ތިމާއަށް ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށްދެކި އުއްމީދު ކަނޑާލުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އާދައެކެވެ. އެހެން ނަމަވެސް ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ މައްސަލައަކީވެސް އެކިއެކި މަރުހަލާތަކަށް ފަހު ހައްލު ހޯދިދާނެ މައްސަލައެއް ކަމެވެ. އަދި އަޅުގަނޑުމެންގެ ގިނަ ބަޔަކު “ފެއިލް” ވަނީ ހައްލާ ހަމައަށް ދިޔުމުގައި ކަމީވެސް ގަބޫލުކުރަންޖެހޭ ކަމެކެވެ. ތިމާއަށް މައްސަލައެއް ކުރިމަތިވެއްޖެނަމަ ތިރީގައި ބަޔާން ކުރާ ގޮތަށް އަމަލުތައް ބެހެއްޓިދާނެ އެވެ.
ކުރިމަތިވެގެން އުޅޭ މައްސަލަ އެއީ ތިމާއަށް މުހިއްމު ކަމެއް ކަމަށް ނުދެކޭށެވެ.
ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް ކުރިމަތި ވެއްޖެ ނަމަ އެކަމާ މެދު އަބަދާއި އަބަދު ވިސްނޭގޮތް ވާނެއެވެ. އެހެން ނަމަވެސް ވީވަރަކުން އެކަމާ މެދު ނުވިސްނަ އެހެން ކަންކަމުގައި ސިކުނޑި މަޝްއޫލުކުރާށެވެ. މިކަމަކީ ތިމާގެ ވިސްނުން ހުޅުވައިދީ ކަންކަމާމެދު ހާސްވުން ކުޑަކޮށްދޭނެ ކަމެއްވެސް މެއެވެ.
ދިމާވެގެން އުޅޭ މައްސަލައިގެ ތަސްވީރެއް ކުރަހާލާށެވެ.
ތިމާއަށް ދިމާވެގެން އުޅޭ މައްސަލައިގެ ތަސްވީރެއް ކުރަހާލާ، އެކަމުގެ ހައްލާ ހަމައަށް ވާސިލް ވެވިދާނެ ހުރިހާ މަގެއް ފެންނާނެހެން ތާވަލެއް ކުރަހާލުމަކީ މައްސަލަ ހައްލުކުރުމުގައި އެތައް ތަނެއް ފަސޭހަވެގެންދާނެ ކަމެކެވެ. މިގޮތަށް ތަސްވީރެއް ކުރަހާލުމަކީ މައްސަލައިގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތައް ހާމަވެގެންދާނެ ކަމެއްވެސް މެއެވެ.
ވިސްނާ ވިސްނުމުން “ބްރޭކެއް” ނަގާށެވެ.
ތިމާއަށް މައްސަލައެއް ދިމާވެއްޖެނަމަ “ބިއްޖެހި” އެއްތަނެއްގައި ވަގުތުތައް ހޭދަކުރާށެވެ. އެއާ ޚިލާފަށް މީހުންގެ ތެރެއަށް ނުކުމެ ކަންކަމުގައި ހޭލަމޭލަވެއުޅޭށެވެ. އެހެނެއް ކަމަކު ކަންކަމުގައި އަވަދިނެތި އުޅުމަކީ ވިސްނުމުގެ މިސްރާބު ބަދަލުކޮށްލާ ހަމަޖެހުން ގެނެސްދޭ ކަމެއްވެސް މެއެވެ.
ދިރިއުޅޭ މާހައުލު ބަދަލުކޮށްލާށެވެ.
މައްސަލައެއް ކުރިމަތިވެ އެކަމާމެދު މާބޮޑަށް ހާސްވެ ފިކުރު ބޮޑުވާނަމަ ދިރިއުޅޭ މާހައުލު ބަދަލުކޮށްލާށެވެ. މިގޮތުން އާއްމުކޮށް ދާ ތަންތަނަށް ދިޔުމުގެ ބަދަލުގައި އެހެން ތަނެއް ޚިޔާރުކުރެވިދާނެއެވެ. މިކަމަކީ ސިކުނޑި ހުޅުވި ހައްލަކާ ހަމައަށް ތިމާގެ ވިސްނުން ގެންގޮސްދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ތިމާއަށް މައްސަލައަކާ ކުރިމަތިވެ، ތިމާ އެކަމުގެ “ޝިކާރަ” އަކަށް ވެ ނިމުމުގެ ކުރީގައި ހައްލުހޯދުމަކީ ނުހަނު ބޭނުން ތެރި ކަމެކެވެ. އަދި ހައްލަކާ ހަމައަށް ދިޔުމުގައި އިސްވެ ބުނެވިދިޔަ ހަތަރު އުކުޅުގެ ބޭނުން ހިފުމަކީވެސް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.