twitterviber whatsapp telegramfacebookyoutube instagram
21st November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (37)

Oct 22, 2013

އޮކްޓޯބރ 15 ވަނަ ދުވަހުގެ ބަޔާގުޅޭ

މާނާ ޝާޔާ ކައިރީ ކުރަންވީ ކޮންކަމެއްކަން ބުނެދިނެވެ. ޝާޔާ އިނީ އަމިއްލަ ނަފްސާ މެދު ސުވާލު އުފެދިފައެވެ. އެވަރުގެ ބޮޑު ޒިންމާއެއް އޭނާއަށް އުފުލިދާނެ ކަމާމެދު ޝައްކު އުފެދެނީއެވެ. މާނާ އެދުނީ އޭނާގެ ތިންދަރިންގެ ގުޅުން ބަދަހިކޮށްދިނުމަށެވެ. އަބަދުވެސް އޮންނަ ރުޅިވެރިކަން ފިލުވައި ދިނުމަށެވެ. މާނާ ޝާޔާއަށް ވަރަށް ބޮޑު ސިއްރެއް ހިއްސާ ކުރިއެވެ. ތިންބެއިންގެ މެދުގައި އޮންނަ ރުޅިވެރިކަމުގެ ފަހަތުގައި ވަންހަނާވެފައި އޮތް ސިއްރު ކިޔައިދިނެވެ. އޭގައި މާނާގެ އިޙްމާލު ވަކި ކުޑަ ނޫންކަން ޝާޔާއަށް އިޙްޞާސްވިއެވެ.

”އިރާދަކުރެވިއްޔާ މަންމަގެ ޝަރުތު އަހަރެން ފުރިހަމަ ކުރާނަން.” ޝާޔާގެ ހިތް ދެކޮޅު ހަދަމުން ދިޔަ ނަމަވެސް މާނާއަށް ޝާޔާ ވައުދު ވެދިނެވެ. ސުދާ އޭނާއަށް ކިތަންމެ ނަފްރަތު ކުރިއަސް އޭނައާ ކުރިމަތިލެވިދާނެއެވެ. މާނާއަށްޓަކައި ސަލަފްއާ ވާހަކަ ދައްކަންވެސް ޝާޔާ ތައްޔާރެވެ. އެކަމަކު ޔޫއާންއާ މޫނު ހަމަކުރާނެ ގޮތެއް ނުވިސްނެއެވެ.

ސަލަފް ކޮޓަރިއަށްވަދެ ފެންވަރާލުމަށް ގަމީސް ބޭލި ވަގުތު ފާޚާނާގެ މާގަނޑު ދޫކޮށްލި އަޑު އިވިގެން އަވަސް އަވަހަށް ހިނގައިގަނެވުނެވެ. ފާޚާނާގެ ދޮރުގައި ހިފާލިތަނާއި ދޮރު ހުޅުވިގެން ދިޔައެވެ. އެ ސިކުންތުގައި މާގަނޑު ދަށުގައި ފެންވަރަން ހުރި އީފާގެ ހަށިގަނޑު ފެނި ސަލަފް ހުޅުވި ވަރަށްވުރެ ބާރަށް ދޮރުޖަހައިފިއެވެ. އޭނާގެ ކޮޓަރިއަށް އީފާ ފެންވަރަން އައީ ކީއްކުރަން ބާއޭ ހިތަށް އަރަމުން ދިޔައެވެ. ސަލަފް ފަސްއެނބުރި ނުލެވެނީސް ފާޚާނާ ތެރެއިން އީފާ ނިކުތީ މެއާއި ކަކުލާއި ދެމެދު ކުޑަ ތުވާލިކޮޅަކުން ނިވާކޮށްލައިގެންނެވެ.

”އަހަރެން ހީކުރީ ސަލަފްމެން މިވަގުތު ނާންނާނެކަމަށް. އަހަރެން ކޮޓަރީގައި ހޫނުފެން ނެތީމަ ހުއްދަ ނުހޯދައި އައީ..” އީފާގެ މޫނުމަތިން ލަދުވެތިކަމެއްނެތެވެ. ހަށިގަނޑުގެ ބޮޑު ބައެއް ނިވާނުކޮށް ހުރެވުނަސް ކަމެއްހެން ހިއެއް ނުވެއެވެ.

”އީފާ ފެންވަރާ ނިމިއްޖެއްޔާ ނިކުމެގެން ދޭ.” ސަލަފް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ސަލަފް ސިހުނީ ފިނި އިނގިލިތަކަކުން އޭނާގެ ދަތްދޮޅީގައި ހިފާލުމުންނެވެ.

”މިއީ ސަލަފްއަށް އަލަށް ފެނުނު މަންޒަރެއް ނޫނެއްނު. އަހަރެން ހަށިގަނޑުގައި ސަލަފްއަށް ނުފެންނާނެ ތަނެއް ނެތް. މިއީ އެއްއިރެއްގައި ސަލަފް ފޮނި ކޮޅު ބޯލާފައި އެއްލާލި މަލެއް.” އީފާގެ ޖުމްލަ ނުނިމެނީސް ސަލަފް އޭނާގެ ދެކޮނޑުގައި އަޅާ ކޮއްޕާލިއެވެ.

”އަހަރެންތަ އީފާ ދޫކޮށްލީ. އީފާގެ ބޭނުންތައް ނުފުދެން ފެށީމަ ދިޔައީ. އަހަރެން ހިތަށް އަރާ ހިތްހަމަ ނުޖެހިގެން ދުރަށް ދިޔަމީހަކު އައީ ކީއްވެބާއޭ؟ އެދުވަހު ކަމު ނުގޮސް މިއަދު ކަމުދިޔައީ ކީއްވެބާއޭ. އެދުވަހު ނެތް ސިފައެއް އަހަރެންގެ ހަށިގަނޑުގައި ހުރީތަ؟” ސަލަފްއަށް އަމިއްލަ ހަށިގަނޑު ތުރުތުރު އަޅާހެން ހީވެއެވެ.

”ތެދެއް ތިބުނީ. އެދުވަހު ސަލަފް ދިން އުފާތައް އަހަންނަށް މަދުވީ. އެހެން ދިމާލަކަށް މިސްރާބު ބެހެއްޓުނީ ހިތްހަމަޖައްސާލެވިދާނެކަމަށް ހީކޮށް. ސަލަފްއަށް ދެވުނު މިންވަރަށް އެހެން މީހަކަށް ނުދެވުން. އިންސާނުންނަށް ކުށްކުރެވޭނެ. ސަލަފް. އަހަރެން ހިތުގެ އެންމެ ފުންމިނުން ލޯބިވާ ފަރާތަކީ ތިއީ. އަހަންނަށް މަޢާފްދީފަ ދެވަނަ ފުރުޞަތެއް ނުދެވޭނެތަ؟” އީފާގެ މޫނަށް ބަލާލި ސަލަފްގެ ލޮލުން ފެނުނީ ރުޅިވެރިކަމާއި ފޫހިކަމެވެ.

”އީފާ ތިއީ ދެފުށަށް ތަތްލަވާ ޓޭޕްކޮޅެއްތަ؟ އެއްއިރު އަހަރެން ދެކެ ލޯބިވެއޭ ކިޔާފައި ދެން އިވުނީ ޔޫއާންއާ އިންނަން އުޅޭ އަޑު. ކަށީގައި ހިފާފައި ހުންނަ ކަންތައް ބަދަލު ނުވާނެއޭ ބުނަނީ އެހެންވެ. އީފާ އޭރުވެސް މިހާރުވެސް ބަލަނީ ދެކޮޅުން ކެވޭތޯ؟ އީފާ ޔޫއާން ދެކެ ލޯބިނުވަންޏާ…” ސަލަފް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. އޭނާ ބުނަން އުޅެނީ ކީކޭކަން އީފާއަށް ފަހުމް ވާނެއެވެ.

”ސަލަފްއަށް ހަޤީޤަތް އެނގުނަސް ކޮންކަމެއް ކުރެވޭނި. ޔޫއާން ކައިރީ ބުނާނީތަ؟ ކައިވެނި ހުއްޓުވާނީތަ؟ ސަލަފް ކޮންމެ ކަމެއް ކުރިއަސް އަހަންނަށް މޮޅުވާނެ..” އީފާ ބޭނުންވި ގޮތް ހާމަކުރަން ފަހެއް ނުޖެހެއެވެ. ޔޫއާން ބުނެގެން ކުޅޭ މި ގޭމުގައި އޭނާ ޔޫއާން ދެކެ ލޯބިނުވާނެކަން ޔޫއާންއަށް އެނގޭނެއެވެ. އެހެން ބުނެގެން އެއްވެސް އެއްޗެއް އުންޏެއް ނުވާނެއެވެ. މި ކައިވެނި ސަލަފް ހުއްޓުވައިފިނަމަ އޭނާ ހިތާއި ހިތުން އުފާކުރެވޭނެއެވެ. ޔޫއާން އާއި އިންނަން އީފާ ބޭނުމެއް ނޫނެވެ.

ދަންވެފައި ހުއްޓާ ޝާޔާ ގެއަށް އައީ ނޫރީން އެތަނަށް ދިއުމުންނެވެ. ކޮޓަރިއަށް ވަންއިރު ސަލަފް ނުނިދާ ސޯފާގައި އޮތެވެ. ޝާޔާ އެތެރެއަށް ވަދެ ތަންމަތި ރީތިކޮށްފައި ސަލަފް ކައިރީ ކައިފިންހޭ އަހާލިއެވެ. ސަލަފް ނޫނެކޭ ބުނުމުން ކާން އަންނާށޭ ބުނެފައި ޝާޔާ ބަދިގެ އާއި ދިމާލަށް ހިނގައިގަތެވެ. އޭރު ބަދިގެ ތެރޭގައި މީހަކު އުޅޭހެން ހީވެއެވެ. އީފާ ކުރު ސޯޓްކޮޅަކާއި އަތްނެތް ޓީޝާރޓްކޮޅެއްގައި ކޮފީތައްޓެއް ހަދަން ހުއްޓެވެ. ސަލަފް އެތެރެއަށް ވަދެ އީފާއަށް ފުރަގަސްދީފައި އިށީނެވެ.

”މިގަޑީގައި ކާންވެގެންތަ ތިއުޅެނީ؟” އީފާ ވާހަކަ ދެއްކީ ޝާޔާއާ އެވެ. ޝާޔާ ބޯޖަހާލުމުން އީފާގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

”މީހުން ބުނޭ ދަންވެފައި ހުއްޓާ ކާ މީހުންގެ ސިނގު ބަނޑެއް ލާނެއޭ.”

”އެންމެންނެއް ނުބަލާނެ ހަށިގަނޑުގެ ރީތިކަމަކަށް.” ސަލަފްއަށް ނީދެވިގެން ރައްދު ދިނުމުން އީފާ ރަކިވެގެން އަވަހަށް ނިކުމެގެން ހިނގައްޖެއެވެ. ސަލަފްއަށް ކާންހަދާފައި ޝާޔާ އިށީނީ ސަލަފް ކައިރީގައި ހުރި ގޮނޑީގައެވެ.

”ޝާޔާ ނުކާނަންތަ؟” ސަލަފް ބަލާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.

”ނެތް ކާހިތެއް..” ޝާޔާގެ ސިކުނޑި އަދިވެސް ހަމައަކަށް ނޭޅެއެވެ. މާނާ ދެއްކި ވާހަކަތައް އޭނާއަށް އުދަނގޫކުރަނީއެވެ. ޚިޔާލަކަށް ގެއްލިފައި އިންދާ ޝާޔާ ސިހުނީ އޭނާގެ ތުންފަތާއި ސަލަފްގެ އަތް ކައިރިކޮށްލުމުންނެވެ. ޝާޔާ ބަލާލިއިރު ސަލަފް އޭނާއަށް ކާން ލަވަނީއެވެ. ޝާޔާ ބަސްއަހާ ކުއްޖެއް ފަދައިން ސަލަފްގެ އަތުން ކައިލިއެވެ.

ސަލަފްގެ އޯގާތެރިކަން ފެނިފައި ޝާޔާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ކުރިން ފެށިގެން ފުނިޖެހިފައި ހުރި ޝަކުވާތައް ފިލާ ދިޔަކަހަލައެވެ. ކައި ނިމުމުން ޝާޔާއަށް ތަށިތައް ނަގަން ސަލަފް އެހީތެރިވިއެވެ.

މަދުމަދުން ތަރި ފެންނަން އޮތް އުދަރެސް ވާރޭ ވިލާތަކުން ފުރާލާފައި މާގިނަ އިރުތަކެއް ނުވަނީސް ވާރޭ ވެހެން ފެށިއެވެ. ދޭތެރެއަކުން ޖަހާލާ ގުގުރީގެ އަޑަށް ޝާޔާ ހުރީ ބިރުން ހަލާކުވާވަރުވެފައެވެ. ހިތުތެރޭ އުފެދެމުން ދިޔަ ބިރުވެރިކަން ފިލުވާލަން މަސައްކަތް ކުރަމުން ތަށިތައް ނެގުމަށް އަވަސްވެގަތް ވަގުތު ޖަހާލި ބާރު ގުގުރީގެ އަޑަށް ޝާޔާ އަތުގައި ހުރި ތަށިތައް ޓައިލްސް މައްޗަށް އޮހިގެން ދިޔަ އަޑު އިވުނެވެ. އެ ބާރު މިނުގައި އައިސް ސަލަފްގެ ހަށިގަނޑުގައި ދެއަތުން އޮޅުލައިގަނެވުނެވެ.

”އެއީ ގުގުރި ޖެހި އަޑު. ޝާޔާ ގުގުރި ދެކެ އެހާ ބިރުގަނޭތަ؟” ޝާޔާ އިސްތަށިގަނޑުގައި ފިރުމާލަދެމުން ސަލަފް ވާހަކަ ދެއްކީ ލޯބިން ފުރިގެންވާ ގޮތަކަށެވެ.

”ހިނގާ އެތެރެއަށް. ތަށިތައް ބަހައްޓާ. ބަދިގެ ތެރެ މާދަމާ ސާފުކޮށްލަން..” ސަލަފް ޝާޔާގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ހިނގައިގަތެވެ. ވާރޭތެ ތިކިތައް ހުއްޓުމެއްނެތި ފުރާޅުމައްޗަށް ދޭ ހަމަލާގެ އަޑު މެދު ނުކެނޑި އިވެމުން ދިޔައެވެ. ކޮޓަރިއަށް ވަދެ އެނދުގައި ޝާޔާ ބޭންދުމަށްފަހު ސަލަފް ކައިރީ އިށީނެވެ. ސަލަފްގެ އަތުގައި ހިފާލައިގެން އިން ޝާޔާގެ އަތް ތިލަ ފިނިވަމުން ދިޔަ އިޙްޞާސް ސަލަފްއަށް ކުރެވެންފެށުމުން ސަލަފްގެ ކެއްތެރިކަން ކޮޅުންލައިފިއެވެ. ޝާޔާއާ ކައިރިވެފައި ބޮސްދޭން ފެށުމުން ޝާޔާގެ ފަރާތުން ލިބުނު ގާތްކަން ސަލަފްއަށް ލިބުނު ހިތްވަރަކަށް ވެގެން ދިޔައެވެ. ދެ ހަށިގަނޑުގައި ހުޅުފަޅައިގެން ދިޔަކަހަލައެވެ. ފޭރާންތައް ހަށިގަނޑާއި ވަކިވެގެން ދިޔައީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އެނދުގައި ބުރަކަށި ޖައްސާލުމުން ހުޅުގަނޑު ފަޅައިގެން ގޮސް ލަދުވެތިކަމުގެ އިންތައް އެއްފަރާތްކޮށްލެވުނެވެ. ދުވަހަކުވެސް ނުލިބޭފަދަ އަރާމުގެ ތެރެއަށް ދެމީހުން ޣަރަޤުވެގެން ދިޔައެވެ. ކައިވެންޏަށް މިހާ ދުވަސްވެގެން ދިޔައިރު ދެމަފިރިންކަން އިޙްޞާސްކުރެވުނު ރެއަކީ މިއީއެވެ. އިއްފަތްތެރި އަންހެނަކު އަތްބަކަށް ވުމަކީ ކޮންމެ ފިރިހެނެއްގެ ފަޚްރަކަށް ވާއިރު ޝާޔާ ހަށިގަނޑުގެ ތާހިރުކަން އެނގުމުން ކުރިންފެށިގެން ސަލަފްގެ ހިތުގައި އޮތް ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

އޭގެ އިރުގަނޑެއް ފަހުން ސަލަފް ދުރަށްޖެހިލާފައި ތެދުވެ އެނދުގައި އިށީނުމުން ޝާޔާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. މާގަނޑު ދޫކޮށްލުމާއި އެކު އޮހިގެން ފެންތިކިތައް ހަށިގަނޑަށް ހަމަލާދެމުން ދިޔައިރު ޝާޔާއަށް ހުރެވުނީ ހިތްހަމަޖެހިގެންނެވެ. ސަލަފްގެ ފަރާތުން ލިބުނު ގާތްކަމާއި ފިރުމުންތައް މަތިން ހަނދާންވުމުން ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ސަލަފް މަޑު ހިނގުމެއްގައި އައިސް ޝާޔާގެ ފުރަގަހުގައި ހުއްޓި ފެންވަރަން ފެށިއެވެ.

”ސޮރީ..” ސަލަފްގެ އަޑު ކަންފަތުގައި ޖެހުމުން ހައިރާންވެފައި ޝާޔާ އެފަރާތަށް އެނބުރުނެވެ.

”ކޮންކަމަކަށް؟”

”އަހަރެން ޕްރޮމިސް ކުރިން އެންމެ ފުރަތަމަ ރޭ. ޝާޔާ މި ކައިވެންޏަށް ރުހުނު ދުވަހަކުން ނޫނީ ކައިރިނުވާން ކަމަށް. އެކަމަކު އަހަންނަށް މިރޭ ނަފްސް ކޮންޓްރޯލެއް ނުކުރެވުން. ޝާޔާގެ ހުއްދައަކާ ނުލައި..” ސަލަފްގެ އަނގަމަތީ ޝާޔާ އަތް އެޅިއެވެ.

”ކައިވެންޏަށްފަހު އަހަންނަކީ ސަލަފްގެ މިލްކެއް. ސަލަފްއަށް ހުއްދަ ކުރެވިފައި ވަނިކޮން އަހަރެން ކިބައިން ހުއްދަ ހޯދަންޖެހޭނީ ކީއްވެ؟ ސަލަފް އަމިއްލަ ނަފްސް ކުށްވެރި ނުކުރޭ. މިރޭ މި ލިބުނު ހިތްހަމަޖެހުން އަހަންނަށް އެތައް ހާސް އެއްޗަކަށްވުރެ ބޮޑު.” ޝާޔާގެ ވާހަކަތަކުން ސަލަފްއަށް ރުހޭވަރު އެނގިގެން ދިޔައެވެ. ސަލަފް ހިނިތުންވެލާފައި ޝާޔާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލަމުން ސަމާސާކޮށްލިއެވެ.

”ކީއްވެ ކުރިން އަހަރެން ކައިރީ ނުބުނީ. ޝާޔާ އަހަންނަށް އިތުބާރު ކުރާނަންތަ؟” ސަލަފްއަށް ހިނިތުންވެލަމުން ޝާޔާ ބޯޖަހާލިއެވެ.

”ސަލަފް ހުރިހާ ކަމެއްވެސް ކުރީ އަހަންނަށް ރަނގަޅަކަށް.”

އެނދުގައި ނިދަން އޮވެފައި ނިދީގެ އަސަރު ނުވާތީ ޝާޔާ އެނބުރުނު އިރު ސަލަފް އޮތީ ހޭލައެވެ.

”ނުނިދަންތަ؟” ޝާޔާ ގެ އަޑަށް ސަލަފް ބަލާލިއެވެ.

”އަހަންނަށް ހީވަނީ އަހަރެން ކިޔައިދޭންޖެހޭ ވަރަށް ގިނަ އެއްޗެހި އެބަހުރިހެން. ޝާޔާ ހާސިލް ކުރަން އަހަރެން ކުރި މަސައްކަތް ޝާޔާއަށް އެނގެންޖެހޭނެހެން.” ސަލަފް ކިޔައިދޭން އުޅެނީ ކީކޭކަން ޝާޔާއަށް އެނގެއެވެ.

”ގޭގެ ރަޖިސްޓްރީ މަންމަގެ އަލަމާރިން އަހަރެން ދުށިން. އެއީ ސަލަފްގެ ކައިވެންޏަށް އަހަންނަށް މަޖުބޫރުކުރަންވެގެން މަންމަ ރޭވި ކަމެއް. އަހަރެން ހިތުގައި އެކަމަށް އެއްވެސް ޝަކުވާއެއް ނެތް. ތަޤްދީރުގައި އަހަރެމެން ގުޅެން ލިޔެފައިވާތީ އެކަމަށް ކޮށައިދިން މަގެއް އެއީ.” ޝާޔާއަށް އެކަން އެނގޭކަން އަންގާލިއެވެ. މަންމަ ފުރައިގެން ދިޔަ ދުވަހު ޝާޔާއަށް އެކަން ފަޅާއެރި ގޮތް ޝާޔާ ނުކިޔައި ދެއެވެ. އެދުވަހު ސަލަފް ގެއަށް އައުމުން ސުވާލުކުރަން ހުއްޓާ މާނާއަށް ވީގޮތުން އެކަންތައް އޮއްބާލައިގެން ހުރެވުނީއެވެ.

”އަދިވެސް ބައިވަރު ކަންތައް ކިޔައިދޭން އެބަހުރި. ޝާޔާ އައުމުގެ ކުރިން އަހަރެންގެ ހަޔާތައް ކުއްޖަކު އައި. އަހަރެން އަދި އެވާހަކަތަކެއް ކިޔައެއް ނުދެން..” ސަލަފް ފުންނޭވާއެއް ދޫކޮށްލިއެވެ.

”މާޒީ އެ އޮތްގޮތަށް ބާއްވާ. އަހަރެމެން މި ހިސާބަށް އައީ އެތައް ބަޔަކާ ބައްދަލުވެގެން. އެކަންތައް ކިޔައިދިނުމުން މާޒީ ބަދަލުކުރެވޭނެތަ؟ އަހަރެންނަށް ސަލަފްގެ މާޒީ ނޭނގުނަސް މައްސަލައެއްނެތް.” ޝާޔާ މިފަހަރުވެސް ސަލަފް ބުނަން އުޅެނީ ކީކޭކަން ނާހަ ހުއްޓުވާލިއެވެ. ސަލަފް ވިސްނާލާފައި މިވަގުތަށް ހުއްޓާލިއެވެ. ރަނގަޅު ދަނޑިވަޅެއްގައި އެ ހާދިސާ ކިޔައިދޭނަމޭ ހިތައި އެކަން އޮއްބާލައިގެން އޮވެ ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355