އާދަމް އިބްރާހީމް ދުރުމީ، ހދ. ކުޅުދުއްފުށި
ބަލަން ތިބެމާ ކަތުންނޭ ވަގުތު ދީގެން އަދި މި ސަރުކާރަށް
ކުރަންބުނި ކަންތަކާ ކޮށްދޭ ނެ ކަންތައްތައް ބަލަން ރަނގަޅަށް
އެތައް ވަޢުދެއް ވެފައި ވިޔަކަސް އެ ކެމްޕޭނުގެ ތެރޭ އެއުރެން
ހިތަށް އަރުވާލުމުން ކަންތައް ވެދާނޭ ހީނުކޮށް މިއަދަށް
އަޅައިދޭން ބުނި އެއަރ ޕޯރޓާ ހަދައިދޭން ބުނި މަގާ ބަނދަރާ
އަޅާނޭ ވަގުތުވެސް ދީގެން ބަލަން ތިބެމާ ފުދޭ ވަރަކަށް
ހެޔޮކަމެއް ކޮށްދިން ދިވެހި އަފްރާދުނަށް ދޭން މިލްކުކޮށް
ތެޔޮވަޅެއް ހޯދަން އެވީ ބޮޑު ވަޢުދު ވެސް ފުއްދާނޭ ކަމަށް
މަހަށްދާ ކޮންމެ ކަތަކަށްވެސް ބެޔަސް ނުބެޔަސް މިސަރުކާރުން
ފަހަށް ރައްކާ ކުރާ ފަންޑުން އެދޭ ދިހަ ހާސް ރުފިޔާއަށް
ކުރާ ދަނޑުވެރި ކަތުންނަށް ކަން ، މުރާލި ކަމާއެކީ ކެރިގެން
މުރާދެއް ވާކަމަށް އެއުރެން ބުނާ އަށްހާސް ރުފިޔާއަށް
ދުވަސް ވީ މީހުނަށް ފަސްހާސް ރުފިޔާ ދޭން އެވީ ވަޢުދާ
ދުވަސްތައް މިކަމުގައި ދިގުލައި ނުގޮސް ފައިސާ ލިބޭނެކަމަށް
ވަޒީފާތައް އުފައްދައި އޭގެ މަންފާ ޢާންމުވާނެ ގޮތުން
ޙަޤީޤަތަކަށް އެ ކަންތައްތައް ވެގެން އަންނާނެ ފުރުޞަތަކަށް
ހިލޭ ތަޢުލީމު އެންމެންނަށް ލިބޭނޭ ކަން ޔަޤީން ކޮށްގެން
ހިލޭ ބޭހާއި ފަރުވާވެސް މި ދިވެހިންނަށް ލިބޭނެ ކަމަށް
އަދާކުރުމަށް ވަޒީފާ އަންހެނުންނަށް ހުރި ހުރަސްނައްތައި
އަދާ ވާފަދަ ގޮތެއްގައި ޙައްޤުތައް އެންމެންގެ ހަމަހަމައަށް
ކުރާ އަނިޔާތަކާ ގޯނާ ކަނބަލުނަށް އަދު މި މުޖުތަމަޢުން
ތުރާލެއްވެސް ނުވާނެ ގޮތުން މުޅިން ފިލުވައި ލެވޭނެ ކަމަށް
ސިޔާސީ ކުރިމަގަށް ފުރުޞަތު ލިބޭނޭހެން އެ ކަނބަލުންނަށް
ސިޔާސީ މަޝްރަޙުން ކަނބަލުންގެ ޙަރަކާތް އިތުރުވާނެކަމަށް
ބާރުވެރި ކުރުވަން އެ ކަނބަލުން އިޤްތިޞާދީ ބާރަކުން
ފާރިވިޔަ ކަނބަލުން ކުރާން ހަމަ ފުރުޞަތެއް ދޭނޭ ކަމަށް
ރޫޅުމުން ކައިވެނި ތިމާއާ ކުދި ދަރިންވާ އެ ނިކަމެތިކަން
ރޫސުމެއް ނުމެ ވާނެ ގޮތަކަށް އެކަންތައް ކުޑަ ކުރާނެ ކަމަށް
ރޫޅުމުން ކައިވެނި ދެމަފިރިން ވަކިވިޔަސް ހަމަ ހަމަ ގޮތުން
ހޯދި މުދަލުން ޙައްޤުވާ ބައި އަންހެނުންނަށް ލިބޭނެ ކަމަށް
މަސްވެރިންނަށް ލާބަ ހޯދަން މަސް މެރީނާތައް ހަދާން
ގަސްތުކޮށް ވީ ވަޢުދުތައް ވާނޭ ކަމަށް އެ ޙަޤީޤަތަށް
އޮޑިވެރިންނާ މަސްވެރިންނާ ޤައުމުގައި ގިނަ ވާނެހެން
އޮޑިތަކަށް މަސްވެރި ޒުވާން ކެޔޮޅުން އިތުރު ވާނޭ ކަމަށް
މަސްވެރިން ބާނާ މަހަށް އަގު ކަނޑަ އަޅާން ބައިވެރިވުމަށް
މަސްވެރިންނަށް ވެސް އެ ކަމުގައި ފުރުޞަތެއް ދޭނޭ ކަމަށް
ކޮންމެ ސަރަހައްދެއް ގައި މި ޤައުމުގެ ބަންކަރެއް ތެޔޮ ދީހަދައި
ކޮންމެ ގޮތަކުންވެސް އެ ކަންތައް ކޮށްލަ ދެއްވާނޭ ކަމަށް
ކޮންމެ ދުވަހަކުވެސް ކަރަންޓްގެ ޚިދުމަތުން މުޅި ރާއްޖެއަށް
ކޮންމެ ރަށަކަށްވެސް ޔަޤީން ލިބިދޭނެ ސައުވީސް ގަޑިއިރަށް
އަނދިރި މަގުތައް ދިއްލުމާ އަލިކަން އެކީ ފަތުރާލުމާ
ބުނިކަމެއް ކަމުގައި މިކަންތައް ގައިމުވެސް ވާނޭ ކަމަށް
ވައިރިންގެ އެކި ސާމާނުތައް ލިބިދާނެ ފަދަ ފަހިގޮތްތަކެއް
ކައިރިން އަތޮޅު ތަކުގައި މިތާ ޤާޢިމް ކުރަން ވީ ވަޢުދަކަށް
ކުޑަ ކުރާނެ ކަމަށް ބުނާ ބިލްތައް ކަރަންޓްގެ ކުޑަ ކުރާން
ކުޑަ ކަމެއްކަމުގައި ނުދެކި މިކަމަށް ސަމާލު ވާނޭ ކަމަށް
ކޮންމެ ފަރުދެއް، ޢާއިލާއަށް ވާނެ ޒިންމާ ޑޮކްޓަރެއް
ކޮންމެ ރަށަކުންވެސް އުފައްދަން ވީ ވަޢުދުތައް ފުއްދުމަށް
ނަރުދަމާގެ ނިޒާމު ހުރިހާ ރަށްރަށަށް ދޭނޭ ކަމަށް
ހަރުއަޑުން ވީ ވަޢުދުތައް ލަސްނުވެ އެ ފުއްދާނޭ ކަމަށް
އާ ޙަޔާތެއްވެސް ފަށާ ހަމަ ކޮންމެ ދެމަފިރިއަކު އަތަށް
އާ ފްލެޓަކަށް ވަންނަން ދޮރުގެ ތަޅުދަނޑިހިލޭ ދޭނޭ ކަމަށް
ރާއްޖޭގެ ކޮންމެ ރިޜޯޓަކުން، އެ ތަނުގައި މަސަކަތް ކުރާ
ޙާއްޞަކޮށް އެ ޒުވާނުނަށް ޙިއްޞާ ތަކެއް ދޭނޭ ކަމަށް
ނުދާނަމަ ފުއްދެމުން ވީ ވަޢުދުތައް އަދު ރައްޔިތުންނަށް
ތިބޭނޭ ހީކުރުން މީ މޮޔަކަމެއް ރުހިގެން މިތާ މި ގޮތަށް