twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (40)

Nov 13, 2013

 ނޮވެމްބަރު 05 ވަނަ ދުވަހުގެ ބަޔާގުޅޭ

ކާރު ދުއްވަން އިން ސަލަފްއަށް ސަރަކައިން އަތް ދޫކޮށްލެވުނީ ކުރިމައްޗަށް ދުވެފައި މީހަކު އެރުމުންނެވެ. ކާރު ކޮންޓްރޯލް ކުރަންވެގެން ފައިން އޮއްބާލެވުނީ ދެނެވެ. ކާރު ކޮންޓްރޯލް ކުރެވުނު އިރު ކާރުގައި ޖެހިފައި ސުދާ އޮތީ މާދުރަށް ވިއްސައިގެން ގޮހެވެ. ދޮރު ހުޅުވާފައި ނިކުމެ ސަލަފް އެދިމާލަށް ދުއްވައިގަނެވުނެވެ.

މުޅި ތަނުގައި ވަގުތުން ލޭގެ ކޯރު ހެދިއްޖެއެވެ. ބަންޑުން އޮތް ސުދާގެ ކައިރީ ދެކަކޫ ޖަހައި ސަލަފް އިށީދެ ސުދާގެ ދެކޮނޑުގައި ހިފާ އޭނާގެ ފައިމަތީ ބާއްވާލަމުން ބަލާލެވުނު އިރު ސުދާގެ މޫނު ވަނީ ލެއިން ކަޅިވެފައެވެ. ނިއްކުރި ފަޅައިގެން ގޮސް ފައިބަމުން ދިޔަ ލޭތައް ދުންޖަހާފައި ނިކުންނަމުން ދިޔައެވެ.

”ސުދާ. ލޯ ހުޅުވާ. ސަލަފްބޭ މިހުރީ ސުދާ ބަލާ އައިސް.’’ ސަލަފްގެ ދެލޯ ކަރުނުން ފުރުނު އިރު އަޑު ބަދޭ ގޮތްވެއްޖެއެވެ.

ސުދާ އޮތް ނާޒުކު ފައްތަރު ފެނުމުން ފުރަތަމަ ނަގަންވީ ކޮން ފިޔަވަޅެއްކަން ސަލަފް ހަނދާނެއް ނެތެވެ. ސުދާގެ މޫނު ގެނެސް މޭގައި ޖައްސާލެވުނީ ކިތައް ފަހަރަކު ކަމެއް ނޭނގެއެވެ. ސުދާ ހަށިި ފުރާ ދެފަހަރަކު ނޭވާލީ ފަހުން ސަލަފްގެ ސިކުނޑި ހޭލިއެވެ. އަތްދަނޑިމައްޗަށް ލައިގެން ސުދާ ގެންގޮސް ކާރުގެ ފަހަތު ޝީޓްގައި ބާއްވާފައި ކާރަށް އަރައި ހޮސްޕިޓަލާ ދިމާލަށް ދުއްވާލިއެވެ. ކާރު ދުއްވަން އިނދެފައި ޔޫއާން އާއި ޝާޔާއަށް އެ ޚަބަރު ދިނެވެ.

ސަލަފް ހޮސްޕިޓަލަށް ވަދެ ސުދާ އެމެޖެންސީ ރޫމަށް ވެއްދި ފަހުން ޝާޔާ އާއި ޔޫއާން އަދި އީފާއައެވެ. ޒަވީންއަށް އެ ޚަބަރު ދިނުމުން ޒަވީން ވެސް އައެވެ. އެމެޖެންސީ ރޫމްގެ ބިއްލޫރިގަނޑުން ސުދާއަށް ފަރުވާ ދޭ މަންޒަރު އެންމެން ދިޔައީ ބަލަމުންނެވެ. ސުދާގެ ކަނާތާ ގުޅާފައި ހުރި ބީ.ޕީ މޮނިޓަރ މެޝިންގެ ރީޑިންތައް ދަށްވަމުން ދާތީ ޑޮކްޓަރުންނާއި ނަރުހުންގެ އަތްމަތި އަވަސްވަމުން ދިޔަ މަންޒަރަކީ ބަލަން ތިބި އާއިލާ މީހުންގެ ހިތު ވިންދު އަވަސްކުރުވި ކަމެކެވެ.

ސަލަފް ދެލޯ ފޮހެލާފައި އައިސް ގޮނޑީގައި އިށީނެވެ. ސުދާ އޮތް ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ސުދާ ރަހީނު ކުރި ބަޔަކު ކަމުުގައި ސަލަފް ދެކެއެވެ. އެމީހުންނަކީ ކޮންބައެއްކަން ހޯދާ އެމީހުންނަށް ހައްޤު އަދަބު ދިނުމަށް ސަލަފް ބޭނުމެވެ. ސަލަފް އިސްއުފުލާލިއިރު ފެނުނީ ރޮވިފައި ހުރި ޒަވީން އެވެ. އަނބިމީހާ އޮތް ހާލަތު ފެނުމުން ޒަވީންއަށް ކުރާނެ އަސަރު ހިތަށް އަރުވާފައި ސަލަފް ތެދުވެ ޒަވީންގެ ކޮނޑަށް އަތް ވައްޓާލައިގެން ނިކުތީ ބޭރަށެވެ. ޒަވީންއަށް ހިތްވަރު ދެމުން ގޮސް ޒަވީން ހިތްހަމަ ޖައްސާލުމުގެ ގޮތުން އެކަން ކުރި ބަޔަކު އެނގިއްޖެ ކަމަށާއި އެބަޔަކު ހިފާ ހައްޔަރު ކުރުމަށް ޕޮލިހުގައި އެދިފައިވާ ކަމަށް ބުނުމުން ޒަވީން ލަމުން ދިޔަ ނޭވާތައް ހުއްޓުނެވެ.

”އެއީ ކޮންބައެއްކަން ސަލަފްބެއަށް އެނގުނީ ކިހިނެއް؟” ޒަވީން ހިތް އަވަސްވިއެވެ.

”އަހަރެން ފޯނަށް އައި ކޯލްތަކުގެ ރިކޯރޑިން އާ އެ ކޯލްތައް އައި ހިސާބު ބަލައިލީ. މި ފޯނުގައި އިން ސޮފްޓް ވެއާރ އެއްގެ އެހީގައި ކޯލްލޮކޭޝަން ބެލޭނެ. ޑޯންޓް ވޮރީ ޒަވީން. އަހަރެން އެމީހުން ދުލެއް ނުކުރާނަން.” ސަލަފް ޒަވީންގެ ލޮލަށް ބަލާލިއިރު ފެނުނީ އަންނަމުން ދިޔަ ކަރުނަތައް ހުއްޓުނު މަންޒަރެވެ. އެއީ ޒަވީން ހަމަޖެހުނު ކަމުގެ ނިޝާނެއްކަމަށް ބަލައި ސަލަފް ހިތްހަމަ ޖައްސާލި އެވެ.

”އެބަ އަންނަން އިނގޭ.” ސަލަފް އެތެރެއަށް ހިނގައިގަންނަމުން ބުނެލި އެވެ. ޒަވީން ފުންނޭވާއެއް ދޫކޮށްލާފައި ޖީބަށް އަތް ލާފައި ނެގީ ”ޓިއާރ ސްޕްރޭ” އެކެވެ.

”ސަލަފްގެ ވިސްނުން އެހުރީ އަހަންނަށްވުރެ އެއް ފިޔަވަޅު ކުރީގައި. އަހަރެންގެވެސް މޮޔަކަން އެއީ. ޓެކްނޮލޮޖީ ޒަމާނެއްގައި ކަންކަން ހޯދަން އުދަނގުލެއް ނުވާނެ.’’ ޒަވީން ސްޕްރޭ ފުޅި ލޮލާއި ކައިރިކޮށްލާފައި އޮއްބާލި އެވެ. ލޯތެރެއަށް ސްޕްރޭ ދިއުމުން ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. ޒަވީން އެތެރެއަށް ހިނގައިގަތީ ދެނެވެ.

ޒަވީން ދިޔައިރު ސަލަފް ޑޮކްޓަރަކާ ވާހަކަ ދައްކަނީ އެވެ.

”ސުދާގެ ހާލު ވަރަށް ނާޒުކު. އަހަރެމެން މި ބަލަނީ ދެމީހުންގެ ފުރާނަވެސް ސަލާމަތް ކުރެވޭތޯ. އިންސާނުން ކުރާނީ މަސައްކަތް. ޝިފާ ދެއްވާނީ މާތް ފަރާތަކުން. ހިތްވަރު ދެރަ ނުކުރޭ. މާތް ﷲ ގެ ކިބަޔަށް ދުޢާ ކުރޭ.” ޑޮކްޓަރު ސަލަފްގެ ކޮނޑުގައި އަތް ބާއްވާލަދިނެވެ.

”ދެމީހުންގެ ފުރާނަ؟ މާނަ އަކީ..” ފަހަތުގައި ހުރި ޝާޔާއަށް ބުނެވުނެވެ.

ޑޮކްޓަރު ޝާޔާއަށް ބަލާފައި އެ ޖުމްލައިގެ މާނަ ބުނެދިންއިރު އެންމެން ތިބީ ގަނޑުވެފައެވެ. ހިތުތެރޭ އެނބުރެންޖެހޭ އެއްވެސް ޝުއޫރެއް ފާޅެއް ނުވިއެވެ.

”ޝީ އިޒް ޕްރެގްނެންޓް…’’ ޒަވީންގެ ކަންފަތްދޮށުގައި ހީވީ ގުގުރިއެއް ޖެހިހެންނެވެ. ސުދާގެ ފަރާތުން އެ ޚަބަރަކަށް ކުރި އިންތިޒާރުގެ ނިމުން އައުމުން އުފާވާންވެސް ނޭނގުނެވެ.

”ވަގުތު ފާއިތުވެއްޖެ…’’ އެ ބަސްކޮޅު އޮތީ ޒަވީންގެ ހިތުގައެވެ. ހަތަރު އަހަރު ކުރި އާދޭސް ސުދާ ނާހާ އުޅުމުން ސުދާގެ ފަރާތުން ކުއްޖަކު ލިބޭނެ ކަމަށް ކުރި އިންތިޒާރުގެ މަތިން ހަނދާންނެތި، އާދިމާލަކަށް މިސްރާބުޖަހާފައި ވަނިކޮން އެ ޚަބަރު ލިބުމުން ކުރަމުންދާ ދަތުރު ދޫކޮށްފައި އެނބުރި އަންނާކަށް ބޭނުމެއް ނޫނެވެ.

”ޔޫ ޝުއާރ..” ޒަވީންގެ ދޫ ހަރަކާތް ކުރިއެވެ. ”ޔާ..” ޑޮކްޓަރު ދިނީ ޔަޤީންކަމެވެ.

”އަހަންނަށް ސުދާ އާ ބައްދަލު ކުރެވޭނެތަ؟” ޒަވީން އަހާލިއެވެ.

ޑޮކްޓަރު އިންކާރުކޮށްފައި އެތެރެއަށް ވަންނަމުން ސުދާގެ ހާލު ރަނގަޅުވުމުން އެކަމުގެ ހުއްދަ ފުރަތަމަވެސް ދޭނީ ޒަވީންއަށް ކަމުގައި ބުނެލިއެވެ. އާއިލާގެ މެންބަރުން ތިބީ އެކަމާއި ރުހި ޤަބޫލުވެގެންނެވެ. ކުރިމަތީގައި ހުރި ޒަވީންގެ އަނދިރިފަރާތް އެއްވެސް މީހެއްގެ ލޮލަކަށް ނުފެނެއެވެ.

ކަރުނަ އަކީ ސާފް ފެނެކެވެ. އެއީ އެއިރެއްގައި ހިނގާ ޝުއޫރުތައް ހިތުގެ ތެރެއިން ނެރެ ފާޅުކުރާ ވަސީލަތެވެ. އުފަލާއި ހިތާމައިގެ ދަނޑިވަޅުގައި ބައިވެރިވާ އެކުވެރިއެކެވެ. އަނެކާއަށްޓަކައި ލޮލުން އޮހޮރުވާ ކަރުނައަށްވުރެ ޖަޒްބާތީ އެއްޗެއް ނުވެއެވެ. ދުލުން ބަޔާން ނުކުރެވޭ އެތައް ކަމެއް ކަރުނުން ކިޔައި ދެއެވެ. ކަރުނަ އަންނަ ކޮންމެ ފަހަރަކީ ރޯ ފަހަރެއް ނޫނެވެ. ކަރުނުން ފުރިފައިވާތަން ފެނުމުން ބަލަން ހުންނަ މީހާގެ ހިތް ހަމްދަރުދީން ފުރެއެވެ. ޒަވީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ބަލާފައި އާއިލާއިން މާނަ ނެގީ އެހެންނެވެ. އެންމެން ހަމްދަރުދީ ފާޅުކުރިއެވެ. ހިތްވަރު ދެއެވެ. ޒަވީން ކުޅޭ ރޯލު ވަކި ކުޑައެއް ނޫނެވެ. ކޮންމެ ފަހަރަކު ސުދާ މަރުން ސަލާމަތް ކުރުމަށް ދުއާ ކުރަނީ އެމީހުންނަށް އިވޭ ވަރަށެވެ.

ދަންވެފައި ހުއްޓާ ޒަވީން އަރާމު ކުރަން ސަލަފް ފޮނުވި އެވެ. ޝާޔާ އާއި އީފާވެސް ގެއަށް ފޮނުވާލި އެވެ. ޒަވީން އައިސް ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް އީރާއަށް ގުޅިއެވެ. ފުރަ މެންދަމުގައި ޒަވީންއަށްޓަކައި ހޭލާ އޮތް އީރާ ލިބުނު ސިގުނަލާއެކު އައިސް އޮތީ ޒަވީންގެ އެނދުގައެވެ. ޒަވީންއަށް އަރާމު ހޯދައިދޭށެވެ. ލޯތްބަށް ފެންބޮވައިގަނެފައި ތިބި ދެމީހުން ފަދައިން އިންތަން ފަހަނަ އަޅާ ގޮސް އަރާމުގެ ތެރެއަށް ގެނބިގަތެވެ.

ޒަވީންގެ ފޯނަށް ސަލަފް ގުޅީ ފަތިސްވީ ފަހުންނެވެ. އަރާމު ނިދީގައި އޮތް ޒަވީން ތެދުވެފައި ފޯނު ނެގިއެވެ. ކައިރީގައި އޮތް އީރާއަށް ގޮވާފައި ހޭލަން އެންގިއެވެ. ސަލަފް ދިނީ ސުދާ ކުޑަކޮން ރަނގަޅުވެ ބައްދަލު ކުރުމުގެ ހުއްދަ ދިން ވާހަކައެވެ. މިދަނީއޭ ބުނެފައި ޒަވީން ތެދުވެ ކޮޓަރީގެ އެތަން މިތަނުގައި އުކާފައި ހުރި ގަމީހާއި ފަޓްލޫނު އެއްޗެހި ހޮވައި ލައިފިއެވެ. އީރާ ކަންނެތްވެފައި ހެދުން ބޮލަށް މަހާލިއެވެ.

”ހާދަ އަވަހަށް ދާން ތި ނިންމީ..” އީރާ އައިސް ޒަވީންގެ ކަރުގައި އަތް ވަށާލަމުން ބުނެލިއެވެ.

”އަހަރެން ނުގޮއްސިއްޔާ އެމީހުން ކީކޭ ހިތަށް އަރާނި. ކޮންމެ ގޮތެއްވިއަސް އެއީ މަގޭ އަންހެނުން.” ޒަވީން އީރާގެ އަތް ތިރިކޮށްދިނެވެ.

ހިނގައިގަންނަން އުޅުމުން އީރާ ޒަވީންގެ ގިރުވާނުގައި ދެއަތުން ބާރަކަށް ހިފަހައްޓާލިއެވެ. އަދި މޫނު ކައިރިކޮށްފައި ޒަވީންގެ ދެލޮލަށް ބަލާލިއެވެ.

”ދުވަސްކޮޅަކުން އަހަރެންގެ ބޭނުން ނެތިދާނެ.” އީރާގެ ދެލޯ ކުޑަކޮށް ވިދަން ފެށިއެވެ. ކަރުނަތައް ޖަމާވާން ފެށިއެވެ.

”ތިހެން ނުބުނޭ، އަހަންނަށްނު އިނގޭނީ ލޯބިވާ މިންވަރު، އީރާ ދެކެ ލޯބިވާ ވަރަށް އެހެން މީހަކު ދެކެ ނުވެވޭނެ، އީރާގެ މަޤާމަށް އިތުރު މީހަކު ނާންނާނެ، މިހާރުވެސް ތިއީ މަގޭ އަތްބެއްފަދަ ކުއްޖެއް، އީރާ، އީރާ ތިއީ އެންމެ ބޭނުންވި ދަނޑިވަޅުގައި އަހަރެންގެ އިޙްޞާސްތައް ދެނެގެންމީހަކީ، އީރާ ނެތްނަމަ އަހަރެންވާނީ ދިރުމެއް ނެތް މީހަކަށް، އީރާ އާއި ނުލާ އަހަރެންގެ ދިރުމެއް ނެތް، ތިއީ އަހަރެންގެ ހުރިހާވެސް އުއްމީދަކީ،” ޒަވީން އީރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

”ދެން ސުދާ؟” އީރާގެ އަޑު ކުޑަކޮން ތުރުތުރު އަޅަން ފެށިއެވެ.

”އޭނާ ރަނގަޅުވީމައި މިނިވަންކުރާނަން، އަހަންނަށް ވަރިހަމަ އަހަރެންގެ ކުއްޖެއް އޭނާ އުފަން ކުރިއަސް، އެއްވެސް ފަރުވާލެއް ނެތް، އީރާ އަހަންނަށްޓަކައި އިތުރު އެއްމަސް މަޑުކޮށްދީ، އަހަރެން އީރާ އާއި ކައިވެނި ކުރާނަން،އެން ދެޓް އިޒް އަ ޕްރޮމިސް.” ޒަވީން އީރާގެ ނިތްކުރިއަށް ބޮސްދިނެވެ. ދެން އަވަހަށް ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ.

ޒަވީން ގޮސް އެމެޖެންސީ ރޫމަށް ވަންއިރު ސަލަފް އިނީ ސުދާގެ އެންމެ ކައިރީގައެވެ. ޔޫއާން އެނދު ކައިރީ ކޮޅަށް ހުރެފައި ޒަވީން އައުމުން ބޭރަށް ނިކުތެވެ. ސަލަފްވެސް ނިކުންނަން ނިންމީ ސުދާއަށް މިވަގުތު ބޭނުންވަނީ ޒަވީންގެ އެހީ ކަމަށްވާތީއެވެ.ޒަވީން ސުދާގެ ކައިރީ އިށީދެ ސުދާގެ އަތުގައި ހިފާލިއެވެ. އޭސީގެ ފިނިކަމުން ގަނޑުވެފައި އޮތް ސުދާގެ އަތަށް ޒަވީންގެ ހޫނު އިޙްޞާސްވުމާއި އެކު ކުޑަކޮން ޙަރަކާތް ކޮށްލެވުނެވެ. އަދި މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލަމުން ބަލާލިއިރު ކައިރީގައި ޒަވީން އިންތަން ފެނުމުން އުފަލުން ހިނިތުންވެވުނެވެ.

”ސުދާ އެނބުރި އައީ ކީއްކުރަން..” ސުދާ ހައިރާންވެފައި ޒަވީންއަށް ބަލާލިއެވެ.

ހެޔޮވިސްނުން ލިބި އެނބުރި އައީތީ އުފާކުރުމުގެ ބަދަލުގައި ސުވާލު ކުރީތީ ސުދާ ހައިރާންވިއެވެ. ޒަވީން މުށުތެރޭގައި އޮތް ސުދާގެ އިނގިލިތަކަށް ތަދުވާންފެށީ ޒަވީން މުށްބާރުކުރަން ފެށުމުންނެވެ.

”އައި ޑޯން ނީޑް ޔޫ..” ޒަވީން ވައިއަޑުން ބުނެލި ބަސްކޮޅު އިވިފައި ސުދާ ފެންކަޅިވި އެވެ.

”އެމީހުންގެ އަތްދަށުގައި އޮތްނަމަ ސުދާއަށް މާ ހެޔޮވީސް، ދެލައްކަ ރުފިޔާ އާ ސުދާ އަތުގައި އޮތް ގޭގެ ރަޖިސްޓްރީތައް އަހަރެމެން ބޭނުންވީ. އެކަންތައް ވުމުން ސުދާ ހެޔޮހާލުގައި ގެއަށް ފޮނުވައި ދިނީސް. އަހަރެން އެވަރަށް ރޭވިން، ސުދާ ރާއްޖެ އަންނަ ދުވަސް އޮންނާނީ ޓާގެޓްކޮށްފައި، ރިޒަވޭޝަންގެ ޑީޓައިލް ލިބުމުން އަހަރެމެން ޕްލޭން ފެށިން، ސުދާ ފޮށީގައި ހުރި ރަޖިސްޓްރީތައް އަހަރެން ނަން މައްޗަށް ބަދަލު ކުރަން އުޅުނީ، ބުނެއެއްނު އެ އެއްޗެއް ދާނީ އެ އެއްޗެއް ހޯދި ގޮތަކަށޭ، އަހަރެން ޕްލޭން ކާމިޔާބު ވާ ހިސާބުން ސުދާ މިނިވަން ކުރަން ހުރީ، އެހެންނަމަ މި އަނިޔާއެއް ނުލިބޭނެ..ސުދާ ސަލާމަތް ތިވީ ޝޮކިން ނިއުސްއެއް ދީފައި.’’ ޒަވީން ސުދާގެ އަތް ގެނެސް ތުންފަތާއި ކައިރިކޮށްލިއެވެ. ސުދާ ރޮވިފައި އޮތެ އަތް ނެއްޓޭތޯ ބެލިއެވެ. މިވަގުތު އޭނާގެ އަޑުވަނީ އަރު ތެރޭ ބަންދުވެފައެވެ. ސަލަފްބެއަށް އިވޭވަރަށް ހަޅެއްލަވައިގަންނަން އޭނާ ބޭނުންވި އެވެ.

”ކާރުގައި ޖެހިފައި އެއްފަހަރުން މަރުވީނަމަ މާ ހިތަށް ފަސޭހަވާނެ، ނޫނީ ބްލީޑްވެފައި އެބޯރޓްވާނަމަ، ދެގޮތުން ކުރެ އެއްގޮތަކުން ފަސޭހަވާނެ، އަަހަރެން ބޭނުމެއް ނޫން ސުދާގެ ބަނޑުން އުފަންވާ ކުއްޖެއް އަހަންނަށް ބައްޕަ ކިއުއްވާކަށް.’’ ޒަވީން މުށް ބާރު ކުރމުން ދިޔައެވެ.

އިނގިލިތަކަށް ވަމުންދާ ތަދުންހީވަނީ އިނގިލިތަކުގެ ކަށިތަކާއި ހުޅުތައް ކުދި ކުދިވެގެން ދާހެންނެވެ. ސުދާ އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. ޒަވީންއަށް ފެނުނީ ސުދާގެ ކަޅި އެހެން ދިމާއަކަށް ހުއްޓުނު ތަނެވެ. ހީވަނީ ފަހަތުގައި މީހަކު ހުރެގެން ބަލާހެންނެވެ. ޒަވީން ފަހަތް ބަލާލިއިރު ކުރިމަތީގައި ހުރި މީހާ ފެނި ހިތްބިރުގަތެވެ. އޭނާ ދެންމެ ކީ އެއްޗެހި އިވުނުބާއެވެ؟

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355