އޮކްޓޯބރ 22 ވަނަ ދުވަހުގެ ބަޔާގުޅޭ
އަރައިގެން އައި އިރުގެ އަލިކަން ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. އިރުގެ އަލިން ނިވާކުރަން ދަމާފައި ހުރި ފަރުދާގެ ތެރެއިން ފުރޭނިގެން އައި ދޯދިތައް ކޮޓަރިތެރެއަށް އެޅި އުދަނގޫވުމުން ސަލަފް ދެލޯ ހުޅުވާލާފައި ބަލާލިއިރު ޝާޔާ އެއް ނެތެވެ. ގައިމަތީ އަޅާފައި އޮތް ބްލޭންކެޓް އެއްފަރާތް ކޮށްލާފައި ފާހާނާއަށް ވަދެ ތާޒާވެލައި ތައްޔާރުވެގެން ނިކުންއިރު ބަދިގެއިން އައި މީރު ވަސްގަނޑު ނޭފަތުގައި ޖެހުމުން ހައި ހޫނުކަން އިޙްޞާސްވިއެވެ. ބަދިގެއަށް ވަންއިރު ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި މޭޒުމަތީގައި އަތުރަނީއެވެ. ސަލަފް ވަދެ ހަމަނުޖެހި އުޅެނިކޮން އީފާ އައިސް ސަލަފް ކައިރީގައި ހުރި ގޮނޑީގައި އިށީނުމުން ސަލަފް ނުރުހުންވިއެވެ. އިތުރަށް އެ ރުޅިގަނޑު ގަދަވީ ސަލަފްގެ ފަލަމަސްގަނޑުގައި އީފާ އަތުން ފިރުމާލުމުންނެވެ.
”ޝާޔާ. އަހަރެންގެ ނާސްތާ ކޮޓަރިއަށް ގެނެސްދީބަލަ.” ސަލަފް ވަގުތުން ތެދުވެފައި އިތުރަށް މަޑުނުކޮށް ކޮޓަރިއަށް ވަނެވެ.
”ޝާޔާ. އަހަރެންގެ ފަރާތުން އެހީއެއް ބޭނުންތަ؟ ކަމެއްގައި އުޅެންޏާއި ސަލަފްއަށް އަހަރެން ސައި ގެންގޮސްދެންތަ؟” ސަލަފް ނިކުތުމާއި އެކު އީފާ ބުނެލިއެވެ.
”އީފާގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ. އެކަމަކު ފުރަތަމަ ފިރިމީހާއަށް އިސްކަން ދެވޭނީ. ސަލަފްއަށް އަހަރެން އަންނާނަން ސައި ގެންގޮސްދީފައި، ސިންކު ތެރޭގައި އޮތް ފަރުމަސް ކޮށައިދެވިދާނެތަ؟” ޝާޔާ އަތްމަތި އަވަސްކޮށްފައި ތަބަކަކަށް ނާސްތާ ލައި ތައްޔާރު ކުރިއެވެ.
”މަސް ކޮށާނީ ކިހިނެއް؟ ފަޔަށް ތަދުވިފަހުން މާ ގިނައިރު ކޮޅަކަށް ނުހުރެވޭނެ. އެހެން ނޫންނަމަ ކޮށްދޭނަން އެއްވެސް ބަހަނާއެއް ނެތި.” އީފާ އުޒުރަކަށް ހަދާލީ ބެންޑޭޖުކޮށްފައި އޮތް ފައެވެ.
”ފަޔަށް ތަދުވެގެން އުޅޭއިރު ނާސްތާ ހިފައިގެން ކޮޓަރިއާ ހަމަޔަށް އަމުދުން ނުދެވޭނެ. އަހަރެންވެސް ޤަބޫލުކުރަން އީފާ ހެޔޮހާލުގައި ހުރިނަމަ އެހީވެދޭނެކަން. އަޅާނުލާ. އަހަރެން ހުރިހާ މަސައްކަތެއް ކޮށްލަފާނަން..” ޝާޔާ ހިނިތުންވެލާފައި އަނެއް ފަރާތަށް އެނބުރި ނާސްތާ ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަންއިރު ސަލަފް އިނީ ފޯނެއްގައެވެ. ޝާޔާ ސައިޑް ޓޭބަލް ކައިރިކޮށްލާފައި އޭގެމަތީ ތަބަށް ބެހެއްޓިއެވެ. ސަލަފް ކޯލު ކުރުކޮށްލާފައި ނާސްތާ ފަށައިގަންނަމުން ބުނީ މަންމަ ގެއަށް ގެންނަ ވާހަކައެވެ. މާނާ އެންމެ ހިތްހަމަޖެހޭ ގޮތަކީ އެއީކަން ޝާޔާއަށް އެނގެއެވެ.
”އެކޮޅުގެ ޚަބަރެއް ބަލައިލިންތަ؟” ސަލަފް އެބުނީ އީރާއާ އަނީސާގެ ވާހަކަކަން އެނގުމުން ޝާޔާ ބޯޖަހާލިއެވެ.
”އާނ. ދެދުވަހެއްގެ ތެރޭ އަންނާނެ. މަންމަގެ ހުރިހާ ކަމެއް ހުރީ ނިމިފައި. ” ޝާޔާ ޖަވާބު ދިނެވެ.
”ހުރިހާ ކަމެއްވެސް ރަނގަޅަށްމިދަނީ..” ސަލަފް އާވި އަރަމުން ދިޔަ ކޮފީ ޖޯޑު ނަގަމުން ބުނެލިއެވެ. އޭގެން ކޯވަރެއް ދަމާލާފައި ޝާޔާއަށް ބަލާލިއިރު އޭނާ އިނީ ވިސްނުމެއްގައެވެ.
”ހުރިހާ ކަމެއް ރަނގަޅެއް ނުވޭ. ސުދާ އަށް ވީނުވީ އެއް ނޭނގޭ. ސަލަފް ކަމާ ބެހޭ ފަރާތަށް އަންގާކަށް ނުވޭތަ؟ ޒަވީންއަށް އެހުރީ ކީއްވެފައި ކަމެއް ނޭނގެ. ކުޑަކޮށްވެސް ހިއެއް ނުވޭ ސުދާއާ މެދު ވިސްނާހެންނެއް. ގަދަކަމުން ވިއަސް އޭނާ ގެންނަންވެއްޖެ. ސަލަފް އެކަމާ ނުވިސްނަންތަ؟” ޝާޔާ ފުރަތަމަ ފަހަރަށް ސަލަފްއާ ކަންތައް ހިއްސާކުރަން ފެށިއެވެ.
”އަހަންނަށްވެސް ބެލިއްޖެ އޭނާއަށް ވާނުވާ. މިހާރު އެއްވެސް ޚަބަރެއް ނުވޭ. މަސް ދުވަހަކަށްވުރެ ގިނަ ދުވަސްވެއްޖެ އެކޮޅުގައި. ހިތަށް އަރާ ސުދާގެ މަޤްސަދަކީ ކޮބައިބާއޭ. އެކައުންޓްތަކުން ފައިސާ ހުސްވީމަ ކަންނޭނގެ އޭނާ އަންނަން ޚިޔާރު ކުރާނި. އަހަރެން މިއުޅެނީ ވަރަށް ތާށި ކޮން. ކޮންޕެނީގެ ނަމުގައި ދޭ ހުރިހާ ޗެކެއް ބައުންސްވަނީ. ލޯނަށް އެދުމުން އެކަމެއްވެސް ނުވި. ވަކީލު ބުނުއްވީ އަހަރެން ނަމުގައި އޮތް މުދާތައް ހުރީ ސުދާގެ ނަމުގައި ކަމަށް. އަހަރެން ހައިރާންވަނީ އެކަން ހިނގީ ކިހިނެއްކަން ނޭނގޭތީ.” ސަލަފް ކިޔައިދެމުން ދިޔައެވެ.
”ހުރިހާ ސުވާލެއްގެ ޖަވާބު ލިބެން އަންނަނީ ސުދާ އައިސްގެން.” ޝާޔާ ހިތަށް އެރިއެވެ.
ސަލަފް އޮފީހަށް ދިޔަފަހުން ޒަވީން ނިކުމެ ނާސްތާ ކޮށްލައިގެން ދިޔައެވެ. އޮފީހަށް ދިއުމުގެ ބަދަލުގައި ޒަވީން ވަނީ ކޮޓަރިއަށެވެ. އޭގެ ފަހުން ކޮޓަރިން ނުނިކުންނަކަން ޝާޔާއަށް އެނގެއެވެ. އީފާވެސް އުޅެނީ އަބަދުހެން ކޮޓަރީގައެވެ. ގޭތެރޭގެ މަސައްކަތް ނިންމާފައި އަވަދިވިތަނާ ކާރު އައިސް މަޑުކޮށްލި އަޑަށް ޝާޔާ ބޭރަށް ނިކުންއިރު މާނާ ފުރޮޅުލީ ގޮނޑީގައި ގެނެސް ގޭތެރެއަށް ވައްދަނީއެވެ. މާނާ އާއި އެންމެ ކައިރީގައި ހުރީ ސަލަފްއެވެ.
މަސައްކަތްތަކާއި މާ ގަޔާނުވެފައި އިން ޔޫއާންގެ ހުރިހާ ޚިޔާލަކާއި ފިކުރެއް ހުރީ މި ކުރެވެން އުޅޭ ކައިވެންޏާއި މެދުއެވެ. އީފާގެ ރުހުން ގަނެލައިގެން ކައިވެނި ކުރެވިދާނެއެވެ. ޝާޔާއަށް ކަން ދެއްކި ދާނެއެވެ. އެކަމަކު އޭނާގެ ހިތްހަމަޖެހުން ކޮބައި ހެއްޔެވެ؟ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ކަންދެއްކުމަށް ކުރާ ކަމެއްވެސް ނޫނެވެ. އެއީ ވަކި މަޤްސަދެއްގައި ޖަހައިލެވޭ ގޮށެކެވެ. ޝާޔާގެ ޚިޔާލުތަކާއި ދުރުވާން އިތުރު މަގެއް ފެނޭތޯ ވިސްނަމުން ދިޔައެވެ. ޔޫއާން ދާންޖެހޭނީ ޝާޔާ ނުފެންނަހާ ދުރަށެވެ.
ޝާޔާގެ ހަނދާނުން ހިތް ރޮއްވަމުން ދާއިރު އެހިތުގައި ޖަހާ ކޮންމެ ވިންދެއް ބުނަމުން ދަނީ ޝާޔާއާ ނުލައި ދިރުމެއް ނެތް ކަމެވެ. ފާއިތުވާކޮންމެ ދުވަހަކާ އެކު ޝާޔާގެ ހަނދާން ފަނޑުވެގެން ދާނެ ކަމުގެ އުއްމީދުގައި ހުއްޓަސް ހަނދާންތަކަށް ދިރުން އަންނަހެން ހީވެއެވެ. އެ ދުވަސްތައް ތާޒާ ވަނީއެވެ. މާޒީގެ ސޮފްހާތައް ހަނދާންކުރާނަމަ އާ ސޮފްހާއެއް ނުކިޔޭނެކަމަށް މޮޅެތި ލިޔުންތެރިން ބުނެފައި ވެއެވެ. ހިތާ ހިތުން އެ ބަސްކޮޅަށް އެއްބަސް ވެވުނު ކަމުގައި ވިއަސް ޔޫއާން ކޮންމެ ސިކުންތެއްވެސް ހޭދަކުރަނީ ޝާޔާގެ ހަނދާނުގައެވެ. މާޒީގެ ސޮފްހާތައް އިޔާދަ ކުރުމުގައެވެ.
ޒަވީންގެ ހަމަޖެހުމަކީ އީރާގެ އަޑެވެ. ދެ މީހުން ސޯޝަލް މީޑިޔާ މެދުވެރިކޮން ވާހަކަ ދައްކަމުން ވީޑިޔޯ ކޯލު ކުރަމުން ދިޔައެވެ. އީރާ ދެދުވަހެއްގެ ތެރޭ އަންނާތީ ޒަވީން އުފާވާ ވާހަކަ ބުނަމުން ދިޔައެވެ. އަދި މި ގުޅުން މާގިނަ ދުވަހަކު ނުބާއްވާ ކައިވެންޏާއި ހަމަޔަށް ދާން ބޭނުންވާ ވާހަކަ ޒަވީން ބުނަމުން ދިޔައެވެ. އެއިރު ޒަވީންގެ ސިކުނޑީގައި ސުވާލުތަކެއް ބުރުޖަހަމުން ދިޔައެވެ.
އީރާއާ ފޯނުން ވާހަކަ ދައްކާ ނިންމާފައި ޒަވީން ވިސްނަމުން ދިޔައީ ސުދާއާ ދުރުވެ އީރާ އާއެކު ޒަވާޖީ ހަޔާތެއް ފަށާ ނަމަ ކަންތައް ވާނެ ގޮތަކާއި މެދުއެވެ. ވަކިން ދެމީހުން އުޅެން ބޯހިޔާވަހިކަމާއި އާމްދަނީއެއް ހޯދާނެ މަގެކެވެ. ޒަވީންގެ ވިސްނުމަށް އެއްވެސް ޚިޔާލެއް ނައެވެ. ޒަވީންގެ މާ ގިނަ ރައްޓެހިންނެއް ނުތިބެއެވެ. ޔޫއާން ނަގާފައި ދެން ކަމެއް ހިއްސާކުރަން ކެރޭނީ ހަމައެކަނި އަޝްކާން އާއެވެ. ޒަވީން އަޝްކާންއަށް ގުޅާފައި އެކަމާއި މަޝްވަރާ ކުރިއެވެ.
އެއާޕޯރޓްގައި މީހުން ގިނަ ވަގުތެވެ. އެރައިވަލް ޖަހާފައި ހުރި ގޭޓުން ނިކުންނަން ފެށި މީހުން ގަނޑުގެ ތެރޭ ސުދާ އެކަނި މާއެކަނި ކުރިއަށް ދިޔައެވެ. އަތުން ދަމަމުން ނެރުނު ފޮށި ފެރީއަށް އަރުވާފައި އޭނާ އެރިއެވެ. ފެރީގައި އިންއިރު އޭނާގެ ޚިޔާލުގައި ހުރީ ގެއަށް ވަދެފައި އެންމެންނާއި ކުރިމަތިލާނެ ގޮތަކާއި މެދުއެވެ. ޒަވީންއާ މޫނު ހަމަކުރާނެ ގޮތަކާއި މެދުއެވެ. ފޯނު ނަގައި ޒަވީންގެ ނަންބަރަށް ޖަހާފައި ޑައިލްކޮށްލަން ހަދާފައި މަޑު ޖައްސާލެވުނީ ލަދުވެތިކަން ހިތަށް އަރާފައެވެ. އެކޮޅުގައި އޭނާ މަޑުކުރީ ރަހިމުގައި އަށަގަންނަން އުޅުނު ދަރިފުޅުގެ ވަސް ފޮހެލަންވެގެންނެވެ.
ސުދާގެ ހަނދާނަށް އައީ ހޮސްޕިޓަލަށް ވަދެފައި އޭނާ ކަންތައް ކުރިގޮތެވެ. އޮޕަރޭޝަން ހެދުން އަޅުވާފައި ސުދާ ބާއްވާފައި ނަރުސް ކުއްޖާ ނިކުމެގެން ދިއުމުން އެކަނި އޮވެ ސުދާއަށް ވިސްނާލަން މަޖުބޫރުވި ވަގުތުކޮޅު މަތިން ހަނދާންވިއެވެ. ވަށައިގެން ވި ހަތަރު ފާރުގައި ހަރުކޮށްފައި ހުރި ތުއްތު ކުދިންގެ ތަސްވީރުތަކުގެ ސަބަބުން ހިތުގައި އުފެދުނު މައިވަންތަކަމުގެ ކުލުނުގެ މަތިން އޭނާ ހަނދާން އެބަހުއްޓެވެ. އެއިން ކޮންމެ ތަސްވީރެއް ހީވީ އޭނާއާ މުޚާތަބު ކުރަންފެށިހެންނެވެ. މަންމާއޭ ކިޔައި ގޮވަން ފެށިހެންނެވެ. ބަނޑުގައި ފިރުމާލަމުން ސުދާ އެނދުން ތެދުވެފައި އަތަށް ގުޅާފައި އޮތް ކެނިއުލާ ނައްޓާލަން ތައްޔާރުވި ވަގުތު އެތަނަށް އައިސް ވަން ނަރުސްކުއްޖާ ތިއޭޓަރަށް ގެންދާ ގަޑި ޖެހިއްޖެކަމަށް ބުނެލިއެވެ. ފެންކަޅިވެފައި ސުދާ އެނދުގައި އޮށޯވިއެވެ. މިކަން ކުރަން ބޭނުން ނުވާ ވާހަކަ ބުނަން ސުދާ ބޭނުންވިއެވެ. އެތަނަށް އާދެވުނު މޮޔަ ހިތަށް އަރާފައި އޮއްވާ ސްޓެޗާރގައި ގެންގޮސް އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފިއެވެ.
އެންމެ ފަހުގެ ތައްޔާރީތައް ވުމުގެ ކުރިން ލޭގެ ޕްރެޝަރ ބަލާލިއިރު ތަންކޮޅެއް މަތީގައި ހުރެގެން އެމީހުން ސުދާ ކައިރީ ހަމަޖެހޭށޭ ބުނެލި އެވެ. ސުދާ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނި ޑޮކްޓަރު ސުދާގެ ކައިރިއަށް ޖެހިލިއެވެ.
”މިއީ ހިތްބިރު ގަންނަންވީ ވަގުތެއް ނޫން. މިއީ ވަރށް ކުޑަކަމެއް. ކުޑައިރުކޮޅެއްގެ ނިންޖަށްފަހު ހޭލާއިރު ސުދާގެ ހުވަފެން ހަޤީޤަތަކަށް ވާނެ.” ޑޮކްޓަރު އިނގިރޭސިބަހުން ބުނެލިއެވެ. ސުދާ ފެންކަޅިވެފައި އޮވެ އިންކާރުކުރަން ދޫ ޙަރަކާތްކުރިއެވެ. މަޑު ގިސްލުމެއްގެ އަޑު ފިޔަވާ އަރުން އެއްވެސް އަޑެއް ނުނިކުތެވެ.
”އައި ވޯންޓް ދިސް ޗައިލްޑް.” ސުދާގެ އަޑު ތުރުތުރު ލައިގަތެވެ. ހައިރާންވެފައި ނަރުހުންނާއި ޑޮކްޓަރުން ސުދާއަށް ބަލަން ތިއްބެވެ. ހުރިހާކަމެއް ތައްޔާރުވެ ނިމުނުތަނާއި ޚިޔާލު ބަދަލުވުމުން އެމީހުން ސުވާލު އުފެދުނެވެ. ސުދާ ތަކުރާރުކޮން ދަރިފުޅު ސަލާމަތްކުރަން ބޭނުންވާ ވާހަކަ ބުނުމުން ޑޮކްޓަރު އެންގީ ސުދާއަށް ވިސްނަން ވަގުތު ދިނުމަށެވެ. އެވަރުންވެސް ސުދާ ޚިޔާލު ބަދަލުނުވުމުން ގެއަށް ދޫކޮށްލިއެވެ.
ފެރީ މާލޭގެ ފަޅާއި ކައިރި ކުރުމުން ސުދާ ސިހިފައި ފަަރާތް ފަރާތް ބަލާލިއެވެ. ފެރީން ފައިބާފައި ފޮށި ނަގައި ޓެކްސީއަކަށް އަތް ހޫރާން ފެށިއެވެ. އެތަނަށް އައިސް މަޑުކުރި ޓެކްސީއަށް ސުދާ އަރައި ގޭގެ އެޑްރެސް ބުނެލިއެވެ. ޓެކްސީ އަމާންކަމާ އެކު މަގުތަކުގައި ދުއްވަމުން ގޮސް ކުއްލިއަކަށް މަޑުކުރުމުން ސުދާ ބަލާލިއިރު ކާރުގެ ދެފަރާތު ދޮރު ހުޅުވާފައި ދެމީހުން ކާރަށް އަރައިފިއެވެ.
”އެކަނި ޗުއްޓީ ހޭދަކޮށްލާފައިތަ ތިއައީ. ދެން ހިނގާބަލަ އަހަރެމެންނާއެކު.” އެތަނުން އެކކު ހީލާފައި ސުދާގެ އަތުގެ މުލައްދަނޑީގައ ހިފާލިއެވެ. ސުދާ ބިރުން ތެޅިގަތުމުން އެމީހުން ހުޝިޔާރުވެލާފައި ސުދާގެ ދެއަތް ފަހަތަށް ވާގޮތަށް އައްސައިފިއެވެ. އަދި މޫނުގައި ފޮތިގަނޑެއް އަޅާފައި ކާރު ދުއްވާލުމުން ސުދާއަށް ތަނެއް ފެންނަވަރެއް ނުވިއެވެ. ބިރުން ތެޅި ތެޅި އޮތް ހިތަކާއި އެކު ސުދާއަށް ޖެހުނީ މަޖުބޫރުވެ އިންނާށެވެ. ކާރު މަޑުކޮށްފައި އެމީހުން ސުދާގެ އަތުގައި ހިފާ ބޭލިއެވެ. އެމީހުން ސުދާ ވެއްދީ ކޮޓަރިއަކަށްކަން އެނގުނީ އެމީހުންގެ ވާހަކަތަކުންނެވެ.
މާނާގެ ކައިރީގައި އިނދެފައި ޝާޔާ ފެންވަރާލަން ކޮޓަރިއަށް ވަންއިރު ސަލަފް އިނީ ލެޕްޓޮޕުން މުހިއްމު ނޯޓްތަކެއް ތައްޔާރުކުރާށެވެ. ޝާޔާ ތުވާލި ނަގައި ފާޚާނާއަށް ދާން ތައްޔާރުވިތަނާއި ސަލަފްގެ ފޯނު ރިންގުވިއެވެ.
”ޝާޔާ. އެ ފޯނު ނަގާބަލަ..” އެނދުމަތީގައި އޮތް ފޯނަށް އިޝާރަތް ކުރަމުން ސަލަފް ބުނެލިއެވެ. ޝާޔާ ފޯނު ނަގައި ސްކްރީނަށް ބަލާލި ވަގުތު ފަހަތުން ސަލަފްގެ އަޑު އިވުނެވެ.
”ކާކު؟” ޝާޔާ ބަލާލިއިރު އެއީ ސޭވް ނުކުރާ ނަންބަރެކެވެ.
”ނޭނގެ.” ޝާޔާ ނަންބަރު ކިޔާލަ ދިނެވެ. އެއީ ދަންނަ ނަންބަރަކަށް ނުވާތީ ފޯނު ނުނަގާ ބާއްވާށޭ ސަލަފް ބުނެލިއެވެ. އެ ރިންގު ކެނޑުމަށްފަހު ދެވަނަ ފަހަރަށްވެސް އެ ނަންބަރުން ގުޅަމުން ދިޔައެވެ. ޝާޔާ އިރުކޮޅަކު ބަލަން ހުރެފައި ފޯނު ނެގުމުން އެކޮޅުން ޖެހުނު އަޑާއެކު ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ފޯނުގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލެވުނުއިރު އިޚްތިޔާރަކާއި ނުލައި ލެވެމުން ދިޔަ މާނޭވާގެ އަޑު އިވެމުން ދިޔައެވެ. ޝާޔާ ހުރިގޮތުން ކަމެއް ގޯސްވެއްޖެހެން ހީވެ ސަލަފް ލެޕްޓޮޕް ދޫކޮށްފައި އާއިރު ޝާޔާގެ އަތުން ފޯނު ދޫވެ ޓައިލްމަތީ ޖެހެނީއެވެ.
”ޝާޔާ. ކިހިނެއްވީ؟” ސަލަފްއަށް ބަލާލެވުނީ ޝާޔާގެ ދެލޮލަށެވެ. ޖަމާވަމުން ދިޔަ ކަރުނަތައް ބޮޑިޖެހިފައި އެސްފިޔަޖަހާލުމާއި އެކު ކޯތާފަތްމައްޗަށް ބަންޑުންވެގެން ދިޔައވެެ. ޓައިލްސް މަތީގައި އޮތް ފޯނުން އަޑު އަންނަމުން ދާތީ ސަލަފް ފޯނު ނަގައި ކަންފަތުގައި ޖަހާލުމުން ހުނުމުގެ އަޑާއި އެކު އެކޮޅުން ބުނެލި ޖުމްލައިން ބޮލުން އެނބުރުން އަރައިގަތެވެ.
”ސުދާ ހުރީ އަހަރެމެންގެ ބެލުމުގެ ދަށުގައި. ސަލާމަތުން ބޭނުންނަމަ ދެލައްކަ ރުފިޔާ އަހަރެމެން ބުނާ ތަނަކަށް ފޮނުވައިދީ.” ސުދާ ރަހީނުކޮށްގެން އުޅޭ ޚަބަރު ވެގެން ދިޔައީ ހަބަރަށްވުރެ ހިތި ޒަހަރަކަށެވެ. ސަލަފްއަށް ބުނާނެ އެއްޗެއް ނޭނގި ހުއްޓާ އެކޮޅުން ފޮނުވައިދޭންވީ ތަނާއި ގަޑި ބުނެފައި ފޯނު ބޭއްވިއެވެ. ސަލަފް ހުރީ ސިކުނޑީގެ ބޭނުން ކުރަން ނޭނގިފައެވެ.
(ނުނިމޭ)