އޮކްޓޯބަރ 29 ވަނަ ދުވަހުގެ ބަޔާގުޅޭ
ޔޫއާންއަށް އެ ޚަބަރު އިވި ވަގުތުން ހުރީ މާލެ އައި ހެވެ. ޒަވީންއަށް އެކަން އަންގަންވެގެން އުޅެ އުޅެ އެކަން ވާ ގޮތް ނުވީ ޒަވީންގެ ފޯނު ގުޅޭ ސަރަޙައްދުން ބޭރުގައި އުޅޭ ކަމަށް ބުނާތީއެވެ. ގޭތެރެ ހަލަބޮލިވެ އެންމެން ހިތާމައިގެ ސާލު އޮޅައިގެން ތިބި ނަމަވެސް އެކަންތައް އޮތީ މާނާއަށް ސިއްރު ކުރެވިފަ އެވެ.
ސަލަފް މަސައްކަތް ކުރަމުން ދިޔައީ އެމީހުން ބުނި އަދަދަށް ފައިސާ ހަމަކުރެވޭތޯ އެވެ. ޗެކުތައް ބައުންސް ވަމުން ދާތީ ފައިސާ ނެގޭ ނުވެ ރައްޓެހިންގެ އަތުން ފައިސާ ނަގަން ފެށީ ފަހުން ދޭނެ ކަމަށް ބުނެފަ އެވެ. ޔޫއާން ވެސް ފައިސާ ހަމަކުރެވޭތޯ ބަލަމުން ދިޔަ އެވެ.
މާނާއަށް ސިއްރު ކުރެވިފައިވާކަން އެނގުނީއްސުރެ އީފާ ވިސްނަމުން ދިޔައީ މާނާއަށް އެކަން އަންގާލެވޭނެ ވަގުތުކޮޅަކަށެވެ. އެއްވެސްމީހަކަށް ނޭނގި މާނާގެ ކޮޓަރި އާއި ހަމަޔަށް ދެވިއްޖެއްޔާ އޭނާއަށް އެކަން ވާނެއެވެ. ޝާޔާ ބަދިގޭގައި ބިޒީވި ވަގުތު ބަލާފައި އީފާ އަވަހަށް އެދިމާލަށް މިސްރާބު ޖަހައިފި އެވެ. މާނާ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ނިދިފައި އޮތް މާނާ ހޭލައްވަން ވެގެން ކައިރީގައި ހުރި ފިހިގަނޑު ވައްޓާލި އެވެ. މާނާ ސިހިފައި ލޯ ހުޅުވާލިއިރު ފެނުނީ ހަނިކޮން ހުޅުވިފައި ހުރި ދޮރުމަތީ ފުރަގަސްދީގެން ހުރި އީފާއެވެ.
“ސުދައްތައަށް ކިހިނެއްތަ ވީ؟ އޯހް ގޯޑް، ބަޔަކު ރަހީނު ކުރިއްޔޭ. ޔޫއާން. ސުދައްތަ ސަލާމަތް ކޮށްބަލަ. ފުލުހުންނަށް އަންގަބަލަ. އެމީހުން ސުދައްތައަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.” އީފާ ފޯނުން ވާހަކަ ދައްކަމުން ދިޔަ އެވެ. މާނާގެ ހިތް ހީވީ މޭފަޅާ ނިކުންނަން އުޅޭހެންނެވެ. ބިރުން ގޮސް ހިތް ކުދި ކުދި ވަމުން ދިޔައެވެ.
“އީފާ..” މާނާ ގޮވާލީ ތަންކޮޅެއް ބާރަށެވެ. އީފާ ފަހަތް ބަލާލާފައި ފޯނު ތިރިކޮށްލީ ލޯ ބޮޑުކޮށްލަމުންނެވެ. އެތަނުގައި މަޑުނުކޮށް އީފާ ހިނގައިގަތީ ހިތުގެ އަޑިން އުފާކުރަމުންނެވެ. ބަދިގޭގައި ހުރި ޝާޔާއަށް މާނާ ހަޅެއްލަވާ އަޑު އިވިގެން ދުވެފައި އާއިރު މާނާ ތެދުވަން މަސައްކަތް ކުރަނީއެވެ.
“މަންމާ. ކޮންތާކަށް ދާން…“ ޝާޔާ އަވަހަށް މާނާގެ ދެކޮނޑުގައި ހިފާ ބައިންދަމުން އަހާލި އެވެ.
“ސުދާ ކައިރިއަށް ދާން. ސުދާ ވީ ބަޔަކު… ޝާޔާ، ސަލަފް ކޮބައިތަ؟” މާނާއަށް ހުރިހާ އެއްޗެއް އެނގޭކަން އެނގުމުން ޝާޔާ ހިތްބިރު ގަތެވެ. މާނާ ލޭމައްޗަށް ގޮސް ކަމެއް ވެއްޖެނަމަ ސަލަފް ދެރަވާނެ ވަރު ހިތަށް އަރުވާލެވުނެވެ.
“މަންމައަށް ކިހިނެއް އެނގުނީ..” އެތެރެއަށް ވަން ޔޫއާންގެ އަޑަށް ޝާޔާ ބަލާލިއެވެ. ޔޫއާންގެ މޫނުމަތިން ނުރުހުންވުމުގެ އަސަރު ފެންނަން ހުއްޓެވެ. މާނާގެ ގާތުގައި ޝާޔާ އިނުމުން ޔޫއާންއަށް ހީވީ ޝާޔާ ކިޔައިދިނީ ކަމުގައެވެ.
“އީފާއަށް ގޮވަ ގޮވާ އޮއްވާވެސް އެ ދިޔައީ، އީފާ ފޯނުން އެވާހަކަ ދައްކަމުން ދަނިކޮން އިވުނީ، ކީއްވެގެންތަ މަންމަ ކައިރީ ނުބުނީ، އެއީ މަގޭ ދަރިއެއް، އެވަރުގެ ކަމެއް ހިނގިއިރު ކަލޭމެން ސިއްރު ކުރީ ކީއްވެތަ؟“ މާނާ ދެލޮލުން އޮހިގެން ކަރުނަތައް ފޮހެލަމުން ޖުމްލަ ފުރިހަމަ ކުރިއިރު އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.
“އީފާ.” ޔޫއާން ހިތާހިތުން ރުޅިވެރި ގޮތަކަށް އީފާގެ ނަން ކިޔާލި އެވެ. ޔޫއާން އެތަނުން ނިކުމެގެން ދިއުމުން މާނާ ހަމައަކަށް އަޅުވަން ޝާޔާ މަސައްކަތް ކުރަމުން ދިޔައެވެ. ސުދާއަށް ވާނުވާ ބަލަން ސަލަފް އެބަ އުޅޭ ކަމަށް ބުނެ މާނާ ހިތްހަމަ ޖައްސައިދެމުން ދިޔަ އެވެ.
އަނީސާ އާއި އީރާ އެއާޕޯރޓަށް އާއިރު އެމީހުން ބަލާ އައިސް ޒަވީން ހުއްޓެވެ. އަނީސާއަށް ހީވީ ސަލަފްއަށް ނާދެވިގެން ބަދަލުގައި ޒަވީން ފޮނުވާފައި ހުރީ ކަމުގައެވެ. ފޮށިތަކާއި ޒަވީން ހަވާލުވެފައި ލޯންޗުގެ ޓިކެޓް ނަގައި މާލެ އައުމުގެ އިންތިޒާމް ހަމަޖައްސައިދިނެވެ. އަނީސާއަށް ނޭނގި އީރާ އާއި ޒަވީންގެ ލޮލުން މެސެޖުތައް ބަދަލު ކުރަމުން ދިޔަ އެވެ.
“ވެއިޓިން ފޮރ ޓު ނައިޓް..” ލޯންޗަށް އަރަމުން އީރާގެ ކަންފަތް ދޮށުގައި ޒަވީން ބުނެލިއެވެ.
އީރާ ހިނިތުންވެލާފައި ގޮސް އަނީސާގެ ކައިރީ އިށީނެވެ. ކަނޑުގެ ލޮނުގަނޑު ކަފާފައި ލޯންޗު އޭގެ އެންމެ ހަލުވި ދުވެލީގައި ގޮސް މާލޭ ޓާރމިނަލްގައި ޖެއްސުމުން ޒަވީން ކާރަށް އެދެމައިން އަރުވައިފިއެވެ. ކާރު ދުއްވަން އިން ޒަވީންއަށް ކުރިމަތީގައި ހުރި ލޯގަނޑަށް ބަލާލެވެއެވެ. ފަހަތު ޝީޓްގައި އިން އީރާގެ ސޫރަ ފެންނަމުން ދާތީ ޒަވީން އިނީ ހިތްހަމަ ޖެހިފައެވެ.
ޔޫއާން ގޮސް އީފާ ކޮޓަރީގެ ދޮރު ހުޅުވާލިއިރު އީފާ ހުރީ ރީތިވާ މޭޒު ކައިރީގައެވެ. ޔޫއާން ބާރަށް ހިނގާފައި ގޮސް އީފާގެ އަތުގައި ހިފާ މަގަތަށް އަނބުރާލިއެވެ. އީފާ ސިހިފައި ޔޫއާންގެ މޫނަށް ބަލާލުމުގެ ކުރިން ހޫނު ހަމަލާއެއް ކޯތާފަތަށް އަރައިގެން ދިޔައެވެ.
“މަންމަ ކައިރީ ނުބުނާށޭ ބުނީމައިވެސް ގޮސް އެވާހަކަ ބުނެފައި ތިއައީ، މަންމަ ހުރި ހާލަތުގެ ގޮތުން ސިއްރު ކުރަން އެންގީ. އީފާ ކީއްވެ އެގޮތަށް ކަންތައް ކުރީ..” ޔޫއާން ރުޅި އައިސް ވާހަކަ ދެއްކީ ހަރުކަށި ކޮންނެވެ.
“އަހަރެން. ނޫން ނުބުނަން. އަހަރެން ޔޫއާން މަންމަގެ ކައިރއަށް ނުވެސް ދަން..” އީފާ އިންކާރު ކުރަން ފެށުމުން ޔޫއާންގެ ރުޅި ގަދަވަމުން ދިޔައެވެ.
“ކާކަށް އިއްވަން ފޯނުން ގުޅައިގެން ހުރެ އެވާހަކަ ދައްކަމުން ދިޔައީ، އީފާއަށް އެ ނޫން ތަނެއް ނުފެނުންތަ ވާހަކަ ދައްކަން ހުންނަން، މިގޭގެ ޖާގަ ކުޑައީތަ؟” ޔޫއާންއަށް އެނގޭކަން އެނގުމުން އީފާ ދެރަވާކަމަށް ހަދައިފިއެވެ.
“ކޯރިޑޯ ހުރަސް ކުރި ވަގުތު މަންމައަށް އަޑު އިވުނީ ކަންނޭނގެ. ފޮރ ގޯޑް ސޭކް އައި އެމް ޓެލިން ޔޫ. އަހަރެން ގަސްތުގައި މަންމައަށް އިއްވީކީ ނޫން، ޔޫއާންއަށް އެނގޭނެ ޔޫއާންގެ މަންމައަށް އަހަރެން އިޙްތިރާމް ކުރާ ވަރު، ޔޫއާންގެ މަންމަ އަކީ އހަރެންގެވެސް މަންމަ ކަމުގައި ދެކެނީ، އަޅެ ސޮރީ ވަރަށް ބޮޑަށް، މަންމަ ވަރަށް ދެރަވެފައިދޯ ހުރީ.“ އީފާ އަޑު ކުރަކިވަމުން ދިޔައެވެ. ލަސްލަހުން ޖަމާވަމުން ދިޔަ ކަރުނަތައް ބޮޑިވެ އެސްފިޔަ ޖަހާލުމުން ކަރުނަތައް ބަންޑުންވެގެން ދިޔައެވެ.
“އީފާ ސޮރީ އޭ ބުނެގެން ނުބުނާ ކަމަށް އެކަން ހަދައެއް ނުލެވޭނެ. އީފާއަށް އިޙްޞާސް ނުކުރެވޭނެ މަންމަ އެކަނިވުމުން އެކަމާއި ވިސްނާނެ ވަރު، މަންމައަށް ދެރަގޮތެއް ވެއްޖެނަމަ އަހަރެން އީފާއަށް މަޢާފެއް ނުކުރާނަން، އެހިސާބުން އީފާޖެހޭނި މިގޭ ދޫކޮށް ދާން..” ޔޫއާން ނިކުންނަން ދިޔައެވެ.
އީފާ ޔޫއާންގެ ފަހަތުން ދިޔައެވެ. އެވަގުތަކީ ފޮށިތައް ހިފައިގެން ޒަވީން އައިސް ވަން ވަގުތެވެ. ޒަވީން ހަމަޖެހިފައި ހުރި ވަރު ފެނިފައި ޔޫއާން ރުޅި ހައްތަހާވީ ގަދައެވެ. ޒަވީން އާއި އަރާ ހަމަކޮށްފައި ޔޫއާން ދެއަތުން ޒަވީންގެ މޭގައި އަޅާ ކޮއްޕާލިއެވެ.
“އެއްވެސް ޚިޔާލެއް ފިކުރެއްނެތި ޒަވީން ތިއުޅެނީ ހާދަ ކަންފަސޭހަ ކޮށްލައިގެން، މިގޭތެރޭގައި ހިނގަމުންދާ އެއްވެސް ކަމެއް ޒަވީންއަށް އެނގޭތަ؟“ ޒަވީން ހައިރާންވެފައި ޔޫއާންއަށް ބަލަން ހުރެވުނެވެ. ޔޫއާން އަކީ އޭނާގެ އެކުވެރިއެކެވެ. މީގެ ކުރިން ޔޫއާން އެހާ ރުޅި ގަދަވެފައި ދުވަހަކުވެސް ވާހަކައެއް ނުދައްކައެވެ.
“ޓެލް މީ..” ޒަވީން ބުނެލިއެވެ.
ޔޫއާން އަށް ދޮރުން ވަން އަނީސާ އާއި އީރާ ފެނިފައި ޒަވީންގެ ކައިރީ މައްޗަށް އައުމަށް ބުނެފައި ދިޔައެވެ. ޒަވީން ފޮށިތައް އަރުވާފައި މައްޗަށް ދިޔައިރު ޔޫއާން ހުރީ ދުރު ބަލަހައްޓައިގެންނެވެ. ޒަވީން އައިސް ހުއްޓުމުން ޔޫއާން އެވާހަކަ ބުނެލިއެވެ. ޒަވީން އިރުކޮޅަކު ހުއްޓުން އަރާފައި ހުރެފައި ސުދާގެ ނަމުން ވަރަށް ބާރަށް ގޮވާލިއެވެ.
“ޒަވީން ކެއްތެރިވޭ، ސަލަފްބޭ އެބައުޅޭ ފައިސާގެ ކަންތައް ހަމަޖައްސަން، ޒަވީންއަށް މިކަން އަންގަން އަހަރެމެން އުޅުނިން، ފޯނު ނިއްވާލާފައި އޮންނާތީ ނޭންގުނީ.“ ޔޫއާންގެ ރުޅި މަޑުވީ ޒަވީންއަށް ކުރި އަސަރު ފެނިފައެވެ.
“ސުދާ ކޮނއިރަކު ރާއްޖެ އައީ..” ޒަވީން ރުއިން ހުއްޓާލާފައި އަހާލިއެވެ.
“ނޭނގެ، ލަފާކުރެވެނީ އިއްޔެ އައި ވަގުތު އެބަޔަކު ގެންދިޔަ ކަމަށް.“ ޔޫއާން ބުނެލިއެވެ.
“އެހާ ބޮޑު އަދަދެއް ހަމަޖައްސާނީ ކިހިނެއް؟ ސަލަފްގެ ނަމުގައި ހުރި މުދާތައް ހުރީ ސުދާގެ ނަންމަތީ، އެއީ ކޮންއިރަކު ކުރި ކަމެއްކަން ސަލަފްއަށް ނުވެސް އެނގޭ، ސުދާ އާއި ހެދި ސަލަފް ބެ އެހުރީ ވަރަށް ބޮޑު ވަޅުގަނޑެއްގެ ތެރޭ.“ ޒަވީން ބުނެލީ ޔޫއާންއަށް ނޭނގޭ ކަމެކެވެ.
އިތުރަށް އޮޅުންފިލުވަން ބޭނުންވިއަސް މިވަގުތަކީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވާތީ ޔޫއާން ހަނު ހުރީއެވެ. ޔޫއާން ދިއުމުން ޒަވީން ދެލޯ ފޮހެލާފައި ރެއިލިންތަކުގައި ހިފަހައްޓާލިއެވެ. ޔޫއާންގެ ކުރިމަތީ ދެރަވާ ކަމަށް ހަދާލިއަސް ކުޑަކޮންވެސް އޭނާ ދެރައެއް ނުވެއެވެ. ސުދާ މަރުވިއަސް މިއަދު އޭނާއަށް ވަރިހަމައެވެ. ޒަވީން ދެކޭ ގޮތުގައި މިއަދު ސުދާއަށް އެ ލިބުނު ހިތި ކަމަކީ އަމިއްލައަށް ހޯދައިގަތް އެއްޗެކެވެ. ސަލަފްއަށް ކެހިދީފައި މުދާތައް ވެރިކޮށްލައިގެން ފިލުމުގެ ނަތީޖާއެވެ. ސުދާގެ ހިޔާވަހި ކަމުގައި ހުންނަ ހާ ހިނދު ސުދާއަށް ރަނގަޅުވެގެން އުޅެން ޖެހޭނެތާއެވެ.
ސުދާ ފެންބޮވައިގަނެގެން ދެކޮޅު ހޯދާލި އިރު ވަށައިގެން ވި އަނދިރިކަން ނޫން އެއްޗެއް ނުފެނެއެވެ. ދެއަތް ފުރަގަހަށް އައްސާ އަނގަމަތީ ފޮތި ބަނދެފައި ހުރުމުން އެކަން ވީ އިތުރު ތަކުލީފަކަށެވެ. ބަނޑުހައިވެ ގައިން ވަރުދޫވާން ފެށިއެވެ. މީހެއްގެ އެހީއަށް އެދެވޭނެ ގޮތެއް ނެތުމުން ހިތްދަތިވެ ރޮވެންފެށިއެވެ.
އާއިލާގެ މަތިން ހަނދާންވާން ފެށިއެވެ. އެންމެ ބޮޑަށް ހަނދާންވީ މަންމަގެ މަތިންނެވެ. ކުޑަ ބައްޔެއްވިއަސް މަންމަ އަބަދުވެސް ކައިރީގައި ހުންނާނެއެވެ. އެކަމަކު އަމިއްލަ އެދުން އިސްކޮށްފައި މި ކުރި ދަތުރުގައި މަންމަ މަތިން ހަނދާންވެ ހާލު ބަލާލަން އެންމެ ފަހަރަކ ގުޅާލެވިފައެއް ނެތެވެ. މަންމަ އާއި މޫނު ހަމަކުރާނީ ކިހިނެއް ކަމެއް ނޭނގެއެވެ. ލަދުވެތިކަން އިޙްޞާސްވީ ހިނދު ލޮލަށް ގިނަވި ކަރުނަތައް ހިފަހައްޓައި ނުލެވުނެވެ.
ޔޫއާން އާއި ސަލަފް އަކީވެސް އާއިލާގެ މެންބަރުންނެވެ. ދެވަނަ އެއް ނެތްފަދަ ބޭބެ އަކާއި ކޮއްކޮ އެކެވެ. އާއިލާ ތެރޭ މާބޮޑު ގުޅުމެއް ނެތަސް ކަމެއް ޖެހޭއިރަށް ސަލަފް އެހީ ނުލިބޭ އެންމެ ފަހަރެއްވެސް ނުދެއެވެ. ސުދާގެ ކައިވެންޏަށްވެސް ސަލަފް ކުރި ޚަރަދު ބުނަން ވެސް ނޭނގެއެވެ. ސަލަފްގެ ހެޔޮކަމުގެ ބަދަލު ނުދެވުނު ތާގައި ދެވުނު ކެހި މަތިން ހަނދާންވުމުން ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.
ޔޫއާން އަކީ އޭނަ އާއި އެއްކަހަލަ ޚިޔާލެއް ހުންނަ ކޮއްކޮއެކެވެ. އޭނާ ފަދައިން އަނިޔާވެރި ބައްޕަ ދެކެ އިންތިހާއަށް ނަފްރަތު ކުރާ މީހެކެވެ. ސަލަފް ދެކެ ދެމީހުންވެސް ރުޅި އަންނަ ސަބަބަކީ އެއް ސަބަބެކެވެ. ގޭތެރޭގައި ސަކަރާތްޖަހައި މަޖާ ނުކުރިއަސް ގުޅުން އެހާ ވަރުގަދަ ނޫނަސް ލޭގެ ގުޅުން ކެނޑިގެންނެއް ނުދެއެވެ. ޔޫއާން މަތިން ހަނދާންވުމުން އަމިއްލަ ކުށުގެ މަތިން ހަނދާންވެއްޖެ އެވެ.
ދޮރު ހުޅުވާފައި ވަން ދެމީހުން އައިސް ސުދާގެ އަތް މޮހެލާފައި ނަގަން އުޅެން ފެށުމުން ސުދާއަށް ގިސްލެވުނެވެ. ފެންފޮދެއް ދޭށޭ ބުނަން ބޭނުންވެފައި ހުއްޓާ އޭގެ ތެރެއިން އެކަކު މަޑުކޮށްފައި ސުދާ ދެވަނަ ފަހަރަށް ގޮނޑީގައި ބައިންދާފި އެވެ.
“އިހަށް ކާންދީފައެއްނު އެހެން ތަނަކަށް ގެންދާނި. ސަލަފް ކައިރީ ބުނި ގަޑި ކައިރި އެބަވޭ، އެއްވެސް އަޑެއް ނުލައްވާ އިނދެ މި ބަތް ތަށި ކައި، ބުނަން ހަޅެއްލަވަން މަސައްކަތް ކުރިއަސް އާއިލާއަށް ފެންނާނީ ކަލޭގެ މަސްގަނޑު.“ އެމީހާ ބަތް ފާރިސަލެއް ދިނެވެ.
އަނގަމަތި މޮހެދިނުމުން ސުދާ ކުޑަ ކުއްޖެއްފަދައިން ކާން ފެށިއެވެ. ކަމުން ދިޔައިރު ސުދާ ސިއްރުން ބެލީ އެމީހުންގެ މޫނު ފެނޭތޯއެވެ. ކަޅު ފޮތިން މޫނު ފޮރުވައިގެން ތިބި ދެމީހުންނަކީ ކޮންބައެއްކަމެއް ސުދާއަކަށް ނޭނގެއެވެ. ސުދާ ޙަރަކާތްތައް ކުޑަކޮން މަޑުޖައްސައިލީ ހުޅުވާފައި ހުރި ދޮރު ފެނުމުންނެވެ. ސިއްރުން ނަޒަރު ހިންގާލިއިރު ދޮރުކައިރީ ފިހިގަނޑެއް ހުއްޓެވެ. އެމީހުންގެ މޫނަށް ބަލާފައި ސުދާ ބަތްތަށި ދުރަށް ކޮށްޕާލިއެވެ. އަދި ކުއްލިއަކަށް ތެދުވެ ފިހިގަނޑު ނަގައިފިއެވެ. އެމީހުން ހުށިޔާރު ވެ ޙަރަކާތެއް ގެނައުމުގެ ކުރިން ފިހިގަނޑު އަތަށް ހެޔޮވަރު ކޮށްލާފައި ބާރަށް އެކަކު ބޮލުގައި ޖަހައިފިއެވެ. އަނެއްމީހާ އަށް ނުބަލައި ސުދާ ދޮރުން ބޭރަށް ދުއްވައިގަތެވެ. އެމީހާ ސުދާ ފަހަތުގައި ތަންކޮޅަކަށް ނިކުމެފައި އަނެއްމީހާއަށް އެހީތެރިވުމަށް އެނބުރުމުން ސުދާއަށް ފިލަން ފުރުޞަތު ލިބުނެވެ.ސުދާ ދުވެފައި އެގެއިން ނިކުމެވުނީ ބާރަށް ދުއްވާފައި އައި ކާރެއްގެ ކުރިމައްޗަށެވެ.
(ނުނިމޭ)