twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (35)

Oct 8, 2013

އޮކްޓޯބރ 1 ވަނަ ދުވަހުގެ ބަޔާގުޅޭ

ފަރުދާ އެއް ފަރާތްކޮށްލުމާއެކު ކޮޓަރިއަށް އެޅިގެން ދިޔަ އިރުގެ އަލި މޫނަށް އެޅުމުން ސަލަފްއަށް ލޯ ހުޅުވައިލެވުނެވެ. ޝާޔާ ކުޑަދޮރު ކައިރީ ބޭރު ބަލަހައްޓައިގެން ހުރީ ވިސްނުމެއްގައެވެ. ސަލަފް މޭޒުމަތީގައި ހުރި ގަޑިއަށް ބަލާލުމަށްފަހު ތެދުވެ އެނދުގައި އިށީނީ ވަރަށް ކަންނެތްގޮތަކަށެވެ.

”ކާކު މަންމަ ކައިރީ ހުރީ؟” ސަލަފް ގެ މޫނަށް ޝާޔާ ބަލާލިއެވެ. ސަލަފްއަށް ފުރަތަމަވެސް ފާހަގަ ކުރެވުނީ ހުދު މުތީތަކެއްފަދަ ކަރުނަތައް ބޮނޑިވެފައިވާ ފުންކަނޑެއްފަދަ ދެ ލޮލެވެ. އެސްފިޔަ ހަރަކާތްކުރުމާ އެކު ކަރުނަތައް ބަންޑުންވެދާނެ ހާލަތުގައި ގިނަވެ ބޮނޑިވެފައިވާ ކަރުނަތަކުގައި ސިއްރެއް ވާނެއެވެ.

”ނޫރީން.” ތުރުތުރު އަޅާ އަޑަކުން ޝާޔާ ބުނެލިއެވެ. ތިރީ ތުންފަތުގައި ބާރަށް ދަތްއަޅައި ފިއްތާލެވުނެވެ. ކަރުނަތައް ލޮލުގެ ތެރެއަށް އޮބުމުގެ ބަދަލުގައި ކޯތާފަތްމަތި ތެންމާލަން ސިކުންތެއްވެސް ނުނެގިއެވެ.

”ކޮންކަމަކާ ރޮނީ؟” ސަލަފް ކަންބޮޑުވި ވަރުން އެނދުގައި އިށީނދެ އިނުންވީ އުދަނގޫ ކަމަކަށެވެ. އަވަހަށް ތެދުވެ ޝާޔާގެ ކައިރީ ހުއްޓުނެވެ. ޝާޔާއަށް ގިސްލެވުނެވެ. އިސްއޮބާލެވުނީ ކަރުނަތައް ފޮރުވާކަށް ނޫނެވެ. ތެދަށް ޖަވާބުދޭނެ ހިތްވަރު ނެތިގެންނެވެ. ސަލަފްގެ ކައިރީ މަންމަ ކީ އެއްޗެހި ކިޔައިދޭކަށް ބޭނުމެއް ނޫނެވެ. އޭރުން ސަލަފް އާއި މަންމަގެ މޫނު ކެނޑިދާނެއެވެ.

”މަންމަ..” ޝާޔާ އެންމެ ލަފްޒެއް ބުނެފައި ހުއްޓާލީ ޖުމްލައިގެ ބާކީބައި ސަލަފް ނަގާނެ ގޮތަކަށް ނެގުމަށެވެ.

”މަންމަ މަތިން ހަނދާންވަނީތަ؟ އީރާގެ ނަންބަރު އެބައޮތް. ގުޅައިދެންތަ؟” ސަލަފްއަށް ހީވި ގޮތަށް އަހާލެވުނެވެ. ޝާޔާ އެއްޗެއް ނުބުނެ ހުރުމުން ސަލަފް އެނދުމަތީގައި އޮތް ފޯނު ނަގައި އީރާގެ ނަންބަރަށް ގުޅާފައި ޝާޔާގެ އަތަށް ދިނެވެ. އީރާ އާއި އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ޝާޔާ ބޭއްވީ ކުޑަކޮން ހިތްހަމަޖެހި ހުރެއެވެ.

ކުރިމަތީގައި ހުރި ލެޕްޓޮޕާ ކުޅެން ޔޫއާން އިނެވެ. ފޯނުގައި ހުރި މުހިއްމު ފޮޓޯތައް ލެޕްޓޮޕްގައި ރައްކާކުރަމުން ދަނިކޮން ކުއްލިއަކަށް އައީ އޭނަ އާއި ޝާޔާ އެކުގައި ނަގާފައި އިން ފޮޓޯއެކެވެ. ޖެހިފިތިގެން ތިބެ ނަގާފައި ހުރި ފޮޓޯގައި ދެމީހުންތިބީ ރީތި ވަރަކަށް ހިނިތުންވެލައިގެންނެވެ. ޔޫއާންގެ ހިތަށް ކަށިތަކެއް ހެރުނު ފަދައެވެ. ހިތް ޒަހަމްވެގެން ގޮސް ލޭއޮހޮރި ގަތުމުގެ ބަދަލުގައި ދެލޮލަށް ގިނަވި ކަރުނަތައް ހިފަހައްޓާނުލެވުނެވެ.

އެއީ މާޒީއެވެ. ހަޔާތުގެ އެންމެ ރީތި ޞަފްހާތަކެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނީ އެ މަދު ދުވަސްކޮޅުގައި އެކަންޏެވެ. ކުރެވުނު އުއްމީދުތައް އެހާ ގިނައެވެ. ޝާޔާ އަކީ އޭނާގެ ފުރާނަ ފަދައެވެ. ޔޫއާންއަށް ކުއްލިއަކަށް ހަނދާންވީ އޭނާ ފުރަން އޮތް ރޭ ޝާޔާ ބުނި ޖުމްލައެވެ. ކަލާޔާނުލައި ދިރުމެއް ނުވާނެއޭ ބުނެފައި ބޭވަފާތެރިވީލެއް އަވަސްކަމެވެ.

“ޔޫއާން” އީފާ ގޮވާލި އަޑަށް ޔޫއާން ސިއްރުން ދެލޯ ފޮހެލިއެވެ. އީފާ އައިސް ކެބިންއަށް ވަދެ ޔޫއާންގެ ކައިރީ ހުއްޓިފައި ފުންބެލުމަކުން ބަލާލީ ރަތްވެފައި ހުރި ދެލޮލަށެވެ.

”އޯހް. ރޭގައި ރަނގަޅަށް ނުނިދަނީތަ؟ ހާދަ ދެލޯ ރަތޭ.” އީފާ ޔޫއާންގެ މޫނުގައި ދެއަތުން ހިފާލިއެވެ.

”ނޫން. މިއަދު ވީގޮތެއް އެއީ.. އީފާ ކަމަކުތަ ތިއައީ.” ޔޫއާން އީފާގެ އަތް ދުރުކޮށްލިއެވެ.

”އާން. އަހަރެން ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާންވެގެން ހުއްދައަށް އެދި މި އައީ. މާލެ ގޮސް ދައްކާލާފައި ދެ ދުވަހެއްގެ ތެރޭ އަންނާނަން. ޔޫއާންގެ ގޭގައި އަހަންނަށް ހުރެވޭނެ ދޯ. އަނެއްކޮޅުން ޔޫއާންގެ މަންމައަށްވެސް އެހީވެވޭނެ.” އީފާ މޭޒުމަތީގައި ކުޑަގޮތަކަށް އިށީދެލިއެވެ.

”އޯކޭ. އަހަރެން ގެއަށް ގުޅާލާފައި ބުނާނަން. ސަލަފްބޭ ކައިރީ ބުނާނަން ހޮސްޕިޓަލުން އެޕޮއިންޓްމެންޓެއް ހައްދަދޭށޭ. އޭނާގެ ހިއްސާ އޮންނަ ހޮސްޕިޓަލުން ރަނގަޅުވާނެ ހެއްދީމަ. އިތުރު އެހީއެއް ބޭނުންތަ؟” ޔޫއާން އެހެން އަހާލިއިރު އީފާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ބޮޑެވެ. ނޭނގި ނަމަވެސް ޔޫއާން އޭނާގެ މަގު ކޮށައިދޭތީ އުފާވެއްޖެއެވެ.

”ސޯ ކައިންޑް. ސަލަފްބޭ ކައިރީ ބުނެދެންވީނު އަހަރެން ގޮވައިގެން ދައްކާލަން ދާށޭ. ޑޮކްޓަރުންނާ ސަލަފްބޭ ވަރަށް ރައްޓެހިވާނެ ކަންނޭނގެ. ޔޫއާން ބުނެދޭނަންތަ؟” އީފާ ތިރީ ތުންފަތުގައި ދަތް އަޅާލީ ހެވިދާނެތީއެވެ.

”އެބަ ބަލަން.” ޔޫއާން އަވަސް އަވަހަށް ފޯނު ނަގައި ސަލަފްއަށް ގުޅާލިއެވެ. ޔޫއާން އެދުނު ކަންތައް ކޮށްދެން ސަލަފް އެއްބަސްވީ އީފާ އަކީ ޔޫއާންގެ ވާން އުޅޭ އަންހެނުންނަށްވެފައި ޔޫއާން ދެރަވެދާނެތީއެވެ. އީފާ ގޮވައިގެން ދައްކަން ދާން ސަލަފް ބޭނުމެއް ނޫނެވެ.

ޒަވީން އޮފީހުގައި މަސައްކަތް ކުރާހިތް ނެތިފައި އެފް ބީ އިން ލޮގިން ވީއިރު އީރާ އޮންލައިންގައި އިނެވެ. ޒަވީންގެ ހަރާބުވެފައި ހުރި މޫޑް ރަނގަޅުވެގެން ދިޔައީ އެހިސާބުންނެވެ. ހައި ޖަހާލުމުން އީރާ ހުއްޓުމެއްނެތި މެސެޖުތައް  ފޮނުވަމުން ދިޔައެވެ. ދެމީހުން ގިނަ ވާހަކަތަކެއް ދެއްކިއެވެ.

”ސުދާގެ ޚަބަރެއް ނެތްތަ؟” އީރާ ފޮނުވި މެސެޖުގައި އޮތެވެ. ޒަވީން އިރުކޮޅަކު ވިސްނާލަން އިނދެފައި ޖަވާބެއް ދިނެވެ.

”ނުވިސްނަން އެކަމާ ދޭތެރޭ. ސުދާގެ ފަޅުކަން އިޙްސާސެއް ނުވޭ. އީރާ ތިހުރީނު.” އީރާ އެމެސެޖު ދެތިން ފަހަރު ކިޔާލިއެވެ.

”’މާނައަކީ.” އީރާ ބޭނުންވީ ސާފު ޖަވާބެކެވެ. ސުދާގެ މަޤާމަށް އީރާ ކަމުދާ ވާހަކަ ޒަވީން ބުނަން އުޅެނީބާއޭ ހިތަށް އެރިއެވެ. ޒަވީން އެއްޗެއް ޓައިޕް ކުރާ ކަމަށް އަރަން ފެށުމުން އީރާ ހިތް ތެޅިގަތެވެ.

”ޔޫ އާ އިނަފް ފޮރ މީ.” ޒަވީން ކުރު ޖުމްލައެއް ފޮނުވި އެވެ.

”ހޫ އައި އެމް.” އީރާގެ ހިތުގައި އުފެދުނު ސުވާލު ފޮނުވާލިއެވެ. ޒަވީންގެ ހިތުގައި އީރާއަށް ދެވުނު މަޤާމަކީ ކޮބައިބާއެވެ.

”ބުނެދެންދަތި. އެކަމަކު ބައެއް ފަހަރު ހީވަނީ ތިއީ މަގޭ ހަށިގަނޑުގެ ބައެއް ހެން.” ޒަވީން ވިސްނާލުމެއްނެތި ހިތަށް އަރަމުން ދިޔަ ކޮންމެ މެސެޖެއް އީރާ އާއި ހަމަޔަށް ފޯރި ކޮށްދެމުން ދިޔައެވެ.

”ލަވް ޓު ހިއާރ ޔުއާރ ވޮއިސް.” އަނެއްކާވެސް ޒަވީންގެ މެސެޖެކެވެ.

އީރާއަށް ޖަވާބުގައި ބުނާނެ އެއްޗެއް ނޭނގުނެވެ. ޓައިޕް ކުރާނެ އެއްޗެއް ނޭނގިގެން އިނދެވުނީއެވެ. ޒަވީން ހިތެއްގެ ބައްޓަމުގައި އިން އެމޯޝަނަލްއެއް ފޮނުވާލިއެވެ.

”ފޮރ މީ.” އީރާ އަހާލިއެވެ. އެކޮޅުން އާއެނކޭ ބުނެލިއެވެ.

އީރާވެސް ހަމަ އެފަދައިން ހިތެއް ފޮނުވިއެވެ. އަދި ޒަވީންގެ ޖަވާބަކަށް ބަލަން އިނެވެ.

”އަހަރެންގެ ހިތް އަނބުރާ ފޮނުވައިލީތަ؟” ޒަވީންއަށް މާނަ ނެގުނު ގޮތް ތަފާތުވިއެވެ.

”ނޫން ނޫނ. ބަދަލުގައި އަހަރެންގެ ހިތް ދިނީ..” އީރާ ލިޔެލިއެވެ. އެމެސެޖު ކިޔަން އިން ޒަވީންއަށް ހިނިތުންވެވުނެވެ. އުފާވިއެވެ.

”އުއްމީދު ކުރަން ހިތަށް ފަރުވާތެރިވާނެ ކަމަށް.” އީރާ އަނެއްކާވެސް ލިޔެލި އެވެ.

”އައި ޕްރޮމިސް ނޮޓް ޓު ހާރޓް ޔޫ.” ޒަވީންގެ ޖަވާބުން އީރާގެ އުއްމީދުތައް އާވެގެން ދިޔައެވެ.

”އަހަރެން ބޭނުން ހުރިހާ ކަމެއްވެސް ހިއްސާ ކުރަން..” ޒަވީން ފުރަތަމަ ފަހަރަށް އިސްނަގައި ކިޔައިދޭންފެށީ އޭނާގެ ހިތްދަތި ހަޔާތުގެ ވާހަކައެވެ. އުނިވެފައިވާ ލޯބި ލިބޭނެ ކަމުގެ އުއްމީދު އީރާގެ ފަރާތުން ކުރާ ކަމުގައި ބުނެލިއެވެ.

”ޒަވީން އަކީ މީހެއްގެ ފިރިއެއް. އަހަންނަށް މިވަދެވެނީ މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ނޫންބާ؟” އީރާގެ ހިތަށް އެރިއެވެ.

”ޔޫ ދެއާރ..” ޒަވީންގެ މެސެޖެއް އައުމުން އީރާ ސިހުނެވެ. އަވަސް އަވަހަށް އާއެނކޭ  ބުނެލަމުން ދެވަނަ ފަހަރަށް ވިސްނުމުގެ ތެރެއަށް ގެނބުނެވެ. ހިޔާވަހިކަން ދިން ގޭތެރޭ ސިއްރުން ކުރިއަށް ގެންދެވޭ ގުޅުމުގެ ނަތީޖާ ފެންނާނީ ކިހިނެއްކަމެއް ނޭނގެއެވެ. ޒަވީން އަކީވެސް އެގޭއަށް ދުރުން އައިސް ހުރި ހިލޭ މީހެކެވެ. ފަޅާއަރައިފިނަމަ ވެއްޓޭނެ އަނދަވަޅުގެ ފުންކަން އިޙްޞާސް ނުކުރެވެއެވެ. ހަޔާތުގެ ފޮނިކަން އެނގޭނީ އޭގެ ހިތިކަން އެނގިގެންނެވެ. ޒަވީން އޭނަ އާއެކު ކުރިއަށް ދާން ހުރެއްޖެނަމަ ވިސްނަންޖެހޭ ކަމެއް ނޯންނާނެއެވެ.

”އީރާ އެއްބަސްވާނަމަ އަހަރެން ސުދާ ދޫކޮށްލާނަން..” ޒަވީން ލިޔެލިއެވެ. އީރާ އިތުރަށް ވިސްނާކަށް ނުހަދައެވެ.

”އެންމެ ރަނގަޅު. ދެމީހުން ދަސްވުމުން އިންނަންވީމައި ސުދާ ދޫކޮށްލަން ބުނާނަން.” އީރާއަށް ފަހުން ވާނެ ގޮތެއް ނޭނގެއެވެ.

މާނާ އިރުކޮޅަކު ކޮޅާ ބަލާލެވެނީ ކޮޓަރީގެ ދޮރަށެވެ. ޝާޔާ ކާން ހިފައިގެން އަންނާނެއޭ ހިތް ބުނަމުން ދިޔައެވެ. ޝާޔާ އައިސްފިނަމަ އޭނާ މިހުރީ މަޢާފަށް އެދެން ތައްޔާރަށެވެ. ވެދިޔަތަން ދޫކޮށްފައި ހިތްހެޔޮ ކުރަން ބޭނުމެވެ. ސަލަފްގެ އަންހެނުންގެ ގޮތުގައި ބަލައިގަންނަން ބޭނުމެވެ.

ނޫރީން ކާކޮޓަރިއަށް ވަންއިރު ޝާޔާ ކޮތަޅުގެ ތެރެއަށް ކާން އަޅާފައި ހުރި ތަށިތައް ލައިދެނީއެވެ.

”ނޫރީން. މި ހިފައިގެން ހޮސްޕިޓަލަށް ދޭ. ސަލަފް އޮފީސް ނިންމާފައި އެކޮޅަށް ދާނެ.” ޝާޔާ ގެ މޫނަށް ބަލާލާފައި ނޫރީން އެއްވެސް އެއްޗެއް ނުބުނެއެވެ.

”ޝާޔާއެއް ނޫންތަ ދަނީ.” ނޫރީން ކޮތަޅުގައި ހިފަމުން އަހާލިއެވެ.

”މަންމަ ހިތްހަމަނުޖެހޭނެ އަހަރެން ހިނގައްޖެނަމަ. ޑޮކްޓަރު ބުނުއްވާފައި އޮތީ މަންމަ ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ނުކުރާށޭ. ނޫރީން ގޮސް ކާންދީފައި ސަލަފް އަންނަންދެން މަޑުކުރާތި.” ޝާޔާ އެހެން ބުނުމުން ނޫރީން އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ލޯންޗު ބަނދަރާ ކައިރިކުރުމުން އީފާ ފޭބިއިރު ސަލަފްގެ ކާރު އެތަނުގައި އޮތެވެ. ސަލަފް ފެނުމުން އީފާ ލައިގެން ހުރި ކުރު ހެދުން ތަންކޮޅެއް މައްޗަށް ޖައްސާލަމުން ގޮސް ކާރުގެ ކުރީ ޝީޓްގެ ދޮރުފަތް ހުޅުވާލިވަގުތު ފެނުނީ ގޮނޑީގައި އޮތް މާބޮނޑިއެވެ.

”އީފާ ފަހަތު ޝީޓްގައި އިށީދޭ.” ސަލަފް އީފާގެ މޫނަށް ބަލައިވެސް ނުލައެވެ. އީފާ ބާރަށް ދޮރުފަތްޖަހާފައި ގޮސް ފަހަތު ޝީޓަށް އެރިއެވެ. ތުންފިއްތައިގެން އިނދެ ހިތާއި ހިތުން ސަލަފްއަށް އެއްޗެހިތަކެއް ގޮވާލިއެވެ. ގާތްވާން އެންމެ ފުރުޞަތެއްވެސް ސަލަފް ނުދޭނެ އެވެ.

އީފާ ސިއްރުން ކާރުގެ ލޯގަނޑަށް ބަލާލިއިރު ސަލަފްގެ މޫނު ލޯގަނޑަށް އެޅިފައި ހުއްޓެވެ. ސަލަފްގެ ރީތިކަމާ މެދު އެ ސިކުންތުގައި ތައުރީފްކޮށްލެވުނީ އިޚްތިޔާރަކާ ނުލައެވެ. ތުނބުޅި މަތިމަސް ބާލާފައި ހުންނާތީ ހީވަނީ އުމުރުން ވިއްސަކަށް އަހަރުގެ ޒުވާނެއް ހެންނެވެ.

”އަހަންނަށް ރަނގަޅީ ގެއަށް ގެންގޮސްދީފިއްޔާ.” އީފާ އިރުކޮޅަކު ހިމޭނުން އިނދެފައި ބުނެލިއެވެ.

”ޑޮކްޓަރަށް ދައްކާފަ ގެއަށް ގެންދާނަން. އެޕޮއިންޓްމެންޓް އޮތީ މިގަޑިއަށް ލިބިފައި.” ސަލަފް ކާރުގެ މިސްރާބު ބަދަލު ކުރާނެ ޚިޔާލެއް ނުކުރިއެވެ.

”ފަހަށް ބަދަލުކުރޭ. ސލަފްއަށް އެއީ އުދަނގޫކަމެއް ނޫނެއްނު.” އީފާގެ ޖުމްލަ ނުނިމެނީސް ކާރު ވަގުތުން މަގުގެ މެދަށް ހުއްޓިއެވެ. އެހާ ސްޕީޑްގައި ދުއްވާފައި އައި ކާރު ކުއްލިއަކަށް ހުއްޓުމުން އީފާއަށް ތެޅިގަނެވުނެވެ.

”އަހަރެން ނުޖެހޭނެ އީފާގެ އޯޑަރަށް ތަބާވާކަށް. އެނގިއްޖެތަ؟ މިގަޑީގައި އީފާ ދައްކާފައި އިރުއޮއްސުމުގެ ކުރިން ފުރަންޖެހޭނެ.” ސަލަފް ދަތްވިކާލާފައި އަމުރުވެރި ރާގަކަށް ބުނެލިއެވެ. ހީވަނީ އީފާ ވީހާވެސް އަވަހަކަށް ފޮނުވަން ހިތު އަޅައިގެން އިންހެންނެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355