ގަދަވި ވަރުން މާނާ ދެރަވިއެވެ.
”ޔޫއާން. ހަމަޖެހިބަލަ. ބައްޕަގެ ނަން އިވޭއިރަށް ޔޫއާންއަށް ކިހިނެއްތަ ތިވަނީ. ކޮންރުޅިއެއްތަ ތި އަންނަނީ. ޔޫއާންގެ ސިކުނޑި ޤަބޫލު ނުކުރިއަސް ހަޤީޤަތް ބަދަލެއް ނުވާނެ. ބައްޕަ ވާނީ ބައްޕައަށް.” މާނާ ހުސް ފޮށި އެނދުމައްޗަށް ހޫރާލާފައި އެނދުން ތެދުވިއެވެ. އީފާ މަންޒަރު ބަލަން އިނީ ހަމަޖެހިލައިގެންނެވެ. އަޑި ނޭނގޭ މިގޭގެ ސިއްރުތައް އޭނާއަށް އެނގޭތީ އެއީ ސަލަފްގެ ކިބައިން ބަދަލު ހިފަން ރަނގަޅު ހަތިޔާރަކަށް ހަދާލަން ލިބޭނެތީ ހިތްހަމަޖެހިގެންނެވެ. މާނާ އާއި ޔޫއާންގެ މެދުގައި ބަދަލު ކުރެވޭ ކޮންމެ ލަފްޒެއް ސިކުނޑީގައި ރައްކާ ކުރަމުން ދިޔައެވެ.
”އެހެންވެ އޭނާ އެހެން ބުނަން އިންކާރު ކުރީ. ބައްޕަ ނެތް ކުއްޖެއްގެ ގޮތުގައި އަހަރެން ލޭބަލް ކުރީ އެހެންވެގެންތަ؟ ހުރިހާ ލޯތްބަކާއި ނަޞީބެއް ލިބުނީ ސަލަފްއަށް. ސުދައްތަ އާއި އަހަރެން ހުރީ ބާކީވެފައި. އެންމެ ފަހު ވަގުތު ނޭނގެ ހިތަށް އެރި އެއްޗެއް. ވެދާނެ އަހަރެމެންގެ ހެޔޮ ދުޢާ ބޭނުންވީ ކަމަށް. ހުރިހާ މުދަލެއް ސަލަފްއަށް ދީފައި އަހަރެމެންނަށް ދޭށޭ ކިޔާފައި ވަސިއްޔަތް ކުރީ. އަހަރެމެންގެ ރުހުން ހޯދަންތަ؟ ” ޔޫއާން ގެ މޫނަށް މާނާ ބަލާލީ ރައްދުގައި ބުނާނެ އެއްޗެއް ނެތޭ ބުނާ ފަދައިންނެވެ.
”ޔޫއާންއަށް ހަޤީޤަތެއް ނޭނގޭނެ. ބައްޕަގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ހައްޤެއް ނޯންނާނެ ޔޫއާންއަކަށް.” މާނާ އަށް ބަލައިވެސް ނުލާ ޔޫއާން ހުރީ ގޮތުގައެވެ.
”ލޮލަށް ފެނުނު ހަޤީޤަތް ކުޑައީތަ؟ މަންމަގެ ލޮލުން އޮހޮރުވި ކަރުނަތައް އަހަންނަށް ފެނުނު. ބައްޕަގެ ކުރިމަތީ އާދޭސްކޮށްކޮށް އޮއްވާ ނިކުމެގެން ދިޔައީ ކީކޭ ކިޔާފައިކަން ހަނދާންނެތީތަ؟ އަހަރެން މިގެއިން ބޭރު ނުކޮށްފިއްޔާ އެނބުރި ނުވަންނާނަމޭ ކިޔާފައި ދިޔައީ. އަހަރެން ދުށިން އެ ދެލޮލުން ރުޅިވެރިކަން. އަހަންނާ ދިމާއަށް ބަލާލާ ރުޅިވެރި ގޮތް. އަހަންނާއި ސަލަފްއާ ތެރެއިން މަންމަ ސަލަފްއަށް އަހައްމިއްޔަތުކަން ދޭން މަޖުބޫރު ކުރުވާތަން. އެއީ ކުޑަ ހަޤީޤަތެއްތަ؟” ޔޫއާން ބަލާލިއިރު ލޮލުގައި ކަރުނަ ހުރީ ހިލިހިލިއެވެ.
”ލޮލަށް ފެންނަ ކޮންމެ ހަޤީޤަތަކީ ތެދެއް ނޫން. ފެންނަ ކޮންމެ މަންޒަރަކުން ސިކުނޑި ނަގައިދެނީ ތަފާތު މެސެޖެއް. ޔޫއާން އެއީ އަހަރެންގެ ހިތުން ނުފިލާނެ ދުވަސްތަކެއް. އެއީ އަހަރެމެން ދެމަފިރިންގެ މެދުގައި އުފެދުނު ފުށު އެރުންތަކެއްގެ ސަބަބުން ދެމީހުން އެކަކު އަނެއްކަކަށް ގޮތް ދޫނުކުރުމުގެ ނަތީޖާ. ހަޤީޤީ ކުށްވެރިއަކީ މަންމަ.” މާނާ މޫނުގައި ދެއަތް އަޅާލިއެވެ.
”މަންމަ އަމިއްލަ ނަފްސް ކުށްވެރި ނުކުރޭ. ބައްޕަގެ ދަރަޖަ މަތިވެރިކުރަން މަންމަގެ އަގު ވައްޓާލާނެ ކަމެއް ނެތް. އަހަރެންގެ ހިތް ދުވަހަކުވެސް ބަދަލެއް ނުވާނެ.” ޔޫއާން އިތުރަށް މަޑުނުކޮށް ނިކުމެގެން ދަމުން އީފާއަށް ގޮވާ ނެރުނެވެ. މާނާ ރޮއި ރޮއިފައި މޫނުން އަތް ނެގިއިރު ހީވީ މުޅިތަން އަނދިރިވާހެންނެވެ. ހަތަރު ފާރު ވަށްބުރެއްހެން އެނބުރޭހެންނެވެ. އެހީތެރިކަމަށް މީހަކަށް ގޮވާލާނެ ހިތްވަރެއް ނުލިބުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުމުން ހިފަހައްޓާލެވުނީ ފަސްފޫޓް އުސް އަލަމާރީގައެވެ.
ޔޫއާން އާއި އީފާ ނިކުމެގެން ދިޔަ ފަހަތުން ސަލަފް އާއި އީރާ އަދި އަނީސާ އެއާޕޯރޓަށް ދިއުމަށް ނިކުތެވެ. ޝާޔާ މަޑުކުރީ ގޭގައެވެ. ޒަވީންވެސް އަވަހަށް ދިޔައީ އޮފީހަށެވެ. އެންމެން އެކުއެކީ ދިއުމުން ގޭތެރެ ހީވީ ފަޅުތަނެއްހެންނެވެ. ޝާޔާ އަވަހަށް ގޮސް އަނީސާގެ ކޮޓަރިއަށް ވަދެ އަލަމާރިތައް ހާވަންފެށިއެވެ. ގޭގެ ރަޖިސްޓްރީ ފެނޭތޯ ބަލަމުން ދިޔައެވެ. ސިޓީ އުރައެއްގެ ތެރޭ އޮތް ރަޖިސްޓްރީ ފެނުމުން ފޯނުން އިވުނު ވާހަކަތަކަކީ ތެދުކަން ކަށަވަރު ވިއެވެ.
ރަޖިސްޓްރީ ބާއްވާފައި އެ ކޮޓަރިން ނިކުން ވަގުތު ބާރު އަޑުފަށްގަނޑެއް އިވިގެން ދިޔައެވެ. ހީވަނީ ބަރު އެއްޗެއް ވެއްޓުނު އަޑު ހެންނެވެ. ޝާޔާ ދުވެފައި މާނާގެ ކޮޓަރިއަށް ވަން ވަގުތު ފެނުމު މަންޒަރުން ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ބަރު އަލަމާރީގެ ދަށުވެފައި އޮތް މާނާގެ ހަށިގަނޑުން ފައިބަމުން ދިޔަ ލޭތަކުން ކޮޓަރި ތެރޭގައި ވަނީ ލޭގެ ކޯރެއް އުފެދިފައެވެ.
(ނުނިމޭ)