އޮކްޓޯބރ 8 ވަނަ ދުވަހުގެ ބަޔާގުޅޭ
ކާރު ގޮސް މަޑުކުރީ ހޮސްޕިޓަލުގެ ޕޯޓިކޯއަށެވެ.
”ދޮރުމަތީގައި މަޑުކުރޭ. އަހަރެން އަންނާނަން ޕާރކު ކޮށްލާފައި.” ސަލަފް ފަސް ނުބަލާ އިނދެ ބުނެލިއެވެ. އީފާ ފޭބުމުން ސަލަފް ކާރު ޕާރކުކޮށްފައި އައިސް ހޮސްޕިޓަލްގެ ތެރެއަށް ވަނުމުން އީފާ ފަސްފަހަތުން ދިޔައެވެ. ސަލަފް ރިސެޕްޝަނަށް ހުއްޓިފައި މެމޯ ނަގައިގެން ޑޮކްޓަރުގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ހޮސްޕިޓަލް ތެރޭގައި ވަރަށް މީހުން ގިނަ ގަޑިއެކެވެ. ހަނި ކޯރިޑޯތަކުގައި ހުންނަ ސޯފާތައް ފުރި ސަފު ހަދައިގެން ހުރުމުން ހިނގަން އޮންނަނީ ހަނި ތަންކޮޅެކެވެ. ޑޮކްޓަރުގެ ކޮޓަރީގައި ޓަކިޖަހާލަމުން ސަލަފް ދޮރު ހުޅުވާލިއެވެ. އަދި އީފާ އަތަށް މެމޯ ކޮޅު ދީފައި އެކަނި ވަންނާށޭ ބުނެލިއެވެ.
ވިއްސަކަށް މިނެޓްފަހުން އީފާ އެ ކޮޓަރިން ނިކުތެވެ. ސަލަފް އަތުކުރީ ގަޑިއަށް ބަލާލާފައި އިރުއޮއްސެން ކައިރިވެފައި ވާތީ ގަސްތުކުރީ އީފާ ފުރާ ސަރަޙައްދަން ގެންދާށެވެ. ސަލަފްގެ ފަހަތުން ހިނގަމުން ދިޔަ އީފާގެ ހިތުގައި ރާވަމުން ދިޔަ ރޭވުންގަނޑެއް ސަލަފްއަށް ރެއަކާ ނުލިއެވެ.
ސަލަފް ކާރު ނެރެން ދާން އުޅެނިކޮން އިވުނީ އީފާ ހަޅެއްލަވައިގެން އަޑެވެ. ފަހަތް ބަލާލިއިރު އެތަނާއި އަރާ ހަމަވި ޓެކްސީއެއްގައި ޖެހިފައި އީފާ ވެއްޓެނީއެވެ. ޓެކްސީ ޑްރައިވަރު ބްރެކި ޖެއްސިކަން އެއީ ނަޞީބެވެ. ނޫންނަމަ ކާރުގެ ދަށުގެ އީފާއަށް ވަރަށް ބޮޑު އަނިޔާއެއް ވީހެވެ. ސަލަފް ދުވެފައި އާއިރު އެތަނަށް މީހުންގަނޑު އެއްވަނީއެވެ. ބިންމައްޗަށް ވެއްޓިފައި އޮތް އީފާގެ ނިތްކުރިން ތަންކޮޅެއް ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ. ސަލަފް އަތްމައްޗަށް އީފާ ލައިގެން ހޮސްޕިޓަލްތެރެއަށް ވަދެގެން ދިއުމުން މީހުންގެ ލޯތައް އަމާޒުވިއެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ އީފާ ގޮސް ވެއްދީ އެމެޖެންސީ ރޫމަށެވެ.
”އެވްރިތިން އިޒް ފައިން.” އިރުކޮޅެއްފަހުން ނިކުން ޑޮކްޓަރު ސަލަފް ފެނުމުން ހީލާފައި ބުނެލިއެވެ.
”އެއީ ސަލަފްގެ ކާކު؟” ޑރ. ހަމްދާން ސަލަފް ވަރަށް ރަނގަޅަށް ދަނެއެވެ. ސަލަފް ކައިވެނި ކުރިކަމާ އެރޭގެ ޕާރޓީން ޝާޔާވެސް ވަނީ ފެނިފައެވެ. އާއިލާގެ ހުރިހާ އެންމެން ދަނެއެވެ.
”ޔޫއާންގެ ގާރލްފްރެންޑް.” ސަލަފް ޖަވާބު ދިނެވެ.
”އެހެން. ގާތްކުއްޖެއް ދޯ އެހެންވީމަ. ބޭސްއަޅާ ނިމުމުން ނެރޭނެ. އަތަށް ތަދުވާ ވާހަކަ ބުނީމަ ހުންނާނެ ބޭސްދީފައި. އަރާމްކޮށްލާށޭ ބުނެފައި މިއައީ..” ޑރ.ހަމްދާން ދަމުން ބުނެލިއެވެ. ސަލަފް އެތަނުގައި ހުއްޓާ އީފާ ނަރުސްކުއްޖެއްގެ އެހީގައި ނިކުތެވެ. ހީވާ ގޮތުން އީފާއަށް ހިނގަން އުދަނގޫވަނީއެވެ. ނޫނީ ފައިގައި ރިއްސަނީއެވެ. ސަލަފް އިތުރަށް އެއްވެސް އެއްޗެއް ނާހައެވެ. އީފާގެ އަތުގައި ހިފައިގެން ކާރާއި ހަމަޔަށް ދިއުމަށް އެހީވިއެވެ. މިވަގުތު ރިސޯރޓަށް ފޮނުވާލުމަށްވުރެ ރަނގަޅުވާނީ ގެއަށް ގެންދިއުން ކަމަށްވާތީ ސަލަފް މިސްރާބުޖެހީ ގެއާ ދިމާލަށެވެ.
ޝާޔާ ބަދިގެއަށް ދާން ނިކުންވަގުތަކީ އީފާ ގޮވައިގެން ސަލަފް ވަންނަން އައި ގަޑިއެވެ. ސަލަފްއަށް ޝާޔާ ފެނުމުގެ ކުރިން އީފާއަށް ޝާޔާ ފެނުނެވެ.
”އައުޗް.” ކުރިއަށް ފިޔަވަޅެއް އަޅާލުމަށްފަހު އީފާ ސަލަފްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
”އަހަންނަކަށް ދެން ނުހިނގޭނެ.” ސަލަފްގެ ގަމީހުގައި ބާރަށް ހިފަހައްޓާލަމުން އީފާ ދެލޯމަރާލިއިރު އެސްފިޔަތަކުގެ ތެރެއިން ފޭދުނު ކަރުނަތައް ހުރީ ފާޅުވާށެވެ. ސަލަފް އީފާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލަމުން ހިފަހައްޓާލިއެވެ. އީފާއަށް ހިނގަން ފަސޭހަވާނެހެން ސަލަފްގެ އެހީތެރިކަން ދެމުން ދިޔައެވެ. އީފާއަށް ފިޔަވަޅެއް އެޅޭކަމަކަށް ނުވިއެވެ.
ސަލަފް އިސްއުފުލާލި ވަގުތު ޝާޔާ ފެނިފައި ޝާޔާގެ ހިތުގައި އުފެދޭނެ ޝައްކުތަކާއި މެދު ޚިޔާލުކޮށްލެވުނެވެ.
”ޝާޔާ. އާދެބަލަ އީފާއަށް އެހީވާން..” ސަލަފް އަވަހަށް ޝާޔާއަށް ގޮވާލިއެވެ. ޝާޔާ ދެކޮޅު ހެދުމެއްނެތި އީފާގެ އެއްއަތުގައި ހިފާ ހިނގުމަށް އެހީތެރިވެދިނެވެ. އީފާ ގެންގޮސް ޔޫއާންގެ ކޮޓަރިއަށް ލައިފައި ދާން އެނބުރު ތަނާއި އީފާ ގޮވާލާފައި އެނދުނީ އޭނާގެ ފައިގައި ބޭސްކޮޅެއް އުނގުޅައިދިނުމަށެވެ.
”ބޭސްފުޅި އޮންނާނެ ދަބަހުގައި. ޝާޔާއަށް އުދަނގޫ ނޫންނަމަ ބޭސް އުނގުޅައިދީފި ނަމަ ރަނގަޅު.” އާދޭހުގެ ރާގަކަށް އެދުމުން ޝާޔާ އީފާގެ ދަބަސްނަގައި ބޭސްފުޅި ނެގިއެވެ. އަދި މަޑުމަޑުން އެފައިގައި ބޭސް އުނގުޅައިދިނެވެ.
”އަހަރެންގެ ސަބަބުން ދިމާވި ކަމެއް މިއީ. ކާރު އައިތަން ނުފެނި މަގަށް ނިކުމެވުނީ. މާތްﷲގެ ރަޙްމަތުން މާބޮޑު އަނިޔާއެއް ނުވި. ސަލަފް ނެތްނަމަ ވާނެ ގޮތެއްވެސް ނޭނގެ.” އީފާ ވާހަކަ ދައްކަން ފެށީ ސަލަފް ނިކުމެގެން ދިޔަފަހުންނެވެ.
”ސަލަފް އެތަނުގައި ހުރިތަ؟” ޝާޔާއަށް އަހާލެވުނެވެ. އީފާ އައީ ކޮންއިރަކު ކަމެއް ސަލަފް އެތަނުގައި ހުންނަންޖެހުނީ ކީއްވެކަމެއް ނޭނގެއެވެ.
”އާން. ދެމީހުން އެއްކޮން ޑޮކްޓަރަށް ދައްކަން ދިޔައީ. ދައްކާފައި ނިކުންނަނިކޮން ހޮސްޕިޓަލު ދޮރުމަތިން އެކްސިޑެންޓްވީ..” އީފާ ގެ މޫނަށް ބަލާލާފައި ޝާޔާ އިސްޖަހާލިއެވެ. އީފާ ގޮވައިގެން ސަލަފް ދިޔައީ ކީއްވެބާއޭ އެވަގުތު ހިތަށް އެރިއެވެ.
”ސަލަފް ނުބުނޭތަ އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާން އުޅޭ ވާހަކައެއް. ހަނދާންނެތިގެން ނުބުނެވުނީ ކަންނޭނގެ. ސަލަފްގެ ހެޔޮކަމުން އެޕޮއިންޓްމެންޓްގެ ކަންތައް ހަމަޖެހުނު.” އީފާ ވަރަށް ފަރުވާތެރިވެ ޝާޔާގެ މޫނަށް ބަލަމުން ދިޔައެވެ. ޝާޔާގެ މޫނުމަތިން ދެރަވެފައި އިންކަން އެނގެއެވެ.
”ޝާޔާ. ތެންކްސް އިނގޭ.” އީފާ ފައި ދުރަށްލަމުން ޝުކުރު އަދާކުރިއެވެ. ޝާޔާ ބޭސްފުޅި ދަބަހަށް ލައިދީފައި ބޭރަށް ނިކުތެވެ. އޭރު ސިޓިންރޫމްގައި ސަލަފް އިނެވެ. ޝާޔާ ފެނުމުން ސަލަފް ތެދުވެފައި އަހާލީ މަންމަ ކައިރިއަށް ނުދަންތޯއެވެ.
”ނޫރީންވެއްޖެ ގޮސް.” ޝާޔާ ސީދާ ޖަވާބު ދޭން ބޭނުމެއް ނުވިއެވެ.
”ނޫރީން ފޮނުވަން ދާންޖެހޭނެއެއްނު. ހެނދުނުން ފެށިގެން އޭނާ އެކަނި އެ އިންނަނީ. ޝާޔާ ގެންގޮސްދެންތަ؟” ސަލަފްގެ މޫނަށް ނުބަލައި ޝާޔާ ހުރީ ދޭނެ ޖަވާބެއް ނެތިގެންނެވެ. ދާން ބޭނުންނުވާކަމަށް ބުނެފި ނަމަ ސަބަބު އޮޅުންފިލުވަން މަސައްކަތް ކުރާނެއެވެ. ސަލަފް ކައިރީ އޭނާގެ މަންމަ ވާހަކަ ދެއްކުމަކީ ހުތުރު ކަމެކެވެ.
މާނާ ނުނިދާ އޮތްނަމަވެސް އޮތީ ލޯމަރައިގެންނެވެ. ނޫރީން އިރުކޮޅުކޮޅާ މާނާއަށް ގޮވާލައެވެ. މެންދުރު ގެނައި ކައި އެއްޗެހި ނުކާތީ ކަންބޮޑުވެގެން އިނދެއެވެ. ޝާޔާ އާއި ސަލަފް އެތެރެއަށް ވަނުމުން ނޫރީން ތެދުވެފައި ތަންދެއްކިއެވެ. ޝާޔާގެ ލޮލުގައ ފުރަތަމަވެސް އަޅައިގަތީ މޭޒުމަތީގައި ހުރި ތަށިތަކެވެ.
”އަހަރެން ވަރަށް މަސައްކަތް ކޮށްފިން. ދައްތަ ކާން އެއްބަހެއް ނުވި.” ނޫރީން ވާހަކަ ދެއްކި އަޑަށް މާނާ ލޯހުޅުވާފައި ޝާޔާގެ މޫނަށް ބަލާލިއެވެ.
”ނޫރީން ގެއަށް ދަމުން ތަށިތައް ހިފައިގެން ދޭ. ދެން މިއީ ހަވީރު ސައިބޯ ގަޑި. އަހަރެން މިއައީ ސައި ހިފައިގެން.” ޝާޔާ އަތުގައި ހުރި ކޮތަޅު ދައްކާފައި ބުނެލިއެވެ.
ޝާޔާ ގެނައި ތަށިތައް ކޮތަޅުން ނަގާފައި ފުޅިން ޖޫސްތައްޓެއް އަޅައިގެން ކައިރިވިއެވެ. ތަށީގައި ހުރި ހެދިކާތަކުން ހެދިކާއެއް ނަގާފައި މާނާގެ ތުންފަތާއި ކައިރިކޮށްލުމުން އެތިކޮޅެއް ހަފާލިއެވެ. ޝާޔާގެ މޫނު ފެނިފައި ކިޔުނު އެއްޗެހި ހަނދާންވުމުން ހަފާ ހިމުންކުރި އެތިކޮޅު ދިރުވާލުން ވީ ދަތިކަމަކަށެވެ. ހިތްދިރުވަން އުދަނގޫވެގެން އުޅޭހެން ހީވެ ޝާޔާ ޖުސްތަށި ޖެއްސިއެވެ. ސަލަފް ދެއަތް އުރާލައިގެން ބަލަން ހުއްޓެވެ. ޝާޔާ އޭނާގެ މަންމައާ މެދު ރަނގަޅުކަމުން އޭނާ ހުރީ ހިތްހަމަޖެހިފައެވެ.
”އަހަރެން އަންނާނަން ގެއަށް ގޮސް ފެންވަރާލައިގެން. ޝާޔާ ދާން ބޭނުންވީމަ ގުޅާލާ. މިކޮޅުގައި މިރޭ އަހަރެން މަޑުކުރާނަން.” ސަލަފް ނިކުންނަމުން ބުނެލިއެވެ. ސަލަފް ދިއުމުން ޝާޔާއަށް އުދަނގޫވީ އެތަނުގައި މާނާގެ ކުރިމަތީ އެކަނިވީތީއެވެ. މާނާގެ ދުލުން މިފަހަރު އިއްވާނީ ކޮންކަހަލަ ވިހަ ބަސްތަކެއް ކަމެއް ނޭނގެއެވެ.
ހިތްނުތަނަވަސްވެފައި އިނދެ މާނާގެ މޫނަށް ބަލާލިއިރު ޝާޔާއަށް ފެނުނީ މާނާގެ ލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކެވެ. ޝާޔާގެ ހިތް ގަނޑުފެންކޮޅެއްފަދައިން ވިރިގެން ދިޔައެވެ. ގޮނޑިން ތެދުވެފައި މާނާގެ ކޮނޑުގައި އަތްބާއްވާލެވުނެވެ.
މާނާގެ ދުލުން އެންމެ ބަހެއްވެސް ނުބުނެއެވެ. ޝާޔާ އެހުރިގޮތަށް ހުރީ އެއްޗެއް ބުނަން ބޭނުން ނުވެފައެވެ. ޝާޔާ އެތަނަށް އައީތީ މާނާ ހުންނާނީ ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. ތަނަކަށް ތަދުވިއަސް އުދަނގުލެއް ވިއަސް ނުބުނަން އިނދެފާނެއެވެ. އެތައް ފަހަރަކު ސަލަފްއަށް ގުޅަން ހިތަށް އެރިއެވެ. މާނާ ދެލޯ ފޮހެލާފައި އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ޝާޔާގެ ކައިރިން މަޢާފަށް އެދެން ބޭނުންވިއެވެ. ކިޔުނު އެއްޗެހި ހިތަށް އަރާފައި ދޫ ޙަރަކާތްކުރަން އުދަނގޫވަނީއެވެ.
ޒަވީން އޮފީސް ނިންމާފައި އައިސް ނިދަން ވަންދެން އޮތީ ފޭސްބުކަށްވަދެ އީރާއާ ވާހަކަ ދައްކާށެވެ. ދެމީހުންގެ ލޯބީގެ ސިލްސިލާ ފަށައި ކުރިއަށް ގެންދަނީއެވެ. އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު އީރާ ދެކިލަން ހިތް އެދޭކަމަށް ބުނުމުން އީރާ ސްކައިޕް އޮންކޮށްފައި ވީޑިޔޯ ކޯލް ކުރިއެވެ. ވެބްކެމްއިން ފެންނައިރު ކުރިއަށްވުރެ ލޯބިހެން ހީވެއެވެ.
”ލޯބިކޮށްލާ ހިތްވަނީ..” ޒަވީން ހެޑްފޯނުގެ ޒަރިއްޔާއިން ވާހަކަ ދައްކަމުން ދިޔައެވެ.
”ކައިރިއަށް ދިޔާމަ ދޯ..” އީރާވެސް ރައްދު ދިނެވެ. ދެމީހުންގެ މައުޟޫ ބަދަލުވަމުން ދިޔައެވެ. ހިތުގެ އެދުން ފައުޅުވަމުން ދިޔައެވެ. އަނެކާގެ ހަށިގަނޑުން އަރާމް ހޯދަން ދެމީހުންގެ ހިތްވެސް އެދެމުންދާކަން އެނގެއެވެ.
”މިކޮޅަށް އަންނަނީ ކޮންއިރަކު؟” ޒަވީން މެސެޖެއް ކުރިއެވެ.
”ދެދުވަސް ވާނެ..” އީރާ ދެ އިނގިލި ނަގައި ދައްކާލަމުން ބުނެލިއެވެ.
”ކާންޓް ވެއިޓް.” ޒަވީން ހިނިތުންވެލިއެވެ. ވަރަށް ދަންވަންދެން ދެމީހުން ވާހަކަ ދައްކަން ތިބެފައި އީރާ ނިދިއަންނަން ފެށުމުން ކޯލް ނިންމާލިއެވެ. ލެޕްޓޮޕް ނިއްވާލާފައި އެނދުގައި އޮށޯވި ޒަވީން އޮތީ އެއަތް ނިތްކުރީގައި ބާއްވައިގެންނެވެ. އޭނާއަށް ވިސްނެނީ އީރާ އާއި މެދުގައެވެ. ސުދާ އާއި ރައްޓެހިވެގެން އުޅުނުއިރު ހިތް ނޭދޭ ވަރަށް އީރާއަށްޓަކައި ހިތް އެދެމުންދާހެން ހީވެއެވެ. މީހެއްގެ ފިރިއެއްގެ ގޮތުގައި ހުރެ މި ފެށި ގުޅުމުގެ ނަތީޖާ ފެންނާނެ ގޮތަކާއި މެދު ވިސްނާލެވުނެވެ. ކޮންމެ ގޮތެއްވެސް ވާނީ ރަނގަޅަކަށެވެ. އީރާއާ ކައިވެނިކޮށްގެން އެގެއިން ނިކުންނަން ޒަވީން ބޭނުންވިއެވެ. ޒަވީން ވަންނާނެ ހިޔާވައްސެއް މާލެއަކު ނުހުންނާނެއެވެ. ކުއްޔަށް ހިފައިގެން އުޅޭވަރަށް ޒަވީންގެ މުސާރަ ތަނަވަހެއް ނޫނެވެ. ފުރަތަމަ ކަމަކަށް ޖެހޭނީ ޒަވީން އަތްމަތި މުއްސަނދި ކުރާށެވެ.
ޝާޔާ ކަންބޮޑުވެފައި ހުރި މާނާއާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
”މަންމާ. ތަނަކަށް ތަދުވަނީތަ؟ ބުނެބަލަ އަހަރެން ކައިރީ. ނޫނީ ސަލަފްއަށް ގުޅާފައި ގެންނަންވީތަ؟” ޝާޔާގެ މޫނަށް ބަލާފައި މާނާ ބޯހޫރުވާލިއެވެ. އަދި ޝާޔާގެ އަތުގައި ހިފާ ކައިރީގައި ބައިންދަމުން އެއްޗެއް ބުނަން ތުންފަތް ޙަރަކާތްކޮށްލިއެވެ.
”ދަރިފުޅު މަންމައަށް މަޢާފް ކުރާނަންތަ؟” މާނާ ގެ މޫނަށް ޝާޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކަންފަތާއި ހަމަޔަށް ފޯރި ޖުމްލައަކީ މާނާގެ ދުލުން ބޭރުކުރި ލަފްޒުތަކެއް ބާއޭ ހިތަށް އެރިއެވެ.
”އަހަރެން ޝާޔާއާ މެދު މިހާތަނަށް ކަންތައްކުރީ ވަރަށް ގޯސްކޮން. އެކަމަކު މިއަދު ވިސްނޭ ބަނޑުއަޅައިވިހޭ ދަރިންނަށްވުރެ ޝާޔާގެ ހިތުގައި އަހަންނާ މެދު ރަހުމު އެބަހުރިކަން. ޝާޔާ ހުރިހާ ވަގުތެއް އަހަންނަށް ހިދުމަތް ކުރުމުގައި ހޭދަކުރާކަން. އަހަރެން މިހާލުގައި ކިތަންމެ ދުވަހަކު އޮތަސް ޝާޔާ ނޫން މީހަކު އަޅައެއް ނުލާނެ. ސުދާ ހިތަށް އެއްވެސް އެއްޗެއް ނާރާ. މަޔަކު ހުރިކަންވެސް ނުދަނޭ.” މާނާގެ ހިތަށް އަރަމުން ދިޔަ ޝަކުވާތައް ފާޅުކުރަމުން ދިޔައެވެ.
”ތިހެން ނުބުނޭ މަންމާ. ސަލަފްގެ މަންމައަކީ އަހަރެންގެވެސް މަންމަ. އަހަރެން ކިބައިން މަންމަ ނުޖެހޭނެ މަޢާފަށް އެދޭކަށް.” މާނާގެ ހިތް އޭނާގެ މައްޗަށް ރުހިފައިވާކަން އެނގުމުން ލިބުނު ހިތްހަމަޖެހުން ވަރަށް ބޮޑެވެ. އެކަން މޫނުމަތިން ނުދެއްކިއަސް ޝާޔާ އިނީ ހިތްހަމަޖެހިފައެވެ.
”ޝާޔާ އަހަންނަށް މަޢާފްކުރިކަމަށްވާނީ އަހަރެން ބުނާ ކަމެއް ކޮށްދެވިގެން. ޝާޔާ މަންމަ ބުނާ ކަމެއް ކޮށްދޭނަންތަ؟” މާނާ އެދޭނީ ކޮންކަމަކަށް ނޭނގޭ ހާލުގައި ޝާޔާ ބޯ ޖަހާލި އެވެ.
(ނުނިމޭ)