ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ ބަޔާގުޅޭ
ޝާޔާ އަޑުގެ ނެތްތަނަށް ހަޅެއްލަވައިގަތެވެ. ބިޔަ އަލަމާރި އެއްފަރާތްކޮށްލެވުނީ ކިހިނެއް ކަމެއްވެސް ނޭނގެ އެވެ. ރޫހުގައި އަށަގަތީ ބާރެކެވެ. ލެއަށް އައީ ޖޯޝެކެވެ. ދެލޯ މެރިފައި އޮތް މާނާގެ މޫނުގައި ދެއަތުން ހިފާ ތަޅުވައިލެވުނެވެ. އެތައް ހާސް ފަހަރަކު މަންމާއޭ ކިޔައި ގޮވަމުން ގެންދެވުނެވެ. ނޫރީންއަށް ގޮވުމުން ނޫރީންގެ ޚަބަރެއް ނުވިއެވެ. އޭނާ ބާޒާރަށް ދިޔައީ ކަމަށް ވެދާނެ އެވެ.
ސައިރަން އަޅަމުން އައި އެމްބިއުލެންސް ޕޯޓިކޯގައި މަޑުކުރުމުން ސްޓެޗާރގައި އޮތް މާނާ ވެއްދީ އެމެޖެންސީ ރޫމަށެވެ. ޝާޔާ އަވަސްވެގަތީ ސަލަފްއަށް އެ ޚަބަރު ދިނުމަށެވެ. ސަލަފްއަށް ގުޅައި އެ ޚަބަރު ދިންތާ ކުޑައިރުކޮޅެއްގެ ތެރޭ ސަލަފް ހުރީ އެތަނުގައެވެ. ރިސޯރޓާއި ކައިރިވެފައި ހުއްޓާ ޔޫއާންއަށް ސަލަފްގެ ފަރާތުން ޚަބަރު ލިބި އެނބުރި އައީއެވެ. ޒަވީންވެސް އެތަނަށް އައެވެ.
އެތެރެއިން ނިކުމެ ޑޮކްޓަރު ލަފާ ދެއްވީ ލޭމަނާވާން އަންނަނީ ތިއޭޓަރަށް ވައްދާ ފަހައިގެން ކަމެވެ. އަދި ލޭއަޅަންޖެހިދާނެތީ އެކަންތައް ހަމަޖެއްސުމަށް އެންގިއެވެ. އެންމެންގެ ޙަރަކާތްތައް ހުރީ އަވަސްވެފައެވެ. ސަލަފް ފޯނު ކަންފަތުގައި ޖަހައިގެން ނިކުތުމުން ޔޫއާން ދިޔައީ ކައުންޓަރަށެވެ. މައުލޫމާތު ސާފްކޮށްގެން ލޭއަޅާނެ މީހުން ހަމަޖެއްސިއެވެ. ސަލަފް ހޮސްޕިޓަލުގެ ތެރެއިން ހުރިހާ އިންތިޒާމެއް ހަމަޖެއްސިއެވެ. ޒަވީން އާއި ޝާޔާ ތިބީ ބަލާށެވެ. އީފާ ދެރަވެފައި ގޮނޑީގައި އިނެވެ.
އޮޕަރޭޝަނަށް ވެއްދުނު އިރު ހަވީރު ހަތަރެއް ޖަހައިފި އެވެ. އެންމެންގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ފެނެއެވެ. ޑޮކްޓަރު ލަފާ ދެއްވީ އެއީ ނުރައްކާތެރި ކަމެއް ނޫން ކަމުގައެވެ. މާނާ ނެރުނު އިރު ރޭގަނޑު ހަތެއްޖަހައި ބޮޑުވެއްޖެ އެވެ. އެހާއިރު އެތަނުގައި ޝާޔާ ކޮޅަށް ހުރީ އިށީންނަން ހަނދާންނެތިފަ އެވެ. އަދި އޭނާއަށް ކޮޓަރިތެރެ އޮތް ގޮތް ސިފަވެގެން ދެއެވެ.
”ޝާޔާ. ހިނގާ އެތެރެއަށް. މަންމަ ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައި މިއައީ.” ސަލަފް އިޝާރަތްކޮށްލުމުން ޝާޔާ ކުޑަކޮން ހިނިތުންވެލިއެވެ. ކުރިއަށް ފިޔަވަޅެއް ނެގުނުކަން އެނގެއެވެ. ސަލަފްއަށް ފެނުނީ ޚަބަރު ހުސްވެގެން ދެމެމުން ދިޔަ ޝާޔާގެ ހަށިގަނޑެވެ. ސަލަފް ޝާޔާ އަތްދަނޑި މައްޗަށް ނަގައިގެން ވޯރޑާއި ދިމާލަށް ހިނގައިގަތެވެ. ޑޮކްޓަރުންނަށް ފަރުވާ ދޭން ފުރުޞަތު ދީފައި އެނދުގެ އަނެއްފަރާތުގައި ސަލަފް ހުރީ ޝާޔާގެ އަތުގައި ހިފައިގެންނެވެ.
”ހުރހާ ކަމެއްވެސް ރަނގަޅު. ކުޑައިރުކޮޅެއްގެ ތެރޭ ހޭއަރާފާނެ.” ޑޮކްޓަރު ދުރުވަމުން ހިނިތުންވެލިއެވެ. ސަލަފް ބޭނުންވީ ޝާޔާ އާއި އެންމެ ކައިރީގައި ވާށެވެ. ޝާޔާގެ އަތުން އެންމެ ސިކުންތުކޮޅަކަށްވެސް އޭނާ ދޫކޮށެއް ނުލައެވެ. ބައެއް ފަހަރު އަތުގައި ފިރުމައި ހެދެއެވެ. ޝާޔާ ހޭއަރާތޯ ހިތާހިތުން ދުޢާ ކުރެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ.
ޔޫއާން އާއި އީފާގެ އިތުރުން ޒަވީން ހުރީ މާނާގެ ކައިރީގައެވެ. ”އީފާ. ގެއަށް ގޮސްލަންވީނު. އަހަރެން ކާރު ހަމަޖައްސައިދެންތަ؟ މިތަނުގައި އަހަރެމެން ތިބޭނަން.” އީފާ ފުރަތަމަ ދެކޮޅު ހެދިއެވެ. އެކަމަކު ހޮސްޕިޓަލުގައި ހޭލާ ހުރުމަކީ އޭނާއަށް ވާނެ ކަމެއް ނޫނެވެ. ފަހުން އަމިއްލައަށް އެދިގެން ގެއަށް ދިޔައެވެ. އެތަނުގައި ޔޫއާން އާއި ޒަވީން އެކަނިވި އެވެ. ދެމީހުންނަކީ އެކުވެރިން ކަމުގައި ވިއަސް މިހާރު އެގޮތެއް ނެތެވެ. ހިއްސާ ނުކުރާ އެތައް ހާދިސާއެއް އެބަހުއްޓެވެ. އެކަކު އަނެއްކަކުގެ ހާލަތެއް ނޭނގެއެވެ. ސުދާއަށް ވީނުވީއެއް ނޭނގި ޒަވީން ދެރަވެފައި ހުންނަކަން އެނގެއެވެ. ޔޫއާންއަށް އިސްވެ އެއްވެސް އެއްޗެއް އަހާކަށް ނުކެރުނެވެ.
ޒަވީންއަށް ފޯނެއް އައީ ދަންވެފައި ހުއްޓައެވެ. ޒަވީން ފޯނުގައި ހުރެ ބޭރަށް ނިކުތުމުން ޔޫއާން އިނީ ސުވާލު އުފެދިފައެވެ. ޒަވީންއަށް ގުޅަން މިގަޑީގައި ހުންނާނީ ކާކުބާއެވެ؟ ޔޫއާން ބޭރު ބަލާލިއިރު ޒަވީންގެ މިސްރާބުހުރީ ހޮސްޕިޓަލުން ބޭރަށްކަމުގައި ވާތީ ޔޫއާން އައިސް އިށީނީ މަންމަގެ ކައިރީގައެވެ.
މިއަދު ފުރުމުގެ ކުރިން މަންމަ އާއި ވާހަކަ ދެއްކުނު ހަރުކަށި ގޮތް ހިތަށް އެރުމުން މަންމަ އޮތް ހާލަތުގެ ޒިންމާވާންޖެހޭނީ އޭނާކަމުގައި ނިންމުނެވެ. ޔޫއާން ފުންބެލުމަކުން މަންމއަށް ބަލާލިއެވެ. ނިތްކުރީގައި އޮތީ ބެންޑޭޖުކޮށްފައެވެ. ދެފައި އޮތީ ބޭސްއަޅައި ފޮރުވާފައެވެ.އޮޕަރޭޝަންއަށްފަހު ޑޮކްޓަރު އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. މަންމަގެ ހަށިގަނޑުގައި މިވަގުތު ހާދަ ވޭނެއް އަޅާނޭ ހިތަށް އެރުމުން ލޮލުން ހިލުނު ކަރުނަތައް ހިފަހައްޓާނުލެވުނެވެ.
”ރޮނީތަ؟” ކައިރިން ސަލަފްގެ އަޑު އިވިގެން ބަލާލެވުނީ ދެއަތުން ލޯ ފޮހެލަމުންނެވެ.
”އުހުނ.” ޔޫއާން ދެކޮޅު ހެދިއެވެ. ސަލަފް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. ނިދިފައި އޮތް މަންމަގެ މޫނަށް ބަލާލެވުމުން ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.
”އެކޮޅުގައި ކާކު ހުރީ؟” ޔޫއާން އަހާލީ ޝާޔާ އެކަނި ބާއްވާފައި ސަލަފް އައީތީއެވެ. ސަލަފްއަށް އެކަން ވިސްނުމުން ގަދަކަމުން ހިނިތުންވެލާފައި ޖަވާބު ދިނެވެ.
”ނޫރީން.”
އެވަގުތު އެތަނަށް އައި ނަރުސްކުއްޖާ މާނާގެ ލޭ ބަލާފައި މަތީގައި ހުރެގެން ވަގުތުން ޑޮކްޓަރު ގެނުވިއެވެ.
ޒަވީން ފޯނުގައި ހުރެ ބަގީޗާ ތެރޭގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އީރާއަށް އެކޮޅަށް ދެވުމާއެކު ޒަވީންއަށް ގުޅައިލިއެވެ. އީރާގެ އަޑު ޖެހުމުން ޒަވީންގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ހިތް ނުތަނަވަސްކަން ފިލައިދިޔައެވެ. އަނެއްކޮޅުން އީރާގެ ހާލަކީވެސް އެއީއެވެ. ދެހިތުގައި ހުޅު ފަޅަމުން ދިޔަ ލޯބި ދުލާއި ހަމަޔަށް ގެންނަން ވަނީ ނުކުޅެދިފައެވެ. މިދުވަސްތަކުގައި ސުދާ ނެތްކަމުގެ ފަޅުކަން ވަނީ ފިލާފައެވެ. ސުދާ އެނބުރި ނަޔަސް ޒަވީންއަށް އެންމެ ރަނގަޅެވެ. ސުދާއަށް ވީނުވީއެއް ބަލަން ޒަވީންއަށް މުހިއްމެއް ނޫނެވެ. އީރާވެސް ދިރިއުޅުމުގެ މިސްރާބު އަނބުރާލާކަށް ނޫޅެއެވެ. މީހެއްގެ ފިރިއެއްކަން އެނގިހުރެ ހާސިލް ވުމަށް ކުރެވޭ އުއްމީދު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ.
”ލޭ ވަރަށް މަތި.” ޑޮކްޓަރުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެނުނެވެ. ނަރުސް ކުއްޖާ ވަރަށް އަވަހަށް އިންޖެކްޝަންތަކެއް ޖެހިތަން ފެނުނެވެ. ޑޮކްޓަރު ނިކުންނަމުން ސަލަފް އާއި ޔޫއާންއަށް ގޮވާފައި ކެބިންއަށް އައިސް ދިނުމަށް އެދުނެވެ.
”އޮޕަރޭޝަންއަށްފަހު ލިބުނު ގެއްލުން މުޅިން ރަނގަޅެއް ނުކުރެވުން. ކަށިތަކަށް ކަމެއްވެފައި ހުރިނަމަ އުއްމީދެއް އޮތީސް. މުޅި ދެފައި ޗިސްވެފައިވާތީ އުމުރުގެ ބާކީ ބައި ހޭދަކުރަންޖެހޭނީ އެނދުމަތީގައި. މި ސްޓޭޖުގައި އޮއްވާ ދެން މިދިމާވާ މައްސަލައަކީ ލޭމައްޗަށް ދިއުން. ވެދާނެ އަމިއްލަ ހާލަތާ މެދު ވިސްނަނީ ކަމަށް. އެންމެންވެގެން މަންމަ ހިތްހަމަ ޖައްސައިދީގެން ގެންގުޅެންވާނެ. އެކަނި ލިބޭ ވަގުތުތަކަކީ ގިނަ ފަހަރަށް ވިސްނޭ ވަގުތު..” ޑޮކްޓަރު ދައްކަމުން ދިޔަ ވާހަކަތަކުން ދެމީހުން ތިބީ ފެންކަޅިވެފައެވެ.
ކެބިން އިން ނިކުމެގެން އައިސް ސަލަފް ވަނީ ޝާޔާގެ ކައިރިއަށެވެ. ޝާޔާ އާއި ވާހަކަ ދައްކަން އިން ނޫރީންއަށް ސަލަފް ފެނުމުން ތެދުވެ އެތަނުން ނިކުތެވެ. ސަލަފް އައިސް އިށީދެ ޝާޔާގެ ގާތުގައި ހާލު ރަނގަޅުތޯ އަހާލިއެވެ.
”މިހާރު ރަނގަޅު. ދެންމެ ބަލާފައި ޑޮކްޓަރު އެދިޔައީ ދޫކޮށްލާނަމޭ ބުނެފައި. މަންމަ ކިހިނެއްތޯ؟” ޝާޔާ އޮޅުންފިލުވަން ބޭނުންވެފައިވާތީ އަހާލިއެވެ. ސަލަފް ހުރިހާ އެއްޗެއް ކިޔައިދިނުމުން ޝާޔާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
ދެ ދުވަސްފަހެވެ. މާނާއަށް ހޭލެވުނީ ތުންފަތުގައި ފިނި އެއްޗެއް ކާއްތާލުމާއި އެކުގައެވެ. ދެލޯ ހުޅުވާލިއިރު ޝާޔާ ސަމްސަލަކުން ދިޔާ އެއްޗެއް އަނގައަށް އަޅައިދެނީއެވެ. މާނާ ހިންދިރުވާލިއެވެ. ފުންނިދީގައި އޮވެފައި ހޭލެވުމުން އިތުރު ވަރުބަލިކަމެއް އިޙްޞާސް ކުރެވެއެވެ. އުނަގަނޑުން ތިރީގައި އަޅަމުން ދިޔަ ވޭނަކީ ކެއްތެރިވާން މަސައްކަތް ކުރި ނަމަވެސް ކެއްކުރަން ދަތި ވޭނެކެވެ. މާނާ ދެފައި ހަލުވާލަން މަސައްކަތް ކުރިއެވެ.
”އަހަރެންގެ ދެފައި ބެންޑޭޖުކޮށްފައި މިއޮތީ ކީއްވެ؟ އަހަރެން މިތަނަށް ގެނައީ ކޮންއިރަކު؟ މިތަނުގައި އެއްވެސް މީހަކު ނެތީތަ؟” ކެހިގެން ދިޔަ ބެޑްޝީޓްގެ ސަބަބުން ހުދުފޮތިން ބަނދެފައި އޮތް އޭނާގެ ދެފައި ފެނުމުން މާނާގެ ހިތަށް ބިރުވެރިކަން ވަނެވެ.
”މިހުރީނު އަހަރެން.” ޝާޔާ އަތުގައި ހުރި ބޯތަށި ބަހައްޓާފައި ތެދުވެ މާނާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އަދި އެނދުގައި ބާއްވަމުން ސަލަފް އިރުކޮޅަކުން އެބަ އާދެއޭ ބުނެލިއެވެ. ޝާޔާ ސަމްސަލުން ބަތްޕެން ފޮދެއް ނަގައި މާނާގެ އަނގައާއި ކައިރިކޮށްލުމުން މާނާ އަތުން ޖަހައި ސަމްސާ ދުރަށްކޮއްޕާލިއެވެ. ޝާޔާއަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން ފަހަތަށް ޖެހިލެވުނެވެ.
”ކަލޭ ނޫން މީހަކު ނެތީތަ؟” މާނާ ތުރުތުރުއަޅަންފެށީ އައި ރުޅީގެ ސަބަބުންނެވެ.
”މަންމާ. ހަމަޖެހިބަލަ. އަހަރެން ނޫން މީހަކު ނުހުންނާނެއެއްނު. މި ބަތްޕެންފޮދު ދޭށޭ ކިޔާފައި ޑޮކްޓަރު އެދިޔައީ. މަންމަ ހަށިގަނޑުގައި ވަރުޖެހޭނީވެސް މި ބޯލެވިގެން.” ޝާޔާ މަޑުމައިތިރިކަމާއެކު މުޚާތަބު ކުރަމުން ދޔައެވެ. މާނާގެ ރުޅިވީ އިތުރަށް ގަދައެވެ.
”ދުރަށްދޭ އަހަރެންގެ ކުރިމަތިން. އަހަރެން ބަނޑަށް މަރުވިއަސް ކަލޭ ދޭ ރޯ ފެންފޮދުވެސް އަރުން ނުދިރުވާނަން. ތިއީ ސުންޕާ އަންހެނެއް. ކަލޭ އައިފަހުން އަހަރެމެންގެ ގޭތެރޭ ނުހިނގަނީ ކޮންކަމެއް؟ ސުދާވެސް ގެއިން ނިކުމެގެން ދިޔަގޮތަށް އަންނަން ބޭނުންނުވަނީ ކަލޭ އުޅޭތީ. މުއްސަދިކަން ފެނިގެންނު އައީ. ސަލަފް ދެކެ ލޯތްބެއް ނުވެއެއްނު. ޔޫއާންއަށްވެސް ދެއްކީ ހުސް ދަޅަ. އެފަކީރު ދިރިއުޅުން ވިހާލި ކޮށްލާފައި އުފާވެރިކަމާއެކު އުޅެވޭނެއޭ ހިތަށް އެރީތަ؟ ސަލަފްއަށް އަދި އެހަޤީޤަތެއް ނޭނގޭނެ. އެނގޭ ދުވަހަކުން ކަލޭ ނެރެ އެއްލާލާނެ.” މާނާގެ ބަސްތައް އިވިފައި ޝާޔާއަށް އަމިއްލަ ނަފްސަށް ބާރު ފޯރުވައި ނުލެވުނެވެ. ދެލޮލަށް ގިނަވި ކަރުނަތައް އެސްފިޔަޖަހާލުމާއި އެކު ފައިބައިގެން ދިޔައެވެ.
”ރޯންވެސް ދަންނަންތަ؟ ކަރުނަތައް ދައްކައިގެން އަހަރެންގެ ހިތް ފަތަހަ ކުރަންތަ ތިއުޅެނީ. ނުވާނެ ތިކަމެއް ދުވަހަކުވެސް. ސަލަފް ތި ނޫން އަންހެނަކާ ކައިވެނިކޮށްގެން ގެނައި ނަމަ އަހަރެން ހާދަ އުފާވީހޭ. ރީތި ސިފައެއް ހުއްޓަސް ތިއީ އަންހެނަކަށް ނުވާ އަންހެނެއް. ރީތިކަން ނީލަން ކިޔައިގެން ތިއުޅެނީ އޭނާގެ މުދާތައް އަތުލަފިކޮށްލަން. ކަލޭ މަންމަގެ ބުއްދިން އެއްބައި ކަލޭވެސް ހޯދައިގެން އައިސް ތި ހުރީ. އަހަރެން ކުރިމަތީގައި ހުރެ ރޯނެ ކަމެއް ނެތް. ދުރަށް ދޭ މިތަނުން.” މާނާ ރުޅި ގަދަވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެ އެވެ. ޝާޔާ ދުވެފައި ރޫމުން ނިކުންއިރު ނޫރީން އެތެރެއަށް ވަންނަނީ އެވެ. ނޫރީން ވަދެފައި ދޮރު ރަނގަޅަށް ލައްޕާލި އެވެ.
”ނޫރީން. މީގެ ފަހުން އަހަންނަށް ހުރިހާ އިރަކު ކާން ގެންނާނީވެސް އަދި ކާންދޭނީވެސް ނޫރީން. އަހަރެން ބޭނުމެއް ނޫން އިތުރު މީހަކު އަހަންނަށް އެ ހިދުމަތް ކޮށްދޭކަށް..” މާނާ އަމުރު ކޮށްލިއެވެ. ނޫރީން ދެފަރާތަށް ބޯހޫރުވާލާފައި ގެނައި ކޮތަޅުތައް ކަބަޑުމަތީގައި ބެހެއްޓިއެވެ.
”ދައްތަގެ ފުރާނަ ސަލާމަތްވީ ކިހިނެއްކަން އެނގޭތަ؟ އެނގޭނަމަ ދެންމެ ތިކީ އެއްޗެހި ދުލާއި ހަމަޔަށް ގެންނަން ލަދުގަންނާނެ. ޝާޔާއަށް އެންމެ ސިކުންތެއް ލަސްވި ނަމަވެސް އަހަރެމެންނަށް ދައްތަ ފެނުމުގެ ނަޞީބު ނުލިބޭނެ. އޭނާ އެކަނި ހިތްވަރުން މިތަނާ ހަމަޔަށް ގެނައީ. ދެ ދުވަސް ވަންދެން މިތަނުގައި އެންމެ ސިކުންތަކަށް އަރާމުކޮށްނުލާ ދައްތަގެ ހިދުމަތުގައި އުޅުނީ. ބަނޑުއަޅައިވިހޭ ދަރިންނަށްވުރެ ޝާޔާ އުފުލި ބުރަ ގިނަވާނެ. މިއީ އަހަރެން ދައްކަންޖެހޭނެ ވާހަކައެއް ނޫން. އެކަމަކު ދައްތައަށް ނުވިސްނޭތީ ބުނެލީ.” ނޫރީން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. ގޭގައި ގެންގުޅޭ ކުއްޖެއްގެ ހައިސިއްޔަތުން ބަލާނަމަ ގޭގެ ވެރިމީހާ އާއި ދިމާއަށް އުފް ވެސް ނުބުނެވޭނެއެވެ.
”ޝާޔާތަ އަހަރެން ގެނައީ.” މާނާ އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.
”އާން. އެގަޑީގައި ޝާޔާ އެއްވެސް މީހަކު ގެއަކު ނެތް.” ނޫރީން މަޑުމައިތިރިކަމާއި އެކުބުނެލިއެވެ. މާނާއަށް ދެންވެސް ޤަބޫލުކުރަން ދަތިވެފައި އިނެވެ. އެގަޑީގައި އިތުރު މީހަކު ގެއަކު ނުހުންނާނެއެވެ. މާނާ އިސްޖަހާލީ ކިޔުނު އެއްޗެހި ހިތަށް އަރާފައެވެ.
(ނުނިމޭ)