twitterviber whatsapp telegramfacebookyoutube instagram
21st November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (41)

Nov 19, 2013

 ނޮވެމްބަރު 13 ވަނަ ދުވަހުގެ ބަޔާގުޅޭ

ދޮރުމަތީގައި ހުރި ސަލަފް އެއް ފިޔަވަޅު އެތެރެއަށް އަޅާލުމުން ސުދާގެ އަތް މުށު ތެރެއަށް ލައިގެން އިން ޒަވީންގެ އިނގިލިތައް ދުރުވެގެން ދިޔައެވެ. ހިތްބިރުގެންފައި ތެދުވެވުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

”ޒަވީން. އަހަރެން ދެން ގޮސްލަނީ. އަދި އޮފީހަށްވެސް ދާންޖެހޭނެ. ޔޫއާން ކައިރީވެސް ބުނެފިން ގެއަށް ދާށޭ. ޒަވީން ފޮނުވަން ޝާޔާ ހެނދުނުގެ ސައިގެ ކަންތައް ނިންމާފައި އަންނާނެ.” ސަލަފްގެ އަޑުގައި ހުރި މަޑުމައިތިރިކަމުން ޒަވީން ކީ އެއްވެސް އެއްޗެއް ނީވޭކަން ޔަޤީންވިއެވެ. ޒަވީން ސިއްރުން ފުން ނޭވާއެއް ދޫކޮށްލިއިރު އެނދުގައި އޮތް ސުދާގެ ހިތް ތެޅިލިއެވެ.

”އެހާ އަވަހަށް ފޮނުވަން ނަޔަސް އެންމެ ރަނގަޅު. ސުދާ މިހާލުގައި އޮއްވާ އަހަރެން ގޮސް އަރާމު ކުރާނީ ކިހިނެއް؟ އަހަރެންނަށް ނިންޖެއް ނުލިބޭނެ ސުދާ ރަނގަޅު ނުވާ ހިނދު.” ޒަވީން ސުދާގެ މޫނަށް ބަލާފައި ސަލަފްއަށް ބަލާލިއެވެ. ސަލަފް ކައިރިވެ ޒަވީންގެ ކޮނޑުގައި އަތް ޖަހާލިއެވެ.

”ސުދާއަށް ތިވަރުގެ ފިރިއެއް ލިބުނީތީ ހެއްދެވި ފަރާތަށް ޝުކުރު ކުރަން. ދެން ގޮސްލަނީ.” ސަލަފް ނިކުމެގެން ދިއުމުން ޒަވީން ސުދާގެ ކައިރީ އިށީނެވެ. ޒަވީންގެ މޫނު ފެނުމުން ސުދާގެ ހިތް ތެޅެންފެށިއެވެ. ހީވަނީ މޭގެ ކަށިތައް ފުނޑުކޮށްފައި ނިކުމެދާނެހެންނެވެ. މުޅި މީހާ ދާހިއްލަން ފެށިއެވެ. ދަލުގެ ތިކިތައް ނިތްކުރިމައްޗަށް ގިނަވާންފެށި މަންޒަރު ފެނި ޒަވީން ހިނިތުންވެލަމުން ސުދާގެ ނިތްކުރި ފޮހެލައިދިނެވެ.

”ޒަވީން. އަހަރެން އެނބުރި އައީ ކުރެވުނު ކުށްތަކަށް ތައުބާވެގެން. އިސްލާޙްވެގެން. ކޮންމެ ނުބައި ކަމެއްގެ ނިމުން ވާނެއޭ ބުނެއެއްނު. އަހަރެން މާޒީގައި ކުރި ކޮންމެ ކުށަކަށް ވަކި ވަކިން މަޢާފަށް އެދެން ޖެހުނަސް އެގޮތަށްވެސް ރުހި ޤަބޫލު. ޒަވީން އަށް ދެވުނު އަނިޔާތަކަށް މަޢާފްކޮށްފައި އަލުން ކުރީގެ ގޮތަށް ރުޖޫއަ ވާން ހިނގާ. އަހަރެންގެ ނަން މަތީގައި ހުރި ހުރިހާ މުދަލެއް ޒަވީން މިވަގުތު ބުންޏަސް ދޭން ތައްޔާރަށް މިއޮތީ. އަހަރެން ރަޙިމުގައި އަށަގަންނަމުންދާ ދަރިފުޅުގެ ހައްޤުގައި އަހަންނަށް ދެވަނަ ފުރުޞަތެއް ދީ. ހުރިހާ ކަމެއް ހަނދާންނެތޭ ވަރަށް ޒަވީންއަށް އަހަރެން ލޯބިދޭނަން.” ސުދާ ލޮލަށް ގިނަ ކަރުނަތައް ފައިބައިގަތެވެ.

”ސުދާ. ބައެއް ކަންތައްތަކަކީ ދެވަނަ ފުރުޞަތު ނުދެވޭ ކަންކަން. އަހަރެންނަށް އަހަރެންގެ ލޯބި ދޫކޮށެއްނުލެވޭނެ. އޭނާއަށްވީ ވައުދުތައް އުވައެއް ނުލެވޭނެ. ދެން ތިބުނީ ދަރިފުޅުގެ ހައްޤުގައޭ. ސުދާއަށް ތި ދަރިއަކު މުހިއްމުނުވެގެން ވައްޓާލަން ދިޔަ މީހަކީ. އޭރު އަހަރެން ހުރީ ކުއްޖަކު ބޭނުންވެފައި. މިހާރު މަށެއް ބޭނުމެއް ނޫން. ސުދާ އަހަރެންގެ މަޢާފް ބޭނުންނަމަ ތި ދަރިފުޅު ވައްޓާލާ..” ޒަވީން ބުނި ޖުމްލަ އާއެކު ސުދާގެ ހިތް ހީވީ ފޮތިފޮތިވެގެން ދިޔަހެންނެވެ. މޫނުގައި ދެއަތް އެޅިގޮތަށް އޮވެ ރުއިން ފިޔަވާ އެހެން ކަމެއް ނުކުރެވުނެވެ.

ސަލަފް ކޮޓަރިއަށް ވަންނަތަން ފެނި ނާސްތާ ތައްޔާރު ކުރަން ހުރި ޝާޔާ އަވަހަށް އެދިމާލަށް ހިނގައިގަތީ ނޫރީންގެ ކައިރީ ކަން ކުރަންވީ ގޮތް ކުރު ގޮތަކަށް ކިޔައިދީފައެވެ. ޝާޔާ ކޮޓަރިއަށް ވަންއިރު ސަލަފް އިނީ އެނދުގައެވެ.

”އޮފީހަށް ދާންތަ ތިއުޅެނީ..” ޝާޔާ އަހާލިއެވެ. ސަލަފް ބޯޖަހާލިއިރު މޫނުމަތީގައި ހުރި ވަރުބަލިކަން ޝާޔާއަށް ފާހަގަވިއެވެ.

”ރޭގައި ނުވެސް ނިދަމެއްނު..” ޝާޔާ އައިސް ކައިރީ އިށީނެވެ.

”އޮފީހުގައި އިތުރު މީހަކު ނުހުންނާނެ. އަހަރެން ދިއުން ވަރަށް މުހިއްމު ވާނެ. ހަވީރު ވަގުތެއްގައި ނިދި ހަމަކޮށްލާނި. މަންމަ ކިހިނެއްތަ މިހާރު؟ ސުދާއާ ބެހޭގޮތުން އެއްޗެސް އެއްޗެއް އެނގޭތަ؟” ސުދާ ހޮސްޕިޓަލުގައި އޮތްކަން މާނާއަށް ވަނީ ސިއްރުކޮށްފައެވެ. ޔޫއާން ރުޅި އަންނާނެތީ މިފަހަރު އީފާވެސް ހުރީ ހިމޭނުންނެވެ.

”މަންމަ އެކަހަލަ ގޮތެއް. ދޭތެރެއަކުން އަހާނެ ސުދާގެކޮބައިހޭ. ހޮސްޕިޓަލުގައި އޮތްކަން އަދި ނޭނގޭ.” ޝާޔާ އިސްޖަހާލިއެވެ. ފަހަރަކު ކަމެއް ބޯމަތިވާތީ ކަންބޮޑުވެފައި އިން ސަލަފް ވިސްނަމުން ދިޔައެވެ. އެއް ވަޅުގަނޑުން ތިލަވާއިރަށް ދެން ވެއްޓޭ ވަޅުގަނޑުގެ ފުން ކަމުން އާއިލާވަނީ ހިތާމަވެރި ސާލެއް އޮޅާލެވިފައެވެ. އެއިން ކޮންމެ ވަގުތެއްގައިވެސް ސަލަފްގެ އެންމެ ކައިރީވަނީ ޝާޔާއެވެ. މި ދުވަސްކޮޅު ޝާޔާގެ ފަރާތުން ލިބޭ ހިތްވަރަކީ ސާބިތުކަމާ އެކު ހުރެވޭ ސަބެބެވެ.

”މިއީ އެންމެ ހިތްދަތި ދުވަސްތައް. ތެދަށް ބުނާނަމަ ބައްޕަ ނިޔާވެގެންވެސް އަހަރެންމިހާ ބޮޑަށް މާޔޫސް ނުވޭ. ކަމަކަށްފަހު ކަމެއް. އަހަރެންގެ އެކައުންޓްތައް ބްލޮކްވުމާއި. މަންމަގެ ބަލިހާލާއި ސުދާއަށް ދިމާވިކަންތައް. ޝާޔާ ނެތްނަމަ އަހަރެން… ނޭނގެ ބުނެދެންވެސް. ޝާޔާ ތިއީ އަހަރެންގެ ހިތްވަރަކީ. މިވަގުތު ދިރުމަކީ. އަހަރެން ކައިރީ އަބަދުވެސް ތިގޮތުގައި ހުރެދޭތި. ޝާޔާ އަހަރެންގެ މަންމައަށް ބަހައްޓާ އޯގާތެރިކަން އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން.” ސަލަފް ޝާޔާގެ ދެއަތް އޭނާގެ މުށުތެރޭ ފިއްތާލިއެވެ. ސަލަފްގެ ދެލޮލަށް ބަލާލާފައި ޝާޔާ އެއްޗެއް ބުނަން ތުންފަތަށް ހަރަކާތެއް ގެނައެވެ. މަޑު ތުރުތުރެއް ފިޔަވާ އޭނާއަށް އެއްވެސް ކަމެއް ކަމެއް ނުކުރެވުނެވެ.

ސަލަފްއާ މެދު އޭނާގެ ހިތުގައި އުފެދުނު މަޤާމު މިވީ ދުވަސްތަކުގައި މަތިވެފައި ވެއެވެ. ސަލަފް އާއިލާއާ މެދު ބަހައްޓާ ގާތްކަމާއި އޭނާގެ މަންމައަށް ދޭ އަހަންމިއްޔަތާއި އާއިލާއަށް ދޭ ވަގުތަކީ ދުލުން ޝުކުރު އަދާކުރެވޭ ކަންތައްތަކެއް ނޫނެވެ. މާޒީގައި ކަން ކޮންމެ ގޮތަކަށް ހިނގާފައި ވިއަސް ޝާޔާގެ ހިތުގައި އެއިން އެއްވެސް ކަމެއް ނެތެވެ. ސަލަފް އަކީ ކެއްތެރި އިންސާނެއްކަން އެންމެ ފުރަތަމަ އެނގުނީ އޭނާ ކައިވެނި ކުރި ރެއެވެ. ހިތާއި ސިކުނޑި ތައްޔާރުނުވެ ހުރި ކައިވެންޏަށް ތައްޔާރުވާން ވަގުތު ދީފައި އަމިއްލަ ގޭގައި، އަމިއްލަ ކޮޓަރީގައި ބީރައްޓެއްސެއް ފަދައިން ސޯފާގައި ނިދީ ޝާޔާއަށްޓަކައެވެ.

ޔޫއާން ފުރަންވެގެން ދަބަސް ތައްޔާރު ކުރަމުން ދިޔައެވެ. ޔޫއާން މިފަހަރު އީފާއަށްވެސް ފުރަން އެންގިއެވެ. އީފާ ދަބަސް ތައްޔާރުކުރަމުން އިތުރަށް ގޭގައި މަޑުކުރެވޭނެ ގޮތެއް އޮތްތޯ ވިސްނަމުން ދިޔައެވެ. އޭނާގެ މަޤްސަދު ހާސިލް ނުވާތީ ގެއިން ދާން ބޭނުމެއް ނޫނެވެ. ޔޫއާން ނިކުންނަން ދެން އިންތިޒާރުގައި ހުރި އީފާއަށް ބަލާލެވުނީ ސަލަފްގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އަތްދިގު ގަމީހާއި ފަޓްލޫނުގައި ހުރި ސަލަފްގެ ހަށިގަނޑު ބިޔަވެފައި ރީތިކަމުން އީފާ މޮޔަވާވަރުވިއެވެ.

ސަލަފްއަށް ބަލަން ހުއްޓާ ސަލަފްގެ ފަހަތުން ނިކުން ޝާޔާ އަތުގައި އޮތް ރުމާ ސަލަފްގެ ޖީބަށް ޖަހައިދިނުމުން ޝުކުރުވެރިވާ ހާލުގައި ސަލަފް ޝާޔާގެ ނިތްކުރީގައި ބޮސްދިން މަންޒަރު ފެނި އީފާ ހަސަދަވެރިވިއެވެ. އޭނައާ ސަލަފްގެ ދެމެދުގައިވާ ހުރަހަކީ ޝާޔާ ކަމުގައި ވާތީ ޝާޔާ އެއްފަރާތް ކުރެވޭނެ ގޮތަކާ މެދު އެ ސިކުންތުގައި ވިސްނާލެވުނެވެ. ސަލަފްއާ ޝާޔާގެ މެދުގައިގުޅުން ވަރުގަދަވެފައި ވާތީ އެކަންވީ އީފާގެ ބަލި ފަޔަށެވެ.

”ރެޑީވެއްޖެތަ؟” ފަހަތުން ނިކުން ޔޫއާންގެ އަޑަށް އީފާ ބަލާލިއެވެ. އީފާ ތައްޔާރުވެފައިވާތީ ޔޫއާން ފުރަން ނިކުތީ ހެނދުނުގެ ނާސްތާ ނުކޮށެވެ.

”ހާދަ ބަނޑުހައޭ..” ކާރަށް އަރަމުން އީފާ އެވާހަކަ ނެގީ އިތުރަށް މަޑުކުރުވުމުގެ ނިޔަތުގައެވެ.

”ތިހާ ކެއްތެރިކަން ކުޑަމީހަކަށް ރޯދަ ހިފޭނެތަ؟ އެކޮޅުގައި އަހަރެމެންގެ ނާސްތާ އޮންނާނީ ރެޑީވެފައި.” ޔޫއާން ކާރު ދުއްވާލަމުން ބުނެލިއެވެ. ޔޫއާން އެވަގުތު ރައްދު ކުރި ހިނިތުންވުމުން އެއީ ސަމާސާއަށް ބުނި އެއްޗެއްކަން އެނގުނު ނަމަވެސް އީފާ އިނީ މޫޑީވެފައެވެ.

”ޔޫއާން ހާދަ ގޮތަކަށް ވާހަކަ ދައްކަނީ. މިހާރަކަށް އައިސް އީފާ ދެކެ ރުޅި އައިސް ހުންނަނީ.” އީފާ ޔޫއާންގެ މޫނަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.

”އީފާއަށް އެނގޭނެ އަހަރެން ރުޅި އައި ސަބަބު.. އެވާހަކަ ބާއްވާ. އަހަރެން ވާހަކައެއް ދައްކަން ބޭނުންވެފައި މިހުރީ. އުއްމީދު ކުރަން އީފާ އެއްބަސްވާނެ ކަމަށް. އަހަރެން ޑިސައިޑް ކުރީ މަންމަ ރަނގަޅު ނުވަނީސް ކައިވެނި ނުކުރަން..” ޔޫއާން އިނީ ދުރު ބަލަހައްޓައިގެންނެވެ. އީފާ ތުންފަތުގައި ދަތް އަޅާލާފައި ހިނިތުންވުން އޮއްބާލަމުން އެގޮތް ރަނގަޅު ކަމުގައި ބުނެލިއެވެ.

”ގޭމީހުންނަށް އަހަރެމެންގެ ކައިވެންޏަކީ ގޭމެއްކަން ޝައްކު ވެއްޖެޔާ. އަދި ޚާއްސަކޮން ސަލަފްއަށް އެނގިއްޖެއްޔާ..” އީފާއެހެން ބުނެވުނުތަނާއި ޔޫއާން ކާރު މަޑުކުރިއެވެ.

”ސަލަފްބޭގެ ނަން ޚާއްސަ ތިކުރީ ކީއްވެ؟ އޭނަ އެއްވެސް މީހެއްގެ ޒާތީ ކަމަކާ ނުބެހޭނެ. އެއްވެސް މީހަކަށް ޝައްކުނުވާނެހެން އަމަލުތައް ބެހެއްޓުން އެއީ އީފާގެ ކަމެއް. އެހެން ނޫނަސް މިވަގުތު ކައިވެނި ކޮށްގެން އާއިލާ ތެރެއަށް އުފާވެރިކަމެއް ނާންނާނެ. އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކު ދަސްކުރަން ވަގުތު ލިބުނު ކަމަށް ބަލަމާ ހިނގާ. އީފާ ކައިރީ އެއްޗެއް އަހާލަންތަ؟” ޔޫއާން އަނެއްކާވެސް ކާރު ދުއްވަން ފެށިއެވެ. އީފާ ހިމޭންވެފައި އިނުމުން ޔޫއާން އެއީ ސުވާލު ކުރަން ލިބުނު ހުއްދައަކަށް ބަލާފައި ސުވާލު ކުރިއެވެ.

”އީފާގެ ހަޔާތާއި ބެހޭ އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެ. އީފާ ދުވަހަކުވެސް މީހަކު ދެކެ ލޯބިވީންތަ؟” ޔޫއާން އީފާގެ މޫނަށް ބަލާލިއިރު ގޮނޑީގައި ލެނގިލަމުން އީފާ ދެލޯ މަރާލަނީއެވެ. އެގޮތަށް އޮވެ ދޫކުރި ފުންނޭވާއިން އެސުވާލަށް ޖަވާބު ދޭން އުދަނގޫވާ މިންވަރު ޔޫއާން ނަގައިގަނެވުނެވެ.

”ވީން. އެކަމަކު އެ ލޯބި ނުލިބުން. އަހަރެން ދެކެނީ އަހަރެން މިއީ ބަދު ނަޞީބު މީހުންގެ ތެރޭ ވާ މީހެއްގެ ގޮތުގައި. ލޯބި އެއީ ނަޞީބުގައި ނެތް އެއްޗަކަށްވީއިރުވެސް އަހަންނަށް ލޯބިވެވުނީ. ” އީފާ ދެލޯ ހުޅުވާލިއިރު ސާފު ކަރުނަތައް ދެލޮލުގެ ތެރޭ ނަށަމުން ދިޔައެވެ.

”އޭނަ ކޮބާ މިހާރު؟” ޔޫއާން ދެން ކުރި ސުވާލާއި އެކު އީފާ ހިތް ތެޅިލިއެވެ.

”މީހަކާ އިނދެގެން އުޅެނީ..” އީފާ ޖަވާބު ކުރެވެ.

”އީފާ އަދިވެސް އިންތިޒާރު ކުރަންތަ؟” ޔޫއާން ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ހިތުގައި އީފާއާ ބެހޭގޮތުން އޮޅުންފިލުވުމުގެ ޝައުޤުވެރިކަން އުފެދުނެވެ.

”ލޯބިވުމަށްވުރެ އެކަން ހަނދާން ނައްތާލަން އުދަނގޫވާނެ. މިހެން ނުބުންޏަސް ޔޫއާންއަށް އެކަން އެންމެ ރަނގަޅަށް އެނގޭނެ. ހަނދާން ނުފިލާ ހިނދު ކުރެވޭނީ އިންތިޒާރު.” އީފާ ލޮލުގެ ކަރުނަކޮޅުން ފައިބަން އުޅުނު ކަރުނަތިކި ފޮހެލާފައި ގަދަކަމުން ހިނިތުންވެލިއެވެ. އީފާ ބުނި ބަހުގެ ތެދުކަން ޔޫއާންއަށް އެނގެއެވެ.

”އަހަރެމެން ދެމީހުން މިތިބީ އެއް ހާލަތެއްގައި. އެ ހަނދާންތައް ފިލުވަން އަހަރުތަކެއް ނަގާފާނެ. އީފާ އަހަންނަށް އެއްބާރުލުން ދޭނަންތަ؟ އަހަންނަށް ހީވަނީ ޒަވާޖީ ހަޔާތަކާއެކު ހަމައަކަށް އެޅިދާނެހެން. އީފާއަށްވެސް އެންމެ ރަނގަޅުވާނީ އެގޮތްކަންނޭނގެ. ލިބެން ނެތް އެއްޗަކަށް އިންތިޒާރު ކުރުމުގެ ބޭނުމެއް ނެތް.” ޔޫއާން ހިތްވަރު ދެމުން ދިޔައެވެ. އީފާ ހުރީ އެބަސްތައް ޤަބޫލު ކުރާ ގޮތަކު ނޫނެވެ. އޭނާ ދެކޭގޮތުގައި ސަލަފް އޭނާއަށް ލިބެންޖެހޭނެއެވެ.

ހެނދުނުގެ ނާސްތާ ހިފައިގެން ޝާޔާ ހޮސްޕިޓަލަށް ދިޔައިރު ސުދާއޮތީ ލޯމަރާލައިގެންނެވެ. ޒަވީން އެނދާ ތަންކޮޅެއް ދުރުގައި ގޮނޑި ބަހައްޓައިގެން އިށީދެ އިނީ އެނދުމައްޗަށް ފައި އަރުވާލައިގެންނެވެ. ޝާޔާ ވަދެފައި ޒަވީންއަށް ގޮވާފައި އަރާމުކޮށްލަން ދާށޭ ބުނެފައި ގެނައި ނާސްތާ ޓްރޮލީގައި އަތުރަން ފަށައިފިއެވެ. ސުދާ މަޑުމަޑުން ލޯ ހުޅުވާލާފައި ޝާޔާގެ މޫނު ފެނުމުން ތެދުވަން މަސައްކަތް ކުރިއެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން ބޮލުގައި ބެންޑޭޖުކޮށްފައި އޮތް ހިސާބުގައި އަތް ޖައްސާލިއެވެ.

”މިހާރު ރަނގަޅުތަ؟” ބިއްލޫރި ތައްޓަށް ޖޫސް އަޅަމުން ޝާޔާ ހިނިތުންވެލިއެވެ. ޝާޔާގެ މޫނަށް ބަލާފައި ސުދާ އިސްޖަހާލިއެވެ. ކުރީގައި ޝާޔާއަށް ކިޔުނު އެއްޗިއްސާއި ކަންތައް ކުރެވުނު ގޮތް ހިތަށް އަރުވާލެވުމުން ގިސްލެވުނެވެ. ޝާޔާގެ މަޤާމުގައި ސުދާ ހުރިނަމަ ފެންފޮދެއްގެ މިންވަރުވެސް ދިއް ނުކުރީހެވެ. ޝާޔާގެ ހިތްތިރިކަމާއި ރަނގަޅުކަން ސުދާ ބަލައިގަތެވެ.

ޝާޔާ ތަށިން ސޭންޑްވިޗު ނަގައިގެން އައިސް ސުދާއަށް ދިއްކުރިއެވެ. ސުދާ އޭގައި ހިފާ ދަތުން ވިނުވާލި އެތިކޮޅު ހަފާލުމަށްފަހު ދިރުވަން އުޅެ އުޅެ އެކަމެއް ނުވިއެވެ. ހިތުގައި ޖެހިފައި އިނުމުން އަރުތެރެ ހީވަނީ ބެނދިފައިވާހެންނެވެ. އޯކާ ދެމިފައި އެ އެތިކޮޅު ބޭރުކޮށްލެވުނެވެ. ޝާޔާ އަވަހަށް ޖޫސްތަށި ނަގައި އޭގެން އެތިފޮދެއް ޖެއްސޭތޯ ބެލިއެވެ.

”ދެން ނުކެވޭނެ. ޝާޔާ މި އެއްޗެހި ގެންދޭ. އަހަރެން ނެތް ކާހިތެއް.” ސުދާ ޖޫސްތަށި ތުނބުން ނައްޓަމުން އަތުގައި އޮތް ސޭންޑްވިޗު ޝާޔާގެ އަތަށް ދިނެވެ. ޝާޔާ ޖޫސްތައްޓަށް ބަލާލިއިރު އެއިން ބޮވިފައި އިނީ އެންމެ ކޯވަރެކެވެ. ޓްރޮލީގައި ޖޫސްތައްޓާއި ސޭންޑްވިޗު ބާއްވާފައި ފެން އަޅައިދެން ތެދުވި ވަގުތަކީ ސުދާގެ ބަނޑުގައި އާދަޔާ ޚިލާފަށް ރިއްސައިގެން ވަގުތެކެވެ. މަޑު އާހެއްގެ އަޑަށް ޝާޔާ ބަލާލިއިރު ދެލޯ ބޮޑުވެގެން ދިޔައީ ސުދާ އުނަގަނޑުން ތިރިއަށްވާގޮތަށް އަޅާފައި އޮތް ހުދު ބެޑްޝީޓްގެ ކުލަ ބަދަލުވެގެން ދިޔަ މަންޒަރު ފެނިފައެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355